އަދުގެ ޚާއްސަ

Print

ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކުރަން ގެންގުޅުނު ތަކެއްޗާއި ތަންތަނަށް ކިޔާ ނަންތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

1.ފެށުން

ދިވެހީންނަކީ އިހު އެވޭލާ ޒަމާނުއްސުރެ ދީނީ ކަންކަމަށް ސަމާލުކަން ދިން ބަޔެކެވެ. އެހެނީ ދިވެހިންގެ އެންމެ ދުވަސްވީ އާސާރު ކަމަށް ބެލެވިފައި ވަނީ ދީނީ އެކިއެކި ކަންކަމުގައި ހަދައިފައިވާ ބިނާތަކެވެ. މިފަދަ ތަންތަން ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ފެންނަން އެބަހުއްޓެވެ. ރާއްޖެއަށް އިސްލާމްދީން އައުމާ ގުޅިގެން ރައްޔިތުން އިސްލާމްދީން ބަލައިގަތީ އެއް ފަހަރާކަމަށް ޤަބޫލުކުރެވޭކަށް ނެތެވެ. އަދި ރާއްޖޭގެ އެންމެން އިސްލާމްދީން ޤަބޫލުކުރީ އެންމެން އެކަމަށް ރުހިގެންކަމަށް ވެސް ބުނެވޭކަށް ނެތެވެ. ދިވެހީން އެ މީހުންގެ ބުދު ދީނުގެ ނުވަތަ ހިންދީ ދީނުގެ ޢަޤީދާ ހިތުން ރުހުމުން ބަދަލުކޮށް އިސްލާމް ދީނަށް ބަދަލުވިނަމަ ކުރިން އެ މީހުން އަޅުކަން ކޮށް އުޅުނު ތަންތަން ތަޅައި ސުއްނާފަތި ކޮށްލީސްކަމަށް ބެލެވެއެވެ. ނަމަވެސް މި ފަދަ ތަންތަން ހުރީ ހަލާކުނުކޮށް ފަސްއަޅައި ފޮރުވައިފައެވެ.


މި ފަދަ ތަންތަން ނުވަތަ މިފަދަ ތަންތާގެ އަސަރުތައް ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުން ވެސް ފެންނާން އެބަހުއްޓެވެ. މިފަދަ އާސާރުތައް މި ޒަމާނަށް އައިއިރު ވެފައިވަނީ ވަރަށް އަގުހުރި ތާރީޚީ ތަރިކަތަކަކަށެވެ. އެ ތަންތާނގެ ސަބަބުން  ދިވެހި ކާބަފައިން އިހު ޒަމާނުގައި އަޅުކަންކޮށް އުޅުނު ތަކެއްޗާއި ތަންތަން ދެނެގަތުމަށް ހިސާބެއްގެ އަލިކަމެއް ލިބެއެވެ.

މިލިޔުމުގައި އަޅުގަނޑު ބަލާލާފައިވާނީ ދިވެހިން ޤަދީމީ ޒަމާނުގައި އަޅުކަންކޮށް އުޅުނު ތަކެއްޗާއި ތަންތަނަށް ކިޔާ ނަންނަމުގެ މައްޗަށެވެ. ރާއްޖޭގައި އިހު ހުރި މި ބާޥަތުގެ ދީނީ ބިނާތަކަކީ ކޮބައިކަމާއި، އެތަންތާނގެ ބޭނުމާއި އެފަދަ ތަންތަން ހެދިފައިހުރި ގޮތުގެ އިތުރުން ފާހަގަކުރެވޭ މިފަދަ ބައެއް ތަންތަނާ ބެހޭ މަޢުލޫމާތު ކުރު ގޮތަކަށް މި ލިޔުމުގައި ހިމަނައިފައިވާނެއެވެ.

2- ދިވެހި ކާބަފައިން އަޅުކަންކުރި ބިނާތައް

2.1. ދާގަބާ
ދާގަބާތަކަކީ ބުދު ދީނާއި ހިންދީ ދިނުގެ މީހުން އަޅުކަން ކުރުމަށްޓަކައި ވަކި ގޮތަކަށް ހެދިފައިވާ ބިނާތަކެކެވެ. މިފަދަ ބިނާތައް ރާއްޖޭގެ އެކި ރަށްތަކުން ވަރަށް ގިނަ އަދަދަކަށް ފެނިފައި އެބަހުއްޓެވެ. ހަބީބާ ޙުސައިން ޙަބީބު (1984) ހާމަ ކުރައްވާގޮތުގައި މިތަންތަން ފެނިފައިވަނީ ސިލޯނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން 1922 ވަނަ އަހަރު  ފެއްޓެވި ދިވެހިންގެ ބިންތައް ކޮންނެވުމުގެ މަސައްކަތުންނެވެ. މިކަމުގައި އިސްކޮށް ޙަރަކާތްތެރިވީ ދިވެހި ތާރީޚުގައި ނަން މަޝްހޫރު މިސްޓަރ ހެންރީ ޗާރލްސް ޕާރލްސް  ބެލްއެވެ. ދިވެހީން ކިޔާ ގޮތުންނަމަ ބެލްސާހަބެވެ. (ނުވަތަ ބެލިސާ އެވެ.) އާދެ! އެޗް، ސީ، ޕީ. ބެލް ދެތިން ފަހަރެއްގެ މަތިން ރާއްޖެއަށް ވަޑައިގެން ރާއްޖޭގެ އެކި ހިސާބުގައި ފޮރުވިފައިވާ އާސާރުތައް ހޯދައި ބެލުމުގެ މަސައްކަތް ކުރެއްވި އެވެ. މިގޮތުން އެޗް، ސީ، ޕީ. ބެލާއި އޭނާގެ ބައިވެރިން ދިވެހިންގެ ބިންތައް ކޮންނަވައިގެން ބެއްލެވިބެއްލެވެމުން ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޒަމާނަކަށް ބެލެވޭ ބުޑިޒަމާއި ހިންދުވިޒަމްގެ ޒަމާނުގެ  ދާގަބާތަކާއި، ހަވިއްތަތަކާއި، ހައިތަތަކާއި މީގެ އިތުރުން ބައެއްކަހަލަ ތަރާގަނޑުތަކާއި ވޭރުތައް ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެނިފައިވާ ކަމަށް ވެސްހާމަކުރައްވައެވެ.                                                                                                                                                                                                                             

މިފަދަ ތަންތަނަށް އެކި އަތޮޅުތަކުގައި  ތަފާތު ނަންނަމުން ނަން ކިޔައި އުޅުނުކަމުގައި ވިޔަސް މިއީހަމަ އެއްކަމަކަށް ނުވަތަ އެއްބޭނުމަކަށް ހެދިފައި ހުރި ތަންތަން ކަމަށް ނަސީމާ މުޙައްމަދު (2007) ހާމަކުރައްވައެވެ. މި ތަންތަނަން ކިޔައި އުޅެނީ " ދާގަބާ " ނުވަތަ " ސްޓޫޕާ " އެވެ   މިއީ ބުޑިސްޓުންގެ އިސް ފާދިރީންގެ ރަމްޒެއްގެ ގޮތުގައި ހެދިފައިވާ ތަންތަން ކަމަށްވެސް ވިދާޅުވިއެވެ. (ނަސީމާ މުޙައްމަދު ލިޔުންތެރިޔާގާތު ވިދާޅުވި ވާހަކަ، 9 އޮގަސްޓް 2007)

