އަދުގެ ޚާއްސަ

Print

ކްރިސްޓިއަން ކަނޑި (4)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


ގޮށްމުށުބާރުގެ އެހީގައި ދީން ފެތުރީ ކްރިސްޓިއަނުންނެވެ.

އަޙްމަދު މާދިޖު

އިސްތިސްނާ ޙާލަތެއް


އެ ސަބަބަކީ އެއިރު ޤުދުސް އެބައެއްގެ ބާރުގެ ދަށުގައި އޮތް ފާޠިމީ ދައުލަތުގެ ތަޚުތުގައި ނަފްސާނީ ގޮތުން ހަލާކުވެފައި ހުރި، އަނިޔާވެރި ޡާލިމަކު އިށީނުމެވެ. އޭނާއަކީ ކްރިސްޓިއަނުންގެ އިތުރުން މުސްލިމުންނަށް ވެސް އެމީހެއްގެ އަނިޔާވެރިކަމާއި ނުބައިކަމުގެ ހިތި ތަށީން ބޯން ޖެހުނު ވެރިއެކެވެ. އެއީ ފާޠިމީ ޚަލީފާ އަލް ޙާކިމް ބިން ޢަބްދުލް ޢަޒީޒެވެ.

އަލް މަންޞޫރު ބިން ނިޒާރު ނުވަތަ އަލް ޙާކިމް ޢުބައިދީއަކީ ފާޠިމީ ދައުލަތުގެ ހަވަނަ ޚަލީފާއެވެ. އޭނާގެ ބައްޕާފުޅު އަބޫ މަންޞޫރު ނިޒާރު ނުވަތަ އަލް ޢަޒީޒަކީ ފާޠިމީންގެ ފަސްވަނަ ޚަލީފާއެވެ. އަލް ޢަޒީޒުގެ ދުވަސްވަރުވެސް ފާޠިމީންގެ ބާރުއޮތް ސަރަހައްދުތަކުގައި ކްރިސްޓިއަނުން އުޅެމުން ގެންދިޔައީ ފާގަތި ދިރިއުޅުމެކެވެ. އަލް ޢަޒީޒުގެ ދައުރުގެ ފަހުކޮޅުގައި ބޮޑުވަޒީރުކަމުގެ މަޤާމުގައި ހުންނެވީވެސް ކްރިސްޓިއަން ބޭފުޅެއް ކަމުގައިވާ ޢީސާ ބިން ނަސްޠޫރިއްޔާއެވެ. އަލް ޢަޒީޒުގެ އަނބިކަނބަލުންނަކީ ކްރިސްޓިއަން ބޭފުޅެކެވެ. ހަމަ އެހެންމެ މި ދައުރުގައި ޤުދުސްގެ އިސް ފާދިރީގެ މަޤާމުގައްޔާއި އިސްކަންދަރިއްޔާގެ އިސް ފާދިރީކަމުގެ މަޤާމުގައި ތިއްބެވީ އެކަމަނާގެ ދެ ބޭބޭފުޅުންނެވެ. މީގެ އިތުރަށް ވެސް އަލް ޢަޒީޒު އޭނާގެ ސަރުކާރުގެ މުހިއްމު ގިނަ މަޤާމުތަކެއް ކްރިސްޓިއަނުންނާއި އަދި ޔަހޫދީންނަށްވެސް ދެއްވިއެވެ. އެއިރު ޝާމްކަރައިގެ ހުރިހާ ހިސާބަކާއި ފަލަސްޠީނާއި ސައިނާއީއާއި މިޞުރާއި އަދިވެސް ކައިރި ހިސާބުތައް އޮތީ ފާޠިމީންގެ ބާރުގެ ދަށުގައެވެ.

