އަދުގެ ޚާއްސަ

Print

ސާދަ ވިލޭރޭ (10)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ ވާހަކަ



ބިންމާ އިބްރާހިމް ވަހީދު
 
                                                            (21 އޮކްޓޯބަރ 2011 ގުޅޭ)
ދަންވަރުގެ ވަގުތެވެ. މޭޒުމަތީގައިހުރި ސޯނާގަޑީގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެ އެވެ. ޖެހިލި ވައި ރޯޅިއަކާ އެކުގައި، ފުރާޅުމަތީގައި ހުރި ހިކި ފަތްތައް ވަޔާ ބުރުއްސައިލި އަޑު އިވުނެވެ. ކޮޓަރިގައި ދިއްލައިފައިވާ ބޮކީގެ ފަނޑު އަލި، އިތުރަށް ފަނޑުވި ކަހަލައެވެ. މޫސަ އާއި ސައީދާ ތިބީ ނިދައިފައެވެ. ކުއްލިއަކަށް ސައީދާގެ ލޯ ތަންމިނަށް ހުޅުވައިލި އެވެ. އަދި ގަޔާވެފައި ހުރެގެން ސައީދާ ތެދުވި އެވެ.

ސައީދާގެ ކަޅި ޙަރަކާތެއްނުކުރެ އެވެ. ކަޅީގެ ބަދަލުގައި އެނބުރެނީ ސައީދާގެ މުޅި ހަށިގަނޑެވެ.  ތެދުވެފައި މޫސައަށް ބަލަހައްޓައިގެން ސައީދާ ހުއްޓެވެ. އެތައް އިރަކު އެ ގޮތަށް ހުރުމަށްފަހު ސައީދާ ހިނގައިގަތެވެ. ދިޔަގޮތަށް ގޮސް އޭނަ ހުއްޓުނީ، ކުރީދުވަހު ސައީދާ ކޮޓަރީގައި ބެހެއްޓި ލޯނގަޑު ކައިރީގަ އެވެ. މީހަކު ސައީދާގެ އަތް ގެންގޮސް އެ ލޯގަނޑުގައި ޖެއްސީމާ ހިފާހެން ސައީދާ އެ ލޯގަނޑުގައި ހިފި އެވެ. އަދި، ލޯގަނޑު ނަގައިގެން އައިސް، އަލަމާރީގެ އެންމެ އަޑިއަށް ލޯގަނޑު ލިއެވެ. ކުރިން ސިޓިންރޫމުގައި ހުރި ލޯގަނޑުވެސް އެ ތަނުގައި އޮތެވެ.

އަލުން އެދަށް ދިއުމަށްޓަކައި ސައީދާ އެބުރުނުއިރު ނާޒިމާ ހުރީ ކޮޓަރިތެރޭގަ އެވެ. އެހެންނަމަވެސް، ސައީދާ އަކަށް ނާޒިމާއެއް ނުފެނެއެވެ. ސައީދާ ގޮސް އޮށޯވެފައި، ގައިމަތީގައި ރަޖާ އަޅައިލި އެވެ. އެހިސާބުން ސައީދާ އެކޭ ނިދައި މަރުވެފައިވާ މީހެކޭ އެއްފަދައެވެ. ނާޒިމާ މަޑުމަޑުން އައިސް ސައީދާ ކައިރިއަށް ހުއްޓުނެވެ. އަދި ސައީދާ ގައިމަތިން އަޅައިފައިވާ ރަޖާގަނޑަށް ބަލައިލި އެވެ. އެ ރަޖާގަނޑު އަމިއްލައަށް ތިރިއަށް ކެހުނެވެ. ސައީދާ ލައިގެން ހުރި ޓީޝާޓު ކުޑަކޮށް މައްޗަށް އަރައިފައިވުމުން، އޭނާގެ ބަނޑުން ބައެއް އޮތީ ހާމައަށް ފެންނާށެވެ. ނާޒިމާ ހުރީ އެދިމާއަށް ބަލަހައްޓައިގެންނެވެ. އިސާހިތަކު ސައީދާގެ ބަނޑުގެ ދެ ހަން ދޭތެރެއިން، ފަންޏެއް ކަހަލަ އެއްޗެއް ހިރެން ފެށިއެވެ. ހިރެމުންގޮސް އެފަނި މެދުން ބުރިވިއެވެ. އެއްބުރި މެޔާ ދިމާއަށް މައްޗަށް އަދި އަނެއް ބުރި ތިރިއަށް ގޮސް ގެއްލުނެވެ. އެއަށްފަހު ރަޖާގަނޑު ކުރިން އޮތްގޮތަށް ހަމަޖެހުނެވެ. ބޭނުންވި ކަންތައް ކުރެވުމުން، ނާޒިމާ ހިނގައިގަތީ ފާރާ ދިމާއަށެވެ. ފާރުގައި ޖެހޭ ހިސާބަށް ގޮސްފައި ހުއްޓުނެވެ. އަދި، ޑުރެސިން ޓޭބަލުގައިވާ ލޯގަނޑާ ދިމާއަށް ބަލައިލި އެވެ. އެ ލޯގަނޑުގައި، ނުފެންނައަތަކުން "ބައްޕާ!" ލިޔެވެން ފެށިއެވެ. އަކުރުތައް އެހާ ރީއްޗެއް ނޫނެވެ. ހީވަނީ ލެއިން ފެވިފައިވާ އަކުރުތަކެއް ހެންނެވެ. އެހިސާބުން ނާޒިމާ ހިނގައިގަތީއެވެ. އަދި، މަޑުމަޑުން އޭނާ ގެއްލުނެވެ.

