އަދުގެ ޚާއްސަ

Print

މައްޔިތުންގެ މުޒާހަރާ

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

                              
އާދަމް ނަޞީރު އިބްރާހީމް (2011)

1980ގެ ކުރީ ކޮޅެވެ. ދުވަހަކީ ފުރަތަމަ އަލަށް އަޅުގަނޑު ހުކުރަށް  ދިޔަ ދުވަހެވެ. ރަށުގެ މާ މިސްކިތް ހުންނަނީ މީހުން އުޅޭ ހިސާބާ ވަރަށް ދުރުގަ އެވެ. ކިތަންމެ ދުރަސް ހާލަތު ނިޔާކުރާ ގޮތުން، އޭރު އެއްމެން ހެން ދަނީ ފައިމަގުގަ އެވެ. ހިނގައިފައެވެ. ތަނަވަސް، ބޮޑުމަގުން ހިނގަމުން ގޮސް މިސްކިތާ ވަކި ހިސާބަކަށް ކައިރި ވެވޭ އިރު ފެންނަ ތަފާތު މަންޒަރަކާ މެދު ސުވާލު އުފެދުނެވެ. ކޯޅި ކޯޅިޔަށް ބައިބަޔަށް މީހުން ހިނގަމުންދާއިރު، މަގުގެ ކަނާތްފަރާތުންދާ ކޮންމެ ކޯޅިއެއް ވެސް، ވަކި ހިސާބަކުން މަގު މެދަށް ޖެހިލާތީ އެވެ. އޭރުން އެ ނިކުމެވެނީ ރުއްގަހުގެ ހިޔަލުން ނެއްޓި ރަތްދަކަ އަތްވަށެވެ. ނަމަވެސް މި ކަމެއް އެބަ ހިނގަ އެވެ.

އިރުކޮޅެއް ވީރު އަޅުގަނޑާ ބައްޕައާ ދެބަފައިންނަށް ވެސް އެހިސާބާ ވަރަށް ކައިރިވެވިއްޖެ އެވެ. ''ދަރިފުޅާ މި ފަރާތަށް އާދޭ!'' ބައްޕަ އަޅުގަނޑުގެ އަތުގައި ހިފައިލައިފައި އަޅުގަނޑު ގޮވައިގެން މަގު މެދަށް ނެއްޓިލި އެވެ. ވީ ގޮތް އެނގުނީ ހުކުރު ނިންމައިފައި އެނބުރި ގެ އަށް އާދެވުނު ފަހުންނެވެ. ހުކުރުން ފައިބައިގެން ގެޔަށް ދިޔުމުގައި ވެސް މީހުން އަމަލު ކުރީ އެގޮތަށް ކަމަށްވާތީ، ކުރެވުނު ސުވާލުތަކެއްގެ ޖަވާބު ލިބުމުން މައްސަލަ ސާފުވީ އެވެ.

މާ މިސްކިތުގެ އުތުރަށް، ވަށައިފާރެއް ލެވިފައި އެ ވާތަނަކީ ރަށުގެ ގަބުރުސްތާނެވެ. އެ ތާނގައި ހުރި ރުއްރުކުގެ ދަށުގައި އެ ރުއްރުކުން ވެރިފައިވާ އެތަށް ކާށްޓެއް އެހެން ހުރެ ރުއްފަޅައިފައި ހުއްޓެވެ. ފޯރުންތެރިކަން ކުޑަ ޒަމާނެއްކަމުގައި ވިޔަސް،  އާންމުކޮށް ވަލު ހިނގާ މީހުން ވެސް ސަހަރާތެރެއަށް ނުވަންނަނީ އެވެ.

ސަހަރާގެ ވަށައިފާރުން ނެއްޓި މައިމަގަށްވާ ގޮތަށް ބިމުން މައްޗަށް އުފުލިފައިވާ ދެތިން ގާ ކޮޅު ފާހަގަ ކުރެވުނެވެ. އެ ވީ އެތާނގައި މީހަކު ވަޅުލެވިފައި ވެއްޖެ ކަމުގެ ނިޝާނެއްކަމުގަ އެވެ.  އެ ތަނުގައި ފައިތިލަ ބީއްސާލުން ކީއްކުރަންތޯ އެވެ؟ އެއިން ގާކޮޅެއްގައި ވެސް ނުޖެހި ރަށުގެ މުޅި ރައްޔިތުން އެއަށް ފަރުވާތެރިވި އެވެ. ކިތަންމެ ޒަމާނެއް ވެފައި ވީ ނަމަވެސް، މައްޔިތަކަށްވީތީ އެ ތާނގައި އޮތް އިންސާނާއަށް ކަމޭ ހިތުމުގެ ގޮތުންނެވެ. އިޙްތިރާމު ކުރުމުގެ ގޮތުންނެވެ.