އަލް ޢަޒީޒު އަވަހާރަވެ އޭނާގެ ދަރިކަލުން ޙާކިމަށް ޚަލީފާކަން ލިބިވަޑައިގަތީ 996 މ. ގައެވެ. އެއިރު ޙާކިމްގެ ޢުމުރުފުޅަކީ އެންމެ 11 އަހަރެވެ. އޭނާގެ ވެރިކަމުގެ ކުރީކޮޅުގެ އަހަރުތަކުގައި ސިޔާސީ ބާރުތައް އޮތީ ރަސްކަމުގެ ބޮޑުންގެ އަތްޕުޅުމަތީގައެވެ. އޭނާ ދައުލަތުގެ ލަގަނުގައި ހިއްޕެވީ ޢުމުރުފުޅުން ވިހި އަހަރު ފާއިތުވެގެން ދިޔަފަހުންނެވެ. އެއަށްފަހު އޭނާގެ ފަރާތުން ފެނިގެން ދިޔައީ ސިކުނޑި ހަމަނުޖެހޭ ކަމުގެ ޢަލާމާތްތަކެވެ.

އަލްޙާކިމަކީ އަނދިރިކަމަށް ވަރަށް ލޯބިކުރައްވާ ބޭފުޅެކެވެ. އެހެންކަމުން އޭނާ ސަރުކާރުގެ އޮފީސްތަކާއި ފިހާރަތަކާއި އެނޫންވެސް އެފަދަ ތަންތަން ދުވާލު ބަންދުކޮށްފައި ރޭގަނޑު ހުޅުވުމުގެ އަމުރުފުޅު ނެރުއްވިއެވެ. އަންހެނުން އެއްގޮތަކަށް ވެސް ގެއިން ބޭރަށް ނިކުތުމަކީ މަނާކަމެއް ކަމުގައި ހައްދަވައި، ފައިވާން ހަދާ މީހުންނަށް އަންހެނުންގެ ފައިވާން ހެދުން މަނާކުރެއްވިއެވެ. ރާބުއިމާއި ރަލުގެ އެއްވެސް މުޢާމަލާތެއް ކުރުން މުސްލިމުން ނޫން މީހުންނަށް ވެސް މަނާކުރެއްވިއެވެ. މޭބިސްކަދުރު ދަނޑުތައް ހަލާކުކުރައްވައި މޭބިސްކަދުރު ހެއްދުން މަނާކުރެއްވިއެވެ. މުނިފޫހި ފިލުވުމުގެ އެއްވެސް ޙަރަކާތެއް ހިންގުން ވެސް މަނާ ކުރެއްވިއެވެ. ފާޠިމީންގެ ވެރިކަމުގެ ސަރަޙައްދުގައި ހުރިނަމަ ހުރި ހުރިހާ ކުއްތާއެއް ޤަތުލުކުރަން އަމުރު ނެރުއްވައި، ގެރިބަކަރި ކަތިލުން މަނާކުރެއްވިއެވެ. އަދި ކްރިސްޓިއަނުންނާއި ޔަހޫދީންނަށް މުޅީންވެސް ކަޅު ޖުއްބާ ލުމަށް އަމުރު ނެރުއްވިއެވެ.

ކްރިސްޓިއަނުންނަށް ކަރުގައި ލަކުޑީން ހަދާފައިވާ ޞަލީބެއް އަޅައިގެން އުޅެން، އަދި ޔަހޫދީންނަށް ލަކުޑީން ހަދާފައި އޮންނަ ގެރިއެއްގެ ސޫރަ ކަރުގައި އަޅައިގެން އުޅެން އެންގެވިއެވެ. އަދި ކްރިސްޓިއަނުންގެ ހުރިހާ ފައްޅިތަކަކާއި ޔަހޫދީންގެ ހުރިހާ ސިނަގޮގްތަކެއް ތަޅައިލުމުގެ އަމުރުފުޅުވެސް ނެރުއްވިއެވެ. ޤުދުސްގެ މުޤައްދަސް މަޤުބަރާގެ ފައްޅި ތަޅައިލެވުނީވެސް މި އަމުރުގެ ދަށުންނެވެ. މީގެ އިތުރަށް މިޞުރުގެ ހުރިހާ ޣައިރު މުސްލިމުން އިސްލާމްވުމަށް ނުވަތަ މިޞުރު ދޫކޮށް ދިޔުމަށް ވެސް އަމުރު ނެރުއްވިއެވެ.

