އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (9)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

11 އޯގަސްޓު (ބުރާސްފަތި) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ދައްތާއެވެ. އެއީ ވަރަށް ބަދުނަސީބު ކުއްޖެކެވެ. އޭނާގެ ޙާލުގެ ވާހަކަ އަހައިފިއްޔާ ރޮވޭވަރު ވާނެއެވެ. ކިހާ ލޯބިވެތި ސިފައެއް ލިބިފައިވާ ކުއްޖެއް ހެއްޔެވެ. އެކަމަކު ޙާލުހުރީ ކިހިނެއްކަމެއް އެކަކަށްވެސް ނޭގެނެއެވެ.]

ފައުޒިއްޔާ އާއި ރާފިޔާ އަސަރާއެކު އަޑުއަހަން ތިއްބެވެ.

[ތާނިޔާގެ ކޮއްކޮ ނާޖިޔާ މިގޭދެކުދިންނަށް ކިޔަވައިދޭން އާދެއެވެ. ތާނިޔާ އަހަންނާ ރައްޓެހިވީ ނާޖިޔާގެ ފަރާތުންނެވެ.]

[ތިޔަބުނާ ކުއްޖާމީހަކާ އިނދެފި ހެއްޔެވެ؟] ރާފިޔާ ސުވާލުކުރިއެވެ.

[ނީދެއެވެ........... އޭނާއަށްވެސް ދިމާވީ ވަރަށްހިތްދަތި ގޮތްތަކެކެވެ.] ސޯފިޔާ ބުންޏެވެ.

[ކިހިނެއްވީ ހެއްޔެވެ؟]

ސޯފިޔާއަށް އެނގިހުރި މިންވަރަށް ނާޖިޔާއާއި ނަވީދާ ބެހޭގޮތުން ޚަބަރު ކިޔާދީފިއެވެ.

[ބޮޑުބޭބެވެސް ޤަބޫލު ނުވީދޯއެވެ.] ފައުޒިއްޔާ ބުންޏެވެ.

[އާއެކެވެ. އެއީ ހަމަ އެފަކީރުގެ ނިކަމެތިކަމެވެ. މިހާރު އަނެއްކާ ކޮންމެވެސް މުއްސަނދި ޢާއިލާއެއްގެ އަންހެން ކުއްޖަކު ނަވީދާ ދެވަންވެގެން އުޅޭވާހަކަވެސް އަހައިފީމެވެ.]

[ފިރިހެން ކުއްޖާވެސް ނުޤަބޫލުކަމެއް ނުދައްކާ ހެއްޔެވެ؟]

[މިޒަމާނުގައި ހެދިބޮޑުވާ ފިރިހެން ކުދިންނަކީ އަންހެނުންނަށް ވިކިގެން އުޅޭބައެކެވެ. ރޭގަނޑު ހަތަރުދަމު މުއްސަނދި މީހަކަށްވުމުގެ ހުވަފެންތައް ދެކެއެވެ. އަދި މިހުވަފެން ފުރިހަމަވަނީ މުއްސަނދި އަންހެން ކުއްޖަކާ އިދެވުމުންނެވެ..........] ސޯފިޔާ ބުންޏެވެ.

ފައުޒިއްޔާ މޮޅިވެރި ކަމާއެކު ބޯހަލުވާލަމުން ބުންޏެވެ.

[ޖަޔާއަކީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ]

[ވަރަށް ރަނގަޅު ކުއްޖެކެވެ. ވަރަށް ލޯބިވެތި ކުއްޖެކެވެ. އެކަމަކު ޣަރީބު އަމަޔަކާ ބަފައެއްގެ ދަރިއެކެވެ. މިހާރު އަންނާނެކަން ނޭގެއެވެ. ދައްތައަށްވެސް ފެނުނީމާ އެނގިދާނެއެވެ.] އެގޭ ހުރިހާ ކުދިންވެސް އަހަންނަށް ވަރަށް ރަނގަޅެވެ.

[ކިތައް ކުދިން އުޅޭ ހެއްޔެވެ؟]

[ހަ އަންހެން ކުދިން އުޅެއެވެ.]

[އަސްތާއެވެ! ކުދިން ފައްޗެއް ދޯއެވެ.]