ދެން އޮތީ 2011ވަނަ އަހަރުގެ ވާހަކަ އެކެވެ. އޯގަސްޓުމަހުގެ ތިރީސް ވަނަ ދުވަހުގެ ރޭގެ ވާހަކަ އެކެވެ. އަށްގަޑި ބައި އެހައިކަށްހައި އިރު އަޅުގަނޑަށް ހިނގައިފައި ގޮސް އަރައި ހަމަވެވެނީ މާފަންނު ސަހަރާއާ އެވެ. ވަގުތަކީ ޢީދުގެ އުފަލާއި، ނިމިދިޔަ ރޯދައިގެ ވަރުބަލީގައި ދުއްވާއެއްޗެހި ވެސް ބަނޑުޖަހައިލައިގެން ތިބި ވަގުތެކެވެ. މާލެތެރެ ހަލަބޮއްޔެވެ. އެންމެންހެން ފައިމަގުގައެވެ. ފެންޖެހުމުގަ އެވެ. ކުލަޖެހުމުގައެވެ. ކުޅިވަރާއި މަޖަލުގަވެ. ދުވުމާއި ފުމުމާއި، ފެހުމާއި ފަހައިގަތުމެވެ. ކުލަ ފެން ކޮތަޅުތަކެއް ހިފައިގެން ޒުވާނަކު ހަޅޭއްލަވަމުން ދުވެފައި އާދެ އެވެ. އޭނާގެ ކުރިން އެ ފުރައިގެ ދެތިން ކުދިން ބަޑިބަޑިއަޅައިފައި އަންނަނީ މިނިކާވަގުގެ ކުރިން ދުވެފައިދާ ރަންމަންފުއްލާތަކެއް ފަދައިންނެވެ. ހަރު ދުވެލީގަ އެވެ. އޭން ކުއްޖަކާ މުޑިނާރާ އަޅުގަނޑު ފަކީރު ވެސް ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ޢިއްޒުއްދީނު ހިނގުމުގެ ދެކުނަށް އޮތްބައިން މަޖީދީ މަގަށް ނިކުމެވުނު އިރު، ހަތަރު ކުދިންހެން ތިބީ މާފަންނު ސަހަރާގެ، ތަޅައި ތިރިކޮށްލެވިފައިވާ ފާރުމަތިން ހުރަސްކޮށް ސަހަރާތެރޭގަ އެވެ. އެ ހިސާބުން އެކުދީންގެ ''އީދު ފަން'' ފެށުނީ އެވެ. މަހާނަތަކުގެ ތެރޭގައި ވަރަށް މަޖަލެވެ. އެއްގަލުން އަނެއް ގަލުން ރެކިލާ ގޮތެވެ. އުސް ބިސްތާނަތަކުގެ މަތިން ފުމެލާ ގޮތެވެ. ފަސްގަނޑު ހަރު ތާކަށް ބިމަށް އިންދައިލެވުނު ފޭރާ އެއްހެން އަޅުގަނޑަށް ހުރެވުނީ ގުޑުމެއް ވެސް އަރުވާލަން ނޭނގިފަ އެވެ.