މި ކަންތައްތަކުގެ އިތުރަށް މީސްތަކުންނަށް އަނިޔާކުރާނޭ މޮޅު ގޮތްތަކާއި މީހުން މަރާނޭ ވޭންގަދަ، އައު ގޮތްތައް އީޖާދު ކުރެއްވުމަކީވެސް އަލް ޙާކިމް ކުރެއްވި ކަމެކެވެ. އެއްފަހަރަކު އޭނާގެ ވަޒީރަކަށް އޭނާ ވަރަށް އަނިޔާވެރި ގޮތެއްގައި ކުޑަކުއްޖަކު މަރާލައްވަނިކޮށް ފެނުނެވެ. އެ ރޭގެ ވަގުތެއްގައި ޙާކިމް އެ ވަޒީރުވެސް ޤަތުލު ކޮށްލެއްވިއެވެ. އޭނާގެ އަނިޔާވެރިކަން ހަންމަތަ ކުރުމަށްޓަކައި ސްޕޭންގެ އުމަވީ އަމީރެއް ކަމުގައިވާ އަބޫ ރަކްވާ ލަޝްކަރަކާއިގެން މިޞުރަށް ޙަމަލަ ދެއްވުމުން، ޙާކިމް އެ ލަޝްކަރު ބަލި ކޮށްލެއްވިއެވެ. އެއަށްފަހު އެ ލަޝްކަރުގެ ތިރީސް ހާސް ސިފައިން ޤައިދީންގެ ގޮތުގައި ހިފަހައްޓަވައި އެ ހުރިހާ އެންމެން ކޮށިކޮށްޓަށް ލައްވައިގެން ޤާހިރާގެ މަގުތަކުގައި ގަން ހިންގުވުމަށްފަހު އެ އެންމެން ނީލަ ކޯރަށް ޣަރަޤު ކޮށްލެއްވިއެވެ. އަލް ޙާކިމްގެ ވެރިކަމުގެ ފަހުކޮޅުގެ އަހަރުތަކަށް އެޅުމަށްފަހު އޭނާ ދަޢުވާކުރަން ފެށީ އޭނާއަކީ ﷲ ސުބުޙާނަހޫ ވަ ތަޢާލާ (ނަޢޫޒު ބި ﷲ) ކަމުގައެވެ.

ކޮންމެއަކަސް، ޙާކިމްގެ ފަސާދަވެރި ވެރިކަން ނިމުމަކަށް އައީ 1021 މ. ގައި ކާކުކަން ނޭނގޭ މީހަކު އޭނާ ޤަތުލުކޮށް އޭނާގެ ޝައިޠާނިއްޔަތުން މީސްތަކުން ސަލާމަތް ކޮށްދިނުމުންނެވެ. އިސްލާމީ މުއައްރިޚުން އޭނާ ސިފަ ކުރައްވަނީ ނަފްސާނީ ގޮތުން ވަރަށް ނުބައި ބައްޔެއް ތަޙައްމަލްކުރަމުން ގެންދިޔަ، ބުއްދި ފަސްވެފައިހުރި މީހެއްގެ ގޮތުގައެވެ. މަޝްހޫރު މުސްލިމް ލިޔުންތެރިއެއް ކަމުގައިވާ ސައްޔިދު އަމީރު ޢަލީ ވިދާޅުވެފައިވަނީ އޭނާއަކީ ފުރޭތައެއް ކަމުގައެވެ.

