www.fanvai.info

Print

ބްލެކްބެރީ ފޯނާއި ބްލެކްބެރީގެ ޚިދުމަތް (Blackberry)

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ




ޢަބްދުﷲ ފިރާޤް


    
ބްލެކްބެރީ އޭ ބުނުމުން މީ އާ ނަމަކަށް ނުވެދާނެއެވެ. އެކަމަކު ބްލެކްބެރީގެ ޚިދުމަތޭ ބުނުމުން ހަމަޔަގީނުންވެސް މީ އަޅުގަނޑުމެންތެރެއަށް މުޅިން އަލަށް ތަޢާރަފްވި ޚިދުމަތެކެވެ.

ބްލެކްބެރީ ފޯނަކީ، ކެނެޑާގެ ކުންފުންޏެއް ކަމަށްވާ "ރިސާރޗް އިން މޯޝަން" (RIM) އިން  މޯބައިލް ފޯނުގެ ޢާއިލާއަށް 1999 ވަނައަހަރު އުފަންކުރުވި ސްމާޓް ފޯނެކެވެ.  1999 ވަނައަހަރު އުފަންވި ބްލެކްބެރީގެ ޚިދުމަތް ސްމާރޓް ފޯނެއްގެ ސިފަ ލިބިގެން ބޭނުންކުރަން ފެށިފައިވަނީ 2003 ވަނައަހަރުއެވެ.

މި ފޯނުތަކުގެ އޮޕަރޭޓިންގ ސިސްޓަމަކީ "ރިމް"ގެ އަމިއްލަ އޮޕަރޭޓިންގ ސިސްޓަމެކެވެ. މި އޯ.އެސްގެ އެހީގައި "މައިކްރޯސޮފްޓް އެކްސްޗޭންޖް ސާރވަރ" އަށް ސިންކްރޮނައިޒް ކުރެވޭނެ އެވެ. މީގެ އިތުރުން ވެސް މަޝްހޫރު ސާރވަރތަކާއި މި އޯ.އެސް މެދުވެރިކޮށް ބްލެކްބެރީ ފޯނުތައް ގުޅުވައިދެއެވެ. މި ގޮތުން ފާހަގަކޮށްލެވޭ ސާރވަރތަކުގެ ތެރޭގައި އައި.ބީ.އެމް، ލޮޓަސް، ޑޮމިނޯ ފަދަ ސާރވަރތައް ހިމެނެއެވެ.

ބްލެކްބެރީ ފޯނުގެ އެންމެ ޚާއްޞަ ސިފައަކީ މިފޯނުގައި ހިމެނޭ ސެކިއުރިޓީ "ފީޗާރސް"ތައް ވަރުގަދަވުމެވެ. ކޮންމެ ބްލެކްބެރީ ފޯނަކަށްވެސް 8 އަކުރުގެ ވަރުގަދަ "ޕިން" ކޯޑެއްގެ ޤާބިލްކަން ލިބިފައިވެއެވެ. މި ޕިންކޯޑަކީ އަމިއްލައަށް ބަދަލުކުރެވޭނެ ޕިންކޯޑެއް ނޫނެވެ. މި ޕިންކޯޑް ބަދަލުކުރުމުގެ ހުރިހާ ބާރެއް ލިބިގެންވަނީ RIM ގެ ސާރވާރތަކަށެވެ. އަދި ކޮންމެ ފޯނެއް ވަނީ އެ ފޯނަކަށް ޚާއްޞަ ޕިން އަށް ލޮކްކުރެވިފައެވެ. ބްލެކްބެރީ ފޯނުން މެސެޖްކުރާނަމަ ވެސް މި ޕިން ޖަހަންޖެހޭނެ އެވެ. ނޫނީ "ބްލެކްބެރީ މެސެންޖަރ" ބޭނުންކުރެވިދާނެ އެވެ. މިގޮތަށް ކުރެވޭ މުޢާމަލާތްތަކުގެ ޑާޓާތައް ހުންނާނީ "އެންކްރިޕްޓް" ކުރެވިފައެވެ. އަދި ހުރިހާ މުޢާމަލާތެއް ބަދަލުކުރެވޭނީ "ބްލެކްބެރީ އެންޓަރޕްރައިޒަސް ސާރވަރ"ތައް މެދުވެރިކޮށް، އެއަށްފަހު "ބްލެކްބެރީ އިންޓަރނެޓް ސާރވިސް" މެދުވެރިވެގެންނެވެ. އެހެންކަމުން މިހެން ފޮނުވޭ ޑާޓާ އެއް RIM ގެ ފަޔަރވޯލްގެ ބޭރުން "ޑީކްރިޕްޓް" ކުރުމަކީ ނުވާނެކަމެކެވެ. ވީމާ ސަލާމަތްތެރިކަމާއެކު މަންޒިލަށް ވާޞިލްވާނެކަމުގެ ޔަގީންކަން އޮވެއެވެ.  

