އަދުގެ ޚާއްސަ

Print

ރޯ ޚަރާބު! ރޯ ޚަރާބު! އިންޖީނު މަރައިލައި!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


އާދަމް ނަޞީރު އިބްރާހީމް (2011)


ދަތުރު ކޮށްފައި ދާ ދޯންޏެއް ކަނޑިންމަޔަކުން ނުވަތަ ނެރަކުން ވަދެގެން ދާ އިރު، އެ ދޯނީގެ ދިރުނބާކޮޅުގައި އާންމުކޮށް މީހަކު ހުންނާނެ އެވެ.  އޭނާގެ ވަޒީފާއަކީ، ރައްކާތެރިކަމާއެކު ދޯންޏަށް ދެވޭނެ މަގު ދައްކައި ދިނުމެވެ. އެހެން އޮޑިއަކާ ދިމާޔަށް، ދާ އިރު އެވެ.   ތިލަ ތަނަކާ ދިމާ ވާ ހިނދު އެވެ.  ނުވަތަ ގަލަކާ ދިޔާމަށް ދޯނީގެ މިސްރާބު ޖެހިފައިވާ ހާލަތުގަ އެވެ. މި ފަދަ ދަނޑިވަޅުތަކުގައި ކޮޅުފަސްކޮޅުގައި ހުންގާނުގައި ހުންނަ މީހާއަށް އެކަން އަންގައި އޮޑި ސަލާމަތް ކުރުމަކީ ދިރުނބާކޮޅު ފެންފިލައިގައި ހުންނަ މީހަކު ކުރަންޖެހޭ ކަމެކެވެ.  މި އެންގުން އެންގުމަށް  ގަލަށް ކިޔުމޭ ކިޔައެވެ. އަދި މި އެންގުން އަންގަން ދިރުނބާކޮޅުގައި ހުންނަ މީހާއަށް ގަލަށް ކިޔާމީހާއޭ ކިޔައި އުޅެ އެވެ. ބަސްނުވިކޭ އޮޑީގެ ދިރުނބާކޮޅަށް ނާރާށޭ ބުނެ އެ ދެވޭ ނަސޭހަތް ރައްދުވާ މީހަކީ ގަލަށް ކިޔަން އަރާ މީހާ އެވެ. ސަބަބަކީ، އޭނާ ބުނާ ގޮތަށް ހުންގާނުގައި ހުންނަ މީހާ ޢަމަލު ނުކޮށްގެން، އޮޑި ނެރުގެ ފައިކަށްޓަކަށް، ނުވަތަ ހިރިޔަކަށް އަރައި އުރިއްޖެނަމަ، ހުރިހައި ބަދުނާމެއް އުފުލަންޖެހޭނީ ގަލަށް ކިޔަން އަރައި ހުންނަ މީހާ އެވެ.