މި ދެންނެވީ ޙާކިމްއާއި ބެހޭގޮތުން ޕްރޮފެސަރ މަސްޢޫދުލް ޙަސަން އޭނާގެ ތާރީޚުލް އިސްލާމްގެ ފުރަތަމަ ވޮލިޔުމްގައި، އަދި އަކްބަރު ޝާހު ނަޖީބްއާބާދީ އޭނާގެ ތާރީޚުލް އިސްލާމްގެ ދެވަނަ، ވޮލިޔުމްގައި ލިޔުއްވާފައިވާ ލިޔުންތަކުގެ ޚުލާސާއެކެވެ. މި ލިޔުންތަކަށް ބަލައިލުމުން ސާބިތުވާ ފުރަތަމަ ޙަޤީޤަތަކީ ޙާކިމަކީ އެއްވެސް ޙާލެއްގައި މުސްލިމަކަށް ބެލެވޭނޭ މީހެއް ނޫންކަމެވެ. ދެވަނަ ޙަޤީޤަތަކީ އޭނާގެ ފަރާތުން ކްރިސްޓިއަނުންނާއި އެހެން ދީންތަކުގެ މީހުންނަށް ޖެހުނު ދުއްތުރާތަކަށްވުރެ މުސްލިމުންނަށް ޖެހުނު މުޞީބާތް ތަންފުކެއްވެސް ކުޑަނޫން ކަމުގައެވެ. އެހެން ވިއްޔާ ޙާކިމްގެ ފަރާތުން ދިހަވަރަކަށް އަހަރުވަންދެން ކުރިމަތިވި އުނދަގޫތަކަށް ބަލާފައި މުސްލިމުންގެ ބޮލުގައި ތުހުމަތު އެޅުވުމުގެ ޙައްޤު ޔޫރަޕުގެ ކެތަލިކް ކްރިސްޓިއަނުންނަށް ލިބިގެންވޭ ބާވައެވެ! މިސާލަކަށް، އެޑޮލްފް ހިޓްލަރ ދުނިޔޭގެ އެތަންމިތަނުގައި ހިންގި ނުބައިވެގެންވާ ޖަރީމާތަކާއި ޢުދުވާންތަކުގެ ތުހުމަތު ޔޫރަޕުގެ ކްރިސްޓިއަން އާބާދީގެ އެންމެންގެ ބޮލުގައި އެޅުވޭނެތޯއެވެ؟ މި ސުވާލުގެ ޖަވާބަށް އެއްވެސް ކްރިސްޓިއަނަކު އާއެކޭ ނުބުނާނެކަން އަޅުގަނޑަށް ޔަޤީނެވެ. އެހެން ކަމަށް ވަންޏާ ޙާކިމް ކުޅަ ކަންތައްތަކުގެ ތުހުމަތު މުސްލިމުންގެ ބޮލުގައި އެޅުވުމަކީ ކިހައި ތާކުންތާކު ނުޖެހޭ ކަމެއް ކަމުގައި ބުނެ އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ތާރީޚު އޮޅުވައިލަން ޔޫރަޕުގެ ކްރިސްޓިއަނުން ކުރާ މަސައްކަތުގެ އެންމެ މުހިއްމު އެއް ބަޔަކީ އިސްތިސްނާ ޙާލަތުތައް ޢާއްމު ޙާލަތުތަކެއްގެ ގޮތުގައި ސިފަ ކުރުމެވެ. ޢާއްމު ޙާލަތުތައް އިސްތިސްނާ ޙާލަތުތަކެއް ކަމުގައި ބުނެ ދެއްކުމެވެ. އެގޮތުން އިސްލާމީ ތާރީޚުގައި ފެނިފައި ވާ ޙާކިމް ފަދަ އަނިޔާވެރި ވެރީންނާއި، ސަލްޖޫޤީންގެ ދައުރުގައި މުޅި މެދުއިރުމަތީގައި އޮތް ހަމަނުޖެހުންތަކުގެ ނަތީޖާ އަކީ ޢާއްމު ޙާލަތުތަކެއް ކަމަށް އެބައިމީހުން ދަޢުވާ ކުރެއެވެ. އެއީ ޢާއްމު ގޮތެއްގައި މުސްލިމުންގެ ފަރާތުން ކްރިސްޓިއަނުންނަށް ކުރިމަތި ވި ކަންތައްތަކެއް ކަމަށް ބުނެއެވެ. ނަމަވެސް ޙަޤީޤަތަކީ އެފަދަ އަނިޔާވެރީން އިސްލާމީ ތާރީޚުގައި އުފެދިފައި ވަނީ އިސްތިސްނާތަކެއްގެ ގޮތުގައި ކަމެވެ. އަދި އެފަދަ އަނިޔާވެރީންގެ ސަބަބުން އެހެން ދީންތަކުގެ މީހުންނަށް ލިބުނު ފަދަ އަނިޔާއާއި ދުއްތުރާ ޚުދު މުސްލިމް އާބާދީތަކަށް ވެސް ލިބިފައި ވާ ކަމެވެ.

