އަދުގެ ޚާއްސަ

Print

އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ޝައްކެއްނެތެވެ. އިންސާނީ ގާފިލާގެ ޙަޔާތުގެ ދަތުރު ފެށިފައިވަނީ، އާދަމުގެފާނާއި ޙައްވާގެފާނާ ދެކަނބަލުން، ގުޅިވަޑައިގަތުމުންނެވެ. އަރަހުށި މާތް اللّه ފިރިހެނުންނާ އެއް އަސްލަކުން އެބައިމީހުންގެ ބައިވެރިން އުފެއްދެވީ އެކަނބަލުންގެ ކިބައިން ހިތްހަމަޖެހުން ލިބިގަތުމަށްޓަކައެވެ. އިންސާނީ ނަސްލުގެ ދެމިއޮތުން ބިނާކުރައްވައިފައިވަނީ އެ ގުޅުމުގެ މައްޗަށެވެ. އެ ގުޅުމަކީ އަރާމާއި ހިތްހަމަޖެހުން ލިބިގަތުމުގެ ވަސީލަތެއް ކަމުގައިވާ ފަދައިން، އެ ގުޅުމަކީ އިތުބާރުކުރެވޭފަދަ ގުޅުމަކަށްވެސް ވާންޖެހެއެވެ. އެ ގުޅުން ވާންޖެހެނީ ހަމައެކަނި ޖިންސީ އަލާކެނޑުވުމުގެ ޒަރީޢާއަކަށެއް ނޫނެވެ. މަވައްދަތާއި ރަޙްމަތުގެވެސް ވަސީލަތަކަށެވެ. ނަމަވެސް މާތް اللّه ގެ އެހެނިހެން ނިޢުމަތްތަކުގެ ފައިދާ ލިބިގަތުމުގައިވެސް އިންސާނުން ނެގިމަޑުވެފައި ނުވަތަ ދީލިކަޑަވެފައި ތިބޭފަދައިން، ދެޖިންސުގެ ދެމެދުގައި އޮންނާންޖެހޭ ގުޅުމުގެ މައްސަލައިގައިވެސް އިންސާނުން ވަނީ މިސްރާބުން ކައްސައިލައިފައެވެ. ބައެއްފަހަރަށް އިންސާނީ ނަސްލު ދެމެހެއްޓުމުގެ ބާރު، ހިލިހިލާ އަޅުވައި މަތަކުރެވެއެވެ. އިންސާނީ ތަމައްދުނާއި ކުރިއެރުމުގައި އޭގެ ދައުރު އަދާކުރުމުން މަޙްރޫމް ކުރެވެއެވެ. ރޫޙާނިއްޔަތާއި ރުހްބާނިއްޔަތުގެ ނަމުގައެވެ. އަނެއްބައިފަހަރު، ނުކިޔަމަންތެރި އަހެއް ފަދައިން ލަގަން އެޅުވުމެއްނެތި ދޫކޮށްލެވެއެވެ. މުޖްތަމަޢު ހަލާކުކޮށް ސުންނާފަތި ކުރަމުން ބޭނުން މިސްރާބަކަށް ދުވަމުން ދިޔުމަށްޓަކައެވެ.        

