އަދުގެ ޚާއްސަ

Print

އަންހެނުންގެ ޙައްޤުތަކާބެހޭ ބެއިޖިން ޑެކްރަލޭޝަނާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

19 ސެޕްޓެމްބަރު (ހޯމަ) އާ ގުޅޭ..

ޢަބްދުﷲ ފާރޫޤު ޙަސަން

ހުޅަނގުގެ ދުނިޔޭގައި އެއިޑްސްއާއި ޖިންސީ އެހެނިހެން ބަލިބައްޔާއި، ނަފްސާނީ މައްސަލަތަކުގައި ހައްޔަރުވެފައިވާ މީހުންގެ ސުމާރެއްވެސް ނެތެވެ. ޝަހުވާނީ ލައްޒަތު ހޯދުމުގައި ޙަޔަވާނީ ދަރަޖަޔަށް ވެއްޓުމުގެ ސަބަބުންނެވެ.

ފަރަންސޭސިވިލާތުގެ ސްކޮލަރަކު އެތާނގެ އިޖްތިމާޢީ ޙާލަތާމެދު ޚިޔާލު ފާޅުކުރައްވަމުން ވިދާޅުވެފައިވެއެވެ. [އަހަރެމެން ދެކެމުން މިދަނީ ބަރތް ކޮންޓްރޯލާއި އެއްވެސް ލަގަނެއްނެތި ޖިންސީ ލައްޒަތަށް އަޅުވެތިވުމުގެ ބިރުވެރި ނަތީޖާއެވެ. އަހަރެމެންނަށް މިތިބެވެނީ ހަތަރު އަނގޮޅިޔެއްގެ މެދުގައެވެ. އެތަނުން އެއްމަގަކުން ދެވޭންއޮތީ ސާފު ރީތި ޢާއިލީ ދިރިއުޅުމަކަށެވެ. ހިތްހަމަޖެހުމާއި މައިތިރިކަމާއި ފަރުދީ އަދި އިޖްތިމާޢީ އަމަންއަމާންކަމާއި ރާޙަތާ ދިމާޔަށެވެ. އަނެއް މަގަކުން ދެވެންއޮތީ ހުސް ހަލާކާއި ގެއްލުމާ ދިމާޔަށެވެ. އަދިވެސް ވަގުތު އެބައޮތެވެ. ހަމައެކަނި ހަވާނަފްސު މަގުދައްކާ ކަޅު އަނދިރިކަމުގެ ތެރޭގައި ގަނަތެޅެމުންދާ އިންސާނުން، ތިމާމެންގެ ނަފްސުތައް ފިޠުރަތުގެ ޤާނޫނުތަކާ (އިލާހީ ޤާނޫނުތަކާ) ހަވާލުކުރުމަށެވެ. ތިމާމެން ފުރަގަސްދީފައިވާ ހަމަޖެހުމާއި އަމާންކަމުގެ ނިޢުމަތް އަވަހަށް އެނބުރިއައިސް ލިބިގަތުމަށެވެ.]

އަންހެނުން އެބައިމީހުންގެ ފިޠުރީ ހެދިފޯދުމުގެ ވެށީން ނެރެ، އިޖްތިމާޢީ ހަމަހަމަކަމާއި، މިނިވަންކަމާއި، ޙައްޤުތައް ހޯދައިދިނުމުގެ ރީތި އަޑުއެރުވުންތަކާއެކު، ޖިންސީ ބަލިތަކުގައި ހައްޔަރުކުރުވުމާ ބެހޭގޮތުންނާއި، އެބައިމީހުންގެ ކިބައިން ހުއްދަނޫން ފައިދާ ލިބިގަތުމާ ބެހޭގޮތުން، އެމެރިކާގެ އިޖްތިމާޢިއްޔަތާބެހޭ މަޝްހޫރު ޕްރޮފެސަރ ޕިޓްރިމް ސޮރޮކިން (PITRIM SOROKIN) އޭނާގެ ފޮތެއް ކަމުގައިވާ SANE SEX ORDER ގައި ލިޔުއްވައިފައިވެއެވެ. [ހުޅަނގުގެ ޤައުމުތަކުގައި ވަރިއާއި، ދެމަފިރިން ދުރުވުމާއި، ހަމަނުޖެހުމުގެ ޙާދިޘާތައް އެންމެބޮޑަށް އިތުރުވަމުންދަނީ، ކާވެނީގެ ކުރިން ޖިންސީ ވިޔާނުދާ މަގުތަކުގައި ހިނގުމާއި، ހުއްދަނޫން ޖިންސީ ގުޅުންތަކުގެ ސަބަބުންނެވެ. ޤާނޫނީ ކާވެނީގެ ބަނދެވުމާއި، ހުއްދަނޫން ޖިންސީ ގުޅުމާ ދެމެދުގައި އޮންނަ އިން، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ދަނީ ވީރާނާވަމުންނެވެ. އެއަށްވުރެވެސް ބޮޑު ހީނަރުކަމެއް އައިސްފައިވަނީ ޢާއިލާތަކުގައި މައިންބަފައިންނާއި ދަރީންނާ ދެމެދުގައި އޮންނަ ގުޅުމުގެ ބަދަހިކަމެއް ނެތުމުގެ ސިފައިގައެވެ. ހަރުދަނާކަމެއް، ދެމިހުރުމެއްނެތް ކާވެނިތަކުގެ ސަބަބުން ސިކުނޑީގެ ގޮތުންނާއި، ޖިސްމާނީގޮތުންނާއި، އަޚްލާޤީގޮތުން އުނި ކުޑަކުދީންތައް ހައްތާވެސް ދަނީ ގިނަވަމުންނެވެ.]

