އަދުގެ ޚާއްސަ

Print

ޢިލްމީ ނަޒަރަކުން. . ."ގުޑް ގަވަރނަންސް"

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



"ހެޔޮ ވެރިކަން" ނުވަތަ "ގުޑް ގަވަރނަންސް"


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު- ލ. މާވަށް

ގަވަރނަންސް" އާއި "ގުޑްގަވަރނަންސް" އަކީ ތަރައްޤީގެ އަދަބިއްޔާތުގައި ބޭނުންކުރުން ފަހަކަށް އައިސް އިތުރުވެފައިވާ 2 ލަފުޒެވެ. ނުވަތަ 2 މަފްހޫމެވެ. މީގެ އިދިކޮޅު ނިޒާމު އާދެ! "ބޭޑްގަވަރނަންސް" ބެލެނީ އަޅުގަނޑުމެންގެ މުޖްތަމަޢުތަކުގައި އުފެދޭ ނުރަނގަޅު ހުރިހާ ކަމެއްގެ އަޞްލު ސަބަބު ކަމުގައެވެ. ބައިނުލްއަޤްވާމީ މާލީ އިދާރާތަކާއި އެހީދޭ ބޮޑެތި ޖަމާޢަތްތަކުން އެހީދިނުމުގައި މި ފަހަކަށް އައިސް ބަލާ މައިގަނޑު އެއް މިންގަނޑަކީ އެ ތަނެއްގައި ހަރުދަނާ ހިންގުމުގެ ނިޒާމެއް، ނުވަތަ ހެޔޮ ވެރިކަމެއް (ގުޑްގަވަރނަންސް) ތަންފީޒުކުރެވޭ މިންވަރެވެ.

"ގުޑް ގަވަރނަންސް" (ނުވަތަ "ހެޔޮ ވެރިކަން") މިއީ ޒަމާނީ ޑިމޮކްރެސީއެއްގެ ތެރެއިން އިވޭނެ އަދި އިވެންޖެހޭނެ މަފުހޫމެކެވެ. އެ މަފުހޫމަކީ ނުވަތަ އެ ނަމަކީ މިއަދު އާ ނަމަކަށް ނުވެސްވޭމެއެވެ. އަޅުގަނޑުމެންނަށް އަލީ އަދި ގިނަ މީހުންނަށް ނޭނގެނީ އޭގެ މާނައެވެ. އެހެންކަމުން މި މަޒުމޫނުގައި އަޅުގަނޑު މަސައްކަތްކުރާނީ އެ މަފުހޫމުގެ ތަޢުރީފެއް އެރުވުުމަށެވެ. އެ ނަމުގެ މާނަ އޮޅުންފިލުވައި ދެވޭތޯ އެވެ. ޢިލްމީ ނަޒަރަކުންނެވެ.

އާދޭހެވެ! "ގަވަރނަންސް" އަކީ ފުޅާ ދާއިރާއެއްގައި މާނަކުރާނަމަ، ބޮޑު އޮގަނައިޒޭޝަނެއް ނުވަތަ ޤައުމެއް ހިންގާ ގޮތެވެ. ކަނޑައެޅިފައިވާ ސިޔާސަތެއްގެ ދަށުން ނަތީޖާ ޙާޞިލުކުރުމަށްޓަކައި ރޭވިފައިވާ ރޭވުމާ (ސްޓްރެޓެޖީއާ) އެއްގޮތަށް ކަންހިންގުމަށް މަގުދައްކައިދީ ވާނުވާ ބެލުމުގެ ޙަރަކާތަށް ކިޔާނަމެކެވެ. ޢާއްމު ގޮތެއްގައި ގަވަރނަންސްގެ ތެރޭގައި އެތަނެއްގެ ސަގާފަތާއި، ޤައުމީ މުއައްސަސާތަކާއި ހިންގުމުގެ ބާރުތައް ތަންފީޒުކުރެވޭގޮތް ހިމެނެއެވެ. އަދި ރައްޔިތުންނަށް ބަސްބުނުމުގެ ޙައްގު އޮތުމާއި މުޖްތަމަޢުގެ ވިންދަށް ބަލައިގެން އެކިކަންކަން ނިންމުންވެސް ހިމެނެނީ ގަވަރނަންސްގެ ތެރޭގައެވެ.

