އަދުގެ ޚާއްސަ

Print

ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

أنس بن مالك رضى اللّه عنه ގެ އަރިހުން ޞަޙީޙައިނީގައި ރިވާވެފައިވެއެވެ. أنس ގެފާނު ވިދާޅުވިއެވެ. އަހަރެން رسول اللّه صلّى اللّه عليه وسلّم ގެ ޚިދުމަތުގައި ދިހައަހަރު އުޅުނީމެވެ. އިތުރު ސާހިބާ ދުވަހަކުވެސް އަހަންނާ ދިމާޔަށް ޗުއްޕުވެސް ވިދާޅެއް ނުވެއެވެ. އަހަރެން ކުރިކަމަކާމެދު އެކަމެއްކުރީ ކީއްވެތޯވެސް އައްސަވައެއް ނުލައްވައެވެ. ހަމައެފަދައިން އަހަރެން ނުކޮށްހުރި ކަމަކާ ބެހޭގޮތުން އެކަމެއް ނުކުރީ ކީއްވެތޯވެސް އައްސަވައެއް ނުލައްވައެވެ. أنس ގެފާނުގެ އަރިހުން އައިސްފައިވާ އެހެން ރިވާޔަތެއްގައިވާގޮތުން، އިތުރު ސާހިބާގެ ޢާއިލާގެ މެމްބަރަކު أنس ގެފާނު ކުރެއްވިކަމަކާމެދު ނުވަތަ ނުކުރައްވައިހުރި ކަމަކާމެދު އެއްޗެކޭ ވިދާޅުވިޔަސް، އިތުރު ސާހިބާ އެކަން މަނާކުރައްވައެވެ. ޙަދީޘުކުރައްވައެވެ. އަޅުއްވައިނުލައްވާށެވެ. އެކަން އެނިމުނީއެވެ.

އިތުރު ސާހިބާ ކުޑަކުދީން ގާތްކުރައްވައިގެން ގެންގުޅުއްވާގޮތާއި، އެކުދީންނާ ބައިވެރިވެވަޑައިގެން އެކުދީންނަށް ލޯބިދެއްވާގޮތާ ބެހޭގޮތުން عبداللّه بن الحارث رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު عبّاس رضى اللّه عنه ގެ ބޭފުޅުން ކަމުގައިވާ عبداللّه އާއި، عبيداللّه އާއި كثير އާ ތިންބޭފުޅުން ސަފަކަށް ބައިތިއްބަވައިފައި އެބޭފުޅުން ވާދަދުއްވަވައެވެ. ޙަދީޘުކުރައްވައެވެ. [އެންމެފުރަތަމަ އަހުރެންގެ ގައިގައި އަތްލިކުއްޖަކަށް އިނާމު ދެއްވާނަމެވެ. އެބޭފުޅުން ދުވެވަޑައިގެންފައި ވަޑައިގެން އިތުރު ސާހިބާގެ މޭފުޅުމައްޗަށާއި، ބުރަކަށިފުޅުމައްޗަށް ވެއްޓިވަޑައިގަންނަވައެވެ. އިތުރު ސާހިބާ އެބޭފުޅުންގެ ގައިކޮޅުގައި ހިފަހައްޓަވައި އެބޭފުޅުންގެ ގައިކޮޅުގައި ބޮސްދެއްވައި ހައްދަވައެވެ.] (އަޙްމަދު)

ނަބަވީ މަދަރުސާގެ ދަސްވެނީން


ނަބަވީ ތަރުބިޔަތާއި ނުބުއްވަތުގެ ޒަމާނުގެ މުޖްތަމަޢުގެ އުނގަންނައިދެއްވުންތަކުގެ ތެރެއިން އުފެދިގެންއައީ ކޮންކަހަލަ އަބްޠާލުންތަކެއްކަން، ނަބަވީ ސީރަތާއި އިސްލާމީ ތާރީޚުގެ ޞަފްޙާތައް އުއްކަވައިލެއްވުމުން އޮޅުންފިލައި ވަޑައިގަންނަވާނެއެވެ. އިތުރު ސާހިބާ صلّى اللّه عليه وسلّم ސުވަރުގެ ވަޑައިގެންނެވިއިރު، ޢަރަބިކަރައިގެ އާރޯކަމެއްނެތް ހަނަފަސް ޞަހަރާ ވަނީ ބަޠަލުންގެ ނާސަރީއަކަށް ބަދަލުވެފައެވެ. ޕްރޮފެސަރ ފިލިޕް ކޭ. ހިއްޓީ އޭނާގެ ފޮތެއްކަމުގައިވާ [ޢަރަބީންގެ ތާރީޚު] ގައި ލިޔުއްވައިފައިވެއެވެ.

