އަދުގެ ޚާއްސަ

Print

މުޅި އޮޑީގައި ޙަސަނު ދެފައި

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުﷲ ޞާދިޤު
     
މިއީ މިސާލު ބަހެކެވެ. މިސާލު ބަހޭ ކިޔަނީ ހިނގާފައި އޮތް ކަމަކަށް ނިސްބަތްވާގޮތަށް ޖަހާ މިސާލަށެވެ. މިކަން ވީގޮތް މި ދަންނަވަނީއެވެ.

ދަތުރު އޮޑީގެ މީހުން ރަށެއްގައި ޖައްސާފައި ފެން ބަލައި ރަށަށް ފައިބަމުން އޮޑީގައި ބޭއްވީ ޙަސަނެވެ. ބޮއްކުރާގައި އެމީހުންނަށް އެއްގަމަށް ފޭބުނީ ވަރަށް ގިނައިރުވީ ފަހުންނެވެ. އެއީ ފަޅު ބޮޑު ކަމުންނާއި ފަޅު ދަތިކަމުންނެވެ.

ބޮއްކުރައޭ މި ކިޔަނީ ދަތުރުވެރީން އޮޑިފަހަރަށް އަރައި ފައިބާން ގެންގުޅޭ ކުޑަ ދޯންޏަކަށެވެ. މި ގިނައިން ބަނދެފައި ހުންނަނީ ކޮލި ބޮޑުކޮށެވެ. (ރަދީފު)
ދެން މިބައިމީހުންނަށް ފެން ރުނބަޔާއި ތަންޑިޔަލާއި ހިފައިގެން ރަށުގެ އެއްގަމަށް އެރުނު އިރު ވަރަށް ލަސްވެއްޖެއެވެ. އޮޑި ބަލަހައްޓާން މި ބޭއްވުނީ ޙަސަނެވެ. އޭރު ޙަސަނަށް ނިދިއްޖެއެވެ.

ފެންރުނބަޔަކީ އޮޑީގެ މީހުން ބޯން ފެން އަޅާފައި ހުންނަ ރުނބައެވެ. މިބާވަތުގެ ރުނބާގެ ބޭރުގައި ވެހާފައި އޮންނަ ވެހުންގަނޑެއް އޮންނާނެއެވެ. މި ވެހުންގަނޑު ދެކޮޅު ގުޅުވާލާފައި ވަށްކޮށް އޮންނަ ވާގަނޑެއް ނުވަތަ ކުސަގަނޑެއް އޮންނާނެއެވެ. ރުނބާ އުފުލަން ބޭނުންކުރާ ތަންޑިޔާ ލައްވަނީ އޭގެ ތެރެއަށެވެ. މި ވެހުންގަނޑަށް ކިޔަނީ ވިޔަގޮވި މިހެންނެވެ. (ރަދީފު)
 
މި ވިޔަގޮވި ބަލިވެއްޖެނަމަ ރުނބާ ދޫވެގެން ބިއްމައްޗަށް ވެއްޓިދާނެއެވެ. ބަރުހެލި މީހުން ތަންތަނަށް އަރަން އުޅޭއިރު މަލާމާތުގެ ގޮތުން ތިޔައީ ވިޔަގޮވި ބަލި ރުނބައެކޭ ބަލައިގެން އުޅޭށޭ ބުނެ ހަދައެވެ.

ދެން ތަންޑިޔާ ދޮގެއްތޯއެވެ. ތަންޑިޔަލަކީ ބަރު ތަކެތި އެއްތަނުން އަނެއްތަނަށް ގެންދިޔުމަށް އެއްޗެއްގައި ވާޖަހައި އައްސައިގެން މީހުންގެ ކޮނޑުމަތީގައި އުފުލުމަށް ބޭނުންކުރާ ފަލަ ދަނޑިއެކެވެ. (ރަދީފު)

މިސްކިތު ވަޅުދޮށުން ފެން ހިފައިގެން އެމީހުންނަށް އޮޑިޔާ ހަމައަށް އާދެވުނުއިރު ޙަސަނު އޮތީ ގަދަ ނިދީގައެވެ. ކޮޅުފަސްކޮޅުގައި ރަށާ ދިމާއަށް ދެފައި ދިއްކޮށްގެން އައްދޮށް (ރަށާ ގާތް) ފަރާތުގައެވެ. މިއީ ފެން ރުނބާ ދޯންޏަށް އަރުވަން އެންމެ ފަސޭހަ ދިމައެވެ. އެމީހުން ޙަސަނަށް ގޮވާގޮވާ ހޭނުލީމާ ބޮއްކުރާގައި ކޮޅުފަސްކޮޅުގެ ގެނބުރު (ބޭރު) ފަރާތަށް ހިނގައްޖެއެވެ. އޭރު ޙަސަނަށްވެސް ހޭލެވިގެން އަނެއްކާ އެފަރާތަށްގޮސް ދެފައި ދިއްކޮށްގެން މިއޮތީ ނިދާފައެވެ. މިތާ ތިބެ ގޮވާގޮވާ ހޭނުލީމާ ދިރުނބާ ކޮޅާ ކައިރިކޮށްލަން ދިޔައިރު އަނެއްކާ ޙަސަނަށްވެސް ހޭލެވިގެން ފެންލާ މީހުންނަށް ފަސޭހަވާނީ ކޮޅުފަސްކޮޅު ދިނިއްޔާއޭ ހީކޮށް ގޮސް މިއޮތީ ދިރުނބާކޮޅުގައި ދެފައި ދިއްކޮށްގެން ނިދާފައެވެ.

މިތާނގައި ކޮޅުފަސްކޮޅޭ މި ކިޔެނީ ފުރާ ދުއްވާ އެއްޗެތީގެ ފަހަތު ކޮޅަށެވެ. ދިރުނބާކޮޅޭ މި ކިޔެނީ ފުރާ ދުއްވާ ތަކެތީގެ ކުރީ ކޮޅަށެވެ. (ރަދީފު)


ފެންލާ މީހުން  ދިރުނބާކޮޅުގެ ގެނބުރު ފަރާތާ ކައިރިކޮށްލިއިރު ޙަސަނު މިއޮތީ އެދިމާއަށް ފައި ދިއްކޮށްގެންނެވެ. ދެން ފެންލާން އުޅޭ މީހުން ރުޅިއަރައިގަނެގެން ބުންޏެވެ. އަޖައިބެއްނޫންހެއްޔެވެ. މުޅި އޮޑީގައި މިއޮތީ ޙަސަނު ދެފައެވެ. މި މިސާލުބަސް އުފެދިފައި ވަނީ މި ހާދިސާއާ ގުޅިގެންނެވެ.

މި ހާދިސާ މިހެން ހިނގާފައި އޮތްކަމުގައިވިޔަސް މިހެން ބުނެއުޅެނީ މީހުނަށް އުނދަގޫވާގޮތަށް ތަނެއްގައި މީހެއްގެ ތަކެތި ބަހައްޓައިފައި ހުރީމާ އެކަމާ ގުޅޭ ގޮތުންނެވެ.
-----------
(ނިމުނީ)


މި ލިޔުން:

     ފޮނުވުން:             އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުމާއި ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


އިދާރާ

ވާހަކަ