އަދުގެ ޚާއްސަ

Print

ކާމޭ-ކާމޭ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢާއިޝަތު ޝަހުލާ، ލ.މާވަށް

ނޯޓް: މިއީ ފުޅިބައްތީގެ ޒަމާނުގައި މާވަށުގައި ހިނގި ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑު ލިޔެފައިވާ ލިޔުމެކެވެ.


ކަނބުރުމަނިކުގޭ ބީފާނަކީ ބުރުސޫރައާއި ލޫޅާފަތިކަމުން ރަަށުގެ ހުރިހާ ޒުވާނުންގެ ލޮލުގައި އަޅައިގެންފައިވާ ޖިންސުއްލަޠީފެކެވެ. ރަށުން ބޭރުގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު މި ކަނބުލޭގެ މާވަށަށް އައީ ދާދި މިދާކަށް ދުވަހުއެވެ. އެހެންނަމަވެސް މީނާގެ ބަނިޔާދަންކަމާއި ބަނޑިބަނޑިލާ ވަނާތަކުގެ ސަބަބުން ރަށުގެ ޒުވާންފުރައިގެ ހުރިހާ ފިރިހެން ކުދިން މީނާގެ އާޝިޤުންނަށް ހަދައިފިއެވެ. ފާތުމަގޭ ތައްޚާނަކީ ވެސް މި ކަނބުލޭގެ މަޅީގައި ޖައްސައިފައިވާ ޒުވާނެކެވެ.
           
ސަފަރުމަހުގެ އަނދިރިކަންގަދަ ރޭތަކުގެ ތެރެއިން ރެއެކެވެ. ފާރުގައި ހުރި ރަނގަބީލުޖަހާ ގަޑިޔަކުން އެހެރަ އިޢުލާނުކުރީ ދަންވަރު ދޭއްޖަހައިފިކަމެވެ. ތައްޚާނު ފިސާރިއަކަށް ނަލަހެދިލައިގެން ދެފުށުން އަތަރުލައިގެން އެހެރަ ނިކުންނީ ކަނބުރުގެއަށް ދޮށިއެއްލުމަށް ހިތުއަޅައިގެންނެވެ.
           
ސަހަރޯއެވެ. ލޮލަށް އިނގިލި ކީއްކުރަން ހެއްޔެވެ؟ އަތް ކޮއްޕައިލިޔަސް ނޭނގޭހާ އަނދިރިއެވެ. ހަނދު ފެންނަން ނެތް ތާނގައި ތަރިއެއްގެ ލިސާނެއް ވެސް ދައްކައެއް ނުލައެވެ. ތައްޚާނު ހިތަށް އެރިއެވެ. "ގިނަމީހުން ލޯބި ހުށަހަޅަނީ ހަނދުވަރުދޭ ރޭރޭ ހަނދާއި ތަރިތައް ހެކިކޮށް ވަޢުދުވަމުންނެވެ. އަޅައިލާނެ ކަމެއްނެތެވެ. އަހަރެން ލޯބިހުށަހަޅާނީ އަނދިރި ރެއެއްގެ އަނދިރިކަން ހެކިކޮށް ވަޢުދުވަމުންނެވެ. އެނގިދާނެތާއެވެ." މިހެންހިތަށްއަރައިފައި ބޮލުގައި އޮތް ފަގުޑި ރަނގަޅުކޮށްލަމުން ކުރިޔަށް ހިނގައިގެންފިއެވެ.
           
އިސާހިތަކު ބީފާނުކަނބުލޮގެ ގެޔާ ހަމަޔަށް ދެވިއްޖެ އެވެ. ބޭރުގެއިން އަލިކަމެއް ފެންނަން ނެތްތާނގައި މުޅި އެ ހިސާބުން ވެސް އަލިކަމެއް ފެންނާކަށްނެތެވެ. ތައްޚާނު ހިތަށް އެރިއެވެ. "ގަޑިޔަށް ކިޔުމަކުން ވި މޮޅެއްނެތްތާ އެވެ. މި ޖެހުނީ އޮޅަށް ވިޔަސް ވަގަށްވިޔަސް މިގެޔަށް ވަންނަންތާއެވެ." މިހެން ހިތަށްއަރައިފައި ހިނގައިގަތްތަނާ ކާމިލުގޭ މަހުމޫދާއި ހަމަ އެފުރާގެ އެހެން ސޮރަކާ ދެކުދިން އެ މަގުން އަންނަތަން ފެނިއްޖެއެވެ.
           
އެފަދަ ދަންވަރުގައި އެ ކުދިން އެތަނުގައި އެކުރަނީ ކީއްތޯ ބަލައިލާކަށް ވެސް ހެޔެއްނޭރިއެވެ. މަހުމޫދުގެ އަތުކުރީގައި ހިފައި ދަމައި ގެނެސް ނިކަން ބީފާނު ދައިތަޔަށް ގޮވައިލަބަލާށޭ ކިޔައިފައި، އެގޭ ބޭރުފާރުގައި ޖަހައިފައި ހުރި ފިލައެއްގައިހުރި ތޭރިގަނޑަކުން އެސޮރު އެތެރެޔަށް ކޮށްޕައިލައިފި އެވެ.
           
