އަދުގެ ޚާއްސަ

Print

ވަރިކުރަނީ ކީއްވެ؟

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..


 ބިންމާ އިބްރާހީމް ވަޙީދު
  
ކައިވެންޏެއް ރޫޅެން މެދުވެރިވާ ވަރަށް ގިނަ ސަބަބުތައް ހުރެއެވެ. ހުރިހާ ސަބަބުތައް ލިޔުމުގެ ބަދަލުގައި، އެ ސަބަބުތަކުގެ މައިމުލަކީ ކޮބައިތޯ ވިސްނާލުން މުހިންމެވެ. ވަރަށް ގިނަ ރައްޓެހިންގެ ކައިވެނި ރޫޅުނުތަން ލޯމައްޗަށް ފެނިފައިވާ މީހެއްގެ ހައިސިއްޔަތުން ބުނާ ނަމަ، އެ އެންމެން ވެސް ދުނިޔެ އަށް ދެއްކީ ވަކި ސަބަބެކެވެ. އަސްލު ސަބަބަކީ މުޅިން އެހެން ސަބަބެކެވެ. އަނބިމީހާ ކަންނެތްކަމުން ވަރިކުރިކަމަށް ބުނިއިރު، ކައިވެނި ކުރިއިރު ވެސް ފިރިމީހާ އަށް އެކަން އެނގެ އެވެ. ފިރިމީހާ ރުޅިގަދަކަމުން ވަރިވާން ކޯޓަށް ސިޓީ ލި ކަމުގައި އަނބިމީހާ ބުނިއިރު، އެ ރުޅި އަށް އަނބިމީހާ ކެތްކުރާތާ ކިތަންމެ ޒަމާނެކެވެ.
ދެމަފިރިން ވާހަކަދައްކައިގެން ސުލްޙައިގަ ވަރިވާ ފަހަރު ވެސް އާދެ އެވެ. އެކަމަކު، ގިނަ ފަހަރަށް ވަރިކުރަންޖެހެނީ ހޫނުގަދަ ޒުވާބަކަށް ފަހުގަ އެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ޔަގީނުން ވެސް އެއީ ކޮންމެވެސް މައްސަލައެއްޖެހިގެންނެވެ. އެހެންކަމަށްވާއިރު، މައްސަލަޖެހެނީ ކީއްވެގެން ހެއްޔެވެ؟ ވަރަށް ގިނަ ފަހަރަށް މައްސަލަޖެހެނީ، މައްސަލައެއް، މައްސަލައަކަށް ނުހަދަން އުޅެންހަދައިގެންނެވެ. އެއީ، ވަރަށް އާންމުކޮށް ހިނގާކަމެކެވެ.
   
ކައިވެނިކޮށްގެން އުޅޭއިރު ހިތްހަމަނުޖެހޭ ކަހަލަ ކަންތައް ދިމާވާނެ އެވެ. އެކަމަކު، އެކަން މައްސަލައަކަށް ހަދަންބޭނުން ނުވާ ފަހަރު އާދެއެވެ. ޒުވާބުކުރަންޖެހި، ވަރިއަކާ ހަމައަށް ދާންޖެހިދާނެތީ އެވެ. މިއީ، ވަރަށް ގިނަ މީހުން ދެކޭގޮތެވެ. އަދި، ވަރަށް ފަޚުރުވެރިވެލާފައި ބުނަން ވެސް ބުނާނެ އެވެ.

    "އަހަރެން މިހާރު އެކަމާ އެއްވެސް މައްސަލައެއް ނުޖައްސަން. ނިމުނީނު."

    އެހެން ބުނާ އަޑު އެހިން ހެއްޔެވެ؟ އަދި ބުނާނެ އެވެ.

    "އޭރުން ދެން މައްސަލައެއް ނުޖެހޭނެއްނު!"
   