ހަނދާނަށް އައީ އަޅުގަނޑުމެން އިސްލާމުންގެ ޢަޤީދާގައި، ނުވަތަ އިސްލާމުން ގަބޫލު ކުރާގޮތުގައި މައްޔިތުންނަކީ ކޮންބައެއްކަމެވެ. ބަދުރު ހަނގުރާމަ ދުވަހަށް އިޝާރާތް ކުރައްވައި، ސީރަތުގައި ޞަލާޙުއްދީން ވިދާޅުވެފައިވެ އެވެ. ކައު އިތުރު މާތް ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، ބަދުރުގައި މަރުވެ ދިޔަ މުޝްރިކުންނާމެދު ޙަދީޘް ކުރެއްވި އެވެ. ''ތިމަންކަލޭގެފާނަށް ﷲ ކުރެއްވި ވަޢުދުފުޅު ތެދުކަމުގައި ފެނިއްޖެ އެވެ. ތިޔަ ބައި މީހުންނަށް ކުރެއްވި ވަޢުދުފުޅު ތެދުކަމުގައި ފެނޭހެއްޔެވެ؟'' މި ތަންވަޅު މާތްﷲ ރުއްސުންލެވި ސައްޔިދިނާ ޢުމަރު ބުނުލްޚައްޠާބު ދެންނެވި ކަމުގައި އޮވެ އެވެ. މަރުވެފައި ތިބި ބަޔަކާ ކަލޭގެފާނު ތިޔަ މުޚާޠަބު ކުރައްވަނީ އެމީހުންނަށް ކަލޭގެފާނު ތިޔަ ވިދާޅުވާއެއްޗެއް އިވޭނެތޯ އެވެ؟ ޖަވާބުގައި ޙަދީޘް ކުރެއްވިކަމަށްވެ އެވެ. ''އިވޭނެ އެވެ. ތިޔަބައި މީހުންނެކޭ ވެސް އެއްފަދައިން، އަދި ކިޔެއްތަ؟ އެއަށްވުރެ ވެސް މާ ސާފުކޮށް އިވޭނެ އެވެ. ނަމަވެސް އަދަކު ދެން ޖަވާބެއް ނުދެވޭނެ އެވެ.''  

މި ފަދަ އެހެން ވާހަކަ އެކެވެ. އަލްލަމްޢަތުއްޡާހިރާ އޭ ކިޔުނު ފޮތުގައި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ވިދާޅުވެފައިވެ އެވެ. މައްޔިތެއްގެ ޖަނާޒާއެއް ގެނެވޭ މަންޒަރު ފެނިވަޑައިގެން ކީރިތި މާތް ނަބިއްޔާ ފުންމައިގެން ތެދުވެވަޑައިގަތެވެ. އެހިނދު ދެންނެވުނެވެ. އޭ ﷲގެ ރަސޫލާ އެކެވެ. އެއީ ޔަހޫދީއެއްގެ ޖަނާޒާ އެވެ. ޙަދީޘްކުރެއްވި އެވެ. ''އޭގައި ނަފުސެއް ނުވޭހެއްޔެވެ؟'' މާނައަކީ ކޮބައިތޯ އެވެ؟ މައްޔިތާއަށް ކަމޭ ހިތުމުގައި ވަކި ދީނެއް އުމުރެއް ޒަމާނެއް މަކާނެއް ބަލާކަށް ނުޖެހެ އެވެ.

މައްޔިތާ ގާތުގައި އޭނާގެ އަހުލުން، ރޮއި ހިތާމަ ނުކުރުމަށް ވެސް އަންގަވައިފައި ވާ ކަން ޢިލްމުވެރިންގެ ވާހަކަފުޅުން އެނގިފައި ވެ އެވެ. ގާތްތިމާގެ މީހުންގެ ރުއިމުން މައްޔިތާ އަށް އަޒާބު ލިބޭކަމަށް އޮންނަ ބަސްފުޅެއްގެ އަލީގަ އެވެ. މި ބަސްފުޅުގައި އޮތް ''އަޒާބު'' ގެ މުރާދަކީ އެ ކަމުން  މައްޔިތާ އަށް ފޯރާ ހިތްދަތިކަމާއި، އުނދަގޫ އިޙްސާސްތައް ކަމަށް ވެ އެވެ.