އިންސާނުންގެ އިޖްތިމާޢީ ޙަޔާތުގައި އަންހެނުންނާއި ފިރިހެނުންގެ ގުޅުން އޮންނާންޖެހޭގޮތަކީ ކޮބައިތޯ މި ސުވާލަކީ އިންސާނީ ތަމައްދުނަށްޓަކައި ވަރަށް މުހިންމު އަސާސީ ސުވާލެކެވެ. ކުރީންވެސް ދެންނެވި ފަދައިން، އަބަދުވެސް އިންސާނުން ނެގިމަޑުވާ ނުވަތަ ދީލިކަޑަވާ ސުވާލެކެވެ. އަންހެނުންނަކީ މައިންގެ ޙައިޘިއްޔަތުން ހުރިހާ ފިރިހެނުންވެސް ބަނޑުއަޅައިވިހާ މީހުންނެވެ. ޙަޔާތުގެ އަޑިގުޑަން މަގުތަކާއި، ހަލަބޮލި ކަނޑުތަކުގައި އަނބީންގެ ޙައިޘިއްޔަތުން ފިރިހެނުންނާ އެއްބާރުލާ އެކުވެރީންނެވެ. ނަމަވެސް، ބައެއްފަހަރަށް އަންހެނުން ބައިތިއްބަނީ، ނޯކަރުންނަށްވުރެވެސް ދަށުދަރަޖައިގައެވެ. އަޅުންގެ ގޮތުގައެވެ. އެބައިމީހުންގެ ހަށިތަކުގެ ވަނާތައް އިޝްތިހާރުކޮށް، އަގު އަރުވަމުން ގަނެވިއްކައި ހެދެއެވެ. މިލްކުވެރިކަމުގެ ޙައްޤާއި، ވިރާޘަތުގެ ޙައްޤުން މަޙްރޫމް ކުރެވެއެވެ. އުފަންވުމާއެކު، ދިރިތިއްބައި ވަޅުލައި މަރައިލެވެއެވެ. ފިރިމީހާގެ މުޅަމަސްގަނޑާއެކު އަންދައިލެވެއެވެ. މެޑިކަލް ސައިންސް ކުރިއަރައި ރަޙިމްގައި އޮންނަ ދަރިފުޅުގެ ޖިންސު ދެނެގަތުމުގެ އެކަށޭނަކަން ލިބުމުން، ދުނިޔެއަށް ނޭވާލުމުގެ ފުރުސަތުވެސް ނުދީ ފަނާކޮށްލެވެއެވެ. ފާފަވެރިކަމާއި މަގުފުރެދުމުގެ ޒަރީޢާއެއްކަމުގައި ސިފަކުރެވެއެވެ. އަނެއްބައިފަހަރު އިންސާނީ ޙައްޤުތަކާއި އަންހެނުންގެ މިނިވަންކަމުގެ ނަމުގައި އުޑާހަމަޔަށް އުފުލައިލެވެއެވެ. މުޖްތަމަޢުގެ އަޚްލާޤީ ބަނދެވުންތައް ފުކުރިގެންދާގޮތަށެވެ. ހަމަނަހަމަކަމުގެ އުސޫލުތައް ބޮއްސުންލާގޮތަށެވެ. ފިތުނައާއި ފަސާދަ ޢާއްމުވާގޮތަށެވެ. ޢާއިލީ ތަޞައްވުރުތައް ކޭށިއަރައި، ބުރިބުރިވެގެންދާ ގޮތަށެވެ. އަދި ކީއްތޯއެވެ؟ އަންހެނުންގެ ފިޠުރީ ޝަޚްޞިއްޔަތު ހަލާކުވެ، ޖިންސީ ހޫނުކަން ކަނޑުވައިލުމަށްޓަކައި ބޭނުންކުރެވޭ ކުޅޭ އެއްޗަކަށްވާ ގޮތަށެވެ. މިބާވަތުގެ ފިޠުރަތާ ޚިލާފު ޢަމަލުތަކުގެ ނަތީޖާއަކަށްވަނީ، އިންސާނުންގެ އިންސާނީވަންތަކަން ނެތިގެން ދިޔުމެވެ. ޙަޔަވާނިއްޔަތު އުތުރިއަރާން ފެށުމެވެ.

ހުޅަނގުގެ އަންހެނުންނާއި ބޭޖިން ޑެކްލަރޭޝަން


މިޒަމާނުގެ ހުޅަނގުގެ މުޖްތަމަޢުގައި އަންހެނުންގެ ޙައިޘިއްޔަތަކީ އެއްދުވަސްވަރެއްގައި ރޯމާއި ގްރީކުގައި އެބައިމީހުންނަށް ދެވިފައިއޮތް ޙައިޘިއްޔަތެވެ. އެދުވަސްވަރު އަންހެނުންނަށް ލިބިފައިއޮތް [ޤަދަރުވެރި] މަގާމަކީ، މަތީފަންތީގެ ފިރިހެނުންގެ ހިތްހަމަޖައްސައިލުމުގެ މަރުކަޒަކީ ކަސްބީންގެ ހާލިތައް ކަމުގައިވުމެވެ. އެދުވަސްވަރުގެ ރޯމާއި ގްރީކުގެ ހަފަރާތުގައި ރަސްކަންކުރީ ޝަހްވާނިއްޔަތެވެ. ބަރަހަނާކަމެވެ. އުތުރިއަރަމުންދިޔައީ ނަފްސާނީ އެދުންވެރިކަމުގެ ސައިލުތަކެވެ. އާޓާއި އަދަބިއްޔާތުގައި ސިފަކޮށްދެވެމުންދިޔައީ ޖިންސީ އެދުމާއި އޮރިޔާންކަމުގެ އިންތިހާއެވެ. ކުޑަވެސް ލަދެއް ޙަޔާތެއް ނެތިއެވެ. އެއްވެސްކަހަލަ ޖެހިލުންވުމެއް ބަލައިލުމެއްނެތިއެވެ.