[މިހާރު އެއްކުއްޖަކު މީހަކާ އިނދެފިއެވެ. އޭނާވެސް މިހާރު އެއިންނަނީ ގޭގައެވެ.]

[އެކުދިންގެ މައްޗަށް ރަޙުމްކުރަން ޙައްޤެވެ.]

[ވަރަށް އަޚްލާޤު ރަނގަޅު ބައެކެވެ. ހަމައެކަނި ދެރަކަމަކީ ފައިސާގެ ދަތިކަމެވެ.]

ސޯފިޔާ އިރުކޮޅެއް ވަންދެން އެމީހުންގެ އަޚްލާޤާ މާތްކަމާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ....... ފައުޒިއްޔާ ކޮންމެވެސް އެއްޗެއް ވިސްނާލާފައި ބުންޏެވެ. [ޖަލާލީއާ އެކުއްޖާއާ ގުޅުވުން ކޮންކަހަލަ ހެއްޔެވެ؟]

[އަސްތާ! ދައްތާއެވެ. ތިޔަވިސްނުނީ ވަރަށް މޮޅަށެވެ. މިބުނީ ހަމަ ރަނގަޅަށެވެ. އެއީ ވަރަށް ރަނގަޅު އަންހެން ކުއްޖެކެވެ. މިހާރު އަންނާނެއެވެ........]
[އެންމެ ރަނގަޅެވެ.......]

[ދެން އަޙްމަދުގެ ދެބޭންގެ ދެދަރި ކުއްޖާއަށް ހަދާނީ ކިހިނެއްހެއްޔެވެ.] ރާފިޔާ ޝަކްވާގެ ރާގުގައި ފައުޒިއްޔާ ގާތުގައި އެހިއެވެ.

 [އެކުއްޖާއާވެސް ބައްދަލުކުރާނީއެވެ. ފުރަތަމަ ޖަޔާ ދެކެލާނީއެވެ. ގޮތެއް ނިންމާނީ ފަހުންނެވެ. އެކަމަކު ސޯފިޔާ ތިޔަދެއްކި ވާހަކަތަކުން ދޭހަވާގޮތުގައި ޖަޔާއަކީ ޖަލާލީއާ ވަރަށް ގުޅޭނެ ކުއްޖެކެވެ.] ފައުޒިއްޔާ ތެދުވަމުން ބުންޏެވެ.

ސޯފިޔާ އަކްރަމް ގާތުގައި ތަށިތައް ނަގަންބުނެފިއެވެ. ރާފިޔާ ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަދެއްޖެއެވެ.
*******************

[ރާފިޔާ ކޮއްކޯއެވެ. ޖަޔާއަކީ ވަރަށް ރަނގަޅު ކުއްޖެކެވެ. އަޚްލާޤުވެސް ވަރަށް ފުރިހަމައެވެ. އަދި ސިފަގަނޑަކަށް ބަލާއިރު އެވާހަކަ ހެވީ ނުދެއްކިއްޔާއެވެ. ކޮންފަދަ ރީތިކަމެއް ހެއްޔެވެ؟]

[ދައްތައަށް ފެންނަ ގޮތެކެވެ.]

[އަޙްމަދުގެ ދެބޭންގެ ދެދަރި އަންހެން ކުއްޖާއަށް ކިޔަނީ ކޮންނަމެއް ހެއްޔެވެ؟]

[ސަމީނާއެވެ.........]

[ރަނގަޅު ކުއްޖެކެވެ. އެކަމަކު ރުޅިގަދަ ގޮތެއް ހުންނަހެން ހީވެއެވެ.]

[އާނއެކެވެ. އޭނާ އުޅެނީ އަދިވެސް ވަރަށް ޅަގޮތަކަށެވެ.]

[އެކަހަލަ އަންހެން ކުއްޖަކަށް ޖަލާލީ ކަހަލަ މީހެއްގެ ދިރިއުޅުން ހިފަހައްޓައެއް ނުލެވޭނެއެވެ.]

[ތިޔަކަން ބޮޑަށް އެނގެނީ ދައްތައަށެވެ.]

ދެބޭން ވާހަކަ ދައްކަމުން ދިޔައެވެ. ފައުޒިއްޔާ ސާޅީ އިސްތިރި ކުރަނީއެވެ. ރާފިޔާ ކުޑަމީހާގެ އެއްޗެހި ބަދަލު ކުރުވަނީއެވެ.