ޙަޤީޤަތުގައި "ގަވަރނަންސް" މި ލަފުޒަކީ އާ މަފްހޫމެއް ނޫނެވެ. މިއީ އިންސާނީ ޙަޟާރަތުހާ ޤަދީމީ އެއްޗެކެވެ. ވަރަށް ސާދާ ގޮތަކަށް "ގަވަރނަންސް" މާނަ ކުރާނަމަ އެއީ ނިންމުންތައް ނިންމާ އުޞޫލާއި އެ ނިންމުންތައް ތަންފީޒުކުރާ (ނުވަތަ ތަންފީޒު ނުވާ) ގޮތެވެ. ތަފާތު ނަންއިތުރުތަކާ ގުޅުވައިގެން "ގަވަރނަންސް" ބޭނުންކުރެވެއެވެ. މިސާލަކަށް: ކޯރޕަރޭޓް ގަވަރނަންސް، އިންޓަރނޭޝަނަލް ގަވަރނަންސް، ނޭޝަނަލް ގަވަރނަންސް، އަދި ލޯކަލް ގަވަރނަންސް ފަދަ ނަންތަކަކީ ޢާއްމުކޮށް އިވޭ، އެކުވި ލަފުޒުތަކެވެ.

ގަވަރނަންސަކީ ނިންމުންތައް ނިންމުމާއި ނިންމާ ނިންމުންތައް ތަންފީޒުކުރުމުގެ ނިޒާމުކަމަށް ވާހިނދު، ގަވަރނަންސްގެ ޙަރަކާތްތައް ދިރާސާކުރާ ފަރާތްކުގެ ނަޒަރު ސީދާވާނީ ނިންމުންތައް ނިންމުމުގައްޔާއި ނިންމާ ނިންމުންތައް ތަންފީޒުކުރުމުގައި ރަސްމީ ގޮތުންނާއި ނުރަސްމީގޮތުން ނުވަތަ ސީދާގޮތުންނާއި ނުސީދާ ގޮތުން ޙަރަކާތްތެރިވާ ފަރާތްތަކުގެ މައްޗަށެވެ. އަދި ނިންމުންތައް ތަންފީޒުކުރުމުގައި ރަސްމީ ގޮތުންނާއި ނުރަސްމީ ގޮތުން ހަމަޖެހި ޤާއިމުކުރެވިފައިވާ އޮނިގަނޑުގެ މައްޗަށެވެ.

ސަރުކާރަކީ ގަވަރނަންސްގައި ޙަރަކާތްތެރިވާ އެއް ފަރާތެވެ. ގަވަރނަންސްގެ އެހެން ބައިވެރިންގެ މިންވަރާއި ފެންވަރާއި ނިސްބަތަކީ މަޝްވަރާގެ މަތީން ސަރުކާރުގެ ފެންވަރުން ތަފާތުވާނެ އެއްޗެކެވެ. މިސާލަކަށް، ރަށްފުށުގެ ސަރަޙައްދުގައި ގަވަރނަންސްގެ އެހެން ބައިވެރީންނަށް ވާނީ ނުފޫޒުގަދަ މުދާވެރީންނާއި އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކާއި ކޯޕަރޭޓިވްސްތަކާއި ޢިލްމީ އިދާރާތަކާއި ހަރު މީހުންނާއި ދީނީ ޢިލްމުވެރިންނާއި މާލީ އިދާރާތަކާއި، ސިޔާސީ ޕާޓީތަކާއި ޤައުމީ ސަލާމަތީ ބާރުތައް ކަމުގައި ވެދާނެއެވެ. ތަރައްޤީ ވެފައިވާ ޝަހަރު (އަރބަން އޭރިޔާ) ނުވަތަ މިޒަމާނުގެ ބަހުރުވައިންނަމަ ސިޓީތަކުގައި މިޙާލަތު މާ އޮޅުންބޮޅުންވާނެއެވެ.

