އަދުގެ ޚާއްސަ

Print

ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ކުޑަކުދީންނަކީ މާތް اللّه ގެ ދީލަތިވަންތަކަމުގެ ވަރަށް ފުރިހަމަ ހެއްކެކެވެ. ދަލީލެކެވެ. އަޖާބުވާފަދަ ފުރިހަމަ ތަޞްވީރެކެވެ. އެކަލާނގެ އުފެއްދެވުމުގެ ކުޅަދުންވަންތަކަމުގެ ޙައިރާންވެ އަންތަރީސްވާފަދަ ރީތި ނަމޫނާއެކެވެ. އެކުދީންގެ ލޯބިލޯބި މަޢުޞޫމް ސޫރަ، މީހުންގެ ހިތްތައް ދަމައިގަންނަނީ އިޚްތިޔާރުން ބޭރުގައެވެ. އެކުދީންގެ ލޯބިލޯބި އަދާތަކާއި ހިތްގައިމު ހިނިތުންވުމާއި، ތުއްތުތުއްތު ބަހުރުވައާއި، މަޖާކަމާއި، ލާނެތްކަމާއި މިއިން ކޮންމެ ކަމަކާމެދު ވިސްނައިލިޔަސް މިއިންކޮންމެ ކަމަކީވެސް ހިތުންފިލުވައިލުންދަތި ހިތްގައިމު ސުބަ ކަންތައްތަކެކެވެ. ހިތްތަކަށް އުފާވެރިކަން ލިބިދޭ ކަންތައްތަކެކެވެ. މޮޅިޔާއި ހިތާމައިގެ އުދާސްތައް ފިލުވައިލާ ކަންތައްތަކެކެވެ. އަނެއްކޮޅުން ކުޑަކުއްޖެއްގެ ކިބައިގައި ފޮރުވިފައިވަނީ ކިހާމަތިވެރި ޝަޚްޞިއްޔަތެއްކަމެއް އަޅުގަނޑުމެންނަކަށް ދުރާލައި ވަޒަންކުރާކަށެއް ނޭނގެއެވެ. ހަމައެކަނި މައިންބަފައިންނާއި ޢާއިލާއަކަށެއް ނޫނެވެ. މުޖްތަމަޢަށާއި ޤައުމަށް އޭނާ ފޯރުވާނެ ނުފޫޒާއި ހޯދައިދޭނެ ލާބަޔަކީ އެއްވެސްމީހަކަށް ހިތަށްވެސް ގެނެވޭނެ ކަންތައްތަކެއް ނޫނެވެ.

ކުޑަކުދީންނަކީ ޤައުމުގެ މުސްތަޤްބަލެވެ. ޢާއިލާގެ ދިރުމެވެ. މައިންބަފައިންގެ އުންމީދެވެ. އެހެންކަމުން ކުޑަކުދިންނަކީ ފުރިހަމަ ތަރުބިޔަތަކާއި ތަޢުލީމެއް ދޭންޖެހޭ ބައެކެވެ. އެކަމުގެ އަހައްމިއްޔަތު އަޅުގަނޑުމެންނަށް އެންމެބޮޑަށް ވަޒަންކުރެވޭނީ ޤައުމުގެ ޙާލަތާމެދު ވިސްނައިލުމުންނެވެ. އިސްލާމީ އުންމަތް ވެއްޓިފައިވާ ފުންވަޅުގަނޑާމެދު ޚިޔާލުކޮށްލުމުންނެވެ. އަޚްލާޤީ އިންދިރާސްކަން ހިތަށް އަރުވައިލުމުންނެވެ. އުންމަތުގެ ނޭކަކަމާއި ޟަޢީފުކަމުގެ ސަބަބުތަކާމެދު ފިކުރު ހިންގައިލުމުންނެވެ. ޝައްކެއްވެސްނެތެވެ. އަރަހުށި މާތް ﷲ މިއުންމަތަށް ދެއްވައިފައިވާ އެންމެ ހެޔޮއުންމަތުގެ މަޤާމުން މިއުންމަތް މަޙްރޫމްވެފައިވަނީ އުންމަތުގެ ކުޑަކުދިންނާއި، ޒުވާނުންގެ ތަރުބިޔަތާއި ތަޢުލީމާމެދު ޣާފިލުވެވުމުގެ ސަބަބުންނެވެ. މިދުނިޔޭގައިވެސް މިއުންމަތަށް ޙައްޤު ކުރައްވައިފައިވާ މަތިވެރި މަޤާމުން ޢަޒުލުކުރެވިފައިވަނީ މިދެންނެވި ސަބަބާހުރެއެވެ.