[ސޯފިޔާއެވެ.] ފައުޒިއްޔާ ކޮރިޑޯގައި ހުރި ސޯފިޔާއަށް ގޮވާލިއެވެ.

[ދައްތާއެވެ. ކިހިނެންވީ ހެއްޔެވެ؟]

[މިއަދު ދާނަން ހެއްޔެވެ؟]

[ކޮންތާކަށް ހެއްޔެވެ؟]

[މިހާރު ހަދާން ނެތުނީ ހެއްޔެވެ. ޖަޔާގެ ގެއަށް ދާވާހަކަ ދެއްކީމެއް ނޫން ހެއްޔެވެ؟]

]މިހާރު އެގޮތަށް ނިންމީ ހެއްޔެވެ؟]

[ވަރަށް ރަނގަޅު އަންހެން ކުއްޖެކެވެ. އަދި އެމީހުންގެ ޙާލަތަށް ބަލާއިރު ޖަލާލީއަކީ ވަރަށް އެކަށީގެންވާ މީހެކެވެ. އެއީ ހަމަ ޖަވާހިރެކެވެ. ނެތީ ހަމަ އެންމެ ކަމެކެވެ.] ފައުޒިއްޔާ ބުންޏެވެ.

[އެއީ ކޮންކަމެއް ހެއްޔެވެ؟] ރާފިޔާއާއި ސޯފިޔާ ސިހިފައި ފައުޒިއްޔާއާއި ދިމާއަށް ބަލާލިއެވެ. ފައުޒިއްޔާ ސާޅީގައި އިސްތިރި ކާއްތާލަމުން ބުންޏެވެ. [ސިފަ ރީއްޗެއް ނޫނެވެ.]
[ވަރަށް ހުތުރު ހެއްޔެވެ؟] ސޯފިޔާ ސުވާލު ކުރިއެވެ.

[ހަމަ ހުތުރު މީހެކެވެ. ދެރަކަމަކީ ހަމައެކަނި މިއެވެ..... އެހެން ނޫންނަމަ އަޚްލާޤުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. އަންހެނުންނަށް ނުލާހިކު ޤަދަރުކުރެއެވެ. އޭނާގެ ޚިޔާލުތައް މޮޅުވެފައި ތަނަވަހެވެ. މީގެ އިތުރުން ހިސާބު ނުކުރެވޭހާ ގިނަ މުދާތަކެކެވެ. ފެއަރީލޭންޑުން ގެއެއް ގަތުމަކީ އާދައިގެ ކަމެއްނޫނެވެ. ކަލޭމެންނަށް އެގޭގެ މޮޅުކަން ހިތަށްވެސް ނުގެނެވޭނެއެވެ. އެހާވެސް އެގެ ފުރިހަމަވެފައި ރީއްޗެވެ.]

[ހަމަ ރަނގަޅަށް ހެއްޔެވެ؟]

[އޭނާއަކީ ހުތުރު މީހަކަށްވިޔަސް ކިތަންމެ އަންހެން ކުދިންނެއް އޭނާއާއި އިންނަން އިދެފާނެއެވެ.]

[އެހެންވީއިރު މީހަކާނީނދެ އެހުންނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ބޭނުންވަނީ ޕާކިސްތާނު ކުއްޖެއް ހެއްޔެވެ؟]

[ކޮންމެހެން ޕާކިސްތާނު އަންހެން ކުއްޖަކު ބޭނުންވަނީއެއް ނޫނެވެ.] ފައުޒިއްޔާ އެދެބޭންގެ މޫނަށް ބަލާލިއެވެ. [ޖަލާލީއަށް އެހުރިހާ ކުދިންގެ ބޭނުންވެސް އެނގެއެވެ. އެއިން ކޮންމެ ކުއްޖަކުވެސް އޭނާއާއި އިންނަން ބޭނުންވަނީ ފައިސާއަށް ޓަކައެވެ. އެކަމަކު ޖަލާލީއަކީ ލޯތްބާ ހަމްދަރުދީއަށް ބޭނުންވެފައިވާ މީހެކެވެ.]

ތިންބޭން މިވާހަކަތައް ދައްކަމުން ދިޔައިރު ސޯފިޔާ ފެންނަނީ ވިސްނުމެއްގެ ތެރޭގައި އިންނަކަހަލަ ގޮތަކަށެވެ.

