އަދުގެ ޚާއްސަ

Print

އަޖައިބެއްކަހަލަ ކައިވެންޏެއް

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

މާތްރަސްކަލާނގެ ރަޙުމަތްލެއްވި ސަޢީދު ބުނު މުސައްޔަބަކީ ހިޖްރައިން ފުރަތަމަ ސައްތައިގެ ތެރޭގައި އުޅުއްވި މަޝްހޫރު މާތް ޢިލްމުވެރިއެކެވެ. މާތްރަސްކަލާނގެ ސަލާމާއި ޞަލަވާތްލެއްވި ކައުއިތުރު ރަސޫލާގެ ވަރަށްގިނަ ޞަޙާބީން އެކަލޭގެފާނު ދެކެވަޑައިގަތެވެ. އަދި ވަރަށްގިނަ އަހަރުތަކެއް ވަންދެން އެބޭކަލުންގެ އަރިހުން ޢިލްމު ޙާޞިލު ކުރެއްވިއެވެ. މިގޮތުން އެކަލޭގެފާނު ވަރަށް ބޮޑު ޢާލިމަކަށްވެވަޑައިގަތެވެ. އެއީ ކިހާ ބޮޑު ޢާލިމެއްތޯއެވެ؟ މާތްރަސްކަލާނގެ ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާގެ ޞަޙާބީއެއް ކަމުގައިވާ މާތްރަސްކަލާނގެ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވެއެވެ. "މައްސަލައެއް އޮޅުންފިލުވަން ވެއްޖެނަމަ ސަޢީދުބުނު މުސައްޔަބު އަރިހުގައި ދަންނަވާށެވެ."

ޢިލްމު ޙާޞިލު ކުރެއްވުމަށްފަހު، ޚުދު ސަޢީދުބުނު މުސައްޔަބު މަދީނާގައި މީހުންނަށް ތަޢުލީމު ދެއްވާން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ޢިއްޒަތް ރަސްކަލަކަށް ވުރެންވެސް ބޮޑަށް އުފުލިގެންވެއެވެ. ސަޢީދުގެފާނަކީ ނުހަނު މާތް ބޭކަލެކެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅަށް ބިރުވެތިވެ ވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނުގެ މިޒާޖުގައި ކޮޅެއްވެސް ނެތްހާ ބޮޑަށް ސާދާކަން އެކުލެވިފައިވެއެވެ. ނިކަމެތި ފަގީރުންނަށް ވަރަށް ބޮޑަށް ލޯބި ކުރައްވައެވެ. މާތްރަސްކަލާނގެ އެކަލޭގެފާނަށް އަންހެން ބޭފުޅަކު ދެއްވިއެވެ. އެއީ ވަރަށް ރީތި ބޭފުޅެކެވެ. އަޚްލާޤުވެސް އެހައި ރަނގަޅު ބޭފުޅެކެވެ. ސަޢީދު ވަރަށް މަސައްކަތްޕުޅު ކުރައްވައިގެން، އެދަރިކަނބަލުންނަށް ތަޢުލީމު ޙާޞިލުކޮށް ދެއްވިއެވެ. އަދި ނުހަނު ރަނގަޅު އާދަތައް ދަސްކޮށްދެއްވިއެވެ. އެދުވަސްވަރުގެ ޚަލީފާ، ޢަބްދުލްމަލިކުވެސް ވަނީ އެކަމަނާގެ ރަނގަޅުފުޅުކަމުގެ ވާހަކަތައް އައްސަވައިފައެވެ. މިހެންވެ ޚަލީފާގެ ދަރިކަލުންނާ އެކަމަނާއާ ކައިވެނި ކޮށްދެއްވުމަށް ޚަލީފާވަނީ، ސަޢީދު އަރިހުން އެދިވަޑައިގެންފައެވެ. މިދަރިކަލުންނަކީ މުސްތަޤްބަލުގައި މުޅި އިސްލާމީ ދުނިޔޭގެ ޚަލީފާއަކަށް ވެވަޑައިގަންނަވާނޭ ދަރިކަލުންނެވެ. ނަމަވެސް ސަޢީދަކީ، ރަސްކަލުންނާއި ބޮޑެތި ބޮޑެތި މީހުންނާ ގުޅިވަޑައިގެން އުޅުއްވާ ހިތްޕުޅުވާ ބޭކަލެއްނޫނެވެ. އެހެންކަމުން އެކާވެނިފުޅާ ސަޢީދު ދެކޮޅު ހެއްދެވިއެވެ. ޚަލީފާ ޢަބްދުލްމަލިކު ސަޢީދުގެ މައްޗަށް ވަރަށްބޮޑަށް ބާރު ދެއްކެވިއެވެ. ހަރުކަށިކަން ދެއްކެވިއެވެ. ނަމަވެސް ސަޢީދު އެވިދާޅުވި ބަސްފުޅު މަތީގައި ޤާއިމުވެ ވަޑައިގެން ހުންނެވިއެވެ.

