އަދުގެ ޚާއްސަ

Print

އީމާނުގެ އުދަރެސް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

             

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ

01 - ވިލާ ރޮއްޖެއްގެ  މިންވަރުވެސް ނެތޭ އުޑުގައި އެދުހު މެންދުރު،
         ކިލާކޮށްލީ  ދިމާ ހުޅަނގުން  އެކީ ދަށްއުޑު  ފަހުންނެ އަސުރު،

02 - ލަހެއްނުވެ ފެނުވަތުން ގުގުރާލިޔޭ ވައިރޯޅި    ބާރުވެލައި،
          ފަހެއް ޖެހުމަށް ފަހުން ވަކިވެސް ދެނެއް ނުވިޔޭ ދުވާލުގެ އިރު،

03 - އެހާ ކުޑަ ބޮއްކުރާ ގަނޑަކަށް އަރައިގެން އެކަނި ފަލި ޖަހަމުން،
              އެހާބޭރަށް   ޢަލީ ނިކުތީ،  ކެޔޮޅުކަމުއޭ  ތިނެއްޖެހި އިރު،   



04 - ކެޔޮޅުކަން ރަށްދަށުން ކުރުމީ،  ބޮޑެތި ކުރުމަސް، ހިބަރު މެރުމީ،
            ކެޔޮޅު އައްޔަށް ކަމެއް ނޫނޭ އޮތިއްޔާ   ހޭމަހާއި      ހެތުރު

05 - އެކަކު ފެންނަން   ނެތަސް  އޭނާ ހަވީރު  ކަނޑަށް ނިކުމެއުޅެޔޭ  
            އެކަނިމާއެކަނި    ދޮއްދަނޑި ޔާ ހިފައިގެން  އޭގެ ތޫނު ކަވަރު

06 - އެހެންނަމަވެސް މި އައި ވިއްސާރަޔާޖެހި، މާކަނޑަށް ބެހުމުން،
           އެހެން ކަމަކަށް   މިހާރުނެތޭ   ހިނގާކަށް   ބުއްދިޔާއި ފިކުރު

07 - އެކުން އޭނާ ނުތަނަވަސްވީ     ޙަޔާތުގެ  ނޫރު  ކަމުގައިވާ،
           އެކުޑަކުޑަ ހަ އަހަރުގެ ދަރިފުޅު   ވުމުންނޭ ގެނެވިފައި  މިދަތުރު

08 - އެފަދަ މަޢުޞޫމު  ދެލޮލާ  މޫނުގައި   ފެވެމުން އެދާ ކުލަތައް   
          މިފަދަ ވަގުތަކު  ބަޔާން ނުވެވޭނެހާ ހިތްދަތި މެޔޭ      މަންޒަރު

09 - ހިނގާ ބައްޕާ ރަށަށް އަވަހަށް، ހިނގާ ބައްޕާ ގެޔަށް އަވަހަށް،
        ހިނގާ  ބިރު އެބަގަނޭ ބައްޕާ،  މިހެން ބުނެލައިފި، ފަސްހަފަހަރު
+ + +    + + +    + + +

10 - ޖަހާ ކަޅުކޮށް   ނަގާ  ބޯމަތި ކުރީ     ވަރުހުރި ވިލާގަނޑެކޭ،
       އެހާ ބާރަށް އެހާބޯކޮށް  އަޔޭ ކެރި    ވާރެ       ވެހިގަތްއިރު

11- ރަށެއް ފިނޮޅެއް، ފަރެއް ގިރިޔެއް ހަލެއް  ވަކިވާރެއް ނުވެޔޭ،     
       އަށެއް  ނުވައެއް ޖަހާ މަޣުރިބު،    ޢިޝާ ފާއިތުވެގެން ދިޔައިރު   
 
12 - ވަށައިގެން ރާޅުތައް ހޮޅިލައި،   ދެޔޭ ޙަމަލާ ނުހަނުބިރުވެރި،
       ރަށާއި ދުރަށް   ވަރަށް   ބާރޭ ދަމާލެއް  އެހެރަ ގަދަ އޮއިވަރު