[ކިހިނެއްވީ ހެއްޔެވެ؟] ފައުޒިއްޔާ ސުވާލުކުރިއެވެ.

[ދައްތާއެވެ. ޖަޔާއަކީ ރީތި އަންހެން ކުއްޖެކެވެ.........] ސޯފިޔާ ބުންޏެވެ.

[ތިޔަކަން އެނގެއެވެ.]

[އޭނާ ސިފަހުތުރު މީހަކާ އިންނަން ޤަބޫލުވެދާނެ ހެއްޔެވެ؟]

[ތިޔައީ އެމީހުންގެ އަމިއްލަ ކަމެކެވެ.]

[ދައްތަ އެވާހަކަ ބުނަން ޖެހޭނެއެވެ.]

[ބުނަންވެސް ޖެހޭނެއެވެ.]

[އިންކާރު ނުކުރާނެ ބާވައެވެ.]

]ނުކުރާނެއެވެ.] ރާފިޔާ ބުންޏެވެ. [އެމީހުން އުޅޭޙާލު ނިކަންދެކެބަލާށެވެ. އެއްބަސް ނުވެއްޖެއްޔާ އެމީހުންނަކީ މޮޔަބައެކެވެ.]

[ތިޔަބުނީވެސް ތެދެކެވެ.] ސޯފިޔާ ވިސްނާލަމުން ބުންޏެވެ.

[ފުރަތަމަ ވާހަކަދައްކާލަން ހިނގާށެވެ.] ފައުޒިއްޔާ ބުންޏެވެ. [ޤަބޫލުނުވެއްޖެއްޔާ އެހެން ކުއްޖަކު ހޯދާނީއެވެ. ޖަބީންގެ ކާވެންޏަށް ވަރަށްގިނަ އަންހެން ކުދިން ދާނެއެވެ.]
[އާއެކެވެ.]

[މިއަދު ކޮންމެހެންވެސް އެގެއަށް ދާންވާނެއެވެ.]

]ދެން ތައްޔާރުވާށެވެ.]

[ސޯފިޔާ ތައްޔާރުވާންގޮސް ބަލާށެވެ.]

[ދާނީ ކައިގެން ނޫން ހެއްޔެވެ.] ސޯފިޔާ ބުންޏެވެ.

[އަދި ވަރަށްގިނަ ވަގުތު އެބައޮތެވެ. ދޮޅުގަޑިއެއްހާއިރުން އާދެވޭނެއެވެ.]

[އެންމެ ރަނގަޅެވެ. ދައްތަ ތައްޔާރުވާށެވެ.]

ތިންބޭން ތައްޔާރުވެގެން ނިކުމެއްޖެއެވެ. ވަރަށް ކައިރީގައި ހުރިގެއެކެވެ. އެކަމަކު ސޯފިޔާ ކާރުނެރެފިއެވެ.

ކާރު މަގުގެ އެއްފަރާތުން ގޯޅި ނިމޭ ހިސާބަށް ހުއްޓާލައިފިއެވެ. ކާރު ގޯޅިއަށް ވެއްދޭނެއެވެ. އެކަމަކު އަނބުރާލަން ދަތިވާނެތީ އެހިސާބުން ތިންމީހުން ފައިމަގުގައި ހިނގާފައި ޖަޔާގެ ގެއާހަމައަށް ހިގައްޖެއެވެ. އެހިސާބަށް ބޭރުމީހުން އައިސްގޮސް އުޅެނީ ވަރަށް މަދުންނެވެ. އެހެންކަމުން އަންހެން ވެރިން ކުޑަދޮރުތަކުން ބޯދިއްކޮށް ބަލަމުން ދިޔައެވެ. ގޯޅިތެރޭގައި ކުޅެންތިބި ކުދިންތައްވެސް ކުޅުން ހަނދާން ނައްތާލާފައި ތިއްބެވެ.

