އަދުގެ ޚާއްސަ

Print

އަމީނީ ދައުރާއި ދިވެހި އަދަބީ ކުރިއެރުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

ދިރާސީ މަޒުމޫނު:


މުޙަންމަދު އަމީނު ދައުރުގެ އަދަބީ ޚިދުމަތްތަކުގެ ސަބަބުން، ދިވެހި އަދަބިއްޔާތަށް ކުރިއެރުންތަކެއް ލިބިފައިވެ އެވެ.

އާދަމް ނަޞީރު އިބްރާހީމް (2011)

ބަހެއްގެ އަދަބީ ޙަރަކާތްތެރިކަމަށް  ބަދަލުތައް އައުމުގައި އެ ބަހެއްގެ އަހުލުވެރިންގެ ސިޔާސީ ޙާލަތު ވަރަށް ގިނަ ފަހަރަށް އިސް ދައުރެއް އަދާކުރެ އެވެ.  ސިޔާސީ ގޮތުން އަންނަ ބަދަލުތައް ވެސް ފެށެނީ، އިންސާނީ ފިކުރާ ހަމައިން ކަމަށްވެފައި، އަދަބިއްޔާތަކީ ވެސް އިންސާނީ ފިކުރުން އީޖާދުވާ ފަންނަކަށްވާތީ އެވެ. މި ގޮތުން ޤައުމެއްގެ ނިސްބަތުގައި ސިޔާސީ ބާރުވެރިކަން ލިބިފައިވާ އެންމެ އިސް ފަރާތުގެ ވިސްނުމާއި ފިކުރުގައި، އެ ގައުމެއްގެ ސަގާފީ އަގުތަކާއި، ވިރާސީ ތަރިކަތަކާ މެދު ގަބޫލުކުރެވިފައިވާ ގޮތެއްގެ މައްޗަށް، އެ ގައުމެއްގެ އަދަބިއްޔާތުގެ އުސްލޫބު ބަދަލުވެގެންދެ އެވެ. އެހެންކަމުން ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނަކީ، ދިވެހި އަދަބިއްޔާތަށް ލޯބިފުޅުކުރެއްވި ފަންނާނަކަށް ވީތީ އާއި، ދިވެހިވަންތަކަމަށް ޤަދަރުކުރެއްވި ސިޔާސީ ޒަޢީމަކަށް ވީތީ، އެ މަނިކުފާނު ދިވެހި ޤައުމުގެ އެންމެ މަތީ މަޞްލަޙަތުތަކާ މަތިވެވަޑައިގަތް  ހިނދު، ދިވެހި އަދަބިއްޔާތަށް އެކަމުގެ ހެޔޮ އަސަރުތައް ފޯރި އެވެ. މި ގޮތުން މުޙައްމަދު އަމީނު ދިވެހި އަދަބަށް ޚިދުމަތްކުރެއްވި ދައުރުގައި އެ ޚިދުމަތްތަކުގެ ސަބަބުން، ދިވެހި އަދަބީ ޙަޔާތުގެ އާ ދައުރެއް ފެށި، އަދަބީ ރޮނގުން ކުރިއެރުންތަކެއް ދިވެހި ބަހަށް ވަނީ ލިބިފަ އެވެ.  

މި ލިޔުމުގައި ބަލައިލާނީ، މުޙަންމަދު އަމީނު ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރައްވަން ފެށްޓެވި އިރު، ދިވެހި އަދަބީ ޙަރަކާތްތެރިކަން އޮތް ޙާލަތަށާއި، އަމީނުގެ ޚިދުމަތްތަކުގެ ސަބަބުން ވާހަކަ ދެއްކުންތެރިކަމާއި، ޅެންވެރިކަމާއި، ލިޔުންތެރިކަމަށް އައި ކުރި އެރުންތަކަށާއި، އަދި އަމީނުގެ އަދަބީ ޚިދުމަތުގެ ސަބަބުން ލިބުނު އަދަބީ ނަތީޖާގެ މައްޗަށެވެ.

އަމީނުގެ އަދަބީ ޚިދުމަތް ފެށުނު ހިނދު:


މުޙަންމަދު އަމީނު ދިވެހި އަދަބަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ދިވެހި އަދަބީ ޙަރަކާތްތެރިކަން ވަރަށް ހީނަރު ވެފައިވާ ދުވަސްވަރެއްގަ އެވެ. ޚާއްޞަ ކޮށް ރަސްމީ ސިފައެއްގައި، ޖަމާޢީ ގޮތެއްގައި ހިންގޭ އަދަބީ އެއް ވެސް ޙަރަކާތެއް ނެތް ޒަމާނެއްގަ އެވެ. އެހެނީ މުޙަންމަދު ޖަމީލު (2008) ހާމަ ކުރައްވާ ގޮތުގައި އެކި މީހުން ވަކި ވަކިން އަދަބަށް ޚިދުމަތް ކުރުމުގެ އާދަ ބަދަލުވެ، ދިވެހި އަދީބުންގެ ޖަމާޢީ ޙަރަކާތެއް ފެށިފައިވަނީ މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުގެ ތެރޭގަ އެވެ. ހަމަ އެހެންމެ ބޮޑުފެންވަޅުގޭ ސީދީ (1989) ކަށަވަރުކޮށްދެއްވާ ގޮތުގައި މުޙަންމަދު އަމީނު ދިވެހި އަދަބަށް ޚިދުމަތްކުރައްވަން ފެށްޓެވި ދުވަސްވަރަކީ، ރާއްޖޭގައި ލިޔުން މަދު، ޗާޕުކުރުން ނެތް ދުވަސްވަރެކެވެ.  ސީދީ (1989) އިތުރަށް ޔަޤީންކޮށްދެއްވާ  ގޮތުގައި ދިވެހި އަދަބުގެ ތެރޭން އެ ޒަމާނަށް ފެންނަން އޮތީ، ހުރައި މާރާދަ ކަލޭފާނު ހެއްދެވި ކަލާފާނު ރައިވަރާއި، އެދުރު އުމަރު މާފަތްކަލޭފާނު ހެއްދެވި ބޮޑުތާހީދާއި، ހެއްދެވި ބޭކަލަކު ނޭނގޭ ހޮޅީން ކޮރުބަންޑާރައިން ގެންދިޔަ ވާހަކަ އޮންނަ ރައިވަރާއި، ބަނޑޭރި ޙަސަންމަނިކުފާނު ހެއްދެވި އަރުމާދު ރައިވަރާއި އަދި ދިޔޯގެ ރައިވަރު ފޮތެވެ. މީގެ އިތުރަށް އަމީނުގެ ޚިދުމަތްތައް ފެށުނު ދުވަސްވަރު ދިވެހި ބަހުގެ އާންމު ފެންވަރު އޮތް ގޮތް ބަޔާން ކުރައްވައި، އިބްރާހީމް ރުޝްދިލްއަޒުހަރީ (1953) ވިދާޅުވަނީ ދިވެހި ބަސް އޭގެ ހަމައިން ނެއްޓި، ކާބަފައިން ބަސްމޮށެ އުޅުނު ގޮތާ ޚިލާފަށް ބަސްބޭނުންކުރުމުގައި މުއްދަތެއް ހޭދަވެފައިވާކަމީ، ޝައްކެއް ވަސްވާހެއް އޮތްކަމެއް ނޫންކަމެވެ. މިހެންކަމުން އަމީނުގެ އަދަބީ ޚިދުމަތަށް ފެށުނު އިރު ދިވެހި އަދަބީ ވެށި އޮތީ، ވަރަށް ފަގީރު ގޮތެއްގައިކަން ސާބިތުވެ އެވެ.

ޅެންވެރިކަން:


ޅެންވެރިކަމަކީ، އަދަބިއްޔާތުގައި ވަރަށް މަތީ ދަރައެއް ލިބިފައިވާ ބަހާއެއް ކަމުގައި ވީ ހިނދު، މުޙަންމަދު އަމީނުގެ އަދަބީ ޙަރަކާތްތެރިކަމުގައި ދިވެހި ޅެންވެރިކަމުގެ އެކިބައިތަކަށް ބޮޑު އިސްކަމެއް ދެއްވި އެވެ.  6 ޞަފަރު 1366ވީ ހޯމަ ވިލޭރޭ ފަނޑިޔާރުގޭ ފެންޑާ މަތީގައި އިފްތިތާޙު ކުރެވުނު ޅެންވެރިންގެ ގުލްޒާރުން މި ދައުރު އަދާ ކުރި އެވެ. މުޙަންމަދު އަމީނު (1960) ހާމަ ކުރައްވާ ގޮތުގައި ޅެންވެރިންގެ ގުލްޒާރުގެ ފުރަތަމަ ޖަލްސާގައި އެ ގުލްޒާރުން ''ނޫރާނީމާ'' ގެ ނަމުގައި އަދަބީ މަޖައްލާއެއް ނެރުއްވަން ނިންމެވުމުން ޅެންވެރިންގެ ހިތުގައި އާ ފޯރިއަކާއި އާ ޖޯޝެއް އުފެނެވެ. ޢަލީ މޫސާ ދީދީ (ލިޔުންތެރިޔާގާތު ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު 17، 2011) ވިދާޅުވާ ގޮތުގައި ނޫރާނީމަލަކީ، އަދަބީ ގޮތުން ވަކި މިންގަނޑެއް ހިފެހެއްޓިފައިވާ މަޖައްލާއަކަށް ވުމުގެ އިތުރުން، ނަސްލީ ގޮތުންނާއި ވަންހަ އާއި، އުމުރުގެ ގޮތުން، އެއްވެސް ތަފާތު ކުރުމެއް ނެތި އޭގައި ޅެން ޝާއިޢު ކުރުމުގެ ފުރުޞަތު ހުޅުވައިލެވިފައިވާ މަޖައްލާއެކެވެ. އެހެންކަމުން އޭރު ޒުވާން ކުޑަ ކުދިންގެ ގޮތުގައި ތިއްބެވި ސަކީނާ ޢަބްދުލްޤައްޔޫމާއި، އާމިނަތު ޙުސައިނާއި، އާމިނަތު ފާއިޒާފަދަ ބޭފުޅުންގެ ޅެންތަކާއި، ހަމަ އެހެންމެ ރާއްޖެއާ ނުބައްދަލު ބޮޑެތި ހަރު ޢިލްމުވެރިންކަމުގައިވާ ޖަލާލުއްދީނާއި ޞަލާޙުއްދީނު، އަދި މޫސާ ފަތުޙީ ފަދަ ބޭފުޅުންގެ ޅެންތައް އެއްފޮތަކުން ފެނުން އެއީ ޅެންވެރިންގެ ގުލްޒާރުގެ ސަބަބުން ޢުމުރެއް މަގާމެއް، ޖިންސެއް ބެލުމެއް ނެތި، ޅެންވެރިކަމުގެ ދާއިރާ ތަނަވަސްވެ ފުޅާވަމުން ދިޔަ ކަމުގެ ހެއްކެ ކެވެ. 