އެކަންކަން އިޞްލާޙުކުރުމުގެ ނަމުގައި ކްރިސްޓިޔަން ޔޫރަޕް ތެދުވެގެން ދުއްވައިގަތީ، އޭގެ ދިމާއިދިކޮޅަށެވެ. އަންހެނުންގެ ޢިއްޒަތާއި ކަރާމަތް ވެއްޔާ މޮޑެލިއެވެ. މަސީޙީ ޔޫރަޕް އަންހެނުން ސިފަކުރީ، އުފެދުމުގައިވެސް ވަސްވާހެއް ކަމުގައެވެ. ހިތްދަމައިގަންނަ އާފަތެއް ކަމުގައެވެ. އާރާސްތުކޮށް ޒީނަތްތެރި ކުރެވިފައިވާ މުޞީބަތެއް ކަމުގައެވެ. ޢާއިލާތަކަށްހުރި ބިރެއް ކަމުގައެވެ. އެގޮތުން ރުހްބާނިއްޔަތުގެ މަގު ހުޅުވައިލިއެވެ. ކާވެނީގެ އުފާ ހޯދުމަކީ ރޫޙާނިއްޔާ ދުޝްމަން ޢަމަލެއް ކަމުގައި ހަމަޖެއްސިއެވެ.

މިހާރު އަނެއްކާވެސް ހުޅަނގުން ދަތުރު ފަށައިފައިވަނީ އަނެއް އިންތިހާޔަށެވެ. ޝަޚްޞީ މިނިވަންކަމާއި ނާޒުކު ޖިންސު ނިކަމެތިކަމުގެ ވަޅުގަނޑުން އެރުވުމުގެ ނަމުގައި ވަނީ ތިން ނުކުތާއެއްގެ ޕްރޮގްރާމެއް ފަށައިފައެވެ. އެ ތިންކަމަކީ:

1.    އަންހެނުންނާއި ފިރިހެނުން ހަމަހަމަކުރުމާއި

2.    އަންހެނުން އިޤްތިޞާދީގޮތުން ފުދުންތެރި ކުރުވުމާއި،

3.    ދެޖިންސު މިނިވަންކަމާއެކު މައްސުނި ކުރުވުމެވެ.


ޝައްކެއްނެތްގޮތުގައި މިއީވެސް އަންހެނުންނާމެދު ކުރެވުނު އިންޞާފެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އަނިޔާވެރިކަމުގެ އާ ބާވަތެކެވެ. ޔޫރަޕްގެ މި ޕްރޮގްރާމުގެ ސަބަބުން އިންސާނީ ޙަޔާތުގެ ތިލަފަތް ވަނީ ވަޒަން ގެއްލިފައެވެ. ޢާއިލީ ބަނދެވުންތައް މޮހެވެމުންދަނީއެވެ. އަހަރުތަކެއްވަންދެން ތާރީޚީ ތޮށަލިދުޅަޔަށް ދަތުރުކުރުމަށްފަހު، މިހާރު އަނެއްކާވެސް ވަނީ އާ މަޝްރޫޢެއް ހުށަހެޅިފައެވެ. އަންހެނުންގެ މިނިވަންކަމާއި، އަންހެނުންގެ ޙައްޤުތަކުގެ ނަމުގައެވެ. އެ ހުށަހެޅުން ހުށަހެޅުނީ، ޗައިނާގެ ބޭޖިންގައި ބޭއްވި ބައިނަލްއަޤްވާމީ ކޮންފަރެންސެއްގައެވެ. އެ ކޮންފަރެންސްގައި ހުށަހެޅުނު އަންހެނުންގެ މިނިވަންކަމުގެ ހުށަހެޅުމަކީ، ލަދުން ލޯހުޅުވައިލަންވެސް ނުކެރޭފަދަ ހުށަހެޅުމެކެވެ. ޙަޔަވާނީ ފެންވަރެއްގައި ޖިންސީ ލައްޒަތުގެ ދޮރު ހުޅުވައިލުމުގެ ހުށަހެޅުމެކެވެ. އެ ހުށަހެޅުމުގައި އަގުވައްޓައިލެވިފައިވަނީ، ހަމައެކަނި އަންހެނުންގެއެއް ނޫނެވެ. އިހާނެތިކޮށް ހިތައިފައިވަނީ މުޅި އިންސާނިއްޔަތަށެވެ. އަމާޒުކުރެވިފައިވަނީ، އިންސާނުންގެ އިޖްތިމާޢީ ނިޒާމު ފުނޑުފުނޑުކޮށް ރޫޅައިލުމަށެވެ.