ޕްރޮފެސަރ ޕިޓްރިމް ސޮރޮކިން އޭނާގެ ފޮތެއް ކަމުގައިވާAMERICAN SEX REVOLUTION ގައި ލިޔުއްވައިފައިވެއެވެ.

[އެމެރިކާ ދަތުރުކުރަމުން ގެންދަނީ، ޖިންސީ ލާޤާނޫނިއްޔަތާ ދިމާޔަށެވެ. އެއީ، އެމެރިކާގެ ވެއްޓުމުގެ ޢަލާމަތެކެވެ. ޤަދީމީ ގްރީކާއި، ރޯމުގައިވެސް ކަންތައްވެގެން ގޮސްފައިވާ ފަދައިންނެވެ. ޖިންސީ އެދުންވެރިކަމުގެ ހައިބަބޮޑު ސައިލެއްވަނީ އަހަރެމެން ވަށައިލައިފައެވެ. އަހަރެމެންގެ ތަހުޒީބުގެ ހުރިހާ ދާއިރާތަކަކަށް ވަދެގެންފައެވެ. އެމެރިކާގެ ސިޔާސީ ޙަޔާތަށް ދަންދެން ވަނީ ޝަހްވަތުގެ ބިޔަ ރާޅުތަކުގެ ހޮޅިދަށުގައެވެ. ޖިންސީ ރިޝްވަތާއި، ބާރުގެ ބޭނުންކޮށްގެން ޖިންސީ ބޭނުންތައް ޙާޞިލުކުރުން މިހާރު ވަނީ ޢާއްމުވެފައެވެ. މިކަންކަމުގައި ބެދިފައިވާ މީހުން، މަތީ މަޤާމުތަކުން ފެންނާން އެބަތިއްބެވެ.]

    ޠަބީޢިއްޔާތުގެ މާހިރެއްކަމުގައިވާ ހެޑްސަން، އަހަރުތަކެއްގެ ކުރީން އިޢުތިރާފުވެފައިވެއެވެ.

[އަހަރެމެންގެ ތަހުޒީބުގެ ފާރުތައް ރޫޅިގެން ފައިބާން ކައިރިވަނީއެވެ. އެހެނީ، އެ ތަހުޒީބުގެ އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ، މިނިވަން ޖިންސީ ގުޅުންތަކުގެ މައްޗަށެވެ. ހަށިވިއްކުމާއި، ކަސްބީ އަންހެނުންގެ މައްޗަށެވެ. އެއްޖިންސުގެ ގުޅުމުގެ މައްޗަށެވެ. އޭގެސަބަބުން އަހަރެމެންގެ ބިނާކުރުމުގެ ޤާބިލިއްޔަތު ގެއްލެމުން ދަނީއެވެ.]
އަދިވެސް އެއް އިޤްތިބާސެއް ވިދާޅުވެލައްވާށެވެ. ޑައިސްކާޓިން އޭނާގެ ފޮތެއް ކަމުގައިވާ     
SIN AND SCIENCE ގައި، މިނިވަންކަން ހޯދައިދިނުމުގެ ނަމުގައި އަންހެނުންގެ އުނަގަނޑުމަތީގައި އަތް އަޅުވައިލައިގެން ބޭރަށް ނެރުނު ޖިންސީ ވިޔަފާރިވެރިން އެބައިމީހުންގެ މުޖްތަމަޢަށް ހޯދައިދިން ޖުޒާމީ ތަހްޒީބު ސިފަކުރައްވައިފައިވަނީ، އަންނަނިވި ޢިބާރާތުންނެވެ.

