އަދުގެ ޚާއްސަ

Print

"ނަމަވުން"، މިއީ ޒަމާނުގެތެރޭގައި ހިމަނަންޖެހޭ ބައެއްކަމަށް ޤަބޫލުކުރަންތަ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ނަމަވުމާއި އެހެންޒަމާންތަކާ ހުރި ފުށުއެރުންތައް


މުސާ ޝަރީފު ޢަލީ ޝަރީފު، ދުންފިނިގެ، ލ. މާވަށް

1.    ތަޢާރުފު

ބަހުގެ ގަަވާއިިދާ ބެހޭގޮތުން، އެންމެ ފުރަތަމަ ވާހަކަދައްކައިފައި ވާ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 4 ވަނަ ޤަރުނުގެ ތެރޭގައި ގްރީކްގެ ބަސްވާރުންނެވެ. އޭގެ ފަހުން މިއަދާ ހަމައަށް އައިއިރު ވެސް ދުނިޔޭގައި ވާހަކަދެކެވެމުން އަންނަ އެކި ބަސްބަހުގެ ޤަވާޢިދާމެދު ބަސްވެރިންނާއި ބަސްވާރުންނާއި ޢިލްމުވެރިން އަންނަނީ ޤަވާޢިދު ފޮތްތަކެއް ލިޔަމުންނެވެ. މި ގޮތުން، ދިވެހިބަހުގެ ގަވާއިިދާ ބެހޭގޮތުން ލިޔެފައިވާ އެންމެ އިހުގެ ލިޔުމެއްކަމަށް ބެލެވެނީ، ނައިބު ތުއްތު ލިޔުއްވާފައިވާ ތަޤްވީމުއްލިސާނިއެވެ. ނުވަތަ ތާނަލިޔުމުގެ ގަވާއިދެވެ. ނުވަތަ މި ދެ ފޮތެވެ. އެއަށްފަހު، ދިވެހިބަހުގެ ޤަވާޢިދުފޮތް 4،3،2،1، ނެރުމާ ހަމައަށް، ދިވެހިބަހުގެ ޤަވާޢިދާ ބެހޭގޮތުން އައީ ފޮތްތަކެއްލިޔެވެމުންނެވެ. އެހެންނަމަވެސް، ޤަވާޢިދުގެ ބައެއް ބައިތަކާމެދު، އަދިވެސް އެކިވަރުގެ އޮޅުން އަރާކަމަށް ބައެއް ބަސްވާރުން އެއްބަސްވެވަޑައިގަންނަވައެވެ. އެގޮތުން، ދިވެހިބަހުގެ ޤަވާޢިދު 4،3،2،1 ގައި ދިވެހިބަހުގެ ޒަމާން ބަހައިފައިވާ ހަ ބައިގެ ތެރޭގައި "ނަމަވުން" ހިމަނައިފައިވުމުން އެއީ ޒަމާނެއްކަމަށް ޤަބޫލުކުރެވިދާނެތޯ އާއި ނަމަވުމާއި ޒަމާނުގެ އެހެން ބައިތަކާ ފުށުއެރުމެއްވޭތޯ މިއީ އުފެދޭ ބައެއް ސުވާލުތަކެވެ. އެހެންކަމުން، އަޅުގަނޑު މި މަޒުމޫނުގައި ބަލައިލައިފައިވާނީ، ޒަމާނަކީ ކޮބައިކަމާއި، ނަމަވުމަކީ ކޮބައިކަމާއި، ދިވެހިބަހުން ލިޔެފައިވާ ނަމަވުން އެކުލެވޭ ޖުމުލަތަކަށް ބަލާއިރު، "ނަމަވުން"، ދިވެހިބަހުގެ ޒަމާނުގެ ތެރޭގައި ހިމަނަން ޖެހޭ ނުވަތަ ނުޖެހޭ ސަބަބުތަކަކީ ކޮބައިކަމާއި، ނަމަވުމާއި (މިޒަމާނާއި) ދިވެހިބަހުގެ އެހެން ޒަމާންތަކާ ހުރި ފުށުއެރުންތަކަކީ ކޮބައިކަމުގެ މައްޗަށެވެ.

2.    ޒަމާނުގެ ތަޢާރުފު

ބަހެއްގައި ޒަމާން އަދާކުރާ ދައުރަކީ، ކަމެއް ހިނގުމުގެ ވަގުތު އަންގައިދިނުމެވެ. ދިވެހިބަހުގައި ކަމެއް ހިނގުމުގެ ވަގުތު އަންގައިދިނުމުގެ ގޮތުން، ތަފާތު ބަދަލުތައް  އެ ކަމަކަށް ގެނެވެއެވެ.
މިސާލު: ކުޅުނު، ކުޅެފި، ކުޅޭ، ކުޅެނީ، ކުޅޭނެ، ކުޅުނީސް.

މަތީގައިވާ މިސާލުގައި، ކަން ހިނގުމުގެ ވަގުތު އަންގައިދިނުމުގެ ގޮތުން "ކުޅުން" މި މަސްދަރަށް ތަފާތު ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރެވެއެވެ. "ކުޅުނު" މިހެންބުނީމާ އެއީ ވޭތުވެދިޔަ ދުރު ޒަމާނެއްގައި ވެފައި އޮތްކަމެއްކަން އެނގެއެވެ. "ކުޅެނީ" މިހެން ބުނީމާ އެއީ ވާހަކަދެކެވޭ ޒަމާނުގައި ހިނގަހިނގައި ހުރިކަމެއްކަން ދޭހަވެއެވެ. "ކުޅޭނެ" މިހެން ބުނީމާ އެއީ މުސްތަޤުބަލުގައި ހިނގާނޭ ކަމެއްކަން ދޭހަވެއެވެ. އެހެންކަމުން، ކަމުގެ ނަން ނުވަތަ މަސްދަރަށް، ތަފާތު ބަދަލު ގެނެސްގެން ކަން ހިނގުމުގެ ވަގުތު އަންގައިދޭކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު (2004) ހާމަކުރައްވާ ގޮތުގައި "ޒަމާނަކީ، ކަމެއް ހިނގި، ހިނގާ، ނުވަތަ ހިނގާނޭ ވަގުތު އަންގައިދިނުމުގެ ގޮތުން ކަމަށް ގެނެވޭ ބަދަލަށް ކިޔާނަމެކެވެ" (ޞަފުޙާ 24).

3. ޒަމާނާ ގުޅޭގޮތުން ކަން ބަހައިފައިވާ ބައިތައް

    ދިވެހިބަހުގެ ޤަވާޢިދުފޮތް 1،2،3،4ގައި ޒަމާނާ ގުޅޭ ގޮތުން ކަން ބަހައިފައިވަނީ ހަ ބަޔަކަށެވެ. އެއީ، ވާކަން، ވޭވޭހުރިކަން، ވާނޭކަން، ނިމުނުކަން، ނިމިނިމުނުކަން، ނަމަވުން، މި ހަ ބަޔެވެ. މި ދިރާސާއަކީ، ޒަމާން ބެހޭ ހަބައިގެ ތެރޭގައި ނަމަވުން ހިމަނާފައިވުމުން އަރާ އޮޅުންތަކާ ބެހޭގޮތުން ހެދި ދިރާސާއަކަށް ވުމާއެކު ދިރާސާގެ އަންނަނިވި ބައިތަކުގައި ބޮޑަށް ވާހަކަދައްކާފައިވާނީ ނަމަވުމާ ބެހޭގޮތުންނެވެ.

4. ދިވެހިބަހުގެ ޤަވާޢިދުފޮތް-1،2،3،4 ގައި ނަމަވުމުގެ ތަޢާރުފު ދީފައިވާ ގޮތް

    ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ހާމަކުރައްވާ ގޮތުގައި ނަމަވުން، އެއީކަމެއް ހިނގީތީ ހިނގިކަމެއް، ނުވަތަ ކަމެއް ހިނގައިފިނަމަ ހިނގާނޭކަމެކެވެ. އަދި "މާ" މިއީވެސް ނަމަވުން ދޭހަކޮށްދޭ ބަހެއްމެއެވެ.
މިސާލު:
•    ވިއްސާރަވީތީ ދަތުރުލަސްވީއެވެ.
•    ރަނގަޅަށް މަސައްކަތްކުރިނަމަ ފާސްވީސް.
•    އެން އަރައިފިނަމަ މަސްވެރިކަން ރަނގަޅުވާނެއެވެ.
•    އެން އެރީމާ މަސްވެރިކަން ރަނގަޅު ވާނެއެވެ.
•    އެހެން ބުނީމާ އޭނާ ހިނގައްޖެއެވެ.