މިދުވަސްކޮޅު ވަރަށް ފަޤީރު ޒުވާނަކު ކަމުގައިވާ އިބްނު އަބީ ވަދާޢާ (ކަޘީރުބުނުލް މުއްޠަލިބު) ޢިލްމު އުނގެނުމަށްޓަކައި ސަޢީދު ބުނު މުސައްޔަބުގެ އަރިހަށް ކޮންމެ ދުވަހަކު އައިސް އުޅެއެވެ. އޭނާގެ ރީތި އާދަތަކާއި ޢިލްމު ޙާޞިލް ކުރުމަށް ހުންނަ ޝައުޤުވެރިކަމާމެދު ސަޢީދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަނެއެވެ. އެއްފަހަރަކު އޭނާ، މިގެއަށް ނައިސް މާގިނަ ދުވަސްވެއްޖެއެވެ. އެހައި ގިނަދުވަސްވެފައި އައިމާ ސަޢީދު އޭނާކުރެން އެއްސެވިއެވެ.

"މިހާ ގިނަދުވަސް ވަންދެން ކޮންތާކު އުޅެފާ ތިޔައައީ؟"

އޭނާ ދެންނެވިއެވެ. "ސާހިބާ! އަޅުގަނޑުގެ އަންހެނުން މަރުވީ، ނާދެވުނީ އެހެންވެ."

ސަޢީދު ވިދާޅުވިއެވެ. "އަހަންނަށް އަންގާނުލީ ކީއްވެ؟ އަންގާލިނަމަ، އަހަރެންވެސް ޖަނާޒާގައި ބައިވެރިވީމުސް."

އިބްނު އަބީވަދާޢާ ދެންނެވިއެވެ. "އަޅުގަނޑުގެ ހިތަށް އެރީ މަނިކުފާނަށް އުނދަގޫފުޅު ކުރާކަށް ނުވާނެޔޭ."

ސަޢީދު ހަމަހިމޭންވެ ވަޑައިގެންފިއެވެ. ކުޑައިރުކޮޅެއްފަހުން، އިބްނު އަބީވަދާޢާ ދާން ހިނގައިގަތީމާ، ސަޢީދު އައްސަވައިލެއްވިއެވެ. "ދެން، ދެވަނަ ކައިވެންޏެއް ކުރުމާމެދު ބުނަކީ ކީކޭ؟"

އިބްނު އަބީވަދާޢާ ދެންނެވިއެވެ. - "ސާހިބާ! އަޅުގަނޑަކީ ފަގީރަކީން، ވަރަށް އާދައިގެ ދެރަ މީހަކީން. އަޅުގަނޑު އިންނަން އެމީހެއްގެ އަންހެން ދަރިފުޅު އަޅުގަނޑަށް ދޭނީ ކާކުތޯ؟"

ސަޢީދު ވިދާޅުވިއެވެ.  - "އަހަރެން ދީފާނަން. ކަލޭ އަހަރެންގެ ދަރިފުޅާ އިންނަން ތައްޔާރުތަ؟"

ޙައިރާންވިލެއް ބޮޑުކަމުން އިބްނު އަބޫ އަބީވަދާޢާގެ އަނގަ ހުޅުވިފައި ހުއްޓެވެ. ބޭއިޚްތިޔާރުގައި އޭނާގެ އަނގައިން މިބަސްކޮޅު ނުކުތެވެ.

"ސާހިބާ ތިޔަށްވުރެ ރަނގަޅު ނަސީބެއް އަޅުގަނޑަށް އޮންނާނެތޯ؟"

ސަޢީދު ހަމަ އެވަގުތު ހެކިވެރިން ގެންނަވައި، ދެތިން ދިރްހަމްގެ ރަނަށް އޭނާގެ ދަރިކަނބަލުންގެ ކައިވެނި އިބްނު އަބީވަދާޢާ ކުރެއްވިއެވެ.

