އަދުގެ ޚާއްސަ

Print

ޚިޔާލު ފާޅުކުރުން- އިމެއް ނެތް މިނިވަންކަމެއް ބާ!

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން


ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ކޮންމެ ފަރުދަކަށް ވެސް އޮންނަން ޖެހޭނެ މިނިވަންކަމެކެވެ. ޤައުމު ބިނާކުރުމުގައި ފަރުދުންގެ ޒިންމާއާއި ވާޖިބު އެންމެ އެދެވޭ ގޮތުގައި އަދާކުރެވޭނީ އޭރުންނެވެ. ޤައުމީ މަސައްކަތްތަކާއި ޤައުމުގެ ދުވެލި ހަލުވިވެގެން އަންނާނީ ވެސް އޭރުން ނެވެ. މިއީ އެންމެން ގަބޫލުކުރާ އަސާސެކެވެ. ހަމައެކެވެ. އެހެންނަމަވެސް މި ހަމައާއި އަސާސަކީ މިއަދުގެ ތަހުޒީބާއެކު އައި ކަމެއް ނޫނެވެ. މީގެ އެތައް އަހަރަކުތަކެއް ކުރިން މާތް ނަބިއްޔާ އަޅުގަނޑުމެނާ ހަމައަށް ގެނެސް ތަންފީޒު ކޮށްދެއްވާފައިވާ އުޞޫލަކާއި ހަމައެކެވެ.

މިއީ މިއަދުވެސް އެ ހަޤީގަތާއި ދެކޮޅު ނުހެދޭނެ ހަޤީގަތެވެ. އެހެންނަމަވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ އިމެއްނެތި ދޫވެފައިވާ ކަމަކަށް ވެގެންނެއް ނުވާނެއެވެ. އަދި އެއީ ޤައުމުގެއް ތަރަހައިގެ ތެރެއިން އެ ފުރުސަތު ފުޅާވެގެން ވާނެ މިންވަރެއް ކަމަށް އަޅުގަނޑުގެ ފިކުރު އެއް ބަހެއް ނުވެއެވެ. ޒަމާނާއި ޙާލާތު ބަދަލުވެގެން ހިނގައިދާނެއެވެ. ކަންކުރަމުން އައި އުސޫލާއި ހަމަލަމަ ބަދަލުވެދާނެ އެވެ. އެހެންނަމަވެސް އެއީ ތިމާ ހިތުހުރި ގޮތަކަށް ކަންކުރުމަށް ލިބޭ ފުރުސަތެއް ނޫނެވެ. ނުވަތަ ސަބަބެއްވެސް ނޫނެވެ. ދަންނަވަން ތޯއެވެ؟ އެންމެ ފުޅާ ދާއިރާއެއްގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ލިބިފައިވާކަމަށް ދައުވާކުރާ ފިކުރިއްޔާރަށް ބަރޯސާވެގެން އުޅޭ ފަރާތްތަކުން ވެސް ޤާބޫލުކުރާ މިންގަނޑުތަކެއް އޮވެއެވެ. އެއީ ތިމާ ފާޅުކުރާ ޚިޔާލާއި ޝުޢޫރުގެ ސަބަބުން އަނެކުންގެ ޚައްޤާއި އިމުގެ ތެރެއަށް ނުވަނުމެވެ.

މިއީ އަޅުގަނޑުގެ ހިތުން ހެޔޮ އުސޫލެކެވެ. މާތްވެގެންވާ އިސްލާމް ދީނަކީ ހުރިހާ އުސޫލުތަކާއި ހަމަތައް ފުރައި ފުރިހަމަ ވެފައިވާ ދީނެވެ. އެ ދީން އެންމެ ރަނގަޅު ގޮތުގައި އުނގަންނަވައިދެއްވި މާތް ސާހިބާ ވެސް ވަނީ އެ ނަމޫނާ ދައްކަވައިފައެވެ.

