އަދުގެ ޚާއްސަ

Print

ހިތުގެ އުކައިލުމެއް!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


 އާދަމް ނަޞީރު އިބްރާހީމް

1 ރުޅިޔަކީ   މޮޅިޔާ   ހަލާކާ   ގެއްލުމުގެ   ޠޫފާނެކޭ
        މުޅި ޙަޔާތް  ބަރުބާދު  ކޮށްލާ  ހޫނުގަދަ   އަލިފާނެކޭ

2 ބާރުގަދައީ އަސްލުގައި ބާރެއް ނެތަސް  ވެސް ޖިސްމުގާ
        ބާރު ރުޅި   މަތަކޮށްލެވޭފަދަ  އާރުލާ    އިންސާނެކޭ
              ---------------------------

3 ބުއްދިޔަށް ވުރެ ވަކި އެހެން އަގުބޮޑު ނެތޭ މޮޅު ޖައުހަރެއް
        ބުއްދިނެތް އިންސާނަކީ،  ބަސްމޮށެ  އުޅޭ  ޙައިވާނެކޭ

4 ކުޅިވަރެއްކަމުގައި ހިތައިވެސް  ފިތުނައެއް  ހޭލެއްވި ނަމަ،
        ހުޅިނަގައިފައި  އައިސް އުފައްދާނީ  ނުބައި ހައިޖާނެކޭ

5 މަޑުމަޑުން  ނަމަވެސް ހަވާ  ނަފުސަށް ހިތާ ބޯ ލެންބުމީ
        ކަނޑުތަކަށް ފާފައިގެ ދާން ހިފަމުން ދެވޭ   ހުންގާނެކޭ

6 ފަސްވަގުތު މެދުނުކެނޑި އިއްވޭ ހައިބަވެތި  ފޮނިރާގަކީ،
        '' ލަޝްކަރާ ރައްބީގެ'' ގޮސް ގުޅުމަށް ކުރާ އިޢްލާނެކޭ  

7  މާތްވި އިސްލާމްދީނުގައި ތިބެގެން އެދީނުގެ ޙައްްޤުގައި
         ގައިގެ ލޭ އޮހޮރާލެވޭ   ބިމަކީ  ރަނުގެ  މައިދާނެކޭ

8 ދުނިޔެއީ ނިކަމެތި ދަތުރުވެރިޔަކު  ދަތުރުގައި  މަޑުވެލާ.
        މުނިއަވަަސް ފިލުމެއް ނުވާ ހުވަފެނުގެ  ފިނިމައިޒާނެކޭ  

9 ބާއްޖަވެރި ފާގަތި އަމާން  ބަނދަރެއް އެދޭ ނަމައީ ހިފަން،
        މާތްވި حبل الله މީ  ކަށަވަރު  ރަނގަޅު   ދަންމާނެކޭ

          ------------------------------------
10 ޙުރުމަތާއެކުގައި  ޖެހޭ  ލޮބުވެތި  ޒަވާޖުގެ  ގޮށްމޮހައި
        ބުރިކުރުންމީ  ބަލަ  ޙަޔާތަށް ގެންނަ ބޮޑު ނުގުސާނެކޭ


11 ހަރުދަނާ ޞާލިޙު  ރަނގަޅުގޮތުގައި  ދަރިން ބޮޑުކުރުމަކީ،
        ކުރިމަގަށް  އަލިކަންލިބޭހެން  ކޮށްލެވޭ    ހުޅުދާނެކޭ

12 ރަޙުމުހުރި ނިޔަނެތި ގެވެހި އަޚުލާޤު ލިބިހުރި އަނތްބަކީ،
        ރަޙްމަތުގެ   ހިޔަލާ މަލާ   މޭވާ  ލިބޭ  ބުސްތާނެކޭ

13 ލައްޒަތެއް ހުރި ލޯތްބަކީ   ތެދުވެރި  ވަފާތެރިކަންމަތީ،
        ޢިއްޒަތާ  ޖާހާ ނުލައި  ދެހިތުން  ވެވޭ    ޤުރުބާނެކޭ
          ----------------------------------
            
14 އެންމެ ހޯދަން އުނދަގުލީ މިޒަމާނުގައި  ދުނިޔޭތެރޭން،
        އެންމެނަށް  އިންސާފުވެރި ގޮތުގައި  ކިރޭ  މީޒާނެކޭ

15 މާދަމާ މަޙުޝަރު ބިމުން  ފެންނާނެ  މާތް ދަރުބާރަކީ،
         ހާދަހާ ޢަދުލާއި  ހަމަހަމަ  ކަމުގެ  މާތް ދީވާނެކޭ

16 ދުނިޔެއާ އާޚިރަތުގައި ވެސް،  ކާމިޔާބުގެ ސިއްރަކީ،
         އުނިވުމެއްނެތި  އިތުރުވާ،  ކަނިވުންނުވާ އީމާނެކޭ
        ----------------------------
            15 މާޗު 2000

ހަމަމިގަލަމުން

އިދާރާ

ވާހަކަ