މިހުރިހައި ވާހަކަތަކެއް އަޅުގަނޑު ދެންނެވި ކަމުގައި ވިޔަސް ހެޔޮ ވެރިކަމުގެ (ގުޑް ގަވަރނަންސް) ނިޒާމެއްގައި މައިގަނޑު 8 ސިފައެއް ފުރިހަމަވާންޖެހޭ ކަމަށް މިކަމާ ބެހޭ ޢިލްމުވެރިން ވިދާޅުވެއެވެ. މި 8 ސިފައަކީ:

1- އެންމެންގެ ބައިވެރިވުން:
އަންހެނުންނާއި ފިރިހެނުންގެ ބައިވެރިވުމަކީ ފުރިހަމަ ގަވަރނަންސް ނިޒާމެއްގައި އެންމެ މުހިއްމު އެއް ރުކުނެވެ. މި ބައިވެރިވުމަކީ ސީދާގޮތުން ނުވަތަ ޤާނޫނީ މުވައްސަސާއެއްގެ ތެރެއިން ނުވަތަ މަންދޫބުން މެދުވެރިކޮށްބައިވެރިވާ ބައިވެރިވުމަކަށްވެސް ވެދާނެއެވެ. އަދި މި ބައިވެރިވުމުގެ ޙައްޤު މުޖްތަމަޢުގެ އެންމެ ނިކަމެތި މީހާއަށް ވެސް އޮންނަންވާނެއެވެ. މިފަދަ ބައިވެރިވުން ވާންޖެހޭނީ ރޭވި އިންތިޒާމުކުރެވިގެން އަދި މަޢުލޫމާތު ދެވިގެން ބައިވެރިވާ ބައިވެރިވުމެއް ކަމުގައެވެ.

2- ހަރުދަނާ ޤާނޫނީ އުޞޫލުތައް:
އިންސާފުވެރި ޤާނޫނީ އޮނިގަނޑަކީ ހަރުދަނާ ގަވަރނަންސަކަށް ކޮންމެހެން ބޭނުން އެއްޗެކެވެ. އަދި ޤާނޫނާ ޤަވާޢިދު އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ތަންފީޒުކުރެވެންވާނެއެވެ. މި ގޮތަށް ޤާނޫނާއި ޤަވާޢިދު ތަންފީޒުކުރެވޭނީ ޢަދުލުއިންސާފުގެ މިނިވަން ނިޒާމަކާއި ފަސާދަ ނުވާނެ ފުލުހުންގެ ޢަދުލުވެރި ބާރެއް އޮވެގެންނެވެ.

3- ހާމަކަން:

މިތާނގައި އަޅުގަނޑު "ހާމަކަން" މި މާނަކުރަނީ ނިންމުންތައް ނިންމުމުގައި އެ ނިންމުމަކުން އަސަރު ފޯރާނެ އެންމެންނަށް އެނގޭ ފަދަ ގޮތަކަށް ހަމަޖެހިފައިވާ އުޞޫލުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޢަމަލުކުރުމަށެވެ. އަދި މިފަދަ ނިންމުންތަކުގެ މަޢުލޫމާތު އެންމެ ދެރަ ނިކަމެތި މީހާއަށްވެސް ދޭހަވާފަދަ ގޮތެއްގައި ހިލޭ ލިބޭން ހުންނާނޭ ފަދަ އިންތިޒާމެއް ހަމަޖެހިފައި އޮތުމަށެވެ. ދެފުށްފެންނަ ގޮތަށް މިއީ މި މާނަކަމަށް ހަދައިގެން ބައެއް މީހުން ބޭނުންކުރާ ލަފުޒެކެވެ. ނަމަވެސް ހަމައެކަނި ދެފުށް ފެނުމަކީ ހާމަކޮށް ހަމެއް ވީ ކަމަކަށް ނުވާނެ އެވެ. ހަ ފަރާތްވެސް ފެންނަން ވާނެ އެވެ. އެތެރެވެސް ފެންނަންވާނެ އެވެ.