After the death of the Prophet sterile Arabia seems to have been converted as if by magic into a nursery of heroes the like of whom both in number and quality is hard to find anywhere.
P.K. Hitti, History of Arabs (1979) p.142

އިސްލާމްދީނުގެ ނަބިއްޔާ ސުވަރުގެ ވަޑައިގަތުމަށްފަހު ހީވީ ޢަރަބިކަރައިގެ ގަސްގަހާގެހި ނެހެދޭ ބިން ޖާދޫގެ ޒަރީޢާއިން، ބަޠަލުންގެ ނާސަރީއަކަށް ބަދަލުކޮށްލެވުނުހެންނެވެ. ޢަދަދާއި ބާވަތަށް ބެލިކަމުގައިވިޔަސް އެހެން އެއްވެސް ތަނަކުން ހޯދުން އުނދަގޫވާފަދަ އަބްޠާލުންނެވެ.

    ތިރީގައި މިދަންނަވަނީ، އޭގެތެރެއިން ބައެއް ނަމޫނާތަކުގެ ވާހަކައެވެ.

އިސްލާމީ ތާރީޚުގެ އެންމެ ކުރީކޮޅުގެ ޙާދިޘާތަކުގެ ތެރެއިން ޙާދިޘާއެކެވެ. ކައުސާހިބާ صلّى اللّه عليه وسلّم އިސްލާމްދީނުގެ ދަޢުވަތު ދެއްވުމަށްޓަކައި ހާޝިމްވަންހައިގެ ބޭފުޅުންނަށް ގޮވައިލެއްވުމެއް ދެއްވިއެވެ. ފަރީއްކުޅުއްވައި ނިމިވަޑައިގަތުމުން، އެބޭފުޅުންގެ ކުރިފުޅުމައްޗަށް މާތް اللّه ގެ ދީން ހުށަހެޅުއްވިއެވެ. ބުދަށް އަޅުކަން ކުރެއްވުން ހުއްޓަވައިލެއްވުމަށާއި، އެއްކައުވަންތަ އިލާހަށް އަޅުކަން ޚާލިޞްކުރެއްވުމަށް ގޮވައިލެއްވިއެވެ. ހަމައެޔާއެކު ސުވާލުކުރެއްވިއެވެ. މި އުނދަގޫ މަސައްކަތުގައި އަޅުގަނޑާ ބައިވެރިވެވަޑައިގަންނަވާނީ ތިޔައިގެ ތެރެއިން ކޮންބޭކަލެއްތޯއެވެ. ޢާއިލާގެ މުސްކުޅިފުޅު ބޭބޭކަލުންނާއި، ހަރުބޭފުޅުން ތިއްބެވީ، އެއްވެސް ބަސްފުޅެއް ނެތިފައެވެ. އެވަގުތު ތަންކޮޅެއް ފަހަތުން އަޑުފުޅެއް އައެވެ. [އޭ މާތް اللّه ގެ ރަސޫލާއެވެ. އަޅުގަނޑު ކަލޭގެފާނާ ބައިވެރިވާނަމެވެ.] އެއީ ކޮންބޭފުޅެއްގެ އަޑުފުޅެއްތޯއެވެ. އިސްކޮޅުފުޅުން ކުޑަ، ހިމަތޮޅި، ވަރަށް ހަގު ބޭފުޅެއްގެ އަޑުފުޅެކެވެ. އެގާރަ އަހަރުފުޅުގެ ތުއްޕުޅު ބޭފުޅެކެވެ. على بن أبى طالب އެވެ. އެކަލޭގެފާނަށް ތަރުބިޔަތު ލިބިވަޑައިގެންފައިވަނީ އިންސާނިއްޔަތުގެ މުޢައްލިމުގެ މަދަރުސާއިންނެވެ. ނުބުއްވަތުގެ ކުރީގައިވެސް ނުބުއްވަތަށް ފަހުގައިވެސްމެއެވެ.

ޢުމުރުފުޅުން ބާރައަހަރުވީ عمير ބަދުރު ހަނގުރާމައިގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކީރިތިކުރައްވައި [ބޮޑާ] ދެއްކެވިއެވެ. އެކަލޭގެފާނުގެ ހިތްޕުޅުގައި ޖިހާދުގައި ބައިވެރިވެވަޑައިގަތުމަށް އުފެދިފައިވާ ޝައުޤުވެރިކަން ދެކެވަޑައިގެން އިތުރު ސާހިބާ އެކަލޭގެފާނު ލަޝްކަރުގައި ބައިވެރިކުރެއްވިއެވެ. އިތުރު ސާހިބާ ކުރީން ވަނީ އެކަމަށް އިންކާރު ކުރައްވައިފައެވެ. އިސްލާމްދީނާއި އިސްލާމްދީނުގެ ނަބިއްޔާ صلّى اللّه عليه وسلّم ގެ އެންމެބޮޑު ދުޝްމިނު އަބޫޖަހުލު ބަދުރުގެ މައިދާނުގައި ޤަތުލުކޮށްލެއްވީވެސް، ނޫކަށިފުރައިގެ އަންޞާރިއްޔަ ބޭކަލުންކޮޅެކެވެ.