ހެނދުނު އެންމެ ފުރަތަމަ ހޭލީ މޫސައެވެ. އޭރު ގަޑިން އަށެއް ޖަހަނީއެވެ. ފާޚާނާއަށް ވަދެ، މޫނު ދޮވެލައިގެން ގޮސް، ފާޚާނާގެ ލޯގަނޑު ކައިރިއަށް ހުއްޓުމާއެކު، ކުއްލި ހައިރާންކަމެއް މޫސައަށް ލިބުނެވެ. އެ ލޯގަނޑުގައި "ބައްޕާ!" ޖަހާފައި އޮތުމުންނެވެ. އެ ލިޔުމުގައި މޫސަ އިނގިލި ހާކައިލުމާއެކު، ވަރަށް ފަސޭހައިން ފުހެވުނެވެ. ފާޚާނާއިން ނުކުމެގެން ގޮސް މޫސަ ހުއްޓުނީ، ޑުރެސިންގް ޓޭބަލް ކައިރި އަށެވެ. އެ ލޯގަނޑުގައިވެސް ލިޔެވިފައިވަނީ ހަމަ އެފަދައިންނެވެ. ޓިޝޫއެއް ނަގައިފައި، އެ އަކުރުތައް ފުހެލަން އުޅެލައިފައި މޫސަގެ ޚިޔާލު ބަދަލުވި އެވެ. އަދި، ހިނިތުންވެލައިފައި ސައީދާއަށް މޫސަ ބަލައިލި އެވެ. ސައީދާ އޮތީ، ވަރަށް ފުން ނިންޖަކުން ނިދައިފަ އެވެ.

އެ ލިއުމަކީ ސައީދާ ލިޔެފައިވާ ލިޔުމެއްކަން މޫސައަށް ޔަގީނެވެ. ދަރިއެއް ހޯދަން މޫސަ ބޭނުން ވާހަކަ ބުނުމުން، ތަފާތު ގޮތަކަށް އެ ޚަބަޜު މޫސައަށް ދޭން ސައީދާ ބޭނުންވީކަން ވެސް މޫސައަށް ކަށަވަރެވެ. އެކަމަކު، މޫސަ ބޭނުންވީ، މޫސައަށް އެ ލޯގަނޑު ފެނުނު ކަމަކަށް ނުހަދާށެވެ. އޭރުން، އެންމެ ފަހުން ސައީދާ އެ ވާހަކަ އަހާނެ ކަމަށް ހީކޮށެވެ. އެކަމަކު، ސައީދާ އެ ވަހަކައެއް ނުދެއްކި އެވެ.