13- ފެނަށްލާ   ޙައްޖުތާކިހަލެއް   މެޝިނުގައި އަނބުރަމުންދާހެން،  
       ފެނަށްތިލަ ބޮއްކުރާ އުކަމުން ދެޔޭ   މުޅި ކަނޑު  އުތުރިދާއިރު  

14 - ވެހޭލެއް ބޯކަމުންވާރޭ   އޮޅުން އަރައޭ ކޮނޑާ ކޮނޑުހުޅު
       ޖެހޭވައި   ފިނިކަމުން  އަތްފައި  އެކީ އަޅަމުން ދެޔޭ  ތުރުތުރު

15 - ވަނީ ހަފަރާތުގައި    ކަނުއަނދިރިޔާ  ބިރުވެރިކަމޭ ނާމާން،     
       ދަނީ ތަރަތަރަ ޖަހައިގެންނޭ ދެ ލޯ ވެސް  އަންނަ ހިނދުވިދުވަރު  

16 - ބޮޑެތި ފަރުބަދަ މަތިން ދާހެންނެ ރާޅުމަތިން އުޅަނދުއެދަނީ،
      ގަނޑެތި  ފެންމަތިކުރަންނެރެޔޭ ކަށީގެ މަދުން،  ޢަލީ   ހިތްވަރު

17 - ދުލެއް ނުދެޔޭ ޖަހާ ފައްޔަށް އަތަށްވަރުބަލިކަމެއް ލިބިގެން،
      ފުލުން ދިޔަޔަސް ހެވޭ ބުނެލާ ކަހަލައޭ   ގެންނަ އާ    ބުންވަރު


18 - ފަލީގައި ބާރުލައި ހިފިޔަސް، ހަކަތަ އާލާވަމުންދިޔަޔަސް،
      އަލީގެ  ހިތަށް ލޮޅުން އަރައޭ   އެ ދަރިފުޅު  ގިސްލަމުން ރޯއިރު

19- މި ކޮޅިގަނޑުގައި ހަފުސްވެ މި ހާލުގައި ނިކަމެތިވަމުންދާއިރު،    
      އެކޮއި   ބަނޑުހައިވެގެންވެސް  ވެއްޖެޔޭ ގޮސް   ހާންތިވާހާވަރު   

20 -  މުޞީބާތުގެ މި ދަނޑިވަޅުގައި ލިބޭނޭ އެންމެ ބޮޑުގެއްލުން،
      ނަސީބުގެ ދެރަކަމުން  ދުނިޔޭން ލިބިއްޖޭ ސިކުނޑި    މޮޔަވާވަރު   

21 - އެދުން އިސްކޮށް  ސަލާމަތްވުމުގެ މަރުފަލި ޖަހަޖަހާއިންދައި،   
      މެދުން  ހަމަޔަށް  ދެފަޅިވިއްޔޭ   އަރާއިން   ބޮއްކުރާ  ކުޑަވަރު

22 - ނުހަނު ބިޔަ ރާޅުތަކުގެތެރޭ، ދަމައިގަތް ބާނިތަކުގެތެރޭ
      އެހިނދު މަޅުފަތިގަނޑެއް ފައްޔެއް ވިޔަސް ހަމަ ނުވިޔެ އަތުވާވަރު

23 - ކޮބައިހޭ ލޯބިވާ ދަރިފުޅު،  ކޮބައިހޭ  ދަރިފުޅާ  ދަރިފުޅު
      ނުބައި އަޑަކުން ގޮވައި ލެވުނޭ ޢަލީއަށް ކަނޑުވަމުން     ދިޔަރު

24 - ފަތާ ފީނާ  އެގޮތް މި ގޮތަށް  އެ ކަނު އަނދިރީތެރޭ ކަނޑުގާ
       ނަތީޖާ އެއް ނެތޭ ލިބިދިން،  އަތާ ފައިން     ވާގި  ހުސްވާއިރު

25 - ވަށައިގެން އެކިފަހަރު އެކި ދިމަ ދިމާއިން ހީވެޔޭ ބައްޕާ!
       މަށޭ  މި އޮތީ ގޮވާހެންވެސް ޢަލީއަށް   އެކި އަޑުން    އެކިއިރު

26 - ރޮމުން ﷲ އަކުބަރު   ހަރު އަޑުން  ތަކުރާރުކޮށްގޮވަޔޭ  
       ކަމުން  އަތްފައި ދިޔަސް އިޙްސާސް ނުވާނެޔެ މިހިނދު ފެމުނު މިޔަރު