[މެޑިކަލް ސައިންސް ނުހަނު ހަލުއިކަމާއެކު ގެންދަނީ ނަހަމަގުޅުންތަކާއި މިނިވަން މަސްހުނިވުންތައް އިތުރަށް ފަސޭހަވާފަދަ ބޭސްތަކާއި އާލަތްތައް އީޖާދުކުރަމުންނެވެ. އޭގެސަބަބުން، އެއްވެސް ބައްޔެއް ފެތުރުމުގެ ނުވަތަ ބަލިވެއިނުމުގެ ނުރައްކަލެއް ނޯންނަފަދަ ވަސީލަތްތައް ހޯދަމުންނެވެ. ކަސްބީ ބަލިތަކާއި، ރާބުއިމާއި، ރަށްމެދަށް ވިހެއުމާއި، ހައްޔަރުން ނެއްޓުވުމާއި، ވަރިޔާއި، މިހެންގޮސް ކިޔައި ކޮޅުންނުލާފަދަ ޖަރީމާތަކާއި، ކުޑަކުދީން ކުރާ ކުށްތައް ވަރަށް ބާރަށް ދަނީ އިތުރުވަމުންނެވެ. އަހަރެމެންގެ ތަހުޒީބު ދަތުރުކުރަމުން މިދަނީ އަޚްލާޤީގޮތުން ވަރަށްބޮޑަށް ދަށަށްދިޔުމުގެ ދައުރެއްގެ ތެރެއިންނެވެ. މިތާނގައި ނުބައިކަންތައްތައް ދަނީ ދެޔޯއެއްފަދަ ބިޔަ އޮނިގަނޑެއް ޚިޔާރުކުރަމުންނެވެ.]

މިނިވަންކަމުގެ މަސްތު އިތުރުވަމުންގޮސް، ހުޅަނގުގައި އަންހެނުން ވަނީ ފިރިހެނުންނާ ދެކޮޅަށް ބަޣާވަތަށް ނުކުމެފައެވެ. އަންހެނުންގެ ހުށަހެޅުންތަކުގެ ތެރެއިން އެންމެ މުހިންމު އެއްކަމަކީ، ހައްޔަރުން ނެއްޓުވުމަށް ޤާނޫނީ ހުއްދަ ލިބުމެވެ.

ހުޅަނގުގެ އަންހެނުން ޤަބޫލުކުރާ ގޮތުގައި، ހަމައެކަނި މަސްހުނި ތަޢުލީމީ ނިޒާމަކުންވެސް ނުފުދެއެވެ. ދެޖިންސަށް އޮންނާންވާނީ އެއް ސިލަބަހެކެވެ. އަންހެންކުދިން ގޭތެރޭގެ ނިޒާމާ ހަވާލުވާންޖެހިފައި، ފިރިހެންކުދިންނަށް މެކެނިކަލް ތަޢުލީމް ދެވޭގޮތަކަށް ސިލަބަސް ރޭވިފައި އޮވެގެނެއް ނުވާނެއެވެ. ކުޅިވަރުގެ މައިދާނުގައިވެސް ދެޖިންސުގެ ކުދީންލައްވައި ކުޅުވާންޖެހެނީ އެއްކުޅިވަރުތަކެކެވެ. ކުޑަކުދިންގެ ފޮތްތަކުގައި ނަމޫނާ އަންހެން ޝަޚްޞިއްޔަތުތަކެއްގެ ގޮތުގައި ހުށަހަޅައިފައިވަނީ އެކަނިވެރި މައިން (ސިންގަލް ޕޭރެންޓުން) ނާއި، ކާވެނި ނުކުރާ މައިންގެ ވާހަކަތަކެވެ. ކާވެނީގެ މުސްކުޅި އާދަކާދައިން އައު ޖީލުތައް ސަލާމަތް ކުރުމަށްޓަކައެވެ. އެތައް އަންހެނުންތަކަކާއި އެތައް ފިރިހެނުންތަކަކަށް އެކުގައި ދިރިއުޅެވޭނެގޮތް ހަމަޖައްސައިދިނުމަށް ވަނީ ހުށަހެޅިފައެވެ. [އެންމެންގެ ދަރީން] އުފަންކުރުވުމުގެ ފުރުޞަތު ތަނަވަސް ކުރުމަށެވެ. ކުދީންނަކީ [ޢާއްމުންގެ ދަރީން] ކަމުގައި ހެދުމަށާއި، އެކުދީންގެ ޒިންމާ ސަރުކާރުން އުފުލުމަށްޓަކައެވެ. ފިރިހެނުންގެ އަނިޔާއިން ސަލާމަތްވެވޭނެ އެންމެ ފަސޭހަގޮތަކީ، އެއްޖިންސުގެ ގުޅުންކަމުގައި ކަނޑައަޅައި، ބައެއް ޤައުމުތަކުގައި ވަނީ އެކަމަށް ޤާނޫނީ ހުއްދަ ދެވިފައެވެ. ޝައްކެއްނެތްގޮތުގައި، މިއީ ތަރައްޤީގެ ނަމުގައި ޖާހިލިއްޔަތަށް އެނބުރި ރުޖޫޢަވުމެވެ. ނަތީޖާއަކަށްވާނީ، އަވަހަށް ނުވަތަ ލަހުންނަމަވެސް އިންސާނީ މުޖްތަމަޢު، ޖަނަވާރު އައިނަކަށް ބަދަލުވުމެވެ.