ނޫނެކެވެ. އެ ނިމުނީކީ ނޫނެވެ. މައްސަލައިގެ ފެށުމަކީ އެއީ އެވެ. ފުރުތަމަކޮޅުގައި، މައްސަލައެއް ނުޖައްސަން އަހަރުމެން ބޭނުންވަނީ އެއީ ލޯބީގެ ފެށުންކަމުގައިވާތީ އެވެ. އަހަރުމެންނަށް ހީވެފައިއޮންނަ ގޮތުގައި، ލޯބިވުމަކީ، ހުރިހާ ކަމަކަށް ރުހިގެން ހުރުމެވެ. އެއްވެސް މައްސަލައެއް ނުޖެއްސުމެވެ. މައްސަލައެއްޖައްސައި، ޒުވާބެއްކޮށް، އަރާރުންވެއްޖެއްޔާ، ކައިވެންޏަށް ނުބައި އަސަރެއް ކޮށްފާނެހެން ވެސް އަހަރުމެންނަށް ހީވެއެވެ.
   
ފަހުން އަހަރުމެން މައްސަލައެއްޖައްސަން ބޭނުން ނުވަނީ، ކަމެއްގައި ޚިޔާލު ތަފާތުވެގެން އެ ވާހަކަދައްކަން ފަށައިފިއްޔާ ދެން ނުކުމެދާނެ މައްސަލަ މާ ބޮޑުވާނެކަން އެނގޭތީ އެވެ. ފަހަރެއްގައި އަތުންފައިން ގޯހެއް ވެސް ހެދިދާނެ އެވެ. އެހެންކަމުން، ހިތުގައި އޮތް ޝަކުވާ ހިތުގައި ކަފުންކުރަނީ އެވެ. ހަނުހުންނަނީ އެވެ. މައްސަލައެއް ދިމާވިޔަސް ޗުއްޕު" ވެސް ނުބުނަނީ އެވެ. އެ ގޮތުގައި ދުވަސްކޮޅެއް ހޭދަވުމުން، އެ ގޮތް ރަނގަޅުވެ، އެ ގޮތުގައި ހުންނަން މާ ބޭނުންވަނީ އެވެ. އެއީ އެންމެ ކަމުދާ ގޮތް ކަމުގައި ބެލެވެނީ އެވެ.
   
ކާމިޔާބު ދެމަފިރިންނަކީ، ޖެހޭ މައްސަލަތަކުގެ ވާހަކަ، އެކަކުއަނެކަކަށް ކިޔައިދޭން އެނގޭ މީހުންނެވެ. އަދި އެ ވާހަކައިން އެ މީހުންގެ ކައިވެނި އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާ މީހުންނެވެ. މައްސަލަތައް އިމުން ބޭރަށް ދިޔަނުދޭން އެ މީހުންނަށް އެނގޭނެ އެވެ. ލޯބި އިތުރަށް ބަދަހިކުރަން ވެސް އެނގޭނެ އެވެ.
   
އަހަރުމެން ކައިވެނިކުރަނީ، ޖެހޭ މައްސަލަތައް ހައްލުކުރަން ދަސްކޮށްގެނެއް ނޫނެވެ. ހަގީގަތަކީ އެއީ އެވެ. އެކަމަކު، މައްސަލަތައް ޙައްލުކުރަން ރަނގަޅަށް ނޭނގިއްޖެއްޔާ، ކައިވެނި މޭޒުދޮށުގައި ވީ ވައްދުތައް ފުއްދާކަށް ނޭނގޭނެ އެވެ. ލިބޭނެކަމަށް ކުރިން އުންމީދުކުރެވުނު ލޯތްބެއް ވެސް ނުލިބޭނެ އެވެ.
   