27 - ކެކޭ ތެޔޮ ތާހަކަށް ވައްޓާލެވުނު ކުޑަކުޑަ ޅަ ރެއްސެއްހެން،  
       ދެކޭށޭ  ފުށްފުށަށް    އުކަޔޭ   ޢަލީ   އޮވެ ކަނޑުވަމުން  ދާއިރު

28 - ބައެއް ފަހަރަށް ފެނަށް ގެނބެމުން، ބައެއް ފަހަރަށް އަރާހިކެމުން،
        ބައެއް އިރު ލޮނު ބޮމުން   ބޮވެމުން، ދެޔޭ ގޮތްހުސްވަމުންދާއިރު

29 - ހިތަށް އެވަގުތު އަރާފައިބާ ޚިޔާލާ ހިތުގެ އިޙްސާސްތައް
        ކިތަންމެ ވަރަށް ބުނަން އުޅުނަސް   ކަމެއް   ނޫނޭ އެއީ ވާވަރު
         + =  + = + = + = +

29 - ތިރީސްފަސް އަހަރުގައި ކުރެވުނު ޙަޔާތުގެ އަލަތު ކާވަންޏަށް،
        ކުރީ  ހައަހަރު ފަހުންނޭ  ޤުދުރަތުން ހަދިޔާ  އެދޭ  ހަނދުވަރު

30 - އެލޮބުވެތި ދަރިފުޅަށްޓަކައޭ  ޢަލީ  މި ޙަޔާތުގައި އެވަނީ،
         ލޮލުގެ ނޫރޭ  އެއީ  ރަޙްމަތްފުޅުން  ކޮށްދެއްވި  މާތް  މިންވަރު

31 - އެއީ އޭނާގެ އުންމީދޭ،      އެއީ ނަފުސާ ހިތުގެވިންދޭ
        އެއީ ރޫޙާއި ދިރިހުރުމޭ،   އެއިން ލިބިދޭނެ ހެޔޮ      މަތިވަރު

32 - ވަދާޢުގެ ބަދުނަސީބު ޒަމާން އެކޮއި މަންމަގެ ވިހޭގެތެރޭން،   
       ހަނދާނަށް ދޫކުރީ   އެއްލުނު  ހިމުން ދޮންވެލި   ދެތިންމުށްވަރު

33 - މަދަދުވެރި ލޯބިވެތި ކުލުނުން، އަލީ އެކޮޔަށް ދިރުންގެނައޭ،    
        ބަދަލުގައި ދިން ޔަތީމު ކަމުން ލޮލުން ހިލުނަސް  ކަރުނަ ފޮދުވަރު

34 - އުފަންވީއްސުރެ އަލަތު ދަރިފުޅު، ޢަލީ ހުރިހާ ހިތާމަތަކެއް
         އުފަލަކަށް ބަދަލު ކޮށްލައިފިޔެ،  އެކޮއި ހެދި ބޮޑުވަމުން  ދާއިރު   

35 - ދުނިޔެދޭ ކޮންމެ އަނިޔާ އެއްގެ ފަހަތަށް ދޭކަމުން އުފަލެއް،
        މުނިއަވަސް  ފިލުވުމެއް ލިބެޔޭ    އެކޮއި ހިނިތުންވެ ހީނލާއިރު،


36 - އެކޮއި   ހެއްވާ އުފާކޮށްލާން،  އެކީގައި ކުޅެ މަޖާކޮށްލާން،
          ނިކަން އުފަލުން، އަލީ ހުރެޔޭ ރެޔާއި   ދުވާލު     ހުރިހާއިރު  
    
37 - އެކީގައި މިސްކިތަށް ގެންގޮސް، އެކީގައި ނިންދަވައި، ކާންދީ
         އެކީ ވާހަކަތަކާ ލަވަޔާ،    ކިޔައިދެޔެ  ޅެންފަރިހި    ރައިވަރު
       + = + = + = + = + = +

38 - މި ފަދަ ފޮނިފޮނި ހަނދާންތަކުގައި، މި ފުންކަނޑުގައި މުސީބަތުގައި،
          އުފެދި ވޭނާއި ހިތްދަތިކަން ޢަލީވެޔެ    ރޫޙު ނެތި     ދާވަރު

