އަދުގެ ޚާއްސަ

Print

މާލޭގައި އުޅެނީ މުޅިންވެސް މުސްލިމް ޖިންނިބާވައެވެ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޤަބޫލުކުރަންދަތި



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއީ ގިނަ ބަޔަކަށް ޤަބޫލުކުރާން އުނދަގޫ ވާހަކަތަކަކަށް ވެދާނެ އެވެ. ނަމަވެސް މިއީ ހަމަ ޙަޤީޤީ ޙާދިސާތަކެއްގެ ވާހަަކައެވެ. ޖިންނިއާ ބެހޭ ވާހަކަތަކެކެވެ. މާލޭގައި އުޅޭ ނުވަތަ މާލޭގައި ޙަރަކާތްތެރިވާ ޖިންނިތަކެއްގެ ވާހަކައެވެ.

2011 ވަނަ އަހަރުގެ އޮކްޓޯބަރ މަސް ނިމެމުންދަނިކޮށް ދިމާވި ޙާދިސާއެކެވެ. ހ. ރަނގަޅަށް ހެދޭގޭ (އަޞްލުނަމެއް ނޫން) ޢަބްދުލްކަރީމް އާދަމް (އަޞްލު ނަމެއް ނޫން) އޮތީ ގޭގެ ސިޓިންގ ރޫމްގައި ސޯފާގައި ދެމިލައިގެންނެވެ. އޭނާގެ އަންހެނުން އަވަދިނެތި އުޅުނީ ގޭތެރޭގެ މަސައްކަތެއްގައެވެ. އޭރު ޓީވީގައި ހުރީ "ޑިޒްނީ ޖޫނިއަރ" ޗެނެލް އަޅުވައިފައެވެ. އެއީ އެގޭ އެންމެ ކުޑަކުއްޖާ ބެލުމަށް ކޮންމެ ދުވަހަކު ހަވީރު އަޅުވާ ޗެނެލެކެވެ. މި ޗެނެލް އެޅުވި ގޮތަށް މަޣުރިބް ނަމާދަށް ބަންގި ގޮވި އިރުވެސް ހުރީ ޗެނެލް ބަދަލު ނުކޮށެވެ. ޢާއްމު ގޮތެއްގައި ޢަބްދުލްކަރީމްގެ ދެމަފިރިން އެ ގަޑީގައި ބަލަނީ "ޤްރުއާން" ޗެނެލެވެ. އެއީ ބަރާބަރަށް ނަމާދުކުރާ ޢާއިލާއެކެވެ. ނަމަވެސް މަޣުރިބް ނަމާދަށް ބަންގި ގޮމީމާވެސް ޗެނެލް ބަދަލު ނުކުރެވި ހުރީ ޢަބްދުލްކަރީމްގެ އަންހެނުން މާ ވަދިކޮށް އުޅުނީތީ އެވެ.

ނަމާދަށް މިސްކިތަށް ދާން ތެދުވާން އުޅެނިކޮށް ކުއްލިޔަކަށް ޢަބްދުލްކަރީމަށް ފެނުނީ ޓީވީ އިސްކިރީނުން މޭނޫ އަށް ފިތި ފަހަރަކު ޗެނަލަކަށް ބަދަލުކުރަމުން ގޮސް "ޤުރުއާން" ޗެނެލްއަށް ޓިޔުންކޮށްލިތަނެވެ. އަދި އަޑުވެސް ހެޔޮވަރު ކޮށްލެވުނުތަނެވެ. ޢަބްދުލްކަރީމް އޮތީ ސޯފާގައެވެ. އޭނާގެ އަންހެނުން އުޅުނީ ދޮވުނު އެއްޗެހީގައިފެންލާށެވެ. އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

"ޗެނެލް ބަދަލު ކުރީ ކާކުހެއްޔެވެ؟" ޢަބްދުލްކަރީމް ސުވާލުކުރި އެވެ.

