އަދުގެ ޚާއްސަ

Print

ރާނާ ސިމެންތިޖެހުން އަދި މަޢުލޫމާތު ހޯދާ ލިބިގަތުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑު މި މަޒުމޫނުގައި މި ބަޔާންކުރަނީ މަޢުލޫމާތު ހޯދުމުގެ ވާހަކައާއި އެ މަޢުލޫމާތު ލިބިގަތުމުގެ ވާހަކައެއް ވެސް ނޫނެވެ. އަދި ރޭނުމާއި ސިމެންތި ޖެހުމުގެ ވާހަކައެއް ވެސް ނޫނެވެ. މިއީ ބަހުގެ ހަމަތަކުގެ ތެރެއިން މުހިއްމު ހަމައަކާ ބެހޭ ގޮތުން އަޅުގަނޑު ފާޅުކުރާ ޚިޔާލެކެވެ. މީގެ ކުރީން ވެސް ތަފާތު މައުޟޫޢުތަކަށް އަޅުގަނޑު އިންސާފުކޮށްފައިވާ ވާހަކައެކެވެ. ނަމަވެސް މިކަމަށް މުދައްރިސުންނާއި ލިޔުންތެރީންނާއި ކާތިބުންނާއި ޓައިޕިސްޓުންގެ ސަމާލުކަން އެހާ ބޮޑަށް އޮތް މައްސަލައެއް ނޫނެވެ. ހިތާމަހުއްޓެވެ!!

ރާނާ ސިމެންތި ޖެހުމަކީ ކޮބައިތޯ އެވެ؟ ދިވެހިބަހުގައި "ނަމެއް"ގެ ކުރިޔަށް "ކަމެއް"، ވާކަމުގެ ޒަމާނުގައި (ފަހުއަކުރުގައި އާބާފިލިޖެހިގެން) އަތުވެއްޖެ ނަމަ އެ "ކަން" ބަދަލުވެގެން އަންނަނީ  ޖެހިގެން އަންނަ "ނަމުގެ" ނަން އިތުރަކަށެވެ. އެހެންވީމާ، ސުރުޚީގައި އެ އޮތް "ރާނާ" އަކީ ނަންއިތުރެއްގެ ގޮތުގައި ބޭނުންކުރެވިފައިވާ ކަމެކެވެ. ގޭގޭގެ ފާރުގައި ޖަހަނީ ކޮން ކަހަލަ ސިމެންތިއެއްކަން އެ ލަފުޒުން އަންގައިދެއެވެ. އެއީ ރާނާ ސިމެންތި އެވެ. (ރޭނުމަށް ބޭނުންކުރާ ސިމެންތި އެވެ.)