އަންހެނުންގެ ފިޠުރީ ތަރައްޤީގެ ދާއިރާ


އަންހެނުންގެ ފިޠުރީ ތަރައްޤީގެ މުސްތަޤިއްލު ދާއިރާއެއް އެބައޮތެވެ. އެއީ ގޭގެ ރަނިކަމުގެ ދާއިރާއެވެ. އިންސާނިއްޔަތު ދެމިއޮތުމުގެ ޒަރީޢާއަކަށްވުމުގެ ދާއިރާއެވެ. އަންހެނާއަކީ ޢާއިލާގެ ބިނާކުރުންތެރިޔާއެވެ. ކުދީންގެ ތަޢުލީމާއި ތަރުބިޔަތާއި، ބަލައި ބޮޑުކުރުމުގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މުޤައްދަސްކަމާއި މާތްކަމުގެ ކުލައަކީ މައިވަންތަކަމުގެ ކުލައެވެ. އޭނާ އެންމެ ލޮބުވެތީ އަނތްބެއްގެ ކުލައިގައެވެ. އޭނާގެ ސަބަބުން ހިތްތަކަށް އެންމެބޮޑު ފިނިކަމަކާއި މީރުކަމެއް ލިބެނީ އަންހެންދަރިޔެއްގެ ކުލައިގައެވެ. އޭނާގެ ޝަޚްޞިއްޔަތު ފުރިހަމަވަނީ މި ކުލަތައް އެކުވެގެން އުފެދޭ ރީތި ވިއްސާރަ ދުންޏެއްގެ ހިތްގައިމުކަމުގެ ތެރެއިންނެވެ. އޭނާގެ އިމްތިޔާޒީ ފާހަގައަކީ އެއީއެވެ. ހުޅަނގުގެ މުފައްކިރުން އިންސާނީ ޙައްޤުތަކާއި އަންހެނުންގެ މިނިވަންކަމުގެ ނަމުގައި ހުށަހަޅާ ހުށަހެޅުންތަކާއި، އެކްޝަން ޕްލޭންތަކަށް ޢަމަލުކުރުމުން، ޝަހްވާނީ އަދި ޖިންސީ ކުޅޭއެއްޗެއްގެ ޙައިޘިއްޔަތު ފިޔަވައި، އަންހެނުންނަށް އޮތީ ކޮން ޙައިޘިއްޔަތެއްތޯއެވެ؟

