އަދުގެ ޚާއްސަ

Print

ތިކިޖެހިތާނަ ނުވަތަ ތާނައިގައި ހުންނަ ތިކިޖެހި އަކުރުތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
        

1- ތާނަ ލިޔުމުގައި ބައެއް އަކުރުގައި ތިކިޖަހައިގެން ލިޔުން

ދިވެހިބަހަކީ މުއްސަނދި ބަހެކެވެ. ދިވެހީންނަކީ ދޫ ފަސޭހަ ބަޔެކެވެ. އެހެނީ ގިނަ ބަސްބަހުން ވާހަކަދައްކާ އަޑު އަހާއިރު، މާދަރީ ބަސް ނޫން ބަހެއްގެ އަކުރުތައް ކިޔަން އެމީހުންނަށް ވަރަށް އުނދަގުލެވެ. ނަމަވެސް ދިވެހީންނަށް ދިވެހި ބަހުގެ އަހުލުވެރީންނަށް އެއީ ހަމަ ދާދި ފަސޭހަކަމެކެވެ.

މިސާލަކަށް: ޖަޕާނު މީހުން އަޅުގަނޑު ނުވަތަ މޯލްޑިވްސް ކިޔަން އުޅޭއިރު "ޅ"ގެ ބަދަލުގައި އަދި "ލ"ގެ ބަދަލުގައި "ރ" ގެ އަޑު ނުކުމެއެވެ.

ދިވެހިބަހުން ލިޔެކިޔުމުގައި ބޭނުންކުރަންޖެހޭ ނަންނަމާއި ބައެއް ލަފުޒުތައް އައިސްފައި ވަނީ ޢަރަބި ބަހުން ކަމަށް ވާތީ ޢަރަބި އަކުރުގެ މަޚްރަޖްގައި ޢަރަބި ލަފުޒުތައް ތާނައިން ލިޔުމަށްޓަކައި ސަރުކާރުން ނިންމެވީ ތާނަ އަކުރުގައި ތިކިޖަހައިގެން އެ އަޑުތައް ނެރޭ ގޮތަށް ކިޔާށެވެ. އަދި ލިޔާށެވެ. އެއީ އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވެފައި ކީރިތި ޤުރްއާން ކިޔަވާއިރުގައްޔާއި ޢަރަބި ލަފުޒުތައް ކިޔާ އިރު، އެ ބަހެއް ކިޔަންވީ ގޮތަށް ކިޔުމަށްޓަކައެވެ.  މިގޮތުން ތިކިޖެހި ތާނަ އުފެއްދި ގޮތް ތިރީގައި އެ ވަނީއެވެ.

2- ތާނަ އަކުރު:

ތާނަ އުފެދިގެން އައީ ނުވަތަ އުފެއްދީ ޢަރަބި ވިޔަ އަކުރުންކަމަށް ޤަބޫލުކުރެވެއެވެެ. އޭރު ތާނައިގެ އަކުރުތަކުގެ ޢަދަދަކީ 23  އެވެ. ފަހުން ޕ ތާނައިގެ ތެރެއަށް އިތުރވީ އެވެ. އެއީ /ޕަ/ މިއަޑު ބޭނުންވެގެންެވެ. ދިވެހިބަހުން ބައްޕަ އަށް ކުރިން ކިޔައި އުޅުނީ ބަފޯ ނުވަތަ ބަފައެވެ. ބައްޕަ ކިޔަން ފެށުމުން "ޕ" އަކަށް ބޭނުންވެއްޖެ އެވެ. އެންމެ ފުރަތަމަ މި /ޕަ/ އަޑު ނެރުމަށްޓަކައި ބޭނުންކުރީ ޢަރަބި ب ގެ ތިރީގައި އިތުރު ދެ ތިކި ޖަހައިގެން ތިންތިކި ހަމަކޮށްގެންނެވެ.
ދިވެހިން އިސްލާމް ދީން ޤަބޫލުކުރުމުގެ ސަބަބުން ލިޔްނަޖެހުނު ޢަރަބި އަޑުތަކާއި ޢަރަބި ލަފުޒުތައް ކުރީއްސުރެ ލިޔެ އުޅުނީ ޢަރަބި އަކުރުންނެވެ. ދިވެސް އަކުރުން ނުވަތަ ތާނަ އަކުރުން ލިޔުނު އިރުވެސް އެ ފަދަ އަޑެއް ލިޔަން ޖެހުމުން އެ ލަފުޒެއް ޢަރަބި އަކުރުން ލިޔަމުން ގެންދިޔައީއެވެ. ވަރަށް ފަހަކާ ޖެހެންދެން ދިވެހި ލިޔުންތަކުން މި ޙަޤީޤަތްތައް ފެންނަން ހުންނާނެ އެވެ.
        ނަމަވެސް، 13 ޝަޢުބާން 1376 ހ. މި ދުވަހު ވުޒާރަތުލްމަޢާރިފުން ކުރެއްވި އިޢުލާނަކުން ތާނަ އަކުރު ލިޔުމުގެ ތެރޭގައި ބޭނުންކުރެވޭ ޢަރަބި އަކުރުގެ ބަދަލުގައި ބޭނުންކުރާނޭ އަކުރުތަކެއް ކަނޑައެޅުއްވިއެވެ. ކަނޑައެޅުއްވި ގޮތް ތިރީގައި އެ ވަނީއެވެ.
ﺍ   ب     ت    ث     ج    ح    خ    د    ذ    ر    ز    س   ش     ص  
އ   ބ     ތ    ޘ     ޖ    ޙ     ޚ   ދ    ޛ   ރ    ޒ    ސ   ޝ     ޞ

ض   ط   ظ   ع   غ    ف    ق     ك    ل    م     ن   و    ﻫ   ﻻ    ﺀ    ي
ޟ   ޠ   ޡ   ޢ   ޣ    ފ     ޤ     ކ    ލ    މ    ނ   ވ    ހ   ލ   އ    ޔ

އެހެންވީމާ ޙަޤީޤަތުގައި ތާނައިގެ ތެރެއަށް މި އިތުރުކުރެވުނީ ޘ، ޙ، ޚ، ޛ، ޝ، ޞ، ޟ، ޠ، ޡ، ޢ، ޣ، ޤ މި އަކުރުތައް އެކަންޏެވެ. މީގެ ތަންކޮޅެއް ފަހުން 1977 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ތާނައަށް ދެ އަކުރެއް ވަނީ އިތުރުކުރައްވައިފައެވެ. އެއީ Television, Division,  ފަދަ ލަފުޒުތައް ރަނގަޅަށް ކިޔުމަށްޓަކައި އިތުރުކުރެއްވި "ޜ" އާއި Work, Week  ފަދަ ލަފުޒުތައް ހެޔޮކޮށް ކިޔުމަށް އުފެއްދެވި "ޥ" އެވެ.

1376 ގައި ތާނައިގެ ތިިކިޖެހި އަކުރުތަކެއް އުފައްދައި އެކަން އެގޮތަށް ކަނޑައެޅުއްވުމާއެކު ޚާއްޞަ ސަމާލުކަމެއް ދިން ނުކުތާތައް ތިރީގައި މި ބަޔާންކުރަނީއެވެ.

1- ދިވެހި ބަހަށް ހިމެނިފައިވާ ޢަރަބި ލަފުޒު ލިޔުމުގައި ތާނައިން ލިޔުން.
މިސާލު:    އަސަރު، ސާބިތު، ގަލަން، ގަވާއިދު

2- ކުރީގައި ދައްކައިފައިއެވާ އަކުރުތައް ކިޔުމުގައި ހަމަ ޢަރަބި އަކުރު ކިޔާ މަޚުރަޖުން ކިޔުން.

