އަދުގެ ޚާއްސަ

Print

ވަގަށްނެގި ކިރު ސައިތަށި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޅޮހީ ޢަބްދުއްރަޙީމް

ދުވަސްވަރަކީ އައްޑު އަތޮޅުގައި އިނގިރޭސި ސިފައިން ތިބި ދުވަސްވަރެވެ. އެމީހުން މަރުކަޒު ގާއިމުކޮށްގެން ތިބީ ގަމުގައެވެ. މިހާރު އެބައިމީހުންގެ އެންމެ ބޮޑު އަސަރުތައް ވެސް ފެންނަން ހުރީ މިތަނުންނެވެ. އިނގިރޭސި ސިފައިން މިގޮތުން އެތަނުގައި ތިބި އިރު އައްޑޫ މީހުންގެ ދީނަކީ އިސްލާމްދީންކަން އެމީހުން ދަނެތިއްބެވެ. އަދި މިގޮތުން އެމީހުންގެ އާދައަކަށްވެފައިވަނީ ނަމާދަށް ހުންނަ މީހަކާއި އެއްވެސް ގޮތަކުން އުނދަގުލެއް ތުރާލެއް ނުކުރުމެވެ. އަދި ނަމާދަށް ނުވަތަ އެނޫންވެސް ދީނީ ކަމެއްކުރަން ތިބޭ ބަޔަކަށް މިމީހުން ފޮށެ ހަދަޔެއްވެސް އުޅޭކަމަކަށްނުވެ އެވެ.

އިނގިރޭސީން އައްޑޫގައި ތިބިއިރު އެތަނުގައި ހޮޓާ، ކެފޭތައް ވެސް ހަދާފައި ހުއްޓެވެ. މި ތަންތަނުގައި އެކި އެކި ވަޒީފާތަކުގައި އައްޑޫ މީހުން އުޅެމުން ދިޔައެވެ. މިގޮތުން މިތަނުން ކެފޭއެއްގައި އުޅުނު އައްޑޫ ބެއެކެވެ. މިހާރުގެ ގޮތުން ބުނާނަމަ އައްޑޫ ސިޓީ ބޭބެއެކެވެ. މި ބޭބެ ކެފޭގައި ކުޑަކޮށް މަސައްކަތް ކުރާއިރު ކުޑަކޮށް އެތިކޮޅުކޮޅާއި އެތިފޮދު ފޮދު ވަގަށް ރަށަށް ދާ އިރުގައި ގެންގޮސް ހަދައެވެ. ކަމަކީ މަނާކޮށްފައިވާ ކަމެކެވެ. ފެނިއްޖެނަމަ އަދަބުވެސް ދޭ ކަމެކެވެ.  ނަމަވެސް އެބޭބެ އެކަންކުރީއަކީ ވައްކަން ކުރާ ހިތްވާތީއެއް ނޫނެވެ. ނަމަވެސް ކާތަކެތީގެ މީރުކަމާއި ކުރިން ލޮލުން ދެކިފައި ނުވުމާއި އެދުވަސްވަރު ރާއްޖެވެސް ދެކެމުންދާ ތަދުކަމުގެ ސަބަބުންނެވެ.

ޙަޤީޤަތަށް ބުނަންޏާ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ތަދުގެ ކަންތައް އެންމެ ކުޑަކޮށް ފޯރިބަޔަކަށް އައްޑު އަތޮޅު މީހުންވާނެއެވެ. އެހެނީ އެބައިމީހުންގެ ދަނޑުވެރިކަމާއި އަދި އޭގެ އިތުރަށް އިނގިރޭސީންގެ އަތްބާރު އެޅުމުގެ ސަބަބުން އެބައިމީހުން ތިބީއަކީ މާ ދަތިހާލެއްގައެއްނޫނެވެ.

ނަމަވެސް ދެންވީކަމެއް ވީތާއެވެ. މިބޭބެ އެއްދުވަހަކު ގެޔަށް ދަމުން ދިޔައީ ކަނޑާފައި ހުރި ގެރިކިރު ދަޅަކަށް ހޫނު ކިރު ސައި އެއްޗެއް އަޅައިގެން ހިފައިގެންނެވެ.

