އަދުގެ ޚާއްސަ

Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

16 އޯގަސްޓު (އަންގާރަ) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

އިތުރު ސާހިބާ صلّى اللّه عليه وسلّم އުޙުދު ހަނގުރާމައިގައި އެކަލޭގެފާނުގެ ކަނޑިކޮޅު މުސްލިމުންގެ އަބްޠާލުންނަށް ދައްކަވައިލައްވައިފައި ޙަދީޘުކުރެއްވިއެވެ. މި ކަނޑީގެ ޙައްޤު އަދާކުރުމުގެ މައްޗަށް މި ކަނޑި ލިބިގަންނާނީ ކާކުހެއްޔެވެ؟ މުސްލިމުންގެ އެތައް ބަޠަލުންނެއް އެކަމަށް ކުރިމަތިލެއްވިއެވެ. ނަމަވެސް، ކައުސާހިބާ صلّى اللّه عليه وسلّم އެ ކަނޑިކޮޅު ދެއްވީ  أبود جانه رضى اللّه عنه އަށެވެ. أبود جانه އެ ކަނޑިކޮޅުން ހަނގުރާމަކުރައްވަނިކޮށް މުޝްރިކުންގެ ތެރެއިން މާބޮޑަށް ހަނގުރާމަޔަށް ބާރުއަޅައި މީހުނަށް ހިތްވަރުދޭ މީހަކު ފެނިވަޑައިގެންނެވިއެވެ. އެމީހަކު ހުރީ، ދަހަނާގެ ތެރޭގައި މޫނުވެސް ނިވާކޮށްގެންނެވެ. أبود جانه އެމީހާއާ ދިމާޔަށް ކަނޑި އެތިފަހަރެއް ބޭލުއްވިއެވެ. އެވަގުތު އެމީހަކު ހަޅޭއްލަވައިގަތުމުން، އެއީ އަންހެނެއްކަން އެނގިވަޑައިގެންނެވިއެވެ. أبود جانه ވަގުތުން އޭނާގެ ކަނޑިކޮޅު މަތަކުރެއްވިއެވެ. رسول اللّه صلّى اللّه عليه وسلّم ގެ ކަނޑިކޮޅުގައި އަންހެނެއްގެ ލޭ ހޭކުނަ ނުދެއްވުމަށްޓަކައެވެ.

على مرتضى رضى اللّه عنه އެކަލޭގެފާނު ހަނގުރާމަކުރެއްވި ދުޝްމިނަކު ބަލިކުރައްވައި އޭނާ ޤަތުލުކުރައްވަން ޤަޞްދުކުރެއްވި ވަގުތު އޭނާ އެކަލޭގެފާނުގެ މޫނުފުޅަށް ކުޅުޖެހިއެވެ. على ގެފާނު ވަގުތުން އޭނާ ދޫކޮށްލެއްވިއެވެ. على ގެފާނު ކަންތައް ކުރެއްވި ގޮތާމެދު ޙައިރާންވެގެން ދުޝްމިނުންގެ މީހާ ސުވާލުކުރިއެވެ. على ގެފާނު ވިދާޅުވިއެވެ. މުސްލިމުން ހަނގުރާމަކުރަނީ މާތް اللّه ގެ ރުހިވޮޑިގަތުން އެދިގެންނެވެ. ކަލޭގެ ތިޔަ ޢަމަލަށްފަހު އަހަރެން ކަލޭގެ ޤަތުލުކޮށްފިނަމަ އަހަރެންގެ ޒާތީ ބަދަލުހިފުމެއް އެކަމުގައި ޝާމިލުވުމުގެ ފުރްޞަތު އެބައޮތެވެ. މިއީ އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ ތަރްބިޔަތުގެ ނަތީޖާއެވެ.