39 - ޖަވާބެއް އޭގެ ބޭނުންވާ،   ޙަޔާތާ   މަރުގެ   ދެމެދުންވާ،
        ސުވާލެއް އުފެދެޔޭ  ހިތުގައި ހިތާ މުޅި ލަގޮނޑި      ވިރިދާވަރު   

40 -  ހަޔާތަށް ހަމަޖެހުން ލިބިދިން ހިމޭން އަލި ނޫރު އުންމީދީ،
       ވަޔާއެކު   ރާޅުތަކުގެ ތެރޭ     މި ރޭ ނިވުނީހެ   ފުރަ ދަންވަރު

41 - އެހެން ކަމުގައި ވަނީ ނަމަ ބޭނުމެއް އަހަރެންގެ އެބައޮތްހޭ؟
      މިހެން އޮވެ    ދުނިޔެ ދޫކުރުމޭ ބޮޑަށް ރަނގަޅީ   ނުބޮއި މަ ޒަހަރު
           += + = + = + = + =

42 - ޚިޔާލާ ބުއްދިޔަށް ރަނގަޅާ ނުބައި އިޙްސާސް ދެޔޭ ކުރަމުން،
        ވަޔާ ކެރިޔާއި އޮއިވަރުވެސް    ހިމޭންވެޔެ      ދަންވަމުންދާއިރު

43 -  އެހާ ބޯކޮށް އެއައި ވާރޭ ވަރަށް ތުންޏޭ ވެހޭލެއްވެސް،  
         މިހާރަކު ދެން ނެތޭ އުސް ރާޅު ތައްވެސް  ކަނޑުމަތީ   ބައިވަރު

44 -  އެހެންނަމަވެސް އެކަނިވެރިކަންވެޔޭ އަމުދުން ނިހާޔަތުގައި،
         މި ހެން އޮވެ މާކަނޑެއްގެތެރޭ  މަރާ ހަނގުރާމަ     ކުރެވޭއިރު  

45 - މިޖަޒުބާތުގެ ތެރޭގައިވެސް   ޢަލީ ފެތުމަށް ދުލެއް ނުދެޔޭ،  
         އަޖަލު ޖެހުމެއް ކަމަށް ނުބަލައި، ވަރަށް އެބަ ދައްކަޔޭ ފަންވަރު  

46 - އަމާޒެއް ކަނޑައަޅައި ވިސްނައި ބަލައިފައި ހިތުގެ ހިތުލަފަޔަށް،
         ދިމާއެއް ގަސްތު ކޮށް  އޭނާ ފަތައިގަތެ ބަނދެލަމުން  އެކަމަރު

47 - ރަށެއް އޮންނާނެޔޭ އެ ހިސާބުގައި އޭނާ ދެކޭ ގޮތުގައި،  
         އަށެއް ނުވަގަޑި އިރުން އަތުވާނެ ފަޅުރަށެކޭ   އެއީ   މެދުވަރު

48 - ފަތާލަން އެއްލި އެއްއަތުގައި ފަތައި އެއްޗެއް އެހިނދު ޖެހުނޭ
         އަތާ ސީދާ ވިޔޭ  އުޅަނދުގެ އެ ދެފަޅިންކުރެ މެ  އެއްފަޅިވަރު  

49 - ސަލާމަތް ވީކަމަށް ވިސްނޭވަރުގެ ފުން އުފަލެކޭ ލިބުނީ،
         ދުލާ ނަފުސުން ކުރީ، އައުދާނަ ރައްބަށް  ހާސްފަށުންނެޝުކުރު

50 - ނިކަން ކެތްތެރިކަމާއެކުގައި އަރާ އެ ފިލާގަނޑުގެ މައްޗަށް،
       ނިކަން    ހެޔޮވިސްނުމާ ފިކުރާ   އަލީ ހިންގާލިޔޭ     ނާދިރު

51 - ދުލުންނާ އަދި ހިތުން ޛިކުރާ ދުޢާކޮށް ހިންމެވުން އެދުމުން،    
         އަލުން ރޫޙެއް    އުފައްދައިލިޔެ ހިތުގެ އީމާންކަމުގެ މަޞްދަރު