ބޮޑުފެންވަޅުގޭ ސީދީ (1989) ހާމަ ކުރައްވާ ގޮތުގައި މުޙަންމަދު އަމީނު ޅެންވެރިންގެ ގުލްޒާރު އުފައްދަވައި އެ ޙަރަކާތް ހިނގައިގަތުމާ  ހަމައަށް، ދިވެހި ޅެންވެރިކަމުގެ އެންމެ މުހިންމު އެއް ބަހާ ކަމުގައިވާ ރައިވަރާ މެދު އެ ޒަމާނުގެ މީހުން ދެކެނީ އެއީ ޢައްޔާޝީ ޚިޔާލުތައް ހުށަހަޅައިދޭ ހަތިޔާރެއް ކަމުގަ އެވެ. އެކަން ބަދަލުވެ ރައިވަރާ ބެހޭ ގޮތުން އަލުން މީހުން ވިސްނަންފެށުމާއި،  ރައިވަރާ ބޭހޭ ހޯދުންތައް ހޯދަން ފެށުމުގައި  މުޙަންމަދު އަމީނު އުފެއްދެވި ޅެންވެރިންގެ ގުލްޒާރު، ސަބަބަބެއްކަމުގައި ހިމެނޭ ކަމަށް ބޮޑުފެންވަޅުގޭ ސީދީ (1989) ހާމަ ކުރައްވަ އެވެ. ޢަބްދުﷲ މޫސާ (ލިޔުންތެރިޔާ ގާތުގައި ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު 10، 2011) ވިދާޅުވާ ގޮތުގައި ޅެންވެރިކަމުގެ ތެރޭގައި ހިމެނޭ ކާއިނާތުގައި ފުރާނަ އެޅުވުމުގެ އުސްލޫބު ދައްކައިދޭ، ދިވެހި ޅެންތަކާއި، ޞޫފިޔާނާ ޅެންވެރިކަމާއި، ޤައުމީ ޝުޢޫރުތައް ހިލުވައިދޭ މޮޅު ޅެންތައް ފަދަ،  ތަފާތު ދާއިރާއިރާތަކުގެ ޅެންތައް ރާއްޖޭގައި އާންމުވާން ފެށީ މުޙަންމަދު އަމީނުގެ މުޙައްރިރުކަމުގެ ދަށުގައި 1367ހ. ގައި ނިކުންނަން ފެށި ''ނޫރާނީމާ'' މި މަޖައްލާއިންނެވެ.  އޭނާ އިތުރަށް ކަށަވަރު ކޮށްދެއްވާ ގޮތުގައި ''ނޫރާނީމާ 4'' ގައި ޝާއިޢު ކުރައްވައިވާ އިބްރާހީމް ޝިހާބުގެ ''ސުވަރުގެ'' އަދި ޖަމީލުގެ ''ގައުމަށް އައި މިނިވަން ނޫރާނީ'' ފަދަ ޅެންތައް އަދި އަދަށް ދާންދެން ގިނަ ބަޔަކުގެ ހިތު އެޅިފައި އޮތް އޮތުމަކީ، ޅެންވެރިންގެ ގުލްޒާރުން ދިވެހި ޅެންވެރިކަމަށް ހެޔޮ އަސަރުތައް ފޯރާފައިވާކަމުގެ އެންމެ ސާބިތު އެއް ދަލީލެވެ.  ސަކީނާ ޢަބްދުލްޤައްޔޫމު (ލިޔުންތެރިޔާގާތު ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު 12، 2011) ވިދާޅުވި ގޮތުގައި ދިވެހި ޅެންވެރިކަމުގެ ތެރެއަށް ރީތި ފުން ޚިޔާލުތައް ގެންނެވުމަށް ވެސް މުޙަންމަދު އަމީނު ވަރަށް މަސައްކަތްޕުޅު ކުރެއްވި އެވެ. މި ގޮތުން ''ލޯފަންކުއްޖެއްކެ ހިތުގެ ސާބިތުކަން'' މިއީ ބޭރު ބަހަކުން އޮތް ޅެމެއް މުޙަންމަދު އަމީނު ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމަށްފަހު، އެ ތަރުޖަމާގެ މައްޗަށް އެ ޒަމާނުގެ އެއްތައް ޅެންވެރިންނެއް އެކުލަވައިލެއްވި ދިވެހި ޅެންތަކުގެ ތެރެއިން މުޙަންމަދު އަމީން އެންމެ ހިތްޕުޅު ހަމަ ޖެހުނު ޅެމެވެ.

އާމިނާތު ފާއިޒާ (ލިޔުންތެރިޔާގާތު ވިދާޅުވި ވާހަކައެއް، ތނ. 2006). ކިޔައިދެއްވާފައިވާ ގޮތުގައި، ޅެންވެރިންގެ ގުލްޒާރުގެ ސަބަބުން ދިވެހި ޅެންވެރިކަމަށް އަސަރުފޯރި ރޮނގުތަކަށް ބަލާއިރު، ޅެންކިޔުމުގެ ހުނަރު ހިމެނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޅެންވެރިންގެ ގުލްޒާރުގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވެވި ބައިތުބާޒީ މުބާރާތްތަކުގެ ސަބަބުން، އަލަށް ޅެންވެރިކަމުގެ ތެރެއަށް ވަންނަން ބޭނުންވާ ޠާލިބުންނާއި ޠާލިބާއިންނަށް، ދިވެހި އަދަބުގެ މޮޅު އުފެއްދުންތައް ހިތުދަސްވެ އެވެ. އޭގެ ސަބަބުން އެ ކުދިންގެ ޚިޔާލު ތަނަވަސްވެ ޅެންވެރިކަމަށް ޝައުޤު އުފެދެ އެވެ. އެހެންކަމުން މުޙަންމަދު އަމީނުގެ އަދަބީ ޙަރަކާތްތަކުގެ ސަބަބުން ދިވެހި ޅެންވެރިކަމުގެ ފެންވަރު މަތިވުމުގެ އިތުރަށް ޅެންވެރިކަން އާލާވެ، ބޮޑުވަމުން އައި އާ ޖީލަށް އޭގެ އަސަރު ނަގުލުވެފައިވާކަން ހާމަވާތީ، އަމީނުގެ އަދަބީ ޙަރަކާތްތެރިކަމުން ދިވެހި ޅެންވެރިކަމަށް ކުރިއެރުން އައިސްފައިވާކަން ހާމަވެ އެވެ.

