އަދުގެ ޚާއްސަ

Print

މި ޒަމާނުގެ ޢަސްކަރީ އަޚްލާޤިއްޔާތާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

19 އޯގަސްޓު (ހުކުރު) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

މައްކާ ފަތަޙަކުރެއްވި ދުވަހު ޤުރައިޝުންނަށް ޙަރަމުފުޅުގެ ތެރެއަށް އެއްވާން އެންގެވިއެވެ. އެމީހުންނަކީ އިތުރު ސާހިބާއަށާއި މުސްލިމުންނަށް އެއްވެސް ހިތެއް ފިތެއްނެތި އަނިޔާކުރި މީހުންނެވެ. އިތުރު ސާހިބާގެ މާތް މޫނުފުޅުން ލޭއޮހޮރުވައިލި މީހުންނެވެ. އިތުރު ސާހިބާއާއި ޞަޙާބީން މައްކާއިން ބޭރުވެވަޑައިގަތުމަށް މަޖްބޫރުކުރި މީހުންނެވެ. ޤުރައިޝުން ޖަމާވުމުން ސުވާލު ކުރެއްވިއެވެ.

[އަހުރެން ތިޔަބައިމީހުންނާމެދު ކޮންގޮތަކަށް ކަންތައް ކުރާނެކަމަށް އުންމީދު ކުރަމުހެއްޔެވެ؟]

އެމީހުން ދެންނެވިއެވެ. ކަލޭގެފާނަކީ ދީލަތިފުޅު އަޚެކެވެ. ދީލަތިފުޅު އަޚެއްގެ ދަރިކަލެކެވެ. ޙަދީޘުކުރެއްވިއެވެ. [ތިޔަބައިމީހުން ހިނގައިދާށެވެ. ތިޔަބައިމީހުންނަކީ މިނިވަނުންނެވެ.]

މުއައްރިޚުން ބަޔާންކުރާގޮތުގައި، އެބައިމީހުން އެނބުރި ދިޔައިރު ހީވީ ކަށްވަޅުތަކުން ނިކުމެގެން އެނބުރި ދިޔަހެންނެވެ. އެހެނީ އެމީހުންނަކީ އެފަދަ ދީލަތިފުޅު މަޢާފަކަށް އެއްގޮތަކަށްވެސް އުންމީދުކުރުމުގެ އެކަށޭނަކަން އޮތްބައެއް ނޫނެވެ.

ހަނގުރާމައިގެ އަސީރުންގެ މަސްއަލަ


 1949 ގައި ޖެނީވާގައި ދުނިޔޭގެ ޤައުމުތަކުން މުޢާހަދާއެއްގައި ސޮއިކުރިއެވެ. އެ މުޢާހަދާގައިވާގޮތުން، ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް އެބައިމީހުންގެ އަސީރުންނާމެދު އިންސާނިއްޔަތާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވެއެވެ. ނަމަވެސް ހިތާމަޔަކީ، މިދެންނެވި ޖެނީވާ ކޮންވެންޝަނާ އެންމެބޮޑަށް ޚިލާފުވަނީ، އެ ކޮންވެންޝަން ވުޖޫދަށް ގެނައުމުގައި ސަބަބަކަށްވި ކަމުގައި ދަޢުވާކުރާ މީހުންކަމެވެ. އެ ކޮންވެންޝަންގެ ނަމުގައި އެންމެ އަޑުހަރުކޮށް ވާހަކަދައްކާ މީހުންކަމެވެ. އިންސާނީ ޙައްޤުތަކުގެ ނަމުގައި އެންމެބޮޑަށް އަނގަފުޅާކުރާ މީހުންކަމެވެ. އިސްލާމްދީނަކީ އެއްވެސް އޯގާވެރިކަމެއްނެތް ދީނެއްކަމުގައި ބުނާ މީހުންކަމެވެ. އެދީނުގެ އަހުލުވެރީންނަކީ ގަދަބަދަވިކަމަށާއި، ތަޅާފޮޅުމަށް ލޯބިކުރާ ބައެއްކަމުގައި ބުނާ މީހުންކަމެވެ. މުސްލިމުންނަކީ ނިރުބަވެރީންކަން ސާބިތުކުރުމަށްޓަކައި، ތިމާމެންގެ ހުރިހާ ހަކަތައަކާއި ބުންވަރެއް ހޭދަކުރާ މީހުންކަމެވެ.