މީގެ އިތުރުން ރާއްޖޭގެ މާޒީ ހޯދުމަށްޓަކައި ކުރެވުނު މި މަސައްކަތުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަންވަނީ ލިބިފައެވެ. އޭގެތެރޭގައި، ކުރިންދެންނެވުނު  މިސްޓަރ އެޗް، ސީ، ޕީ. ބެލާއި  މަޝްހޫރު ޕޮރޮފެސަރ ތޯހައިދާލާއި، ޖޭ ސްޓޭންލީ ގާރޑިނަރާއި ނޯވޭގެ ޕްރޮފެސަރ އެގިލް މެކަލްސަނާއި  އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާގެ ޓީމުގެ އިތުރުން ރާއްޖޭގެ ބައެއް ހޯދުންތެރިން ވެސް ހިމެނިވަޑައިގަންނަވާކަމަށް ވެސް ނަސީމާ މުޙައްމަދު (2007) ހާމަކުރެއްވިއެވެ. މި ބޭބޭފުޅުންގެ ތަފާތު ހޯއްދެވުންތަކުގެ މައްޗަށް ރިޢާޔަތްކޮށް އަހުމަދު ޝަފީޤު (2000) ހާމަކުރައްވަނީ ދިވެހިންގެ އުފެދުން ތިންހާސް ފަސްސަތޭކައަހަރަށްވުރެ ދުރަށް ހިގައިދާނެ ކަމަށާއި މިތަނުގައި އިރަށް އަޅުކަން ކުރި ބަޔަކު އުޅުނުކަމަށް ގަލުގެ އެކި އެކި ނިޝާން ތަކުން ސާބިތުވާ ކަމުގައެވެ.

2.2  ސްޓޫޕާ:
ސްޓޫޕާ ނުވަތަ އިސްތޫޕާއަކީ ވެސް ބުދު ދީނުގެ މީހުން އަޅުކަންކޮށް އުޅުނު ބިނާއެކެވެ. ދާގަބާތައް ފަދައިން މިތަންތަންވެސް ބިނާކޮށްފައި ހުންނަނީ ވަށް ބައްޓަމަށެވެ. މިއީވެސް ހަމަ ދާގަބާފަދަ ތަނެއްކަމަށް ނަސީމާ އަޙުމަދު (2007) ދެކެވަޑައިގަންނަވައެވެ. އަދި މިތަންތަންވެސް ހުންނަނީ އަޅުކަމުގެ ކިއްލާގެ ތެރޭގައެވެ. ސްޓޫޕާގެ ސިފައަށް ނިސްބަތްކޮށް ރާއްޖޭގެ ބައެއް އަތޮޅުތަކުގައި (މިސާލަކަށް ހައްދުންމަތީގައި) އެއްޗިހި ސިފަކޮށްފައި ހުރެއެވެ. މިސާލަކަށް ތައްޓަކަށް ނުވަތަ ސަމުސަލަކަށް އުސްފުންޏަށް އެއްޗެއް އެޅުމަކީ "އުސްތުނބަށް" އެޅުން ކަމަށްކިޔައެވެ. އެހެންވީމާ މި ފަދަ ތަންތަން ވެސް ހުންނަނީ ތިރިއަށް ފަލަކޮށް މައްޗަށް ހިމަކޮށް ކަން އެބަ ދޭހަވެއެވެ.

2.3 ވިހާރަ:
ވިހާރައަކީވެސް ބުދު ދީނުގެ މީހުންގެ އަޅުކަމުގެ ކިއްލާގެ ތެރޭގައި ބިނާކޮށްފައި ހުންނަ ޢިމާރާތެކެވެ. ވިހާރައާއި ދާގަބާ އާއި ސްޓޫޕާ (ނުވަތަ އިސްތޫޕާ) ތަފާތު ކޮށްދޭ އެންމެ ބޮޑު ފާހަގަ އަކީ ސްޓޫޕާ އާއި ދާގަބާ ބިނާކޮށްފައި ހުންނަނީ ވަށްކޮށް (ވަށް ބައްޓަމަށް) ކަމަށް ވެފައި ވިހާރައަކީ ހަތަރެސްކަނަށް ހުންނަ ތަނަކަށް ވާ ކަމެވެ. މިއީ އަޅުކަމުގެ ކިއްލާގެ ތެރޭގައި ހިމެނޭ ޢިމާރާތެކެވެ.

2.4 ޕިރިވޭނަ:
ޕިރިވޭނައަކީވެސް އަޅުކަމުގެ ކިއްލާގެ ތެރޭގައި ހިމެނޭ ތަނެކެވެ. ނަމަވެސް މިއީ ހާމުދުރުންނާއި ޢިލްމުވެރިންނާއި އެ މީހުންގެ ޢާއިލާ ދިރިއުޅުމަށް ހަދައިފައިވާ ޢިމާރާތެކެވެ. މިއީ ޙަޤީޤަތުގައި އަޅުކަންކުރަން ބޭނުންކުރާ ޢިމާރާތެއް ނޫނެވެ. ނަމަވެސް މިތަން ވެސް ހުންނަނީ އަޅުކަމުގެ ކިއްލާގެ ތެރޭގައި ކަމަށް ވާތީ މި ތަނަކީވެސް އަޅުކަމުގެ ޢިމާތްތަކުގެ ތެރޭގައި ހިމެނޭ ތަނެއް ކަމުގައި ބެލެވެއެވެ.

2.5  ވޭރު (މޮނާސްޓްރީ)
ވޭރަކީ އަޅުކަމުގެ މުޅި ކިއްލާއެވެ. މުޅި ސަރަޙައްދުގައި ހިމެނޭ ހުރިހާތަންތަނެވެ. ދާގަބާ އާއި ސްޓޫޕާއާއި ޕިރިވޭނަ އާއި ވިހާރަ ފަދަ ހުރިހާ ޢިމާރާތެއް ހިމެނެނީ މި ސަރަޙައްދު (ކެމްޕަސް) ގެ ތެރޭގައެވެ. ދިވެހީންގެ މިޒަމާނަށް އައިއިރު މިތަންތާނގެ އަޞްލު ގެއްލިފައިވުމުގެ ސަބަބުން މި ފަދަ ތަންތަނަށް، އެތަނުގެ ސިފައަށާއި އެތަނުން ފެނުނު އެއްޗިއްސަށާއި ތުންތުންމަތިން ދެކެވެމުން އައ ވާހަކަތަކަށް ބަލައިގެން އެކި އަތޮޅުތަކުގެ ބަހުރުވައިން މިތަންތަނަށް ނަންދީފައި ހުރެއެވެ. މިފަދަ ނަންތަކުގެ ތެރޭގައި ވޭރު، އުސްގަނޑު، ހައްތެލި، ހައިތެ، ހަތްކެ، ހަވިއްތަ، އުސްތުނބާ، މާބުދުގެ، ތަރާގަނަޑު، ފޯއްމަތި ފަދަ ނަންނަން ކިޔައިފައި ހުރެއެވެ.