މިސާލަކަށް ބުނާ ނަމަ، އަނބިމީހާއާ އަހަރެން ވާހަކަނުދައްކަންޏާ، އޭނަ ގޮވައިގެން ހިނގާލަން ދާނީ ކިހިނެތް ހެއްޔެވެ؟ މަންމަގެ ގެ އަށް ނުވަތަ ރެސްޓޯރަންޓަކަށް ވެސް ދާނީ ކިހިނެތް ހެއްޔެވެ؟ ޚިޔާލުތަފާތުނުވާން، ބައެއްފަހަރު ބޭނުންވާލެއް ބޮޑުކަމުން ގޮސް، އެއްޗެއް ނުބުނެ ވެސް ހުރެދާނެ އެވެ. ވާހަކަދެއްކުން މަދުކޮށްލަފާނެ އެވެ. ނުވަތަ ވަގުތުކޮޅަކަށް، ދުވަސްކޮޅަކަށް ވާހަކަދެއްކުން ހުއްޓާލަފާނެ އެވެ. އެކަމަކު އޭގެން ވާނެ ފައިދާއެއް ނޯންނާނެ އެވެ.ވާހަކަނުދެއްކުމަކީ، އެއްވެސް ގޮތަކުން ޙައްލެއް ނޫނެވެ.
   
ދިރާސާއަކުން ދައްކާފައިވާ ގޮތުގައި، ކިތަންމެ ލޯބިން އުޅޭ ދެމަފިރިން ކަމުގައި ވިޔަސް، ނުވަތަ ކައިވެނި ކިތަންމެ ކާމިޔާބު ދެމަފިރިން ކަމުގައި ވިޔަސް، އެ ދެމަފިރިން އެއްގަލަށް ނާރާނެ ދިހަ މައްސަލަ، މަދުވެގެން އޮންނާނެ އެވެ. އުމުރު ދުވަހަށް ވެސް އެކަން އޮންނާނީ އެހެންނެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. އެކަން އެ ގޮތަށް ބާއްވައިގެން ދިރިއުޅެން އެ ދެމަފިރިންނަށް އެނގޭނެ އެވެ. ތަފާތަކީ އެއީ އެވެ. މައްސަލަނުޖެހޭ އެއްވެސް ދެމަފިރިއެއް ނޫޅޭނެ އެވެ. މައްސަލަ އަކީ ވެސް ކައިވެނީގެ ކެވެލިކޮޅުގައި ގެތިފައިވާ އެއް ބޮޅެވެ. ދިރިއުޅެން ދަސްކުރަންޖެހޭނީ އެ ބޮޅު ވެސް ހިމަނައިގެންނެވެ.
   
ބައެއް މައްސަލަތަކަކީ، ޙައްލުނުކުރެވޭ ވަރުގެ މައްސަލަ އެވެ. ކޮންމެ މައްސަލައެއް ޙައްލުވާކަށް ނުޖެހެއެވެ. އެކަމަކު ވަރިވާކަށް ވެސް ނުޖެހެއެވެ. ބުނާ އަޑު އިވޭނެ އެވެ. ވާހަކަދައްކައިގެން ޙައްލުނުކުރެވޭ ވަރުގެ މައްސަލައެއް ނޯންނާނެ އެވެ. ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއް ހުރުން އެއީ މުޅިން އެހެން މައްސަލައެކެވެ. އެކަމަކު އެ ފަދަ މައްސަލައެއް ހުރެގެން ވަރިވަނީ ކިތައް ދެމަފިރިން ހެއްޔެވެ؟ އެކަމަށް ފިކުރު ހިންގާލާށެވެ.
   
ރާއްޖޭގައި، އެކަކު ވަރިކޮށްފައި އަނެކަކާ އިންނަންވީ އެވެ. އިންނާނެ އަންހެނުން ވާނެ އެވެ. ފިރިހެނުން ވެސް ވާނެ އެވެ. ވިސްނަންވީ ކޮންކަމަކާހޭ ހިތަށްއަރާފާނެ އެވެ. އެކަމަކު، އެހެން މީހަކާ އިނަސް، މައްސަލަނުޖެހި އުޅެވޭނެ ހެއްޔެވެ؟ އާނއެކެވެ. ކުރީ އަނބިމީހާގެ ކިބައިގައި ހުރި މައްސަލަ، ފަހުން އިން އަނބިމީހާގެ ނުހުރެދާނެ އެވެ. ދެން ކުރިމަތިލާންޖެހޭނީ އެހެން މައްސަލަތަކަކާ އެވެ. އަނެއްކޮޅުން، ދަރިން ތިބި ނަމަ، އެ ކުދިންނަށް ކިހާ ދެރައެއް ލިބޭނެ ހެއްޔެވެ؟
   