 ތަޢައްޞުބުގެ ކުލަބިއްލޫރީގެ ތެރެއިން ނޫންގޮތަކަށް ޖެނީވާ ކޮންވެންޝަން ބަލައި ދިރާސާކޮށްފި ކޮންމެ މީހަކު އިޢުތިރާފުވާންޖެހޭ ޙަޤީޤަތެކެވެ. މުޅި އެ މުޢާހަދާއަކީ ކީރިތި ޤުރްއާނާއި ސުންނަތުގައި ބަޔާންކުރެވިފައިވާ ޤައިދީންގެ ޙައްޤުތަކުގެ ތެޔޮކަރުދާސް ނަކަލެކެވެ. އެ މުޢާހަދާއާއި އޭގެ ފުރިހަމަ ތަފްސީލުގެ މައްޗަށް އެކުލެވޭ ބޯފޮތެއް ތައްޔާރުކުރުމުގައި އެތައް މަހެއް ހޭދަކުރުމުގެ ބަދަލުގައި، ކުރު ޖުމުލައެއް ލިޔެލި ނަމަވެސް ފުދުނީހެވެ. އެ ޖުމުލަ ތިރީގައި މިދަންނަވާގޮތަށް އަތުރައިލެވިއްޖައީހެވެ.

 [މިއަދުން ފެށިގެން ދުނިޔޭގެ ހުރިހާ ޤައުމުތަކަކުންވެސް އަސީރުންނާ ބެހޭގޮތުން އިސްލާމްދީނުގައި ދެއްވައިފައިވާ އިރްޝާދުތަކަށް ފުރިހަމަޔަށް ޢަމަލުކުރުމަކީ ލާޒިމު ކަމެކެވެ.]

 ނަމަވެސް ޔޫރަޕްގެ ޤައުމުތަކާއި ހުޅަނގުގެ މުފައްކިރުން އިސްލާމްދީނުގެ ނަމުގައި އެއްވެސް އުސޫލެއް ބަލައިގަންނާކަށެއް ބޭނުމެއް ނޫނެވެ. [އިންސާނީ އަދި ފިޠުރީ ޙައްޤެއް] ގެ ނަމުގައި ހަމަ އެ އުސޫލުތައް ޚިޔާރު ކުރަމުންދާއިރުވެސް މެއެވެ. ހަމައެކަނި ސަބަބަކީ، އިސްލާމްދީނާމެދު އޮންނަ ޢަދާވަތްތެރިކަމެވެ.