ދުވާލުގެ ވަގުތެވެ. ސައީދާ އޮތީ ކުނިކަހާށެވެ. މޫސަހުރީ ގޭތެރޭގަ އެވެ. ފާރުގައި ހުރި ގަޑި ހަމަނޫންވީމައި، އެ ގަޑި ނަގައިގެން އެއާ ކުޅޭށެވެ. ސައީދާގެ ބަޑުގައި ރިއްސާލި އެވެ. އެހެންކަމުން، އުނަގަނޑުގައި އަތް އަޅައިގެން ސައީދާ ހިންދަމާލި އެވެ. ކުރިން ނުވާ ކަހަލަ ތޫނު ތަދެއް ބަޑަށް އަރަންވީ އެއްވެސް ސަބަބެއް ސައީދާ އަކަށް ނުވިސްނުނެވެ. ދެއަތަކަށް ގުދުވެލާފައި، ކުނިކޮޅު ނަގައިގެން ގޮސް ގޯންޏަށް އަޅާފައި، ގޭތެރެއަށް ވަދެފައި ކަލަންޑަރު ބަލައިލި އެވެ. އެ ދުވަހުގެ ތާރީޚުގައި އިނގިލި ޖައްސައިލައިފައި، އަނެއް އަތުގެ އިނގިލިތަކުން މުއްދަތު ގުނައިލި އެވެ. މޫސައަށް އެ ހުރިހާ މަންޒަރެއް ފެނުނެވެ.
 
"ކިހިނެއްވީ ރަންކޮޅާ!" ނޭނގޭކަމަށް ހަދާލަފައި މޫސަ ބުންޏެވެ.

"މި ފަހަރު އަދި ޕީއެއް ނުވޭ!" ސައީދާ ބުންޏެވެ. "އެކަމަކު އެހެންޏާ ދުވަހަކުވެސް ނުވޭ  މިހާ ލަހެއް."

މޫސަގެ މޫނަށް ކުއްލިއަކަށް ވެރިވި އުފާވެރިކަން، ދެން އިތުރަކަށް ފޮރުވާނެހާ ހިތްވަރެއް ނުލިބުނެވެ. އެހެންކަމުން، ޖޯކު ގޮތަކަށް ދަތްދޮޅި ވެއްޓޭވަރަށް އަނގަހުޅުވާލި އެވެ. ސައީދާ އައިސް މޫސަގެ ދަތްދޮޅި މައްޗަށް ނަގައިދީ އަނގަ ލައްޕާލަދިނެވެ.

"ހަނދާންނައްތާލާ!" ސައީދާ ބުންޏެވެ. "އަހަރެން ޕްރެގެއްނުވޭ. ވެގެންވެސް ނުވާނެ."

މޫސަ ކުއްލިއަކަށް ސައީދާ އުފުއްލައިލި އެވެ. އަދި އުފަލުން ހަޅޭލަވަން ފެށިއެވެ. ސައީދާ ހޭންފެށިއެވެ.

"މޫސަ.. މޫސަ. މަ ވެއްޓިދާނޭ!" ސައީދާ ހެމުން ބުންޏެވެ.

"މޭ ބާޕް ބަންނޭ ވާލާހޫން..." ސަމާސަ ރަގެއްގައި މޫސަ ބުންޏެވެ.

ތެޅިގެންފައި ސައީދާ ބިންމައްޗަށް ފޭބި އެވެ.

"އަދި ނުވާނެ ތިކަމެއް." ސައީދަ ހަމަޖެހިލައިފައި ބުންޏެވެ. "ބައެއް ފަހަރު މި ގޮތަށް ޑިލޭވާނެ. އެއީ ނޯމަލް ކަމެއް. މަށަށްތާ މަގޭ ކަންތައްތައް އެނގޭނީ."

"އޯކޭ... މަށަށް ފެނުނޭ ލޯގަނޑު. އެހެން ބުނުވާކަށްނު ބޭނުންވެގެން ތި އުޅެނީ." މޫސަ އެއްބަސްވި އެވެ.

ސައީދާ ހޭންފެށިއެވެ. އަދި ބުންޏެވެ.

"ހާދަހާ ހެއްވާ މީހެކޭ. މަށަށް އެނގެޔޭ އެއީ މޫސަ ލިއުނު އެއްޗެއްކަން." ސައީދާ އަށް ހީވީ އެހެންނެވެ.

"މަށޭ؟" ހައިރާންވެފައި މޫސަ އެހި އެވެ. އަހަރެން ވެއްޖެއްޔާ ލިޔާނީ "މަންމާ" އެއްނު. ސައީ ލިއުނީމައެއްނު "ބައްޕާ!" ޖަހާނީ. ދެންބުނޭ ސައީދާ ލިއުނު އެއްޗެއް ކަމަށް ހީކުރުވަންވެގެންނޭ އެހެން ޖެހީ."

"އާނއެކޭ!" ސައީދާ ވަގުތުން ބުންޏެވެ. "ހިނގާ މޫދަށް ދަމާ. ވެލިމޮޑެންޖެހޭނެ މިއަދު ވެސް. މޫސަ ހަދަން އުޅުނު އެއްޗެއް ނުހެދުނެއްނު. ބޮޅެއް."