"ނޭނގެ. ޢަބްދުލްކަރީމެއް ނޫންތޯ؟"

"ހޫނ! މަށެއް ނޫން! ރިމޯޓް ކޮމާންޑަރ ވީތަނެއް ވެސް ނޭނގިގެން މި އޮތީ ވެސް. " ޢަބްދުލްކަރީމް ޖަވާބު ދިނެވެ.

ޙައިރާންކަމާއެކު ދެމަފިރިންވެގެން ރިމޯޓް ކޮމާންޑަރ ހޯދި އިރު ޓީވީގެ ރިމޯޓާއި ޑީކޯޑަރ ގެ ރިމޯޓްވެސް އޮތީ މާ ދުރުގައި ހުރި ކޮންޕިޔުޓަރ މޭޒުގެ މަތީގައެވެ. ވީ ގޮތެއް ހަމަ އެއް ގޮތަކަށްވެސް ނޭނގުނެވެ. ކޮންމެވެސް  ވަރަކަށް ޙައިރާާންކަން ލިބުން ފިޔަވައި އިތުރު ޖަވާބެއް ނުލިބުނެވެ.

މި ހާދިސާގެ ވާހަކަ އަޅުގަނޑު، ޢަބްދުއްޞަމަދު ޙާމިދު (އަޞްލު ނަމެއް ނޫން) އާ ޙިއްސާކޮށްލީމެވެ. އެއީ އެންމެން ދަންނަ ވަރަށް ޢިއްޒަތްތެރި އަބުރުވެރި ބޭފުޅެކެވެ. އޭނާ އަށް މިވާހަކަ އިވިވަޑައިގަތުމުން ޙައިރާނެއް ނުވި އެވެ. ވިދާޅުވި އެވެ. "ތިޔަ ވާނީ މުސްލިމް ޖިއްނިއަކު ކުރި ކަމަކަށެވެ. އެކަހަލަ ޖިންނި ވަރަށް އެހީތެރިވާނެ އެވެ. ޢާއްމުކޮށް ތިޔަ ގޭގައި އެ ގަޑީގައި ޤުރުއާން އިވޭކަން އެ ޖިންނިއަށް އެނގޭނެތާއެވެ. އެހެންވެ އެ ގަޑީގައި ކާޓޫނު އަޅުވައިފައި ހުރީމާ އާދައިގެ މަތީން ބަދަލުކޮށްލައި ދިނީ އެވެ."

ޙައިރާންކަން ލިބުނީ އަޅުގަނޑަށެވެ. މި ދެއްކެވި ވާހަކަ އަކުންނެވެ. އެހެންވެ ކުއްލިއަކަށް ހިނިއަންނަ ގޮތް ވެސް ވެއްޖެ އެވެ. އަދި ދެންނެވީމެވެ. "ސަމާސާ ނުކުރައްވާށެވެ!"  ޙާމިދަކީ ވަރަށް ސަމާސާ މިޒާޖުގެ ބޭފުޅަކަށް ވާތީ ސަމާސާ ކުރައްވަނީ ކަމަށް އަޅުގަނޑަށް ހީވީއެވެ.

"މިއީ ހަމަ ސީރިއަަސްކޮށް ދެއްކި ވާހަަކައެކެވެ."  ޙާމިދު ޖަވާބުދެއްވި އެވެ. "އެއް ދުވަހަކު އަޅުގަނޑުގެ އަންހެނުން ރިހަކައްކަން ތައްޔާރުކޮށް ގޭސް އުނދުންމަތީ ތެލި އުދަން ފަދަކޮށްލިތަނާ އަމިއްލަޔަކަށް އުނދުން ރޯކޮށްލި އެވެ. އަދި އަލިފާންގަނޑު ހެޔޮވަރުކޮށްލިއެވެ. މިއީ އަޅުގަނޑުމެންގެ ގޭތެރޭގައި ޒަމާނުއްސުރެ އުޅޭ މުއުމިނު ޖިއްނި ކުރި ކަމެއްކަން އަޅުގަނޑަށް އެނގުނެވެ. ނަމަވެސް އަންހެނުން ބިރުގަނެދާނެތީ، އެހެންވެދާނެޔޭ ބުނެ އެ ދުވަހު އޭނާ ހަމަޖައްސައިލީ އެވެ."