ހަނގުރާމައިގެ އަސީރުންނާމެދު އަނިޔާވެރިވުމުގައިވެސް ލިސްޓުގެ އެންމެ ކުރި ހޯދައިފައިވަނީ ކްރިސްޓިޔަން ޤައުމުތަކެވެ. އިންސާނީ ތާރީޚުގެ ތަންކޮޅެއް ދުރު މާޟީގެ ގަނޑުތައް އެކުލައިލާއިރު ރޫމީން އެބައިމީހުންގެ އަސީރުންގެ ގައިން ހަންނަގައިފައި ޤައިދީން ކުއްތާތަކުގެ ކުރިމައްޗަށް ވަނީ އުކައިފައެވެ. ދޮންކޮށްފައި ހުންނަ ދަގަނޑު ކަށިތައް ލޮލަށް ހަރައިފައެވެ. ގައިގެ އެތަންމިތާނގައި ދޮންދަގަނޑު ޖައްސައިފައެވެ. ދެފައިގައި ހިލިހިލާ ޖަހާފައި ނާފަހަރުގެ އަޑީގައި ފަލިޖަހަން ބައިތިއްބައިފައެވެ. ކިރިޔާވެސް ފައްޔަށް ދުލެއް ދީފިނަމަ، ހަންމުށީން ތަޅައި އަނިޔާކޮށްފައެވެ. އިޓަލީގައި ޤައިދީން ބައިތިއްބައި އުޅުނީ ކޮޅަށް ނުތެދުވެވޭ، ނުއޮށޯވެވޭފަދަ ކޮޓަރިތަކުގައެވެ. ޤައިދީން އެބައިމީހުންގެ ފުރާނަ ދުއްވައިލަންޖެހެނީ އިށީނދެގެން ތިބެތިބެއެވެ. ނިދޭކަށެއް ނޯވެއެވެ.

މިޒަމާނުގައި ހުޅަނގުގެ ޤައުމުތަކުން އަސީރުންނަށް ދެމުންގެންދާ އަނިޔާތަކުންވެސް އެބައިމީހުންގެ މާޒީގެ ހަނދާންތައް އާވެއެވެ. ތާރީޚު އޭގެ އަމިއްލަ ނަފްސު އިޢާދަކުރާކަން ސާބިތުވެއެވެ. ޢިރާޤުގެ އަބޫޣުރައިބު ޖަލާއި ކިޔުބާގެ ގުއަންޓަނާމޯބޭ ޖަލާ ބެހޭގޮތުން ބައިނަލްއަޤްވާމީ މީޑިޔާއިން ހާމަކުރަމުންގެންދާ ޙަޤީޤަތްތައް މިސާލަކަށް ފުދެއެވެ. އަފްޣާނިސްތާނުގެ ކަންދަހާރުގައި ޠާލިބާނުންގެ އަސީރުންގެ ކަނުބަނދެފައި ދެފައިގައި ހިލިހިލާ އަޅައިފައި ކޮއްޕައިލެވެނީ ބަންދުކޮށްފައި ހުންނަ ޓްރަކްތަކަށާއި ކޮންޓެއިނަރތަކަށެވެ. އެއިން އެއްޗެއްގައި ވައިކޮޅެއް ވަންނާނެ ލޯވަޅެއްހައިވަރުވެސް ނުހުރެއެވެ. ފެންބޮވައިގަނެގެން ތެޅިފޮޅެމުންގޮސް އެ މަޢުޞޫމުން ވަނީ އެކަކު އަނެކެއްގެ ގައިން އޮހޮރޭ ދާތައް ލޮވެފައެވެ. ފުރިބާރުވަންދެން ގަންނަވައި އިންސާނުން ވައްދައިފައިވާ ޓްރަކްތަކާއި ކޮންޓެއިނަރތަކުގައި އެތައްބަޔަކުވަނީ ޝަހީދުވެފައެވެ. މަރުން ސަލާމަތްވާ މީހުންކޮޅު ގެންގޮސް އަޅައިލަނީ ގުއަންޓަނާމޯބޭގެ ޖަލުތަކަށެވެ. އެބައިމީހުން ބައިތިއްބަނީ ޖަނަވާރުތައްވެސް އެބައިމީހުންނާމެދު ރަޙްމުވެރިވާފަދަ އަނިޔާވެރިކަމުގެ ތެރޭގައެވެ.