އިތުރު ސާހިބާ އުޙުދު ހަނގުރާމައިގައި އިސްލާމީ ލަޝްކަރު ޗެކުކުރައްވައި އުމުރުފުޅު މާ ހަގުކަމުގައި ފެނިވަޑައިގެން ދެ ޒުވާނަކު ލަޝްކަރުގައި ބައިވެރިކުރައްވަން އިންކާރު ކުރެއްވިއެވެ. رافع بن خديج އާއި، سمرة بن جندب އެވެ. އެންމެފަހުން އެ ދެބޭކަލުން އިސްލާމީ ލަޝްކަރުގައި ބައިވެރިވެވަޑައިގަތީ އެއްބޭކަލަކު އަނެއްބޭކަލަކާ ބަނޑުމުސާރަޔަށް ހިއްޕަވައިގެންނެވެ.

مصعب بن عمير އަކީ މުއްސަނދި ޢާއިލާއެއްގެ [ލޮލުގެ އަލިކަމެވެ.] އިސްލާމްވެވަޑައިގަތުމުގެ ކުރީން އެކަލޭގެފާނު މަގެއްގެމަތީން ވަޑައިގެންފިނަމަ، މުޅި މަގު އޮންނަނީ މީރުވަހުން ހުވަނދުލެވިފައެވެ. ތުރުކުރައްވައިގެން ހުންނަވާ ހެދުންކޮޅެއްގައި މެއްސެއް އިށީނދެލިޔަސް އެ ހެދުންކޮޅެއް ބަދަލުކުރައްވައެވެ. ނަމަވެސް، އިސްލާމްވެވަޑައިގެން މި ދީނަށްޓަކައި ހުރިހާ ވައްތަރެއްގެ މުޞީބަތްތަކެއް ބަރުދާސް ކުރެއްވިއެވެ. ފަޤީރުފުޅުކަމާއި ބަނޑުހައިފުޅުކަން ތަޙައްމަލު ކުރެއްވިއެވެ.

ހަމައެކަނި ޞަޙާބީންނާއި ޠާބިޢީންނެއް ނޫނެވެ. އިސްލާމީ އުންމަތުގައި އުފެދިފައިވާ ދަރަޖަ މަތިވެރި ހުރިހާ ޝަޚްޞިއްޔަތްތަކަކީވެސް މުނާސަބު ތަރުބިޔަތާއި ތަޢުލީމުގެ ޒަރީޢާއިން އުފެދިފައިވާ ޝަޚްޞިއްޔަތުތަކެކެވެ.

މިއަދު އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ އެންމެބޮޑު މަސްއަލައަކީ ވެރިކަމުގައި ތިބިމީހުންގެ މަސްއަލައެއް ނޫނެވެ. ސިޔާސީ މީހުންގެ މަސްއަލަތަކެއްވެސް ނޫނެވެ. ބޭރުން ކުރިމަތިވެފައިވާ ގޮންޖެހުންތަކެއްވެސް ނޫނެވެ. އަސްލު މަސްއަލައަކީ، އުންމަތުގައި ޢާއްމުވެފައިވާ އަޚްލާޤީ ބަލިމަޑުކަމެވެ. ރޫޙާނީ ބަލިމަޑުކަމެވެ. އިޖްތިހާދީ ފިކުރެއް ނެތުމުގެ ބަލިމަޑުކަމެވެ. ނަތީޖާއެއްގެ ގޮތުން އުފެދިފައިވާ ޢަޒުމެއް، ހިތްވަރެއް ނެތުމުގެ ކާރިޘާއެވެ. މިހުރިހާ ކަމެއް އެކުވެގެން އުންމަތްވަނީ މުޅީން ލޮޑުކޮށްލައިފައެވެ. އުންމަތުގެ ފިކުރާއި، ޢަޤީދާއާއި، އަޚްލާޤާއި، ރޫޙާނިއްޔަތާއި، ޒަމީރާއި، ބުއްދިއާއި ފިކުރު ހިންގުމުގެ ބާރާއި، މިހުރިހާ ކަމެއްވަނީ މެދުއުޑުން ލަނބައިލައިފައެވެ. އިންތިހާދަރަޖަޔަށް ދަށަށްގޮސްފައެވެ. މިއުންމަތާ ޙަވާލުކުރައްވައިފައިވާ މިޝަނެއް އޮތްކަންވެސް، އުންމަތުގެ ބޮޑު އަޣުލަބިއްޔަތުގެ ހަނދާނަކުނެތެވެ. ޖުމުލަކޮށް އުންމަތުގެ ޙާލަކީ ޢަޒުލުކުރެވިފައިވާ އުންމަތްތަކުގެ ޙާލެވެ.

މި މަސްއަލަތަކާ ކުރިމަތިލައި، މި ގޮންޖެހުންތަކުގެ ރައްދު ދެވޭނެއޮތީ އެންމެ ގޮތެކެވެ. އެގޮތަކީ، އިސްލާމީ އުންމަތުގެ އަލަށް އަންނަ މަތިވަރު ސަލާމަތްކުރަން މަސައްކަތް ކުރުމެވެ. އުންމަތުގެ މާދަމާގެ މަސްއޫލިއްޔަތާ ޙަވާލުވާންތިބި ޒުވާނުންނަށް، ހަރުދަނާ ތަރުބިޔަތެއް ދިނުމެވެ. ފެންވަރު ރަނގަޅު ތަޢުލީމެއް ހޯދައިދިނުމެވެ.
------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