52 - ޝުޢޫރެއް ހިތުތެރޭ ފައިދާ ވިޔޭ  އީމާންކަމުގެ ރޫޙުން،  
        އެއީ މަތިވެރި ފިކުރުތަކެކޭ  ހިތަށް    ދުވަހަކު  ނުވިސްނޭވަރު  

53 -  ވަރަށް ގަދަ ޢަޒުމުގައި ނަފުސުގެތެރޭން ބުނެ އިއްވަމުންދިޔައޭ
         ވަރަށް ނިކަމެތި  މެޔޭ މާބަނޑުތެެރޭ   ނުވަމަސްވެގެން ދިޔައިރު

54 - އޭތާވެސް ހުސްފެނެއް ނޫންހޭ؟ މިތާވެސް ހުސްފެނެއްނޫންހޭ؟
       ދެތާވެސް  ޚާލިޤުލް އަޢުލާގެ ރަޙްމަތް   ނޫން ނެތޭ     ޤާދިރު

55 - ދެއަތް ހުޅުވާށެ ވާފަށުގައި ހިފަން ރަޙްމަތްފުޅުގެ މަތިވެރި،
      ނިޔަތް ޚާލިޞް     ކުރާ އަޅަކަށް ވަރަށްގާތޭ އެނގޭހެ     ނަޞުރު

56 -  އޮތީ ހަމަ '' ކުން'' މި ކުރުލަފްޒޭ،   އެޔާކުވާށިޔޭ ''ފަޔަކޫން''
       ނަތީޖާ ދައްކަވާނެޔެ     ހިތުގެ    އީމާނަށް     ފިސާރި އިތުރު

57 - ކިހާ ނިކަމެތި ކިހާ ހިތްދަތި ކިހާ   އަނިޔާ ޔަކަށްފަހުހޭ؟
       އެހާ ބޮޑު    ކާމިޔާބީގައި     އުފުއްލާލީ،       ލިވާއު ބަދުރު

58 - ހެމުން ބޮޑު މާކަނޑެއްގެތޭން ނަބީ މޫސާ ނަޖާވެލިޔޭ،
      ދެމުންދިޔަ ބޮޑެތި އަނިޔާއިން، ނުބައި     ފިރުއައުނު އިހުގެ މިޞުރު

59 - އުފައްދާށޭ ހިތާ މުޅި ރޫޙުގައި   އިހުނެތް އިތުރު ބާރެއް
      ނުފުއްދާށޭ ނުކޮށް  ހުރިހާ     ހިތުގެ އުންމީދުތައް       ފައްތަރު

60 - ކިޔާތަކުބީރު އަޑުހަރުކޮށް، ދުޢާ މުޅި ހިތުގެ ޚާލިޞްކޮށް،
      ޙަޔާތުގެ އެދުމުގައި       ފަލިވަޅު އަޅާށޭ    ދައްކަމުން  ހުރިވަރު
        += + = + = += + = +


61 - މިތަންވަޅު ފެނިލިޔޭ ފަނޑު އަލިކަމެއް ބޮތްކެއް ކަމަށްހީވާ،
          ހިތަށް  ވިސްނިއްޖެޔޭ  ދޯންޏެއްކަމަށް އޮތް ބޭރުގައި  ފުށްޓަރު

62 - މިއައި ވިއްސާރަޔާގުޅިގެން އެތާ އޮތް ފަޅުރަށުގެ ނިވަލަށް،
          ނިޔާމައިގައި  ޖެހީކަމަށޭ އެވާނީ ދޯނި   މިއަދު    ބަނދަރު

63 - ޙަޤީޤަތުގައި ޢަލީ ވިސްނާ ގޮތުންނަމަ ފަޅުރަށެއް އޮތުމީ،
        ޔަޤީންކަމެކޭ     އެދޯނި އެ އޮތް ދިމާގައި ރަށުގެ ދެމިގެން ފަރު

64 - ލިޔުއްވައިގެން އެރަށް އެ އުޅޭ ފަރާތުން ކޮންމެ ހަފުތާޔަކު،
         ދިޔުންމީ އާންމު ކަމެކޭ ދޫނުކޮށް އެރަށަށް މި ބުދަ ހޮނިހިރު  
   
