އަދުގެ ޚާއްސަ

Print

ކޮމްޕިއުޓިންގ އާއިި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ތާރީޚުގެ ތެރެއިން ބައެއް ..... (ދެވަނަ ބައި)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ



އަޙުމަދު ޖަވާދު، ޅ. ނައިފަރު

                                                  (11 އޮގަސްޓް 2011 (ބުރާސްފަތި) ގުޅޭ)

1976 ވަނަ އަހަރު
-    ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް ގުޅިގެން އެންމެ ފުރަތަމަ އެޕަލް ކޮންޕިއުޓަރ އުފެއްދިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު އެޕަލް ކޮންޕިއުޓަރުގެ 2 ވަނަ ވަރޝަން ވެސް އުފެއްދިއެވެ. އެއާއެކު ސްކޫލުތަކާއި ކޮލެޖްތަކުގައި އެޕަލް ކޮންޕިއުޓަރުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ.

1979 ވަނަ އަހަރު
-    އެންމެ ފުރަތަމަ ޕަބްލިކް އޮންލައިން ޚިދުމަތްކަމަށްވާ ކޮމްޕުސާވް ތަޢާރަފްކުރިއެވެ.
-    ބޮބް ފްރެންކްސްޓަންއާއި ޖޭން ބްރިކްލިން ގުޅިގެން "ވިސި ކަލްކް" ނަމަކަށްކިޔާ ސްޕްރެޑް ޝީޓް ޕްރޮގްރާމެއް އުފެއްދިއެވެ.

1980 ވަނަ އަހަރު
-    އައި.ބީ.އެމް ގެ ޕަރސަނަލް ކޮންޕިއުޓަރުތަކުގައި ބޭނުންކުރާނެ އޮޕަރޭޓިންގ ސިސްޓަމްއެއް ހެދުމުގެ ފުރުޞަތު މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ބިލްގޭޓްސްއަށް ލިބުނެވެ. މި ލިބުނު ފުރުޞަތުގައި މައިކްރޯސޮފްޓް ޑޮސް އޮޕަރޭޓިން ސިސްޓަމް ތަޢާރަފް ކުރިއެވެ.
-    ކޮންޕިއުޓަރު ހާޑް ޑިސްކްގެ އާ ވައްތަރެއްކަމަށްވާ "ވިންޗެސްޓަރ" ހާޑް ޑިސްކް ތަޢާރަފްވެ ފައިލްތައް ރައްކާކުރުމަށް އިތުރު ފަސޭހަތަކެއް ލިބުނެވެ.

1981 ވަނަ އަހަރު
-    އައި.ބީ.އެމް ގެ ޕަރސަނަލް ކޮންޕިއުޓަރު މާކެޓަށް ނެރުނެވެ.
-    އެންމެ ފުރަތަމަ ކޮންޕިއުޓަރު ވައިރަސް ކަމަށްވާ "އެލްކް ކޮލޯނަރ" ކޮމްޕިއުޓަރު ތަކުގައި ފެތުރެން ފެށިއެވެ. މިވައިރަސް އުފައްދާފައި ވަނީ އެޕަލް 2 ގެ އޮޕަރޭޓިން ސިސްޓަމް އެޅުމަށް ޚާއްޞަކުރެވިފައިވާ ފްލޮޕީ ޑިސްކު މެދުވެރިކޮށެވެ.

1982 ވަނަ އަހަރު
-    3 މިލިއަނެއްހާ ޕަރސަނަލް ކޮންޕިއުޓަރު އުފައްދާ ބާޒާރަށް ނެރެފައި ވެއެވެ.
-    ކޮމްޕެކް ކުންފުނި އުފެދި އެކުންފުނިން އައި.ބީ.އެމް ކޮންޕިއުޓަރ ހަދައި މާކެޓްކުރަން ފެށިއެވެ.