ލިޔުންތެރިކަން


ދިވެހިންގެ އެ ވޭލާ ލިޔުންތެރިކަމަކީ މާ ގިނަ ތަފާތު މައުޟޫޢުތަކަށް ހުޅުވިފައި އޮތް ލިޔުންތެރިކަމެއް ނޫނެވެ.  މުޙަންމަދު އަމީނު ދިވެހި އަދަބަށް ޚިދުމަތްކުރައްވަން ފެށްޓެވި ދުވަސްވަރު ޗާޕްކުރެވިފައި ހުރި ލިޔުންތަކަށް ބަލާއިރު، އޭގެ ތެރޭގައި ވަނީ ލޯތްބާއި، ސިޔާސަތާއި، ދީނީ މައުޟޫޢުތަކުގެ މައްޗަށް އެކުލަވައިލެވިފައިވާ މަދު ފޮތްކޮޅެކެވެ. ބޮޑުތާހީދާއި އަރި އަތޮޅު އަރުމާދާއި، ދިޔޯގެ ރައިވަރު ފަދަ ފޮތްފޮތުން މި ކަން އެނގެ އެވެ. ނަމަވެސް މުޙަންމަދު އަމީނު ދިވެހި ލިޔުންތެރިކަމުގެ ދާއިރާ ވަރަށް ތަނަވަސް ކުރެއްވި އެވެ. އަޙްމަދު ޝާޠިރު (ލިޔުންތެރިޔާގާތުގައި ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު 10، 2011)، ހާމަ ކުރައްވާ ގޮތުގައި ސިލޯނުގައި ކިޔަވައި ވިދާޅުވާން ހުންނަވައިފައި 1930 ގައި މުޙަންމަދު އަމީނު މާލެ ވަޑައިގަތް އިރު، ''ނަޔާ ޚިޔާލު'' ގެ ނަމުގައި މާލޭގައި މަޖައްލާއެއް ނެރެވެމުން ދިޔަ އެވެ. ނަމަވެސް މިއީ ތަނަވަސް ގޮތެއްގައި ތަފާތު މައުޟޫޢުތަކަށް އަލިއަޅުވައިލެވިފައިވާ މަޖައްލާއެއް ނޫނެވެ. ޢަލީ މޫސާ ދީދީ (ލިޔުންތެރިޔާގާތު ވިދާޅުވި ވާހަކައެއް، ސެޕްޓެންބަރު، 11، 2011) ކަށަވަރު ކޮށްދެއްވާ ގޮތުގައި އާންމު އިޖުތިމާޢީ ތަފާތު މައުޟޫޢުތައް ހިމެނޭ ގޮތުގައި ރާއްޖޭގައި ނެރެން ފެށުނު ފުރަތަމަ މަޖައްލާ އަކީ، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނުގެ މުޙައްރިރު ކަމުގައި، މުޙަންމަދު އަމީނުގެ އިސްދައުރެއް ހިމެނޭ ގޮތުގައި 8 ޖުލައި 1933ގައި ޝާއިޢު ކުރެވުނު ''އަލް އިޞްލާޙު '' މަޖައްލާ އެވެ. އޭނާ ޔަޤީންކޮށްދެއްވާ ގޮތުގައި، ދީނީ، އިޖުތިމާޢީ، ސިޔާސީ، އިޤުތިޞާދީ، ސަގާފީ، ތާރީޚީ، މި ފަދަ ހުރިހައި ދާއިރާއެއް އެކުލެވިގެންވާ  ގޮތަށް ރާއްޖޭގައި ނެރެވުނު ފުރަތަމަ މަޖައްލާއަކީ، އަލްއިޞްލާޙު ކަމުގައިވެފައި، އެ މަޖައްލާގެ އިދާރީ ކޮމިޓީގެ މެމްބަރެއްގެ ގޮތުގައި މުޙަންމަދު އަމީނު ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުމުން ދޭހަވަނީ ދިވެހި ލިޔުންތެރިކަމުގެ ދާއިރާ ތަނަވަސް ކުރުމުގެ މަސައްކަތުގެ ފެށުމުގައި މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތް އިސްދައުރެއް އަދާކޮށްފައިވާކަމާއި، އަދި އެ ޚިދުމަތް ދިވެހި އަދަބަށް ތިޔާގިކަމާއި މުއްސަނިދަން ގެނެސްދީފައިވާކަމެވެ.  1943ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު ޝާއިޢު ކުރަން ފެށުނު ސަރުކާރު ޚަބަރަށް ބަލާއިރު، އޭގައި ހަނގުރާމައިގެ ޚަބަރުތައް ތަރުޖަމާކޮށް ހިމަނުއްވައިފައިވެ އެވެ. ދުނިޔޭގެ ކުޅަދާނަ ޝަޚްޞިއްތުތަކާ ބެހޭ މަޢުލޫމާތުތައް ހުށަހަޅުއްވައިފައިވެ އެވެ. އެހެންކަމުން ބޭރު ދުނިޔޭގެ ޚަބަރުތައް ތަރުޖަމާ ކުރުމާއި، ނޫސްވެރިކަމުގެ ލިޔުންތެރިކަން ރަސްމީކޮށް ފެށުމާއި، އަދި ލިޔުންތެރިކަމުގެ ތަފާތު ދާއިރާތައް ތަނަވަސްވެގެން ދިޔައީ މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުގެ ދައުރުގައިކަން އެނގެ އެވެ. މައުމޫން ޢަބްދުލްޤައްޔޫމު (1987) ބާޔާން ކުރައްވާ ގޮތުގައި، މުޙަންމަދު އަމީނު ދިވެހި އަދަބަށް ޚިދުމަތްކުރަން ފެށްޓެވި ދުވަސްވަރަކީ މަޢުލޫމާތު ހޯދައި ލިބިގަތުން ދަތި ދުވަސްވަރަކަށްވެފައި، ޢިލްމީ ފޮތްތައް މަދު ޒަމާނަކަށް ވާއިރު، ތަފާތު ގިނަ ދާއިރާ ތަކަށް މުޙަންމަދު އަމީނު ލިޔުއްވައިފައިވުމުން ދޭހަ ކޮށްދެނީ އަދަބިއްޔާތު ކުރި އެރުއްވުމަށް މުޙަންމަދު އަމީން ކުރައްވައިފައިވަނީ އަގުހުރި ޖިހާދެއްކަމެވެ. އެހެނީ އެމަނިކުފާނު ވަނީ ޤައުމީ، އަދަބީ، ތާރީޚީ، ދީނީ، ޞިއްޙީ، ޖުޣުރާފީ، ފަދަ ޢިލްމީ ދާއިރާ ތަކުގެ އިތުރަށް، ތަމްސީލާއި، ޚިޔާލީ ވާހަކައާއި، އަދި ކެއްކުމާބެހޭ ދާއިރާގެ މައުޟޫޢުތަކަށް ވެސް ލިޔުންތައް ލިޔުއްވައިފަ އެވެ.

މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުން ދިވެހި އަދަބާއި ލިޔުންތެރިކަމަށް ފޯރި އަސަރުތަކުގެ ތެރޭގައި  އަދަބީ އުފެއްދުންތަކުގެ ފެންވަރު ރަސްމީކޮށް މޮނިޓަރ ކުރައްވަން ފެށްޓެވުން ހިމެނެއެވެ. އޭގެ ސަބަބުން އަމީނީ ދައުރުގައި   ނިކުތް އަދަބީ ލިޔުންތަކުގެ ފެންވަރު ރަނގަޅުވި  އެވެ.  މި ގޮތުން މުޙަންމަދު ޖަމީލު (2008) ހާމަ ކުރައްވާ ގޮތުގައި އެ ދުވަސްވަރު އުފެދުނު، (މުޙަންމަދު އަމީނު ރައީސްގެ މަގާމު ފުރުއްވި) ވާހަކަ ކޮމިޓީގެ  މަސްއޫލިއްޔަތަކީ، ދިވެހިބަހުން ލިޔެގެން ނެރޭ ވާހަކަތައް ފާސްކުރުމެވެ. ޢަބްދުﷲ ޞާދިޤު (ލިޔުންތެރިޔާ ގާތުގައި ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު 8، 2011). ވިދާޅުވި ގޮތުގައި ވާހަކަ ކޮމިޓީ އުފެދުނު ދުވަސްވަރު، ''ޖަމްޝީދު'' ކިޔާ ވާހަކަ އަކާއި، ''ގުލްބަކާ އަލީ'' ކިޔާ ވާހަކަ އެއް އަތުން ލިޔެގެން މާލޭތެރޭ ގެންގުޅެ އެވެ. އޭނާ އިތުރަށް ބަޔާން ކޮށްދެއްވި ގޮތުގައި މި ވާހަކަތަކަކީ އުރުދޫ ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވިފައިވާ  އުރުދޫ ސަގާފަތުގެ ވާހަކަ ތަކެވެ. ނަމަވެސް، ވާހަކަ ކޮމިޓީ އުފެދި ވަކި ހިސާބަކުން، ދިވެހި ފުރަތަމަ ދިގު ވާހަކަ ކަމުގައިވާ އަޙްމަދު ކާމިލްދީދީގެ ''މޫސާ ވަ ޒުލައިޚާ'' އަދި ދެވަނަ ވާހަކަ ކަމުގައިވާ، ޞަލާޙުއްދީނުގެ ''ރިވާޔަތު ނުޢުމާނު ވަ މަރުޔަމް'' ގާތް ގާތުގައި ނިކުތެވެ. މި ދެ ވާހަކަ އަކީ އަދަބީ ގޮތުން ދިވެހި ބަހުގެ އަގުހުރި ދެ މުތް ކަމުގައި ޢަބްދުﷲ ޞާދިޤު ދެކެވަޑައިގަންނަވައެވެ. ހަމަ އެހެންމެ މުޙަންމަދު ޖަމީލު (ތނ) ހާމަ ކުރައްވާ ގޮތުގައި (ޞ.8) ވާހަކަ ކޮމިޓީ އިން 1943ގައި ''އައްރަފީޤު'' ގެ ނަމުގައި މަޖައްލާއެއް ނެރެން ފެށުނެވެ. އަޙްމަދު ޝަފީޤު (ލިޔުންތެރިޔާ ގާތުގައި ވިދާޅުވި ވާހަކައެއް، ތނ. 2006). ވިދާޅުވި ގޮތުގައި މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުގެ ދައުރަކީ ދިވެހި ލިޔުންތަކުގެ ޢިބާރާތްކުރުމުގެ ވައްޓަފާޅިއާއި، ވާހަކަތައް ބަޔާން ކޮށްދިނުމުގެ ޖޯޝަށް ބޮޑު އިންޤިލާބެއް ގެނެސްދިން ދައުރެކެވެ. އޭނާ އިތުރަށް ހާމަ ކުރެއްވި ގޮތުގައި، ބޮޑުފެންވަޅުގޭ ސީދީގެ ބަސްފުރޮޅުމުގެ ޅެންވެރިކަން، ސާދާ ބަސްމަގަށް ބަދަލުވުމާއި، މުޙަންމަދު ޖަމީލު ފަދަ ބޭފުޅުން ތަޢާރުފު ކޮށްދެއްވި ކުރު ޢިބާރާތް ކުރުމުގެ ހުނަރަކީ އަމީނީ ޚިދުމަތުގެ މޭވާ އެވެ. އެހެންކަމުން މި ފަދަ ހެޔޮ ބަދަލުތަކަކާއެކު، ''ސަރުކާރުގެ ޚަބަރު'' އާއި، ޅެންވެރިންގެ ގުލްޒާރުގެ ފަރާތުން ނެރުއްވާ ''ނޫރާނީ މަލާ'' އަދި '' އައްރަފީޤު'' މަޖައްލާއާ ދިވެހި އަދަބީ ދާއިރާގެ އުފެއްދުންތަކުގެ ގޮތުގައި އެއް ދުވަސްވަރެއްގައި ޝާއިޢު ވާން ފެށުމުން، މުޙަންމަދު އަމީނު ދައުރުގެ އަދަބީ ޙަރަކާތްތަކުގެ ސަބަބުން،  ދިވެހި ލިޔުންތެރިކަމުގެ ދާއިރާ މުއްސަނދިވެ ކުރި އެރުންތަކެއް  އައިސްފައިވާކަން ކަށަވަރުވެ އެވެ.

