އަދުގެ ޚާއްސަ

Print

އިބިލީހުގެ ލިބާސްލެއްވުން (4)

ޝާޢިއުކުރީ އިސްމާޢީލު މުބާރިކު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އިސްމާޢިލް މުބާރަކް


ދެވަނަ ބޮޑު ހަނގުރާމަ ނިމުމާއެކު އެމެރިކާއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ޖޯޑު ވަތުތަށިތަކެއްހެން ހުންނަ ދިހުން ކުލަ އަރާ، ގޮތް ނޭނގޭ، އުދުހޭ އުޅަނދުތަކެއް ނިއުޔޯކްގެ މަތިން ގިނަ ޢަދަދަކަށް ފެންނަން ފެށުމެވެ. އޭރު އެމެރިކާގައި ތިބި އެންމެ ޢިލްމީ، ޤާބިލު، ވިސްނޭ މީހުން މި ކަމާމެދު ފާޅުކުރި ޚިޔާލުތައް އެއީ މި ކަމާމެދު ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމުގައި ބެލެވޭ އެމެރިކާ މި ކަމަށް ޖެހިލުންވި ވަރު ހާމަވީ ނިޝާނެކެވެ.

އެންމެ ފުރަތަމަ މި ކަމާބެހޭ ގޮތުން ޕެންޓަގަންގައި ބޭއްވުނު ސިއްރު ބައްދަލުވުމެއްގައި އޭރު ތިބި އެންމެ ބޮޑެތި ސައިންވެރިންގެ ގެ ޚިޔާލަކަށްވީ، ގޮތް ނޭނގޭ މި ކަހަލަ އުޅަނދުތައް ކުއްލިއަކަށް އައިސް އެމެރިކާގެ ސަރަޙައްދުގެ ތެރެއަށް ވަނުން ހުއްޓުވުމަކީ މި ވަގުތު އެމެރިކާ ސަރުކާރަށް ކުރެވޭނެކަމެއް ނޫން ކަމަށެވެ. އެހެންކަމުން އެ ވަގުތަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލައި، އެ ކަންތައްތަކަށް މަސައްކަތް ފެށުމަށް ނިންމުނެވެ. މިގޮތުން:

1) އެއީ ކޯއްޗެއްތޯ ކޮންތަނަކުން އަންނަ އެއްޗެއްތޯ ބެލުން.  
2) އެކަމުގެ ސަބަބުން މީހުންނަށް ކުރާ ނޭދެވޭ އަސަރުތަކުން މީހުން ސަލާމަތް ކުރާނެ ޕްރޮގްރާމެއް ނޫސްތަކާއި މީޑިޔާގެ އެހެން ވަސީލަތްތައް  މެދުވެރިކޮއްގެން ހިންގުން
3) މި ކަންކަން ކުރުމަށްޓަކައި  ޢާއްމުންނަށް އެތެރެ ނޭނގޭ ސިއްރު އޭޖެންސީއެއް އުފެއްދުމާއި މި އޭޖެންސީ ހިންގުމަށް އެމެރިކާގެ ރައްޔިތުންގެ ރުހުން ލިބޭނެ ބަހަނާއެއް ދައްކައިގެން އެމެރިކާގެ ބަޖެޓުން ފައިސާ ހޯދުން
4) މީޑިޔާ މެދުވެރިކޮށް މި އާދަޔާ ޚިލާފު ކަންތައް އެންމެން ހިތްހަމަޖެހޭ ގޮތަކަށް ސިފަކޮށް ވަކި ގޮތެއް ޔަޤީން ވިޔަ ނުދީ ޢާއްމުން މި ކަމާމެދު ގޮތް ހުސްނުވާނެ ގޮތަކަށް މަންޒަރު ސިފަކުރުން،  ފަދަ ކަންކަން ހިމެނެއެވެ.

މި ޕްލޭންގެ ދަށުން އުފެއްދި އޭޖެންސީ އިން ވަރަށް ރަނަގަޅަށް މަސއްކަތް ކޮށްފައި ވާކަން ސާބިތުވެއެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުތަނުން (ގެސްޓަޕޯ އިންޓެލިޖެންސް ޕާސަނެލް) ކިޔާ ބަޔަކު އެމެރިކާޔަށް ގެނެވުނެވެ. މި މީހުން މަސައްކަތް ކުރަމުންދިޔައީ  އެލަން ޑަލަސް އާއި ރީން ހާޑް ކިޔާ ދެ މީހެއްގެ އިރްޝާދުގެ ދަށުންނެވެ. މީ މީހުންނަށް އެމެރިކާގެ ރަށްވެހިކަން ދީގެން މިހާރު އެމެރިކާގެ ސީ އައި އޭ (އެމެރިކާގެ ސިއްރު ފުލުހުންގެ މައިމަރުކަޒު) ގެ އޮނިގަނޑު އެކުލަވައިލުވުމުގައި މި މީހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން ކުރިއެވެ. މި ހުރިހާ ކަމެއް ހިނގައި ދިޔައީ އެމެރިކާގެ ރައްޔިތުންނަށް ނޭނގި އެ މީހުންގެ ރުހުމެއް ވެސް ނެތިއެވެ. 1947 ން 1952 އާ ދެމެދު ވަރަށް ގިނައިން ނިއުޔޯކް ގެ މަތިން، މި ގޮތް ނޭނގޭ ވަތުތަށި އުޅަނދުތައް އުދުހުނެވެ. މިކަމާހުރެ އެއީ އޭރުގެ ސޯވިއަޓް ސައިންޓިސްޓުން ދުނިޔޭގެ އެންމެނަށް ވަގަށް ހޯދައި ތަރައްގީ ކޮށްފައިވާ ޓެކްނޮލޮޖީއެއް ކަމުގައި ވެސް އެމެރިކާގެ ބައެއް ސައިންޓިސްޓުން ލަފާކުރި އެވެ.

