އަދުގެ ޚާއްސަ

Print

ދިވެހީންގެ ޚާއްޞަ މަޚުރަޖް ގެއްލެނީއެވެ. ދެރައެއް ނުވޭހެއްޔެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޢަރަބީން އެ އަޑަކާ މެދު ފަޚުރުވެރިވާ އަޑަކީ "ض" ގެ އަޑެވެ. ދިވެހީންގެ ވެސް އެފަދަ އަޑެއް އޮތެވެ. އެ އަޑުގެ ރަމްޒު ތާނައިގައި އޮތަސް އެ އަޑު ދިވެހީންގެ ތެރޭގައި މިހާރު ޢާއްމުކޮށް ބޭނުންކުރެވެޔެކޭ އަޅުގަނޑު ދަންނަވާހިތެއް ނެތެވެ. އަޅުގަނޑަށް އެ އަޑު އިވޭލެއް މަދުކަމުންނެވެ. ވަރަށް މަދު ބޭފުޅަކަށް އެ އަޑު ބޭނުންކުރައްވަން އެނގިވަޑައިގަތަސް މި ޖީލުގެ ޒުވާނުން އެ އަޑާ ބީރައްޓެހި ކަމުންނެވެ.

އަޅުގަނޑު މި ދަންނަވަނީ "ށ"ގެ އަޑުގެ ވާހަކައެވެ. މިއީ ދިވެހީންނަށް ޚާއްޞަ އަޑެކެވެ. އެހެން ބަހަކުން އަޅުގަނޑަށް ހަމަ ގައިމުވެސް ފާހަގަކުރެވިފައިވާ އަޑެއް ނޫނެވެ. ނެތެކޭ ދަންނަވާކަށް ނުކެރޭނެ އެވެ. އެކަމަކު ބުނެވޭ ގޮތުގައި މިއީ ހަމަ ދިވެހީންނަށް ޚާއްޞަ އަޑެކެވެ.

ތިޔަ ހީފުޅުކުރައްވަނީ ރަނގަޅަކަށް ނޫނެވެ. "ށ" ގެ އަޑަކީ "ش"ގެ އަޑެއް ނޫނެވެ. އެއީ އެއް އަޑެއް ނަމަ ދިވެހިބަހުގައި ތާނައިގައި "ށ" އޮއްވައި "ސ"އެއްގައި 3 ނުކުތާ ޖަހައިގެން "ޝ"އެއް އުފައްދާކަށް ނުޖެހުނީސްތާއެވެ. "ش"ގެ އަޑަކީ ޢަރަބި ބަހުގައި ވެސް އިނގިރޭސި ބަހުގައިވެސް ދިވެހި ބަހުގައިވެސް އޮންނަ އަޑެކެވެ. މިސާލަކަށް "ހުޝިޔާރު" "NEVIGATION" "شـريعــة" ފަދަ ލަފުޒުތަކުން މިކަން ފާހަގަކުރެއްވޭނެ އެވެ. މި ދެ އަޑު ("ށ" އާއި "ޝ") އޮއްވައި 1977  ގައި "ޜ" އުފެއްދީ އެއީ ވެސް ތަފާތު މަޚުރަޖެއް ކަމުގައި ވާތީތާއެވެ.

ކުރިން ދެންނެވި އެއްވެސް ލަފުޒެއް ލިޔާކަށް އަޅުގަނޑުމެން "ށ" ބޭނުމެއް ނުކުރަމުއެވެ. އެކަމަކު ބަށި، ފޮށި، ކަށަވަރު ފަދަ ލަފުޒުތައް އަޅުގަނޑުމެން ލިޔަނީ "ށ" ބޭނުންކޮށްގެންނެވެ. ނަމަވެސް "ށ" އާއި "ޝ" ގެ އަޑު ތަފާތުކޮށް ވިދާޅުވާން އެނގިވަޑައިގަންނަވާ ބޭފުޅުން ދާދި މަދެވެ.

ޕްރީސްކޫލްތަކުގައި އަކުރުދަސްކޮށްދެއްވާއިރުވެސް އަދި މިކަމަށް އުފައްދައިފައި ހުންނަ އޯޑިއޯ/ ވީޑީއޯ ތަކުގައިވެސް "ށ" ގެ އަޑުކަމަށް އިއްވަނީ "ޝ"ގެ އަޑެވެ. މިއީ މައްސަލައެއް ނޫނަކަމަށް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަތަސް ޤައުމީ ނަޒަރަކުން ވިސްނާއިރު މިއީ މައްސަލައެކެވެ. އަޅުގަނޑުމެން އެ އަޑަކާ މެދު ފަޚުރުވެރިވާ ޚާއްޞަ އަޑެއް ނެތި ދިޔުމަކީ ޤައުމީ ވަރަށް ބޮޑު ތަކިކައެއް ނެތި ދިޔުމެވެ.