މުސްލިމް ޝަޚްޞިއްޔަތެއް ފަރުމާކޮށް ބިނާކުރުމުގައި ސަމާލުކަން ދޭންޖެހޭ އަސާސީ ތިން ދާއިރާއެއް ވާކަމުގައި ދެންނެވިދާނެއެވެ. އެ ދާއިރާތަކަކީ:

1.    އެއްކައުވަންތަ ކަލަކަށް ފުރިހަމަޔަށް އީމާންވުމުގެ ފިކުރު އުފެއްދުން.
2.    މުހިންމު މިޝަނެއް ޙަވާލުކުރައްވައިފައިވާ އުންމަތެއްގެ ފަރުދެއްކަމުގެ އިޙްސާސް އުފެއްދުން.
3.    ހެވާއި ނުބައި ވަކިކޮށް ދެނެގަތުމުގެ އެކަށޭނަކަމާއި ޤާބިލިއްޔަތު އުފެއްދުން.

ޢާއްމު އުސޫލެއްގެ ގޮތުން ބަލާއިރު، އިސްލާމީ އުންމަތަށް މިހާރު ކުރިމަތިވެފައިވާ ނިކަމެތިކަމުގެ ތެރެއިން އަރައިގަތުމަށްޓަކައި މަސައްކަތް ކުރެވެމުން މިއަންނަނީ، މިދެންނެވި ދާއިރާތަކަށް ސަމާލުކަންދީގެން ހަރުދަނާ ޖީލެއް އުފައްދަންކަމުގައި ބަލަމާހިންގަވާށެވެ. ތަފާތު އިސްލާމީ ޙަރަކާތްތަކާއި ޢިލްމީ އިދާރާތަކާއި، މަދަރުސާތަކުގެ ޒަރީޢާއިން މިކަމަށްޓަކައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި ބަލަމާ ހިންގަވާށެވެ. ނަމަވެސް މަސައްކަތުގެ އެދެވޭ ނަތީޖާއެއް ފެންނަމުން ނުދާކަމުގައި އިޢްތިރާފްވާން ޖެހެއެވެ. ވޭތުވެގެންމިދާ ސަތޭކަވަރަކަށް އަހަރު އިސްލާމީ އުންމަތުން މިރޮނގުން ކުރެވިފައިވާ މަސައްކަތުގައި މިދަންނަވާ އުނިކަން ހުރިކަމުގައި ޤަބޫލުކުރަން ޖެހެއެވެ.

1.    އިސްލާމީ އުންމަތުގެ މިއަދާއި މާދަމާއަށް ބޭނުންވެފައިވާ ދަރީންގެ ބާވަތް ފުރިހަމަޔަށް ފާހަގަނުކުރެވުމާއި، ވަގުތީ މަޞްލަޙަތުތަކާއި ހިލޭމީހުންގެ ލަފައާއި އިރްޝާދުތަކަށް ވިސްނުމެއްނެތި ތަބާވެވުން.
2.    ޢިލްމީގޮތުންނާއި، ފިކުރީގޮތުން ބޭނުންވާވަރަށް ތައްޔާރު ނުވެވުން.
3.    ބޯދާ އާދަކާދަޔަށް ތަބާވެވުމާއި، ޝަޚްޞިއްޔަތުތަކަށް އަޅުވެތިވެވޭގޮތް މެދުވެރިވުން.

މިދެންނެވި ކަންތައްތަކުގެ އިތުރަށް އަޅުގަނޑުމެންނަށް މަސައްކަތް ފަށައިގަނެވޭ ހިސާބުގައިވެސް މަސްއަލަތަކެއް އުޅޭކަމުގައިވަނީ ފާހަގަކުރެވިފައެވެ. ވަރަށްގިނަފަހަރަށް އިސްލާމީ ތަހްރީކުތަކުގެ މަސައްކަތަކަށް ވެފައިވަނީ، ތުއްތުކުދީންނާއި ޒުވާނުން ބިނާކުރުމުގެ ބަދަލުގައި ތަންކޮޅެއް ހަރުވެފައިވާ ބަޔަކު ވަކިގޮތަކަށް ލެންބޭތޯ ބެލުމެވެ. އިސްލާމީ ޝަޚްޞިއްޔަތެއްގައި ހުންނާންޖެހޭނެ ކަމުގައި، އިސްވެދެންނެވި ތިން ޝަރުޠު ފުރިހަމަނުވާ ބަޔަކު ދަޢުވަތުގެ މައިދާނަށް ނެރެގެން ބޭނުންވާ ނަތީޖާ ޙާޞިލުކުރެވޭތޯ މަސައްކަތް ކުރުމެވެ.

