އަދުގެ ޚާއްސަ

Print

ކުށްވެރިޔަކީ އަހަންނެވެ.

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މަރިޔަމް ޒޫނާ މަތީން 
   

އެތަކެއް ހިތި ތަޖުރިބާތަކަކާއި ހިތްދަތި ދުވަސްތަކެއް ކަޑައްތު ކުރުމައްފަހު މި ރެއަކީ އައިހާގެ ހަޔާތަށް ވަރަށް ބޮޑު އުފާވެރިކަމެއް ވެރިކުރުވައިދިން ރެއެކެވެ. ހިތަށާއި ސިކުނޑިއަށް ފިނިކަމެއް ގެނެސްދިން ރެއެކެވެ. އަލަތު ކައިވެނީގެ ރެއެވެ. އެއީ އަންހެންކުއްޖެއްގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ރޭކަން ގައިމެވެ. ޔަޒާނާއި އައިހާގެ ކައިވެނީގެ ހަފުލާއަށްޓަކައި ޔަޒާންގެ ގޭގެ ގޯތިތެރެ ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ތަފާތު އެކި ކުލަކުލައިގެ ކުލަބޮކިތަކުން މުޅި ހިސާބުގަނޑު ވަނީ ޒީނަތްތެރި ކުރެވިފައެވެ. މެހުމާނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކާއި ނަން ހުސްކޮށް އަތުރައިފައިވާ ކާއެއްޗެހިން މުޅި ގޯތިތެރެވަނީ ފުރައިލައިފައެވެ. ކާއެއްޗެހީގެ މީރުވަހާއި އިވެމުންދާ ހިތްގައިމު މިއުޒިކުން ހަފުލާގެ ހިތްގައިމުކަން އެތައްގުނައަކަށް އިތުރުކުރުވައެވެ. ޕާޓީގެ ގަޑި ފެށުމާއެކު ދައުވަތުދީފައިވާ މެހެމާނުންތަށް ގޭތެރެއަށްވަދެ ތޮށްޖެހެމުންދެއެވެ. ޔަޒާންގެ އާއިލާގެ މެންބަރުންނާއި އެދެމަފިރިންގެ ރަހުމަތްތެރިން ކޮޅުކޮޅުމައްޗަށް ދުވެ މަޖާނަގަމުންދެއެވެ.                                                         
ޔަޒާނާއި އައިހާތިބީ ކައިވެނީގެ ހެދުމުގައެވެ. އެ ހެދުމުގައި ތިބި އިރު އެ ދެމީހުންގެ ރީތިކަން އިތުރަށް ފުރިހަމައެވެ. ޔަޒާނަކީ އިސްކޮޅުން ދިގު ދޮން ހަށިގަނޑެއްގެ ވެރި ޒުވާނެކެވެ. ކޯޓުފަޓުލޫނުގައި އޭނާ މިރޭ ހުރިއިރު ފެނުނު ކޮންމެ ޖިންސުލަތީފަކު ވެސް ހިތްކަތިލާހާ ރީއްޗެވެ. އޭނާ އަކީ އެ ރަށުގެ ޒުވާންފުރައިގެ ހުރިހާ އަންހެންކުދިން ވެސް އެ މީހަކަށް ހިތް އެދެމުންދިޔަ އަދި އެމީހަކަށް އިންތިޒާރުކުރި ޒުވާނާއެވެ. އެއީ ކިޔަވައިގެންހުރި އެރަށުގެ ތަނަވަސް އާއިލާއެއްގެ ކުއްޖެކެވެ. އައިހާ އަކީ ޔަތީމު ކުއްޖެއްކަމުގައި ވިޔަސް މިއަދު ޔަޒާންއަކީ އޭނާގެ މިލްކެކެވެ. އޭނާގެ އަލަތު ފިރިމީހާ އެވެ. ޤަދަރާއި މުދާ ލިބިފައި ނެތަސް އައިހާއަކީ ރީތިކަމުގެ ލާމަސީލު މިސާލެކެވެ. ހަމައެއާއެކު އައިހާއަށް ލިބިފައިވާ ރަނގަޅު އަޚުލާޤާއި ހިތްހެޔޮކަން މި ރީތިކަން އެތައްގުނައަކަށް އިތުރުކުރެއެވެ. ހުދުކުލައިގެ ކައިވެނީގެ ހެދުމުގައި ފިނިފެންމަލެއްފަދައިން ފޮޅިފައިވާއިރު ޔަޒާނަށް އައިހާ ފެންނަނީ ޝެހެޒާދީއެއްފަދައިންނެވެ. މިފަދަ ހިތްގައިމު ޖޯޑަކާއެކު މިފަދަ ފުރިހަމަ ހަފުލާއެއްގައި ބައިވެރިވެލުމަކީ ހަމަކޮންމެ މީހެއްގެ ވެސް އެދުމަކަށް އަދި އުފަލަކަށް ވާނޭކަން ގައިމެވެ.
       