މިހެން ދަނިކޮށް ބަޑި ހިފައިގެންހުރި ދޮން ފަރަންޖީ ބުރިޓިޝް ސިފައިންގެ މީހަކު އަންނަ ތަން މިބޭބެއަށް ފެނިއްޖެއެވެ. ބޭބެގެ ދެލޯ ނިއްކުރިއަށް އަރައްޖެއެވެ. ކަންބޮޑުވެ ހާސްވެއްޖެ އެވެ. އޮއްދާ ހިއްލަން ފަށައިފިއެވެ. ޖެހެމުން ދިޔަވައިވެސް ބޭބެއަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. އެހެންވާނެތާއެވެ. ކުރީގައި ވައްކަން ކުރުމަކީ ދިވެހިންނަށް ވަރަށް ބޮޑު ކަމެކެވެ. ގޭގޭ ގަސްގަހުގައި ހުންނަ މޭވާ ވަގަށް ނަގައިގެންވެސް ބޮޑެތި އަދަބު ލިބިފައި އެބަހުއްޓެވެ.

އަދި ހަމައެޔާއެކު ދިވެހިންގެ އަޚުލާޤު ވެސް އޭރު ނުލާހިކު ރަނގަޅީއެވެ. ނަމަވެސް މިޒަމާނުގައި މަގުމަތީން މީހުންވެސް ވަގަށް ނަގަން މިއުޅޭ ދިވެހި ވަގުން ފަހަކަށް ނުދާނެއެވެ. ސާބިތު ވިޔަސް އަނެއްދުވަހު ޖަލުން ނެރެ ހިލޭ ސަރުކާރުން އެކޮމޮޑޭޝަނާއި ބޭސްފަރުވާވެސް ލިބޭ ވިއްޔާއެވެ. ހާސްވާން ވީ ކީއްވެހެއްޔެވެ؟

ކޮންމެއަކަސް މިބޭބެ ހަމަޖެހިލައިފިއެވެ. އަވަހަށް ބުއްދީގެ ބޭނުންކޮށް ކަމުން ރެކެން މޮޅު ރޮކެޓެއް ރާވާލިއެވެ. އަވަސް އަވަހަށް ހޫނު ސައިއެތިން ވުޟޫކުރަން ފެށިއެވެ. އަދި ވުޟޫކޮށް ނިމިގެން ނަމާދަށް ފަށައްޖެވެ. ބުރިޓިޝް ދޮން ފަރަންޖީ ސިފައިންގެ މީހާއަށް ވީގޮތަކީ މިބޭބެ ނަމާދުކުރާލެއް ފުރިހަމަކަމާއި މަޑުމައިތިރިކަމާއި އަޅުވެރިކަން ފެނިފައި އަޖާއިބު ވެގެން ބަލަން އެސްފިޔަ ނުޖަހާވެސް ހުރީއެވެ. މިހެން ހުރެ ފޫހިވީމާ އޭނާ އައި ތަނަކަށް ހިނގައްޖެއެވެ.

މިބޭބެ ނަމާދުކޮށް ނިމިގެން އޭނާ ދިޔަކަން ޔަޤީންވީމާ ހިފަހައްޓައިގެން ހުރި ހަޅޭކުގެ އަޑުން ޖައްވު ގުގުމާލައިފިއެވެ. ބޭބެއަށް ވީ ގޮތަކީ ހޫނު ސައިއެތިން ވުޟޫކުރީމާ ވީ ތަދުން ލަވައިގަންނަން އުޅުނު ހަޅޭއް އޭނާ ހުރީމާ ހިފަހައްޓާލައިގެން ހުރީއެވެ. ހަމަ ގޮސް ލޮލުކޮޅަށް އޮބުމާއެކު ސައިތަށީގެ ހޫނުކަމުން ލިބުނު ތަދަށް ކެތް ނުކުރެވިގެން ހަޅޭއް ލަވައިގަތީއެވެ. "އާހް..." ނިމުނީ.
------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