އަދުގެ ޚާއްސަ

Print

ނުނިމޭ އިންތިޒާރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙަންމަދު ޝާހިދު ޙަލީމް

ކޮންމެ ދުވަހަކު  އިރުއަރައި  ދަންފަޅި އެ ހަމަކޮށް  އޮއްސެޔޭ
    ކޮންމެ ރެއަކުމެ  ދަންވުމަށް  ފަހު  ފަޖުރުލައި  ދޮންކޮށްލަޔޭ
        ކޮންމެ ފަތިހެއް  ނިމި އަލުން އާ  ދުވަހަކަށް  ފެށިގެން ދެޔޭ
            ކޮންމެ ރެއަކާ  ކޮންމެ ދުވަހެއް  އެނބުރެމުން މި ގޮތަށް ދެޔޭ

ކޮންމެ  ދުވަހެއް  ނިމިދަނީ  ހަމަ  އިންތިޒާރެއް  ކުރުމުގައި
    ކޮންމެ ކަޅުފޮއި ރޭގަނޑެއް ވެސް ހަމަ އެ ހުވަފެން ދުށުމުގައި
        ކޮންމެ  އާ  ދުވަހެއް  އަލުން  ބާ  އިންތިޒާރަށް  ފެށުމުގައި
            ކޮންމެ ދުވަހެއް  ނެތި ތަފާތެއް  މި ގޮތުގައި  ނިމިގެން ދެޔޭ

ކޮންމެ  މިނެޓަކު  ހީވަނީ  މިތުރާ  މަގޭ  އެބަ  އަންނަހެން
    ކޮންމެ  ހިލަމެއް  ހީވަނީ  ދިގު  އިންތިޒާރެއް   ނިމުނުހެން
        ކޮންމެ ވަގުތަކު  ހީވަނީ ހަމަ  ކުރިމަތިން ވެސް  ފެންނަހެން
            ކޮންމެ ދުވަހެއް،  ނަމަވިޔަސް  މިތުރާ ނައިސް ނިމިގެން ދެޔޭ

ކޮންމެ  ދުވަހަކު  އޮއްސެނީ  އިރު  ލޯމަރައިލާ  ހެން މިތުރު
    ކޮންމެ  ފަތިހެއް  އަލިވަނީ   ހުޅުވައިލަނީ  ހެން  ލޯ މިތުރު
        ކޮންމެ  ލުއިލުއި  ރޯޅިއެއް،   ހެން   ބީހެނީ  ނޭވާ މިތުރު
            ކޮންމެ  ހީއެއް،  ނަމަވިޔަސް ވަހުމަށް ވެގެން ހަމަ  ނިމިދެޔޭ

ކޮންމެ  ނޭވާއެއް  މެ  ހޫނީ  ހިޔަމިތުރު  ދިން   ހޫނަކުން
    ކޮންމެ  ވިންދެއް ވެސް މި ޖަހަނީ ހިޔަމިތުރު ދިން ތެޅުމަކުން
        ކޮންމެ  ހިއްސެއް ހޭލަނީ ވެސް  ހިޔަމިތުރު ދިން އެނގުމަކުން
            ކޮންމެ  އިޙްސާސެއް  މި ގޮތުގައި  އަބަދުވެސް ދެމިގެން ދެޔޭ

ކޮންމެ  ހަނދުވަރުދޭ ރެއެއް ވެސް  ހަނދުވަރެއް ނެތިއޭ ދަނީ
    ކޮންމެ  އިރުއޮއްސޭ  އެ ވަގުތެއް   ކުލަތަކެއް  ނެތިއޭ ދަނީ
        ކޮންމެ  ނަލަނަލަ  ފަތިހު ފިންޏެއް  ފިނިކަމެއް  ނެތިއޭ ދަނީ
            ކޮންމެ  މަންޒަރަކުން  ފިލައި  ކުލަ ކަޅުހުދުން ފެނިގެން ދެޔޭ

ކޮންމެ  ދުވަހެއް   ވޭތި  ވާނީ   ހަމަ  މިހެންބާ  ތާއަބަދު
    ކޮންމެ  ފަތިހެއް   އަލިވިލޭނީ    އަނދިރިއަށްބާ   ތާއަބަދު
        ކޮންމެ  ފޮނިރަހައެއް  މެ  ދޭނީ   ހިތިރަހައިންބާ   ތާއަބަދު
            ކޮންމެ ދުވަހެއް ހިތް ސުވާލުގެ ފުން ކަނޑަށް ގެނބިގެން ދެޔޭ

ކޮންމެ މިނެޓެއް  ކޮންމެ ގަޑިއެއް  ކޮންމެ ދުވަހެއް  ނިމިދެޔޭ
    ކޮންމެ ކަމަކަށް  އަންނަ ނިމުމެއް  އޮންނަ ކަމުގައި  ބުނެވެޔޭ
        ކޮންމެ ވަގުތެއް  ހިތް އެ މަސަލަސް  ކުރުމުގައި   ފާއިތުވެޔޭ
            ކޮންމެ ދުވަހެއް  ނިމިދެޔޭ،  އާހް!   އިންތިޒާރެއް  ނުނިމެޔޭ
                                                        ----------------------

                                                             27.9.2011      

މި ލިޔުން:

      ފޮނުވުން:   މުޙަންމަދު ޝާހިދު ޙަލީމު   (ފަންވަތުގެ އަދަބީ ކަންކަމާ ބެހޭ މުސްތަޝާރު)
      ޝައިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

ވާހަކަ