ކައިވެންޏެއް ފަށައިގެން އުޅޭއިރު ކުރިމަތިލާންޖެހޭނެ ޚިޔާލުތަފާތުވުންތައް ޙައްލުކުރާނެ ގޮތްތައް ޖެހޭނީ ދަސްކުރާށެވެ. އޭގެ އިތުރަށް، ބަދަލުތައް އަންނާނެކަން ދަންނަންޖެހޭނެ އެވެ. ތިމާ ވެސް ބައެއް އާދަތައް ދޫކޮށްލައި، ބައެއް އާ ކަންތައްތައް ދަސްކުރަންޖެހޭނެކަން ގަބޫލުކުރަންވާނެ އެވެ. އާ ޚިޔާލުތަކަށް މަރުހަބާ ކިޔައި، އިޚުތިރާމްކުރަން ޖެހޭނެ އެވެ. ކުޑައިރު އުޅުނުގޮތަށް، ޒުވާންވީމައެއް ނޫޅެވޭނެ އެވެ. ހުސްހަށިބަޔަށް ހުރިއިރު އުޅުނުގޮތަށް، ކައިވެނިކުރީމައެއް ވެސް ނޫޅެވޭނެ އެވެ. ގޭގައި އުޅުނު ގޮތަށް ސްކޫލްގައި، ސްކޫލްގައި އުޅުނު ގޮތަށް އޮފީހުގައި ވެސް ނޫޅެވޭނެ ފަދައިންނެވެ. ކައިވެނިކުރުމަށްފަހު، ލިބޭ ކޮންމެ ރުފިޔާއެއް ވެސް ޚަރަދުކުރަންޖެހޭނީ ވިސްނާފަ އެވެ.
   
ފިރިމީހާގެ އަންހެން އެކުވެރިން ގިނަވުމާއި، އަނބިމީހާގެ ފިރިހެން އެކުވެރިން ގިނަވުން އެއީ މައްސަލައެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ "ފްރެންޑްސް" އެވެ. އެހެން ކިޔާފައި، މަޞްލަޙަތަށްޓަކައި އަޅާނުލީ އެވެ. އެހާ ހިސާބުން މަޞްލަޙަތު އެ އޮތީ ގެއްލިފަ އެވެ. އެ މީހުންގެ ކޯލުތައް ފޯނަށް އަންނަންފެށުމުން ނިތްކުރި އަށް ރޫތަށްއަރާނެ އެވެ. ހިތުގައި ސުވާލު އުފެދޭނެ އެވެ. ހިތްޝައްކު ވާނެ އެވެ. އެއީ ވަރިއާ ދިމާލަށް އަރަން ބޭނުންވާ ހަރުފަތްތަކެވެ.
   
ބޮޑު އެއް މައްސަލަ އަށް ވުރެ، ކުދިކުދި ގިނަ މައްސަލަތައް މާ ބަރުވާނެ އެވެ. ބޮނޑިއަކަށް ބަނދެފައި ބަހައްޓަން އުނދަގޫވާނެ އެވެ. އެއް ފަހަރާ ބަންޑުންވުމުން ހޮވަން ވެސް މާ އުނދަގޫވާނެ އެވެ. ކޮންމެ މައްސަލައެއް ޙައްލެއްނުވާނެ އެވެ. އެކަމަކު، މައްސަލަ އަށް އިޝާރާތްކުރާށެވެ. ލޭބަލް ކުރާށެވެ. ތިމާ ވަރަށް ހަމަޖެހިލައިގެން ކުރާ އެވެނި ކަމަކީ، އަނެކަކު ހިތްހަމަނުޖެހޭކަމެއްކަން އޮންނަންޖެހޭނީ އެނގިފަ އެވެ.
   