65 - ހިތަށްވެރިވީ އުފާވެރިކަން އެތައް ގުނައެއް އިތުރުވެއްޖޭ
         ކިތައް އިޙްސާސްހެ ހިތުގެ  ތެރޭ ހިނގާނީ މިންޖުވާންދާއިރު،

66 - އެހެންނަމަވެސް ތަސައްލީއެއް ޢަލީގެހިތަށް ލިބޭނޭހޭ؟
        ރިހުންތައް އާވެޔޭ ދަރިފުޅުގެ ހަނދުމައިން ކަރުނަ   ފޫދޭއިރު

67 - އަތުން ފަލިވަޅު އަޅާލާފައި، ފައިންވެސް ބާރުތައްލާފައި،
       މިތަންވަޅުގައި ޢަލީ ދާއިރު   ނެތޭ ކުޑަވެސް ބިރެއްގެ އަސަރު

68 - ދަނީ ހުވަފެންތަކާ އުންމީދުތައް ހިތުގައި އުތުރެމުންނޭ
       ވަނީ   މި ޚިޔާލަށޭ ހަމަ ހުއްޓިފައި ވިސްނުމުގެ ތޫނު   ނަޒަރު

         + = + = + = + = +

69 - ސަލާމަތްކަންމަތީ އަވަހަށް ރަށަށްގޮސް ރަށުގެ އެންމެންނަށް،    
         މުލާއެކުގައި ބާޔާންކޮށްދޭނަމޭ   މުޅި    ހާދިސާގެ  ޚަބަރު  

70 - ޙަޔާތުގެ ވިންދުކަމުގައިވާ މަގޭ ދަރިފުޅު ފެނޭތޯ ވެސް،  
       ލެޔާއި ފުރާނަ ގުރުބާންކޮށް ފަށާނަމެ އެހިނދުގައިމަ    ދަތުރު

71 - މިކަމުގައި ވާނެޔޭ ބައިވެރި، ވަސީލަތް ރަނގަޅު އަތްމަތިކޮށް،
       އެކުވެރިންނާ ރަށުގެ އެންމެން، މަދަދުވެރި ރޫޙުގައިވެ   މިތުރު  

72 - ވަނީ ނެތުމުގެ ތެރޭންނޫންހޭ އެ ނިޢުމަތް އޭރު ދެއްވާފައި،   
       '' ޣަނީ،'' އަދި ރައްދުކޮށްދެއްވާނެޔޭ އެފުރާނަ     މާތް ޠާހިރު  

73 -  ނަޖާކޮށްދެއްވިޔޭ އަލިފާންގަނޑުން ކީރިތިވި އިބްރާހީމް،
         އަޖާބެއް ނޫންހެ ފިނި  ފިނި ގަނޑު ފެނަށްވީކަން އެހޫނު އަނގުރު

74 - މި ބީދައިން ނަޒަރު ހިންގާއިރު، އިލާހީ ރަޙްމަތުގެ ސަބަބުން،
         ނަބީންނޫނަސް،   ދިނޭ ކަނޑުވެސް ޙިމާޔަތް، ހުއްޓަކަސް  މާވަރު  

75 -  ވިޔަސް މާތް މުޢުޖިޒާތްކަމުގައި ބައެއް ފަހަރަށް ބައެއްކަންކަން،
          މިޔަށް ވިސްނާލުމުން  އެނގެޔޭ ރަނގަޅު  އީމާންތެރީންގެ ޤަދަރު

76 -  ޔަޤީނޭ ކަށަވަރޭ ފެންނާނެޔޭ އަހަރެންގެ ކުޑަ ދަރިފުޅު،
           ޢަޤީދާ ޔަށް    ލިބޭނެޔެ ހަރުދަނާ  ހިތްހަމަޖެހޭނެ     އަޖުރު

77 - އެދަރިފުޅު   ފެނިލުމާއެކުގައި ހެމުން  ބޮސްދޭނަމޭ ނިތުގައި،
          މި ދިރިއުޅުމާއެކީ      އަލިވެއްޖެކަން އަންގާ    ގެޔާއި ގެދޮރު  