މަތީގައިވާ ފުރަތަމަ މިސާލުން "ލަސްވީ" ވިއްސާރަވީތީކަން އެނގެއެވެ. ދެވަނަ މިސާލުން ރަނގަޅަށް މަސައްކަތްކުރިނަމަ "ފާސްވީސް" ކަން ދޭހަވެއެވެ. ތިންވަނަ މިސާލުން އެންއަރައިފިނަމަ މަސްވެރިކަން "ރަނގަޅުވާނެ" ކަން ސާފުވެއެވެ. ހަތަރު ވަނަ އަދި ފަސްވަނަ މިސާލުންވެސް ނަމަވުން ދޭހަކޮށްދެއެވެ.
ވީމާ މި މިސާލުތަކުގައި އެވަނީ، ކަމެއް ހިނގީތީ ހިނގިކަން، ކަމާއި، ނުވަތަ ހިނގައިފިނަމަ، ހިނގާނޭކަން' ކަމެވެ.

5. ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކުން ނެގި މިސާލުތައް ބޭނުންކޮށްގެން "ނަމަވުން" މިއީ ދިވެހިބަހުގެ ޒަމާނުގެ ތެރޭގައި ހިމަނަންޖެހޭ ބައެއްކަމާ މެދު ބަހުސްކުރުން

މި ދިރާސާގައި އަޅުގަނޑު ބަހުސްކޮށްފައިވާނީ މައިގަނޑު 5 ޖުމުލައާމެދުއެވެ. ޖުމުލަތައް ހޮވުމުގައި އިސްކަންދީފައިވާނީ، އެކި ލިޔުންތެރިން ލިޔެފައިވާ، ލިޔުންތެރިކަމުގެ އެކި ބާވަތްތަކުން ހޮވައިލެވިފައިވާ، ލިޔުންތެރިކަމުގެ އެކި ދައުރުގެ ލިޔުންތަކުން މިސާލުތައް ނެގުމަށެވެ. އެ ގޮތުން، މިދިރާސާގައި ބަހުސްކޮށްފައިވާނީ، މައުމޫން ޢަބުދުލް ޤައްޔޫމާއި، މުޙައްމަދު ޖަމީލާއި، އަބޫބަކުރު އިބުރާހިމް ޢަލީއާއި، ޢަލީހުސައިނު ނައިފަރީ އާއި، އަދި ނަޞީމާ މުޙައްމަދާއި މިބޭބޭފުޅުން ލިޔުއްވާފައިވާ އެކި ލިޔުއްވުންތަކުން ނަގައިފައިވާ، ނަމަވުން އެކުލެވޭ މިސާލުތަކުގެ މައްޗަށެވެ.

5.1 "ދުނިޔޭގައި ތެލުގެ އަގު ބޮޑުވަމުންދާތީ، އެހެން ޤައުމުތަކުގައި ތެޔޮ ހޭދަކުރުން މަދުކުރުމަށްޓަކައި ތަފާތު ފިޔަވަޅުތައް އަޅަމުން އެބަދޭ."(މައުމޫން ޢަބުދުލް ޤައްޔޫމް، 2007)

މި މިސާލަށްބަލައިލާއިރު، މި ޖުމުލައަކީ ނަމަވުން އެކުލެވޭ ޖުމުލައެކޭ ދެންނެވިދާނެއެވެ. އެހެނީ ކަމެއް ހިނގަމުން ދަނީ ޝަރުތަކާ ލައިގެން ކަމަށްވާތީއެވެ. ކަމެއް ހިނގުމަށް ޝަރުތެއް ބޭނުންވާ ނަމަ އެއީ ނަމަވުމުގެ ޖުމުލައެއްކަމުގައި ބެލެވިދާނެއެވެ. މިޖުމުލައިގައި އޮތް ދެކަމަކީ އަގުބޮޑުވަމުން ދިއުމާއި، ފިޔަވަޅުތައް އަޅަމުން ދިއުމެވެ. ތެޔޮ ހޭދަކުރުން މަދުކުރުމަށްޓަކައި ފިޔަވަޅުތައް އަޅަމުންދަނީ ތެލުގެ އަގޮބޮޑުވަމުން ދާތީއެވެ. ކޮންމެއަކަސް، މިޖުމުލައިން ދޭހަވާ ޒަމާނާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ޖުމުލައިގައި ދެ ކަން ހިމެނިފައިވާކަން ފާހަގަކުރެވެއެވެ. ކަން ކަމަކަށް ވާނީ އެކަމުގައި ޒަމާނެއް އެކުލެވޭތީ އެވެ. ކޮންމެއަކަސް، އެ ދެ ކަމަށް ވަކިން ބަލައިލާއިރު، ފުރަތަމަ އޮތީ "އަގުބޮޑުވަމުންދާތީ" މި ކަމެވެ. މި ކަން ފެތެނީ ކޮންޒަމާނަކަށްތޯ ބަލާއިރު މި ކަމުންދޭހަވަނީ ބަސް ބުނާ ޒަމާނުގައި، ކަން ހިނގަހިނގާ ހުރުމުގެ މާނައެވެ. އެހެންކަމުން، މިއީ ވޭވޭހުރިކަމެކޭ ދެންނެވިދާނެއެވެ.

ޖުމުލައިގައި އޮތް ދެވަނަ ކަމަށް ބަލާއިރު، ފިޔަވަޅުއަޅަމުން އެބަދޭ، މި ކަމުން ދޭހަވަނީވެސް ބަސްބުނާ ހިނދު ހިނގަހިނގާ ހުންނަ ކަމެއްގެ މާނައެވެ. އެހެންކަމުން މި ކަން ފެތެނީވެސް ވޭވޭހުރިކަމުގެ ޒަމާނަށް ކަމުގައި ދެންނެވިދާނެ އެވެ. އެހެންކަމުން، މި ޖުމުލަ ފެތެނީ ކޮން ޒަމާނަކަށްތޯ ބަލާއިރު އެއީ ވޭވޭހުރިކަމުގެ ޒަމާނެވެ. ސަބަބަކީ، ޖުމުލައިގައި އެކުލެވިގެންވާ ދެ ކަން ވެސް ވޭވޭ ހުރިޒަމާނަށް ފެތޭތީއެވެ.

