އަދުގެ ޚާއްސަ

Print

ތިމާއަށް މާޒީ އެވާހަކަ ނުބުނެދޭ ތޯ އެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙަސަން ޒަހީން

މާޒީއަކީ މުސްތަޤުބަލް ބަލާ ލޯގަނޑޭ ބުނާތީ އަޑުއަހަމެވެ. އެއީ މީހެއްގެ ހަޔާތުގައި އޭނާގެ ކުރިމަގު ރޭވުމަށް ފަސްމަގު އެހީވާތީ ކަމަށް ވެދާނެއެވެ. ނުވަތަ ހަޔާތުގެ ދަތުރުގައި އަމާން ބަނދަރެއް ހޯދުމަށް  ދަތުރު އެރެހެއްޓުމަށް ދިން މިސާލަކަށް ވެސް ވުން ކައިރިތެވެ. ކޮންމެ މާނައެއްގައި ބުނެފައިވާ ބުނުމެއް ނަމަވެސް ހަޔާތުން ލިބޭ އިބުރަތަކީ ކުރިން ފެންނާނެ އެއްޗެއް ނޫނެވެ. އެ ތަޖުރިބާއެއް ނުކުރެވޭހާ ހިނދަކު އެނގޭނެ ނޫނީ ފަހުމްވާނެ ކަމެއް ވެސް ނޫނެވެ. މިއީ މިއަދުގެ ޖީލުން މާދަމާ ގަބޫލުކުރާނެ ޙަޤީގަތެވެ.

އަޅުގަނޑުގެ ހިތަށް މިހާރު އަރައެވެ. ޙަޔާތުގެ ދަތުރުގައި މިއަދާ ހަމައަށް އާދެވުނު އިރު މިވެނި ކަމެއް ކުރިން ކުރެވުނު ނަމަ ހާދަ ރަނގަޅުވީހެވެ. މިވެނި ގޮތަކަށް ކުރިން އުޅެވުނު ނަމަ މިއަދު އެކަމުގެ އުފާލިބުނީހެވެ. ނުވަތަ އެކަމުން ދިރިއުޅުމަށް އިތުރު އާރޯކަމާއި ފާގަތިކަން އައީހެވެ. މިއީ މިއަދުގެ ތަޖުރީބާއިން ފިލައި ދިޔަ ކަންކަމާއި ހީތަކެވެ. އެހެންނަމަވެސް އެ ދުވަހެއް ދެނެއް ނުލިބޭނެ އެވެ. ނުވެސް އަންނާނެ އެވެ. އެއީ ނިމިގޮސްފައިވާ ދުވަސްތަކާއި ވަގުތު ތަކެކެވެ.

މިއީ މިއަދުގެ ޖީލުން ހަދާން ބަހައްޓަން ޖެހޭ ކަމެވެ. ބޮޑެތި މީހުންނާއި ތިމާއަށްވުރެ އުމުރުން ދޮށީމީހުން ގިނަފަހަރަށް ބުނެދެމުން އަންނަނީ އެ މީހުންގެ ޙަޔާތުން ތަޖުރިބާ ކޮށްފައިވާ ކަންކަމާއި، ހާދިސާތަކެވެ. އެއީ އެކަމުގެ ގެންލުމާއި ފައިދާ އެނގިތިބެ ދައްކާ ވާހަކަތަކެވެ. ހަޔާތުން ނިމި ގޮސްފައިވާ ދުވަސްތަކުން ލިބިފައިވާ އަގު ނުކުރެވޭ ފަދަ ހިތި އަދި އުފާވެރި ހާލަތްތަކަށް ރިޢާޔަތްކޮށް ދޭ މެސެޖުތަކެވެ. ކަން މިހެން ހުރުމުން އެއީ ބޭނުންތެރި މުހިންމު ބުނުންތަކެއްކަން ޤަބޫލުކުރަން އެބަޖެހެއެވެ.