އައިހާއަށް އޭނާގެ ހަޔާތުގެ ބައިވެރިއަކަށް ޔަޒާންފަދަ ރީތި ތަނަވަސް އާއިލާގެ ކުއްޖަކު ލިބުނީތީ އުފާކުރެއެވެ. އަދި އެއީ އޭނާގެ ނަސީބުކަމުގައި ދެކި ޝުކުރުވެރިވެއެވެ. އައިހާ ޔަތީމު ހާލުގައި އުޅުނު ދުވަސްތަށް މާޒީއާއި އެކުވެ ގޮސް ރަށުގެ ގަދަރުވެރި އާއިލާއެއްގެ މެންބަރަކަށްވެގެންދިޔައީއެވެ. ދުނިޔެއަކީ ތޮށަލިދުޅައަށް ދައުރުވަމުންދާއެއްޗެކެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއްއަންނާނެއެވެ. އެއީ ދުނިޔޭގެ ގާނޫނެވެ. އައިހާ އަކީ އެންމެ ކުޑަދުވަހު މައިންބަފައިން ނިޔާވެފައިވާ އެކަނިވެރިއެކެވެ. ގޭގޭގައި ނޯކިރީކޮށްދޭން އުޅުނު ނިކަމެތި ކުއްޖެކެވެ. ނަމަވެސް އަބަދުވެސް އޭނާއަށް ރަށުގެ ރައްޔިތުންގެ ލޯބި ލިބިފައިވެއެވެ.
       
ހިތްތަކަށް އުފާވެރިކަން ގެނެސްދެމުން އެހަފުލާ ވެސް ނިމިއްޖެއެވެ. ޔަޒާނާއި އައިހާ އަށެވެ. ޔަޒާންގެ އާއިލާގެ މެންބަރުންނާއި އެދެމެފިރިންގެ ރަޙުމަތްތެރިންނަށެވެ. ގާތްތިމާގެ މީހުނާއި ހެޔޮއެދޭ މީހުނަށެވެ. ހަމައެހެންމެ މިހަފުލާ ވެގެންދިޔައީ އެތައް ހިތްތަކަކަށް މާޔޫސްކަމާއި ހިތްދަތިކަން ގެނެސްދެމުންނެވެ. ޔަޒާނަށް އެދިއެދި ތިބި ޒުވާން ޖިންސު ލަތީފުންގެ ހިތްތަކަށެވެ.
       
އެރޭގެ އެ އުފާވެރި ކައިވެންޏައްޓަކައި ޔަޒާންގެ ކޮޓަރިވަނީ ވަރަށް ފުރިހަމައަށް ތައްޔާރުކުރެވިފައެވެ. ފިޔާތޮށި ކުލަ އާއި ދަނބުކުލައިން ފާރުތައް ޒީނަތްތެރި ކުރެވިފައިވާ އެ ތަނަވަސް ކޮޓަރީގައި އަގު ބޮޑު ފަރުނީޗަރުތައް އަތުރައިލައިފައިވެއެވެ. ދެމީހުންގެ އެކިވަރުވަރުގެ ފޮޓޯތަކާއި އައިހާގެ ފަރާތުން ޔަޒާންއަށް ލިބިފައިވާ ހަދިޔާތައް ކޮޓަރީގެ އެތަންމިތަނުން ފެންނަން ހުއްޓެވެ. މި ހުރިހައި ކަމަކަށްވުރެ ބޮޑަށް ފާހަގަވަނީ  ފިނިފެންމަލުގެ ފިޔަތަކުން ޖަރީކުރެވިފައިވާ އެދެމީހުންގެ ނިދާ އެނދެވެ.
        