ދެން ބަލައިލާން ޖެހެނީ މި ޖުމުލަ ނަމަވުމުގެ ޖުމުލައަކަށް ވުމުގެ ސަބަބުން ވަކި ޒަމާނެއް ދޭހަވޭތޯއެވެ. ނަމަވުމުގެ ޖުމުލައަކަށް ވުމުގެ ސަބަބުން ވަކި އައު ޒަމާނެއް މި ޖުމުލައަކުން ދޭހައެއް ނުވެއެވެ. ސަބަބަކީ ޒަމާން ދޭހަވަނީ އެ ޖުމުލައެއްގައިވާ ކަމަށް ބަލައިގެންކަމަށް ވެފައި، މި ޖުމުލައިގައި ހިމެނޭ ދެ ކަން ވެސް، ވޭވޭހުރިކަމުގެ ޒަމާނަށް ފެތުމެވެ. އެހެންކަމުން، ނަމަވުން މިޖުމުލައިގައި އަދާ ކޮށްދޭ ދައުރަކީ ކަން ހިނގުމުގެ ވަގުތު އަންގައިދިނުމޭ ނުވަތަ ޒަމާން އަންގައި ދިނުމޭ ބުނެވޭކަށްނެތެވެ. "ނަމަވުން" މި ޖުމުލައިގައި ހިމެނިފައިވަނީ ކޮންގޮތަކުންތޯ ބަލާއިރު، ޖުމުލައިގައިވާ، އެއް ކަން ހިނގަމުންދާތީ، އެއާ ވިދިގެން ހިނގާ އެހެން ކަމެއްގެ ވާހަކަ ބަޔާންކޮށްދިނުމުގެ ގޮތުން "ނަމަވުން" ގެނެސްދީފައިވަނީކަމަށް ދެންނެވިދާނެއެވެ. ކޮންމެ އަކަސް، ޝަރުތަކާއިލައިގެންވެސް ނުވަތަ ނުލައިވެސް ޖުމުލައިގައި ވާ ކަން ހިނގުމުގެ ވަގުތު އަންގައިދޭ ދިނުމަކީ ޒަމާން އަދާކޮށްދޭ ދައުރަށް ވީހިނދު މި ޖުމުލައިގައިވާ ކަމަކީ ވޭވޭހުރި ޒަމާނުގެ ކަމަކަށް ވެފައި، އެކަން ހިނގުމުގެ ޝަރުތުވެސް އޮތީ ވޭވޭހުރިކަމުގެ ޒަމާނުގައި ކަމަށްވުމުން، މި ޖުމުލައަކީ ކުރިންވެސް ދެންނެވި ފަދައިން ވޭވޭހުރިކަމުގެ ޒަމާނުގެ ޖުމުލައެކެވެ. ވީމާ، މިޖުމުލައިގައި ނަމަވުން އަދާކޮށްދޭ ދައުރަކީ ޒަމާން ބުނެދިނުން ނޫންކަމަށް ވީހިނދު ޒަމާނުގެ ބައެއްގެ ގޮތުގައި ނަމަވުން ހިމަނަންޖެހޭކަމަކަށް ޤަބޫލެއްނުކުރެވެއެވެ.

5.2 "ކަލޭމެން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެންނަށް ތެދުމަގު ލިބޭނެއެވެ." (އަބޫބަކުރު އިބުރާހިމް ޢަލީ، 2008)
"ކަލޭމެން އެކަލޭގެފާނަށް ކިޔަމަންތެރިވެއްޖެއްޔާ ކަލޭމެންނަށް ތެދުމަގު ލިބޭނެއެވެ." މިޖުމުލައަށް ބަލާއިރު، މިޖުމުލައިގައިވެސް ދެކަން އޮތްކަން ފާހަގަކުރެވެއެވެ. ފުރަތަމަ ކަމަކީ ކިޔަމަމަންތެރިވުމެވެ. ދެވަނަ ކަމަކީ ތެދުމަގު ލިބުމެވެ. މިޖުމުލައިން ދޭހަވާ ކަން ހިނގުމުގެ ވަގުތަށް ބަލާއިރު "ތެދުމަގުލިބޭނެއެވެ" މިކަން ފެތެނީ ވާނެކަމުގެ ޒަމާނަށެވެ. އެހެންނަމަވެސް މިކަން ވުމަށް، އެހެން ކަމެއް ވުން ޝަރުތުކޮށްފައިވެއެވެ. އެއީ ކިޔަމަންތެރިވުމެވެ. ކިޔަމަންތެރިވެއްޖެނަމަ، ތެދުމަގު ލިބޭނެއެވެ. އެހެންކަމުން، ކަން ހިނގުމުގެ ވަގުތު ނުވަތަ ޒަމާނަކީ ވާނެކަމުގެ ޒަމާނެވެ. ޖުމުލައިގައި ނަމަވުން ހިމެނިފައިވުމުން، ޒަމާނަކަށް ވަކި އިތުރުބަދަލެއް ނާދެއެވެ. ސަބަބަކީ، ކަން ހިނގުމުގެ ވަގުތަކީ، ވާނެކަމުގެ ޒަމާނަށްވާކަމެވެ. އެޝަރުތު ފުރިހަމަ ވެއްޖެނަމަ  (ކިޔަމަންތެރިވެއްޖެނަމަ) އެކަން ވާނީ (ތެދުމަގުލިބޭނީ) މުސްތަޤުބަލުގައެވެ. ވާނޭކަމުގެ ޒަމާނުގައެވެ. ޝަރުތު ފުރިހަމަ ނުވެއްޖެނަމަ، އެކަން ނުވުމުގެ ފުރުޞަތުވެސް އެބައޮތެވެ. ކޮންމެ ގޮތަކަށް، ކަން ހިނގިކަމުގައި ވިޔަސް، ކަމުގެ ހަރަކާތް ހިނގާނީ ވާނޭކަމުގެ ޒަމާނުގައެވެ. އެހެންކަމުން، މިޖުމުލައަށް ބަލާއިރު، ނަމަވުން އަދާކޮށްދޭ ދައުރަކީ، ވާނެކަމެއް ވާން އޮތީ، ޝަރުތަކާ ލައިގެންކަން ބަޔާންކޮށްދިނުމެވެ. ކަން ހިނގުމުގެ ވަގުތު ބަޔާންކޮށްދިނުމެއް ނޫނެވެ. ސަބަބަކީ، ނަމަވުން ބޭނުންކޮށްފައި އޮތުމުގެ ސަބަބުން، ކަން ހިނގުމުގެ ޒަމާނަށް ބަދަލެއް ނާންނާތީއެވެ. ޒަމާނުގެ ބޭނުމަކީ ކަން ހިނގުމުގެ ވަގުތު އަންގައިދިނުން ކަމަށްވެފައި،މިޖުމުލައިގައި ނަމަވުން އަދާކޮށްދޭ ދައުރަކީ ކަން ހިނގުމުގެ ވަގުތުއަންގައިދިނުން ކަމަށް ނުވާތީ، މި ޖުމުލައަށް ބަލާފައި، "ނަމަވުމަކީ" ޒަމާނުގެ ދަށުން ގެންނަން ޖެހޭނެ ބައެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

5.3 "އަވިދިން ދުވަހު ހިނި ދިން ނަސޭހަތް އެހުނުނަމަ، މިހެނެއް ނުވީހެވެ..." (މުޙައްމަދު ޖަމީލް، 2004)

މިޖުމުލައަށް ބަލާއިރުވެސް ނަމަވުމުގެ އެހެނިހެން މިސާލުތައް ފަދައިން، ދެކަން ހިމަނާފައި އޮތްކަން ފާހަގަ ކުރެވެއެވެ. އެއީ، ނަސޭހަތް އެހުމާއި، މިހެނެއް ނުވުމާ މިދެކަމެވެ. ކޮންމެއަކަސް، ކުރިންވެސް ދެންނެވިފަދައިން، ޒަމާން ދޭހަވަނީ ޖުމުލައިގައި އޮންނަ ކަމަށް ބަލައިގެންނެވެ. ޖުމުލައިގައި އޮތް ދެވަނަ ކަން، ކަމަށްވާ "މިހެނެއް ނުވީހެވެ" މިކަމުން ދޭހަވަނީ ކަމެއް ހިނގައިފިކަމުގެ މާނައެވެ. އެހެންނަމަވެސް، ޕްރެގްމެޓިކަލީ ވިސްނާއިރު ޖުމުލައިގައި ބޭނުންކޮށްފައި އެއޮތް ނަފީގެ އަކުރެއްކަމުގައިވާ "ނު" އިން، އެ ހިނގިކަމަކީހިނގަން ބޭނުންވި ކަމެއް ނޫނޭ، ދެންނެވުމުގެ ފުރުޞަތު އެބައޮތެވެ. ކޮންމެއަކަސް، އެޙާލަތުގައި ވާހަކަދެކެވޭ ކަން އޮތީ ބަސްބުނުމުގެ ކުރިން ހިނގާފައެވެ. ޖުމުލައިގައި، އިޝާރަތުގެ އަކުރެއް ކަމަށްވާ "މި"ހެނެއް ބޭނުންކޮށްފައި އޮތުމުން، ކަންހިނގިޒަމާނަކީ ނިމުނުކަމޭ ދެންނެވިދާނެއެވެ. ޖުމުލައިގައި އޮތް ފުރަތަމަ ކަމަށް ބަލާއިރު، އަޑުއެހުނުނަމަ، މިކަމުން އަންގައިދެނީ ބަސްބުނުމުގެ ކުރިން ނިމިފައިވާ ނިމުނު ކަމެއްގެ ޒަމާނެވެ. ޕްރެގްމެޓިކަލީ ވިސްނާއިރު، ޖުމުލައިގައި އޮތް ފުރަތަމަ ބައި ކަމަށްވާ "އަވިދިން ދުވަހު ހިނިދިން ނަސޭޙަތް އެހުނުނަމަ" މިބައިން ދޭހަވަނީ އަވިދިން ދުވަހު ހިނި ނަސޭޙަތް ދިންކަމާއި އެ ނަސޭޙަތްތައް ޤަބޫލުނުކުރެވުނުކަމުގެ މާނައެވެ. އެހެންކަމުން، ބަސްބުނުމުގެ ކުރިން އެކަން އެ އޮތީ ހިނގައި ނިމިފައެވެ.