3-   އާސާރީ ދީނީ ބިނާތައް ހެދިފައިވާ ގޮތް

ރާއްޖޭގައިހުރި މިފަދަ ތަންތަން ހެދިފައިހުރި ގޮތަށް ބަލާއިރު މިއީ ވަރަށްވެސް ވަރުގަދަ ނިޒާމެއްގެ މަތިން ހެދިފައިވާ ތަންތަންކަން ފާހަގަ ކުރެވޭކަމަށް ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވައެވެ.  އެފަދަ ބައެއް ތަންތަނަކީ ވައްކޮށް ޕްލެޓްފޯމެއްގެ މަތީގައި ހަރުފަތްތަކެއްލާފައި ހެދިފައި ހުންނަ ތަނެކެވެ. މީގެ ބުޑުދޮށުގެ މަތީކައިރި ޒީނަތްތެރިކުރެވިފައިވަނީ " ރޭލިންގ ޕެޓަރން" (ފަތިން ހަދާފައިވާ "ފުޅަފެއް")ގެ ޑިޒައިން) އަކުންނެވެ. މިއީ އިހުޒަމާނުގެ ބުޑިސްޓު ތަންތާގައި ކަނޑައި ނަގާފައިވާ ފަރުމާއެކެވެ. ބުޑުދޮށުން ފެންނާން ހުންނަ ސަމިޔާ ( އެތެރެއަށް ބަނޑިލާގޮތަށް ހަދައިފައިވާ ތައްގަޑެއް) އާއި ޓޯރަސް (ވައްބުރެއްގެ އެއްފަޅި ދައްކާފައިވާގޮތަށް ހަދާފައިވާ ތައްގަނޑެއް) އާއި އަދި އެތާގެ އެންމެ މަތިބައިގައިވާ ފިލެޓް (ދެ ތައްގަނޑު ވަކިކުރެވޭބައި) ތަކަކީ ސިލޯނުގައި ހުންނަ މުސްކުޅި އިސްތޫޕާތަކުގައިވެސް ހުންނަ ތަންތަނެވެ. އެހެން ކަމުން  ދެންނެވޭނީ ރާއްޖޭގައި ހުރި މިފަދަތަންތާގެ ފަރުމާ އަކީ އަވަށްޓެރި އޮޅުދޫކަރަޔާއި އުތުރުކަރައިގެ އުފެއްދުންތައް ކަމުގައެވެ. ނަމަވެސް ތޮއްޑޫގައިހުރި އިސްތޫޕާގެ ބުޑުގަނޑާއި ބުޑުގަނޑުގެ އެންމެ މަތީކައިރިއާ ދެމެދުގައި ދިގަށް ފެންނަށްހުރި ބަޔަކީ ސިލޯނުގެ އިސްތޫޕާތަކުގައި ހުހަށް ދޫކޮށްފައި ހުންނަ ތަންތަނެވެ.  މީގައި މިވަނީ ބުޑިސްޓު ދީން ފެށުނު އިރާ ކައިރީގައި ސިލޯނާއި އިންޑިޔާގެ ކުރެހުންތަކާއި އެމީހުންގެ ޢިމާރާތްތަކުގައި ބޭނުން ކުރަމުން އައި "ރޭލިންގ ޕެޓަރން"އަކުން ޒީނަތްތެރި ކުރެވިފައެވެ. މީގެ ބައެއް ދާގަބާ ތައް އެތެރެއަށް ވަދެވޭގޮތަށް ހެދިފައި ހުރިކަމުގައި ވިޔަސް އަނެއްބައި ދާގަބާތަކަކީ އެތެރެއަށް ވަދެވޭ ގޮތަށް ހެދިފައިވާ ތަންތަން ނޫން ކަމަށް ވެސް ނަސީމާ މުޙައްމަދު (2007) ހާމަކުރައްވާފައިވެއެވެ.   އެޗް، ސީ، ޕީ. ބެލާ ހަވާލާދެއްވައި ޙަބީބާ ޙުސައިންޙަބީބު (1984) ހާމަ ކުރައްވާ ގޮތުގައި، ރާއްޖެގައި ހުރި ހަވިއްތަ، ދާގަބާ ، ވޭރު ، ވަޅު، ވެޔޮ ފަދަ ތަންތަން ހެދިފައިވަނީ ސްރީލަންކާގެ އަނުރާދަޕޫރާގައި ހެދިފައިހުރި ބުދުދީނުގެ މަރުކަޒުތަކުގައި ހިމެނޭ ދާގަބާތަކާއި ސްރީލަންކާގައި ހުރި"ޕޮކްނާއާ" އެއްގޮތަކަށެވެ.

މިފަދަ ސާބިތު ހެކިތަކުގެ ސަބަބުން  ރާއްޖޭގައި ހުރި މިފަދަ ތަންތަނަކީ އޭރު ރާއްޖޭގައި އުޅުނު ވަޒަންވެރިން އަޅުކަންކޮށް އުޅުނު ދީނީ ބިނާތަކެއްކަން އެނގެއެވެ.  
 

4-  ދިވެހިން ޤަދީމީ ޒަމާނުގައި އަޅުކަންކޮށް އުޅުނު ތަންތަން

ދިވެހިރާއްޖޭގައި ކާބަފައިން އަޅުކަންކޮށް އުޅުނު ތަންތަނާ ބެހޭ ގޮތުން ލިޔާ މި ފަދަ ލިޔުމެއްގައި އެފަދަ ތަންތަން ހުރި ރަށްރަށާ ބެހޭ ގޮތުން ހިސާބަކަށް ވާހަކަދައްކައިލުމަކީ ބޭނުންތެރިކަމެއްކަމަށް ދެކެމެވެ. ރާއްޖޭގެ އެކި ސަރަޙައްދުތަކުން  މިފަދަ އާސާރީ ބިނާތައް  ފެނިފައިވީކަމުގައި ވިޔަސް މިތަންތަނާބެހޭ މާ ބޮޑު ސައިންޓިފިކް ދިރާސާއެއް ކުރެވިފައި ނުވާކަމަށް  ނަސީމާ މުޙައްމަދު (2007) ހާމަކުރައްވައެވެ. ނަމަވެސް ބައެއް ތަންތަނަކީ ކޮންމެވެސް ވަރެއްގެ ހޯދުންތަކެއް ހޯދިފައިވާ ތަންތަނެވެ. މިތަންތަން ރަނގަޅު ފެންވަރަކަށް ތަޙުލީލުކުރެވިއްޖެނަމަ އިތުރު  މަޢުލޫމާތާއި ޙަޤީޤަތްތައް ހާމަވެގެންދާނެކަމަށްވެސް  ވިދާޅުވެއެވެ. މި ދެންނެވުނު ތަންތަނާމެދު ލިޔެވިފައިވާ ލިޔުންތަކަށް ބަލައި ހޯދުނު މަޢުލޫމާތުގެ އަލީގައި ރާއްޖޭގައި ހުރި މިފަދަ މުހިއްމު ތަންތަނާ ބެހޭ މަޢުލޫމާތުކޮޅެއް ހުށަހަޅައިލަމެވެ.
                                     
4.1 ލަންދޫ މާބުދުގެ
ލަންދޫ މާބުދުގެ އަށް  މި ރަށުގެ މީހުން ކިޔައި އުޅުނީ " ހަތްކަ " ނުވަތަ "ހައިކަ" އެވެ. އަދި "މާބަދިގެ ހަތްކެއި ހައިތަ" ވެސް މިތަނަށް ކިޔައެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރެކޯޑްތަކުން ދައްކާ ގޮތުގައި މިތާގެ ބޮޑު މިނަކީ 292 ފޫޓެވެ. އުސްމިނަކީ 28 ފޫޓެވެ. މީލާދީން 1900 ވަނައަހަރު މިސްޓަރ ޖޭ ސްޓެންލީ ގާރޑްނަރ ކިޔާ ބޭފުޅަކު މިސަރަޙައްދު ބެލި ބެލުމުން ފެނުނު ވަޅެއްގެ ތެރެއިން ރަނާއި އަދި ރަންވަން ލޮއިން ހަދާފައިވާ ޑިސްކު ތަކެއް ފެނިފައިވާކަމަށް އެޗް. ސީ. ޕީ. ބެލްގެ މޮނޮގްރާފްގައި ހާމަ ކުރައްވައެވެ. އަދި މިތަކެތި ވަނީ އެދުވަސްވަރު ވިރުވައި ހަލާކު ކޮށްލެވިފައެވެ.  މިހާރު މިތަންވަނީ ވަރަށްބޮޑަށް ތިރިވެފައެވެ.  " އާކިއޮލޮޖިކަލް ސާރވޭ އޮފް އިންޑިޔާ" އިން ރާއްޖެ ފޮނުއްވި ޓީމަކުން 1987 ވަނައަހަރު މިތަން ސާރވޭ ކޮށްބެލި އިރު މިތަނުން ފެނިފައިވަނީ ބުޑިސްޓު ދީނުގެ އެކުވެންޏެއް (މޮނާސްޓްރީއެއް) ކަމަށާއި މިތާގައިހުރި އިސްތޫޕާއަކީ މި އެކުވެނީގެ އެންމެ ބޮޑުތަންކަމަށް އެޗް. ސީ. ޕީ. ބެލް އާއި ޙަވާލާދީ ނަސީމާ މުޙައްމަދު (2007) ހާމަކުރައްވައެވެ. މީގެ އިތުރުން މިތާގައި ފައްޅިއަކާއި އިތުރު ކުޑަ ފަސް އިސްތޫޕާވެސް ހުއްޓެވެ. އަދި މިތަންތަން މިހާރުވަނީ ހަލާކު ކޮށްލެވިފައިކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