މޫދުން އަރައިގެން އައި ރާޅު އެއްގަމަށް ބީއްސައިލި އެވެ. މޫސަ އޮތީ ބަންޑުން އޮށޯވެގެންނެވެ. އެހެން އޮއްވައި އުއްޑުން ޖެހިލިއެވެ. ސައީދާ މޫދުން އަރައިގެން އައިއިރު އެ މަންޒަރު ބަލަން، ލާނެތް ފާޑަކަށް މޫސަ އޮތެވެ. ސައީދާ އައިސް މޫސަގެ ކައިރީގައި އިށީނެވެ. އަދި، މޫސަގެ ފައިގައި ފިރުމާލި އެވެ.

"މާ ލާނެތް ފާޑަކަށް ބަލަހައްޓައިގެން ތި އޮތީ ކީއްވެ؟" ސައީދާ އެހިއެވެ.

"އަހަރެންގެ އަންހެނުން ސެކްސީކަމުން." މޫސަ ބުންޏެވެ.

މޫސަގެ ގައިގައި ސައީދާ ބޮނޑިއެއް އެޅިއެވެ. އަދި ފައިގައި ވެލިމޮޑެދޭން ފެށިއެވެ.

"އެ ކީއްވެ ޖެހީ؟" މޫސަ އެހިއެވެ. "މަގޭ އަންހެނުނާ ދިމާއަށް ވެސް މަށަކަށް އެ ކަހަލަ އެއްޗެއް ނުބުނެވޭނެ؟"

"މިހާރު މީނަ ހާދަ ސަމާސާ ބޮޑުވެއްޖޭ!" މޫސައާ ދިމާއަށް ވެލިމުށެއް އުކައިލަމުން ސައީދާ ބުންޏެވެ. "ކުރީ ރޭ އިބުރާހިމްބެ އެވަރަށް ހެއްދީ ކީއްވެތަ؟"

"ސީރިއަސްކޮށޭ އަހަރެން މިބުނަނީ. އޭނާ އެ ރޭ އައީ ދެވަނަ ފަހަރަށް. ގަބޫލެއްނުކުރެވޭ؟" މޫސަ އިށީންނަމުން ބުންޏެވެ. "ހަމަ ކުރިންވެސް އޭނަ އަޔޭ."

"މިއަދު ނައީމްބެއާ ދިމާވެގެން ވާހަކަދައްކަމުން ގޮސް ނައީމްބެ ބުނި އޭނާ މިހަރު ވަރަށް ހަނދާންބަލިވާނެޔޯ." ސައީދާ ބުންޏެވެ. "އެއް ނަމާދެއް ކުރަން މިސްކިތަށް އެބަ އަރަޔޯ ދެ ފަހަރަށް. އެކަމަކު އޭނައަކީ މޮޅުމީހެކޭ ނައީމްބެ ބުނީ."

"އާނ އެއީ ތެދެއް މިހާރު ފައި ހަމައެއްކޮށް އޯކޭވެއްޖެ." ފައި ތަޅުވާލަމުން މޫސަ ބުންޏެވެ.

ނާޒިމާ ހުރީ ގަސްތަކުގެ ތެރޭގައި ބަލަހައްޓައިގެންނެވެ. މާޔޫސްވެފައެވެ. އެހެން ހުރެފައި، މަޑުމަޑުން ނަޒިމާ ލޯމަރައިލި އެވެ. ކުއްލިއަކަށް ސައީދާގެ ބަނޑަށް އުދަގޫވާންފެށި އެވެ. ބަނޑުގައި އަތް އެޅިއެވެ.

"ކިހިނެއްވީ؟"  މޫސަ އެހިއެވެ.

"ނޭނގޭ!" ސައީދާ ހިންދިރުވައިލައިފައި ބުންޏެވެ. "ހަމަ މޭނުބައިކުރަނީ. އެކަމަކު މަ ޕްރެގްވެގެނެއް ނުވާނެ."

"ކީއްވެގެންތަ ނުވާނޭ ތި ބުނަނީ؟" މޫސަ އެހިއެވެ.

"ދެންހަމަ ވެގެން ނުވާނީ." އިތުރު ތަފްސީލެއް ސައީދާ ނުދިނެވެ.

"އެގިދާނެތާ! މާދަމާ ރިޒަލްޓު ލިބޭނެއްނު." މޫސަ ތެދުވަމުން ބުންޏެވެ. "ހިނގާ ދެން ގެއަށް ދަމާ!"