ވަރިކުރަން ދިމާވާ އަނެއް ސަބަބަކީ، ލިބުނު ނަސީބަށް ވުރެ ނުލިބުނު ނަސީބަށް ދަހިވެތިވުމެވެ. އިނދެގެން އުޅޭ ފިރިމީހާ އަށް ވުރެ، އިނދެވެން އޮތް ފިރިމީހާ މާ ރަނގަޅުވާނެހެން "ހީވަނީ" އެވެ. ދަރިންގެ މަންމަ އަށް ވުރެ، ޒުވާން ކުއްޖާ މާ ކަމުދާނެހެން "ހީވަނީ" އެވެ. އެހެންގޮތަކަށް ބުނާ ނަމަ، ފިރިމީހާ ކައިރިން ވަރިވާން ކޮންމެހެން ވެސް ބޭނުންވަނީ އެވެ. ފަސްގަނޑު ހާވައިގެން ވެސް އޭނަގެ ކުށެއް ހޯދަން މަސައްކަތް ފެށެނީ އެވެ.
   
ހަވާލުވެވެނީ ކިހާ ވަރެއްގެ ޒިންމާއެއްކަން އަހަންނަށް އޮތީ އެނގިފައި ހެއްޔެވެ؟ ކައިވެނީގެ ކުރިން މި ސުވާލު އަމިއްލަ ހިތާ ކުރާ ނަމަ، ވަރިފަށަށް ނާރާ، ކައިވެނީގެ ދޯނި ދުއްވިދާނެ އެވެ. މިސާލަކަށް، ރެސްޓޯރަންޓުން ކައިގެން އުމުރު ދުވަހު އުޅެވިދާނެކަމަށް ހީނުކުރާށެވެ. އަނބިމީހާ އަށް ޚަރަދުކުރަންޖެހޭނެކަން ދަންނާށެވެ. ދަރިއެއް ގެންގުޅުމަކީ ކިހާ ވަރެއްގެ ޚަރަދެއް ހިނގާކަމެއްކަން އެނގިގެން ކުއްޖަކު ހޯދާށެވެ.
   
ދަރިފުޅު އުރަނީ ކިހިނެތް ހެއްޔެވެ؟ ގެންގުޅޭނީ ކިހިނެތް ހެއްޔެވެ؟ އެއް ކުއްޖަކަށް ހިނގާ ޚަރަދު ބޮޑުވެގެން އުޅެނިކޮށް އަނެއްކުއްޖާ ލިބުނީމަ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ ކުދިން ގިނަވުމުން، ދެ އަތް ފޮޅާލާފައި، ކުދިން ދޫކޮށްލާފައި ދިޔުން އެއީ ޙައްލެއް ނޫނެވެ.
   