4.2  ކުރެންދޫ ތަރާގަނޑު
ފާދިއޕޮޅު ކުރެންދޫ އިރުދެކުނު ކޮޅުގައި "ތަރާގަނޑު" ކިޔާ އާސާރީ ސަރަޙައްދުން އިސްތޫޕާއެއްގެ ތަކެތި ފެނިފައި ވުމުން މިތަނަކީ ކުރީ ޒަމާނުގައި އިސްތޫޕާއެއް ހުރި ތަނެއްކަމަށް އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠުފީއާއި ޙަވާލާދީ ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވައެވެ. މިތަނުގެ ބޮޑުމިނަކީ ދިގުމިނުގައި 132 ފޫޓް، ފުޅާމިނުގައި 80 ފޫޓެވެ.  ނަމަވެސް ވީރާނާވެ ހަލާކު ވުމުގެ ސަބަބުން މިހާރު މިތަންވަނީ ވަރަށް ތިރިވެފައިކަމަށްވެސް ހާމަ ކުރައްވައެވެ.
                                 
4.3 ކާށިދޫ ކުރުހިންނަ ތަރާގަނޑު
މިއީ މިހާތަނަށް ޢިލްމީ ގޮތުން ދިރާސާ ކުރެވިފައިވާ މިފަދަ ހަމައެކަނި ތަނެވެ. ކާށިދޫ ކުރު ހިންނަ ތަރާގަނޑު  ދިރާސާކުރެއްވުމަށް 1958 ވަނަ އަހަރު ތާރީޚު ކޮމެޓީން ޓީމެއް ފޮނުއްވިއެވެ. އެ ރަށު މީހުން އިހުގައި އެތަނަށް ކިޔައި އުޅުނީ " ބޮޑުގާފުނި" ކަމަށް ނަސީމާ މުޙައްމަދު  (2007) މިދާޅުވިއެވެ.  މިތަން ސައިންޓިފިކް ގޮތަކަށް ކޮނެ ބެލުނީ 1996ން 1998 ގެ ނޔަލަށް ދިވެހި ސަރުކާރުން ކުރެއްވި ބުރަ މަސައްކަތުންނެވެ. މި މަސައްކަތްކުރީ ނޯރވޭގެ އޮސްލޯ ޔުނިވަރސިޓީގެ ޕްރޮފެސަރ އެގިލް މިކަލްސަން ކިޔާ އާކިއޮލޮޖިސްޓެއްގެ ޚާއްޞަ ބެއްލެވުމުގެ ދަށުންނެވެ. މިތަނަކީ މީލާދީން ގާތްގަނޑަކަށް 4 ވަނަ ޤަރުނުން ފެށިގެން 10 ވަނަ ޤަރުނާ ހަމަޔަށް ބުޑިސްޓު ދީނުގެ ވޭރެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. މިތަނުން ފެނިފައިވާ އިންސާނުންގެ ކަށިތަކުގެ ތެރެއިން ކަށިގަނޑެއް ކާރބަނޭޑް ކުރި ކުރުމުން އެގުނީ އެކަށިގަނޑަކީ މީލާދީން 9 ވަނަ ޤަރުނާއި 10 ވަނަ ޤަރުނުގައި މަރުވެފައިވާ މީހެއްގެ ކަށިގަނޑުކަމަށެވެ.  ސްރީލަންކާގެ ޕޮރޮފެސަރ ސޭނަކަބަންޑާރަނަޔަކަ 1998 ގައި މިތަން ބައްލަވައި ވިދާޅުވެފައިވާ ކަމަށް ނަސީމާމުޙައްމަދު (2007) ހާމަކުރައްވަނި މިތާނގައި ކުރިން ހުރި ޢިމާރާތްތަކުގެ ތަރަހަ ގަނޑު ވައްތަރުވަނީ އަފްޣާނިސްތާނާއި ޕާކިސްތާނުގެ ބުޑިސްޓު ބިނާތަކުގެ ޑިޒައިން ތަކާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ އަމިއްލަ ފާޑުވެރިކަން އޭގެ ތެރެއަށް ވަދެފައިވާ ކަމަށެވެ.   މިތަނުން ފެނިފައިވާ ތަކެތީގެ ތެރޭގައި މީލާދީން 990 ވަނަ އަހަރާއި 994 ވަނަ އަހަރާދެމެދު  ޗައިނާގައި އުފައްދާފައިވާ ލޮއި ފައިސާފޮއްޗަކާއި، ބޯތައްޓާއި އެކި ކުލައިގެ މިނާތަކުގެ އިތުރުން ގިނަ އަދަދެއްގެ ދިވެހި ބޮލިވެސް ހިމެނެއެވެ. ކުރިންވެސް ދެންނެވި ފަދައިން މިތަނަކީ ރާއްޖޭގައި ސައިންޓިފިކް ގޮތަކަށް ބެލި ދިރާސާ ކުރެވިފައިވާ ހަމަ އެކަނި ތަނެވެ.

4.4 ތޮއްޑޫ ދާގަބާ
ތާރީޚު ކޮމެޓީން ޓީމެއް ފޮނުއްވައިގެން  އއ. ތޮއްޑޫ ދާގަބާ ދިރާސާކުރެއްވުމުގެ މަސައްކަތް 1958ގައި ސަރުކާރުން ފެއްޓެވި ކަމަށް ނަސީމާ މުޙައްމަދު (2007) " ދިވެހިރާއްޖޭގައިހުރި އާސާރީތަންތަން " މިފޮތުގައި ހާމަ ކުރައްވާފައި ވެއެވެ. މިޓީމުގައި އިސްކޮށް ވަޑައިގެންނެވީ އަލްމަރުޙޫމު މުޙައްމަދު އިސްމާޢީލް ދީދީއެވެ. އެދުވަސްވަރު މިދާގަބާއަށް އެރަށު މީހުން ކިޔައި އުޅުނީ" ބޮޑުގާފުނި " ކަމަށްވެއެވެ.  މިތަނަށް ދިޔަ ޓީމުން ނަގާފައިވާ ފޮޓޯތައް ޔުނިވަރސިޓީ އޮފް ސިލޯން ޕޭރަދެނިޔާގެ ޑޮކްޓަރ އެސް ޕަރަނަވިތާރަނައަށް ފޮނުވުނެއެވެ. މިފޮނުވުނު ތަކެތި ބައްލަވައި ވަރަށް ތަފްޞީލީ ރިޕޯޓެއް ފޮނުއްވާފައިވެއެވެ. މިރިޕޯރޓް " ދިވެހި ތާރީޚަށް އައު އަލިކަމެއް" މިފޮތުގެ އިތުރުން " ދިވެހިރާއްޖޭގައި ހުރި  އަސާރީތަންތަން 2007" ގެ ޞ 55 ގައިވެސްހިމެނިފައިވެއެވެ. މިތަނުން ފެނިފައިވާ ތަކެތީގެ ތެރޭގައި ބުއްދާގެ ބުދަކާއި، ދެކުރަނޑިއާއި، ފީވެފައިވާ ދެ ފަތްކޮޅާއި،މަޢުދަނުން ހަދާފައިވާ ކުޑަދަޅެއްގެ އިތުރުން ދެފައިސާފޮއްޗާއި، ރަންބަޑިއެއްވެސް ފެނިފައިވާކަމަށް އެޗް ސީޕީ ބެލްގެ މޮނޮގްރާފް (1940) ގައި ހާމަކުރައްވާފައި ވެއެވެ. މީގެ އިތުރުން ޑޮކްޓަރ އެސް ޕަރަނަވިތާރަނައާ ޙަވާލާދީ ނަސީމާ ހާމަކުރައްވާގޮތުގައި މިތަނުން ނެގިފައިވާ ކުރަނޑިތަކަކީވެސް ކުދި އިސްތޫޕާ ތަކެއްގެ ގޮތަށް ހެދިފައިވާ އެއްޗެއްސެވެ.