4- އަވަހަށް އިޖާބަދިނުން:
ހަރުދަނާ "ގަވަރނަންސް"އެއްގައިނަމަ ޚިދުމަތްދޭ ފަރާތްތަކަށް އެކަށީގެންވާ ކުރުމުއްދަތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް، ނުވަތަ ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް، ހުރިހާ މުވައްސަސާއަކުން އަދި ހުރިހާ ނިޒާމަކުން މަސައްކަތްކުރަންޖެހޭނެއެވެ. މިސާލަކަށް ކުންފުންޏެއް ރަޖިސްޓަރީ ކުރަން، އެކަމާ ބެހޭ ޤާހޫނީ އިދާރީ މާލީ ހުރިހާ ކަމެއް ނިންމުމަށް ފަހު އެކަމާ ބެހޭ އިދާރާއަށް ހުށަހެޅުމުން "ރެގިސްޓްރާރ އޮފް ކޮމްޕެނީޒް" އަށް ވަގުތު ލިބިވަޑައި ނުގަންނަވާ ކަމުގެ ބަހަނާގައި ދެމަސް 3 މަސް ދުވަހު ލަސްވުމަކީ "ރެޖިސްޓްރާރ އޮފް ކޮމްޕެނީސް" ގެ މަޤާމުގެ ބޭނުމާ މެދު ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެކެވެ. ވީމާ ހަމަޖެހިފައިވާ އުޞޫލެއްގެ މަތީން އެކަމަށް އިޖާބަދެވެންވާނެ އެވެ.

ރަނގަޅު މިސާލެއް ދަންނަވާނަމަ، ބޭންކް އޮފް މޯލްޑިވްސްގައި ބަޔެއް ދުވަސް ދުވަހު ނަންބަރު ނަގައިގެން މަޑުކުރަންޖެހޭ މަޑުކުރަންޖެހުމަކީ ޚިދުމަތުގެ ލަސްވުމެއް ނޫނެވެ. އޭނާއަށް ޚިދުމަތް ލިބޭނެ އިރު އޭނާއަށް އެނގެެއެވެ. އޭނާގެ ކުރީން އަދި 100 މީހުން ޚިދުމަތަށް އެދިފައި އެބަ ތިބި ކަމާއި އެހެންކަމުން އޭނާއަށް ޚިދުމަތް ލިބޭނީ ގާތްގަނޑަކަށް ގަޑިއެއްހާ އިރު ފަހުންކަން އެނގޭނެ އެވެ. އެހެންކަމުން މިއީ މައްސަލައެއް ނޫނެވެ. އެކަމެއްގެ އިޖުރާއާތާއި ހަމަހަމަކަން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޤަބޫލުކުރެވޭނަމަ ސުވާލެއް ނޫފައްދާނެ އެވެ.

5- ހަމަހަމަކަމާއި ބައިވެރިކުރުން:
މުޖްތަމަޢުގެ ހިތްހަމަޖެހުން ބިނާވެފައި އޮންނާނީ މުޖްތަމަޢުގެ ކޮންމެ ފަރުދަކަށްވެސް އެމީހެއްގެ ޙިއްޞާ މުޖްތަމަޢުގައި އޮތްކަން އިޙްސާސްކުރެވިގެންނެވެ. އަދި އެމީހެއްގެ ޙިއްޞާ ނުވަތަ ޙައްޤު އިހުމާލުކޮށްނުލެވޭނެ ކަމުގެ ޔަޤީންކަން ހުރިހާ ގިންތިއެއްގެ ހުރިހާ ފަންތިއެއްގެ ރައްޔިތުންނަށް ލިބިގެންނެވެ. މިކަމުން މުޖްތަމަޢުގެ ހުރިހާ ފަރުދުންނަށް، ޙާއްޞަކޮށް އެންމެ ނިކަމެތި މީހާއަށްވެސް އެމީހެއްގެ ދިރިއުޅުން ތަރައްޤީ ކުރުމުގެ ފުރުޞަތު ފަހިވެފައި އޮންނަންވާނެ އެވެ.

6- މުޖްތަމަޢުގެ ވިސްނުމަށް ރިޢާޔަތްކުރުން:
މުޖްތަމަޢެއްގައި ޙަރަކާތްތެރިވާ ވަރަށްގިނަ ޙަރަކާތްތެރީންނާއި ތަފާތު ގިނަ ޚިޔާލުތަކެއް ހިމެނޭނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިފަދަ ތަފާތުތަކުގެ މައްޗަށާއި މުޅި ޖަމާޢަތުުގެ ބޭނުމާއި ޝައުޤްގެ މައްޗަށް ރިޢާޔަތްކޮށްގެން ދެމެހެއްޓެނިވި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރެވޭނެ މެދުމިނުގެ ޙައްލެއް ހޯދުމަކީ ހަރުދަނާ ގަވަރނަންސެއްގައި އެކުލެވޭ ސިފައެކެވެ. މިކަންކަމުން ފުރިހަމައެއް ޙާޞިލުކުރެވޭނީ އެ މުޖްތަމަޢެއްގެ ތާރީޚީ، ސަގާފީ އަދި އިޖްތިމާޢީ ފަސްމަގާއި ވިންދު ރަނގަޅަށް އެނގިގެންނެވެ.