1983 ވަނަ އަހަރު
-    1982 ވަނަ އަހަރުގެ އެންމެ މޮޅު މެޝިން އަކީ ކޮންޕިއުޓަރު ކަމަށް މަޝްހޫރު ޓައިމް މެގަޒިން އިން ހާމަކޮށް އެވޯޑް ދިނެވެ.
-    ލޮޓަސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެދުނެވެ. ލޮޓަސްގެ އޮފީސް ބަންޑަޅި ވެފައި ވަނީ އެދުވަސްވަރު އައި.ބީ.އެމް ކޮންޕިއުޓަރުތަކުގައި އެންމެ ގިނައިން ބޭނުންކުރެވުނު ސޮފްޓްވެއަރ ބަންޑަޅި ކަމުގައެވެ. 

1984 ވަނަ އަހަރު
-    އެޕަލް ކުންފުނީގެ މަޝްހޫރު މެކިންޓޮޝް ނުވަތަ މެކް ކޮންޕިއުޓަރު އެފެއްދިއެވެ.
-    ޕަރސަނަލް ކޮންޕިއުޓަރުތަކުގައި ބޭނުންކުރުމަށް ހެދުނު އެންމެ ފުރަތަމަ ލޭޒަރ ޖެޓް ޕްރިންޓަރު ބާޒާރަށް ނެރުނެވެ.

1986 ވަނަ އަހަރު
-    މައިކްރޯސޮފްޓަށް އަންނަމުން ދިޔަ ތަރައްޤީއާއި އެކު އެދުވަސްވަރު ދުނިޔޭގެ އެންމެ ކާމިޔާބު ސޮފްޓްވެއަރ  ކުންފުނީގެ ގޮތުގައި އެކުންފުނި ވިއެވެ.

1989 ވަނަ އަހަރު
-    އަހަރެމެން މިހާރު ބޭނުންކުރަމުން މި ގެންދާ "ވޯލްޑް ވައިޑް ވެބް" ތަޢާރަފް ކުރިއެވެ. "ވޯލްޑް ވައިޑް ވެބް" ތަޢާރަފްކުރީ ޓިމް ބާރނާ ލީ ނަމަކަށް ކިޔާ މީހެކެވެ.
-    ނިންޓެންޑޯ ކުންފުނީގެ އެންމެ ފުރަތަމަ ގޭމް ކޮންސޯލް، "ގޭމްބޯއީ" ބާޒާރަށް ނެރުނެވެ.
-    އިންޓެލް ކުންފުނީގެ 486 ގެ ނަން ދީފައިވާ މައިކްރޯ ޕްރޮސެސަރ ޗިޕް އުފެއްދިއެވެ. މި ޗިޕުގައި 1،000،000 ޓްރާންސިސްޓަރު ހިމެނެއެވެ. އަދި ސިކުންތެއްގެ ތެރޭގައި 15 މިލިއަން އިރުޝާދަށް ތަބާވުމުގެ ޤާބިލްކަން މި ޗިޕަށް ލިބިފައި ވެއެވެ.

1991 ވަނަ އަހަރު
-    ކޮޑަކް ކުންފުނީގެ އެންމެ ފުރަތަމަ އެސް. އެލް އާރ ކެމެރާ އުފެއްދިއެވެ. މި ކެމެރާ ޚާއްޞަކުރެވިފައި ވަނީ ފޮޓޯ ނޫސްވެރިކަމަށެވެ.
-    "ވޯލްޑް ވައިޑް ވެބް" ކޮންސޯޓިއަމް އިން "ވޯލްޑް ވައިޑް ވެބް" ބޭނުންކުރުމާއި ކޮންޕިއުޓަރުތަކުގައި ހުންނަ ލިއުންތައް ގުޅުވާލުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް ހާމަކުރިއެވެ.