4.5 އަރިއަދޫ ހައިތަ
މިރަށުގެ ހުޅަނގު ދެކުނު ސަރަޙައްދުގައި " އަރިއަދޫ ހައިތަ "  ނަމަކަށް ކިޔާ ވީރާނާވެފައިވާ ތަނެއް އޮންނަކަމަށް ނަސީމާ މުޙައްމަދު (2007) ހާމަކުރައްވައެވެ. މިތަން ދިރާސާ ކުރެއްވީ 1959ވަނަ އަހަރު ތާރީޚު ކޮމެޓީން ޓީމެއް ފޮނުއްވައިގެންނެވެ. މިޓީމުގެ އިސްބޭފުޅަކަށް ހުންނެވީ އަލްމަރުޙޫމު މުޙައްމަދު އިސްމާޢީލް ދީދީއެވެ. މިޓީމު މިރަށަށް ވަޑައިގެންނެވި އިރު މިރަށުގައި 3 ހައިތަ ( ހަވިއްތަ) ހުރި ކަމަށް ވެއެވެ. މިތަނުން ބައެއް އާޘާރީ ތަކެތިވެސް ފެނިފައިވާކަމަށް ހާމަކުރައްވައެވެ. މީގެ ތެރޭގައި މިތަނުން ފެނިފައިވާ އިންސާނެއްގެ ކަށިގަޑު ކާބަންޑޭޓް ކުރުމުން އެނގުނީ އެއީ މީލާދީން 10ވަނަ ޤަރުނުގައި މަރުވެފައިވާ އަންހެނެއްގެ ކަށިގަނޑުކަމެވެ. މީގެ އިތުރުން މިތަނުން ފެނިފައިވާ އެއްޗެހީގެ ތެރޭގައި " ފެލިކް" ސިފައަށް ހިރިގަލުން ހަދާފައިވާ އެއްޗެއްވެސް ހިމެނެއެވެ.  މި އެއްޗަކީ ހިންދޫ ދީނުގެ އެއްޗެއްކަމަށްވެސް ނަސީމާ  ހާމަކުރައްވައެވެ.

4.6 ނިލަންދޫ ފޯއްމަތި
ފ. ނިލަންދޫ ފޯއްމަތި ކޮނެ ބެލުމުގެ މަސައްކަތް ކޮށްފައިވަނީ 1984-1983 ވަނަ އަހަރާ ހަމައަށް  ތޯހައިދާލާއި އޭނާގެ ޓީމުންނެވެ. މިތަން ބައްލަވައި ނެރުއްވި މަޢުލޫމާތުގައި ހާމަކުރައްވާކަމަށް ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވާގޮތުގައި މިއީ އިހު ޒަމާނުގައި ބުޑިސްޓު ދީނީ ބިނާތަކެއް ހުރި ތަނެކެވެ. މިތަނުން ފެނިފައިވާ އިންސާނުންގެ ކަށިތައް ކާބަންޑޭޓް ކުރުމުން އެގުނީ މިއީ މީލާދީން 540 އާއި 670 އާއި ދެމެދުގެ އަހަރު ތަކުގެ ތެރޭގައި ވޭރެއް ހުރި ތަނެއް ކަމެވެ. އަދި މިތަނުން ފެނިފައިވާ ތަކެތިން އެނގުނު ގޮތުގައި މިރަށަކީ  ބޭރުގެ ވިޔަފާރި ނައުފަހަރު ދަތުރުކޮށް  އައިސް މަޑުކޮށްލާ ރަށެއްކަމަށްވެސް ހާމަ ކުރައްވައެވެ. މިތަނުން ފެނިފައިވާ ބައެއްތަކެތި މިހާރުވެސް ދާރުލްއާޘާރުގައި ބެހިއްޓިފައިވެއެވެ. އަދި މިތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ ފިރިހެނުންގެ ޖިންސީ ގުނަވަނާ ވައްތަރު ސިފައަކަށް ހަދައިފައި ހުރި ތަކެތި ކަމަށްވެސް ބުނެވެއެވެ. މި ފަދަ ސިފައަކަށް ހުރި ކަމަށް ބެލެވޭ އެއްޗެއް މިހާރުވެސް އެ ސަރަޙައްދުގައި ހުރި މިސްކިތުގެ ފާރު މަތީގައި (ފޮޓޯ) އެބަހުއްޓެވެ. އެހެންކަމުން މިއީވެސް ކޮންމެވެސް ޒަމާނެއްގައި ދިވެހިން އަޅުކަންކޮށް އުޅުނު އެއްޗެއްކަމަށް ބެލެވިދާނެއެވެ.

4.7 ރެލިކް ފޮށި ނެގުނު ބިން:
ތ. ވޭމަންޑޫ ފުޓްބޯޅަދަނޑު ތައްޔާރުކުރުމުގެތެރޭގައި ރެލިކް ފޮއްޓެއް އެ ބިމުން ނެގިފައިވެއެވެ. މި ފޮށި މިހާރު ރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި އެބަހުއްޓެވެ. މި ފޮށީގެ ތެރޭގައި، 3 މަސް ކުރަހައިފައި އަދި 3 ފަރާތުގައި ލިޔެފައިވާ ރަން ފަތްކޮޅަކާއި 63 ބޮލި އޮތްކަމަށް ބުނެވެއެވެ. ކާބަންޑޭޓްކޮށްގެން ބެލިއިރު މިއީ މީލާދީން 690 އާއި 785 އާ ދެމެދުގައި ނެގިފައިވާ ބޮލިތަކެއްކަން ސާބިތުވެއެވެ. ހިރިގަލު ފޮށީގެ ތެރެއިން ފެނުނު ރަން ފަތްކޮޅުގައިވާ ނިޝާނަކީ ދިވެހި ރާއްޖޭގައި ކުރެވުނު ވެރިކަމެއްގައި ބޭނުންކުރެވިފައިވާ ނިޝާނެއް ކަމަށް ބެލެވެއެވެ. އެ ނިޝާނުގައިވާ ލިޔުން ދޭހަކޮށްދެނީ އެއީ ރާއްޖޭގައި އުޅުއްވި ބުޑިސްޓް ރަސްކަލަކާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުމެއްކަމެވެ. މި ލިޔުން ލިޔެފައި ހުރި އެވޭލާ އަކުރު އުފެދުމުގެ ކުރިން ރާއްޖޭގައި ބޭޏުންކުރި އަކުރުތަކަކުންކަމަށް "ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަން" މި ފޮތުގައި ބަޔާންކުރައްވައިފައިވެއެވެ.