 ދުނިޔޭގެ މިހާރުގެ ޖަލުތަކުގެ ޙާލަތު ދިރާސާކޮށްފިނަމަ ސާބިތުވާނީ މާތް اللّه ޙުރުމަތްތެރި ކުރައްވައިފައިވާ އިންސާނުންނާމެދު ޖަނަވާރާ ދޭތެރޭގައިވެސް ކަންތައް ނުކުރާފަދަ އިހާނެތި ގޮތްގޮތަށް ޢަމަލުކުރެވޭކަމެވެ. ޤައިދީންގެ ނިޔަފަތިތައް އުފުރައެވެ. އިލެކްޓްރިކް ޝޮކްދެއެވެ. ހަށިގަނޑުގެ ނިވާކުރެވިފައިވާ ނާޒުކު ގުނަވަންތައް ދޮންކޮށްފައި ހުންނަ ދަގަނޑު ކަށިތަކުން ފިއްސައެވެ. ކުއްތާތަކާއި، ހަރުފަތަކާއި، ބިޗޫތައް ޤައިދީންގެ ތެރެއަށް ދޫކުރެއެވެ. ބޭނުންގޮތްގޮތަށް ބަޔާންތައް ނެގުމަށްޓަކައި ފެނުގެ ތެރެއަށް ގަންބައި ނޭވާހާސް ކުރުވައެވެ. ކުޑަވެސް އަލިކަމެއް ވައެއް ނުވަންނަ ކުދިކުދި ކޮޓަރިތަކުގައި ބަންދުކުރެއެވެ. ލޯހުޅުވައިލަންވެސް ލޯމަރައިލަންވެސް ނުކެރޭވަރުގެ ގަދަ އަލި ލޮލަށް އަޅުވައެވެ. ނިދިޔަނުދީ ތަކުރާރުކޮށް އެތައް ދުވަހަކު ބައިތިއްބައިގެން ސިކުނޑި ވާކޮށްލައެވެ. ޠަބީޢަތު ސަލާމަތުން ހުރި އިންސާނަކަށް ޚިޔާލުވެސް ނުކުރެވޭފަދަ ނުބައިވަސް ދުއްވައެވެ. މިވާހަކަތައް ދިގުނުކޮށް ކުރުކޮށްލާނަމަ ދަންނަވަންޖެހެނީ، ތިންވަނަ ދަރަޖައިގެ އަނިޔާވެރީން ކަމުގައި މިޒަމާނުގައި ބަލައިއުޅޭ ހަލާކޫ ޚާނާއި، ޗަންގީޒުޚާނުވެސް ލަދުގަންނަފަދަ އަނިޔާތައް، މި ތަހްޒީބީ ޒަމާނުގައި އަސީރުންނަށް ކުރަމުންގެންދާ ކަމުގައެވެ. ޖާހިލިއްޔަ ޒަމާނުގެ އިންސާނާއަށްވުރެ ތަހްޒީބީ ޒަމާނުގެ އިންސާނާ ސުލޫކީ މިންގަނޑުން އެންމެ ތަންފުކެއްވެސް ކުރިޔަށް ޖެހިނުލާ ކަމުގައެވެ.

އަނެއްކޮޅުން އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم މިދާއިރާއިން ދައްކަވައިފައިވާ އުސްވަތަށް ބަލައިލަމާ ހިންގަވާށެވެ. އެ އުސްވަތަކީ މިޒަމާނުގެ ފާތިޙުންނާއި މަފްތޫޙުންނަށްވެސް ނުހަނު ބޭނުންތެރި ފިލާވަޅެކެވެ.

