އަދުގެ ޚާއްސަ

Print

ކަރުބަލާގެ ޝަހީދު

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ


ًޢަބްދުﷲ ޞާދިޤު

އަމީރު މުޢާވިޔަތުގެފާނުގެ އަވަހާރަވުމަށްފަހު، އެކަލޭގެފާނުގެ ދަރިކަލުން ޔަޒީދު ޚަލީފާކަމަށް އިސްވެވަޑައިގަތުމާއެކު ޔަޒީދުގެ ގަވަރުނަރުންނާއި އޮފިސަރުންނަށް އަމުރުކުރެއްވިއެވެ. "އަހަރެންގެ ޚަލީފާކަން ޤަބޫލުނުކުރާމީހުން ލައްވައި އަހަންނަށް ކިޔަމަންވުމަށް ހުވާކުރުވާށެވެ! އެކަމާ ދެކޮޅުހަދާ މީހަކު ހުރެއްޖެނަމަ އެ މީހަކު ވަގުތުން ޤަތުލުކޮށްލާށެވެ!"

ޒިޔާދުގެ ޚަލީފާކަން ޤަބޫލުނުކުރާ މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެއްބޭފުޅަކީ، ސަލާމާއި ޞަލަވާތްލެއްވި، ކައުއިތުރު رسولﷲ ގެފާނުގެ ކާފަ ދަރިކަލުން، ޢަލީގެފާނުގެ ދަރިކަލުން އިމާމު ޙުސޭނުގެފާނެވެ. ޔަޒީދަކީ ޚަލީފާއަކު ކަމުގައި ޤަބޫލުފުޅު ކުރެއްވުމާމެދު އެކަލޭގެފާނު އިންކާރުވެ ވަޑައިގަންނަވަނީ ދެސަބަބަކަށްޓަކައެވެ. އެއް ސަބަބަކީ، ޔަޒީދު ދިރިއުޅުއްވަމުން ގެންދަވަނީ އިސްލާމްދީނުގެ ޙުކުމްތަކާ އެއްގޮތްވާ ގޮތުގެ މަތީން ނޫންކަމުގައިވުމެވެ. އޭނާ ގިނަވަގުތު ހޭދަކުރައްވަނީ، އުފާކުރެއްވުމާއި މަޖާކުރެއްވުމުގައެވެ. އަނެއްކޮޅުން އޭނާ ޚަލީއަކަށް ވެވަޑައިގަތީ، އިސްލާމީ ގޮތްތައް ދޫކުރައްވައި ޣައިރު ދީނުގެ ރަސްރަސްކަލުން އުޅުއްވާ ގޮތަށް ތަބާވެވަޑައިގެންނެވެ.

ޙުސައިނުގެފާނު ފަދަ، މާތް މަތިވެރި ބޭކަލަކަށް މިކަހަލަ ނުބައި ކަމެއް ބަރުދާސްތު ކުރެއްވޭނީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނު ޔަޒީދަށް އިސްތަށިފުޅު ލެންބެވުމާމެދު ފާޅުގައި ދެކޮޅުހެއްދެވިއެވެ. ނަތީޖާއެއްގެ ގޮތުން ޔަޒީދު ވެވަޑައިގަތީ، ކަނޑައެޅިގެން ޙުސައިނުގެފާނުގެ ދުޝްމިނަކަށެވެ. މިހެންވެ އޭނާ އަމުރުކުރައްވައިފައިވަނީ، ވެވުނު ގޮތަކުން ޙުސޭނުގެފާނު ލައްވައި ބައިޢަތު ހިއްޕުވުމަށެވެ.

މުޢާވިޔަތުގެފާނަށްވުރެ ކުރިން މުސްލިމުންގެ ޚަލީފާއަކަށް، އަދި އެންމެ ބޮޑުވެރިޔަކަށް ހުންނެވީ ޢަލީގެފާނެވެ. އިސްލާމުންގެ ވެރިކަން ކުރާ ރަށަކަށް ހައްދަވައިފައިވަނީ ޢިރާޤެވެ. މިހެންވެ އެ ސަހަރުގައި ޢަލީގެފާނާއި އެކަލޭގެފާނުގެ ޚާންދާނުގެ ބޭފުޅުންނަށް ވަރަށްބޮޑަށް ޤަދަރުކުރެއެވެ. ޔަޒީދު ޚަލީފާކަމުގެ މައްސަލަ ބޮޑުވެގެން ދިޔުމުން ކޫފާގެ ބޮޑެތި ބޮޑެތި ސަރުދާރުން ޙުސައިނުގެފާނަށް ސިޓީފުޅެއް ފޮނުއްވިއެވެ. އޭގައި ބަޔާންކުރައްވައިފައިވެއެވެ.

ކަލޭގެފާނު ކޫފާއަށް ވަޑައިގެންފިނަމަ އަޅުގަނޑުމެން ޔަޒީދުގެ ބަދަލުގައި ކަލޭގެފާނު ޚަލީފާއަކަށް ހޮވާނޫއެވެ. އަދިވެސް ލިޔުއްވައިފައިވެއެވެ. އަޅުގަނޑުމެން މިދެންނެވި ދެންނެވުމަށް ކަލޭގެފާނު ކޫފާއަށް، ވަޑައިނުގެންފިނަމަ، މާތް ރަސްކަލާނގެ ޙަޟްރަތުގައި ކަލޭގެފާނަށް ޖަވާބުދެއްވަން ޖެހިވަޑައިގަންނަވާނެއެވެ.