ޢަރަބީންނަކީ ޢާއްމުގޮތެއްގައި ޢަހްދުތައް ފުއްދާ ބައެކެވެ. ނަމަވެސް ހަނގުރާމައިގެ ތެރޭގައި ޢަހްދުތަކާ ޚިލާފުވުމަކީ ޢާއްމު ކަމެކެވެ. ޢަރަބީންގެ މުޝްރިކުންނާއި ކްރިސްޓިޔަނުންނާއި، ޔަހޫދީން ވަނީ އިތުރު ސާހިބާއާ އެބައިމީހުނާމެދު ކުރެވިފައިހުރި އެކިއެކި ޢަހްދުތަކާ ތަކުރާރުކޮށް ޚިލާފުވެފައެވެ. ނަމަވެސް އިތުރު ސާހިބާ ވަނީ ޢަހްދު ފުއްދެވުމުގެ ވަރަށް އާދަޔާ ޚިލާފު ނަމޫނާތަކެއް ދައްކަވައިފައެވެ. މިއަދުވެސް އިންސާނީ ދަރިފަސްކޮޅަށް ރީތި ނަމޫނާއަކަށް ފުދޭފަދަ މިސާލުތަކެއް ދައްކަވައިފައެވެ.

ހިޖްރައިން 4 ވަނަ އަހަރު ޢަޟުލާއި ޤާރާ ގެ ޤަބީލާތަކުން އިތުރު ސާހިބާގެ އަރިހުގައި ދެންނެވިއެވެ. ތިމަންމެންނަށް ދީން ދަސްކޮށްދެއްވާނެ ބޭކަލުންކޮޅެއް ފޮނުއްވައި ދެއްވާށެވެ. އިތުރު ސާހިބާ އެބައިމީހުންނާއެކު ދާޢީންގެ ދިހަބޭކަލުން ފޮނުއްވިއެވެ. ރަޖީޢެވެ ކިޔުނު ފެންގަނޑަކާ ހަމަޔަށް ގޮސްފައި މުޝްރިކުން އެބައިމީހުންގެ ޚިޔާނަތްތެރިކަން ފާޅުކޮށްފިއެވެ. އިތުރު ސާހިބާ ފޮނުއްވި ދާޢީންގެ ދިހަބޭކަލުންގެ ތެރެއިން އަށްބޭކަލުން އެތާނގައި ޝަހީދުކޮށްލިއެވެ. ބާކީ ތިއްބެވި ދެބޭކަލުން މައްކާއަށް ގެންގޮސް، ޤުރައިޝުންނަށް ވިއްކައިލިއެވެ. ޤުރައިޝުން ވަރަށް އަނިޔާވެރި ގޮތެއްގައި އެ ދެބޭކަލުން ޝަހީދު ކޮށްލިއެވެ.

ހަމައެއަހަރު ނަޖުދުކަރައިގެ މީހުންވެސް ވަނީ ޢަހްދާ ޚިލާފުވެ، އިތުރު ސާހިބާގެ ދާޢީންގެ ހަތްދިހަ ބޭކަލުން ޝަހީދުކޮށްފައެވެ. ޔަހޫދީންވެސް ވަނީ ތަކުރާރުކޮށް އެތައްފަހަރަކު ޢަހްދު އުވައިލައިފައެވެ.

ނަމަވެސް އިތުރު ސާހިބާ ދައްކަވައިފައިވާ ރީތި މިސާލުތަކުގެ ތެރެއިން މިސާލުތަކެއް ބައްލަވައިލައްވާށެވެ.