މި ފޯނުތަކުގައި އިންޓަނެޓް ބޭނުންކުރުމަށް ވެސް ވަކި ސާރވިސްއެއް ޚާއްޞަކުރެވިފައިވެއެވެ. މި ހުރިހާކަމެއް ފޯނުތަކާއި ގުޅުވާލަދޭ ދޮރާއްޓަކީ "ބްލެކްބެރީ އެންޓަރޕްރައިޒަސް ސާރވަރ" އެވެ. 92 ޤައުމެއްގައި ބްލެކްބެރީ އިންޓަރނެޓް ސާރވިސް ދެމުންދާއިރު، މިހިދުމަތުގައި 10 އީމެއިލް އެކައުންޓަށް އެކްސެސް ވެވެއެވެ. މީގެތެރޭގައި، ޖީމެއިލް، ހޮޓްމެއިލް އަދި ޔާހޫ ފާހަގަކޮށްލެވެއެވެ. "ބްލެކްބެރީ އިންޓަރނެޓް ސާރވިސް" މެދުވެރިކޮށް މިނޫންވެސް ވަރަށްގިނަބޭނުންތައް ކުރެވެއެވެ. މިގޮތުން "ވިންޑޯސް ލައިވް މެސެންޖަރ އަދި ޔާހޫ މެސެންޖަރ ފާހަގަކޮށެލެވެއެވެ. ސޯޝަލް ނެޓްވޯރކްތަކަށް ބަލާއިރު ފޭސްބުކް، މައިސްޕޭސް އަދި ޓްވިޓަރ ފާހަގަކޮށްލެވެއެވެ.

ބްލެކްބެރީގެ މި ޚާއްޞަ ސެކިއުރިޓީ ފީޗާރސްތަކުގެ ސަބަބުން، (ވަރުގަދަ ޑާޓާ އެންކްރިޕްޝަން) ގެ ސަބަބުން، ޚާއްޞަ ސިއްރު އޮޕަރޭޝަން ހިންގާ ފަރާތްތަކަށް މިފޯނު ޚާއްޞަކުރެވެއެވެ. ދުނިޔޭގެ ވެރިންގެ ތެރެއިން މިފޯނު ބޭނުންކުރައްވާ އެންމެ މަޝްހޫރު ބޭފުޅަކީ އެމެރިކާގެ ރައީސް އޮބާމާއެވެ. މީގެ އިތުރުން ބްރިޓިޝް ޕޮލިހުގެ އެޖެންޓުން ވެސް މި ފޯނު ބޭނުންކުރެއެވެ.

މިފޯނުތަކުގައި ހިމެނިފައިވާ ވަރުގަދަ ޑާޓާ އެންކްރިޕްޝަންގެ ސަބަބުންނާއި، ހުރިހާ ޑާޓާއެއް ދަތުރުކުރަނީ ރިސާޗް އިން މޯޝަންގެ ސާރވަރތަކުގެ ތެރެއިންކަމަށްވާތީ، ބައެއްޤައުމުތަކުގެ ޤާނޫނީ ބާރުން މިފޯނު ބޭރުވާތީ، މިފޯނު ބޭނުންކުރުން ބައެއްޤައުމުތަކުގައި ވަނީ މަނާކުރެވިފައެވެ. މިގޮތުން ޔޫ.އޭ.އީ، އިންޑިއާ، ސަޢޫދީ ޢަރަބިއްޔާ އަދި އިންޑޮނޭޝިޔާ ފާހަގަކޮށްލެވެއެވެ.

އެންމެފަހުން ބާޒާރަށް ނެރެފައިވާ ބްލެކްބެރީ ފޯނަކީ "ބްލެކްބެރީ ޓޯޗް 9860" އެވެ. މިފޯނަކީ 2011 ސެޕްޓެމްބަރ މަހު ބާޒާރަށް ނެރެފައިވާ ފޯނެކެވެ. މީގެ އިތުރުން "ބްލެކްބެރީ ޓޯޗް 9810" ، "ބްލެކްބެރީ ޓޯޗް  9850" ، "ބްލެކްބެރީ ބޯލްޑް ޓަޗް 9900" ، "ބްލެކްބެރީ ބޯލްޑް ޓަޗް 9930" އަދި "ބްލެކްބެރީ ކާރވް 9360" ، އަކީ 2011 އޮގަސްޓްމަހު ބާޒާރަށް ނެރެފައިވާ ފޯނުތަކެވެ.

މިހާރު ރާއްޖޭގައި ވެސް ވަތަނިއްޔާ އިން ރިސާރޗް އިން މޯޝަންގެ ބްލެކްބެރީ ފޯނުތަކުގެ ސާރވިސް ދޭން މިވަނީ ފަށައިފައެވެ. މިވަގުތު 2 ޕެކޭޖެއް ތަޢާރަފްކޮށްފައިވާއިރު، ކުރިއަށް އޮތްތަނުގައި އިތުރު ޕެކޭޖްތައް ތަޢާރުފުވާނެކަމަށް އުއްމީދު ކުރެވެއެވެ. ބްލެކްބެރީ ސާރވިސް ދޭ ހުރިހާ ފަރާތަކުން ވެސް ގެންގުޅެނީ މިފަދަ ޕެކޭޖުތަކެކެވެ. ފެންވަރު ރަނގަޅު ޚިދުމަތަކަށް ބޭނުންވާ ފަރާތްތަކަށް މިއީ ވަރަށް ކަމުދާނެ ޚިދުމަތެކެވެ.
--------------
(ނިމުނީ)

މި ލިޔުން
    ފޮނުވުން:    އަލްފާޟިލް ޢަބްދުﷲ ފިރާޤު
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

 

www.fanvai.info