މިއަދު އިސްލާމީ އުންމަތަށް ބޭނުންވެފައިވަނީ، ކުޑަކުދީންނާއި ޒުވާނުންގެ ފެންވަރުގައި މުސްލިމް ޝަޚްޞިއްޔަތު ބިނާކުރުމުގެ މަސައްކަތް ފެށުމެވެ. އެހެނީ، ކުރީންވެސް ދެންނެވިފަދައިން، ފިކުރީ ތަރުބިޔަތާއި، ވިސްނުން ބައްޓަންކޮށް ތަރައްޤީ ކުރުމުގައި ބޮޑެތި މީހުނަށްވުރެ ނަތީޖާ ރަނގަޅުވަނީ ކުޑަކުދީންނާއި ޒުވާނުންނަށް އިސްކަން ދިނުމުންނެވެ. އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم، على بن أبى طالب رضى اللّه عنه ފަދަ ޒުވާނުން ތަރުބިޔަތު ކުރައްވައިފައިވަނީ މިދެންނެވިގޮތުގެ މަތީންނެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ ސީރަތުން ފިލާވަޅު ލިބިގަނެގެން މިއަދުގެ މުސްލިމުންވެސް ބޮޑަށް ސަމާލުކަން ދޭންޖެހެނީ ކުޑަކުދީންނާއި ޒުވާނުންގެ ތަޢުލީމަށާއި ތަރުބިޔަތަށެވެ. ކުޑަކުދީންނާއި ޒުވާނުންގެ ކިބައިގައި މިދަންނަވާ ސިފަތައް އުފެއްދުމުގެ ވިސްނުން ބަހައްޓައިގެންނެވެ.

1.    ޢަޤީދީގޮތުން ހަރުދަނާ ބަޔަކަށް ހެދުން.
2.    ސަލާމަތް ކެރެކްޓަރެއްގެ ވެރި (ރީތި، ހަރުދަނާ އަޚްލާޤެއްގެވެރި، ދީނީ ވިސްނުމެއް ގެންގުޅޭ) ބަޔަކަށް ހެދުން.
3.    ކީރިތި ޤުރްއާނާއި ޙަދީޘުން ސީދާ އިރްޝާދު ލިބިގަތުމުގެ ޤާބިލިއްޔަތު އުފެއްދުން.
4.    މިޒަމާނުގެ މަސްއަލަތަކާއި މިހާރުގެ ދުނިޔެއަށް ލޯހުޅުވައިދިނުން.
5.    ކޮންމެވެސް ދާއިރާއަކުން ޚާއްޞަވެފައިވާ (ސްޕެޝަލައިޒްވެފައިވާ) ބަޔަކަށް ހެދުން.

    ޝައްކެއްނެތްގޮތުގައި، މިފަދަ ބަޔަކު އުފެއްދޭނީ، އެބަޔެއްގެ ޅަފަތަށް ޚާއްޞަ ނަޒަރެއް ބަހައްޓައިގެންނެވެ.

ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާމެދު ނަބަވީ އިރްޝާދު

މިޒަމާނުގައި އިސްލާމީ ޤައުމުތަކުގެ މުޅި މާޙައުލު ވަނީ ވަރަށްބޮޑަށް ތަފާތުވެފައެވެ. އިންތިހާޔަށް ކިލަނބުވެފައެވެ. ތަޢުލީމާއި ތަރުބިޔަތުގެ ނިޒާމު ބިނާވެފައިވަނީ، اللّه އަށް ބިރުވެތިވާ ބަޔަކު އުފެއްދުމުގެ މަޤްޞަދުގައެއް ނޫނެވެ. ޚަބަރުފަތުރާ ވަސީލަތްތައްހުރީ، ދީނީ ވިސްނުން ގެންގުޅޭ ބައެއްގެ އަތްމައްޗަކު ނޫނެވެ. ނަތީޖާއެއްގެ ގޮތުން، ހަފަރާތަށް ވެރިވެފައިވަނީ، ދީނާ ދުރުހެލިވުމެވެ. އަޚްލާޤީ އަގުތަކާ ޚިލާފުވުމެވެ. މާއްދިއްޔަތަށް އަޅުވެތިވުމެވެ. އަމިއްލަ އެދުމަށް އަޅުކަން ކުރުމެވެ. ޖިންސީ ހައިހޫނުކަމެވެ. ޓީވީތަކުގެ ޑްރާމާ ސީރީޒްތަކާއި، ފިލްމުތަކާއި، ނޫސްމަޖައްލާތަކާއި، އިންޓަރނެޓާ ހުރިހާ އެއްޗެއްސަކުންވެސް މުޖްތަމަޢަށް ގެނެސްފައިވަނީ ފާހިޝްކަމުގެ ޠޫފާނެކެވެ. ނަތީޖާއެއްގެ ގޮތުން، ތަފާތު އިޤްތިޞާދީ، އިޖްތިމާޢީ، އަޚްލާޤީ، ރޫޙާނީ މަސްއަލަތަކެއްވަނީ ބޯހިއްލައިލައިފައެވެ. ކަންމިހެން ހުރުމާއެކު، މިހާރުގެ ޙާލަތާ ކުރިމަތިލެވޭނީ، ވަރަށް ހަރުދަނާ އަޚްލާޤެއްގެ ވެރިބަޔަކަށެވެ. ހެޔޮލަފާ ސީރަތެއްގެ ވެރިބަޔަކަށެވެ. އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް ދީން ކުރިއެރުވުމުގެ ވިސްނުން ގެންގުޅޭ ބަޔަކަށެވެ. މިކަހަލަ ބަޔަކު ތައްޔާރުކުރެވޭނީ، އެބަޔެއްގެ ޅަފަތަށް ސަމާލުކަން ދީގެންނެވެ. އިތުރު ސާހިބާގެ ރީތި އުސްވަތުން މިކަމަށް ވަރަށް ރަނގަޅު މިސާލުތަކެއް ފެނެއެވެ.

އިތުރު ސާހިބާ صلّى اللّه عليه وسلّم ޙަދީޘުކުރައްވައިފައިވެއެވެ.

ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އަންނަނީ ފިޠުރަތުގެ ސާފުސީދާ ގޮތުގައެވެ. އެކުއްޖަކު ޔަހޫދީއަކަށް ނުވަތަ ނަޞާރާއަކަށް ނުވަތަ މަޖޫސީއަކަށް ހަދަނީ އެކުއްޖެއްގެ މައިންބަފައިންނެވެ. (ބުޚާރީ، މުސްލިމް)

ކައުސާހިބާ صلّى اللّه عليه وسلّم ޙަދީޘުކުރައްވައިފައިވެއެވެ.

އިންސާނާ މަރުވުމުން އޭނާގެ ޢަމަލުތަކުގެ ސިލްސިލާ މެދުކެނޑިދެއެވެ. ތިންކަމެއް މެނުވީއެވެ. އެ ތިންކަމުގެ ދަރުމައާއި ޘަވާބުގެ ސިލްސިލާ ދެމިހުރެއެވެ.

1.    ދެމިހުންނަނިވި ޞަދަޤާތެއް.
2.    މީސްތަކުންނަށް ފައިދާކުރާނެ ޢިލްމެއް.
3.    މައިންބަފައިންނަށް ހެޔޮދުޢާ ކުރާނެ ހެޔޮލަފާ ދަރިޔެއް. (މުސްލިމް)

أبو موسى الأشعرى رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. [އަހަރެންނަށް ކުއްޖަކު ލިބުމުން އަހަރެން އެ  ދަރިފުޅު ގޮވައިގެން رسول اللّه صلّى اللّه عليه وسلّم ގެ އަރިހަށް ހިނގައްޖައީމެވެ. އެކަލޭގެފާނު އެދަރިފުޅަށް އިބްރާހީމެވެ ވިދާޅުވެ ނަންދެއްވިއެވެ. އެދަރިފުޅަށް ކަދުރުކޮޅެއް ދެއްވިއެވެ.] (ބުޚާރީ)

އިތުރު ސާހިބާގެ ޙަދީޘުފުޅެއްގައިވެއެވެ. [ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ގޮވައިލެއްވޭހުށީ، ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ކާބަފައިންގެ ނަމުންނެވެ. އެހެންކަމުން (ކުދީންނަށް) ރަނގަޅު ނަންތައް ކިޔާށެވެ. (އަބޫދާއޫދު)