1992 ވަނަ އަހަރު
-    މައިކްރޯސޮފްޓްގެ އޮޕަރޭޓިން ސިސްޓަމް ވިންޑޯޒް 3.1 ތަޢާރަފްކުރިއެވެ. އަދި 2 މަސްދުވަހުގެ ތެރޭގައި 3 މިލިއަން ކޮޕީ ވިކުނެވެ.

1993 ވަނަ އަހަރު
-    އިންޓެލް ކުންފުނީގެ ޕެންޓިއަމް ޕްރޮސެސަރ އުފެއްދިއެވެ. އަދި މި ޕްރޮސެސަރ ބޭނުންކޮށްގެން ކުންފުނިތަކުން ކޮންޕިއުޓަރ އުފައްދަން ފެށިއެވެ. މި ޕްރޮސެސަރުގައި 3.1 މިލިއަން ޓްރާންސިސްޓަރ ހިމެނެއެވެ. އަދި ސިކުންތަކު 112 މިލިއަން އިރުޝާދަށް ތަބާވުމުގެ ޤާބިލްކަން ލިބިފައިވެއެވެ.
-    ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް (ޖީ.ޕީ.އެސް) ގެ މަސައްކަތް ފުރިހަމަކޮށް ނިންމާލެވުނެވެ. މި ސިސްޓަމްގައި ޖުމްލަ 24 ސެޓަލައިޓް ވެއެވެ.
-    މައިކްރޯސޮފްޓް އޮފީސްގެ ފުރަތަމަ ވަރޝަން ކަމަށްވާ އޮފީސް 3 ޕްރޮފެޝަނަލް މާކެޓަށް ނެރުނެވެ.

1994 ވަނަ އަހަރު
-    އޯޕަންސޯސް އޮޕަރޭޓިންގ ސިސްޓަމެއް ކަމަށްވާ ލިނަކްސް ވުޖޫދަށް އައެވެ. މި އޮޕަރޭޓިން ސިސްޓަމް އަކީ އެހެން މީހުންވެސް އެ ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި އިންޓަނެޓުން ހިލޭ ލިބޭ ގޮތަށް ދޫކޮށްލައިފައިވާ ސިސްޓަމްއެކެވެ.
-    ޖިމް ކްލާކް އަދި މާކް އެންޑްރެސެންގެ މަސައްކަތުން، ވެބްސައިޓްތަކަށް ވަނުމަށް ޚާއްސަ ކުރެވިފައިވާ ޕްރޮގްރާމެއްކަމަށްވާ، ނެޓްސްކޭޕް ނެވިގޭޓަރ 1.0 އުފެއްދިއެވެ.
-    މަޝްހޫރު ދެ ވެބްސައިޓު ކަމަށްވާ ޔާހޫ އާއި އެމޭޒަން ވުޖޫދަށް އައެވެ.

1995 ވަނަ އަހަރު
-    އޮންލައިން ވިޔަފާރި ފުޅާވެ އީބޭ ވުޖޫދަށް އައެވެ.
-    ސަން މައިކްރޯ ސިސްޓަމްއިން ކޮންޕިއުޓަރު ޕްރޮގްރާމް ކުރާ ބަހެއް ކަމަށް ވާ ޖާވާ އުފެއްދިއެވެ.
-    މައިކްރޯސޮފްޓް ވިންޑޯސް 95 ބާޒާރަށް ނެރުނެވެ. ވިންޑޯސް 95 ގައި 10 މިލިއަނަށްވުރެ ގިނަ ކޯޑުފޮޅުވަތް ލިޔެފައި ވެއެވެ.

1996 ވަނަ އަހަރު
-    ނެޓްވޯކަށާއި ސާވަރ ތަކަށް ޚާއްޞަކޮށްގެން މައިކްރޯސޮފްޓުން ތައްޔާރުކުރި އޮޕަރޭޓިން ސިސްޓަމެއްކަމަށްވާ ވިންޑޯޒް އެން.ޓީ 4.0 ބާޒާރަށް ނެރުނެވެ.