ނެރުގެ ފައިކަށްޓަކީ، ނެރަކުން ވަދެގެން ދާއިރު، އޮޑި ދަތުރު ކުރަން ސާފުކޮށްފައި އޮންނަ މަގު، ދެފަރާތަށް ނިމި ފަރުގެ ނުވަތަ ތޮށިގަނޑުގެ ގާތަކާ ގުޅޭ ހިސާބެވެ. ފަރުގެ ގާތަކަށް ފެށޭ ހިސާބެވެ. އެހެން ތަސްވީރަކުން މި ކަން ބަޔާން ކޮށްދެވޭތޯ ބަލާނަމެވެ. ވަލުތެރޭން ކަނޑައިފައި އޮންނަ މަގެއް ހިތްޕުޅަށް ގެންނަވާށެވެ! މަގު ފިޔަވައި ދެފަރާތަށް އޮންނަނީ ގަސްގަހާގެހީގެ ޖަންގަލި ނޫންތޯ އެވެ. ހަމަ އެ ފަދައިން، ނެރަށް ކަނޑައިފައި އޮންނަ މަގުގެ ދެފަރާތަށް، ފަރުގެ ގާތަށް ދެ އަރިމަތީން އޮވެއެއް ނޫންތޯ އެވެ. އެ ފަރެއްގެ ފުޅާމިނުގަ އެވެ. މި އިން ކޮންމެ ފަރާތަކީ ފައިކަށްޓެކެވެ.  ވައިމަތިފަރާތު ފައިކަށްޓަށް، މަތިފައިކަށްޓޭ ކިޔަ އެވެ. އެ ދިމާ އަށް  ދޯނި ޖައްސައިލަންވެއްޖެއްޔާ ބުނެ އުޅޭނީ ''އޮޑި ނަގައި!!'' މި ހެންނެވެ. ވައިދަށްފަރާތު ފައިކަށްޓަށް، ދަށްފައިކަށްޓޭ ކިޔަވެ. މި ފަރާތަށް އޮޑި ޖައްސައިލާށޭ ބުންނަން ވެއްޖެއްޔާ ބުނެ އުޅޭނީ، ''އޮޑި ދަށްކުރޭ! ނުވަތަ އޮޑި ދީލައި!'' މި ގޮތަށެވެ! ގަލަކުން އޮޑިނައްޓަން ވިޔަސް މި ފަދަ އުސޫލަކުން ބަސްތައް ބޭނުން ކޮށް އުޅެ އެވެ. މި ތާނގައި ފާހަގަ ކޮށްލުން މުހިންމު ޚާއްޞަ އެއް ކަމަކީ، ގަލަކުން އޮޑި ނައްޓަން އިޝާރާތް ކުރާ ގޮތެވެ. މި އިޝާރާތް އަބަދު ވެސް ކުރާނީ ދޯނި ދީލަންވީ ދިމާ ބުނެ ދޭ ގޮތަށެވެ. މާނަ އަކީ ގަލެއް ފެނިއްޖެއްޔާ އިޝާރާތް ކުރާނީ އެ ގަލާ ދިމާއަކަށް ނޫނެވެ. އެ އާ ދިމާ ދުރުފަރަތަށެވެ. ކައްޕި އޮޑި ދިލާނީ، ނުވަތަ ޖައްސާނީ އެ އިޝާރާތުން ދެއްކި ދިމާއަކަށެވެ.

ރާއްޖޭގައި އޮޑިދޯނި ފަހަރުގައި އިންޖީނު އަޅަންފެށި ދުވަސްވަރެވެ. ރަށެއްގެ ދޯންޏެއްގައި އިންޖީނު އެޅުމަކީ އެ ރަށު ކޮންމެ މީހެއްގެ ފަޚްރެކެވެ. އެ ޒަމާނު ރަށްފުށު މީހެއްގެ މިލްކުގައި އިންޖީނު އެޅި ދޯންޏެއް އޮތުމަކީ، މި ޒަމާނުގައި ޖަންބޯ ޖެޓެއް އޮތުމަށްވުރެ ވެސް ބޮޑު ކަމެކެވެ. އެހެންކަމުން ރަށެއްގެ ދޯންޏެއްގައި އިންޖީނު އަޅައިގެން ރަށަށް އެ އޮޑި ގެނެވޭ ދުވަހަކީ އެ ރަށަކަށް ގެނެވޭ ދިހަރޯދަ އީދު ދުވަހެކެވެ. ކުދިބޮޑު އެންމެން ރަށު އަތިރިމައްޗަށް ތޮއްޖެހޭނެ އެވެ. މުޅި ރަށް ދެކޭނީ ބޯހުންޏާއި، ފަރިވަޅާއި، ފިހުނުމަހުގެ ތިޔާގި ދޮލަނގުތަކެވެ.  ތުނބާ ހަމައަށް އަރައިފައިވާ ކަށިކޭލުފަންޏާއި، ކަނދީގެ ޖާމަލާތަކެވެ.

ގުއްދޫސުބޭގެ ދޯންޏަކީ އޭނާގެ ރަށުން ދެވަނަ އަށް އިންޖީނު އެޅި ދޯންޏެވެ. އިންޖީނު އަޅައިގެން އައިސް އޮޑި ނެރުން ވަންނަން މިސްރާބު ޖަހަނީ އެވެ. މުޅި ރަށް ލުއްސިގެން އައިސް އޮތީ އަތިރިމަތީގަ އެވެ. ފައި އިނދޭ ފުރައިންފެށިގެންނެވެ. އޮޑި ދެކެވާ ލޯތްބާއި، މި ވަގުތު ފެތެމުން މިހިރަ ދާ ފަޚުރުވެރިކަމުގެ ކިރު އާރުން ފެންވަރާލާ ހިތްވިލެއް ބޮޑުކަމުން ގަލަށް ކިޔަން ދިރުނބާ ކޮޅަށް އެރީ ގުއްދޫސުބެ އެވެ. އޭރު އަދި އިންޖީނުގައި އިންނަ ކުއްޖަކު ވެސް އެ އާ ކުޅޭކަށް މާ ފަރިތައެއް ނުވާނެ ތާ އެވެ. އިންޖީނާ ގުޅޭ ގޮތުން ގުއްދޫސުބޭ ބޭނުންކުރާ ބަސްކޮށާރު ވެސް އެހައި އަލެވެ. މާލޭން ފުރަންވެގެން ވެސް ގުއްދޫސުބޭ ބުނީ ''އިންޖީނު ރޯކުރޭ!'' މި ހެންނެވެ.