ވާހަކަދެއްކުންތެރިކަން:


މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުގެ ދައުރުގައި ވާހަކަ ދެއްކުމުގެ ފަންނު ކުރި އަރުއްވައިފައިވެ އެވެ. ވަކި މައުޟޫޢުތަކަށް އިންފިރާދީކޮށް ވާހަކަ ދެއްކުމާއި، އަދި ދޭދޭ ބަޙުޘްތައް ބާއްވަވައިފައިވެ އެވެ. އަޙްމަދު ޝާޠިރު (ލިޔުންތެރިޔާ ގާތު ވިދާޅުވެފައިވާ ވާހަކައެއް، ސެޕްޓެމްބަރު 10، 2011). ވިދާޅުވާ ގޮތުގައި  1 ޝަޢުބާން 1364ގައި ނާދީ ތަމައްދުން ހުޅުވުނީ ތަހުޒީބީ ޙަރަކާތްތަކުގެ ކުލަބެއްގެ ގޮތުގަ އެވެ. ޝާޠިރު އިތުރަށް ހާމަ ކުރައްވާ ގޮތުގައި ނަސޭހަތް ދިނުމާއި، ދީނީ ތަޤުރީރުތައް ދިނުމާއި، އަދަބީ އެކި އެކި މުބާރާތްތައް މި ނާދީގެ ތެރޭގައި ބޭއްވުނެވެ. ޢަބްދުﷲ މޫސާ (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރ 10، 2011) ވިދާޅުވި ގޮތުގައި ނާދީގައި ބޭއްވުނު ވާހަކަ ތަޤުރީރު ކުރުންތަކާއި، ބަހުސްތަކުގައި މުޙަންމަދު އަމީން އަމަލީ ގޮތުން ބައިވެރިވެވަޑައިގަތެވެ. މުޙަންމަދު ޖަމީލު (2008) ކަށަވަރު ކޮށްދެއްވާ ގޮތުގައި ވެސް، ފުރަތަމަ އުފެދުނު ވާހަކަ ކޮމިޓީގެ ހަރަކާތްތައް ހަލުއިވެ ފުޅާވެގެން ދިޔަ ދިޔުމުގައި ބަޙުޘްތައް ފެށި، މާލޭ ގެ އާންމު ރައްޔިތުންނަށް އެ ކަމުގެ ޙަޤީޤީ މަފުހޫމު ދޭހަ ނުވާތީ މަޞްލަޙަތަށްޓަކައި، ޢަޠިއްޔަތުއްރަޙްމާނުގައި ބަޙުޘްތައް ކުރެވުނު އިރު ވެސް މުޙަންމަދު އަމީނު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަނެ އެވެ.  ޔޫސުފު އަލިފުޅު (2010) ވިދާޅުވާ ގޮތުގައި އޭނާގެ ވާހަކަ ދެއްކުންތެރިކަމުގެ އުސްތާޛަކީ މުޙަންމަދު އަމީނެވެ. އަޙްމަދު ޒާހިރު (2009) ކަށަވަރު ކޮށްދެއްވާ ގޮތުގައި މުޙަންމަދު އަމީނު ދައުރުގައި ވާހަކަ ދެއްކުމުގައި އަޑު ހާނާންވެގެން ފަތިހު އިރު އަރާ ވަގުތު މާލޭގެ މިހާރުގެ ސުނާމީ ބިނާ އެ ހުރި ސަރަހައްދަށް ވަޑައިގެން ހެއްދެވި ތަމްރީނުތަކެއްގެ ހަނދާން މިހާރު ވެސް ހަނދުމަފުޅަށް އާދެ އެވެ. އެހެންކަމުން މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުގެ ދައުރަކީ، ވާހަކަ ދެއްކުންތެރިކަމާއި، ބަޙުޘްކުރުމުގެ ފަންނުތަކަށް ދިރުމެއް ގެނައި ދައުރެއްކަން އެނގެ އެވެ.