ޙަޤީޤަތަކީ މިއީ ކަމަށްވާއިރު، އިސްވެ ދަންނަވައިލެވުނު، ދިވެހި ތާރީޚުގެ ދެ ޒަމާނަށް އަލުން ވިސްނާލަމާތޯ އެވެ؟ 1980ވަނަ އަހަރަކީ ރާއްޖޭގައި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށުނު އަހަރެވެ. ރާއްޖޭގެ ރައްޔިތުންގެ %37 އަކީ އޭރު ލިޔަން ކިޔަން ވެސް ނުދަންނަ މީހުންނެވެ. ރަސްމީ ތަޢުލީމެއް ދެވޭ، ރާއްޖޭގައި ހުރީ ހަމަ އެކަނި (މާލޭގައިހުރި) ހަތަރު މަދަރުސާ އެވެ. އެ ވެސް ވަރަށް އާދައިގެ ގޮތެއްގައި ހިނގާ ތަންތަނެވެ. މި އަދު އެހެންތޯ އެވެ؟ ލިޔަން ކިޔަން ނުދަތުންވަނީ ގާތްގަނޑަކަށް ފޮހެލެވިފަ އެވެ.  %97 އަކީ ލިޔަން ކިޔަން ދަންނަ މީހުންނެވެ. ޕްރީސްކޫލްތަކާ މަދަރުސާތަކެވެ.  ކޮލެޖުތަކާއި ކުއްލިއްޔާއާއި ޤައުމީ ޔުނިވަރސިޓީ އެވެ. ފުން ދިރާސާާ އަކުން ނޫނީ ސީދާ އަދަދު ލިބި ނުގަނެވޭނެ،  ދަންނަބޭކަލުންގެ ބޮޑު އާބާދީ އެވެ. އޮހެމުންދާ ދީނީ ދަރުސުތަކެވެ. ފެތުރެމުންދާ މަޢުލޫމާތުގެ ފޮތްތަކާއި، ވެބްސައިޓްތަކެވެ. ހޭލުންތެރިކުވުމުގެ މާ ސިންގާ ވިޔުގަތަކެވެ.