ޝައްކެއްނެތެވެ. އަންހެނުންނަށް ޙައްޤުވެގެންވާ މިނިވަންކަން އެބައިމީހުންނަށް ލިބެންޖެހޭނެއެވެ. އިންސާނީ ޙައްޤުތައްވެސް ލިބެންޖެހޭނެއެވެ. ފިރިހެނުންނަށްވެސް ލިބިފައިވާފަދަ އަޚްލާޤީ ޙައްޤުތަކެކެވެ. ޤާނޫނީ ޙައްޤުތަކެކެވެ. އެއްޖިންސުގެ ގުޅުން ހިންގުމާއި، ހައްޔަރުން ނެއްޓުވުމާއި، ބަރަހަނާޔަށް އުޅުންފަދަ ހުތުރު އަދި ފިޠުރަތާ ޚިލާފު ޢަމަލުތަކުން އެ ޙައްޤުތައް ލިބިގަނެވޭނީ ކިހިނަކުންތޯއެވެ. އެ މަޤްޞަދު ޙާޞިލުކުރެވޭނީ ކިހިނަކުންތޯއެވެ؟ އެކަންކަމަކީ މިނިވަންކަމެއް ނޫނެވެ. ފިޠުރަތާ ދެކޮޅަށް ބަޣާވަތް ކުރުމެވެ. އިންސާނީ ޝަރަފަށް އިހާނާތްތެރިވުމެވެ.

އަންހެނުންގެ މިނިވަންކަމުގެ ނަމުގައި އަންހެނުން ވަނީ ގެއިންބޭރުކޮށްލެވިފައެވެ. ބާޒާރުމައްޗަށް ނެރެވިފައެވެ. ގެދޮރު ވީރާނާކޮށްލުމަށްފަހު، އޮފީސްތަކާއި، ހޮޓާތަކާއި، ކާރުޚާނާތަކާއި، ނަށާތަންތަނާއި، ރާބޯތަންތަނާއި، ކްލަބުތަކަށް ވެއްދިފައެވެ. ނަތީޖާއެއްގެ ގޮތުން، ޢާއިލީ ނިޒާމު ވަނީ ރޫޅިފައެވެ. ފިރިހެނުން އާމްދަނީ ހޯދުމާއި، އަންހެނުން ގޭގެ އިންތިޒާމު ބެލެހެއްޓުމުގެ ފިޠުރީ އުސޫލު ވަނީ މުގުރައިލެވިފައެވެ. އަންހެނުންގެ އިޤްތިޞާދީ މިނިވަންކަމުގެ ނަމުގައި ހުޅަނގުން ރޭވި ނިޒާމަކީ އަންހެނުންނާއި ފިރިހެނުން މަސައްކަތް ކުރުމެވެ. ގެބެލެހެއްޓުމުގެ ކަންތައް ބާޒާރާ ޙަވާލުކުރުމެވެ. ކަންތައްތައް އެއަށްވުރެވެސް ކުރިޔަށް ދިޔުމުން އުފެދުނު ސުވާލަކީ، އަންހެނުން ގެ ބެލެހެއްޓުމުގެ ޒިންމާއާ ޙަވާލުވާންޖެހެނީ ކީއްވެތޯ މި ސުވާލެވެ. ކުދިން ވިހެއުމާއި، ކުދިން ބެލެހެއްޓުމުގެ ބުރަ އުފުލަންޖެހެނީ ކީއްވެތޯ މި ސުވާލެވެ. މީގެއިތުރަށްވެސް އިޖްތިމާޢީ އަޚްލާޤީ ޤާނޫނީ އެތަކެއް އިންތަކެއް ޤަބޫލުކުރާންވީ ކީއްވެތޯ މި ސުވާލެވެ. އެހިސާބަކުންވެސް ނުނިމެއެވެ. އަންހެނުންނަކީ އަންހެނުންކަމުގައި، ފިރިހެނުންނަކީ ފިރިހެނުންކަމުގައިވާއިރު، އަންހެނުން އެއްފިރިހެނެއްގެ މައްޗަށް ހުއްޓިގެން ތިބެންވީ ކީއްވެތޯ، މި ސުވާލުވެސް އުފެދޭތަން އަތުވެއްޖެއެވެ. އަންހެނުންގެ މިނިވަންކަމުގެ ތަޙްރީކު އެއް މަރްޙަލާއަށްފަހު އަނެއް މަރްޙަލާއަށް ކުރިޔަށްގޮސް، ފިރިންނާއި، ދަރީންނާއި، ޢާއިލާއާއި، ޢާއިލީ ޒިންމާތަކުން އަންހެނުންނަށް މުޅީން ޗުއްޓީ ދެވިއްޖެއެވެ. އަންހެނުންގެ ޙައްޤުތަކާއި މިނިވަންކަމުގެ އެންމެފަހުގެ ޗާޓަރަކީ ބެއިޖިންގ ކޮންފަރެންސުގެ ނިންމުމެވެ. އެ ކޮންފަރެންސުން ވަނީ، ބަރަހަނާއަށް އުޅުމުގެ މިނިވަންކަން ދީފައެވެ. ކާވެނީން މިނިވަންކޮށްފައެވެ. ވިހެއުމާއި، ނަސްލު ދެމެހެއްޓުމުގެ ޒިންމާއިން ބަރީއަކޮށްދީފައެވެ. ޖިންސީ އުފާ ހޯދުމުގެ ގޮތުން އެއްޖިންސުގެ ގުޅުން ހިންގުމާއި، ޖިންސުގެ މަސައްކަތް ހިންގުމުގެ ހުއްދަ ދީފައެވެ.