4 ޑިސެމްބަރ 1995 ގައި ޗައިނާގެ ބޭޖިންގގައި [އަންހެނުންގެ މިނިވަންކަމާބެހޭ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސް] ބޭއްވުނެވެ. އެ ކޮންފަރެންސަކީ އަންހެނުންގެ މިނިވަންކަމާ ބެހޭގޮތުން އެންމެފަހުން ބޭއްވުނު ބައިނަލްއަޤްވާމީ ބައްދަލުވުމެވެ. ބޭޖިންގ ޑެކްލަރޭޝަންގެ އެންމެ ކުރީގައިވަނީ އެއްޖިންސުގެ ގުޅުން ހުއްދަކުރުމާއި، ހައްޔަރުން ނެއްޓެވުން ހުއްދަކުރުމާއި، ހަށިވިއްކުމާއި، ބަރަހަނާއަށް އުޅުމުގެ ޤާނޫނީ އަދި އިޖްތިމާޢީ މިނިވަންކަމަށް ބާރުއަޅައިފައެވެ. މިދެންނެވި ކޮންފަރެންސްގެ އެއްއަހަރު ކުރީން، މިސުރުގައިވެސް މިބާވަތުގެ ބައިނަލްއަޤްވާމީ ކޮންފަރެންސެއް ބޭއްވުނެވެ. އެ ކޮންފަރެންސްގައި ސަތޭކަ އައްޑިހަ ޤައުމެއްގެ މަންދޫބުން ބައިވެރިވިއެވެ. އެ ކޮންފަރެންސްގެ މައުޟޫޢަކީ [އާބާދީ ކުޑަކުރުމެވެ.] އާބާދީ ކުޑަކުރުމުގެ އެޖެންޑާގެ އެކްޝަން ޕްލޭންގައިވެސް އެންމެ އިސްކަންދީފައިވަނީ، ހައްޔަރުން ނެއްޓުވުމާއި، އެއްޖިންސުން ގުޅުން ހިންގުމާއި، އަންހެނުންނާއި ފިރިހެނުން މިނިވަންކަމާއެކު އެއްތަންވެ އެކުއުޅުމުގެ ހުއްދައަށެވެ. އަންހެނުންގެ މިނިވަންކަމާއި، އަންހެނުންގެ ޙައްޤުތަކާމެދު ވަކާލާތުކުރައްވާ ވަކީލުންގެ ވިސްނުންފުޅުގައި މި މައްސަލަ އޮތްގޮތް، އިސްވެދިޔަ އެޖެންޑާތަކާއި، އެކްޝަން ޕްލޭންތަކުން ރަނގަޅަށް ސާބިތުވެއެވެ.