އެކަމަކު ނަތީޖާ މި އޮތީ ކޮންހާލެއްގައިތޯއެވެ؟ މުޖުތަމަޢަށް ވެފައި މި އޮތީ ކިހިނެއްތޯއެވެ؟ ޙައްޤުތަކާ ޒިންމާތައް ލިޔެވިފައިވާ ފޮތްތަކާ އެވާހަކަ ދައްކާ އަނގަތައް ވެސް ހާދަ ގިނަ އެވެ. މާފަންނު ސަހަރާގައި ވަޅުލެވިފައި އެ ތިބަ މީހުންނަކީ މި ޒަމާން ދެކޭނެ ބައެއް ނޫނެވެ. އެ މީހުން މި ފަސްގަނޑު ދޫކުރީ އިޙްތިރާމުގެ ލަފުޒީމާނަ އާއި، ޢަމަލީ މާނަ ބުނެދޭން ނޭނގުނަސް އެކަން އަމިއްލަ ނަފުސުން ތަންފީޒު ކުރާހާލުގައި ނޫންތޯ އެވެ؟ ސަހަރާތަކަށް ވަދެ މައްޔިތުންނަށް އުނދަގޫ ކުރާ މީހުންނާ މެދު އެ މައްޔިތުން ކުރާނީ ކޮން ކަހަލަ އިޙްސާސްތަކެއްބާވަ އެވެ؟  މާލޭގައި ގެރި ބަކަރި ގެންގުޅުނު އިރު މި ނުފޮރުއްޕާން، މައްޔިތުންނަށް ކުރީ ގެރިބަކަރި އެވެ. ކަށްގާތައް ބިންދީ ބުއްދިއެއް ނެތް އުޑެއް ބުޑެއް ނުދަންނަ ޖަނަވާރުތަކެވެ. އެއީ ޖަނަވާރުކަން ކަނޑައަޅައި ބުނަން އެ މައްޔިތުންނަށް ވެސް އެނގޭނެ އެވެ. ހަމަ އެހެންމެ ހުކުރު ހޯމައިގައި އެ މަހާނަތަކުގެ ދޮށަށް ޒިޔާރަތް ކުރާ މީހުންގެ މަޑުމޮޅިކަމާއި އެ ކުރާ ހެޔޮ ދުޢާތަކުގެ ސަބަބުން، އެއީ ކުރިން ދެކެފައި ނެތް ޝަޚްޞެއްކަމުގައި ވިޔަސް، ހަމަ ޔަޤީނުން ވެސް އެއީ އިންސާނުންކަން ވަކިކުރަން އެ މައްޔިތުންނަށް އެނގޭނެ އެވެ. އެކަމަކު އޭގެ މަދު އަހަރު ކޮޅަކަށްފަހު، މިހާރު މި ފެންނަ ހަރަކާތްތަކާއި އިހާނެތި އަމަލުތައް ހިންގާ މީހުންނަށް ދެވޭނީ ކޮން ނަމެއްބާ އެވެ؟ އެ މީހުންގެ ބުއްދިއާ ފިކުރުގެ ފެންވަރަކީ ކޮބައިބާވަ އެވެ؟ އިންސާނީ ކަރާމާތާއި އަޚްލާޤީ ޖަޒުބާތުގެ އަގު ކުރަން ދަތުމުގައި އެ ސިކުނޑިތަކުގެ ފެންވަރަކީ ކޮބައިބާވަ އެވެ؟ މައްޔިތުންނަށް މި ފޯރާ ދުއްތުރާތައް އެމީހުން ތަރުޖަމާ ކުރާނީ ކިހިނަކުންބާވަ އެވެ؟  މި ގައުމުގެ ދިރިތިބީންނާ މެދު އެ މައްޔިތުން ހިތްހެޔޮ ކުރާނެ ބާވަ އެވެ؟ މާދަމާ (ޤިޔާމަތް ދުވަހު)  އިންސާފުގެ ބިމުގައި މި ދަޢުވާތައް އެމީހުން ''ނު އުފުލާނެ'' ބާވަ އެވެ؟ ނޫނީ މައްޔިތުންގެ ޙައްޤުތައް ނުލިބޭތީ  އެމީހުން ވެސް މި އަދު  މުޒާހަރާއަކަށް ނިކުންނަަންވީ ބާވަ އެވެ؟ ދަންނަވަން އޮތީ އެ މީހުން އެބަ ''މުޒާހަރާ'' ކުރެ އެވެ. ކުރާނެ އެވެ. ވަކި ގަބުރުސްތާނަކުން ނޫނެވެ. ހުރިހައި ގަބުރުސްތާނު ތަކަކުންނެވެ. އާދޭހާއި ވޭނުގަ އެވެ. ގިލަނާއި ކެކުޅުމުގަ އެވެ. ނަފުރަތާއި ނުރުހުގައި ވެސްމެ އެވެ.  އަޅުގަނޑުމެންގެ ޟަމީރުގެ ކަންފަތަށް ޖަހައިފައި ހުރި ޣަފުލަތުގެ ބޮނބި އުނގުރި ލުއްސައިލަނިކޮށް އެ އަޑު ވަރަށް ގަދައަށް އިވޭނެ އެވެ. އާހް...!!  މިއީ ކޮންފަދަ ޙައްސާސީ ވާހަކަތަކެއް ހެއްޔެވެ؟ ކޮންފަދަ ޖަޒުބާތީ ސުވާލުތަކެއް ހެއްޔެވެ؟ ކޮންފަދަ އިހާނެތި އަމަލެއްތަކެއް ހެއްޔެވެ؟ 

ކޮންމެޔަކަސް ވިސްނައި ވިސްނައި ވެސް މިއިން އެއްވެސް ސުވާލަކަށް ދޭނެ ސީދާ ޖަވާބެއް އަޅުގަނޑަކަށް ނޭނގުނެވެ. ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާނަމަ ގަބުރުސްތާނުތަކުގެ ފާރުތައް ތަޅައި ތިރި ކުރަން ޖެހުނީ ވެސް ބައެއް ފަހަރަށް އެ ތަންތަން ''ފިނިފެންމާ ފޮނުވާ ކުދިން'' ގެ ޕާކުތަކަކަށް ބަދަލުވާތީ އެވެ. ބައެއް ފަހަރަށް ''ޝަރާބު ޚާނާ'' ތަކަކަށް،  އަދި ބައެއް ފަހަރަށް،  ކާވަނި ރަޖިސްޓަރީ ނުކޮށް ''ދެ މަފިރިންނަށް ވެފައި ވާ'' ޖޯޑު ޖޯޑު ގެ ނިދާ އެނދަށް ވެސް އެތަންތަން ވެގެންދާތީ އެވެ. ކީއްތޯ އެވެ؟ މައްޗަންގޮނޅީ ސަހަރާގައި  މަހާނަތަކު މައްޗަށް ކޮއްޅަށް ތިބެ ކުޑަކަމުދާ މަންޒަރު ވެސް ސީދާ އަޅުގަނޑުގެ ދެ ލޮލުން ދުށީމެވެ.  އެހެންކަމުން އަދުގެ މައްޔިތުންނަށް ބަސް  މޮށެ އުޅެވޭނަމަ ކިތައް ޝަކުވާ އުފުލޭނެ ތޯއެވެ؟ ކިތައް އާދޭސް އަޑު އިވޭނެތޯ އެވެ؟ ކިތައް ހައްދު ރެޔަކާ ދުވާލު ސާބިތުވާނެތޯ އެވެ؟  ހާލު ހުރި ގޮތަކީ މި އެވެ.