ފޮތްތެރިކަން:


ދިވެހިންނަކީ، ފޮތް ކިޔާ، ފޮތްތެރި ބަޔަކަށް ހެއްދެވުމަށްޓަކައި މުޙަންމަދު އަމީނު މަސައްކަތްޕުޅު ކުރެއްވި އެވެ. މުޙަންމަދު ޖަމީލު (2008) ވިދާޅުވާ ގޮތުގައި 2 ރަމަޟާން 1365ގައި ދިވެހި ބަހަށް ޚިދުމަތްކުރުމަށްޓަކައި ބަސްކޮމިޓީއެއް އުފެއްދެވި އެވެ. ވަޒީރުލްމަޢާރިފުގެ ހައިސިއްޔަތުން މި ކޮމިޓީގެ ރައީސަކަށް ހުންނެވި މުޙަންމަދު އަމީނު ކަމަށާއި، އަދި މުސްތަޝާރެއްގެ ގޮތުގައި ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން އައްޔަނު ކުރައްވައިފައިވާކަމަށަ ޖަމީލު ވިދާޅުވެ އެވެ. އޭނާ ކަށަވަރު ކޮށްދެއްވާ ގޮތުގައި ދާދި ކުރުމުއްދަތެއްގެ ތެރޭގައި ބަސްކޮމިޓީއެއް ވެސް އުފެދި، ދިވެހި ބަހުގެ އެކި އަކުރުގެ ރަދީފު ވަކި ވަކިން އެކުލަވައިލައި ޗާޕުވެގެން ނުކުންނަން ފަށައިފި އެވެ. ދިވެހި ފޮތްތެރިކަމުގެ ދުނިޔެއަށް މުޙަންމަދު އަމީނު ކޮށްދެއްވި ޚިދުމަތާ މެދު މައުމޫނު ޢަބްދުލްޤައްޔޫމު (1987) ވިދާޅުވަނީ، މުޙަންމަދު އަމީނު ލިޔުއްވާފައިވާ ދަތުރު ނާމާ ތަކަކީ އިބްނު ބަޠޫޠާ ރާއްޖެއާ ބެހޭ ގޮތުން ލިޔުއްވާފައިވާ ލިޔުންތައް ފަދަ އަގުހުރި ލިޔުންތަކެއް ކަމުގަ އެވެ. ހަމަ އެހެންމެ މުޙަންމަދު އަމީނު އަމިއްލަ ފުޅަށް 35 ފޮތް ލިޔެ ތަޞްނީފު ކުރައްވައިފައިވެ އެވެ. (ޅެންވެރިންގެ ޖަމިއްޔާ، 1972). މުޙަންމަދު ޢާމިރު (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު 8، 2011) ހާމަ ކުރައްވާ ގޮތުގައި ދިވެހި ބަހުގެ ބައެއް ހަމަތަކާބޭހޭ ގޮތުން މުޙަންމަދު އަމީނު ފާޅުކުރައްވައިފައިވާ ޚިޔާލުތަކަކީ މި އަދުގެ ދަރިވަރުންނަށް އުނގަންނާ ދިނުމުގައި އޭގެ ބޭނުން ކުރެވެމުން އަންނަ، ޢިލްމީ ގޮތުން ބުރަދަން ހުރި ޚިޔާލުތަކެކެވެ. ހަމަ އެހެންމެ މުޙަންމަދު އަމީނުގެ ބެއްލެހެއްޓެވުންތެރިކަމުގެ ދަށުން ނިކުތް ނޫސް މަޖައްލާތަކާއި، ޅެންފޮތްތަކާއި، އޭނާ އަމިއްލައަށް އެކުލަވައިލެއްވި ފޮތްފޮތަކީ، އަދަބީ ގޮތުން ނުހަނު ބުރަދަން ހުރި ފޮތްތައް ކަމަށްވުމާއި، ކުރުމުއްދަތެއްގެ ތެރޭގައި އަދަބީ ގޮތުން އޮއްޓަރު ހުރި ގިނަ ފޮތްތަކެއް ނިކުމެފައިވާތީ، ދިވެހި ފޮތްތެރިކަން ކުރި އެރުވުމުގައި މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތް އިސްދައުރެއް އަދާކޮށްފައިވާކަން ސާބިތުވެ އެވެ.

އާޖީލެއް ބިނާ ކުރެއްވުން:


މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތަކީ،  ކިޔެވުމުގެ ފުރުސަތުން މަޙްރޫމުވެފައި ތިބި އެތައް ދިވެހި ދަރީންނެއް، ދިވެހި އަދަބުގެ ބޮޑެތި އުސްތާޛުންކަމުގައި ހަދައިދިން ޚިދުމަތެކެވެ.  ޔޫސުފު މުޙަންމަދުފުޅު (1989) ވިދާޅުވާ ގޮތުގައި މުޙަންމަދު އަމީނު ރަށްފުށަށް ވަޑައިގެން،  ކިޔަވައިދިނުމަށްޓަކައި ދާރުލްއިޤާމާ އަށް ކުދިން ގެންނެވި ދުވަސްވަރަކީ، ތަޢުލީމު ޙާޞިލްކުރުމަކީ، ރަށްފުށުމީހުންނަށް ހަރާމްކަމެއްގެ ގޮތުގައި ދިވެހިންނަށް ގަބޫލުކުރެވިފައިވާ ޒަމާނެކެވެ. ޢަލީ ޙުސައިން (ލިޔުންތެރިޔާ ގާތުގައި ވިދާޅުވި ވާހަކައެއް، ސެޕްޓެމްބަރު، 7، 2011). ވިދާޅުވާ ގޮތުގައި ރާއްޖޭގެ މި ފަހުގެ ތާރީޚު ދުށް މަޝްހޫރު އަދީބުން ނުވަތަ ޅެންވެރިންކަމުގައިވާ، މުލީ ޢަބްދުﷲ ޞާދިޤާއި، މުލަކު މުޙަންމަދު ޞާދިޤާއި، ދަރަވަންދޫ ޔޫސުފު އަލިފުޅާއި، އިނގުރައިދޫ ޔޫސުފު މުޙަންމަދުފުޅާއި، ހޯރަފުށީ އާދަމް ސަލީމާއި، ގުޅީ މުޙަންމަދު ވަސީމާއި، އަދި މަޑުލު މުޙަންމަދު ވަޙީދު ފަދަ ބޭފުޅުންނަކީ، މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުގެ މޭވާ އެވެ. އޭނާ އިތުރަށް ތަފުޞީލުކޮށްދެއްވި ގޮތުގައި ޚޮދު އޭނާ އަކީ ވެސް މި އަދު ލިޔާ މީހެއްގެ އިތުރުން، އިހުގެ ލިޔުންތަކަށް ލޯބި ހުރެގެން އެ ލޯބީގައި ލިޔުންތައް ޗާޕު ކުރާ މީހެއްގެ ގޮތުގައި ފެންނަން މި ހުރީ މުޙަންމަދު އަމީނު ދާރުލްއިޤާމާއަށް އޭނާ ގެންނަވައި އެ ދެއްވި ތަޢުލީމުގެ ސަބަބުންނެވެ. މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތުން ދިވެހި އަދަބަށް ކުރި އަސަރު ވަޒަން ކުރައްވައި މުޙަންމަދު ޖަމީލު (2008) ވިދާޅުވަނީ ދިވެހި ބަހުގެ އަދަބަށް އެމަނިކުފާނު ކުރެއްވި ޚިދުމަތްތައް ގުނާ ފާހަގަކޮށް ދެއްކުމަށްވުރެ އުޑުގައި ހުރި ތަރިތައް ގުނައި ފާހަގަ ކޮށް ދެއްކުން ވެސް ފަސޭހަވާނެ އެވެ.


