އަދުގެ ޚާއްސަ

Print

ބުޅަލެއްގެ ޑައިރީން ގަނޑެއް.....

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


އެއްރޭގެ ހަތަރުދަން


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަހަންނަށް ގޭ ހުރިހާ އެންމެންވެސް ވަރަށް ހެވެވެ. އެހެންވެ އަހަރެންގެ އަޞްލު ޠަބީޢަތް ހާމަ ކުރާކަށް ނުކެރެއެވެ. އަހަރެން ނިދަނީ ގޭ ކައިރީ އަސްކަންޏެއްގެ ދަށުގައެވެ. އެއީ އެ ގޭ މީހުން ހިކިމަސް ގުދަން ކޮށްފައި ހުންނަ ތަނެވެ. ޖެހިގެން ހުންނަނީ ވަގުތީ ބަދިގެއެވެ. އެ ގެއަށް ގެންނަހައި މަހެއް ކައްކައި ހިއްކާއިރު އޭގެ ގަރުދިޔަގަނޑުން ރިހާރުކުރުހަދަނީ އެ ބަދިގޭގައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެން ނިދާ ޖަގަހައިގައި އޮންނައިރު އަންނަ ވައިރޯޅިން ތަފާތު ވަސް ދުވައެވެ. ބައެއް ފަހަރު ގަރުދިޔަ ވަހެވެ. ރިހާކުރުވަހެވެ. ފިއްލެޔޮ ވަހެވެ. ހިކިމަސްވަހެވެ. ލޭކުނި ވަހެވެ. މަދު ފަހަރެއްގައި ބަތާއި ރިހަވަސްވެސް ދުވައެވެ. މިއީ އަހަންނަށް އެންމެ މީރު ބާވަތްތަކެވެ. މި ވަސްތައް މަށަށް ދުވާތީ ރޭގަނޑު ހަމަނިދި ނުނިދެއެވެ. މި ވަހުންވެސް ހިތްދަތިކަމާ އެއްވަރަށް ހިތް ހަމަ ޖެހުން ލިބޭތީއެވެ. ފަހަރެއްގައިވެސް ގުދަނުގެ ދޮރުފަތް ހަނދާން ނެތިގެން ނުލައްޕައި ގޭ މީހުން ނިދައިފިނަމަ މަސްގަނޑެއް ކައިލާނެ ފުރުޞަތުވެސް ލިބިދާނެކަމަށް ކުރެވޭ އުންމީދު ބޮޑެވެ.

އެއް ރެޔަކު މަށައް ހޭލެވުނީ، މާ ގަދަޔަށް އަލިކޮށްގެން ތިނަހަތަރު މީހަކު ގުދަނުން މަސްތައް ނެރެ ގޯނިގޯންޏަށް އަޅަން އުޅެނިކޮށެވެ. އެ މީހުން ދައްކާ ވާހަކައިން އަހަންނަށް އެނގުނީ ހުރިހާ މަހެއް ވެސް ކޮންމެވެސް އެހެން ރަށަކަށް ފޮނުވަނީ ކަމެވެ. މާލެ ނަމަކަށް ކިޔާ ރަށަކަށެވެ. ކޮންމެއަކަސް ދޮޅުގަޑިއެއްހާއިރުގެ ތެރޭގައި މި މަސައްކަތް ނިމިއްޖެއެވެ. އޭރު މެންދަމުން އަލިވެދާނެއެވެ. އެންމެން ހޮޅި ބުރިތައް ނިއްވައިލިއިރު ހަނދާން ނެތިގެންކަން ނޭނގެއެވެ. ގުދަނުގެ ދޮރެއް ނުލައްޕައެވެ. ސިއރުސިއްރުން ގޭތެރެ ބަލައިލި އިރު ދިރޭ ފުރާނައެއް ވެސް ނެތެވެ. އަވަސްއަވަހަށް އައިސް ގުދަނުގެ ތެރެއަށް ބަލައިލައިފީމެވެ. ސުބްޙާނަﷲ އެވެ! އެންމެ މަސްގަނޑެއްވެސް ނެތެވެ. ނޫން! ބިނދިފައި އޮތް ދެތިން ގަނޑުމަސް ބިންމަތީގައި އޮތެވެ. މަހުން ފައިބައިފައިހުރި ކަށިތަކުގެ ތެރޭގައި އޮތީމާ ނުފެނުނީކަމަށް ވެދާނެއެވެ.