އަމިއްލަ ހަޔާތުން މިއަދާ ހަމައަށް ފާއިތުވެ ގޮސްފައިވާ ދުވަސްތަކަށް ވިސްނައިލުމުން މި ބުނެވުނީ ރަނގަޅު ވާހަކައެއްކަން އެނގޭނެއެވެ. ސުކޫލު ދައުރުގައި އެތަނުން ލިބި ދަސްވި، ފިލާވަޅުތަކާ އެއްވަރަށް ތަޖުރިބާ ތަކެއް ވެސް ކުރެވިފައި ނުވޭތޯއެވެ؟ އެއީ ކުރިމަގު ބިނާކުރުމަށް އެހީއަކަށް ނުވިތޯއެވެ؟ އޮފީހުގެ މާހައުމުން ދަސްވި ފިޅާވަޅުތަކާއި ފެނުނު ކަންކަމުން ދެންކުރިއަށް ދާންވީ ގޮތް ދަހެއް ނުވޭތޯއެވެ. ސިޔާސީ މައިދާނާއި އިޖުތިމާއީ ވެށި ވެސް ދަސްވެފައިވާ ކަންތައްތަކެއް ނެތްތޯއެވެ؟ މިއީ އުމުރުން ހޭދަވި މަދު ދުވަސްކޮޅުގެ ތެރޭގައި ފެނުނު ފެނުމާއި ދަސްމި ދަސްވުމެއް ނޫންތޯއެވެ؟

މިއީ ކަން ހިނގާމަގެވެ. ހަޔާތުގެ ކޮންމެ ދުވަހަކީ ވެސް އެއިން އާ ފިލާވަޅުތަކެއް ދަސްވާނެ ދުވަސްތަކެވެ. އެއަށް ބަރޯސާވާންޖެހޭ ކަންތައްތަކެކެވެ. އެހެންކަމުން މިއަދުގެ ޖީލުން ގަބޫލުކުރަންޖެހޭ ހަޤީގަތަކީ މިއަދުގެ އުޅުން ބައްޓަންކުރުމުގައި ތިމާއަށްވުރެ އުމުރުން ދޮށީމިހުންގެ ބުނުންތަކާއި ނަޞޭހަތްތަކަށް ވިސްނައިލަން ޖެހޭ ކަމެވެ. އެއީ އެވަގުތު ތިމާއަށް މާ މުހިއްމު ބުނުމަކަށް ނުވިނަމަވެސް ފަހުން އޭގެ ފައިދާ ކުރާނެތީއެވެ. އެ ބުނުމުގެ ހަޤީގަތް އެގިގެންދާނެތީއެވެ.

ހަމައެއާއެކު މިއަދުގެ ޒުވާން ޖީލާއި ޒިންމާދާރު ވެރިންގެ ވިސްނުން ވެސް މިކަމަށް ދީލައިލާން އެބަ ޖެހެއެވެ. މިއަދު ތިޔަ ބޭފުޅުން ތިޔަ ދައްކަވާ އުޅުމާއި ގުޅުން، މިއަދުގެ ޖީލަށް ދަސްވެ، ދަރުސަކަށް ވާނެއެވެ. ލިބޭ ފިލާވަޅަކަށް ވެގެންދާނެއެވެ. އެއާގުޅިގެން އެ ކުދިންގެ ހަޔާތުގެ ދުވަސްތަކުގެ ދަތުރު ފަށާނެއެވެ. ހަމައެއާއެކު އެކަމާގުޅިގެން މާދަމާ ވެގެންދާނެ ގޮތުން އޭގެ ގެއްލުމާއި ފައިދާ ވެސް ކުރާނީ ހަމަ މިގައުމަށެވެ. އޭރުގެ ޖީލުތަކަށެވެ.

މިއީ މާޒީން ދެއްކި އިބުރަތެވެ. ފެނުނު މަންޒަރެވެ. މާޒީން ދަސްކޮށްދިން ވާހަކަތަކެވެ. ހަޔާތުގެ ތަޖުރިބާއިން ލިބުނު ކުރު ފިލާވަޅެކެވެ. އެ ފިލާވަޅާއި މިސާލުތަކުން ދަސްވެރިން އުފެދި، އަމަލީ މައިދާނުގައި އެއަށް ޢަމަލުކުރާނެކަން ކަށަވަރެވެ. އެހެންކަމުން ވިސްނައިލާށެވެ! ހަޔާތަކީ ވަރުގަދަ ފިލާވަޅެކެވެ. ހަޔާތުން ފާއިތުވާ ކޮންމެ ދުވަކީ އާ މުޤައްރަރެކެވެ. އާ ފިލާވަޅެކެވެ. އެއީ ކޮލެޖަކަށް ޔުނިވަރސިޓިއަކަށް ބޭނުން ނުވާނެ ކަންކަމެވެ.
--------------------
(ނިމުނީ)

މި ލިޔުން
    ފޮނުވުން:         އަލްފާޟިލް ޙަސަން ޒަހީން
    އަލުންބެލުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

އިދާރާ

ވާހަކަ