78 - ފުރާފުރިހަމަވެގެން އޭނާ  ބިނާކޮށްލާނެޔޭ     މިޙަޔާތް
         ކުރާނެޔެ      ދުނިޔެވެސް ހައިރާން އެކޮއިގެ މަސައްކަތާއި ހުނަރު
           + = + = + = + = + = +

79 - ހިތަށްވެރިވާ އެތައް އިލްހާމު ތަކަކާ  ހުވަފެނުގެ މަސްތުން،
           އެތައް   ގިނަ ކުރެހުމެއް ކުރަހާ ޢަލީ ދެޔެ ފެންކަފާ މި ބަޙުރު

80 - މިހެން ފެތުމުގެ ތެރޭ ބައިގަޑިއިރަށްވުރެ  ވީފަހުން ގިނައިރު،
           އެހެން އޮވެފައި އެ އޮޑި ނައްޓާލިކަން އެނގުނޭ މަތިންގޮސްނެރު

81 - ކަފުންކޮށް ކަށްވަޅަށް އެއްލާލުމާ  ފަރަގެއްނެތޭ  އަސްތާ  
           މިފުން މާކަނޑުތެރޭން ދެލޮލަށް   ނަސީބުގެ ބައްތި  ގެއްލޭއިރު


82 - ކިހާ އުންމީދަކާ     ފޮނި އުފަލަކާ އެކުހޭ   މިހާއިރުވީ؟
           ނިހާޔަތަށޭ އަލުން ދިޔައީ ޢަލީ  ހިތްދަތިވެ ބެދެމުން،    އަރު

83 - އަރާ އޮތް ފަޅިވަރުން ފައިބައި ކަނޑަށް ދޫކޮށްލުމަށްފަހުގައި،
           ފަރާތަށް ދޯނި އޮތް އަވަހަށް ފަތައިގެންފިޔެ އެޔޮއް   ފިނިއިރު

84 - މިހެން ކަންތައް ކުރީ    އަވަހަށް  ދެވޭނޭކަމަށެ  މާބާރަށް،
          ރިހޭފައިމައްޗަށޭ   އެހެނަސް އަތުން ސޮހި ވެއްޓުނީ  ފޮއިބަރު

85 - ބަލަން އޮއްވައި ފަތަން އޮއްވައި، ހިތާ މުޅި ނަފުސު ވެސް ރޮއްވައި،
        ލޮލަށް އޮޑި ވަންހަނާ ވެއްޖޭ    ހުރަސް ކޮށް ރޭގަނޑުގެ ޗާދަރު

86 - އަނެއްކާވެސް އައީ ކަށްވަޅުގެ  ކަނުއަނދިރީގެ  ފުރުޞަތެކޭ
        ނުރައްކާތެރިކަމާ ހާސްކަމުގެ   ހިތުގައި ކުރިލަމުން ރޯ    ނިރު

87 - ހިތުގެ އީމާނަށާ  ޢަޒުމަށް އެހެންމަވެސް  ބަދަލު ނުގެނެސް،
       އަތުގެ ހަރަކާތް އަވަސްކުރިޔޭ     ޢަލީ  ގާތާއި ބަލަމުން   ދުރު
 
88 - ބާރާބަރު ހަގަޑިއިރު މެދުކެނޑުމަކާ  ނުމެލައި ފަތާލިފަހުން،
      އަރާ ހަމަވެއްޖެކަމުގައި  ވިސްނުނޭ މައްޗަށް     އެ ފަޅުރަށު ފަރު

89 - ލަހެއްނުވެ ފައިޖެހިއްޖޭ   ގާގަލާ  ހިރިޔާ  މުރަކަތަކުގައި
      ގަހެއްހެންނޭ   ކޮޅަށްޖެހިލީ އަލީ،  ނުލަނީސް      އެރޭގެ ފަޖުރު

90 - އެހެންނަމަވެސް ލިބުނު ހިތްދަތިކަމާ ވަރުބަލިކަމުގެސަބަބުން،
      ފަހެއްވެސް  ޖެހިފަހުންނޭ  އެއްގަމަށް ފޯރީ،   ގަނޑެއްހެން  ދަރު  