އެހެންނަމަވެސް މިއަދު ޤައުމީ ނަޒަރަކުން ޤައުމާ މެދު ވިސްނައިލުމުން ކަންބޮޑުވެއެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އިމުން ބޭރުވެ، އަތްނުފޯރާ ފަށަށް ދާތީ އެވެ. އިޙުތިރާމާއި ޤަދަރު ކުޑަވެ، ވެރިންނަށް ކިޔަމަންވުމުގެ އުސްލޫބު ހަމައިން ނެއްޓިފައިވާތީ އެވެ. ޤައުމީ މަސްލަހަތާއި ޤައުމުގެ އިޖުތިމާއި ހަމަޖެހުން ގެއްލޭ މިންވަރަށް ސޮއްސައިލައިފައިވާތީ އެވެ.

ތިމާގެ ޚިޔާލާއި ފިކުރަން އަންނަ ކޮންމެ ވާހަކައަކީ ނުވަތަ ކޮންމެ ޢިބާރާތަކީ ފާޅުކުރެވޭނެ ޚިޔާލަކަށް ނުވެދާނެ އެވެ. އެކަން އެމަގުން ޤަބޫލުކުރަން އެބަޖެހެއެވެ. އެއީ އޭގެ ސަބަބުން ފަރުދެއްގެ ދިރިއުޅުމާއި، ނުވަތަ ޖަމާއަތެއްގެ ޤަދަރާއި، ނުވަތަ ގައުމެއްގެ އަސާސްތައް ފަހަނައަޅައި ހިނގައިދާނެތީ އެވެ. ވިސްނުމާއި ފިކުރުން އިންސާނާ "މަހުޖަނަކަށް" ހަދައިދީފައި ވަނީ އެ ބޭނުމުގައިކަން ޤަބޫލުކުރަން އެބަޖެހެއެވެ. ފިކުރީ ފަލްސަފާތަކާއި، ޝައިޠާނީ އުޞޫލުތަކުން ޣާފިލުވެތިބެ، ހިތުހުރި ގޮތަކަށް ފާޅުކުރެވޭ ޝުޢޫރުތަކަކީ މިނިވަން ވެއްޓެއްގެ ހިޔަލުން ނެއްޓިފައިވާ ބުނުންތަކެކެވެ. ތިމާއަށް ލިބިފައިވާ ބާރުވެރިކަމާއި، ނުވަތަ ތިމާއަށް ލިބައިވާ ޤަދަރުވެރިކަމަކީ ތިމާ ހިތުހުރި ގޮތަކަށް އުޅުމަށް ލިބިފައިވާ ފުރުސަތެއް ނޫނެވެ.

މިނިވަންކަމީވެސް އެފަދަ އެއްޗެކެވެ. ޚިޔާލުފާޅުކުރުމާއި ޝޫޢޫރުތައް ހާމަކުރުމުގެ އިމަކީ ވެސް އެފަދަ އެއްޗެކެވެ. ޤައުމު ދެމިއޮވެގެން އަބަދުވެސް ދާނެއެވެ. ދުނިޔެ ދެމިއޮތްހާ ދުވަހަކަށެވެ. އެހެންނަމަވެސް އަޅުގަނޑުމެންނަކީ މަދު ދުވަސްކޮޅެއްގެ މެހެމާނުންތަކެއްކަން ހަނދާންކުރަން އެބަ ޖެހެއެވެ. ކަން މިހެން އޮތުމުން ތިމާއަށް ލިބިފައިވާ ފުރުސަތަކީ ތިމާގެ ފުށުން ގައުމުގެ މުސްތަޤުބަލަށް ހެޔޮ ފިޅާވަޅުތަކެއް ދަސްކޮށްދެވޭ ދުވަސްތަކަކަށް ހަދަން ޖެހެއެވެ. ތިމާގެ ފެންވަރުން ޤަޢުމުގެ އާންމު ފޭރާން ހެޔޮކުރުމަށް މަސައްކަތްކުރެވޭ ވަގުތުތަކަކަށް ހެދުން މުހިންމެވެ. މިއީ ދެގޮއް ތޯއެވެ؟
--------------
(ނިމުނީ)

މި ލިޔުން:
    ފޮނުވުން:    ޙަސަން ޒަހީން
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