މިއަދު އެހިސާބަށް ބީރައްޓެހި ތިން އަންހެނުން އެއްފަހަރާ އަތުވެއްޖެއެވެ. އެމީހުންގެ މޫނުމަތީގައި ފައިސާ ވެރިކަމުގެ ކުލަވަރު ވިދަވިދާ ހުއްޓެވެ. ލައިގެން ތިބި ހެދުންތައް އެހާމެ ރީއްޗެވެ. ފައިގައި ފުންނާބު އުސްކުރި ފައިވާނެވެ. ފްރާންސްގެ ހަންދަބަސް ހިފާލާފައިވާ އަތުގައި ރަންއުޅާތައް ވިދާ ބަބުޅަމުން ދިޔައެވެ. އިނގިލިތަކުގައި ޖަވާހިރު ހަރުކުރި އަނގޮޓިއެވެ.

މިކަހަލަ ހިސާބުގަނޑުގައި އުޅޭމީހުން ކިތަންމެ މުއްސަނދިކަމުގައި ވިޔަސް އަދި ރަނުގެ ވެރިން ކަމުގައި ވިޔަސް މިކަހަލަ އަންހެނަކު ނޫޅެއެވެ. އެހެންކަމުން މިތިންބޭން އަންނަތަން ފެނިފައި ގޭގޭގައި މަސައްކަތުގައި ތިބި އަންހެނުންތައް މަސައްކަތް ހުއްޓާލާފައި ނުކުންނަން ފަށައިފިއެވެ. ބައެއްމީހުން ތެލިދޮންނަން ތިބެފައި ހަޑިމުޑުދާރު އަތާއިގެން އައިސް ދޮރުކައިރީގައި ހުއްޓިގެން ތިއްބެވެ. ބައެއްމީހުން ކުނިކަހަން ތިބެފައި އިލޮށިފަތި ހިފައިގެން ނުކުމެ ތިއްބެވެ. އެއްބަޔަކު ކުޑަދޮރުން ބަލަން ތިއްބެވެ. އަނެއްބަޔަކު ފާރުމަތިންނެވެ. ބޭރުބަޔަކު އަންނަކަން އެމީހުނަށް އެނގުނު ގޮތެއްވެސް ނޭނގެއެވެ. ކުދިންވެސް އަނގަމައްޗަށް ޖަހައިގެން ކަޅިހުއްޓިފައި ތިއްބެވެ. ބައެއް ކުދިން އެމީހުންގެ ފަހަތުން ހިނގައިގަތެވެ.

މިކުދިންތައް ފެނިފައި ފައުޒިއްޔާއަށް އެމެރިކާގެ މަތިން ހަނދާންވިއެވެ. އޭނާއުޅޭ ހިސާބުގަނޑުގެ ހަދާންވިއެވެ. މިކަހަލަ ކުދިން ހެދިބޮޑުވަނީ މިހެން ހިރަފުހާ ތަތްތެޅި ކުނިބުނީގެ ތެރޭގައި ތިބެގެންނެވެ. އަވަށް ގަނޑުގައި ސާފު ތާހިރު މީހުންގެ ގެވެސް ހުންނާނެއެވެ. މިވަގުތު އެގޭގެ ކުދިން ތިބޭނީ ސްކޫލްގައިކަން ޔަޤީނެވެ. ސާފު ތާހިރު އަދި ތަހްޒީބު ކުއްޖަކު މަގުމަތިން ނުފެންނަނީ އެހެން ވެގެންނެވެ.

ތިން އަންހެނުން ވާހަކަ ދައްކަމުން ކުރިޔަށް ދިޔައެވެ. ހިސާބުގަނޑުގައި އަންހެންވެރިން ބަލަހައްޓައިގެން ތިއްބެވެ. ސޯފިޔާ ކުރިއަށް ޖެހިލާފައި ނާޖިޔާގެ ގޭގެ ދޮރުގައި ޓަކިޖަހައިފިއވެ. އެވަގުތު މިތަންދެކެން ތިބިމީހުން ފާޑުފާޑުގެ ޚިޔާލުތައް ފާޅުކުރަން ފަށައިފިއެވެ. އެކަކު އަނެކަކަށް ބުނަން ފަށައިފިއެވެ.

[އެއީ ކާކު ހެއްޔެވެ؟]

[ކޮންތާކުން އައި ބައެއް ހެއްޔެވެ؟]

[ކީއްކުރާ ބައެއް ހެއްޔެވެ؟]

[ކޮންމެވެސް ކަމެއްކަން ޔަޤީނެވެ.]

[ވަރަށް މުއްސަނދި ބައެކެވެ.]