ރޭގަނޑު މާމަ ގޭގައި، ވަރަށް ގަޔާވެގެން ތިން މީހުން ކާން ތިއްބެވެ. ސައީދާ ތައްޓަށް ރިހައަޅަން އުޅެނިކޮށް، މޭޒުމަތީގައި އޮތް އެމްޕީތްރީ ޕްލޭޔަރަށްވެސް ރިހަ ބުރިއެވެ. ސައީދަ އަވަސްއަވަހަށް ތުވާލިން ފުހެލި އެވެ.

"ތި ބާއްވާފަ ކާން އަންނަ ނަމަ!" މާމަ ބުންނެވެ.

"ނޫނޭ އެ ގެންނަންވާނެ.. ލަވަ އަޑުއެހުމަށްވުރެ، މޭޒުމަތީގައި އެ އޮންނަ ވަގުތު ގިނަވާނީ. ދޯ ސައީ.." ރިހާކުރު ތަށި ކައިރިކޮށްލަމުން މޫސަ ބުންޏެވެ.

"މާމަ މިހެން ކާންދޭން ވެއްޖެއްޔާ ވަރަށް ސަކަރާތްވާނެ އެނގޭ. މަގޭ ބަދަލުގަ މަގޭ ބަނޑުކަންނޭނގެ ބަރުގޮނުއަޅާފަ ގޯޅިން ފުރަތަމަ ނުކުންނާނީ."

ސައީދާ އެހެން ބުނުމުން މާމަ ހީގަތެވެ. މޫސަވެސް ހޭންފެށި އެވެ.

"ދެން އެހެން ކިހިނެއްވާނީ؟" މާމަ ބުންޏެވެ. "ކޮންމެ ދިމާއަކުން ނުކުތަސް އޮންނާނީ މޫދު ފެންނަން. މޫދަށް އެރިލައި، ފަތައިލައި ހަދައިލީމާ ނުކެރޭނެ އެންމެ ސަރުބީފުކެއް ވެސް ޖަހާކަށް."

"ތިކަމެއް ނުވާނެ މާމާ." މޫސަ ބުންޏެވެ. "އެ އަށްވުރެ އޭނަ ކަންނެތްވާނެ."

"އެއީ ދޮގެއް މާމާ!" ސައީދާ އަވަސްއަވަހަށް ބުންޏެވެ. "އަސްލު މައްސަލަ އަކީ، އަހަރެން މޫދަށް އެރުނީމަ ކަޅުވާނެ. ދެން މޫސަ މައްސަލަ ޖައްސާނެ ކަޅުވީމަ."
މާމަ އަނެއްކާ ވެސް ހޭންފެށި އެވެ. މޫސަ، ކައި ނިންމައިލައިގެން ތެދުވި އެވެ. އަދި ބުންޏެވެ.

"ކިހާ ރަނގަޅު. ކިހާ ރަނގަޅު. އެންމެ ފަހުން މަށެއްނު މި ގޯސްވީދޯ މާމާ."

ހެމުންހެމުން މޫސަ ގޮސް އަތް ދޮވުނެވެ. އޭރުވެސް ސައީދާ އާއި މާމަ ކައި ނުނިމެއެވެ.

"މި ދަނީ ޖޯއްޔަށް." ނުކުންނަމުން މޫސަ ބުންޏެވެ. "ސައީ އަންނަމުން ފޯއްކޮޅެއް ގެންނާތި."

މޫސަ ގޮސް ޖޯލީގައި އިށީނެވެ. އެ ތަނަށް ވަރަށް ނަލަ ރޯޅިޖެހެ އެވެ. އެ ވަގުތު، ނާޒިމާ އައިސް ދޮރުމަތީގައި ހުއްޓުނުތަން މޫސައަށް ފެނުނެވެ. އެއީ ނާޒިމާހެން ހީވެގެން މޫސަ ބަލައިލި އެވެ. ނާޒިމާ ބަލަހައްޓައިގެން ހުރީއެވެ. މޫސަ ތެދުވެގެން އައެވެ.

"ނާޒިމާ ކޮންއިރަކު މިރަށަށް އައީ؟" މޫސަ އެހި އެވެ.

"މީ އަހަރެންގެ ރަށް." ނާޒިމާ ބުންޏެވެ. "މިނޫން އެހެން ކޮންތާކަށް އަހަރެން ދާނީ؟ ހިނގާބަލަ ތަންކޮޅެއް ދުރަށް."