ޙާމިދު އެހެން ވާހަކައެއް ވެސް ކިޔައިދެއްވި އެވެ. އޭނާ ވިދާޅުވި އެވެ. "އެއްދުވަހަކު އިރު އޮއްސުނު ވަގުތު އަޅުގަނޑު ސިޓިން ރޫމަށް ވަން ތަނާ އަޅުގަނޑުގެ އެންމެ ހަގު ދަރިފުޅު ބުންޏެވެ. 'ބައްޕާއެވެ! މީގެ ކުޑައިރުކޮޅެއް ކުރިން ގޯތިތެރެއަށް ވަން މީހަކު އަދިވެސް ނުނުކުމެއެވެ. ބައްޕައާ ބައްދަލުކުރަން އައި މީހެއް ތޯއެވެ؟' އަޅުގަނޑު ސުވާލުކުރީމެވެ. 'ކިހިނެއް ހުރި ކޮން ކަހަލަ މީހެއް ހެއްޔެވެ؟' ދަރިފުޅު ބުންޏެވެ. 'އޭނާ ހުރީ ހުދުކުލައިގެ ޖުއްބާއެއްލައިގެން ބޮލުގައި ފަގުޑިވެސް އަޅައިގެންނެވެ. އަޅުގަނޑާ ދިމާއަށް ބަލައިލައި ހީނވެސްލިއެވެ.' ދަރިފުޅު މިހެން ބުނީމާ އެއީ ވެސް އެއްކަލަ ޖިންނިކަން އަޅުގަނޑަށް އެނގުނެވެ. އެއީ ކިތަންމެ ފަހަރަކު އަޅުގަނޑަށް އެ ޖިންނި ފެނިފައިވާތީ އެވެ. އެހެންނަމަވެސް ދަރިފުޅު ބިރުގަނެފާނެތީ، އެ ވާނީ އޭނާ ނުކުތްތަން ދަރިފުޅަށް ނުފެނުނީ ކަމަށޭ ބުނެ އެ ވާހަކަ ހަމަޖައްސައިލީ އެވެ. އެހެން ނަމަވެސް އެއީ ވެސް ހަމަ އެ ޖިންނިކަން އަޅުގަނޑަށް ޔަޤީނެވެ."

ޙާމިދު މި ވާހަކަތައް ކިޔައިދެއްވީމާ އަޅުގަނޑު ހިތަށް އެރީ ޢަބްދުލްކަރީމް ގެ ދެމަފިރިންނާ ވެސް އެ ދިމާވި ކަމަށް ވާނީ ހަމަ އެކަހަލަ ހާދިސާއެކެވެ. އެހެން ނަމަވެސް ހިތުގައި ސުވާލެއް އުފެދުނެވެ. މި މާލޭގައި އުޅެނީ ހުސް މުސްލިމު ޖިންނި ބާވައެވެ. ނުވަތަ ރަނގަޅު މީހުންގެ ގޭގައި މުސްލިމް ޖިއްނި އުޅެނީ ބާވައެވެ؟؟ މިއީ އުފެދޭ ސުވާލެވެ.

ކޮންމެއަކަސް އަޅުގަނޑު މި ބަޔާންކޮށްލީ މާލޭގައި ހިނގައިފައިވާ ހަޤީޤީ ޙާދިސާތަކެކެވެ. މަޞްލަޙަތަށް ޓަކައި އެ ގޭގެއާއި އެ ބޭބޭފުޅުންގެ އަޞްލު ނަންފުޅުތައް ނުދެންނެވީ އެވެ. ތިޔަ ބޭފުޅުން އަމިއްލަފުޅަށް އިންސާފުކުރައްވާށެވެ!
-------------
(ނިމުނީ)

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