"ރާނާ ސިމެންތި ޖެހުން" މިއީ އަޅުގަނޑަށް ވަރަށް ގިނައިން އެކި މަގުތަކުގެ ފާރުތަކުން ފެންނަ ޢިބާރާތެކެވެ. ކޮންމެވެސް ކުންފުންޏަކުން ދޭ ޚިދުމަތްތައް ހާމަކުރުމަށްޓަކައި ޢާއްމުކުރެވިފައިވާ އިޝްތިހާރެކެވެ. މި އިޝްތިހާރުގެ މަޤުޞަދަކީ ރޭނުމުގެ ޚިދުމަތާއި ސިމެންތިޖެހުމުގެ ޚިދުމަތް ދޭ ވާހަކަ އަންގައިދިނުނަކަމަށް ދޭހަވެއެވެ. އެހެންނަމަވެސް އެ ޢިބާރާތުން (އަދަބީ ގޮތުން) އެ މާނައެއް ދޭހައެއް ނުވެއެވެ. އެ މާނަ ދޭހަކުރުމަށްޓަކައި، އެ ޢިބާރާތް އޮންނަންޖެހެނީ "ރާނައި ސިމެންތިޖެހުން" މިހެންނެވެ.  ނޫނުގައި އާބާފިލީގެ ބަދަލުގައި އައިބައިފިލި ޖަހައިގެންނެވެ. އެއީ އައިބައިފިލިޖެހުމުގެ ހަމަތަކަށް ބަލާއިރު ކަންކުރި ފަރާތް އެއްގޮތް ވުމާއެކު އެއްކަމެއް އަނެއް ކަމާ ގުޅަމުން ގެންދިޔުމުގައި ޖަހަންޖެހޭނީ އައިބައިފިލި ކަމަށް ވާތީއެވެ. އާބާފިލިޖެހަންޖެހެނީ ނަންއިތުރެއްގެ ގޮތުގައި އެ "ކަން" ބޭނުންކުރާނަމަ އެވެ. އައިބައިފިއްޔަކީ ވަކިވަކި ދެފިއްޔެއް ނޫނެވެ. އަބަފިއްޔަކާއި އަލިފުއިބިފިއްޔަކާ ގުޅިގެން އުފެދިފައިވާ ވަކިފިއްޔެކެވެ. އަޅުގަނޑުމެން "ސައި" ކިޔާ ގޮތް ހަނދުމަފުޅަށް ގެންނަވާށެވެ! އަޅުގަނޑުމެން (ޢާއްމު އަދަބީ ބަހުރުވައިގައި) ކިޔަނީ އެ ދެ ފިލި ވަކިކޮށްގެން "ސަ"-"އި" މިހެންނެއް ނޫނެވެ. އަދި އާބަފިލި ޖަހައިގެން "ސާ"އެއް ވެސް ނޫނެވެ. ސީނު އަބަފިއްޔާއެކު ލަސްނުކޮށް އަލިފުގައި އިބިފިްޔާއި އެބެފިއްޔެއް ޖެހީމާ އަޑު ނުކުންނަ ކަހަލަ ގޮތަކަށް "ސައިެ"  މިހެންނެވެ. އައިބައިފިލި ކިޔާ ގޮތަކީ އެއީ އެވެ. ދިވެހިބަހުން  "ވައިޖެހުން" އަދި "ސައިބުއިން" ކިޔާކަހަލަ ގޮތަކަށެވެ.

އަޅުގަނޑު މިދަންނަވައިލީ "ރޭނުމާއި ސިމެންތިޖެހުމާއި" ދެ މަސައްކަތް އެކަކު ނުވަތަ އެއް ފަރާތަކުން ކުރާ ވާހަކަ ބަޔާންކުރާނަމަ ލިޔަންޖެހޭނީ "ރާނައި ސިމެންތި ޖެހުން" މިހެންނެވެ. "ރާނާ ސިމެންތި ޖެހުން" މިހެންނެއް ނޫނެވެ. މިފަދަ ލިޔުންތައް ލިޔުއްވާ ބޭފުޅުން މި ނުކުތާއަށް ސަމާލުކަންދެއްވުން ވަރަށް ބޮޑަށް އެދެމެވެ. އަދި މިހާރު އުފެދިފައިވާ "ދިވެހިބަހުގެ އެކެޑެމީ" އިން މިކަމަށް ސަމާލުކަންދެއްވާނެ ކަމަށް އުންމީދުކުރަމެވެ. އައިބައިފިއްޔަކީ ދިވެހިބަހުގެ ގަވާއިދުގައި ވަރަށް ޚާއްޞަ ހަމައެއްގެ މަތީން ބޭނުންކުރެވޭ ފިއްޔެކެވެ. އެ ހަމަޔާ ޚިލާފުވެއްޖެ ނަމަ މާނަ ބަދަލުވާ ފިއްޔެކެވެ.