ޖުމުލައިގައި ނަމަވުން އަދާކޮށްދޭ ދައުރަށް ބަލާއިރު، ނަމަވުން ގެނެސްދީފައިއެވަނީ، ޝަރުތަކާ ލައިގެން ހިނގަންއޮތްކަމެއް، އެޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން، އެނޫން ގޮތަކަށް ހިނގާފައިވާކަން ހާމަކޮށްދިނުމަށޭ ދެންނެވިދާނެއެވެ. މިސާލަކަށް، ޖުމުލައިގައި ހުށަހަޅާފައި އޮތް ޝަރުތު ފުރިހަމަވިނަމަ، އެކަން ހިނގާނީ އެހެން ގޮތަކަށެވެ. އެކަން އެނގެނީ، ޖުމުލައިގައި ބަޔާންކޮށްފައި އެއޮތް، "މިހެން ނުވީހެވެ" އިންނެވެ. ޝަރުތުފުރިހަމަ ވިނަމަވެސް ނުވަތަ ނުވިނަމަވެސް، ޖުމުލައިގައި އޮތް ކަމުގެ ވަގުތަކަށް ބަދަލެއް ނާންނާނެއޭ ދެންނެވިދާނެއެވެ. އެހެނީ، އެއިން ކޮންމެ ޙާލެއްގައިވެސް ވާހަކަ ދެކެވޭ ކަން އޮންނާނީ ބަސްބުނުމުގެ ކުރިން ހިނގާފައިކަމަށްވާތީއެވެ. އެހެންކަމުން، މިޖުމުލައަށް ބަލާއިރުވެސް، ޖުމުލައިގައި ނަމަވުން އަދާކޮށްދީފައިވާ ދައުރަކީ ކަން ހިނގުމުގެ ޒަމާން އަންގައިދިނުން ކަމަށް ނުވީހިނދު، ނަމަވުމަކީ، ޒަމާނުގެ ދަށުން އަންނަން ޖެހޭ ބައެއްކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ.

5.4 އެރަށުގެ މީހުންގެ ހިތުގައި، އެ ދައިތަޔާ ދޭތެރޭ، އާދަޔާ ޚިލާފު ޙުރުމަތްތެރިކަމެއް އުފެދިފައި ނުވާނަމަ، މިހާރު ކިތަންމެ ފަހަރަކު، އަދަބު ވެސް ލިބިއްޖައީހެވެ. (ޢަލީޙުސައިނު ނައިފަރީ، 1994)


މިޖުމުލައަށް ބަލާއިރު، ޖުމުލައިގައި އޮތް ދެ ކަމަކީ ޙުރުމަތްތެރިކަމެއް އުފެދުމާއި، އަދަބު ލިބުމާ މިދެކަމެވެ. ފުރަތަމަ އޮތް، "ޙުރުމަތްތެރިކަމެއް އުފެދިފައިނުވާނަމަ" އޭ ބުނުމުން ދޭހަވަނީ ޙުރުމަތްތެރިކަމެއް އުފެދިފައި ވުމުގެ މާނައެވެ. އެހެންކަމުން އެއީ ބަސްބުމުގެ ކުރިން ވެނިމިފައިވާކަމެކެވެ. ޖުމުލައިގައި ދެން އޮތްކަމަކީ އަދަބު ލިބިއްޖައީީހެވެ މިކަމެވެ."އަދަބު ލިބިއްޖައީހެވެ" ބުނުމުން ދޭހަވަނީ އަދަބު ނުލިބޭކަމުގެ މާނައެވެ. އެހެންކަމުން އެއީވެސް ނިމިފައިވާކަމެކެވެ. ހިނގިކަމަކީ އަދަބު ނުލިބުމެވެ. އެހެންކަމުން މިޖުމަލައިގައި އޮތް ދެ ކަން ވެސް އޮތީ ނިމިނިމުނުކަމުގެ ޒަމާނެވެ. ޖުމުލައިގައި ނަމަވުން އަދާކޮށްދޭ ދައުރަށް ބަލާއިރު، ޖުމުލައިގައި ނަމަވުން ގެނެސްފައިވަނީ، ކަމެއް  ވަކިގޮތަކަށް ހިނގުމުގެ ސަބަބުން ހިނގައިފައިނުވާ ކަމެއްގެ ވާހަކަ ބަޔާންކޮށްދިނުމަށާއި ކަމެއް ވަކިގޮތަކަށް ނުހިނގިނަމަ ހިނގައިފައިވާނޭ ކަމެއްގެ ވާހަކަ ބަޔާންކޮށްދިނުމަށޭ ދެންނެވިދާނެއެވެ. މިއިން ކޮންމެ ގޮތަކަށް ކަންތައްވި ކަމުގައި ވިޔަސް، މި ޖުމުލަ ބުނި ޒަމާނުގައި އެ ކަން އޮންނާނީ ވެ ނިމިފައެވެ. ނަމަވުން ހިމަނައިފައިވުމުގެ ސަބަބުން ޒަމާނަކަށް ވަކި އިތުރު ބަދަލެއް އައުމުގެ ފުރުޞަތެއް ނެތެވެ. އެހެންކަމުން، މި ޖުމުލައިގައި ވެސް ނަމަވުން އަދާކޮށްދޭ ދައުރަކީ، ޒަމާން އަންގައިދިނުމެއްނޫނެވެ. ވީމާ، މި ޖުމުލައަށް ބަލައިފައި ވެސް، ނަމަވުމަކީ ޒަމާނުގެ ދަށުން ގެންނަންޖެހޭނެ ބަޔެއްކަމަކަށް ޤަބޫލެއްނުކުރެވެއެވެ.

5.5 މިދެންނެވި ކަންތައްތައް ހިނގައިފައިވާނަމަަ، ޗޯޅާއިންގެ އަސަރުތައް ދިވެހިރާއްޖޭގައި ވާނެއެވެ. (ނަސީމާ މުޙައްމަދު، 1998)