ޔަޒާން އައިހާ ގޮވައިގެން އެދެމީހުންނަށްޓަކައި ތައްޔާރުކުރެވިފައިވާ ކޮޓަރިއަށްވަނެވެ. ޔަޒާން އައިހާގެ ހަށިގަނޑުގައި ހިފާ ގާތްކޮށްލިއެވެ. އެވަގުތު އައިހާ ލަދުވެތި ކަމާއެކު އޭނާގެ އެރީތި ދެއަތްތިލައިން އެމައުސޫމް މޫނު ފޮރުވާލިއެވެ. އަދި ދުވެފައި ގޮސް އެނދުގައި އިށީނެވެ. ޔަޒާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދި މަޑުމަޑުން އައިހާގެ ގާތުގައި އިށީނެވެ.
         
"މިރޭ ތިޔަ ރީތި ހަނދު އަހަރެންނަށް ނުފޮރުވާ. އަހަރެން ހިތްފުރެންދެން ބެލިޔަދީ.." ޔަޒާން ހިތަށްއަރައި ފައިބަމުން ދިޔަ ޖަޒުބާތުތައް ލަފުޒުތަކެއްގެ ގޮތުގައި އައިހާގެ ކުރިމައްޗަށް ބަންޑުން ކޮށްލިއެވެ.
        
"ނޫން.... ލަދުގަނޭ....." އައިހާގެ ތުންފަތް ލަދުވެތިކަމާއެކު ހަރަކާތް ކުރިއެވެ.
  
ޔަޒާންގެ ތުންފަތަށް އަނެއްކާ ވެސް ހިނިތުންވުމެއް ވެރިވިއެވެ. އަދި އައިހާއާ ބޮޑަށް ގާތްވެލިއެވެ. އެވަގުތު ވެގެންދިޔައީ އެކޮޓަރިއަށް އަލިކަން ފޯރުކޮށްދެމުންދިޔަ ބޮކީގެ އަލިކަން ފަނޑުވި ވަގުތަށެވެ. އެއާއެކު އެކޮޓަރިތެރެއަށް ހަމަހިމޭންކަން ވެރިވެގެންދިޔައެވެ.
       
އެރޭ ވެގެންދިޔައީ އެދެމަފިރިންގެ ހަޔާތަށް އައި ވަރަށް އުފާވެރި ރެއަކަށެވެ. އެތަކެއް ވަޢުދުތަކަކާއި  އަހުދުތަކެއް އެކަކު އަނެކަކަށްޓަކައި ވިރެއަކަށެވެ. ހަނދާނުން ފޮހެނުލެވޭނެ އެތަށް ކަންތައްތަކެއް އެދެމެދުގައި ހިނގައި ދިޔަ ރެއަކަށެވެ. އަލަތު ކައިވެނީގެ ރެއަކީ ކޮންމެ ދެމެފިރިއަކު ވެސް އެ ރެއެއްގެ މަތިން އަބަދުވެސް ހަނދާންކުރާނޭ ރެއެއްކަން ޔަގީނެވެ.
       