ދެން އޮތީ މި މަޒުމޫނުގެ މައިގަނޑުނަމުގައި އޮތް ދެވަނަ ޢިބާރާތެވެ. "މަޢުލޫމާތު ހޯދާ ލިބިގަތުމުގެ" ވާހަކައެވެ. މިއީ މަގުމަތީގައި ދަމައިފައި އޮތް ފޮތިގަނޑެއްގައި ލިޔެފައިވާ ޢިބާރާތަކުން އަޅުގަނޑު ނަކަލުކުރި ޢިބާރާތެކެވެ.

"މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު"ގެ ވާހަކަ ބަޔާންކޮށްފައިވާ އެ ފޮތިގަނޑުގައި ލިޔެފައި ހުރި އެހެން ވާހަކަތަކަށް ރިޢާޔަތްކުރާއިރު، ދޭހަވަނީ އެއީ މަޢުލޫމާތު ހޯދުމާއި މަޢުލޫމާތު ލިބިގަތުމުގެ ޙައްޤުގެ ވާހަކަ ކަމެވެ. ނަމަވެސް ދާލުގައި އާބާފިލި ޖަހައިގެން "މަޢުލޫމާތު ހޯދާ" މިހެން އޮތުމުން އެ މާނަ ދޭހައެއް ނުވެއެވެ. "މަޢުލޫމާތު ހޯދާ" މިހެން އޮތުމުން ދޭހަވަނީ ދެ މާނައަކެވެ. އެއް މާނައަކީ އެއީ "މަޢުލޫމާތު ހޯދާ" ނަމަކަށް ކިޔާ އެއްޗެއްގެ މާނައެވެ. އެނަންކިޔާ އެއްޗެއް ލިބިގަންނަން އުޅެނީއެވެ. އެހެން ގޮތަކަށް ބަލާއިރު އެއީ ލިބިގަތުމަށް އޮތް "ނަންއިތުރެއް" ކަމުގެ މާނަ އެވެ.  ފުރަތަމަ ދެންނެވި މާނައަށް ބަލާއިރު "މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު" މި ޢިބާރާތުން ދޭހަވަނީ ކުރީންވެސް މި ދެންނެވި ފަދައިން "މަޢުލޫމާތުހޯދާ" ނަމަކަށް ކިޔާ އެއްޗެއް ލިބިގަތުމުގެ މާނައެވެ. ދެވަނަ މާނައަށް ބަލާއިރު "މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤު" މި ޢިބާރާތުން ދޭހަވަނީ "މަޢުލޫމާތު ހޯދާ" މިއީ ނަންއިރުރެއް ކަމެވެ. އެއީ ލިބިގަތުމަށް އޮތް އިތުރު ބަޔާނެއް ކަމުގައިވާތީ އެވެ. "މަޢުލޫމާތު ހޯދާ" ލިބިގަތުމެއްގެ ޙައްޤުގެ ވާހަކަކަމެވެ. ކޮންކަހަލަ ލިބިގަތުމެއްކަން ބަޔާންކުރާ ނަންއިތުރެކެވެ.

މި ދެންނެވި ފޮތިގަނޑު ދެމި ބަޔަކު ބޭނުންވަނީ މަޢުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޙައްޤުގެ ވާހަކަ ބަޔާންކުރުމަށް ކަމަށް ވާނަމަ، އެ ޢިބާރާތް އޮންނަންވާނީ، "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު" މި ގޮތަށެވެ. އެހެނީ އެ ޢިބާރާތުގައި އެ އޮތީ ކަންކުރި ފަރާތް އެއްގޮތް ވުމާއެކު، އެއް ފަރާތަކުން ކުރާ ދެކަމެއް އެއް ކަން އަނެއް ކަމާ ގުޅަމުން ދިޔުމުގެ ހަމައިގެ މަތީން އައިބައިފިލި ޖަހަންޖެހޭ ތަނެކެވެ. އައިބައިފިލި ބޭނުންކުރާ އެއް ހަމަޔަކީ މިއީ އެވެ.
---------------
(ނިމުނީ)

މި މަޒުމޫނު
   ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