އާދޭހެވެ! މި 2 އަޑަކީ ތަފާތު ދެ އަޑުހޭ ތިޔަ ކުރައްވާ ސުވާލުގެ ޖަވާބުގައި އަޅުގަނޑު ވަރަށް ސާބިތުކަމާއެކު "އާނއެކޭ" ދަންނަވާކަށް ޖެހިލުމެއް ނުވެ އެވެ. އަޅުގަނޑު މި 2 މަޚުރަޖުގެ ތަފްޞީލްވެސް ދަންނަވައިލާ ހިތްވެއެވެ.

ބަހަވީ ޢިލްމަށް ޝައުޤު ހުންނަ ބޭފުޅުންނަށް ޚާއްޞަކޮށް އަޑުތަކާބެހޭ ޢިލްމުގެ އަހުލުވެރީންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން "ޝ" ގެ އަޑަކީ ވޮއިސްލެސް، ޕޯސްޓް އަލްވިޔުލާރ ފްރިކަޓިވް އަޑެކެވެ. މާނައަކީ މި މި އަޑު އިއްވޭނީ ދުލުގެ ކުރި ގެންގޮސް އެލްވިޔުލާރ ރިޖްގެ ފަހަތުބަޔާ ޖެހޭ ނުޖެހޭ ވަރަށް ކައިރިކޮށް ވޯކަލް ފޯލްޑްސް އަށް ލޮޅުން ނާރާ ގޮތަށް އަނގައިން ވައި ބޭރުކޮށްގެންނެވެ. މި ދެނެނވި މަފުހޫމްތައް ދިވެހިބަހުން އަދި ނެތީތީ އެ ލަފުޒުތައް އެ ގޮތަށް ބޭނުންކުރީއެވެ. ތަރުޖަމާކޮށްފި ނަމަ އަޞްލު މާނަ ގެއްލިދާނެތީއެވެ. އެކަމަކު 2 މަޚރަޖުގެ ތަފާތު މިވަރުންވެސް ފާހަގަކުރެއްވޭނެކަން ކަށަވަރެވެ.

އަނެއްކޮޅުން ބަލާއިރު "ށ"ގެ އަޑަކީ ވޮއިސްލެސް، ރިޓްރޮފްލެކްސް، ފްރިކަޓިވް އަޑެކެވެ. މި އަޑު އުފެއްދޭނީ ދުލުގެ ކކޮޅުގެ ދަށްފުށް ގެންގޮސް އލްވިޔުލާރ ރިޖް ގެ ފަހަތުބަޔާ ޖެހޭ ނުޖެހޭ ވަރަށް ކައިރިވެ ވޯކަލް ފޯލްޑްސް އަށް ލޮޅުން ނާރާ ގޮތަށް އަނގައިން ވައި ބޭރުކޮށްގެންނެވެ.

ވީމާ ފަންނީ ގޮތުންނާއި ޢިލްމީ ގޮތުން ބެލިޔަސް މިއީ ވަރަށް ތަފާތު ދެ އަޑުކަން އެބަ ސާބިތުވެ އެވެ. އެހެނވީމާ ދިވެހީންނަށް މި ޚާއްޞަ މަޚޚުރަޖު ޚިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ މި ޖީލުގެ އަމާނާތެއްކަން ކަށަވަރެވެ. އެކަމަކު މި މަސައްކަތް ކާމިޔާބުވާނީ ޕްރީ ސްކޫލްތަކުގެ މުދައްރިސުންނާއި އެފަދަ ސކޫލްތަކުގެ ވެރީން މިކަމަށް ވަރަށް ބޮޑު ސަމާލުމެއް ދެއްވައިގެންނެވެ. އަދި "ދިވެހިބަހުގެ އެކެޑަމީ" އާއި، ކުދީންނަށް އަކުރުދަސްކޮށްދޭ އޯޑިއޯ/ވީޑިއޯ އުފައްދަވާ ބޭފުޅުން ވެސް މި ޙަޤީޤަތްތައް ޤަބޫލުކުރައްވައިގެންނެވެ.

އާދޭހެވެ! މި ކަމަށް ސަމާލުކަން ދިނުން ލަސްކޮށްފިނަމަ "ދިވެހީންގެ ޚާއްޞަ މަޚުރަޖު ގެއްލެނީ އެވެ." މިކަމާމެދު އަޅުގަނޑު އެކަނި ހިތާމަކުރިޔަސް އަދި ފީކުކުޅެއް ހަޅޭއްލެވިޔަސް ޙައްލެއް ނެތެވެ. ޙައްލުއޮތީ "ބާރުހުރި" ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވި މިންވަރަކުންނެވެ. "ރީތި ނަލަ އަޑުފުޅުން" "ހާލެއް ގޮވައިލައިގެންނެވެ.
-------------------
(ނިމުނީ)




ހަމަމިގަލަމުން

އިދާރާ

ވާހަކަ