އުޑު މަތީގައި ކަޅު ބޯ ވިލާތައް ގިނަ ރެއެކެވެ. ދަންވަމުން ދިޔަ ވަރަކަށް ޖެހެމިންދިޔަވައިވެސް ދިޔައީ ބާރުވަމުންނެވެ. ނިދައިލަން ފަސޭހަ ރެއެއްކަމުގައި ވިޔަސް ނިހާގެ ލޮލުން ނިދީގެ އެއްވެސް އަސަރެއްފެންނާކަށް ނެތެވެ. އެދުގައި ދެފަރާތަށް ފޮރޮޅިފޮރޮޅި އޮތް ނިހާ އިރު އިރުކޮޅާ ބާލީސްދަށުން ފޮޓޯގަނޑެއް ނަގައި ބަލައިލައެވެ. މޭގައި ޖައްސައި ބާރުކޮށްލައެވެ. އެންމެ ފަހުން އެނދުން ތެދުވިއެވެ. އަދި ކޮޓަރީގެ ކުޑަދޮރުގައި ދަމައިފައިވާ ފޮތިގަނޑު ކަހާލައި ދޮރު ހުޅުވާލިއެވެ. އޭރު ކޮންމެވެސް ވަރަކަށް ވާރޭވެސް ދިޔައީ ވެހެމުންނެވެ. އިރު އިރުކޮޅާ ގައިގައި ބީހިލާ ފިނިފިނި ވައިރޯޅިތަކުން ގައިން ހީބިހި ނަގައިގެންދެއެވެ. އޭނާ ހުރީ ކޮންމެވެސް ފުން ހިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. ކުއްލިއަކަށް ޖެހި ބާރު ގުގުރިއަކާއެކު ސިއްސައިގެންގޮސް ހަޅޭލަވައި ނުގަނެވުނީ ކިރިޔާއެވެ. އަވަސް އަވަހަށް ކުޑަދޮރު ލައްޕައިލައިފައި ގޮސް އެނދުގައި އޮށޯތެވެ. އަދި ނިދޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ސިކުނޑިއަށް ވެރިވެފައިވާ ޚިޔާލުތަކެއް އޭނައަށް ނިދުން އުޒުރުވެރިކުރުވައެވެ.
       
ކުއްލިއަކަށް ފޯނު ރިންގުވާން ފެށިއެވެ. ނިހާ ފޯން ބަލާލިއެވެ. ސައިފެވެ. ސައިފަކީ އަބަދުވެސް ނިހާގެ ލޯތްބަށް އެދިއެދި ހުންނަ މީހެކެވެ. ނިހާ މެލޭޝިޔާ އަށް ކިޔަވަން ދިޔަ ފަހުން ވެސް ސައިފު ވަރަށް ގިނައިން ނިހާއަށް ގުޅައެވެ. ނަމަވެސް އޭނާގެ ހުރިހާ ކޯލަކަށް ނިހާ ޖަވާބެއް ނުދެއެވެ. ސައިފު މަސްތުވާތަކެތި ބޭނުންކުރާކަން އެނގުނު ފަހުން އަދި އޭނާގެ ކޯލްތަކަށް ނިހާ ޖަވާބު ދެނީ މަދު ފަހަރެއްގައެވެ. ސައިފަށް ނިހާ ކިތެންމެ ކަމުދިޔަކަމުގައި ވިޔަސް ނިހާއަކަށް ސައިފުގެ ކިބައިން ގަޔާވާފަދަ އެއްވެސް ސިފައެއް ނުފެނެވެ.  ނިހާ ފޯން ބިޒީ ކޮށްލިއެވެ. އަދި ފުންނޭވާއެއް ލުމައްފަހު އަނެއް ފަރާތަށް އެނބުރުނެވެ. ނިހާ ލޯމަރައިލިއެވެ. ކުޑަ ހިނދުކޮޅކަށް ނަމަވެސް ނިދޭތޯއެވެ.
       
ނިހާ އަށް ކުއްލިއަކަށް ހޭލެވިއްޖެއެވެ. އަނެއްކާވެސް ފޯން ރިންގު ވަނީއެވެ. ދެލޯ ފޮހެލާފައި ފޯނު ބަލާލިއެވެ. ސައިފެވެ. ނިހާ ރުޅިއައެވެ. ނަމަވެސް މިފަހަރު ނިހާ ބޭނުންވީ ފޯން ނަގާށެވެ. އޭނާގެ ހިތުގައިވާ ހުރިހާއެއްޗެއް ސައިފާއި ދިމާއަށް ކިޔާލަށެވެ.
          
" ކީކޭ.....ނުވާނެ އެހެނެއް؟ އަހަރެން ޤަބޫލެއް ނުކުރާނަން "ނިހާ އެއްޗެކޭ ބުނުމުގެ ކުރިން ސައިފު ދިން ޚަބަރަކުން ނިހާ އަށް ލިބުނީ ޝޮކެކެވެ.
-----------------
(ނުނިމޭ)

މި ވާހަކަ
     ފޮނުވުން:    އަލްފާޟިލާ މަރިޔަމް ޒޫނާ މަތީން
     އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