ހުޅަނގުގެ މުފައްކިރުންގެ ވިސްނުންފުޅުގައިވާ އަންހެނުންގެ މިނިވަންކަމުގެ ތަޞައްވުރަކީ ކިތަންމެހައިވެސް [މަޢުޞޫމް] ތަޞައްވުރެކެވެ. [ފިރިހެނުންގެ އަނިޔާވެރިކަމާއި އެބައިމީހުންގެ އަމުރުވެރި އަޅުވެތިކަމުން އަންހެނުން ސަލާމަތްކުރުމެވެ. އަންހެނުންނާއި ފިރިހެނުން ހަމަހަމަގޮތެއްގައި އެއްސަފަކަށް ގެނައުމެވެ.] ހަމައެކަނި އިންސާނީ ޙައްޤުތަކާއި އަޚްލާޤީ ދަރަޖައިގައި ދެބައިމީހުން އެއްވަރުކުރުމެއް ނޫނެވެ. [އިންސާނުންގެ ތަމައްދުނީ ޙަޔާތުގައި ފިރިހެނުން ކުރާ ކޮންމެ ކަމެއް އަންހެނުންނަށްވެސް ކުރުމުގެ ޙައްޤު ދިނުމެވެ.] އަންހެނުންގެ ޖިސްމާނީ އުފެދުމާއި، އެބައިމީހުންގެ ނަފްސިއްޔާތާއި، އެބައިމީހުންގެ ފިޠުރަތު ލާޒިމުކުރާ ގޮތްތައް ހަނދާންނައްތައިލައިފައެވެ. އެހެންކަމުން، މިދެންނެވި މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި ރޭވިފައިވާ ޢަމަލީ ތާވަލާ އަންހެނުންގެ އަންހެންވަންތަކަމުގެ ޠަބީޢަތާ ޚިލާފުވެއެވެ. އަންހެނުންނަކީވެސް ޚާއްޞަގޮތްތަކެއްހުރި ތަފާތު ޝަޚްޞިއްޔަތެއްގެ ވެރިބައެކެވެ. އެބައިމީހުންގެ ފިޠުރީ ތަރައްޤީގެ މުސްތަޤިއްލު ދާއިރާއެއްވެއެވެ. ބަޔާންވެދިޔަފަދަ އިމެއްނެތް މިނިވަންކަމަކުން [އަމައެއްލަމައެއް] ބެލުމެއްނެތި ޖިންސީ ލައްޒަތު ލިބިގަތުން ހުއްދަ ކުރުމަކުން އެ މަޤްޞަދު ޙާޞިލެއް ނުކުރެވެއެވެ. އަދި ކީއްތޯއެވެ؟ ނަތީޖާއަކަށްވާނީ، އިންސާނީ މުޖްތަމަޢު ނުރައްކަލަށް ހުށަހޮޅިގެން ދިޔުމެވެ.

ބޭޖިންގ ކޮންފަރެންސުން ފާސްކޮށްފައިވާ ހުޅަނގުގެ އަޚްލާޤިއްޔާތު ރަމްޒުކޮށްދޭ ލަދުކުޑަ ޑެކްލަރޭޝަނަކީ އިންސާނީ ތާރީޚުގައި އާކަމެއް ނޫނެވެ. ލޫޠުބާގައި މީހުންވެސް ދިރިއުޅެފައިވާ ދުނިޔޭގައި އަލަށް ކުރިމަތިވިކަމެއް ނޫނެވެ. ތަފާތަކީ، އެކަންކަމަށް ދެވިފައިވާ ބައިނަލްއަޤްވާމީ ޝުހުރަތެވެ. މުޅިދުނިޔެ އެ ފާފަވެރިކަމުގެ ކިސަޑުގަނޑަށް ވައްޓައިލުމުގެ ޖާގަ ތަނަވަސްކޮށްފައިވުމެވެ. ދިވެހިރާއްޖެފަދަ އިސްލާމީ ޤައުމުތަކުގެ ޕްރިންޓް މީޑިޔާއަށާއި އިލެކްޓްރޯނިކް މީޑިޔާއަށްވެސް އެ ޠޫފާނުގެ އަސަރު ފޯރަން ފެށުމެވެ. އޭގެ މާކުރީއްސުރެ ޔޫރަޕްގެ ވަރަށްބޮޑު ބައެއްގައި ޢަމަލުކުރެވެމުންދަނީ، އެ [އަމައެއްލަމައެއް] ވަކިނުކުރާ ފަލްސަފާއަށެވެ.

ދެވަނަ ބޮޑުހަނގުރާމަ ނިމުމާ ވިދިގެން، މިނިވަންކަމާއި ހަމަހަމަކަމުގެ ފަރުދާގައި ޔޫރަޕްގެ ފިކުރީ މީހުން ހެއްދި ދަނޑާ ބެހޭގޮތުން ފަރަންސޭސިވިލާތުގެ މަޝްހޫރު މުފައްކިރު، މާޝަލް ބައިޓާން އޭނާގެ ޤައުމާ މުޚާޠަބުކުރައްވައި ވިދާޅުވެފައިވެއެވެ.