އިތުރު ސާހިބާ صلّى اللّه عليه وسلّم ވަނީ ކުށްމާނަތަކާއި، ނުރަނގަޅު މާނަތައް ހުންނަ ނަންތައް ބަދަލުކުރައްވައިފައެވެ. عبد اللّه بن عمر رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. عمر رضى اللّه عنه ގެ އެއްދަރިކަނބަލެއްގެ ނަންފުޅަކީ، عاصية (ނުކިޔަމަންތެރި) އެވެ. އިތުރު ސާހިބާ އެނަން ބަދަލުކުރެއްވިއެވެ. އެކަމަނާގެ ނަންފުޅަކީ جميلة ކަމުގައި ހަމަޖެއްސެވިއެވެ. (ތިރުމިޒީ) ޙަދީޘާއި ސީރަތުގެ ފޮތްތަކުގައި މިބާވަތުގެ ވަރަށްގިނަ ޙާދިޘާތައް ބަޔާންކުރެވިފައިވެއެވެ. أبو سعيد އެކަލޭގެފާނުގެ ދަރިކަލަކަށް ދެއްވި ނަމެއްވެސް އިތުރު ސާހިބާ ބަދަލުކުރެއްވިއެވެ. އެދަރިކަލުންގެ ނަންފުޅަކީ منذر ކަމުގައި ހަމަޖެއްސެވިއެވެ. (ބުޚާރީ، މުސްލިމް)

އިތުރު ސާހިބާ صلّى اللّه عليه وسلّم ގެންދެވީ ޢަރަބީންނަށް އައު ތަހްޒީބަކާއި ޘަޤާފަތެއް ތަޢާރުފްކޮށްދެއްވަމުންނެވެ. އެހެންކަމުން، ކުޑަކުދީންގެ އިތުރަށް ބޮޑެތި ބައެއް މީހުންގެ ނަންތައްވެސް ބަދަލުކުރެއްވިއެވެ.

އެއްދުވަހަކު އިތުރު ސާހިބާގެ އަރިހަށް މީހަކު ޒިޔާރަތް ކުރިއެވެ. އިތުރު ސާހިބާ އޭނާގެ ނަމަކީ ކޮބައިތޯ ސުވާލު ކުރެއްވުމުން ޖަވާބު އެރުވިއެވެ. [ޝައިޠާނު ބުނު ޤުރުޡެވެ.] ޙަދީޘުކުރެއްވިއެވެ. [ނޫނެކެވެ. عبداللّه بن قرظ އެވެ] އިތުރު ސާހިބާގެ އަރިހަށް އައި އެހެން މީހަކު އޭނާގެ ނަމެއް ކަމުގައި ދެންނެވީ، ޣާފިލުއެވެ. އިތުރު ސާހިބާ އޭނާގެ ނަމަކީ عاقل ކަމުގައި ހަމަޖެއްސެވިއެވެ. ޢާޞީ އެވެ ކިޔުނު މީހެއްގެ ނަން مطيع އަށް ބަދަލުކުރެއްވިއެވެ. ވަރަށްގިނަ ނަންތައް ބަދަލުކުރައްވައި، އެތައް ނަންތަކެއް ކިޔުން މަނާކުރެއްވިއެވެ. ނަމަކީ އިންސާނާގެ ޝަޚްޞިއްޔަތަށް ވަރަށް ބޮޑަށް އަސަރު ފޯރުވާ އެއްޗެކެވެ. ނަމަވެސް، އިސްލާމީ މުޖްތަމަޢުން މިހާރު ވަނީ އިތުރު ސާހިބާގެ މި ސުންނަތާމެދު ފަރުވާކުޑަ ކޮށްލައިފައެވެ. އެއްވެސް މާނައެއްނެތް [ޢާއިލީ] ނަންތަކެއް ކުދީންނަށް ކިޔުން އާދަޔަކަށް ހަދައިފައެވެ.
----------------
(ނުނިމޭ)

ނޯޓު: މި ލިޔުން ފަންވަތުގައި ޝާއިޢު ކުރާނީ 5 ބަޔަށް ބަހައިލައިގެންނެވެ. މިއީ ފުރަތަމަ ބައެވެ.


މި ލިޔުން:

       ފޮނުވުން:              އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
       އަލުންބެލުމާއި ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

ވާހަކަ