4.8 ގަމު ހައްތެލި
ހައްދުންމަތީ ގަމުމުކުރިމަގު އަވަށުގެ އިރުމަތީ ފަރާތުގައި ގައި ވަށަމިނުގައި 300 ފޫޓް އުސްމިނުގައި 24 ފޫޓް ހުރި " ގަމު ހަތްތެލި" ނަމަކަށް ކިޔާ އުސްގަނޑެއް ހުއްޓެވެ. މިސްޓަރ އެޗް ސީ ޕީ ބެލް 1922 ވަނަ އަހަރު މިތަން ދިރާސާކުރެއްވުމުގެ މަސައްކަތް ކުޑަ ގޮތަކަށް ފެއްޓެވިއެވެ. ނަމަވެސް މިއީ ސައިންޓިފިކް ދިރާސާއެއްނޫންކަމަށް ނަސީމާ މުޙައްމަދު (2007) ހާމަކުރައްވައެވެ. މި ދިރާސާއަށްފަހު ވެސް މިތަން ރައްކާ ނުކުރެވި އޮތުމުގެ ސަބަބުން މިތަން ވަރަށްބޮޑަށް ހަލާކުވެފައިވަނިކޮށް 2000 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން މިތަން ރައްކާކުރެއްވުމުގެ މަސައްކަތްވަނީ ފަށާފައި ކަމަށްވެސް ހާމަ ކުރައްވައެވެ.  މިތަނުން ނެގުނު ބައެއް ތަކެތި ލަންކާއަށް ބެލް ގެންދެވިކަމަށް ވެސް ވެއެވެ.

4.9 އިސްދޫ ބޮޑު ހައްތެލި

އިސްދޫ އުތުރު ފަރާތު ގޮނޑު ދޮށުގައި ގާތްގަނޑަކަށް 450 ފޫޓް ދުރުގައި އޮންނަ އުސްގަނޑަށް "އިސްދޫ ބޮޑު ހަތްތެލި " ކިޔައެވެ. މިތަނުގެ ވަށަމިނުގައި 360 ފޫޓް އަދި އުސް މިނުގައި 45 ފޫޓް ހުރެއެވެ. މިއީ ބުޑިސްޓު ދީނުގެ އެކުވެންޏެއްކަމަށާއި، މިތަންވެސް ގިރައިގެންދާތީ ސަރުކާރުން މިހާރުވަނީ މިތަން ޙިމާޔަތްކޮށްފައިކަމަށް ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވައެވެ.  މި ހައްތެއްޔާ ގާތްގަނޑަކަށް 112 ފޫޓް ދުރުގައި "އިސްދޫ ކުޑަ ހައްތެލި" ކިޔާތަނެއްވެސް އޮންނަކަމަށް ނަސީމާ ހާމަކުރައްވައެވެ. މި ތަންތަނަކީ އަދި މިހާތަނަށް އެއްވެސް ގޮތަކަށް ކޮނެ ދިރާސާ ކުރެވިފައިވާ ތަންތަނެއްނޫނެވެ. މީގެ އިތުރުން މި ދެތަނަކީވެސް ތަޙުޤީގުކޮށް ބަލަންޖެހިފައިވާ ތަންތަންކަމަށްވެސް ހާމަކުރައްވައެވެ.

4.10 ނިލަންދޫ ގަލު ފުނިއާ
ހުވަދުއަތޮޅު އުތުރުބުރީނިލަންދޫގައި "ގަލުފުނިއާ" ކިޔާ އުސްގަނޑެއް އޮވެއެވެ. މުޙައްމަދު އިބްރާހީމް ލުޠުފީއާ ޙަވާލާދެއްވައި ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވާގޮތުގައި މިއީ ކުޑަ ހަވިއްތައެއްކަމަށާއި މިތަނަކީވެސް އިތުރަށް ތަޙުޤީގުކުރަން ޖެހިފައިވާ ތަނެއްކަމަށް ހާމަކުރައްވައެވެ. މިއީ ދިގުމިނުގައި 20 ފޫޓް ފުޅާ މިނުގައި 15 ފޫޓް، އުސް މިނުގައި 4 ފޫޓް ހުރިތަނެކެވެ.

4.11 ކޮނޑޭ ހަވިއްތަ
" ކޮނޑޭ ހަވިއްތަ" ކިޔާ ވީރާނާވެފައިވާ ބިނާއެއް މިރަށުގެ އިރުމަތީ ފަރާތު ގޮނޑުދޮށާ ގާތްގަނޑަކަށް 800 ފޫޓް ދުރުގައި ވެއެވެ. މިތަނަކީ ހަތަރެސްކަނަށް ހެދިފައިވާ ތަނެއްކަމަށް ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވައެވެ. މިތަން މިހާރު އޮތީ ވަލުތެރޭގައި ކަމަށާއި މިތަނަށް އެއްވެސް ގެއްލުމެއްލިބިފައި ނުވާކަމަށް ވެސް ނަސީމާ ވިދާޅުވެއެވެ. މިއީ ދިގުމިނުގެ 47 ފޫޓް ފުޅާމިނުގައި 47 ފޫޓް އުސްމިނުގައި 4 ފޫޓް ހުރިތަނެއްކަމަށްވެސް ހާމަ ކުރައްވައެވެ.  މިއީވެސް އަޅުކަމުގެ ބިނާއެއް ކަމަށް ގަބޫލުކުރެވެއެވެ.

4.12 ގަމު ހަވިއްތަ
ގދ. ގަމުގައި (ފަޅުރަށެއް) " ގަމު ހަވިއްތަ " ނަމަކަށް ކިޔާ އުސްގަނޑެއް އޮވެއެވެ.  މިތަން ހުރީ ވަށްކޮށް ހިމަކޮށް ދެފަރާތުންވެސް މައްޗަށް އެރޭ ގޮތަށް ކަމަށް ނަސީމާ މުޙައްމަދު (2007) ހާމަ ކުރައްވައެވެ. މިއީ އުސްމިނުގައި 60 ފޫޓް ވަށަމިނުގައި 240 ފޫޓް ހުރި ތަނެކެވެ. މިތަން ބެލިބެލުމުން އެގުނީ މިއީ ބުޑިސްޓު ވޭރެއްގެ ބިނާއެއްކަމެވެ. މިތަނުގެ ވަށައިގެން އާސާރީ ތަންތަން އެބަހުރިކަމަށްވެސް ނަސީމާ މުޙައްމަދު(2007)  ހާމަ ކުރައްވައެވެ. 23 ފެބްރުއަރީ 1984ގައި ތޯހައިދާލާއި އޭނާގެ ޓީމުން މިތަން ކޮނުނެވެ.

4.13 ފުވައްމުލަކު ހަވިއްތަ
އެޗް. ސީ. ޕީ. ބެލް، ފުވައްމުލަކު ހަވިއްތަ ދިރާސާކޮށް ބަލާފައިވަނީ 1922 ވަނަ އަހަރުގައި ކަމަށް މުޙައްމަދު އިބްރާހީމް ލުޠުފީ (1984) ހާމަކުރައްވައެވެ. ފުވައްމުލަކުގެ މި ސަރަޙައްދަކީ އެއްޒަމާނެއްގައި އެރަށުގައިހުރި ބުޑިސްޓު ދީނީ މަރުކަޒު ހުރި ތަން ކަމަށްވެސް ހާމަ ކުރައްވައެވެ.  މިކަމަބެހޭ ޚާއްޞަ ރިޕޯޓާއި ފޮޓޯ އެޗް. ސީ . ޕީ. ބެލްގެ މޮނޮގްރާފް (1940) ގައި ހާމަ ކުރައްވާފައިވެއެވެ. މީގެ އިތުރުން އަލުން މިތަން ކޮންނެވުމުގެ މަސައްކަތް 1946ވަނަ އަހަރު ކުރެއްވިކަމަށް ލުޠުފީގެ އިތުރުން ނަސީމާ މުޙައްމަދު (2007)ވެސް ހާމަ ކުރައްވައެވެ. މި މަސައްކަތްކުރުމުގެ ތެރޭގައި ގަލުން ހަދާފައިވާ 3 ފޮއްޓާއި، ހިރިގަލުގެ ކުރަނޑިތަކެއް މިތަނުން ފެނިފައިވެއެވެ. މިއީވެސް ބުޑިސްޓު ދީނުގެ ބިނާތަކެއްހުރި ސަރަޙައްދެއް ކަމަށްވެސް ހާމަ ކުރައްވައެވެ.
 

5. ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކޮށް އުޅުނު ތަކެތި

ދިވެހި ބިމުން ފެނުނު އާސާރީ ބިނާތަކުން ފެނިފައިވަނީ އެމީހުން އަޅުކަން ކުރުމަށްޓަކައި ބޭނުންކުރާ ބައެއް ސާމާނުގެ އިތުރުން އެތަންތަނުގައި އުޅުނު ފާދިރީން ބޭނުން ކޮށްފައިވާ ބައެއްތަކެތިކަމަށް  ޙަބީބާ ޙުސައިން ޙަބީބު (1984) ހާމަ ކުރައްވައެވެ. ރާއްޖޭގައި ހުރި މިފަދަ ތަންތަނުގެ ތެރެއިން ސައިންޓިފިކް ގޮތުން ދިރާސާއެއް ކުރެވިފައިވަނީ ކާށިދޫ ކުރު ހިންނަ ތަރާގަނޑެވެ. މިތަނުން ފެނިފައިވާ ތަކެތީގެ ތެރޭގައި ޗައިނާގައި އުފައްދާފައިވާ ލޯފައިސާ ފޮއްޗާއި ތަފާތު ވައްތަރުގެ މިނާތަކާއި ފެން އަޅާ 3 ރުނބަޔާއި ޗައިނާގައި ބޭނުންކުރާކަހަލަ ތަށި ފެނިފައިވާ ކަމަށް ނަސީމާ މުހައްމަދު (2007) ހާމަކުރައްވައެވެ. މިސްޓަރ އެޗް، ސީ، ޕީ. ބެލް  (1940) އޭނާގެ މޮނޮގަރާފުގައި ވާ ގޮތުން  ތޮއްޑޫ ދާގަބާއަކީ   ވީރާނާވެފައިވާ އިސްތޫޕާއެކެވެ.

މިތަނުން ފެނިފައިވާ ތަކެތީގެ ތެރޭގައި ބުއްދާގެ ބުދަކާއި ހިރިގަލުގެ ކުރަނޑިއަކާއި އެކުރަނޑި ތެރޭގައިވާ މަޢުދަނަކުން ހަދާފައިވާ ދަޅެއްވެސް ފެނިފައިވެއެވެ. މިދަޅުގެވަށައިގެން ހުރި ކަޅު ކުނޑިއެއްގެ އިތުރުން ދެތިން އަނގޮޓިއާއި ފީވެފައިވާ ދެފަތްކޮޅުވެސް ހިމެނެއެވެ. އަދި ރިހިކުލައިގެ ޤަދީމީ ދެ ފައިސާފޮތިވެސް ފެނިފައިވެއެވެ. މިފައިސާ ފޮއްޗާއި ތަކެތީގެ ޒަމާން މީލާދުގެ އެތައް ސަތޭކަ އަހަރު ކުރިއަށް ދާނެ ކަމަށް އެޗް، ސީ ބެލް އާ ހަވާލާދެއްވައި ނަސީމާ މުޙައްމަދު(2007) ހާމަކުރައްވައެވެ. މި ދެފައިސާފޮތިވަނީ ވީނުވީތަނެއް ނޭގި ގެއްލިފައެވެ. ބުއްދާގެ ބުދުވެސް ފުރަތަމަ ފެނުނުއިރު ހުރީ ރަނގަޅަށް ކަމުގައިވީނަމަވެސް ދާރުލްއާސާރާ ހަމަޔަށް ގެނެވުނުއިރު ސަލާމަތުން ހުރީ ހަމައެކަނި އޭގެ ބޮލެވެ.  މިދާގަބާއިން ފެނިފައިވާ ތަކެތީގެ ފޮޓޯއާއި ރިޕޯޓް ސިލޯނުގައި ހުންނަ ޔުނިވަރސިޓީގެ ޕްރޮފެސަރ ޑޮކްޓަރ އެސް ޕަރަނަވީތަނާ ބެއްލެވުމަށް ފޮނުވުނެވެ.

މި ފޮޓޯތަކާއި ރިޕޯޓް ބެއްލެވުމަށްފަހު ޕަރަނަވީތަނާ ވިދާޅުވަނީ މިސްޓޯޕާގެ އެތެރެވެސް ހަދާފައިވަނީ އިހުޒަމާނުގެ ގޮތަށް ކަމަށާއި މިތަނުން ފެނިފައިވާ ކުރަނޑިތައް ހެދިފައިވަނީ މުރަކައިންކަމަށެވެ. މިކުރަނޑިތައްވެސް ހެދިފައިވަނީ ކުދިކުދި ސްޓޫޕާ ތަކެއްގެ ގޮތަށެވެ. އަދި މި "ސްޓޫޕާ" ޢިމާރާތް ކޮށްފައިވަނީ ބުދު ދީން ފެށުނުއިރާ ދާދި ކައިރީގައި ސިލޯނުގެ ކުރެހުމާއި ޢިމާރާތްކުރުމުގެ ވަރަށް ޢާންމު ކުރެހުންތަކާ އެގޮތަށް ކަމަށްވެއެވެ

ތާރީޚީ ހޯދުންތަކަށް ބަލާއިރު، އިހުގެ ބިނާތަކުން ފެނިފައިވަނީ ބުދުދީނާއި ހިންދީ ދީނުގެ މީހުން އަޅުކަންކުރަން ގެންގުޅުނު ތަކެތިކަން ސާބިތުވެއެވެ. އަދި ގަދީމީ ތާރީޚީ ބިނާތަކުންނާއި ރާއްޖޭގެ އެކި ހިސާބުތަކުގެ ބިން ކޮނުނު އިރު ފެނިފައިވަނީ އެކި ވއްތަރުގެ ބުދު ކަމަށް ވާތީ، ޤަދީމީ ޒަމާނުގައި ދިވެހީން އަޅުކަންކުރަން ގެންގުޅުނު އެންމެ ޢާއްމު އެއްޗަކީ "ބުދު"ކަން އެއް ވެސް އޮޅުމެއް ނެތި ހާމަވެއެވެ.  އަދި ލިބިފައިވާ އެހެން ހެކިތަކަށް ބަލާއިރު ޤުދުރަތީ ބާރުތަކަށާއި "ފުރަހަ"(ޒަކަރު)އަށް ވެސް އަޅުކަންކުރިކަމަށް ބެލިފައިވެއެވެ. އެހެނީ 1982 އާއި 1983 ގައި ޑރ. ތޯރހަޔަދާލު ދިވެހި ރާއްޖޭގައި ކުރެއްވި ދިރާސާތަކުން އިރަށް އަޅުކަންކުރުމަށް ތައްޔޜުކޮށްފައިވާ ބިނާއެއް ގދ. ގަމުން (ފަޅު ރަށެއް) ފެނިފައިވާކަމަށް މުޙައްމަދު އިބްރާހީމް ލުޠުފީ (1983) ހާމަކުރައްވައެވެ. ޑރ. ޔޯރ ޙަޔަދާލު 1983 ވަނަ އަހަރު ފެބްރުއަރީ މަހު ފ. ނިލަންދޫއަށް ވަޑައިގެން ދެތިން ހަތަރު ދުވަސް ވާންދެން ނިލަންދޫ ފޯއްމަތި ކޮނުމުގެ މަސައްކަތް ކުރެއްވިއެވެ. މި މަސައްކަތުން ތޯރ ހަޔަދާލަށް ކަށަވަރުވެވަޑައިގަތީ "ފުރަހަ"އަށް (ޒަކަރަށް) އަޅުކަންކުރި ބަޔަކު އެ ސަރަހައްދުގައި އުޅެފައިވާކަމެވެ.  އަދި ތަފާތު ކިޔެވެލިތަކުގައި ކަނޑަށް ފާލަންއަޅައިގެން ކިޔެވެލި ކިޔެވުމާއި ކަނޑަށް މާދެއްކުން ފަދަ ކަންކަމަކީ ކަނޑުފަދަ ޤުދުރަތީ އެހެން ބާރުތަކަށްވެސް ޤަދީމީ ޒަމާނުގައި އަޅުކަންކުރިކަމަށް ބެލެވޭ ހެތްކެކެވެ. މިކަންކަން މާ ސާބިތު ގޮތެއްގައި ހާމަކުރެވެން ނެތް ނަމަވެސް ޤަދީމީ ޒަމާނުގައި ދިވެހިން ބުދަށް އަޅުކަންކުރިކަމީ ޝައްކެއްނެތި ސާބިތުވާ ކަމެކެވެ.