ހިޖްރައިން ދެވަނަ އަހަރު (މީލާދީން 623 ގައި) ބަދުރު ހަނގުރާމަ ހިނގިއެވެ. އެ ހަނގުރާމައިގައި މުޝްރިކުންގެ ހަތްދިހަ މީހަކު ހައްޔަރުވިއެވެ. އޭގެތެރެއިން ގިނަމީހުންނަކީ އިސްލާމްދީނުގެ ނަބިއްޔާގެ އެންމެ ބޮޑެތި ޢަދާވާތްތެރީންނެވެ. އިސްލާމްދީން ފެތުރުނަނުދޭން އެންމެ ވަރުގަދަޔަށް ފައިވިއްދި މީހުންނެވެ. އެބައިމީހުން މަދީނާއަށް ގެންނެވުމަށްފަހު، އިތުރު ސާހިބާ އެބައިމީހުން މަދީނާގެ ޞަޙާބީންގެ ގެކޮޅުތަކަށް ބައްސަވައިލެއްވިއެވެ. އަސީރުންނަށް ހެޔޮފުޅުކޮށް ހިއްތެވުމަށް ނަސޭހަތް ދެއްވަމުންނެވެ. އެހެންކަމުން ޞަޙާބީން އަސީރުންނާމެދު ޢަމަލުކުރެއްވީ މެހްމާނުންނާމެދު ކަންތައް ކުރައްވާގޮތަށެވެ. އަސީރުންގެ ތެރެއިން ތަނަވަސްކަންހުރި މީހުންގެ އަތުން ފިދުޔަ އަތުލެއްވުމަށްފަހު މިނިވަންކުރެއްވިއެވެ. ފަޤީރުން ދޫކޮށްލެއްވީ ފިދުޔައަކާ ނުލައެވެ.

ބަދުރުގެ އަސީރަކު ބަޔާންކޮށްފައިވެއެވެ. ތިމަން ހުރީ އަންޞާރިއްޔަ ބޭކަލެއްގެ ގޭގައެވެ. އެބޭކަލުން ހެނދުނާއި ހަވީރު ފަރީއްކުޅުއްވަނީ ހުސް ކަދުރުކޮޅެކެވެ. އަހަންނަށް ދެއިރު ރޮށިކާން ދެއްވައެވެ. އަހަރެން ލަދުން ރޮށިކާން ނުކެރިގެން އެބޭކަލުންނަށް އެރުވުމުންވެސް އެއަކު އަތްޕުޅެއް ނުލައްވައެވެ. ކައު ސާހިބާ صلّى اللّه عليه وسلّم ގެ އިރްޝާދުގެ މަތީން މުސްލިމުން އަސީރުންނާމެދު ޢަމަލުކުރާ ގޮތާމެދު ކީރިތި ޤުރްއާނުގައި ތަޢުރީފު ވަޙީކުރައްވައިފައިވެއެވެ.

(( وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا . إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاء وَلَا شُكُورًا ))
    
 [އަދި އެތަކެއްޗަށް ލޯބި ހުރުމާއެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރުވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކޮށްދޭކަން ކަށަވަރީ، اللّه ގެ ވަޖްހުފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއްވެސް ތިމަންމެން ނޭދެމުއެވެ.] (ސޫރަތުލް އިންސާން: 8، 9)

ހިޖްރައިން އަށްވަނަ އަހަރު (މީލާދީން 630 ގައި) ޙުނައިނު ހަނގުރާމައިގައި ހަވާޒިންވަންހައިގެ ހަހާސް މީހުން ހައްޔަރުވިއެވެ. އޭރު ހަވާޒިންވަންހައިގެ ލަޝްކަރުވަނީ ފިލައިގެން ގޮސްފައެވެ. އެބައިމީހުން ކިޔަމަންތެރިވެގެން އެނބުރި އާދޭތޯ، އިތުރު ސާހިބާ ޣަނީމާ ނުބައްސަވައި ވަރަށްބޮޑަށް ލަސްކުރެއްވިއެވެ. އެބައިމީހުން އައީ ޣަނީމާ ބެއްސެވިފަހުންނެވެ. އެބައިމީހުން އައުމާއެކު، ހުރިހާ އަސީރުން މިނިވަންކޮށްދެއްވިއެވެ. އިސްލާމީ ލަޝްކަރުގައި ބައިވެރިވި ބަދަވީ ބައެއް މީހުން އަސީރުން މިނިވަންކުރުމާ ދެކޮޅު ހެދުމުން، އެބައިމީހުންގެ އަތުން އަސީރުން އަތުލެއްވީ ކޮންމެ ބޮލަކަށް ހަ ޖަމަލު ދެއްވައިފައެވެ. މައްކާއަށް މީހުން ފޮނުއްވައިގެން ފޭރާން ބައްލަވައިގެން ގެންނަވައި އަސީރުންގެ ކޮންމެ މީހަކަށް މިޞުރުގެ ހެދުމެއް ދެއްވިއެވެ. އެދުވަސްވަރު މިސުރުގެ ހެދުމަކީ ރީތިކަމާއި ފެންވަރު ރަނގަޅުކަމުގައި މަޝްހޫރު އެއްޗެކެވެ.