7- ޤާބިލިއްޔަތާއި ނަތީޖާ ފެނުން:
ހަރުދަނާ "ގަވަރނަންސް"އެއްގެ ބޭނުމަކީ ނުވަތަ މާނައަކީ، ޤައުމީ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން މުޖްތަމު ބޭނުންވާފަދަ ހެޔޮ ނަތީޖާއެއް ނެރުމެވެ. ފަސާދައަށް ފުރުޞަތު ނުދީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ކަންކަންކުރެވޭނެ ހަރުދަނާ ނިޒާމެއްގެ ދަށުންނެވެ. މިތާނގައި "ޤާބިލިއްޔަތު"ގެ މަފްހޫމުގައި ޤުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިފުމާއި ތިމާވެށި ޙިމާޔަތް ކުރެވޭފަދަ ގޮތަކަށް މަސައްކަތްކުރުންވެސް ހިމެނެއެވެ.

8- ޒިންމާދާރުވުން:
ޒިންމާދާރުވުމަކީ ހަރުދަނާ "ގަވަރނަންސް"އަކަށް ބޭނުންވާ މައިގަނޑު އަސާސެވެ. ސަރުކާރުގެ މުއައްސަސާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކާއި މަދަނީ ޖަމާޢަތްތަކުންވެސް އެބަޔަކު ކުރާކަމެއްގެ ޒިންމާ އުފުލައި، ޢާއްމު ރައްޔިތުންނަށް ޖަވާބުދާރީވާން ޖެހޭނެއެވެ. ޖަވާބުދާރީވެ ޒިންމާ އުފުއްލަން ޖެހެނީ އެ ނިންމުމަކުން ނުވަތަ އެ ޢަމަލަކުން އަސަރުފޯރާނެ ހުރިހައި ފަރާތްތަކަށެވެ. ޤަވާޢިދާއި ޤާނޫނަށް ޙުރުމަތްތެރިކޮށް ނުހިތޭނަމަ ނުވަތަ ހާމަކަން ނެތް ގޮތެއްގައި ކަންތައް ކުރެވޭނަމަ ޖަވާބުދާރީއެއް ނުވެވޭނެއެވެ. ޒިންމާދާރެއް ނުވެވޭނެއެވެ.
        
އިސްވެ ދެންނެވުނު ކަންތައްތަކަށް ނަޒަރެއް ހިންގަވައިފިނަމަ، ހަރުދަނާ ގަވަރނަންސަކީ (ހެޔޮ ވެރިކަމަކީ) އެ ހުރިހައި ސިފަތަކެއް (ސައްތައިން ސައްތަ) ޙާޞިލުކުރެވޭނެ އެއްޗެއް ނޫންކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ. މި ބަޔާންކުރި ކަންކަމާ ކައިރި މިންވަރަކަށްވެސް އެ ސިފަތައް ޙާޞިލުކުރެވިފައި ވަނީ ހާލަކުން ޤައުމަކަށެވެ. އެހެންނަމަވެސް ދެމެހެއްޓެނިވި އިންސާނީ ތަރައްޤީއެއްގެ ޔަޤީންކަން ހޯދަން އެދެނީނަމަ، ކޮންމެ ޖަމާޢަތަކުންވެސް ކޮންމެ ޤައުމަކުންވެސް މަސައްކަތް ކުރަންވާނީ މި ޚިޔާލުތައް ޙަޤީޤަތަކަށް ހެދުމުގެ ގަސްތު އޮވެގެންނެވެ. ތެދުވެރިކަމާއި އިޚުލާޞްތެރިކަމާ އެކީގައެވެ. އަދި ޤައުމީ ކޮންމެ ފިޔަވަޅެއްވެސް އަޅަންވާނީ މި ޚިޔާލުގެ އިމުގެ ތެރޭގައެވެ. މި އަމާޒަށް ވާޞިލުވުމަށްޓަކައެވެ.
--------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