މޫސަ ގޭތެރެއަށް ބަލައިލި އެވެ. ކޮންމެ ވަގުތަކުވެސް ސައީދާ އަތުވެދާނެ އެވެ.

"އަންހެނުންނަށް ފެނިދާނެތީ ބިރުގަންނަނީތަ؟" ސަމާސާ ރާގެއްގައި ނާޒިމާ އެހިއެވެ.

"އުހުނ! އަންހެން ކުއްޖަކާ ވާހަކަދައްކާލަން ހުރުމަކީ އެ ވަރުގެ ކަމެއްތަ؟ ހިނގާބަލަ!" މޫސަ ހިނގައިގަންނަމުން ބުންޏެވެ. "ސައީ ވަރަށް އަންޑަސްޓޭންޑިންވާނެ."

ދެ މީހުން އެކުގައި ހިނގައިގަތެވެ. ކައިރީގައި ހުރީ އިންސާނެއް ނޫންކަމެއް، ފަހަރެއްގައިވެސް މޫސަ ހިއެއްނުކުރެއެވެ. އަދި، ދުރުން ބަލައިފި މީހަކަށް ފެންނާނީ މޫސަ އެކަނިކަމެއް ވެސް މޫސަ އަކަށް ނޭނގެއެވެ. ގަސްތަކާ ކައިރިއަށް ޖެހިލާފައި ނާޒިމަ ހުއްޓުނެވެ.

"އެއްކަލަ ކަންތައް ނިންމާލީތަ؟" މޫސަ އެހި އެވެ.

މޫސަ އެބުނީ ކޮންކަމެއްކަން ނާޒިމާ އަށް އެނގެ އެވެ. އެ ހާދިސާ ދުވަހަކުވެސް ނާޒިމާ ހަނދާނެއް ނުނެތޭނެ އެވެ.

"ހުރިހާކަމެއް ވެސް މިހާރު ނިމިއްޖެ!" ނާޒިމާ ބުންޏެވެ.

"ސާބަހޭ!" ހިތްވަރު ދޭ ކަހަލަ ރާގެއްގައި މޫސަ ބުންޏެވެ. "ތިހެން ވާންޖެހޭނެ. އެއީ ދެން އެވަރުގެ ކަމެއް ނޫނެއްނު! ކޮންވާހަކައެއް ބުނަން ތި އައީ؟"

ނާޒިމާ ވިސްނާލި އެވެ. އެ ވާހަކަ ބުނުމާއެކު، އަނެއްކާވެސް މައްސަލަޖެހޭނެކަން ނާޒިމާ އަށް އެނގެއެވެ.

"އަހަރެން މިއައީ މޫސަ ބަލާ!" ނާޒިމާ ބުންޏެވެ.

"ބަލައޭ!" ހީގެންފައި މޫސަ ބުންޏެވެ. "ނަޒިމާ މޮޔަވީތަ؟ މަގޭ އަންހެނުން ބަނޑުބޮޑުވެފަ ހުއްޓާ މަ ވީ އޭނަ ދޫކޮށްލާފަ ނާޒިމާއާ އެއްކޮށް ދާން؟"

"ކޮބާ މައްސަލައަކީ؟" ނާޒިމާ އެހި އެވެ. "އަހަރެންވެސް ހަމަ އެހެން ހުއްޓައެއްނު...." އެހިސާބަށް ބުނެފައި ނާޒިމާ ހުއްޓާލީ، ސައީދާ ނުކުތްތަން ފެނުމުންނެވެ. ސައީދާ އަށް ފެނުނީ، އެކަނިމާއެކަނި، ގަސްދޮށުގައި މޫސަ ހުރި ތަނެވެ. ސައީދާ ހީކުރީ، ވައިޖައްސާލަން ވެގެން އެ ތަނުގައި ހުރީ ކަމަށެވެ.

"މޫސަ!" ސައީދާ ގޮވާލި އެވެ.

ނާޒިމާ އަކީ އިންސާނެއް ނޫންކަން، އެހާ އަވަހަށް މޫސައަށް އެނގޭކަށް ނާޒިމާ ބޭނުމެއް ނޫނެވެ. ވުމާއެކު، އެ ހިސާބުން ނާޒިމާގެ ވާހަކަ މެދުކަނޑާލި އެވެ.