3- މި ގޮތުގެ މަތީން ލިޔަމުން ދާއިރު، ތާނައިގެ ގަވާއިދުން ސުކުންކުރެވޭ އަކުރެއް ނޫނަސް، އެ އަކުރެއްގައި ސުކުންކުރެވިފައިވާ އަކުރުގައި ސުކުންކުރުން.
(ނޯޓު: މިކަން މިހެން އޮތަސް، އެލިޒަބަތު، ހެލްތު، އިޢުލާން ފަދަ ލަފުޒުތައް ތާނައިން ލިޔާއިރު ކިޔާ ގޮތް އޮޅިދާނެކަމަށްޓަކައި މި ފަދަ ލަފުޒުތަކުގައި )ޢ އާއި އ އާއި ޣ އާއި ތ ގައި( ސުކުން ނުކުރާ ގޮތަށް ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން (އޭރު ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ޤައުމީ މަޖިލިސް) 24 ސެޕްޓެމްބަރ 1980 ގައި ވަނީ ހަމަޖައްސަވައިފައެވެ.)
މިސާލު:
           ކުށް ގޮތް                 ރަނގަޅު ގޮތް
        ކުއީން އެލިޒަބަތް،                 ކުއީން އެލިޒަބަތު،
        މިނިސްޓްރީ އޮފް ހެލްތް،             މިނިސްޓްރީ އޮފް ހެލްތު،
        މރ. ސްމިތް،                   މރ. ސްމިތު،
        ސުނިލްދަތް                     ސުނިލްދަތު،  
        އިޢްލާން،                      އިޢުލާނު،
        ތަޢްލީމް،                      ތަޢުލީމު،  
        މަޢްލޫމާތް،                     މަޢުލޫމާތު،
        މައްވާ                        މައުވާ
        މައްމޫން                       މައުމޫން
        މައްޛޫން                       މައުޛޫން
        މަޣްފިރަތް                      މަޣުފިރަތު

4-     ތާނަ އިން ބޭރު ލަފުޒުތައް ލިޔާއިރު ބޭރުބަހުގެ އަސްލުން އައިސް ދިވެހިވެފައި ހުންނަ ލަފުޒުތައް ލިޔާނީ ދިވެހިބަހުގެ އަޑުތަކާ އެއް ގޮތަށެވެ.
މިސާލު: ގަވާއިދު، ސަގާފަތް، ގަލަން،

5-     ނޫން ލަފުޒުތައް ލިޔާއިރު ލިޔާނީ އަސްލު ބަހުގެ މަޚުރަޖުންނެވެ.
       މިސާލު:    އިޠުމިއުނާން، ރަމަޟާން، ޓެލެވިޜަން މޯލްޑިވްސް

3-    ތިކިޖެހި ޥ ގައި ސުކުންކޮށްގެން ލިޔުން:

ޢަރަބިބަހުގައި ޥ ސްކުންކޮށްފައި ހުންނަ ލަފުޒުތައް ތާނައިން ލިޔާއިރު ވގައި ސުކުންކުރާކަށް ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި ލިޔާނީ އައިބައިފިލި ލިޔާ ގޮތަށް އަބަފިއްޔަކާއެކު އަލިފު އުފުފިއްޔެއް ޖަހައިގެންނެވެ.
މިސާލު: قومى  -  ޤައުމީ    (ނުވަތަ ގައުމީ)
     دولـة   -  ދައުލަތް

4-    ތިކިޖެހި އަކުރުތައް ބޭނުންކުރުމުގައި ބެލިދާނެ މިންގަނޑެއް:

ޢަރަބި ބަހުގައި އަކުރުގެ މަތީގައި ނުކުތާޖެހި އަކުރެއްގެ އަޑު ރަމްޒުކޮށްދިނުމަށްޓަކައި ތިކިޖެހި ތާނައިގެ އަކުރެއް ނަމަ އެ އަކުރެއްގައިވެސް ތިކި އޮންނާނީ މަތީގައެވެ. ތިރީގައި ތިކި ހުންނާނީ އެނޫން އަކުރުތަކުގައެވެ.
މިސާލު:    ث    خ   ذ    ش    ض   ظ   غ     ق
         ޘ    ޚ   ޛ   ޝ    ޟ    ޡ   ޣ     ޤ
 