[ތިޔަބައިމީހުން ތިޔަބައިމީހުންނަށް ހެދުނު ގޯސް ރަނގަޅަށް ކިރައި ވަޒަންކުރާށެވެ. އެހެނީ، ފާފަވެރިކަމުގެ ކޮޅަށް މާބޮޑަށް ތިލަފަތް ބަރުވެއްޖެއެވެ. ތިޔަބައިމީހުން އަޚްލާޤީ އަގުތަކާއި، ރޫޙާނީ އަގުތައް މުގުރައި، ކުދިކުދިކޮށްފީމުއެވެ. ތިޔަބައިމީހުން ވަނީ ހަވާނަފްސުގެ އަޅުން ކަމުގައި ވެފައެވެ. ތިޔަބައިމީހުން ކަޑަބޮއްޖަހައިފައި ދުވަމުން ތިޔަގެންދަނީ، ނަފްސާނީ ލައްޒަތުގެ ފަހަތުންނެވެ. އަދިވެސް ވަގުތު އެބައޮތެވެ. ތިޔަބައިމީހުންގެ ތިޔަގޮތްތައް ދޫކޮށްލާށެވެ. ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން އަމިއްލަޔަށް މަރުވުމުގެ ތައްޔާރީތައް ނުކުރާށެވެ.]


ނަމަވެސް ފާފަތަކަކީ ޝައިޠާނީ ބާރުތަކުން ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައިވާ އެއްޗެކެވެ. ވަރަށްވެސް ހިތްދަމައިގަންނަފަދަ ގޮތަކަށް ހުށަހަޅައިލެވޭ އެއްޗެކެވެ. ފަރަންސޭސީން އެބައިމީހުންގެ އިޚްލާޞްތެރި މުފައްކިރުގެ ބަސްފުޅަކަށް ސަމާލުކަމެއް ނުދިނެވެ. އެބައިމީހުން ގެންދިޔައީ، އަންހެނުންގެ ހަށިތަކާ ކުޅެމުންނެވެ. މިނިކާ ސޫފިތަކެއް ފަދައިން ނޮޅައިގެން ކަމުންނެވެ. 1955 ގައި ފަރަންސޭސީން އިޢުލާން ކޮށްފައިވެއެވެ. [އަހަރެމެންގެ ތެރޭގައި ޢިޞްމަތްތެރި އެންމެ ފަރުދެއްވެސް ނެތެވެ. އަހަރެމެން އެކަމަށްޓަކައި ފަޚުރުވެރިވަމުއެވެ.] ހަށިވިއްކާ އަންހެނުން ޕެރިހުގެ މަގުމަތީގައި ޝިކާރައެއް އަތުވޭތޯ، ފާޅުގައި ހިނގަމުން ދިޔައެވެ. ހަމަމަގަށް އައުމުގެ ބަދަލުގައި، ދޭތެރެ ދުރުކުރާ ބޭސް ބޭނުންކޮށްގެންނާއި، ސުންނިއުރަ ބޭނުންކޮށްގެންނާއި، ހައްޔަރުން ނައްޓުވައިގެންނާއި، ގަރުބަނުގަންނަގޮތް ހަދައިގެން ކުދީން ލިބުމުގެ [އުނދަގުލުން] ސަލާމަތްކަން ހޯދަމުން ގެންދިޔައެވެ. ނަމަވެސް، މިހާރު ކަންތައްހުރީ ކިހިނަކުންތޯއެވެ. ފަރަންސޭސި އާބާދީގެ ފަސްދޮޅަސް އިންސައްތަ ވަނީ ދަރީން ހޯދުމަށް ފެންބޮވައިގެންފައެވެ. ޤައުމުގެ އެކިތަންތާނގައި ލޯބިލޯބި މަޢުޞޫމް ކުޑަކުދީންގެ ފޮޓޯތަކުގެ ސައިންބޯޑުތައް ވަނީ ބަހައްޓައިފައެވެ. އެ ފޮޓޯތަކުގެ ތިރީގައި ލިޔެފައިވެއެވެ. [ޙަޔާތަކީ ހަމައެކަނި ޖިންސީ އުފަލަށް ކިޔާ ނަމެއް ނޫނެވެ. އަހަރެމެންނަކީ ޤުދުރަތުގެ ވަރަށްވެސް ރީތިރީތި އިޖްތިމާޢީ އަދި ޘަޤާފީ މުޢުޖިޒާއެކެވެ.]
----------
(ނުނިމޭ)

މި ލިޔުން:

      ފޮނުވުން:     އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުންބެލުން:   އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


އިދާރާ

ވާހަކަ