މިކަލޭގެ ވެއްޓި އަކިރިގަނޑުގައި ޖެހުނު އަޑަށް ބޮޑުއަށީގައި އޮތް މަރިޔައިފާނު ތެދުވެ "ކޮން އަޑެއްހޭ......... ކޮން އަޑެއްހޭ...... މަނިކާ ކަނބުރާ ނިކަންއަވަހަށް އައިސްބަލާށޭ ..." ކިޔައި ހޭރިގަތެވެ. މައިދައިތަ ހަޅޭައްފަޅޭއް ޖަހައިގަތް އަޑަށް ކަނބުރުމަނިކު އުތުރު އެނދުން ފުންމައިލައިގެން މުންޑުގަނޑު އަރުވައިޖަހަމުން ބޭރުގެޔަށް ނުކުތްއިރު ކަމަކުދާކަށް ނެތެވެ. ބޮޑުއަށީ ކޮޅުފިލާ ކައިރީ އެހެރަ ފެންނަނީ ހިޔަންޏެކެވެ. ކަނބުރުމަނިކު މިހެން ހުރެގެން ވާކަށް ނޯންނާނެޔޭ ހިތައި ދެފަހަރަކު ހިންދިރުވައިލައިފައި ވަރުގަދަ އަޑަކުން ތިޔައީ ކާކުހޭ އަހައިލައިފިއެވެ.
           
މަޙުމޫދު ގަންނާކުރެއްވި ބިރުން ދެފައި ތުރުތުރުއަޅައިގެން ދިޔައެވެ. މަށަކީ ކާމިލުގެ ދަރިޔެކޭ ބުނަން އުޅެއުޅެ ބުނެވޭ ގޮތެއް ނުވިއެވެ. ވަރަށް މަސައްކަތުންވެސް ބުނެވުނީ "ކާމޭކަމޭ" މިހެންނެވެ. މިސޮރު މިހެންބުނުމުން މަރިޔައިފާނަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ފުންމައިފައި ގޮސް ކަނބުރުމަނިކުގެ ކޮނޑުގައިހިފައި ތަޅުވައިގަނެފައި "މަނިކާ ކަނބުރާއޭ...... އެ ބުނަނީ ހަމަ ކައިލާނަމޭ، ކައިލާނަމޭޔޭ" ކިޔައި ރޯންފަށައިފިއެވެ.
           
ކަނބުރުމަނިކު ހަމަހިލާ އެހެނަކުން ނުވާނެޔޭ ހިތައި އެތެރެގެޔަށް ވަދެ ބޮޑުފޮށީގައިއޮތް ފުރޯ ކޮނޑަށް ލައިގެން އައިސް އަހައިލިއެވެ. " އޭ ކަލޭގެޔާއެވެ. ތެދަށް ބުނާށެވެ. ތިޔައީ އިންސާނެއް ހެއްޔެވެ..... ނޫނީ ފުރޭތައެއް ހެއްޔެވެ." މިކަލޭގެ ގަތްބިރު އިހުނަށް ވުރެން ބޮޑުވެއްޖެ އެވެ. ދެންވެސް ބުނެވުނީ "ކާމޭކާމޭ" މިހެންނެވެ. މަރިޔައިފާނު ދެލޯބޮޑުކޮށްފައި " މަނިކާ ކަނބުރާއޭ..... ކައިރި ނުވާނުވާށޭ...... މަށަށް ހީވަނީ ތިޔައީ ކުޑަ ފުރޭތައެއްހެނޭ ..... އެހެންޏާފަހެ، އަނެއްކާ ވެސް އެ ބުނީ ކައިލާނަމޭވިއްޔާއޭ......" ކިޔައި ކަނބުރުމަނިކުގެ އަތުގައި ހިފެހެއްޓިއެވެ.
           
މަހުމޫދު ގަތް ބިރުން ގުޑިވެސް ނުލައި ހުއްޓައި ފަޔަށް ހޫނުވާން ފެށުމުން ބަލައިލިއިރު..... ކުޑަކަމު ދެވުނީއެވެ. މިސޮރު އަނެއްކާ ވެސް މަށަކީ ކާމިލްގެ ދަރިޔެކޭ މަށަށް ކުޑަކަމުވެސް ދެވިއްޖެޔޭ ބުނަން އުޅެއުޅެ ބުނެވުނީ "ކާމޭ ކާމޭ...... ކުޑަކަމު......" މިހެންނެވެ. މިސޮރު މިހެން ބުނިއަޑު އަހާފައި ކަނބުރުމަނިކު މައިގައިތަޔަށް ބަލައިލައިފައި "މި ކުޑަކުޑަ ހައިވާނު އެ ބުނަނީ ކުޑަކަމު ދިޔަޔަަސް ބޮޑުކަމު ދިޔަސް ކައިލާނަމޭހޭ" އަހާލިޔެވެ. މަރިޔައިފާނު "މަށަށް ހީވަނީ ތިޔަހެންނޭ" ބުނުމާއެކު ދެމީހުން އެއްފަހަރާ ހަޅޭއްލަވައިގަތެވެ.
           