ނިންމާލުން:


މުޙަންމަދު އަމީނު ދިވެހި އަދަބިއްޔާތަށް ކޮށްދެއްވި ޚިދުމަތަކީ ވަރަށް ގިނަ ޚިދުމަތްތަކެކެވެ. މި ދިރާސާއިން އެނގުނު ގޮތުގައި އަމީނަކީ ލިޔުންތެރިކަމާއި ވާހަކަ ދެއްކުންތެރިކަމާއި، ޅެންވެރިކަމާއި، މި ފަދަ ކަންކަން ދިރުވައި އާލާ ކުރެއްވި ބޭފުޅެކެވެ. ނާދީ ތަމައްދުންގެ ޙަރަކާތްތަކާއި، ވާހަކަ ކޮމިޓީގެ މަސައްކަތްތަކާއި، ދާރުލްއިޤާމާގެ ނަތީޖާ އިން މިކަން ކަން ދޭހަ ވެއެވެ. މި ދުވަސްވަރުގެ ޙަރަކާތްތަކުގެ ތެރޭގައި ދިވެހި ބަހުގެ ލިޔެ ކިޔުމާއި ޢިބާރާތްކުރުންތައް ތަރައްޤީވެފައިވާކަން އެނގޭތީ އެވެ. ޅެންވެރިކަމުގައި އާ ޚިޔާލުތަކާ ފަލްސަފާތައް ފެންނަން ހުރީތީ އެވެ. ތަރުޖަމާ ވާހަކައަށް ބަރޯސާވެފައި ތިބި ތިބުން ދޫކޮށް ދިވެހި އާ ވާހަކަތައް އުފަންވެފައިވާތީ އެވެ. ބަހުގެ އަދަބީ ފެންވަރު މޮނީޓަރ ކުރެވި ބެލެހެއްޓިފައިވާތީ އެވެ. މި އަދަބީ ޙަރަކާތްތަކުގެ ތެރޭން ކުޅަދާނަ އެތައް އަދީބުންނަކާއި އަދީބާއިންނެއް، ޝާޢިރުންނަކާއި، ޝާޢިރާއިންނެއް އުފެދިގެން އަޔަތީ އެވެ.  އެހެންކަމުން މި ދިރާސާ އިން އެނގުނު ގޮތުގައި މުޙަންމަދު އަމީނުގެ އަދަބީ ޚިދުމަތްތަކުން ދިވެހި އަދަބިއްޔާތަށްވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފަ އެވެ.
-------------
 (ނިމުނީ)


ހަވާލާ:

1-     ބޮޑުފެންވަޅުގޭ ސީދީ. (1989). ދިވެހި ޅެންހެދުމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު. މާލެ.

2-    އިބްރާހީމް ރުޝްދީ. (1953). ޤައުމީ ބަހަށް ހިންގާލި ނަޒަރެއް. ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް (12). ނޮވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް
            ޕވޓ ލޓޑ: މާލެ

6-    އަޙްމަދު ޒާހިރު. (2009). ތިރީސް އަހަރު: މުޞައްނިފް.

2-    މައުމޫން ޢަބްދުލްޤައްޔޫމު. (1987).  މުޙައްމަދު އަމީނުގެ ހިނގާ ގަލަންކޮޅު އަދަބިއްޔާތުގެ ޚާއްޞަ ރޮނގެއްގައި. ސައްޔާހެއްގެ ޔައުމިއްޔާއިން ގަނޑެއް: ދިވެހި ބަހާއި
            ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު. މާލެ.

2-    މުޙަންމަދު ޖަމީލު. (2008). ދިވެހިބަހާއި އަދަބުގެ ޚިދުމަތުގައި. ދިވެހި އަދީބުންގެ ދުވަސްވީ ލިޔުއްވުންތައް (12). ނޮވެލްޓީ ޕްރިންޓާރސް އެންޑް
           ޕަބްލިޝާރސް ޕވޓ ލޓޑ: މާލެ

5-    ޔޫސުފު އަލިފުޅު. (2010). މަޝްހޫރު ދިވެހި ޅެންވެރިޔާ ޔޫސުފު އަލިފުޅުގެ ޚާއްޞަ ބަސްދީގަތުން. ފަންވަތް. ނެގީ، 10 ސެޕްޓެމްބަރ 2011: http://www.fanvai.info/biography/dhivehi/1957-2011-01-15-00-23-08.htmlން.

7-    ޔޫސުފު މުޙަންމަދުފުޅު. (1989). ޅެންވެރިންގެ ވާދީ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