ޙާކިމަށްފަހު ވެރިކަމަށް ވަޑައިގަތީ އޭނާގެ ދަރިކަލުން އަބޫ ހާޝިމް އަލީއެވެ. އަބޫ ހާޝިމަކީ ޤާބިލް، ރަނގަޅު ވެރިއެއް ނޫނެވެ. ނަމަވެސް އޭނާ އޭނާގެ ބައްޕާފުޅުގެ "މޮޔަބަލީގެ" ސަބަބުން ފެތުރުނު ފަސާދަ ނެއްތައިލަން އޭނާ މަސައްކަތް ކުރެއްވިއެވެ. އެގޮތުން ކްރިސްޓިއަނުންނާއި ޔަހޫދީންނަށް އަލުން މުޖުތަމަޢުގައި އަމާންކަމާއި ޞުލްޙަމަސަލަސްކަމާއިއެކު އުޅެވޭނޭ މަގު ތަނަވަސް ކޮށްދެއްވިއެވެ. އަދި ކްރިސްޓިއަން ބައިޒެންޓައިން ދައުލަތާއި ގުޅުން އުފައްދަވައި، 1027 މ. ގައި ޤުދުސްގެ ކްރިސްޓިއަނުންގެ ކަންތައްތައް ފަރަންސޭސީންގެ ބަދަލުގައި ބައިޒެންޓައިން ދައުލަތާ ޙަވާލުކުރެއްވިއެވެ. މުޤައްދަސް މަޤުބަރާގެ ފައްޅިއަށް އޭނާގެ ބައްޕާފުޅުގެ ދުވަސްވަރު ދީފައިހުރި ހުރިހާ ގެއްލުންތަކެއް މަރާމާތުކޮށް އެތަނުގެ ހުރިހާ ކަމަކާއި އަދި ޖެރޫސަލަމަށް އަންނަ ކްރިސްޓިއަނުންގެ ކަންތައްތައް ބެލުމުގެ ބާރުވެސް އަބޫ ހާޝިމް ބައިޒެންޓިއަނުންނާ ޙަވާލުކުރެއްވިއެވެ. އަދި އެކަންތައްތައް ކުރުމަށްޓަކައި މަގު ތަނަވަސް ކޮށްދެއްވިއެވެ. އެއަށްފަހު ޙާލަތު މަޑުމަޑުން އަނެއްކާވެސް ޢާއްމު ފައްތަރަށް ރުޖޫޢަވެގެން ދިޔައެވެ. 

މި ދެންނެވީ ހަމައެކަނި ޤުދުސްގެ ކްރިސްޓިއަނުންނާ މެދު މުސްލިމުން ޢަމަލުކޮށްފައި ވާ ގޮތުގެ ބަޔާނެކެވެ. މި ބަޔާނުން ވެސް އެނގޭ ގޮތުގައި މުސްލިމުން ކްރިސްޓިއަނުންނާ މެދު ޢަމަލުކުރީ އަބަދުގެ އަބަދަށް ތަޢުރީފް ޙައްޤުވާ ހައި ހިތްހެޔޮކަމާއި އޯގާވެރިކަމާ އެކުގައެވެ. މުސްލިމުން ކްރިސްޓިއަނުންގެ ބިންތައް ފަތަޙަ ކުރި ކޮންމެ ފަހަރަކު ވެސް މުސްލިމުންގެ ފަރާތުން ފެނިގެން ގޮސްފައި ވާނީ މި ދެންނެވި ފަދަ ހިތްހެޔޮކަމާއި އޯގާވެރިކަމުގެ ނަމޫނާތަކެވެ. އަލްޙާކިމް ފަދަ، ވަރަށް މަދު އިސްތިސްނާ ޙާލަތުތަކެއް ތާރީޚުން ފެނިފައި ވިޔަސް ވެހެވެ. އެފަދަ އެއް ޙާދިޘާ ދަންނަވާލާނަމެވެ.