ގޭތެރޭގެ އަޑުފަށްގަނޑު ގަދަވެގެން އެތެރެގޭ އުނދޯލީގައި އޮތް ބީފާނަށް ހޭލެވިއްޖެ އެވެ. އެ ކަނބުލޮ އެތެރެގޭގައި އޮތް ފުޅިބައްތި އެއް އަތުން ހިފައިގެން އަނެއް އަތުން ލޯ އުނގުޅަމުން ބޭރުގެޔަށް ނިކުމެއްޖެއެވެ. ބޭރުގެޔަށް ބައްތި ނެރުމުން މަޙުމޫދުގެ މޫނަށްވެސް ހިސާބަކަށް އަލިވެގެން އެއީ ފުރޭތައެއް ނޫނޭ ހިތައި ކޮނޑު މަތީ އޮތް ފުރޯ ތިރިކޮށްލިއިރު....... ރަންކޮޅާ ބުނާކަށް ކަނބުރު މަނިކަށް ގެނެވިފައި އޮތީ ތިލަ ނެތް ފުރޮއެކެވެ. މި ކަލޭގެ ހިތަށް އެރިއެވެ. މިއީ އަދި ތިލަނެތް ފުރޮއެއްކަން އަންގައިގެނެއް ނުވާނެ އެވެ. މިހެން ހިތައި ފުރޯގެދަނޑި އަތުކޮޅަށް ދަމާލާފައި، ތީ އިންސާނެއްނަމަ ފަހެ ނިކަން ޝަހާދަތް ކިޔައިބަލާށޭ ބުނެލިއެވެ.
           
މަޙުމޫދުގެ ބިރު ވެސް ކުޑަކޮށް ފިލައިފައި ހުރިކަމުން މި ސޮރު ކޮންމެ ވެސް ގޮތްކަށް ޝަހާދަތް ކިޔައިފި އެވެ. މަޙުމޫދު ޝަހާދަތް ކިޔުމުން މަރިޔައިފާނު، ލިބާހުގެ ފަސްބައިގައި ހިފައިލައިފައި މަޙުމޫދުގެ މޫނުދޮށަށް ގުދުވެލައިފައި " ރަންކޮޅާ މަނިކާ ކަނބުރާއޭ.... މިއީ މަގޭ ކާމިލްގެ މަޙުމޫދޭ.... މި ސޮރު މަރައިނުލެވުނީ ކިރިޔާ ނޫންހޭ...." ކިޔައިގަތުމުން ކަނބުރުމަނިކު ވެސް ކުރިޔަށްޖެހިލައިފައި ބަލައިލި އިރުު އެއީ ހަމަ ތެދެކެވެ. އެއީ ހަމަ އެކޮޔެވެ. ރަނގަޅަށް ބަލައިލި އިރު ހުރީ ކުޑަކަމު ވެސް ދެވިފައެވެ. ކަނބުރުމަނިކު ހިތަަށް އެރިޔެވެ. ބިރުގަތީ މަށެއްް ނޫންތާ އެވެ. މިހެން ހިތަށް އެރުމާއެކު ރުޅިވެރި ފާޑެއް މޫނަށް ޖައްސައިލައިފައި ވެގެން މިއުޅެނީ ކިހިނެއްތޯ އަހައިލައިފި އެވެ.
           
މަޙުމޫދު ވީގޮތް ކިޔައިދިނުމުން ކަނބުރުމަނިކު އައިރުޅީގައި ވުސްލައިފައި ބޭރަށް ނުކުތްއިރު އެބުނާ ތައްޚާނެއްގެ ލިސާނެއް ވެސް ނެތެވެ. މި ވީ ގޮތަކީ، އެއްކަލަ ތޭރިގަނޑުން މަޙުމޫދު ވައްދައިފައި ތައްޚާނު އެގޭ ދޮރުމަތިން ކުރުކާލި ކަނޑަކަނޑައި ހުއްޓައި ބޭރުގެއިން މާ ގަދަ އަޑުފަށްގަނޑެއް އިވިގެން ރަނގަޅަށް އަޑު އަހައިލީއެވެ. އަޑުއަހައިލިއިރު ކަމަކުދާކަށް ނެތެވެ. މަޙުމޫދު ގޮވިއްޔަކީ ބީފާނަކަށް ނޫނެވެ. ގޭގެ އެންމެނަށެވެ. މި ކަލޭގެ ގަތްބިރުންނާއި ވީދެރައިން ބީފާނަކަށް ނުބަލައި ގުންފައިޖަހައިފައި ގޮސް ފިލީއެވެ. ދަމުން ހިތަށް އެރިޔެވެ. އަނދިރިކަމަކީ ހަމަ ބިރުވެރި އެއްޗަކީ ތާއެވެ.
---------------
(ނިމުނީ)

މި ލިޔުން:
     ފޮނުވުން:        އަލްފާޟިލާ ޢާއިޝަތު ޝަހުލާ، ލ.މާވަށް
     އަލުން ބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު 


ހަމަމިގަލަމުން

އިދާރާ

ވާހަކަ