1997 ވަނަ އަހަރު
-    އިންޓެލް އިން ޕެންޓިއަމް 2 ގެ ޕްރޮސެސަރު އުފެއްދިއެވެ. މި ޕްރޮސެސަރުގައި 7.5 މިލިއަން ޓްރާންސިސްޓަރ ވެއެވެ.
-    މައިކްރޯސޮފްޓްއިން އިންޓަނެޓް އެކްސްޕްލޯރަރ 4.0 މާކެޓަށް ނެރެ ބްރައުޒަރ މާކެޓުގެ ބޮޑުބައެއް ހޯދިއެވެ.

1998 ވަނަ އަހަރު
-    މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ގޫގުލް ކުންފުނި އުފެދުނެވެ.
-    އެޕަލް ކުންފުނީގެ އައި.މެކް ކޮންޕިއުޓަރ ތަޢާރަފްކުރިއެވެ.
-    މައިކްރޯސޮފްޓް ވިންޑޯޒް އޮޕަރޭޓިންގ ސިސްޓަމްތަކުގެ ޢާއިލާއަށް ވިންޑޯޒް 98 އިތުރުވިއެވެ.

1999 ވަނަ އަހަރު
-    މައިކްރޯސޮފްޓް އޮފީސް 2000 މާކެޓަށް ނެރުނެވެ.
-    އިންޓެލް ކުންފުނީގެ ޕެންޓިއަމް 3 ޕްރޮސެސަރ ތަޢާރަފްކުރިއެވެ. މި ޕްރޮސެސަރުގައި 9.5 މިލިއަނަށްވުރެ ގިނަ ޓްރާންސިސްޓަރު ހިމަނާފައި ވެއެވެ.
-    2000 ވަނަ އަހަރު ކޮންޕިއުޓަރުތަކުގެ ތާރީޚަށް ޖެހިދާނެ މައްސަލަތައް ރަނގަޅުކުރުމަށްޓަކައި ކުންފުނިތަކާ ސަރުކާރުތައް ގުޅިގެން ހިންގި ވައި.ޓޫ.ކޭ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސް ނިންމާލިއެވެ. މިކަމަށް ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު ޚަރަދު ކުރިއެވެ.

2000 ވަނަ އަހަރު
-    މައިކްރޯސޮފްޓް ވިންޑޯޒް 2000 އޮޕަރޭޓިންގ ސިސްޓަމް ތަޢާރަފްކޮށް ބާޒާރަށް ނެރުނެވެ.
-    ސިއްޙީ ދާއިރާގައި މިހާރު ބޭނުންކުރާ ޓެކްނޮލޮޖީއެއް ކަމަށްވާ ޓެލެ މެޑިސިން ތަޢާރަފްކުރިއެވެ.
-    2000 ވަނަ އަހަރާ ހިސާބަށް އައި އިރު އީ.ކޮމާސް ކުރިއަރައިގެން ގޮސް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ އޮންލައިން ވިޔަފާރި ކުރެވެއެވެ. އަދި އޮންލައިން ކޮށް އިޝްތިހާރުކުރުމަށް 5 ބިލިއަނެއްހާ ޑޮލަރު އަހަރަކު ހޭދަކުރެއެވެ.

މިހާ ހިސާބުން އަޅުގަނޑު މި ލިއުމުގެ ދެވަނަ ބައި ނިންމާލަން ޤަޞްތުކުރަމެވެ. ދެން އަންނަ ބައެއްގައި 2001 ވަނަ އަހަރުގެ ފަހުން ފެށިގެން މިއަދާ ހަމައަށް ވެސް ގެނެސްދެވޭތޯ ބަލާނަމެވެ.
----------
(ނުނިމޭ)

މި ލިޔުން:
   ފޮނުވުން:          އަލްފާޟިލް އަޙުމަދު ޖަވާދު،  ޅ. ނައިފަރު
    އަލުން ބެލުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