ބަލާކަށް ނެތީމެވެ. އެއް ނޭވައިން 3 ގަނޑު މަސް ކައިލައިފީމެވެ. ހަމަނޭވާ ލެވިއްޖެ އެވެ. އެތައް ދުވަހަކުއްސުރެ ކުރަމުން އައި އުއްމީދުތަކެއްގައި ޙަޤީޤީ ކުލަޖެހުނީއެވެ. ކައި ބަނޑު ފުރައި ހިތްހަމަޖެހުމުން "އެހެން ކަހަލަ" އިޙްސާސްތަކެއް ކުރެވެން ފަށައިފިއެވެ. ބައިވެރިއަކަށް ބޭނުންވަނީ އެވެ. ގޯތިން ބޭރަށް ނުކުމެއްޖައީމެވެ. ތަންކޮޅަކަށް ދެވުނު ތަނާ އަންހެން ޖިންސްގެ މަޚުލޫޤެއްއްގެ ހަނީނީ ރުއިމުގެ އަޑު އިވިއްޖެއެވެ. ދެޖިންސްގެ ދޭތި ހަލޭއްލަވާ އަޑު އިވިއްޖެއެވެ. އިންސާނުންގެ ބަޔަކު ނުކުމެ ބުޅާ ކޯޅެނީއްޔޭ ކިޔައި ގާބުރިއެއް ހޫރައިލިއެވެ. އެ ގާބުރި ޖެހުނު އަޑާއެކު ދޭތީގެ އަޑު ވެސް ކެނޑިއްޖެއެވެ. މަވެސް މަޑު ހިނގުމެއްގައި ކުރިޔަށް ދިޔައީމެވެ.

"އޭތް. މީ ކާކު؟" އަހަރެން ސިއްސައިގެން ދިޔައީ ޖެހިގެން ހުރި ކެޔޮ ފީނި ބުޑުން އިވުނު އަންހެން އަޑަކުންނެވެ.

"މީ ކަތީބުގޭ އާދަނު ގޯތީގައި އުޅޭ ބުޅަލެއް"

"ބިޓް ކޮބާ"؟

"ހެހެހެ. އަދި މިއުޅެނީ ރައްޓެހިވާނެ ކުއްޖަކު ނުލިބިގެން" އަހަރެން ޖަވާބުދިނީމެވެ.

"އަޞްލުގަވެސްތަ؟"

"ކީއްކުރަން ދޮގު ހަދަނީ؟" އަހަރެން ސުވާލަކުން ޖަވާބު ދިނީމެވެ. "ކެރޭނެތަ ރައްޓެކިވާން."

"ހިނގާ ބުރެއް ޖަހައިލަން" އަހަރެންގެ އެއްވެސް ސުވާލަކަށް ސީދާ ޖަވާބު ނުދިނަސް އޭނާވެސް އަނެއް ޖިންސްގެ ފަރާތުން އުފާ ހޯދަން ބޭނުންވާ ކަން ދޭހަވާނޭހެން އޭނާގެ އެދުން ފާޅުކުރިއެވެ. އެއީ ވަރަށް ރީތި ހުދުކުލައިގެ ކަޅުލައްތަކެއް ހުރި ނަގޫ ދިގު ބުޅަލެކެވެ. އަހަންނަށް ވަރަށް ކކަމުދިޔައެވެ.

"އެކަމަމު އެޔޮއް އިރުއަރަނީ"

އަހަރެން މިހެން ބުނިތަނާ ގޯތީ އާދަނު އައިސް އަހަރެންގެ ކޮއްތު ހިފައިގެން "ބުސްބޫސް" ގޮވައިލައިފިއެވެ. އަހަރެންގެ ޙަޔާތުގެ އެއްރޭ ވޭތުވެދިޔައީ އެވެ. އަންހެން ޖިންސާމެދު އުފެދިފައިވާ ޝައުޤުވެރިކަން މިރެޔަށް އޮއްބައި މައިތިރިކުރުމަށްފަހު އާދަނަށް އިޖާބަދީފީމެވެ. މާދަމާރެއަށް އިންތިޒާރުކުރާނީއެވެ.
-----------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