އެމެރިކާ މި ކަމަށް ފާރަވެރިވުމަށް އެމް ޖޭ 12 ކިޔާ ޖަމާޢަތެއް އެއަށް ފަހު އުފެއްދިއެވެ. އެމް ޖޭ 12 ގައި ހިމެނެނީ އޭރު އެމެރިކާ ސަރުކާރުގެ މަތީފެންވަރުގެ މީހުންނެވެ. އެއީ ސީއައި އޭގެ ކުރީގެ ޑިރެކްޓަރުންނާއި ޖާސޫސީ އަދި ފަންނީ ސައިންޓިސްޓުންގެ ގްރޫޕްތަކުގެ ބޮޑެތި  މީހުންނެވެ. މި ގްރޫޕަށް ސީ.އައި.އޭ އިން ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނެވެ.

ހަމަ ކުރިން ދެންނެވި ތާރީޚްގެ ތެރޭގައި އެމެރިކާގައި ހަމަ މި ކަމަށް އިތުރު އެހެން ޖަމާޢަތެއް އުފެދުނެވެ. އެއީ ރޮބަޓްސަން ޕެނަލް ކިޔާ ބަޔެކެވެ. މި މީހުންނާއި އެމް ޖޭ 12 ޖަމާޢަތާ ގުޅިގެން، ގޮތް ނޭނގޭ  އުދުހޭ ވަތުތަށި ޕްރޮގްރާމްގެ ދަށުން ޢާއްމުންނަށް ކިރިޔާ ވެސް ފެންނަން ހުރި ހެތްކެއް ހުރިނަމަ އެ ހެކިތައް ނައްތައިލައި ފަސްއަޅައި ފޮރުވައިލުމަށްފަހު މި މީހުންގެ އަތްދަށަށް ހުރިހާ ސިއްރެއް ގެނެސް ޖަމާކުރި އެވެ.

1947 ގައި އެމެރިކާގެ ރޯޒްވެލް އޭ ކިޔާ ހިސާބަށްވެއްޓިފައިވާ މީގެ ޖޯޑު ވަތުތަށި އުނޅަދެއްގެ ބައިތައް ތަޙުލީލުކުރި އެވެ. އަދި ހަމަ އެ އަހަރު ޖުލައި 3 ވަނަ ދުވަހު އެމެރިކާގެ މެގްޑެލީނާ އަވަށުގެ ސޭން އޮގަސްޓިން އޭ ކިޔާ ފްލެޓްތައް ހުންނަ ހިސާބު ގަނޑަށް ވެއްޓިފައިވަނިކޮށް ހޯދުނު މީގެ އުޅަނދެއް ވެސް ތަޙްޤީޤްކޮށް ބެލުނެވެ. މިކަމުގެ ސަބަބުން މި އުޅަނދުގެ ބައިތައް ތަޙްލީލް ކޮށް މީގެ އުޅަނދެއް އުފެއްދުމުގެ މަސައްކަތް ވެސް އެމެރިކާގައި ކުރެވުނެވެ. މިއީ ވަރަށް ސިއްރު ޙަރަކާތެއް ކަމުން މި ކަމުގާ ބައިވެރިވި ހުރިހާ ފަރާތްތަކުގެ ޙަރަކާތްތައް އަބަދާ އަބަދު 24 ގަޑި އިރު މޮނިޓާ ކޮށް ބެލެހެއްޓެމުން ދިޔައެވެ.

މިކަން އެމެރިކާ ސަރުކާރުން ސިއްރު ކޮށްފާ ވާ މިންވަރަކީ 1987 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖަލިސްގެ ގެރީ ސްޓޯލްމަން ކިޔާ މީހަކު ކޭ އެން ބީ ސީ ޗެނަލް 4 ގައި އޭލިއަންގެ ވާހަކަ ދައްކަމުން ޝޯވް ގެ ފޯރީގައި ވަޒަން ނެތް ހުސް ބަޑިއެއް ސީ އައި އޭގެ މީހެއް ކަމަށްވާ ޑޭވިޑް ހޮރޯޓްޒް އާ ދިމާއަށް މަޖަލަކަށް ދިއްކުރެވިގެން މުޅި އުމުރު، މޮޔައިންގެ ހޮސްޕިޓަލެއްގައި ހޭދަ ކުރަން ޖެހުނެވެ.