މައްކާގެ މުސްލިމުން މަދީނާއަށް ހިޖްރަކުރިއިރު، އެކިސަބަބުތަކާހުރެ ބައެއް ބޭކަލުންނަށް މައްކާގައި މަޑުކުރައްވަން ޖެހިވަޑައިގެންނެވިއެވެ. އެފަދަ ބޭކަލުންގެ ތެރޭގައި حذيفة އާއި އެކަލޭގެފާނުގެ ބައްޕާފުޅު يمان ވެސް ހިމެނިވަޑައިގެންނެވިއެވެ. އެ ދެބަފައިކަލުން މަދީނާއަށް ހިޖްރަކުރައްވާން އުޅުއްވަނިކޮށް، ޤުރައިޝުންގެ މުޝްރިކުންނާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިއެވެ. މުޝްރިކުން އެ ދެބަފައިކަލުން ދޫކޮށްލީ ކައު ސާހިބާ صلّى اللّه عليه وسلّم ގެ ފަރާތްޕުޅުން ޤުރައިޝުންނާ ދެކޮޅަށް އެއްވެސް ހަނގުރާމައެއްގައި ބައިވެރިވެވަޑައިނުގަތުން ޝަރުޠުކޮށްފައެވެ. އެކަމަށް ޢަހްދުކުރުވައިފައެވެ. އެ ދެބަފައިކަލުންނަށް މުސްލިމުންނާ ހަމައަށް ވަޑައިގެންނެވުނީ، ޤުރައިޝުންނާއި މުސްލިމުންނާ ދެމެދު ބަދުރުގެ މައިދާނުގައި ހަނގުރާމަ ހިނގަމުންދަނިކޮށެވެ. ޤުރައިޝުންގެ ލަޝްކަރުގައި ނުވަސަތޭކަ ފަންސާސް ނުވަތަ އެއްހާސް ހަނގުރާމަވެރީން ތިއްބެވެ. ފުރިހަމަ ހަތިޔާރާއި ސަވާރީއާއެކު ވަރުގަދަޔަށް ތައްޔާރުވެގެންތިބި މީހުންނެވެ. އިސްލާމީ ލަޝްކަރުގައި މުޅިއެކު ތިއްބެވީ ތިންސަތޭކަ ތޭރަ ބޭކަލުންނެވެ. އެކަށީގެންވާ ހަތިޔާރެއްވެސް، ސަވާރީއެއްވެސް ނެތެވެ. އެވަގުތަކީ އިސްލާމީ ލަޝްކަރަށް އެންމެ ފަރުދެއްގެވެސް ބޭނުން އިންތިހާދަރަޖަޔަށް ބޮޑު ވަގުތެކެވެ. حذيفة އާއި يمان އާ ދެބައްޕާކަލުން ކައުސާހިބާގެ އަރިހުން ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. ނަމަވެސް، އިތުރު ސާހިބާ އެކަމުގެ ހުއްދައެއް ނުދެއްވިއެވެ. ޙަދީޘުކުރެއްވިއެވެ. ތިޔަ ދެބަފައިކަލުން ވެވަޑައިގެންފައިވާ ޢަހްދަށް ޙުރުމަތްތެރިކޮށް ހިއްތަވާށެވެ.

ޙުދައިބިއްޔާގެ ޞުލްޙަނާމާގައި ސޮއިކުރެވުނު ދުވަހުގެ ޙާދިޘާއެކެވެ. އޭރު އިސްލާމްވެވަޑައިގެން މަދީނާއަށް ހިޖްރަޔަށް ވަޑައިގަންނަވާން އުޅުއްވާތީ، މައްކާގެ މުޝްރިކުން، މުސްލިމުންގެ އެތައް ބޭކަލުންނެއް ހައްޔަރުކޮށްގެން ގެންގުޅެމުން ދިޔައެވެ. އޭގެތެރެއިން މުޝްރިކުން ހިލިހިލާޖަހައި ހައްޔަރުކޮށްގެން އުޅުނު ބޭކަލެއް ކަމުގައިވާ أبوجندل ކޮންމެވެސް ގޮތަކުން ފުރުޞަތެއް ހޯއްދަވައިގެން މުސްލިމުންގެ ތެރެއަށް ވަޑައިގެންނެވިއެވެ. އޭނާގެ ހަށިކޮޅުގެ އެތަންމިތަން ހުރީ ފާރުވެފައެވެ. أبوجندل އޭނާގެ ހަށިކޮޅުގައިހުރި ޒަޚަމްތައް ދައްކަވައިފައި މުސްލިމުންގެ ޙިމާޔަތަށް އެދިވަޑައިގަންނަވާން ފެއްޓެވިއެވެ. އޭރު ޞުލްޙައިގެ އެގްރީމެންޓް ލިޔެވެމުން ދަނީއެވެ. ޤުރައިޝުން އެދުނީ أبوجندل އެބައިމީހުނާ ހަވާލު ކުރެއްވުމެވެ. ޞަޙާބީންގެ ހުރިހާ ބޭކަލުން ތިއްބެވީ އިންތިހާދަރަޖަޔަށް ބޭޤަރާރުވެވަޑައިގެންފައެވެ. عمرالفاروق رضى اللّه ކޯފާގެކޮޅަށް ކޯފާ އިސްވަމުން ދިޔައެވެ. صدّيق الأكبر އެތައްފަހަރަކު އިތުރު ސާހިބާގެ އަރިހަށް ވަޑައިގެންނެވިއެވެ. އެކަމަކު އިތުރު ސާހިބާގެ އަރިހުގައި އެންމެ މުހިންމު ކަމަކަށްވީ، މުޢާހަދާއަށް ޙުރުމަތްތެރިކޮށް ހިއްތެވުމެވެ.

