އަދުގެ ޚާއްސަ

Print

ޙައްޖުގެ އަޅުކަން

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

ފަރުޟު ކަންތައްތަކުގެ ތެރެއިން  ޙައްޖަކީ،  މާތް ފަރްޟެކޭ
    ހަރުދަނާ    އެއްބާރުލުން    ތަމްސީލުވާ   "ތަޞްވީރެކޭ"

ނިސްބަތުން ބުރަ އަޅުކަމެއް ކަމުގައިވިޔަސް ޙައްޖުގެ ފަރުޟު
    ވިސްނަވާށޭ ހުރި ސަވާބަށް،  ދަރުމަ ހުރި  މާތް  ފަރްޟެކޭ

ކޮންމެ މުސްލިމަކަށް  ޢުމުރުގައި  އެއްފަހަރު ވާޖިބުވެފައި -
    އޮންނަ  އަޅުކަމެކޭ އެއީ،  ތަނަވަސްވުމީ  ވެސް  ޝަރްޠެކޭ

އިޚްވަތީ  ޗޭނުން  ބަނދެވި  އެންމެން އެކީ އެއް ހަމައަކުން
    ޙިކްމަތީ  ފުރިހަމަ  އަދަބު  ސިފަކޮށްލަދޭ  މާތް  ފަރްޟެކޭ

މާތް  މުޤައްދަސްވީ  ބިމަށް  އެންމެން އެކީ އެއްވާ ހިނދުން
    މާތްވި  ބަރަކާތް  ރިޒްޤުގައި  ލައްވާ  އެއީ  މޮޅު ވަގުތެކޭ

އެއްވެދާ  ހިނދުގައި  ޙިޖާޒުގެ  މާތް ބިމަށް  އެންމެން އެކީ
    ފުއްސަވާ  ކުށްފާފަތައް   ދެއްވައެ،   ޙަދީޘުގެ  އެނގުމެކޭ

މާތް  މަލާއިކަތުން  އެ ބިމުގައިވާ  އެ  ހުރިހާ  އެންމެނަށް
    މާތްވި   އިސްތިޣްފާރު ކޮށް  ދެއްވާ ކަމީ   ބޮޑު  އުފަލެކޭ

ދަންނަވައި    ތަކްބީރު    ތަހްލީލާ   މުނާޖާ   ތަލްބިޔާ
    ދަންނަވާ  ގިނަގުނަ ދުޢާގައި  އުފުލެނީ   ގިނަ  އަތްތަކޭ

ވެވިދަނީ  ޤުރްބާން  މުޅިން  ޖާނާއި  މާލުން  އެ ކަމުގައި
    ވެވި މުޅިން ވަކި ގޮސް މި ވަޒަނުން، އަހުލުނާ  ދުރުވެވުމެކޭ

އަޅުކަމުން ނިމިގެން އެ އެންމެން މަންޒިލަށް އައުމުގެ ކުރިން
    އަޅުތަކުން  ގުޅި  އެންމެނާ   އެކުވެރިވުމަށް  ވީ  ޢަހްދެކޭ

ނެތި  ތަފާތެއް  ވަކި  މަގާމެއް،  ދަރަޖައެއް ވަކިކުރެވިފައި
    އެ ތިބަ އެންމެން  އެއް ހަމައިގާ  ވާކަމީ  ހަމަ  ދަރްސެކޭ

އިތުރު   މާތް  ޢަރަފާތުބިމުގައި   މީސްތަކުންވާ  ވަގުތަކީ،
    ހިތުގެ  ބޯޑުން  އާދެ!  މަޙްޝަރު  ސިފަވެގެންދާ  ވަގުތެކޭ

ވެވުނު ނަމަ މަބްރޫރު ޙައްޖެއް  އެންމެ  ތެދުވެރިވީ ގޮތުން،
    ދެވަނައެއް ނެތް ޖަންނަތުން ނިޢުމަތް ލިބެން ހުރި ފަރްޟެކޭ
            ------------------

މި ލިޔުން:

     ފޮނުވުން:              އަލްފާޟިލް މުޙަންމަދު ޝާހިދު ޙަލީމު (ފަންވަތުގެ އަދަބީ ކަންކަމާބެހޭ މުސްތަޝާރު)
     އަލުންބެލުމާއި ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

އިދާރާ

އެނގޭތަ؟

ވާހަކަ