އެހެން މިސާލެއް


މުސްލިމުންގެ މަޝްހޫރު ފާތިޙް، ޢުޘްމާނީ ދައުލަތުގެ ޚަލީފާ މުޙައްމަދުލް ފާތިޙް ކްރިސްޓިއަން ބައިޒެންޓައިން ދައުލަތުގެ މައްޗަށް އާޚިރީ ފަތަޙަ ހޯއްދަވައި، ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުރެއްވުމަށް ފަހު، ޝަހަރަށް އިޙްތިރާމު ކުރެއްވުމުގެ ގޮތުން އެމަނިކުފާނުގެ ދެކަކޫފުޅު ޝަހަރުގެ ބިމަށް ތިރި ކޮށްލެއްވިއެވެ. ޝަހަރުގެ ތެރޭގައި ލޫޓުވުމާއި އަނިޔާ ކުރުމާއި ޝަހަރުގެ އެއްވެސް ފަންތިއެއްގެ އެއްވެސް މީހަކަށް ފުރައްސާރައެއް ދުއްތުރާއެއް އަނިޔާއެއް ލިބޭނޭ ފަދަ ކަމެއް އޮޅިގެން ވެސް ނުކުރަން އިސްލާމީ ލަޝްކަރަށް އަމުރުފުޅު ކުރެއްވިއެވެ. ޚުދު އިސްލާމީ ލަޝްކަރުގެ ސިފައިން ދީނުގެ އިމުގެ ތެރޭގައި ތިބެ، ލޮލުން ބޮލުން ރުހިގެން އެދިގެން އެމީހުންގެ ޅަޒުވާން، ޢުމުރުފުޅުން އެންމެ 23 އަހަރުގެ ރަސްގެފާނުގެ އަމުރުފުޅަށް ތަބާވިއެވެ.

ކޮންސްޓެންޓިނޯޕްލްގެ ތާރީޚީ ފަތަޙައަށް ފަހު، ޝަހަރުގެ ކްރިސްޓިއަން އޮރތޮޑޮކްސް ފައްޅީގެ އިސް ފާދިރީ، ގެނާޑިޔަސް ސްކޮލޭރިޔަސް އަށް މުޙައްމަދުލް ފާތިޙް ފޮނުއްވި މެސެޖުގައި ވެއެވެ. "ކަލޭގެފާނު، ކަލޭގެފާނުގެ އުއްމަތުގެ އިސް ފާދިރީ ކަމުގެ މަޤާމުގައި ދެމިހުންނަވާށެވެ. ﷲ ތިޔަ ބޭކަލުން ރައްކާތެރި ކުރައްވާށިއެވެ! ހުރިހާ ޙާލަތުތަކެއްގައި، ހުރިހާ ދަނޑިވަޅުތަކެއްގައި ވެސް އަޅުގަނޑުމެންގެ ފަރާތުން ތިޔަ ބޭކަލުންނަށް ފައިދާއެއް ލިބެނިވި ކޮންމެ ވަގުތެއްގައި ވެސް އަޅުގަނޑުމެންގެ ފަރާތުން ފެނިވަޑައިގަންނަވާނީ އެކުވެރިކަމާއި ރަޙްމަތްތެރިކަން ކަމުގެ ޔަޤީންކަން އަރުވަމެވެ. ކަލޭގެފާނުގެ ކުރީން އިސްވެދިޔަ އިސް ފާދިރީންނަށް ލިބިވަޑައިގެން ވީ ހުރިހާ ޢިނާޔަތްތަކެއް ކަލޭގެފާނަށް ވެސް ހުއްޓެވެ. އެއިން އެއްވެސް ކަމެއް އުނިވެ މަދު ނުވާ ހުއްޓެވެ." (އިސްމާޢީލް ރާޖީ އަލްފާރޫޤީ – "އިސްލާމް އެންޑް ދަ ޕްރޮބްލަމް އޮފް އީޒްރައިލް")