ހިޖްރައިން ނުވަވަނަ އަހަރު ޠައްޔުވަންހައިގެ އަސީރުން މަދީނާއަށް ގެނެވުނުއިރު، އެބައިމީހުންގެ ތެރޭގައި މަޝްހޫރު خاتم الطّا|ئ ގެ ދަރިކަނބަލުން صفّانة ވެސް އިންނެވިއެވެ. އެޒަމާނުގައިވެސް ޢަރަބި އަންހެނުންނަކީ ބޯނިވައިކޮށް އުޅުނު ބައެކެވެ. ނަމަވެސް صفّانة ގެ އަތްޕުޅުގައި އެކަމަނާގެ އިސްތަށިފުޅު ނިވާކުރައްވާނެ ބުރުގާކޮޅެއްވެސް ނެތެވެ. އިތުރު ސާހިބާ ހަމައެވަގުތު އެކަލޭގެފާނުގެ ރިދާކޮޅު އެކަމަނާއަށް ދެއްވިއެވެ. ދުވަސްކޮޅަކު މަދީނާގައި ބައިންދަވައިފައި ދަތުރުފުޅުމަތީގެ ފަރީއްކޮޅާއި ސަވާރީ ދެއްވައިފައި ދޫކޮށްލެއްވިއެވެ.

އިސްލާމްދީނުގައި ބަޔާންވެފައިވާ އަސީރުންގެ ޙައްޤުތަކާއި، އަސީރުންނަށް ހެޔޮކޮށް ހިތުމަށް ޤުރްއާނާއި ސުންނަތުގައި އައިސްފައިވާ އިރްޝާދުތަކުގެ ސަބަބުން ތަޢައްސުބުން ފުރިފައިތިބި އެތައްބަޔަކު ވަނީ އިސްލާމްވެފައެވެ. އޭގެތެރެއިން އެކަކީ ޔަމާމާގެ ވެރިޔެއް ކަމުގައިވާ ثمامة بن آثال އެވެ. އޭނާ ހައްޔަރުކުރެވިގެން މަދީނާއަށް ގެނެވުނުތާ ހަތަރުވަނަޔަށްވީދުވަހު، އިސްލާމްވެވަޑައިގެންފިއެވެ. ނަބަވީ ދަރުބާރުން އޭނާއަށް ހިތްތެވި ހެޔޮފުޅުކަމުންނެވެ. ޞަޙާބީންގެ އޯގާވެރިކަމުގެ ސަބަބުންނެވެ. އިތުރު ސާހިބާ ސަހާބީންގެ އެކިގޭގެއިން ކާބޯތަކެތި ޖަމާކުރައްވައި އެކަލޭގެފާނު ބަނޑުހައިފުޅުކަމުގައި ހުންނަވައިގެން އޭނާއަށް ފަރީއްކޮޅު އެރުއްވިއެވެ. ހެނދުނާއި ހަވީރު އޭނާގެ ޖަމަލުން ކިރު ހިއްޕެވުމުގެ ހުއްދަ ދެއްވިއެވެ. އެންމެފަހުން އޭނާގެ ހިތްޕުޅުގެ ޝުޢޫރު ފާޅުކުރައްވަން މަޖްބޫރުވެވަޑައިގަތެވެ. އޭނާ ވިދާޅުވިއެވެ.