"މިދެންނެވި ކަންތައް ހިނގައިފައިވާނަމަ، ޗޯޅާއިންގެ އަސަރުތައް ދިވެހިރާއްޖޭގައި ވާނެއެވެ." ދިވެހިބަހުގެ ޤަވާޢިދު ފޮތުގައިވާ ނަމަވުމުގެ ތަޢާރުފަށް ބަލާއިރު މި ޖުމުލަ ނަމަވުމުގެ ތެރޭގައެއް ނުހިމެނެއެވެ. ސަބަބަކީ، ނަމަވުމަކީ ކޮބައިކަން ބަޔާންކޮށްދެއްވައި، ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު (2004) ހާމަކޮށްފައިވަނީ "ނަމަވުމަކީ، ކަމެއް ހިނގީތީ ހިނގިކަމެއް ނުވަތަ ކަމެއް ހިނގައިފިނަމަ ހިނގާނޭ ކަމެކެވެ." އެހެންނަމަވެސް މި ޖުމުލައިގައި މި ވަނީ ، ކަމެއް ހިނގައިފައިވާނަމަ، ހިނގައިފައިވާނެކަމެކެވެ. ކޮންމެއަކަސް ޗޯޅާއިންގެ އަސަރުތައް ދިވެހިރާއްޖޭގައި ވާނެކަމަށް ނިންމަނީ އެހެން ޝަރުތެއް ފުރިހަމަވެފައިވާނަމަ އެވެ. އެ ޝަރުޠަކީ "މި ދެންނެވި ކަންތައް ހިނގައިފައިވުމެވެ." އެ ކަންތައްތައް ހިނގައިފައިވާނަމަ ޗޯޅާއިންގެ އަސަރުތައް ދިވެހިރާއްޖޭގައި ވާނެއެވެ. ނުވަތަ ވީހެވެ. އެކަންތައް ހިނގައިފައި ނުވާނަމަ ޗޯޅާއިންގެ އަސަރުތައް ދިވެހިރާއްޖޭގައި ނުވުމަކީ އެކަށީގެންވާ ކަމެއްކަން ޖުމުލައިން ދޭހަވެއެވެ. އެއިން ކޮންމެ ގޮތަކަށް ކަންތައް ދިމާވެފައިވީނަމަ ވެސް، ބަސްބުނުމުގެ ކުރިން އެ ކަމެއް އޮންނާނީ ވެ ނިމިފައެވެ. އެހެންކަމުން، ޖުމުލައިގެ ޒަމާނަށް ބަލާއިރު ފެތެނީ ނިމިނިމުނުކަމުގެ ޒަމާނަށެވެ. އެހެނީ ބަސްބުނުމުގެ ދުރުޒަމާނެއްގައި ވާހަކަދެކެވޭ ކަން އޮންނާނީ ވެނިމިފައެވެ.
އެހެންކަމުން، ޖުމުލައިގައި ނަމަވުން ހިމެނިފައިވުމަކުން، ޖުމުލައިގެ ޒަމާނަކަށް ވަކި އިތުރު ބަދަލެއް އާދެއެކޭ ނުދެންނެވޭނެއެވެ. މި ޖުމުލައިގައި ނަމަވުން އަދާކޮށްދީފައިވާ ދައުރަކީ ކަމެއް ހިނގައިފައިވާ ނަމަ، އެހެންކަމެއް ހިނގައިފައިވާނެކަން ހާމަކޮށްދިނުމެވެ. ޖުމުލައިގައި ވާހަކަދެކެވޭ ކަން ހިނގުމުގެ ވަގުތު އަންގައިދިނުމެއް ނޫނެވެ. އެހެންކަމުން، މިޖުމުލައަށް ބަލައިލި ކަމުގައި ވިޔަސް، ނަމަވުމަކީ ޒަމާނުގެ ދަށުން ގެނެވޭނެ ބައެއްކަމަކަށް ޤަބޫލެއްނުކުރެވެއެވެ.

6. ބަހުސްގެ ޚުލާސާ

ބަހުސް ކުރެވުނު ޖުމުލަތަކަށް ބަލާއިރު އެއިން ކޮންމެ ޖުމުލައެއްގައި އެކުލެވިފައިވާ، ކަން ވެސް ވަކި ޒަމާނަކަށް ފެތިފައިވެއެވެ. އެއިން އެއްވެސް ޖުމުލައެއް، ނަމަވުމުގެ ޖުމުލައަކަށް ވުމަކުން، ވަކި އާ ޒަމާނެއް ދޭހައެއް ނުވެއެވެ. އޭގެ ބަދަލުގައި، ޒަމާނުގެ ދަށުން ދެން ހުރި އެހެން ޒަމާންތަކަށް، ނަމަވުމުގެ ޖުމުލަތައް ހުރީ ބެހިގެން ގޮސްފައެވެ.

ނަމަވުން އެކުލެވިފައިވާ ޖުމުލަތަކުގެ ތެރެއިން އެންމެ ބޮޑުބައެއް ޙިއްސާކުރަނީ ނިމުނުކަމުގެ ޒަމާނެވެ. އެއީ ފަސް (5) ޖުމުލައިގެ ތެރެއިން ތިން(3) ޖުމުލައެވެ. ވާނޭކަމާއި ވޭވޭހުރިކަމުގެ ޒަމާން ޙިއްސާކޮށްފައިވަނީ އެއް މިންވަރަކަށެވެ.  އެއީ ފަސް (5) ޖުމުލައިގެ ތެރެއިން އެއް (1) ޖުމުލައެވެ. މި ފަސް (5) ޖުމުލައިގެ ތެރެއިން އެއްވެސް ޖުމުލައެއްގައި ނިމިނިމުނުކަމުގެ ޒަމާން ހިމެނިފައި ނުވާކަން ފާހަގަކޮށްލަމެވެ.

ނަމަވުމުގެ ޖުމުލަ ތަކުގައި ކަމުގެ ޒަމާން ހިމެނިފައިވާ ގޮތް ބެލުމަށް ޓަކައި އެކި ލިޔުންތަކުން ހޯދުނު ނަމަވުމުގެ އިތުރު ޖުމުލަތަކެއް އަންނަނިވި ފޮޅުވަތްތަކުގައި ނަކަލުކޮށްލާނަމެވެ.

"އެގޮތަށް އަޅުގަނޑުމެން ޢަމަލުކުރާ ކަމުގައި ވަނީނަމަ، އަޅުގަނޑުމެންގެ ޤައުމުގެ އޮންނާނީ ކޮން އަބުރެއްތޯ!"   ވާނޭކަން
"ޤައުމެއްގައި ދާޚިލީ ހަމަނުޖެހުން އުފެދިއްޖެނަމަ، ޤައުމުގައި ފިތުނަވެރިކަމަށް ތަންދެވިއްޖެނަމަ، ޤައުމުގައި ބައިބައިވުން އުފެދިއްޖެނަމަ، އެކަންވާނީ ބޭރުގެ ފަރާތްތަކަށް އެ ޤައުމަށް ވަދެގަތުމަށް ދެވޭ ދަޢުވަތަކަށް" ވާނޭކަން
"އެމައްސަލައަށް އެކަށީގެންވާ ރަނގަޅު ޙައްލެއް ނުފެނިއްޖެނަމަ، މުޅި ރާއްޖެ ހަލާކުގެތެރެއަށް ހިނގައިދާނެ މައްސަލައެއް." ވާނޭކަން
"މިއަދު މިއަވިދޭ ރީތި ދުވަސް ދުވަހަށް ގަދަ މަސައްކަތް ނުކުރިނަމަ، ވާރޭވެހޭ ފިނިމޫސުމަށް، ކާއެއްޗެއް ނެތި ބަނޑަށްޖެހޭތަން އަތުވެދާނެއެވެ." ވާނޭކަން
"މަސައްކަތް ކުރަންޖެހެނީ މާދަމާ ކަމެއް ހިނގައިފާނެ ކަމަށްޓަކައެވެ." ވާނޭކަން
ތިމާގެ މޮޅުކަން ތިމާއަށް ފެނިއްޖެނަމަ ، ކޮންމެ މީހަކަށްވެސް ވާނީ ހަމަ އެގޮތެވެ. ވާނޭކަން
"ނާދެވޭ ފަދަ އުޒުރެއް މެދުވެރިވެއްޖެނަމަ ކުރިން ސަބަބު ބަޔާންކޮށްފައި ސިޓީއެއް ފޮނުވައެވެ." ވާކަން
"ޗުއްޓީއެއް ލިބިއްޖެނަމަ، ގެއަށްދާނީ ކިލާހުގެ ކުދިންނާ މުދައްރިސުންނާވެސް ސަލާންކޮށްފައެވެ." ވާނޭކަން
"ދުވަހަކުވެސް ކުރިން އިވިފައިނުވާފަދަ ތާރީފުގެ ބަސްތަކެއް އިވުނުހިނދު، ހެއްލުންތެރިވެއްޖެއެވެ." ވާނޭކަން
"މިރީތި މުތްފެނި އޭގެ އަސަރުގަދަކަން އެނގުނުނަމަ އަޅުގަނޑު ދަންނަވާނީ އަދިއަދަށް ދާންދެންވެސް ދިވެހިރާއްޖެ އޮންނާނީ އިނގިރޭސީންފަދަ އިސްތިއުމާރީއެއް ލިބިފައިވާ ބައެއްގެ އަތްދަށުގައެވެ." ނިމުނުކަން
"މިރީތި މުތް ފެނި އޭގެ އަސަރުގަދަކަން އެނގުނުނަމަ އަޅުގަނޑު ދަންނަވާނީ އަދިއަދަށް ދާންދެންވެސް ދިވެހިރާއްޖެ އޮންނާނީ އިނގިރޭސީންފަދަ އިސްތިއުމާރީއެއް ލިބިފައިވާ ބައެއްގެ އަތްދަށުގައެވެ."   ނިމިނިމުނުކަން
"ލައިސަންސް ނެތި ބައިސްކަލް ދުއްފައިފި ނަމަ، އެމީހަކު، ފަސްރުފިޔާއިން ޖުރުމަނާ ވާނެއެވެ." ވާނޭކަން