އެއްފަހަރަކު މައްކާގެ މުޝްރިކުންގެ ފަރާތުން ސަފީރެއްގެ ޙައިޘިއްޔަތުން أبورافع މަދީނާއަށް ވަޑައިގެންނެވިއެވެ. ނަބަވީ ދަރުބާރުގެ މަސްރަޙު ފެނިވަޑައިގަތުމުން އޭނާ އިސްލާމްވެވަޑައިގެންނެވިއެވެ. އިތުރު ސާހިބާގެ އަރިހުގައި أبورافع ދެންނެވިއެވެ. އަޅުގަނޑު ދެން އެނބުރި މައްކާއަކަށް ނުދާނަމެވެ. އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. ކަލޭގެފާނަކީ ސަފީރަކީމުއެވެ. ސަފީރަކު ހިފެހެއްޓުމަކީ ޢަހްދާ ޚިލާފުވުމެކެވެ. މިފަހަރު އެނބުރިވަޑައިގަންނަވާށެވެ. އެހެންފަހަރަކުން ވަޑައިގަންނަވާނީއެވެ.

ޢަރަބީން ހަނގުރާމަތަކުގައި ސަފީރުންނަށްވެސް ރައްކާތެރިކަމެއް ނުދެއެވެ. ޣައްސާނީން އިތުރު ސާހިބާގެ ސަފީރު حارث بن عمير ޝަހީދުކޮށްލިއެވެ. ޤުރައިޝުން އިތުރު ސާހިބާގެ ސަފީރެއްގެ ޖަމަލުކޮޅު ކަތިލައިލިއެވެ. ޤާޞިދުވެސް ޝަހީދުކޮށްލަން އުޅުނެވެ. ނަމަވެސް، ބަޔަކު އެދެމެދަށް ވަދެގެން ޤާޞިދު ސަލާމަތްވެވަޑައިގެންނެވިއެވެ. މުސައިލަމަތުލްކައްޒާބުގެ ފަރާތުން އިތުރު ސާހިބާގެ އަރިހަށް އައި ސަފީރެއް، ސިފާރަތީ ހުރިހާ އަދަބުތަކަކާއި އާދަކާދަތަކެއް މުގުރާލިއެވެ. އަދަބު އިޙްތިރާމުގެ އިންތަކުން ބޭރަށް ނުކުތެވެ. ނަމަވެސް އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘުކުރެއްވީ އެންމެ ޖުމުލައެކެވެ. ސަފީރަކު ޤަތުލުކުރުމަކީ މުނާސަބު ކަމެއްނޫންކަމުގެ ބަސްފުޅެކެވެ. މިހިރީ މިއަދު ރަށްވެހިކަމާއި ތަހްޒީބުގެ އަހްލުވެރީން ކަމުގައި ދަޢުވާކުރާ މީހުން، ފާޅުގައި ޚިލާފުވަމުންދާ ރީތި ހަމަތަކާއި އުސޫލުތަކެވެ. އީރާނާއި ލީބިޔާފަދަ ހުޅަނގުން ހިތްހަމަނުޖެހޭ އިސްލާމީ ޤައުމުތަކުގެ ސަފީރުން، ދޭތެރެދޭތެރެއިން ގަނެލާގޮތް އެންމެންނަށްވެސް އެނގޭނެއެވެ. އަފްޣާނިސްތާނުގެ ކުރީގެ ސަފީރު، މުއްލާ عبدالسّلام ضعيف އާމެދު ކަންތައް ކުރެވުނު އިންސާނިއްޔަތާ ވަޑިފަތި، އަޚްލާޤިއްޔަތާ ޚިލާފުގޮތުން ސާބިތުވަނީ ކޮންކަމެއްތޯއެވެ؟ ހުޅަނގުގެ ޤައުމުތަކަކީ އެބައިމީހުން ކުރާ ދަޢުވާއާ އަރަފޯދޭ ބައެއް ނޫންކަމެވެ.

ކައުސާހިބާ صلّى اللّه عليه وسلّم ގެ ޠާހިރު ސީރަތުގެ ބައެއް ޙާދިޘާތަކަކީ އިންސާނީ ބުއްދިތައް ޙައިރާންވާފަދަ ރީތި މިސާލުތަކެކެވެ. މިޒަމާނުގެ އިންސާނުންނަށް އަގުހުރި ފިލާވަޅުތަކެކެވެ.