"ދެން އިހަށް ދޭ!" މަޑުމަޑުން ނާޒިމާ ބުންޏެވެ. "އަދި ފަހުން ބައްދަލުކުރާނަން މިވާހަކަދައްކަން."

"އުހުނ!" މޫސަ އިންކާރުކުރި އެވެ. "ދެން ބައްދަލު ކުރާނެކަމެއް ނެތް! މީ މިހާރު ނިމިފައޮތް ކަމެއް."

މޫސަ ހިނގައިގަތުމުން ނާޒިމާ ބަލަހައްޓައިގެން ހުއްޓެވެ. އެހާ އަވަހަށް އެކަން ނިންމާލާކަށް ނާޒިމާ ބޭނުމެއް ނޫނެވެ. އިންސާނަކަށް ނުވިޔަސް އަދި މޫސަގެ ލޯބިން ކުރާނެ އެއްވެސް ފައިދާއެއް ދެން ނެތަސް، ކުޑަމިނުން މޫސަގެ ރުހުން ލިބުނަސް ނާޒިމާ އަށް ފުދޭނެ އެވެ. ހަމައެކަނި މޫސަގެ ދުލުން މާފަށް އެދުނަސް އެއީ، ނާޒިމާގެ ހިތުގައި އަނދަމުންދާ، ބަދަލުހިފުމުގެ އަލިފާނަށް ވެހިގަންނަ ވާރޭއަކަށް ފުދޭނެ އެވެ. ސައީދާ ކައިރިއަށް މޫސަ ދިއުމުން ސައީދާ ފޯއްކޮޅެއް ދިނެވެ. މޫސަ ހީކުރީ އެއި ކޮންކުއްޖެއްހޭ، ސަމާސާއަކަށް ނަމަވެސް ސައީދާ އަހާނެ ކަމަށެވެ.

"ހިނގާ ޖޯއްޔަށް،" ސައީދާ ދެއްކީ މުޅިން އެހެން ވާހަކައެކެވެ.

"ހިނގާ!" ދުފާލަމުން މޫސަ ބުންޏެވެ. "ނާހާނަންތަ އެއީ ކޮން އަންހެންކުއްޖެއްތޯއެއް؟"

"ކޮންތާކު ހުރި އަންހެންކުއްޖެއް؟" ހީނގެންފައި ސައީދާ އެހި އެވެ.

މޫސަ ހީކުރީ ނާޒިމާ ފެނުނުކަމަށް ހަދަންވެސް ބޭނުން ނުވާ ވަރަށް ސައީދާ ހަމަޖެހިފައި ހުރީ ކަމަށެވެ. ސައީދާ ހީކުރީ މޫސަ ކުރި ސަމާސާއެއް ކަމަށެވެ.

"އެހެންތަ؟" ހީނގެންފައި މޫސަ ބުންޏެވެ. "ސައީ މިހާރު ހާދަ ކޫލްވެއްޖޭދޯ!"

ދެމީހުން އެކުގައި ގެއަށް ވަނެވެ. ނާޒިމާ ބަލަހައްޓައިގެން ހުރީއެވެ.

ޑޮކްޓަރުގެ ކޮޓަރީގެ މޭޒުމަތީގައި، ސައީދާގެ ރިޕޯޓު އޮތެވެ. އޭގެ ކައިރީގައި ނާޒިމާ ހުއްޓިގެން އެއަށް ބަލަހައްޓައިގެން ހުއްޓެވެ. އެ ކޮޓަރީގެ ބޮކިހުރީ ނިއްވާލާފަ އެވެ. އެއްވެސް އިންސާނެއް އެތަނަކު ނެތެވެ. ކުއްލިއަކަށް ނަރުސްކުއްޖާ އެ ތަނަށް ވަނެވެ. އޭނަގެ ލޮލަށް ނާޒިމާ ހުރީ ފަރުދާ ވެފައެވެ. ނަރުސްކުއްޖާ އަތުގައި އޮތް ދެވަނަ ރިޕޯޓު މޭޒުމަތިގައި ބާއްވާފައި އޭނާ ނުކުތެވެ. އޭގައިވެސް އޮތީ "ޕޮޒިޓިވް" ކަމަށެވެ. ނާޒިމާ ބޭނުންވި ގޮތަކީ އެއީ އެވެ. އެކަމަކު، އެއީ ނާޒިމާއަށް ލިބޭ އުފަލެއް ނޫނެވެ. އެ ކާމިޔާބުގެ ފަހަތުގައި ވަނީ މުޅިން އެހެން މަގުސަދެކެވެ. އަނެއްކާ ދޮރު ހުޅުވުނެވެ. މި ފަހަރު ވަނީ ޑޮކްޓަރެވެ. އެކުގައި މޫސައާއި ސައީދާ ވެސް ވަނެވެ.