މި ޖުމުލަތަކަށް ބަލާއިރު، ފެންނަނީ ދިރާސާގައި ބަހުސް ކުރެވިފައިނުވާ ޖުމުލަތަކުގައިވާ ކަން ނިސްބަތްވާ ޒަމާނެވެ. އެގޮތުން ބާރަ (12) ޖުމުލައިގެ ތެރެއިން ނުވަ (9) ޖުމުލައިން ވާނޭކަމުގެ ޒަމާން ދޭހަވާއިރު، ވޭވޭހުރިކަން ފިޔަވައި ދެންހުރި ކޮންމެ ޒަމާނެއްވެސް (ނިމިނިމުނުކަން، ނިމުނުކަން، ވާކަން) ކޮންމެވެސް އެއް ޖުމުލައަކުން ދޭހަކޮށްދެއެވެ. އަދި އެއްވެސް ޖުމުލައަކުން ވޭވޭހުރިކަމުގެ ޒަމާން ދޭހަނުވާކަން ފާހަގަކުރަމެވެ.

 ކޮންމެއަކަސް، ނަމަވުން އެކުލެވޭ ހުރިހާ ޖުމުލަތަކެއް ވެސް ހުރީ ޒަމާނުގެ އެހެނިހެން ބައިތަކަށް ފެތިފައެވެ. އަދި އެޖުމުލަތަކުގައި ނަމަވުން ހިމެނިފައިވުމުގެ ސަބަބުން އެއްވެސް ޖުމުލައެއްގައިވާ ކަމަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަން ވެސް ފާހަގަކުރަމެވެ. ޒަމާނުގެ ބޭނުމަކީ، ކަން ހިނގުމުގެ ވަގުތު އަންގައިދިނުން ކަމަށްވެފައި، ދިރާސާއިން ފާހަގަކުރެވުނު ހެކިތަކުގެ މައްޗަށްބަލާއިރު (ޖުމުލަތަކުގެ ބަހުސްބަލާ)،  ދިރާސާކުރެވުނު އެއްވެސް ޖުމުލައެއްގައި ހިމެނިފައި އޮތް ނަމަވުމުން، ކަން ހިނގުމުގެ ވަގުތު އަންގައިދީފައި ނުވާތީ، ނަމަވުމަކީ ޒަމާނެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

7. ނަމަވުމާ ޒަމާނުގެ އެހެނިހެން ބައިތަކާމެދު ހުރި ފުށުއެރުންތައް

ދިވެހިބަހުން ލިޔެފައިވާ ލިޔުންތަކުން ނެގި މިސާލުތައް ބޭނުންކޮށްގެން "ނަމަވުން" މިއީ ދިވެހިބަހުގެ ޒަމާނުގެ ތެރޭގައި ހިމަނަންޖެހޭ ބައެއްކަމާ މެދު ކޮށްފައިވާ ބަހުސްގެ އަލީގައި ދަންނަވަން ޖެހެނީ ނަމަވުމާއި ޒަމާނުގެ އެހެނިހެން ބައިތަކާމެދު ހުރި އެންމެ ބޮޑު ފުށުއެރުމަކީ ޒަމާނުގެ އެހެން ބައިތަކަކީ ޒަމާންތަކެއްކަމަށް ވެފައި ނަމަވުމަކީ ޒަމާނަކަށް ނުވާކަމެވެ. އެހެންކަމުން އާއްމުކޮށް ބަލާއިރު، ދިވެހިބަހުގެ ގަަވާއިިދުފޮތް 4،3،2،1ގައި ޒަމާނުގެ ދަށުން ގެނެސްފައިވާ، ޒަމާންތަކުގެ ތެރެއިން، ނަމަވުމާއި ދެންހުރި ޒަމާންތަކާ މެދު ފުށުއެރުންތަކެއް ހުރިކަން ފާހަގަކުރަމެވެ. އެގޮތުން، ދިރާސާގެ އަލީގައި ފާހަގަކުރެވުނު މައިގަނޑު ފުށުއެރުންތައް އަންނަނިވި ފޮޅުވަތްތަކުގައި ހުށަހަޅާދީފައި އެވަނީއެވެ.

7.1 ނަމަވުން ފިޔަވައި ދެން ހުރި ކޮންމެ ޒަމާނަކުންވެސް ކަން ހިނގުމުގެ ވަކި ޚާއްޞަވަގުތެއް އަންގައިދޭއިރު ނަމަވުމުގެ ޒަމާނުން ކަން ހިނގުމުގެ ވަކި ޚާއްޞަވަގުތެއް އަންގައެއްނުދެއެވެ.

ނަމަވުން ފިޔަވައި ދެންހުރި ޒަމާންތަކުގައި ކަން ހިނގުމުގެ މާނަ ދޭހަކޮށްދެނީ ކޮންމެވެސް އެއް ވަގުތެއްގައެވެ. މިސާލެއްގެ ގޮތުން، ނިމުނުކަމުގެ ޒަމާނުން ދޭހަކޮށްދޭނީ ވާހަކަ ދެކެވޭ ކަން ވަނީ ވޭތުވެދިޔަ ކައިރި ޒަމާނެއްގައި ވެނިމިފައިކަމެވެ. ހަމައެގޮތަށް ދެންހުރި ޒަމާންތަކުންވެސް ދޭހަވަނީ ކޮންމެވެސް އެއް ވަގުތެކެވެ. ހަޤީޤަތުގައި ޒަމާން އަދާކޮށްދޭ ދައުރަކީވެސް އެއެވެ. ކަން ހިނގިވަގުތު ބަޔާން ކޮށްދިނުމެވެ. އެހެންނަމަވެސް، ނަމަވުމުގައި ވަނީ އެހެންނެއް ނޫނެވެ. ނަމަވުމުގެ ޒަމާނަށް ވުމުން ކަނޑައެޅިގެން އެކަން ހިނގުމުގެ ވަގުތު ދޭހަކޮށެއްނުދެއެވެ. ބައެއްފަހަރަށް ނަމަވުމުގެ ޒަމާނުން، ނިމުނުކަމުގެ ވަގުތު ދޭހަވާއިރު، އަނެއްބައިފަހަރަށް ވާނޭ ކަމުގެ ވަގުތުވެސް ދޭހަވެއެވެ. ސަބަބަކީ ނަމަވުމުގެ ޒަމާން އެހެން ޒަމާންތަކާ މަސްހުނިވެފައިވުމެވެ. އަދި ނަމަވުން ބޭނުންކުރެވެނީ އެހެން ޒަމާންތަކާ އެކުގައި ކަމަށް ވާތީވެސް މެއެވެ.
1.    އެން އެރީމާ މަސްވެރިކަން ރަނގަޅު ވާނެއެވެ.
2.    އެހެން ބުނީމާ އޭނާ ހިނގައްޖެއެވެ.