އިބްނު އަބީވަދާޢާ ވީއުފަލުން ކުރާނެކަމެއް ހަދާނެގޮތެއް ނޭނގިފައި ހުއްޓެވެ. ގެޔަށް ދެވުމާއެކު، ހިތަށްއެރިއެވެ. އަންހެނުން ގެޔަށް ގެންނަން އަދި ރުފިޔާކޮޅެއް ބޭނުންވާނެތާއެވެ. އެހެންނަމަވެސް އަހަރެންގެ އަތުގައި ލޯލާރިއެއްހައި ހިސާބުވެސް ނެތެވެ. ކޮންމެވެސް މީހެއްގެ އަތުން ލާރިއެއް ލިބޭތޯ ވާނީ ބަލާށެވެ. މިހެން ހިތަށްއަރައި ޚިޔާލުކޮށްކޮށް ހުއްޓާ އިރުއޮއްސި މަޣުރިބް ނަމާދު ވަގުތު ވެއްޖެއެވެ. އިބްނު އަބީވަދާޢާ އެދުވަހު ހުރީ ރޯދަޔަށެވެ. އޭނާ ރޯދަވީއްލައިފިއެވެ. މަޣްރިބް ނަމާދު ކޮށްފިއެވެ. އެއަށްފަހު، ކާންވެގެން ރޮއްޓަކާއި ޒައިތޫނި ތެޔޮފޮދެއް ހިފައިގެން އިށީނދެއްޖެއެވެ.

އަނެއްކޮޅުން، ސަޢީދުބުނު މުސައްޔަބު ކަލޭގެފާނުގެ ލޯބިފުޅުވާ ދަރިކަނބަލުންނަށް އެކަލޭގެފާނު އަރިހުގައި ވަޑައިގަތުމަށް އަމުރު ކުރެއްވިއެވެ. އެންމެ ފުރަތަމަ ޚުދު އެކަލޭގެފާނު ދެރަކްޢަތް ނަމާދެއް ކުރުވިއެވެ. އެއަށްފަހު، އެކަމަނާލައްވައި ދެރަކަޢަތް ނަމާދެއް ކުރުވިއެވެ. ދެން އޭނާ ގޮވައިގެން އިބްނު އަބީވަދާޢާ ގޭދޮށަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެގޭދޮރުގައި ޓަކިދެއްވި ހިނދު އެތެރޭން އިބްނު އަބީވަދާޢާ ގޮވާލިއެވެ.

"ކާކު؟"

ސަޢީދު ވިދާޅުވިއެވެ. "އަހަރެން ސަޢީދު."

އިބްނު އަބީވަދާޢާއަކަށް ސަޢީދުގެ އަޑުފުޅަކުން އެއީ ކާކުކަމެއް ނެނގުނެވެ. ހިތަށްއެރިއެވެ. ސަޢީދުބުނު މުސައްޔަބަކީ މިސްކިތާ ގެކޮޅާ ނޫންތާކަށް ވަޑައިގަންނަވާ ބޭފުޅެއްނޫނެވެ. އެހެންވިއްޔާ މީ ދެން ކޮން ސަޢީދެއްބާވައެވެ. ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެއެވެ. ތެދުވެގެންގޮސް، ދޮރުހުޅުވައިލިއެވެ. ބޭރުގައި ސަޢީދު ބުނު މުސައްޔަބު ހުންނަވަނިކޮށް ފެނިފައި ޙައިރާންވެ އަންތަރީސް ވެއްޖެއެވެ. އަދި އެކަލޭގެފާނު އަރިހުގައި ބުރުގާއެއް އަޅައިގެން އަންހެން ކުއްޖަކު ހުއްޓެވެ. އިބްނު އަބީވަދާޢާ ދެންނެވިއެވެ.

"ސާހިބާ. ކަލޭގެފާނު މިގެއަށް ވަޑައިގަތުމުގެ އުނދަގޫ ތިޔަ އުފުއްލެވީ ކީއްވެގެންތޯ. އަޅުގަނޑު ތިޔަގެއަށް ދާން ވިދާޅުވިނަމަ ކިހާ ރަނގަޅުވީސްތޯ."

ސަޢީދު ވިދާޅުވިއެވެ. "ނޫނޭ. ދަރިފުޅުގާތަށް އަންނަން ޖެހޭނީ އަހަންނަށް. ދަރިފުޅުގެ ކައިވެނި ވެއްޖެއެއްނު. މިހިރީ ދަރިފުޅުގެ އަނބިމީހާ. މީނާ މިހާރު ހުންނަންޖެހޭނީ ދަރިފުޅުގެ ގޭގައި."