5-    ތިކިޖަހަން ނުޖެހޭ ބައެއް އަކުރުގައި ތިކިޖެހުން:

މިހާރަކަށް އައިސް ވަރަށް ގިނަ ލިޔުންތަކުން "ވަސީލަތް" މި ލަފުޒު ލިޔާއިރު "ސ"، އެއީ "ޞ" އެއް ކަމަށް ހަދައިގެން "ވަޞީލަތް" މި ގޮތަށް ވަރަށް ގިނައިން ލިޔެފައި އެބަ ހުރެ އެވެ. އެއީ ކުށެކެވެ. ޢަރަބި ބަހުން ވަސީލަތް އޮންނަނީ  وسـيلة  މި ގޮތަށެވެ. އެ ލަފުޒުގައި ص އެއް ނޯވެ އެވެ. އޮންނަނީ  س އެކެވެ. ވީމާ ލަފުޒެއް ލިޔާނެ ގޮތް ޔަގީން ނުވާނަމަ އެ ލަފުޒު އޮންނަ ގޮތް ކަށަވަރުކުރުން މުހިއްމެވެ.

ތިކިޖެހި ތާނަ ބޭނުންކޮށްގެން ހެޔޮކޮށް ތާނަ ލިޔަން އެނގޭނީ އެ ލަފުޒު އޮންނަ ގޮތާއި އެ ލަފުޒުގެ އަޑު ދެނެގަނެވިގެންނެވެ. މިކަމަށްޓަކައި ޢަރަބި އަޑުތަކާ ރައްޓެހިވާން ޖެހެއެވެ. އެ ގޮތަށް ހެޔޮކޮށް ލިޔަން ނޭނގޭނަމަ ހެޔޮކަށް ލިޔަން ދަސްކުރަން ޖެހޭނެކަން ޤަބޫލުކޮށްގެންނެވެ. ލަފުޒު އޮންނަ ގޮތް ދެނެގަތުމުގެ ޝައުޤުވެރިކަން ތިމާގެ ކިބައިގައި އުފެއްދިގެންނެވެ. ތިމާ އަށް ނޭނގޭ ކަމަކީ ނުވަތަ ނޭނގޭ ގޮތަކީ އޮންނަންޖެހޭނޭ ކަމެއް ނޫންކަމަށް ވަކާލާތުކުރުން ހުއްޓައިލައި ޙަޤީޤަތް ޤަބޫލުކޮށްގެންނެވެ. ދިވެހިބަސްފޮތް ނުވަތަ ރަދީފަށްވެސް ރުޖޫޢަވެގެންނެވެ. ޙަޤީޤަތުގައި ދިވެހީން ޢަރަބި އަޑުތަކާ ފަރިތަވެލުމަށް އޮތް އެނެމެ ފަސޭހަ މަގަކީ ކީރތި ޤުރުއާނާ ބޮޑަށް  ރައްޓެހިވުމެވެ.

6-    ތިކިޖެހި ތާނަ ބޭނުންކކުރުމުގެ ބައެއް ފައިދާތައް:

ދުނިޔޭގެ ތަފާތު ބަސްބަހުގެ މަޚުރަޖުން ދިވެހީންނަށް އެކި އަޑުތައް ނެރެވޭކަމާ މެދު ބައެއް މީހުން ޙައިރާންވެއެވެ. މިސާލަކަށް ޢައިނު، ދާލު، ޠާ، ޟާދު ޤާފު ފަދަ އަކުރުތަކެއް އިނގިރޭސިބަހުގެ އަހުލުވެރިންނަކަށް ނުކިޔެއެވެ. ޑީ، ޓީ، ޜ  ފަދަ މަޚްރަޖްތަކެއް ޢަރަބީންނަކަށް ނުކިޔެއެވެ. /ޒަ/ އަޑަކީ ސިންގަޅަބަހުގައި އޮންނަ އަޑެއް ނޫނެވެ. ޅަވިޔަނި ފަދަ ބައެއް އަކުރުތައް ކިޔުމަކީ ބަޔެއް މީހުންނަށް ކުރެވޭކަމެއް ނޫނެވެ. މިހެން މި ދިމާވަނީ އަޑުތައް އުފައްދާ ގުނަވަންތައް އެ އަޑުތައް ލެއްވުމަށް ތަމްރީނު ހޯދަނީ ޢުމުރުގެ ވަރަށް ޅަފަތުގައި ކަމަށްވެފައި އަނގަޔާއި ދުލުގެ ކަށިތަކާއި މަސްތައް ވަކި ގޮތަކަށް ހޭނި ހަރުިވުމުން އަލުން އެ ގޮތަށް ތައްޔާރުކުރަން އުނދަގޫވާތީއެވެ.

ދިވެހީންނަކީ ޒަމާނުއްސުރެ، އެއްމެ ތުއްތުއިރު ޢަރަބީގެ އަލިފުބާ ދަސްކޮށް، ތާނައިގެ ހ ށ ނ ރ ދަސްކކޮށް އިނގިރޭސި އޭބީސީޑީ ދަސްކުރާ ބަޔަކަށް ވާތީ މި 3 ބަހުގައި ހުންނަ އަޑުތައް ލެއްވުމަށް ދިވެހިންގެ ޅަފަތުގައި ތަމްރީނު ލިބި ގަނެ އެވެ. އަދި ތާނައިގައި ތިކި ޖަހައިގެން މިފަދަ ހުރިހާ އަޑެއްގެ ރަމްޒުތައް އަޅުގަނޑުމެންގެ ކާބަފައިން ވަނީ އުފައްދައިފައެވެ. ދިވެހީން ލިޔެކިޔައި އުޅޭއިރު މިފަދަ މަޚުރަޖްތައް ބޭނުންކުރާންޖެހެއެވެ. ނަތީޖާއެއްގެ ގޮތުން ދިވެހީންނަށް ބޭރު ބަސްބަހުގެ އަޑުތައް "އިއްވާކަށް" އުނދަގުލެއް ނުވެއެވެ. އެހެންކަމުން ދިވެހީންނަށް ޢަރަބިބަހާއި އި ގިރޭސިބަހާއި އަދި މިނޫނަސް ބޭރުގެ އެހެނިހެން ބަސްތައް ދަސްކޮށް އެބަސްތަކުން މޮށެއުޅުމަކީ އެއްވެސް ޙާލެއްގައި އުނދަގޫކަމަށް ނުވެއެވެ. އަދި އަޅުގަނޑުމެންނަކީ މުސްލިމުންކަމަށް ވާތީ އަޅުކަމުގައި ކިޔަންޖެހޭ ޛިކުރިުތަކާއި ދުޢާތައް ހެޔޮކޮށްކިޔާކަށް އުނދަގުލެއް ނޫނެވެ. މި މަތިވެރި ހުނަރު ދިވެހީންނަށް މި ލިބި އޮތީ ތިކިޖަހައިގެން ނަމަވެސް ޢަރަބި މަޚުރަޖްތައް ލިޔެކިޔުމުގައި ބޭނުންކުރެވޭ ގޮތް ފަހިވެފައި އޮވެ، އެ މަޚުރަޖުތަކަށް ދިވެހީން ޅަފަތުގައި އަހުލުވެރިވާތީއެވެ. މިއީ ވަރަށް ބޮޑު ނިޢުމަތެކެވެ. ވީމާ ތިކިޖެހިތާނައިގެ އުޞޫލު ހެޔޮކޮށް ބޭނުންކޮށް ދިވެހިބަހުގައި މިކަން ދެމެހެއްޓުމަކީ ނުހަނު ބޭނުންތެރިކަމެކެވެ.
------------------
(ނިމުނީ)


މި ލިޔުން:
     ފޮނުވުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުންބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