ޚަންދަޤު ހަނގުރާމައިގައި ދުޝްމިނުންގެ މީހެއް ޚަންދަޤު ހުރަސްކޮށް މުސްލިމުންނާ ޙަމަލަދިނެވެ. މުސްލިމުން އޭނާއާ ރައްދު ޙަމަލަ ދިނުމުން ފިލަން ދުއްވައިގަތެވެ. އޭނާ ދުވެފައި ދަނިކޮށް ވެއްޓުނީ ޚަންދަޤު ތެރެއަށެވެ. މުސްލިމުން އޭނާ ޤަތުލުކޮށްލިއެވެ. އޭނާ ޤަތުލުވުމުން، ދުޝްމިނުން އިތުރު ސާހިބާގެ އަރިހަށް ހުށަހެޅިއެވެ. އަޅުގަނޑުމެންގެ މީހާގެ ހަށިގަނޑު ގެނައުމުގެ ހުއްދަ ދެއްވާށެވެ. އަޅުގަނޑުމެން އޭގެ ބަދަލުގައި ސަތޭކަ ޖަމަލު ދޭނޫއެވެ. އިތުރު ސާހިބާ ޖަވާބު ދެއްވިއެވެ. ތިޔަބައިމީހުންގެ މީހާގެ ހަށިގަނޑު ގެންދާށެވެ. އަހަރެމެން ތިޔަބައިމީހުންގެ މުދަލެއް ބޭނުމެއް ނޫނެވެ. އޭރު މުސްލިމުންގެ ޙާލަކީ ކޮބައިތޯއެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން މޫނުމަތީން ދިޔައީ ކޮކާބުރަމުންނެވެ. ޚުދު އިތުރު ސާހިބާ ހުންނެވީ ބަނޑުހައިފުޅުކަމުގެ ސަބަބުން ބަނޑުފުޅުގައި ހިލަ ބަންނަވައިގެންނެވެ.

މައްކާއަށް އައި ތަދުމަޑުކަމަކާ ވިދިގެން أبوسفيان އިތުރު ސާހިބާއަށް ލިޔުއްވިއެވެ. [ބަނޑުހައިހޫނުކަމުގެ ސަބަބުން މީސްތަކުން މަރުވަމުންދަނީއެވެ. ނަޖުދުކަރައިން މައްކާއަށް ގޮވާން އައުން ވަނީ ثمامة بن آثال رضى اللّه عنه މަނާކުރައްވައިފައެވެ.] މައްކާގެ މީހުން ވަނީ މުސްލިމުންނާ އެތައް ހަނގުރާމަތަކެއް ކޮށްފައެވެ. އޭރުވެސް ތިބީ ހަނގުރާމައިގެ ޙާލަތުގައެވެ. އިތުރު ސާހިބާގެ ނުބުއްވަތަށް އިންކާރުކޮށްކޮށެވެ. ނަމަވެސް ޢާލަމްތަކަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާގެ އޯގާވެރިކަމާއި، އިންސާނީ ހަމްދަރުދީ ހިތްޕުޅަށް ގެންނަވާށެވެ. ހަމައެވަގުތު ثمامة بن آثال އަށް ލިޔުއްވިއެވެ. [މައްކާއަށް ގޮވާން ފޮނުވުމުގެ ދޮރު ހުޅުއްވައިދެއްވާށެވެ.] އެވަރަކުންވެސް ފުއްދަވައެއް ނުލައްވައެވެ. އިތުރު ސާހިބާގެ ފަރާތްޕުޅުން أبوسفيان އަށް ފަސްސަތޭކަ އަސްރަފީ ފޮނުއްވިއެވެ. أبوسفيان އަށް ލިޔުއްވިއެވެ. [މިއީ މައްކާގެ ފަޤީރުންނަށް ބެހުމަށްޓަކައި ފޮނުއްވި އެއްޗެކެވެ.] އިންސާނީ ހަމްދަރުދީއާއި، މުރުއްވަތުގެ މިފަދަ މިސާލުތަކަކީ ހަމައެކަނި އިތުރު ސާހިބާގެ ނަބަވީ ސުލޫކުގެ ޚާއްޞިއްޔަތެއްކަމާމެދު ޝައްކެއްނެތެވެ.