ކޮންމެ އަކަސް މައްޔިތުންގެ ދުލަކުން އަޅުގަނޑުމެންނަކަށް މި މައްސަލަތަކުގެ ސަބަބެއް ނުފިލާނެ އެވެ. އެމީހުންނަކަށް މި އަދަކު އެކެއް ނުވެވޭނެ އެވެ. ދަޢުވާއެއް ނުއުފުލޭނެ އެވެ. ސްޕްރީމް ކޯޓު ދޮށަކަށް، ރައްޔިތުންމަޖިލިސް ކުރާ ގޭ ދޮށަކަށް ނުދެވޭނެ އެވެ.  އެހެންކަމުން މި ޚުޠޫރަތްތެރި މައްސަލައާ މެދު ވިސްނައި ފިކުރުކުރާނެ ބަޔަކު ދިރިތިބީންގެ ތެރޭން އުފެދޭކަށް ނުވޭތޯ އެވެ؟  ހަމަ އެހެންމެ މައްސަލައިގެ ހައްލާމެދު ޚިޔާލު ކޮށްލާ އިރު، މި ފަދަ ކަންކަމާމެދު ވިސްނާ  މުފައްކިރުންގެ އިރުޝާދުތަކަށް ތަރުޙީބުގެ ނަޒަރެއް ދިނުމަށްވުރެ ރަނގަޅު ގޮތެއް ވެސް   އަޅުގަނޑުގެ ބުއްދިއަކަށް ނުފެނެ އެވެ.  ޚާއްޞަކޮށް މައްސަލައިގެ ފެށުން ގުޅިފައިވާ ހިސާބެއް ދެނެގަތުމުގަ އެވެ.  ޅެންވެރިޔަކު ވިދާޅުވެފައި ވާ އަންނަނިވި ޙަޤީޤަތާ އިސްވެ ދަންނަވައިލެވުނު މައްސަލައާ އޮތީ ކިހައިވަރެއްގެ ގުޅުމެއްތޯ އަޅެ ވިސްނައިލުން ކީއްތޯ އެވެ؟   

             ތަރުބިއްޔަތެއް ނެތުމާއެކީ ތަޢުލީމަކީ ލިބެވޭ

                                 ފަރުވާއެކޭ އަދި ބޭހެކޭ ބައްޔަށް ލުޔެއް  ނުލިބޭ

----------------
(ނިމުނީ)


ނޯޓު: މި ލިޔުމުގައި ހިމަނައިފައި މި އޮތް ޅެންބައިތުގެ ޝާޢިރަކީ ކޮން ބޭފުޅެއްތޯ އޮޅުން ފިލުވަން ކުރެވުނު މަސައްކަތް އަދި ސާބިތު ގޮތެއްގައި ކޮޅެއްގައި ޖެހިފައެއް ނެތެވެ. ނައިފަރު އަލްމަރުޙޫމު ޢަލީ ޙުސައިންގެ ޅެންބައިތެއް ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެ އެވެ. ފަޟީލަތުއްޝައިޚް އަލްމަރުޙޫމު ޙުސައިން ޞަލާޙުއްދީނުގެ ޅެންބައިތެއް ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެ އެވެ.  ލިބިފައިވާ މަޢުލޫމާތު އަޅައި ބަލައިލުމުން އަޅުގަނޑަށް ބޮޑަށް ބުރަވެވެނީ މަރުޙޫމު ޢަލީ ޙުސައިންގެ ޅެންބައިތެއް ކަމަށެވެ.   - ނަޞީރު -


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