ކޫފާގެ އަހުލުވެރީންގެ މި ސިޓީ ލިބިވަޑައިގަތުމާއެކު ޙުސޭނުގެފާނު ނިންމެވީ ކޫފާއަށް ވަޑައިގަތުމަށެވެ. އަދި ޔަޒީދު ތަޚްތުން ބޭލުއްވުމަށްޓަކައި ޖިހާދު ކުރެއްވުމަށެވެ. މި ގޮތުން އެކަލޭގެފާނު ހުރިހާ ބޭފުޅުންނާއިގެން ކޫފާއަށް ވަޑައިގެންފިއެވެ.

އަނެއްކޮޅުން ޔަޒީދުގެ ފައުޖު ހަނގުރާމަޔަށް ތައްޔާރުވާން ފަށައިފިއެވެ. ކޫފާގެ ގަވަރުނަރު އިބްނު ޒިޔާދު ރަށުގެ އެންމެނަށް ގޮވިއެވެ. ޙުސޭނުގެފާނާ އެއް ބަޔަށްހުރި ކޮންމެ މީހަކީ ސަރުކާރުގެ ބާޣީއެކެވެ. އެފަދަ ކޮންމެ މީހަކަށް ހަރުކަށި އަދަބު ދެވޭނެ އެވެ. މި އިންޒާރުގެ ސަބަބުން ޙުސޭނުގެފާނަށް މަދަދުވެރިވާން ޔަޤީންކަން އަރުވައި ސިޓީލިޔުނު އެންމެނަށް ޖެހުނީ ގޭގެއަށް ވަދެ ފިލައި ތިބޭށެވެ.

ޙުސައިނުގެފާނު އަރިހުގައި ތިބީ ހަތްދިހަ ދެ މީހުންނެވެ. ޔަޒީދުގެ އެ ބޮޑުލަސްކަރުގެ ކުރިމަތީގައި މި ހަތްދިހަ ދެމީހުންނަކަށް އެއްވެސް ކަމެއް ނުކުރެވޭނެކަން އެއީ ސާފުކޮށް އެނގޭން އޮތް ކަމެކެވެ. ނަމަވެސް އެކަލޭގެފާނު ވިދާޅުވި ބަސްފުޅުގެ މަތީގައި ޤާއިމުވެ ހުންނެވުމަށް ނިންމަވައިފައިވާތީ، އިޢުލާނު ކުރެއްވިއެވެ. ކޮންމެ ނަތީޖާއެއް ނުކުތަސް ތިމަން ކަލޭގެފާނު ޔަޒީދަކަށް ބައިއަތެއް ނުހިއްޕަވާހުށީމެވެ. އެ ގޮތަކީ، ޔަޒީދަކީ އިސްލާމުންގެ ޚަލީފާއަކަށް ވެވަޑައިގަތުމަށް އެކަށީގެންވާ ބޭކަލެއްނޫނެވެ.

ޙުސައިނުގެފާނުގެ މި އިޢުލާނަށްފަހު، ދެ ލަސްކަރުގެ ދެމެދުގައި ހަނގުރާމަ ފެށިއްޖެއެވެ. ލަސްކަރުގެ އަދަދު މަދުކަން އެއްކިބައިގައި އޮއްވައި ޙުސައިނުގެފާނުގެ އެކުވެރިންނަށް އަދި މާބޮޑަށް ކަންބޮޑުވާން ޖެހޭކަހަލަ ކަމެއް ކުރިމަތި ވެފައިވެއެވެ. ޔަޒީދުގެ ލަސްކަރުއޮތީ ފުރާތުކޯރު އަތްދަށުލައިފައެވެ. ޙުސައިނުގެފާނުގެ ލަޝްކަރުގެ އެއްވެސް މީހަކަށް އެންމެ ފެންތިތްކެއް ވެސް ލިބޭގޮތެއް ނުވިއެވެ. ނަމަވެސް މި ހުރިހާ އުނދަގުލަކާއި ދަތިކަމަކާއެކު ވެސް ޙުސައިނުގެފާނާއި، ބައިވެރިން ނުހަނު ހިތްވަރާއެކުގައި ޔަޒީދާ ކުރިމަތި ލެއްވިއެވެ.

އެކަލޭގެފާނުގެ ގާތްތިމާގެ ބޭފުޅުންނާއި އެކުވެރީން ކުރެ އެކަކަށްފަހު، އަނެކަކު ޝަހީދުވެގެން ދިޔައެވެ. އަދި އެންމެފަހުން ޚުދު އެކަލޭގެފާނަށްވެސް ޝަހީދުންގެ ދަރަޖަ ލިބިވަޑައިގަތެވެ. އެ ބަރަކާތްތެރި ހަށިކޮޅުގައި ތީރާއި ނޭޒާއާއި ކަނޑި އެތިފަހަރުގެ ހަތްދިހަ ދެ ޒަޚަމު ހުއްޓެވެ.

މި ހަނގުރާމައިގައި ބެރުފުށުން ބަލާއިރު ގަދަވީ ޔަޒީދެވެ. ނަމަވެސް އެއީ ހަމައެކަނި ބޭރުފުށުންނެވެ. ޙަޤީޤީ ކާމިޔާބީ ލިބިވަޑައިގަތީ، ޙުސައިނުގެފާނަށެވެ. އެކަލޭގެފާނު ޙައްޤަށްޓަކައި ޝަހީދުވެވަޑައިގެން، މުޅި އިންސާނީ ނަސްލަށްޓަކައި ފަނާވުމެއް ނެތް މިސާލެއް ޤާއިމް ކުރެއްވިއެވެ.
--------------
(ނިމުނީ)

ނޯޓް: މިއީ އިސްލާމީ ތާރީޚުގެ ތެރެއިން "ތެދު ވާހަކަ" މި ފޮތުން ނަގައިފައިވާ ވާހަކައެކެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