6- ނިންމުން

ދިވެހިރާއްޖޭގައި ހުރި އާސާރީ ގިނަ ތަނަކީ ރާއްޖޭގައި ވަޒަންވެރިވެގެން ތިބިބަޔަކު ދީނީ އަޅުކަންކުރުމަށްޓަކައި ހަދާފައިވާ ތަންތަންކަން ސާބިތުވެއެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި ޤަދީމީ ޒަމާނުގައި އަޅުކަންކޮށް އުޅުނު ތަންތަނަކީ މޮނާސްޓްރީތައް ކަމަށް ދެންނެވިދާނެއެވެ. މި ފަދަ މޮނާސްޓްރީތަކުގައި ދާގަބާއާއި ސްޓޫޕާއާއި ވިހާރަ އާއި ޕިރިވޭނަ ފަދަ ތަންތަން ހުރިކަން ސާބިތުވެއެވެ. މިއިން ކޮންމެ ތަނަކީވެސް އަޅުކަމާ ގުޅޭ ކަންކަމުގައި ބިނާކޮށްފައިވާ ތަންތަންކަން އެނގެއެވެ. މި ފަދަތަންތަނުން ފެނިފައިވާ ހެކިތަކަށް ބަލާއިރު ދިވެހިން ކުރީ ޒަމާނުގައި އަޅުކަންކޮށް އުޅުނީ ތަފާތު ސިފަސިފައިގައި ހަދައިފައިވާ ބުދުތަކަށްކަން އެއްވެސް އޮޅުމެއް ނެތި ހާމަވެއެވެ. އަދި އިންސާނީ ނައުޢު ދެމެހެއްޓުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ "ބާރު" ކަމަށްވާ ފުރަހައަށް އަޅުކަންކުރިކަންވެސް ތާރީޚީ ހެކިތަކުން ސާބިތުވެއެވެ.

ދިވެހީންނަކީ ކޮންމެވެސް ޒަމާނެއްގައި އެކި އެކި ބާރުތަކަށް ވެސް އަޅުކަން ކޮށް އުޅުނު ބައެއްކަންވެސް ސާބިތުވެއެވެ. އިރަކީ މަޢީޝަތު ކުރިއަރުވައި މަސައްކަތްކޮށް އުޅުމަށް ބޭނުންވާ އަލިކަމާއި ހަކަތަ ލިއްބައިދޭ އެންމެ ވަރުގަދަ ޤުދުރަތީ "ބާރު"ކަމަށް ވާތީ، ދިވެހި ކާބަފައިން "އިރަށް" އަޅުކަންކުރިކަމަށް ވެސް ބެލެވެއެވެ. އިރަށް އަޅުކަންކުރި މީހުން ބޭނުންކުރި ނިޝާންތައް ބައެއް ދާގަބާތަކުން ފެނިފައިވާތީއާއި އިރަށް އަޅުކަންކުރި މީހުން ބޭނުންކޮށްފައިވާ ބިނާއެއް ގދ. ގަމުން ފެނިފައިވުމާއި ގދ. ވާދޫ މާމިސްކިތްދޮށު ހިސާބުން ހިއެރޮގްރަފިކް ކުރެހުންއެޅި ގަލެއް ފެނިފައިވާތީ މިކަން ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. އަދި ދާދިފަހަކާ ޖެހެންދެންވެސް މަސްވެރިކަން ކިޔެވުމާއި އެކިއެކި ކިޔެވެލިތައް ކިޔެވުމުގައި ކަނޑަށް މާދެއްކުން އޮންނާތީ ކަނޑަކީ ވެސް އަޅުކަން ކުރި ތަނެއް ކަމުގައި ބެލިދާނެއެވެ. އަދި ކަނޑުރަސްގެފާނުގެ ފުލޯކުވާހަކަތަކަކީވެސް މިކަމަށް ދަލީލު ލިބޭ ހެކިތަކެވެ. އެހެންވީމާ ޤަދީމީ ޒަމާނުގައި ދިވެހިން އަޅުކަންކޮށް އުޅުނީ ބުދުތަކަށާއި، އިރަށާއި، ފުރަހައަށާއި، ޤުދުރަތީ ބާރުތަކަށް ކަމަށް ނިންމިދާނެއެވެ.
-------------
(ނިމުނީ)

މަޢުލޫމާތު ހޯދުމުގައި ރުޖޫޢަވި ވަސީލަތްތައް:
      ޙަބީބާ ހުސައިން ޙަބީބު .(1984). ކޮނުމުގެ މަސައްކަތް . ފަތްތޫރަ،65 (6) ، ޞ . 17- 19.
      ޙަބީބާ ހުސައިން ޙަބީބު .(1984)  . މަސައްކަތުގެ ނަތީޖާ . ފަތްތޫރަ 69 (6)، ޞ . 9- 11.
      ޙަބީބާ ހުސައިން ޙަބީބު .(1984). ކޮނުމުގެ މަސައްކަތް.  ފަތްތޫރަ 69  (6) ، ޞ . 21 - 24 .
      ނަސީމާ މުހައްމަދު. (2007) . ދިވެހި ރާއްޖޭގައި ހުރި އާސާރީ ތަންތަން.  މާލެ: ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު .
      ނަސީމާ މުޙައްމަދުގެ ބަސްދީގަތުން  ( 8 އޮކްޓޯބަރ 2007)
      އަޙުމަދު ޝަފީޤު . (އެޕްރީލް 2000). އާސާރީ ސާސްތުރަ  ދަންފުޅި ، ޞ. 5 . މާލެ: ސީޕްރިޔާ ޕްރިންޓް .
      އެޗް ސި ޕީ ބެލް . (1940) . ދަ މޯލްޑިވް އައިލެންޑްސް މޮނޮގްރާފް އޮން ދަ ހިސްޓްރީ އާރކިއޮލޮޖީ އެންޑް އެޕިގްރަފީ ސިލޯނު ގަވަރންމަންޓް ޕްރެސް، ކޮލަމްބޯ. ދިވެހި ބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު .
      މުހަންމަދު އިބްރާހީމް ލުޠުފީ .(1983) . ދިވެހިންގެ ގެއްލިފައި އޮތް ތާރީޚުގެ ތެރެއަށް . ފަތްތޫރަ61 (6)، ޞ. 8-5 . ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު .(1990) .
      ދިވެހި ތާރީޚަށް އައު އަލިކަމެއް .މާލެ:  ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު
      ދާގަބާ އޮފް އިންޑިޔާ. (2007). ނެގީ،23 ޖުލައި 2007
      ތޯރ ހަޔަދާލް. (1986). ދަ މޯލްޑިވްސް މިސްޓްރީ. ނޯވޭ: ޖޯޖް އެލިން އެންޑް ޔުނިވިން.
http:/www.art-and- archaeology. Com/India/sanchi/san0.html ން                                        
      އާރލީ އިންދަ ސްޓޫޕާ. (2007). ނެގީ، 12 އޯގަސްޓު 2007
http://en.wikipedia.org/wiki/Stupaން                                                                
     

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