[އޭ މާތް اللّه ގެ ރަސޫލާއެވެ. މީގެކުރިން ކަލޭގެފާނާއި ކަލޭގެފާނުގެ އަހްލުންނަށްވުރެ އަޅުގަނޑު ރުޅިއަރާ ބަޔަކު ދުނިޔެއަކު ނުވެއެވެ. ނަމަވެސް މާތް اللّه ގަންދެމެވެ. މިހާރު ކަލޭގެފާނާއި ކަލޭގެފާނުގެ އަހްލުންނަށްވުރެ އަޅުގަނޑު ލޯބިވާ ބަޔަކު ދުނިޔެއަކު ނުވެއެވެ.]

ޝައްކެއްނެތެވެ. އިތުރު ސާހިބާ ކުރެއްވި ބައެއް ހަނގުރާމަތަކުގައިވަނީ އެޒަމާނުގެ އާދަކާދައާއި އުސޫލުތަކުގެ މަތިން ބައެއް މީހުން ހައްޔަރުކުރައްވައިފައެވެ. ސިފައިންނަށް ބައްސަވައި ދެއްވައިފައެވެ. ނަމަވެސް ފަހުން ވަނީ އެބައިމީހުންވެސް މިނިވަންކުރުމުގެ ފިޔަވަޅު އަޅުއްވައިފައެވެ.

 އިސްލާމްދީން ކުށްވެރީންނަށް ކަނޑައަޅައިފައިވާ އަދަބުތަކުގެ އަސާސީ މަޤްޞަދަކީ، ކުށްވެރީންނަށް އެބައިމީހުންގެ ކުށް އިޙްސާސްކޮށްދިނުމެވެ. ހަމައެޔާއެކު އެމީހުން އިޞްލާޙު ކުރުމެވެ. ކުށްވެރީން ހައްޔަރުކުރުމާއި، އެމީހުންނަށް އަދަބު ދިނުމުގެ މަޤްޞަދަކީ، އެބައިމީހުން ނިކަމެތިކޮށްލުމެއްނޫނެވެ.

ކުރީންވެސް ދަންނަވައިފައިވާ ފަދައިން، އަސީރުންނާބެހޭ ޖެނީވާ ކޮންވެންޝަނަކީ، އަސީރުންނާ ބެހޭގޮތުން އިސްލާމްދީނުގައިވާ ނަމޫނާތަކުގެ ކޮޕީއެކެވެ. އެ މުޢާހަދާގެ އެއް މާއްދާއެއްގައިވާގޮތުން، އަސީރުންގެ ގޮތުގައި ތިބޭ އަންހެނުންނަށް ވަކި ސެލްތަކެއް ހެދުން ޤައުމުތަކަށް ލާޒިމުކުރެއެވެ. ފިރިހެން އަސީރުންގެ ޖިންސީ ގަދަބަދަވިކަމުން ސަލާމަތްކުރުމަށްޓަކައެވެ. އިސްލާމްދީނުގައި ފެށުނީއްސުރެވަނީ ޤައިދީންގެ އަންހެނުންނާއި ފިރިހެނުން ވަކިކޮށްފައެވެ. އިސްލާމީ ތާރީޚުގެ ކުރީކޮޅުގައި ޖަލުގެ ތަޞައްވުރެއް ނެތެވެ. ނަބަވީ ދައުރާއި ޞިއްދީޤީ ދައުރުގައި އަސީރުން ބައިތިއްބަނީ، މުސްލިމުންގެ ގޭގެއާއި މިސްކިތްތަކާއި ފޭލިގެތަކުގައެވެ. އެންމެ ކުރީއްސުރެ އަންހެނުންނަށްވަނީ ވަކި ފޭލިގެތަކެއް ހަމަޖައްސައިފައެވެ.
------------------
 (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