[އެމީހުން އައީވެސް ކާރެއްގައޭ ޖޮނީ ބުންޏެވެ. ކާރު މިދިމާއިން މަގުގާ އެބައޮތެވެ.]

[ތިޔަވާނީ ކޮންމެވެސް މީހަކާ ބައްދަލުކޮށްލަން އައި ބަޔަކަށެވެ.]

[ތިމާގެ ބައެއްހެނެއް ހިއެއްނުވެއެވެ.]

އަންހެނުންތައް މިކަހަލަ ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އަދި އެތިންބޭން ޖަޔާގެ ގެއަށް ވަދެއްޖެއެވެ.

މިއަދަކީ ޗުއްޓީ ދުވަހެކެވެ. އެހެންކަމުން ތާނިޔާއާއި މާނޫ ރަބީޢާއާއި ޢަތީޤާ ބޯދޮވެގެން ފެންވެރުމަށްޓަކައި ތައްޔާރު ވޭވެތިއްބެވެ. މިއަދު ޖަޔާ އުޅެނީ ގޭތެރެ ސާފުކުރުމުގައެވެ. ހެދުންތައް އެފެށުން މިފުށަށް ޖަހާފައި ހުއްޓެވެ. މަންމަ އާދައިގެ މަތިން ގޯތިތެރޭގައި ތަރުކާރީ ކޮށަން އިނެވެ. އަދި ތާނޫ ބަދިގޭގައި ތެލިތަށި ދޮވުމުގައި އަވަދިނެތި އުޅެއެވެ. ރައިހާނާއާއި އަމްޖަދާއި އަދި ބައްޕަވެސްވީ ބޭރުގައެވެ. ރައިޙާނު މިދުވަސްކޮޅު އުޅެނީ އޭނާ މަސައްކަތްކުރާ ފެކްޓްރީގެ ބޮޑުމީހާއާއި ދެބަސްވެގެންނެވެ. ބައްޕަ ފަކީރު އުޅެނީ އެކަން މަސަލަސްކުރަން ވެގެންނެވެ. އެވަޒީފާ އޮންނާތީ ކޮންމެފަދަ ސިފައެއްގައި ނަމަވެސް ގެއަށް ފައިސާކޮޅެއް ވަދެއެވެ. ވަޒީފާގަނޑު އަތްދަށުން ދަމާލައިފިއްޔާ އެފައިސާކޮޅުވެސް ނުލިބޭގޮތް ވެދާނެއެވެ.

ދޮރުހުޅުވީ ޘާނޫއެވެ. އޭނާ ދެދުވަހެއްގެ މަތިން ސޯފިޔާ ދެކެފައިވެއެވެ. އެކަމަކު ދެންތިބީ ނުވެސްދެކޭ ބީރައްޓެހި ދެއަންހެނެކެވެ. މިހާވަރަށް ނަލަ ހެދިލައިގެން ތިބިމީހުންތަކެއް ފެނިފާ ޘާނޫ ސިހިއްޖެއެވެ. އަދި ކަންބޮޑުވެފައި ދުއްވައިގަތެވެ.

[ތާނޫ ދައްތާއެވެ...... މަންމާއެވެ...... ޖަޔާ ދައްތާއެވެ.....] އޭނާގެ ނޭވާ މޭގައި އަޅައިގެންފައިވާ ކަހަލައެވެ.

[ކިހިނެއްވީ ހެއްޔެވެ؟] މަންމަ ހަރުއަޑުން މިހެން ބުނުމުން ޘާނޫ ތުންފަތުގައި އިނގިލިޖައްސާލާފައި ދޮރާއްޓާ ދިމާއަށް އިޝާރާތް ކޮށްލިއެވެ.
]ކާކު ހެއްޔެވެ؟] ތާނޫ ބޭރަށް ނުކުމެއްޖެއެވެ.

]އެއީ..... އެއީ ސޯފިޔާ ދައްތައެވެ. އަދި އެހެން ދެއަންހެނުންވެސް އެބަތިއްބެވެ.] ޘާނޫ ބުންޏެވެ. އަދި ތާނޫ އިތުރު އެއްޗެކޭ ބުނމުގެ ކުރީގައި ސޯފިޔާ އެތެރެއަށް ވަދެގެން އަތުވެއްޖެއެވެ.
-----------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