އިސްލާމްދީނުގައިވާ ޚައިރާތުގެ ތަޞައްވުރަކީ އެކަމުގެ އެންމެ މަތީދަރަޖައިގެ ތަޞައްވުރެވެ. ކީރިތި ޤުރްއާނުގައިވާގޮތުން، މުއުމިނުން ޚައިރާތުކުރަނީ އެ ޚައިރާތު ލިބޭ މީހެއްގެ ކިބައިން ބަދަލެއް އެދިގެނެއް ނޫނެވެ. އެންމެ ކުޑަމިނުން ޝުކުރުގެ ބަހެއްވެސް ބޭނުންވެގެންނެއް ނޫނެވެ.

ޝައްކެއްނެތެވެ. މިއަދު އެމެރިކާއާއި، ޔޫރަޕުގެ ޤައުމުތައް އިންސާނިއްޔަތުދެކެ ވާލޯބީގެ ބޮޑުކަމުގެ ވާހަކައާއި ފަޤީރުންނާ އެހީވާކަމުގެ ވާހަކަތަކަކީ އަޅުގަނޑުމެންގެ ތެރެއިން ލިބަރަލް ޚިޔާލުގެ މީހުން ވަރަށްބޮޑަށް ދައްކައިއުޅޭ ވާހަކަތަކެކެވެ. ނަމަވެސް ޙަޤީޤަތް ދެނެގަތުމަށްޓަކައި އަޅުގަނޑުމެން ދާންޖެހެނީ ތާރީޚުގެ ޞަފްޙާތަކަށެވެ.

صدّام حسين ގެ ވެރިކަމުގައި ޢިރާޤާ ދެކޮޅަށް އެމެރިކާ އިސްވެއޮވެ ފާސްކުރި ދަތިކުރުމުގެ ފާސްކުރުމާ ބެހޭގޮތުން އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު މެޑްލިން އޯލްޓްރައިޓް ވިދާޅުވެފައިވެއެވެ. [އަހަރެމެންނަށް އެނގެއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޢިރާޤުގެ ފަސްލައްކަ ކުޑަކުދީން މަރުގެ އަނގަޔަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ މާ އަގުބޮޑު ވިޔަފާރިޔެއް ނޫނެވެ. (އަޅާލާވަރުގެ ކަމެއް ނޫނެވެ.) ޣައްޒާ ޙިޞާރުކޮށް، ފެނާއި، ކަރަންޓު ކަނޑައިލުމާއި ރަފަޙުގެ ބިމުއަޑީގެ ދަގަނޑުފާރާއި މިހިރަ ކަންތައްތަކަކީ މިއަދު އިންސާނިއްޔަތު ވެއްޓިފައިވާ ދަށުދަރަޖައިގެ ލަދުގަންނަފަދަ މިސާލުތަކެވެ. އީރާނުގެ ކުރީގެ ރައީސް ޑޮކްޓަރ مصدّق އާއި، ރައީސް صدّام އަކީ އެމެރިކާގެ ރަޙްމުކުޑަކަމުގެ ފާޅުކަންބޮޑު ހެކިތަކެވެ.

ޝައްކެއްނެތެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ ޙަޔާތްޕުޅުގެ މަޢުނަވިއްޔަތު ދުވަހެއް ދުވަހަކަށް ދަނީ އިތުރަށް ސާބިތުވަމުންނެވެ. ޤައުމީ އަދި ސަރަޙައްދީ ތަޢައްޞުބާއި ދީނީ ވާދަވެރިކަމުގައި މަކަރުވެރިކަމާއި ކެހިވެރިކަމުގެ ކިތަންމެ ގިނަ ދާތަކެއް، ހުޅަނގުން ފެތުރިކަމުގައި ވިޔަސްވެހެވެ.

އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ފާތިޙެއްގެ ޙައިޘިއްޔަތުން މައްކާއަށް އަރައިވަޑައިގެންނެވި ދުވަހު، މައްކާގެ ވެރިޔާ أبو سفيان ހައްޔަރުކުރެވުނު ވާހަކަ ވަނީ އިސްވެގޮސްފައެވެ. އިތުރު ސާހިބާ އޭނާއަށް ކަމޭހިއްތެވިއެވެ. އޭނާގެ ގެއަށް ވަދެއްޖެ މީހަކަށްވެސް އަމާންކަން ލިބިގެންވާކަން އިޢުލާން ކުރެއްވިއެވެ.