"ހީވަނީ އުފާވެރި ޚަބަރެއްހެން އޮތީ." އިށިންނަމުން ޑޮކްޓަރު ބުންޏެވެ. "ރޭގަވެސް އަޅުގަނޑު ގުޅާލީމެ ފޯނެއް ނުނަގާ."

"ކޯލެއް އަޔޭ" މޫސަ ބުންޏެވެ. "ދަންނަ ނަމްބަރަކަށް ނުވާތީ ނުނެގީ. ދެން އެ ނަމްބަރު ސޭވްކޮށްލާނަން."

އެންމެން އިށީނދެ ހަމަޖެހިލި އެވެ. ނާޒިމާ ހިނގާފައި ފާރުތެރެއަށް ވަދެގެން ދިޔައީ އެވެ. އެ ތަނުގައި ދައްކާ ވާހަކަތައް އަޑުއެހުމުގެ އެއްވެސް ޝައުގުވެރިކަމެއް ނާޒިމާގެ ނެތެވެ. ޑޮކްޓަރު ރިޕޯޓްތައް ބަލައިލި އެވެ. މޫސަ އިނީ އުފާވެފައެވެ. ސައީދަ އިނީ ނުތަނަވަސްވެފަ އެވެ.

"މަރުހަބާ!" މޫސަ ކައިރީގައި ރިޕޯޓު ބާއްވަމުން ޑޮކްޓަރު ބުންޏެވެ.

ކުރިއަށްވުރެ މޫސަ އުފާވެފައި ސައީދާ އަށް ބަލައިލި އެވެ. އެކަމަކު ސައީދާގެ ނުތަނަވަސްކަން ހައްތަހާ ވީ އިތުރެވެ.

"ޝުކުރިއްޔާ ޑޮކްޓަރު!" ސަލާމްކޮށްލަމުން މޫސަ ތެދުވި އެވެ.

ހޮސްޕިޓަލުން ނުކުމެގެން ގޮސް ބޭރު ގޭޓާ ހަމައަށް ދިޔައިރު ވެސް ސައީދާ އެއްވެސް އެއްޗެއް ނުބުނެއެވެ.

"ކޮންމެވެސް އެއްޗެއް ބުނެބަލަ ސައީ.." މޫސަ ބުންޏެވެ.

"ކީކޭ އަހަރެން ބުނަންވީ؟" ސައީދާ އެހި އެވެ.

"ބުނަންވީ ކިކޭކަމެއް ނޭނގެ މަށަކަށް." މޫސަ ބުންޏެވެ. "އެކަމަކު ސައީ އުފަލެއް ނުވޭތަ؟ އަހަރެމެންގެ ފުރަތަމަ ދަރިފުޅޭތީ. ބަނޑުބޮޑުވިކަން ފުރަތަމަ އެނގޭ ވަގުތު ކޮންމެ މަންމައަކަށް ވެސް ޝޮކެއް ލިބެންޖެހޭނެ. ނޫންތަ؟"

"ޝޮކެއް ލިބިފައޭ މިހިރީ!" ހިތްހަމަނުޖެހިފައި ސައީދަ ބުންޏެވެ. "ބަނޑުބޮޑުވީތީ. ވެގެން ނުވާނެއްނު."

"އަނެއްކާ ވެސް ބުނީއޭ." ހައިރާންވެފައި މޫސަ ބުންޏެވެ. "ކީއްވެގެންހޭ ވެގެން ނުވާނީ."

އެ ސުވާލުގެ ޖަވާބު ދިނުމަށްޓަކައި ސައީދާ ހުއްޓުނެވެ. އަނގަ ހުޅުވައިލި އެވެ. އެކަމަކު، އެއްވެސް ބަހެއް ބޭރެއްނުވި އެވެ. ސައީދާ ބުނާ އެއްޗެއްގެ ސަބަބުން ދެން ނުކުންނާނެ މައްސަލަ މާ ބޮޑުވާނެކަން ސައީދާ އަށް އެނގެ އެވެ.
-----------
(ނުނިމޭ)
މި ވާހަކަ:
            ޓައިޕްކޮށް ފޮނުވުން: އަލީ ނިޝާން
            އަލުން ބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
            ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