ބެއިޖިންގ ޑެކްލަރޭޝަނަކީ ހަމައެކަނި [ބާރު އެޅުމެއް] ކަމުގައިވިޔަސް، ޝަހްވަތަށް އަޅުކަންކުރާ ދުނިޔެ އެކަމާ ވަރަށް ފިކުރާވިއެވެ. ދުނިޔޭގެ އެތަންމިތާނގައި ޚާއްޞަކޮށް ހުޅަނގުގެ ޤައުމުތަކުގައި ޤާނޫނީ ގޮތުންނާއި، ޣައިރުޤާނޫނީގޮތުން ވަނީ އެކަންކަން ތަންފީޒުކުރާން ފަށައިފައެވެ. މި ޝަހްވަތުގެ އަލިފާންގަނޑު ވަރުއެރުވުމުގައި މީޑިޔާއިން ވަރަށްބޮޑު ޝައުޤުވެރިކަމެއް ފާޅުކުރިއެވެ. ޖިންސީ ޖަޒުބާތު އުފައްދާ އޮރިޔާން މަންޒަރުތަކާއި، ހެނދުވުމާއި، މައްސުނިވުމުގެ އަލިފާން ރޯވާފަދަ މަންޒަރުތައް ހުށަހަޅައި މުޖްތަމަޢުގައި ޖިންސީ ހުޅުރޯކޮށްލިއެވެ. އިތުރުވަމުންއައި ޖިންސީ ވިޔާނުދާ އުޅުމުގެ ސަބަބުން، އިންސާނީ ނައުޢުގެ ދެމިއޮތުމާއި، ނަސްލު ދެމެހެއްޓުންވަނީ ނުރައްކަލަށް ހުށަހެޅިފައެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައި އޮންނަންވީ، އެކުވެރިކަމާއި، ކުލުނާއި، ލޯތްބާއި، ހިތްހަމަޖެހުންވަނީ ނެތިގެންދާން ކައިރިވެފައެވެ. ޖިންސީ އަނިޔާތަކާއި ޝަހްވަތްތެރިކަމުގެ ޠޫފާނެއްވަނީ އުތުރިއަރާން ފަށައިފައެވެ. މެރުމާއި، ލޭއޮހޮރުވުމާއި، ތަފާތު ޖިންސީ ބަލިތަކާއި، އެއިޑްސްއާއި، ޓެންޝަނާއި މިފަދަ އެތައް ބަލިމަޑުކަމެއްވަނީ ނިހާޔަތަށް އިތުރުވާން ފަށައިފައެވެ. ކުއްތާއާއި އޫރުގެ ޖިންސީ ގުޅުންތަކެކޭ އެއްގޮތަށް އެއްވެސް ވަންހަނާކުރުމެއްނެތް ޖިންސީ އެދުންތަކެއްގެ އަޅުން ކަމުގައި އިންސާނުން ވަނީ ވާންފަށައިފައެވެ. ޙަޤީޤަތަށް ދަންނަވާނަމަ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެބޮޑު ނުރައްކަލަކީ، ޖިންސީ ނިރުބަވެރިކަމެވެ. ނަމަވެސް، ޖިންސީ ލައްޒަތުގެ ވާގިވެރީންނަށް ޖިންސީ ނިރުބަވެރިކަން ފެތުރުމުގެ މިނިވަންކަން އެބައޮތެވެ. ހުޅަނގުގެ ތަހްޒީބުގެ ދިދަ އުފުލާ މީހުން އެކަން ފުރިހަމަޔަށް ޙިމާޔަތްކޮށްދެއެވެ.
-------------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