ކޮންމެއަކަސް އޮޑި ނެރުން ވަދެއްޖެ އެވެ. އޮތީ ހަޅަ ދިޔަ އެއް، ހިކި ދިޔައެއް ނޫނެވެ. މެދު ދިޔަ އެވެ. ގުއްދޫސުބޭ އެހެރީ ދަމާ އެއްރޮޖަކަށް ފޫގަޅައިލައިގެން އަރައި ދިރުނބާ ކޮޅު ފެންފިލާ މަތީގަ އެވެ. މޭމައްޗަށް ފުފުން އަންނަ ޒާތަކަށް  އަތިރި މައްޗަށް ބަލައިލެވުނެވެ. ދިގު ނޭވައެއް މާ ފުނުން ބޭރަށް ފޮނުވައިލެވުނެވެ. '' ހާދަހައި ބައެކެވެ. ގައިމު މަގޭ ދޯނި ދޮންފުތު މެންދޯންޏަށް ވުރެ ބޮޑު ވެސް ވާނެ އެވެ. އާ ވެސް ވާނެ އެވެ. އިންޖީނުގެ ދުވެލި  މާބާރު ވެސް ވާނެ އެވެ. މާ ލަހެއް ނުވެ ރަށުގެ އެންމެންނަށް މި ކަންކަން އެނގޭނެ އެވެ. އޭރުން ރަށުގައި އުޅޭ އުރަތްޕެއް ހުރި ކެޔޮޅެއް ވިއްޔާ އަންނާނީ މަގޭ ފައިބުޑަށެވެ.'' ގުއްދޫސުބޭ މި ކަހަލަ ތެޔޮގުޅާ ސާދާ ކުރުމެއްގައި ހަފުސްވަނީ ތޯއްޗެކެވެ.

''އަހާނ! އަހަނ! އަސްތާ!'' ކުއްލިޔަކަށް ގުއްދޫސުބެއަށް މި ފެނުނީ މެދުފަޅާ ހަމައިގައި އޮތް ބޮޑު ހިރިޔެއް ގުއްދޫސުބޭގެ އޮޑިއާ މުޅިން ''ކުއްތަންވެފައި'' އޮއްވަ އެވެ. ތެޅި ގަނެވިއްޖެ އެވެ. ސިހިގަނެވިއްޖެ އެވެ. އަވަސް އަރައިގެންފައި އަތް ދިއްކޮށްގަނެވުނީ ކޮން ދިމާއަކަށްތޯ އެވެ؟ ހަމަ ސީދާ އެ ހިރިޔާ ދިމާޔަށެވެ. ހުންގާނުގައި ހުރި ފަރުވާތެރި ކައްޕި، ވަގުތުން ގުއްދޫސުބޭގެ އިޝާރާތް ހުރި ދިމާޔަށް އޮޑި ދީލައިލައިފި އެވެ. ސުބުޙާނަﷲ! އެވެ. ކަމަކު ދާކަށް ނެތެވެ. ''ރޯ ޚާރާބު! ރޯޚަރާބު! އޮޑި ނުވެސް ނަގާތި! ނުވެސް ދީލާތި! .......... އިންޖީނު މާރައިލައި!!''   ގުއްދޫސުބޭ ގަދަ އަޑަކުން ހޭރިގަތުމާއެކު މި ހިސާބަށް ބުނެވުނު އިރު،  އޮޑި ހުރީ، އާ އިންޖީނައިގެން  ކުރި އަލަތު ދަތުރުގައި މެދުފަޅު ތެރޭހުރި މުޑު ހިރިޔަކަށް އަރައި ހިކި ނިމިފަ އެވެ.
------------------
(ނިމުނީ)


ހަމަމިގަލަމުން

އިދާރާ

ވާހަކަ