91 - އަރާ ގުންޑޮޅިމަތީ   އަތްފައި ދަމާލައިގެން  އޮށޯވެލިއޭ
      ފަރާތެއް ނެތެ ފުރޮޅި ނުމެލާ،  ވެގެން ހުސް ދެން  މިހާރު ގޮހޮރު

92 - މި ހާންތިކަމާއި ހިތްދަތިކަމުގެ ހައްދެއް ނެތް ނިހާޔަތުގައި،
      ކިހާ ގިނަ ވިސްނުމެއް ވިސްނާނެހޭ   ކަށްވަޅުތެރަށް  ދާ   އިރު  
===================================  

93 - މި ރަށަކީ، އަބަދުވެސް ވެލަޔާއި މާހޯރައިގެ  ވެސް ރަށެކޭ
           ވަރަށް ބޮޑު ހުރަޔަކާ ގުޅިގެން ލިބޭ ހޮވުމަށް އެ   ހުދު ޢަންބަރު

94 - އަތޮޅު މިހިސާބުގައި އޮއިވަރު ހިނގާޒާތުން ލިބޭ ނަފައިން،  
          އަތޮޅު އެއްމެން ކިޔާ އުޅެޔޭ މިއޭ މި އަތޮޅުގެ    ރަން ހަންދަރު

95 - މި ރަށް ވަރުވާކުރާ ހަމަ ކޮންމެ މީހަކު ވެސް އެހެންވީމާ،
          ދުރަށް ނަން ފެތުރި، އެއް ފަދަ ވާނެޔޭ އަތޮޅަށް މި  އިސްކަންދަރު

      ++++    ++++    ++++    ++++

96 - ވަރަށްގަދަ އައްޔަކަށް، ސިހިގެން އަލީ އަށް ހޭލެވުނު ވަގުތޭ،
         ބަރާބަރު ބޮންތިއެއްގެ މިނަށް  އަރާ  ހުއްޓޭ  އަނެއް ދުހު  އިރު  

97 - ދުރުން މާ ދުރު ދުރުން ލޮލުގައި އަޅައިގަތެ އެހިނދު ކަތިރިޔަލެއް،
          ދިރުން އައި މައްޔިތެއް  ފަދައޭ ދެފައި މައްޗަށް ތެދުވެ ގަތްއިރު  

98 - އެއާ  އެކުގައި ދިމާ ހަމަ އުރަފަށުން ލައްގާ ފިލާގަނޑަކަށް،
        މެޔާއި ހިތާ  ފުރާނަ އިންވެސް ގޮވައިގަތެ  ދޭށެ ތޫނު  ނަޒަރު  

99 - އަލީ ދުވެ އަތިރިޔަށް ފައިބާ ވަށައި އުދަރެސް ބަލައިލައިފާ
       ފަލީގައި ހުސް  ދެ އަތުގެ ޖަހައިގަތޭ  ކުރަމުން ކަލާނގެ ޒިކުރު  


         ++++      ++++       +++++

100 - ނެތޭ ހަމަ ކުޑަ މިނުން  ހާފުސް ކޮޅެއްވެސް އުޑުމަތީ މިވަގުތު
       ނެތޭ  ބީހޭ އޮމާން ރާޅެއް މެ   ނޫނީ   ކަނޑު   ބަލައިލާއިރު

101 - އޮތީ މުޅި ކައުނުގައިވެސް    އަދު އުޖާލާ ރީތި ރަންކަމެކޭ  
          މުތީން ފަތުރާލި ސާލެއް  ދީފިޔޭ ޖައްވަށް މި ފަރި    ކުލަވަރު
 
102 - ދެކޭށޭ ރަނުގެ  ވާރޭގައި    އުދުހިލާ ދޫނިތައް މި ފަތިހު،
         ދެކޭށޭ އޭގެ ރިޒުޤާ  ދިރި ހުރުން ހޯދާ ގޮތުގެ       ޖައުހަރު

103 - އޮތީ އާ ދުވަހަކަށް އެރި އިރުގެ ފޮނި ފޮނި މަރުޙަބާ ނޫންހޭ
         އޮތީ ވިސްނާ ޢަޒުމު އާކޮށް އުޅޭ  މީ ހުންނަށޭ     މި ޢިބަރު   
         ----------------------------
    

ހަމަމިގަލަމުން

އިދާރާ

ވާހަކަ