ރައްޓެހިވެގެންއުޅޭއިރު ފެންނާނީ ލޯބިވެރިޔާ އެވެ. އެކަމަކު، ކައިވެނިކުރެވުމުން، އޭނަގެ ޢާއިލާގެ ބައެއް ޒިންމާތައް ތިމާ އުފުލަންޖެހިދާނެކަން ވިސްނަންވާނެ އެވެ. މިނިވަން މާޙައުލެއްގައި ތިމާ ބޮޑުވެފައި ވީ ނަމަ ވެސް، ކައިވެނިކުރުމަށްފަހު، އެހެން ޢާއިލާއެއްގެ ތެރޭގައި ތިމާ އުޅެންޖެހިދާނެކަން ދަންނަންވާނެ އެވެ. ތިމާ އަށް ދަސްވެފައި ނެތް ކަމެއް ކުރަންޖެހިދާނެ އެވެ. ތިމާ އަށް ތަޖުރިބާކުރެވިފައި ނެތް ކަމަކާ ކުރިމަތިލާންޖެހިދާނެ އެވެ. ގޮނޑުދޮށަށް ނުކުމެ ހުރެގެން އިރުއޮއްސޭ މަންޒަރު ބަލާއިރު، ލޮނުގަނޑުގައި އިރު ޖެހޭހެން ހީވެދާނެ އެވެ. މާނަ އަކީ، ރައްޓެހިވެގެން އުޅުނުއިރު ތިމާގެ ލޮލަށް ފެނުނު ބައެއް މަންޒަރު އެއީ ފަހުން ޙަޤީޤަތަކަށް ނުވެހިނގައިދާނެ އެވެ. ކައިވެންޏަކީ ދަތުރެއް ކަމުގައި ބަލާށެވެ. ކޮންމެ ދަތުރެއްގައި ވެސް، ބިޔަ ރާޅުތަކާއި ބާނިތައް، ގަދަ އޮއިވަރާއި ރޯޅިތައް ކުރިމަތިވާނެކަން ގަބޫލުކުރެވެންވާނެ އެވެ. ކަމެއް ކުރިމަތިވާއިރަށް، ވަރިކުރުމަކީ ނުވަތަ ވަރިއަށް އެދުމަކީ، ތިމާގެ ހިޔަންޏަށް ތިމާ ފިލަންއުޅުން ކަހަލަ ކަމެކެވެ. ކޮންމެ ކައިވެންޏެއް ކުރިޔަސް، މައްސަލަތައް ތިމާ އަށް ކުރިމަތިނުވެއެއް ނުދާނެ އެވެ.
  
 ލޯބީގައި ދިވާނާވެގެން އުޅޭއިރު، ޖޯޝްގައި ކަންކަން ނުކުރާށެވެ. ކައިވެނީގެ ކުރިން، ލިބޭ އާމްދަނީ އަށް ވިސްނަންެޖެހޭނެ އެވެ. ދެ މީހުން ގެދޮރުން ބޭރުގައި އުޅެންޏާ، ކުއްޔަށް ބޮޑު ޚަރަދެއް ހިނގާނެ އެވެ. ކައިވެނިކުރާއިރަށް، ބޮލެއް އިތުރުވުން އޮންނާނީ ދާދި ގާތުގަ އެވެ. ކުއްޔާ އެކުގައި އެ އެންމެންގެ ޚަރަދު ވަރަށް ބޮޑުވާނެ އެވެ. އަތްމަތި ދަތިވުމަކީ، އެކުގައި އުޅުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވާ ކަމެކެވެ. މާލޭގައި ގެދޮރު ނެތި އުޅެންޖެހުމުން، ސިކުނޑި އަށް ކުރާނެ ބާރާއި އެކު ޖީބަށް ކުރާނެ ބާރު، ކުރީބައިގައި ވިސްނާލަންވާނެ އެވެ.
   
ކައިވެނިކުރުމަށްފަހު، ތިމާގެ ފޯރާކަން ދެއްކުމަށްޓަކައި އަނބިމީހާ ވަޒީފާއިން ވަކިކޮށްލަ އެވެ. ދެ މީހުން ހޯދި އާމްދަނީ ތިމާ އެކަންޏެއް ނުހޯދެ އެވެ. އަނެއްކޮޅުން ތިމާގެ ބޭކާރު ޚަރަދު އެހާ ގިނަ އެވެ. ފުރަތަމަކޮޅު އެއީ މައްސަލައަކަށް ނުވާނެ އެވެ. އެންމެ ބޮޑު މައްސަލަ އަކީ އެއީ އެވެ. ވަރިއާ ގުޅިފައި ހުންނަ މޫތައް، އެތައް ދިމާލަކަށް ފެތުރިފައިހުރެ އެވެ. އެއީ ކުދިކުދި، ހިމަހިމަ، މަޑުމަޑުން ފެތުރޭ އެއްޗެކެވެ. ކައިވެނީގެ ބިންގަލުގައި ރެނދުއެޅުމުގެ ކުރިން އެކަން ދަންނާށެވެ.

----------------------------
 (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