ނަމަވުމުގެ މި ދެ މިސާލުގައި ކަމަށްގެނެސްފައިވާ ބަދަލު ތަފާތުވެފައިވާކަމުގައި ދަންނަވަންޖެހެއެވެ.މި ބަދަލު ތަފާތުވުމުގެ ސަބަބުން ނަމަވުމުގެ ޒަމާނުގައި ތަފާތު ދެ ވަގުތެއްގައި ކަން ހިނގުމުގެ މާނަ ދޭހަވެއެވެ. ފުރަތަމަ މިސާލުގައި "ރަނގަޅު ވާނެ" ބުނުމުން ދޭހަވަނީ މުސްތަޤުބަލުގައި ވާނެ ކަމެއްގެ ވާހަކައެވެ. އެކަން ފުރިހަމަ ކުރުމަށް އެހެން ޝަރުތެއް ބޭނުންވަނީއެވެ. ހަޤީޤަތުގައި، ޒަމާނަކީ ކަމަށްގެނެވޭ ބަދަލެވެ. މިބަދަލު ގެންނަނީ އެކަން ހިނގުމުގެ ވަގުތު އަންގައިދިނުމަށެވެ. އެކަން ފުރިހަމަ ވުމަށް ޝަރުތެއް ބޭނުންވުމާއި އެޖުމުލައިގައި ވާހަކަދެކެވޭ ކަން ހިނގުމުގެ ވަގުތަކީ ތަފާތު ދެކަމެކެވެ. ޝަރުތަކާއި ލައިގެންވެސް ނުވަތަ ނުލައިވެސް، މުސްތަޤުބަލުގައި ވާނެކަމަކަށް ވެއްޖިއްޔާ އެކަންވުން އެންމެ އެކަށީގެންވަނީ ވާނެކަމަކަށެވެ. އެހެންކަމުން، އެކަން ފެތެންވާނީ ވާނޭކަމުގެ ޒަމާނަށެވެ.

ދެވަނަ މިސާލަށް ބަލާއިރު ބަސްބުނި ވަގުތުގެ ކުރީގައި އެކަން އޮތީ ހިނގައިފައެވެ. އެއީ އޭނާ ދިޔުުމެވެ. އޭނާ ދިޔަައީ އެހެން ބުނީމައެވެ. އެހެން ނުބުނިނަމަ ފަހަރެއްގައި އޭނާ އަދިވެސް ހުރީހެއެވެ. ކޮންމެއަކަސް ބަސްބުނުމުގެ ކުރިން އެކަންއޮތީ ހިނގައިފައެވެ. އެކަން ހިނގައިފައި ވަނީ ވޭތުވެ ދިޔަ ކައިރި ޒަމާނެއްގައެވެ. އެހެންކަމުން އެކަން ހިނގައިފައިވަނީ ނިމުނުކަމުގެ ޒަމާނުގައި ކަމަށް ބުނެވިދާނެ އެވެ. ނަމަވުމުގެ ޒަމާނަކު ނޫނެވެ. އެކަން ހިނގައިފައިވަނީ ޝަރުތަކާ ލައިގެންނެވެ. ކޮންމެއަކަސް ޝަރުތަކާ ލައިގެން ވިޔަސް ނުވަތަ ނުލައި ވެސް އެކަން އޮތީ ވޭތުވެދިޔަ ކައިރިޒަމާނެއްގައި ވެ ނިމިފައެވެ. އެހެންކަމުން، ނަމަވުމުގެ މި ޖުމުލައިން ދޭހަކޮށްދެނީ ނިމުނުކަމުގެ ޒަމާނެވެ.

ނަމަވުމުގެ ދަށުން ޤަވާޢިދު ފޮތުގައި ދީފައިވާ އެކި މިސާލުތަކުގައި ކަން ހިނގުމުގެ ވަގުތު ދޭހަވަނީ، ޒަމާނުގެ އެހެނިހެން ބައިތައްފަދައިން ކަނޑައެޅޭ ވަކި ޒަމާނެއްގައި، ކަންހިނގުމުގެ މާނައެއް ނޫނެވެ. ނަމަވުމުގެ އެކި މިސާލުތަކުން، އެކި ވަގުތުތަކުގައި، ކަންހިނގުމުގެ މާނަ ދޭހަކޮށްދެއެވެ. އެހެންކަމުން، ނަމަވުމުގެ ޒަމާނުން ވަކިވަގުތެއްގައި ކަން ހިނގުމުގެ މާނަ ދޭހަކޮށްދެޔެެކޭއެއް ނުދެންނެވޭނެ އެވެ. މިއީ، ނަމަވުމާއި ޒަމާނުގެ އެހެނިހެން ބައިތަކާ ހުރި ފުށުއެރުމެއްކަމުގައި ދެންނެވިދާނެއެވެ.

7.2 ނަމަވުން ފިޔަވައި ދެންހުރި ޒަމާންތަކުގައި ކަންހިނގުމުގެ ވަގުތު އަންގައިދިނުމުގެ ގޮތުންކަން ބަޔާންކުރަންޖެހެނީ އެންމެ ފަހަރަކު ކަމުގައި ވިޔަސް، ނަމަވުމުގައި ކަން ހިނގުމުގެ ވަގުތު އަންގައިދިނުމަށްޓަކައި ދެބުނުމެއްގައި ކަންބަޔާންކުރަންޖެހެއެވެ.
ދިވެހި ބަހުގެ ޤަވާޢިދު ފޮތް 1،2،3،4ގައި ނަމަވުމުގެ މިސާލު ދެއްކުމުގެ ގޮތުން ގެނެސްފައިވާ ފަސް ޖުމުލައިގައިވެސް، ތަކުރާރުކޮށް ކަން (ދެ ކަމެއް) ގެނެސްފައި ހުންނަކަން ފާހަގަކުރެވެއެވެ. މި ދިރާސާ ހެދުމަށްޓަކައި ހޯދުނު، ދިވެހި ބަހުން ލިޔެފައިވާ ނަމަވުމުގެ އެހެނިހެން މިސާލުތަކުގައި ވެސް، ނަމަވުމުގެ ޒަމާންކަމަށް ބެލެވޭ ބުނުންތަކުގައި ކަން ތަކުރާރުކޮށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވެއެވެ. ޤަވާޢިދު ފޮތުގައި ދީފައިވާ މިސާލުތަކަށް ބަލައިލާނަމެވެ.
1.    ވިއްސާރަވީތީ ދަތުރު ލަސްވީއެވެ.
2.    އެންއަރައިފި ނަމަ މަސްވެރިކަން ރަނގަޅުވާނެއެވެ.

ފުރަތަމަ މިސާލަށް ބަލާއިރު އެ ޖުމުލައިގައި ދެ ކަމެއް ހިނގައިފައިވެއެވެ. ފުރަތަމަ ހިނގިކަމަކީ ވިއްސާރަވުމެވެ. އެއާ ވިދިގެން ހިނގި ކަމަކީ ދަތުރު ލަސްވުމެވެ. މި ދެކަން ހިނގައިފައި ވަނީ ވެސް އެއް ޒަމާނެއްގައެވެ. އެއީ ނިމިނިމުނުކަމުގެ ޒަމާނެވެ. އެހެންކަމުން، މި ޖުމުލައިގައި ނިމިނިމުނުކަމުގެ ޒަމާން ތަކުރާރުވެފައި ވެއެވެ. ދެވަނަ މިސާލަށް ބަލާއިރު ވެސް ދެކަމެއް ހިމެނިފައިވެއެވެ. މި ދެ ކަމަކީ ވެސް ބަސްބުނި ޒަމާނުގެ ފަހުން ހިނގުމުގެ ފުރުޞަތުއޮތް ދެކަމެވެ. ކަނޑައެޅިގެން ހިނގާނޭ ދެކަމޭ ބުނަން ދައްޗެވެ. އެހެންނަމަވެސް، އޭގެ ތެރެއިން ފުރަތަމަ ކަންތަން ހިނގައިފިނަމަ (އެންއަރައިފިނަމަ) ދެވަނަ ކަންތަން ކަނޑައެޅިގެން ހިނގާނެޔޭ (މަސްވެރިކަން ރަނގަޅުވާނެޔޭ) ދެންނެވިދާނެ އެވެ. އެހެނީ މަސްވެރިކަން ރަނގަޅުވުމަށް މެދުވެރިވާ ސަބަބަކީ އެންއެރުންކަން މިޖުމުލައިން ދޭހަވާތީއެވެ. ކޮންމެ އަކަސް މިޖުމުލައިންވެސް ދެކަމެއް އެބަ ހިނގައެވެ. އެއީ ބަސްބުނުމުގެ ފަހުން ހިނގާނެ ނުވަތަ ހިނގައިފާނެ (ހިނގުމުގެ ފުރުޞަތު އޮތް) ދެކަމެވެ.