އިސްލާމީ ލަޝްކަރު މައްކާއަށް ވަނަނުދިނުމަށްޓަކައި عكرمة بن أبى جهل އެންމެފަހު ސިކުންތާ ހަމަޔަށްވެސް ހަނގުރާމަ ކުރެއްވިއެވެ. އެންމެފަހުން މުސްލިމުންގެ އަތުން ބަލިވެވަޑައިގެން ފިލާވަޑައިގަތީއެވެ. ނަމަވެސް އިތުރު ސާހިބާ އޭނާއަށް އަމާންދެއްވިއެވެ. އޭނާ މައްކާއަށް އެނބުރިވަޑައިގެން އިތުރު ސާހިބާގެ އަރިހަށް ވަޑައިގަންނަވާތަން ފެނިވަޑައިގަތުމުން، ޞަޙާބީންނަށް އެންގެވިއެވެ. އޭނާގެ ބައްޕަޔަށް އެއްވެސް މީހަކު އެއްޗެހި ނުގޮވާށެވެ. މަރުވެފައިވާ މީހުންނަށް އެއްޗެހި ގޮވުމުން ދިރިތިބީންގެ ހިތަށް އުނދަގޫވެއެވެ. عكرمة ވަޑައިގަތުމުން، އިތުރު ސާހިބާ ނުހަނު އުފާފުޅުން ތެދުވެވަޑައިގެން އޭނާއާ އިސްތިޤްބާލު ކުރެއްވިއެވެ. އޭނާއާ ދިމާޔަށް ވަޑައިގެންނެވިލެއް ބާރުކަމުން، ގައިކޮޅުގައި ލައްވައިގެން ހުންނެވި ފޮށާކޮޅުވެސް ވެއްޓުނެވެ.

صفوان بن أميّة އަކީވެސް އެންމެފަހު ވަގުތާ ހަމަޔަށްވެސް އިސްލާމީ ދަޢުވަތާ ދެކޮޅު ހެއްދެވުމަށްފަހު، މައްކާ ފަތަޙަކުރެއްވި ދުވަހު ފިލައިގެން ވަޑައިގެންނެވި ބޭކަލެކެވެ. އިތުރު ސާހިބާ އޭނާއަށް އަމާން ދެއްވިކަމުގެ ޢަލާމަތެއްގެ ގޮތުން، އެކަލޭގެފާނުގެ ފަގުޑިކޮޅު ފޮނުއްވިއެވެ. صفوان އެނބުރި މައްކާއަށް ވަޑައިގަތުމުން، އިތުރު ސާހިބާ އޭނާއަށް އިސްލާމްވެވަޑައިގަތުމަށް ދަޢުވަތު ދެއްވިއެވެ. صفوان ދީނާމެދު ވިސްނައިވަޑައިގަތުމަށް ދެމަސްދުވަހުގެ މުހުލަތު އެދިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ ވިދާޅުވިއެވެ. [އަދި ކީއްހެއްޔެވެ؟ ހަތަރު މަސްދުވަހު ހުންނެވިޔަސް މަސްއަލައެއް ނެތެވެ.] صفوان އިސްލާމްވެވަޑައިގެންނެވިއެވެ.

ކައުސާހިބާގެ ލޮބުވެތި ބޮޑުބޭބޭފުޅު حمزة بن عبدالمطّلب ގެ ޤާތިލް وحشى އާއި، އެކަމުގެ މުޙައްރިކު هند އަށްވެސް މަޢާފު ދެއްވިއެވެ. އެމީހެއްގެ ދުލުން މުސްލިމުންނަށް އެންމެބޮޑަށް އުނދަގޫކުރި سهيل بن عَمرو އަށްވެސް މަޢާފު ދެއްވިއެވެ. މުސްލިމުންނަށާއި އިތުރު ސާހިބާއަށް ހަޖޫގެ ޅެންތައް ހައްދަވައި އުޅުއްވި ކުޅަދާނަ ޝާޢިރު كعب بن زهير އިސްލާމްވެވަޑައިގަތުމުން، ގައިކޮޅުގައި ތުރުކުރައްވައިގެން އިންނެވި ސާލުކޮޅު ހަދިޔާކުރެއްވިއެވެ.
--------------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