މި ކަމާ ވިދިގެން ޖޯޑު ވަތުތަށި އުޅަނދުގެ ޙަޤީޤަތް ހޯދަން މި އުފެއްދި އެމް ޖޭ 12 ކިޔާ އޭޖެންސީގެ ލިޔުންތަކެއް އެ ދުވަސްވަރުގެ ނޫސްތަކަށް ލީކުވެގެން ދިޔައެވެ. އޭގައި ވަނީ އެ އޭޖެންސީގެ މީހުން އޭލިއަން ނުވަތަ ޖިންނި ޝައިޠާނުންނާ މުވާސަލާތީ ގުޅުން އުފައްދައިފި ކަމުގައެވެ. އެ ޖަމާޢަތުން އެކަން ހިންގި ތާރީޚެއް ބަޔާނެއް ނުކުރެއެވެ.  އެ މީހުން މިކަން ހިންގީ ކޮމްޕިއުޓަރުން ހެކްސް ޑެސިމަލް ކޯޑްތަކެއް ބޭނުން ކޮށްގެން ކަމަށް ވެއެވެ.

އަދި އެމީހުންނާ މުއާސަލާތުކުރުމަށް ޖައްވަށް ފޮނުވި ސިގްނަލްތައް އެތައް ދުވަހެއް ވަންދެން މެދުނުކެނޑި ފޮނުވި ފަހުން ކޮމްޕިއުޓަރ އިސްކިރީނަށް 1 0 1 1 0  މިގޮތަށް އަކުރުތަކުން މަންޒަރުތަކެއް ކުރެހެން ފެށިއެވެ.

ދިރާސާތަކުން އެނގުނީ އެ މީހުންގެ އުޅަންދުތައް އެމެރިކާގެ ސަރަޙައްދުތަކައް ވެއްޓެމުން ދަނީ އެމެރިކާގެ އެތަންމިތާނގައި ހަރުކޮށްފައި ހުރި، ރާޑަރ އިނޓަރ ފިއަރެންސް ޑިވައިސް، ނުވަތަ ރާޑަރަށް މަގު އޮޅުވައިލާ އާލާތްތަކުގެ ސަބަބުން ކަމަށް އެމީހުން ބުނާކަމެވެ. އެމީހުންނަކީ ހަކަތައެއްގެ ސިފައިގައި ހުރަސްތަކެއްގެ ތެރެއިން ފެނުމުގެ ތެރެއަށް އަންނަ ބައެއް ކަމަށް އެމީހުން އެ މެސެޖްތަކުގައި ބުނާ ކަމަށް ވެއެވެ.

އަދި އެހެންކަމާއެކު އެމީހުން ގެ އުޅަނދުތައް އެ ހުރަސް ނެތިކޮށް ފާޅުވާ ހިނދު އެ ރާޑަރަށް މަގު އޮޅުވައިލާ އާލާތްތަކުގެ ސަބަބުން އެ މީހުންގެ އުޅަނދުގައި ހުންނަ ސާމާނުތަކަށް މައްސަލަ ދިމާވެ ވެއްޓެނީ އެވެ. އެ ވެރިން މި ހެކްސް ޑެސިމަލް ކޯޑްތަކުން އިންސާނުން މޮޔަ ހައްދަނީ ނޫންކަމެއް ވެސް ނޭނގެއެވެ، އެނގޭ އެއްޗަކީ އެމެރިކާގެ ސަރުކާރާއި މި ވެރިންނާ ގުޅިފައިވާ ކަމެވެ. ޝައިޠާނުން ނަކީ އެއިރެއްގައި އޮންނަ، އެންމެ ޙައިރާންކުރުވާ ކަމެއް ނަގައިގެން އިންސާނުން ޙައިރާން ކުރުވާ ބަޔެއް ކަން އަޅުގަނޑުމެންނަށް އެނގުނަސް އެމެރިކާގެ ސަރުކާރަކަށް ނޭނގެއެވެ. މިހާރު އިންސާނުން އެންމެ އެދޭ އެއް ކަމަކީ އަދި އެންމެ އަގު ބޮޑު ޓެކްނޮލޮޖީ އަކީ ޖައްވީ ޓެކްނޮލޮޖީ ކަމަށް ވުމާއެކު ޝައިތޯނުން އިންސާނުން މޮޔަހައްދަނީ ކަމަށް ވުމީ ވެސް އެކަށީގެންވާ ކަމެކެވެ.
---------------
(ނިމުނީ)
 މި ލިޔުން:
      ފޮނުވުން:    އިސްމާޢީލް މުބާރަކު
      އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 

 

އިދާރާ

ވާހަކަ