މިހެން ވިދާޅުވެފައި އެކަލޭގެފާނުގެ ދަރިކަނބަލުން ދޮރުގެ އެތެރެއަށް ލައްވާފައި ދޮރުލައްޕާ ލައްވައިފައި ޚުދު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގަތެވެ.

އިބްނު އަބީވަދާޢާ އުފާވީވަރުން ބިންމަތީގައި ފައިވެސް ހަރުނުލިއެވެ. ކުއްލިއަކަށް ގޭގެ ފުރާޅުމައްޗަށް އަރައި އޭނާގެ އަޑުގެކޮޅަށް އަވަށްޓެރީންނަށް ގޮވާލިއެވެ. ސަޢީދުބުނު މުސައްޔަބު އޭނާގެ އަންހެން ދަރިކަނބަލުންނާ އަހަންނާ ކައިވެނި ކޮށްދެއްވައިފިއެވެ. ހަމަ ދާދި ދެންމެއަކު އޭނާ އަހަރެމެން ގެއަށް ގެނެސްފިއެވެ.

އަވަށްޓެރިން އިބްނު އަބީވަދާޢާއަށް މުބާރިކްބާދީ އަދާކުރަން ފެށިއެވެ. އިބްނު އަބީވަދާޢާގެ މަންމައަށް މިޚަބަރު ލިބުމުން މަންމަވެސް ވަރަށް ބޮޑަށް އުފކުރިއެވެ. އަދި ޅީދަރިފުޅު ނަލަހައްދައި، އަލަތު އަންބަކަށް ހެއްދިއެވެ. އިބްނު އަބީވަދާޢާ ބުނެއެވެ. "އަހަރެންގެ އަންހެނުންނަކީ ސިފަރީތި، އުޅުމާއި އަޚުލާޤުގެ ގޮތުންވެސް ނުހަނު ރަނގަޅު އަންހެނެއްކަމަށް ސާބިތުވެއެވެ. އޭނާއަކީ ޤުރުއާނާއި ޙަދީޘް ދަންނަ ޢިލްމުވެރިއެކެވެ. އަހަރެންގެ އަރާމާމެދު ޚިޔާލު ބަހައްޓާ އަންބެކެވެ. ކައިވެނިވީތާ ދުވަސްކޮޅެއްގެ ފަހުން ސަޢީދުގެ ގެއަށް އަހަރެން ހިނގައްޖައީމެވެ. އަދި ސަލާމްކޮށްލާފައި އެއްފަރާތަކަށްޖެހި އިށީނދެލައިފީމެވެ. އެތާތިބި އެހެންމީހުން ދިޔައީމާ ތިމަންކުރެން އެއްސެވިއެވެ.

"މާތްރަސްކަލާނގެ އެ އަންހެން އަޅާގެ ޙާލަކީ ކޮބާ؟"

އަހަރެން ދެންނެވީމެވެ. "ވަރަށް ރަނގަޅު."

އެނާ ވިދާޅުވިއެވެ. "ގޭގައި އޭނާގެ ޒިންމާގައި ކަންތައްތައް ރަނގަޅަށް ނުކުރެވޭކަމަށް ފެންނަންޏާ ހަރުކަށިކަމާއެކު އޭނާއަށް އެކަން ވިސްނައިދޭށެވެ."

މިހެން ވިދާޅުވިނަމަވެސް ސަޢީދު އޭނާގެ ދަރިކަނބަލުން ތަރުބިއްޔަތު ކުރައްވާފައިވަނީ މާތް އަންހެން ސާހިބެއް ފަދައިންނެވެ. މުޅި ޙަޔާތުގައިވެސް އޭނާގެ ފިރިއަކަށް އަދި ގޭގައިއުޅޭ އެހެންމީހަކަށްވެސް އޭނާޔާމެދު އެއްވެސް ޝަކުވާއެއް ކުރާނޭ ތަނެއް ނުލިބޭފަދަ ގޮތެއްގައެވެ.
--------------
(ނިމުނީ)

ނޯޓް: މިއީ އިސްލާމީ ތާރީޚުގެ ތެރެއިން "ތެދު ވާހަކަ-2" މި ފޮތުން ނަގައިފައިވާ ވާހަކައެކެވެ.

އިދާރާ

ވާހަކަ