ބައިޒެންޓައިން ކްރިސްޓިއަން މުއައްރިޚެއް ކަމަށް ވާ ޖޯރޖް ސްޕްރޭންޓްޒަސް އަކީ މުސްލިމުން ކޮންސްޓެންޓިނޯޕްލް ފަތަޙަ ކުޅަ މަންޒަރު އަމިއްލަ ލޮލުން ދުށް މީހެކެވެ. އެ ޙާދިސާ އޭނާ ލިޔުނު "ކްރޯނިކަލް" ގައި ތަފްޞީލުކޮށް ބަޔާން ކޮށްފައި ވެއެވެ. އޭނާ ލިޔެފައި ވެއެވެ. "ފަތަޙައަށް ފަހު ތިންވަނަ ދުވަހު ސުލްޠާން (މުޙައްމަދުލް ފާތިޙް) އޭނާއަށް ލިބިވަޑައިގެންނެވި ނަޞްރު ބޮޑުވެގެންވާ، އުފާވެރި މުނާސަބަތަކާ އެކު ފާހަގަ ކުރެއްވިއެވެ. އޭނާ ޢާއްމު އިޢްލާނެއް ކުރެއްވިއެވެ. އެ އިޢްލާނަކީ: "މުސްލިމުން ދެކެ ބިރުން ޝަހަރުގެ އެތަންމިތާނގައި ފިލައި ތިބި ހުރިހާ ޢުމުރެއްގެ ހުރިހާ އެންމެން އެއްވެސް ބިރެއް ނެތި މިނިވަންކަމާ އެކު ބޭރަށް ނިކުމެ އުޅެން ވީއެވެ. އެބައިމީހުންނަކީ މިނިވަނުންނެވެ.

އެބައިމީހުންނާ އެއްވެސް ސުވާލެއް ނުކުރެވޭ ހުއްޓެވެ." މީގެ އިތުރަށް ސުލްޠާން އިޢުލާން ކުރެއްވި ގޮތުގައި މުސްލިމުންގެ ޙަމަލަޔާ ވިދިގެން އަމިއްލަ ގެދޮރު ދޫކޮށްލައިފައި ޝަހަރުން ބޭރު ވި މީހުންގެ ތެރެއިން ކޮންމެ މީހަކަށް ޓަކައި ވެސް އެ މީހެއްގެ އަމިއްލަ ގެދޮރާއި ހުރިހާ މުދަލެއް ރައްކާތެރިކަމާ އެކު ބެހެއްޓިފައި ވެއެވެ. ކޮންމެ މީހަކު ވެސް އަމާންކަމާ އެކު އެނބުރި އައިސް އެ މީހެއްގެ ގެދޮރާއި މުދާތަކާ ޙަވާލު ވާން ވީއެވެ. އެމީހެއްގެ ދަރަޖަޔާއި ދީނާއިގެންނެވެ. އެއްވެސް ކަމެއް ބަދަލު ނުވާ ފަދައިންނެވެ."

މުސްލިމުން ކޮންސްޓެންޓިނޯޕަލް ފަތަޙަ ކުރުމަށް ފަހު ދެއްކި މަތިވެރި ނަމޫނާއަކީ ވެސް އިންސާނާގެ އަނދިރި ތާރީޚުގެ އުޑުގައި އަބަދުގެ އަބަދަށް ވިދަވިދައި ހުންނާނޭ އަލިގަދަ ތަރިއެއް ފަދަ ނަމޫނާއެކެވެ. ކްރިސްޓިއަނުންނަށް 2000 އަހަރުގެ ތެރޭގައި ވެސް އެފަދަ ރިވެތި ގޮތުގައި، އެފަދަ ހެޔޮ ގޮތުގައި އެއްވެސް ޤައުމަކަށް، ޝަހަރަކަށް، ނުވަތަ އަވަށަކަށް ވަދެވުނު ބާވައެވެ!
---------------
(ނުނިމޭ)
މި ލިޔުން:
    ފޮނުވުން:              އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުމާއި ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް  (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