ނަމަވުމުގެ ޒަމާން ފިޔަވައި ދެންހުރި ޒަމާންތަކަށް ބަލާއިރު، އެހެން އެއްވެސް ޒަމާނެއް ގައި ކަން ހިނގުމުގެ ވަގުތު އަންގައިދިނުމަށްޓަކައި އިތުރު ކަމަކަށް ބޭނުމެއް ނުވެއެވެ. ޤަވާޢިދުފޮތް 1،2،3،4ގައި ޒަމާނާ ގުޅޭ ގޮތުން ކަން ބެހިފައިވާ ބައިތަކުގެ މިސާލުތަކަށް ބަލާއިރު، ކަންހިނގުމުގެ ވަގުތު އަންގައިދިނުމުގެ ގޮތުން ދެކަމެއް އެއްޖުމްލައެއްގައި ބޭނުންކޮށްފައިވާތަނެއް ނުފެނެއެވެ.
1.    ވާކަން: އޭނާ އޭރުވެސް މަހަށް ދެއެވެ.
2.    ވޭވޭހުރިކަން: ސަލީމް ކަނީއެވެ.
3.    ވާނޭކަން: މިއަންނަ ހުކުރުދުވަހު ކްރިކެޓް މެޗެއް އޮންނާނެއެވެ.
4.    ނިމުނުކަން: އޭނާ ދެންމެ އަތުވެއްޖެއެވެ.
5.    ނިމިނިމުނުކަން: މިދިޔައަހަރު ޝަކީލް ފާސްވިއެވެ.

މަތީގައި ބަޔާންކޮށްފައިވާ 5 މިސާލަކީ ޤަވާޢިދު ފޮތް1،2،3،4ގައި ޒަމާނުގެ ދަށުން ގެނެސްފައިވާ މިސާލުތަކެކެވެ. މި މިސާލުތަކަށް ބަލާއިރު އެއްވެސް ޖުމުލައެއްގައި ކަން ތަކުރާރު ވެފައެއް ނެތެވެ. ވީމާ، ނަމަވުން ފިޔަވައި ޒަމާން ބެހޭ ބައިތަކުގައި ކަން ހިނގުމުގެ ވަގުތު އަންގައިދިނުމަށްޓަކައި އެންމެ ކަމެއް ބޭނުންކުރާއިރު، ނަމަވުމުގައި ދެ ކަމެއް ބޭނުންކުރަން ޖެހުމަކީވެސް، ނަމަވުމާއި، ޒަމާނުގެ އެހެނިހެން ބައިތަކާ ހުރި ފުށުއެރުމެކެވެ.

އެހެންކަމުން، މަތީގައި ބަޔާންކޮށްދެވުނު ނުކުތާތަކަށް ބަލާއިރު ނަމަވުމާއި، ޒަމާނުގެ ދަށުން ގެނެސްފައިހުރި އެހެނިހެން ބައިތަކުގެ މެދުގައި ފުށުއެރުންތަކެއް ހުރިކަމުގައި ދެންނެވިދާނެ އެވެ.

8. ނިންމުން

އިސްވެ ދެންނެވުނު ޙަޤީޤަތްތަކުގެ މައްޗަށް ބަލާއިރު ނަމަވުމަކީ ޒަމާނުގެ ދަށުން ގެނެވިދާނެ ބައެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް، "ނަމަވުން" ޒަމާނުގެ ދަށުން ވަކިކޮށް ޤަވާޢިދުގެ އެހެން ބަޔެއްގެ ދަށަށް ނުވަތަ ޤަވާޢިދުގެ ވަކި ބައެއްގެ ގޮތުގައި ބޭއްވުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެންނެވޭކަން ނެތެވެ. އެހެނީ، ނަމަވުން ޖުމުލައިގައި އަދާކޮށްދޭ ދައުރަކީ ކަން އެކުލެވިފައިވާ ދައުރެއްކަމުގައި ޤަބޫލުކުރެވެއެވެ. އެހެންކަމުން، މިދިރާސާގެ އަލީގައި ދެންނެވޭނީ، ނަމަވުން ހިމެނުން އެންމެ އެކަށީގެންވަނީ، ޒަމާނުގެ ބައިތަކުގެ ދަށުގައެވެ. މިސާލަކަށް: ވާނޭކަމުގެ ތަޢާރަފު ގެންނައިރު، ވާނޭކަން އެއީ އަންނަން އޮތް މުސްތަޤުބަލުގައި ހިނގާނެ، ހިނގައިފާނެ، ނުވަތަ ފުރުޞަތަކާ އެކު ހިނގާނެ ހިނގައިފާނެ ކަމެއް ކަމަށް ބަޔާންކުރެވިދާނެއެވެ. ހަމައެގޮތަށް ޒަމާނުގެ ދެންހުރި ބައިތަކުގެ ދަށަށްވެސް، ނަމަވުން މިގޮތަށް ހިމެނިދާނެކަމަށް ޤަބޫލުކުރެވެއެވެ.

ދިވެހިބަހުގެ ޤަވާޢިދުފޮތް ،4،3،2،1ގައި ނަމަވުން ބަޔާންކޮށްފައި އޮންނަ ގޮތުން، ޒަމާނުގެ އެހެނިހެން ބައިތަކާއި ނަމަވުމާމެދު ފުށުއެރުންތަކެއް އެބަހުއްޓެވެ. ނަމަވުން، ފިޔަވައި ދެންހުރި ޒަމާންތަކުން، ކަންހިނގުމުގެ ވަކި ޚާއްޞަ ވަގުތެއް އަންގައިދޭއިރު، ނަމަވުމުން، ކަން ހިނގުމުގެ ވަކި ޚާއްޞަވަގުތެއް އަންގައެއް ނުދެއެވެ. އެހެން އެވަނީ، ނަމަވުމަކީ، ޒަމާނުގެ ހުރިހާ ވަގުތުތަކަކާ އެކީވެސް ބޭނުން ކުރެވޭ ބައެއްކަމަށް ވާތީއެވެ. މިއީ، ނަމަވުމާއި، ދެންހުރި ޒަމާންތަކުގެ މެދުގައިވާ އެއް ފުށުއެރުމެވެ. ދެވަނަ ކަމަކީ، ޖުމުލައެއްގައި އޮންނަ އެންމެ ކަމަކުން،ޒަމާން އަންގައިދޭއިރު، ނަމަވުމަކަށް ވާނަމަ، ދެފަހަރަށް ކަން ބޭނުންކުރަންޖެހުމެވެ. އެހެން އެވަނީ،  ނަމަވުމަކަށްވަނީ، ވަކި ކަމެއް ވުމަށް ނުވަތަ ނުވުމަށް އެހެންކަމެއް ނުވަތަ ޙާލަތެއް ޝަރުތުކުރާތީއެވެ.

އެހެންކަމުން، ނަމަވުމަކީ ޒަމާނެއް ނޫންކަމާއި، އަދި ޒަމާނުގެ ދަށުން ގެނެވިދާނެ ބައެއް ކަމަށް ޤަބޫލުނުކުރެވޭކަމާއި، ނަމަވުމާއި ޒަމާނުގެ އެހެނިހެން ބައިތަކާމެދު ފުށުއެރުންތަކެއް ހުރިކަން އެބަ ސާބިތުވެއެވެ.
------------------
(ނިމުނީ)
މި ލިޔުން:
      ފޮނުވުން:        އަލްފާޟިލް މޫސާ ޝަރީފު ޢަލީ ޝަރީފު، ދުންފިނިގެ، ލ. މާވަށް
      އަލުން ބެލުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      ޝާއިޢުކުރުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

                      

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