އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (15)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

7 ނޮވެމްބަރު (ހޯމަ) އާ ގުޅޭ

ގައްދޫ މުޙަންމަދު ރަޝީދު

އޭނާ އިސް އުފުލާފައި މަންމައާ ބައްޕައަށް ބަލާލިއެވެ. އޭނާގެ މުޅި ޙަޔާތުގައިވެސް މަންމައާ ބައްޕަ މިހާ އުފާވެފައިތިބި މަންޒަރެއް ނުދެކެއެވެ. ފަޚުރުވެރިކަމުގެ އިޙްސާސުން އެދެމީހުންގެ މޫނު ވިދާ ބަބުޅަމުން ދިޔައެވެ. އުފަލުންގޮސް ފައިވެސް ތުރުތުރު އަޅައެވެ. މިއަދު އެމީހުންގެ ދަރަޖަ ކިހާމަތިވެރި ހެއްޔެވެ.

އޭނާ ތާނިޔާ ދައްތައަށް ބަލާލާފައިވެސް ޙައިރާން ވެއްޖެއެވެ. ދައްތަގެ އޮއްސިފައިވާ މޫނު މިއަދު ކިހާވަރަކަށް އެބަ ވިދާބަބުޅާ ހެއްޔެވެ. އޭނާ މެހްމާނުންނާ އިސްތިޤްބާލު ކުރަމުން އެގެންދަނީ ކިހާ ޔަޤީންކަމަކާ އެކުގައި ހެއްޔެވެ. ޖަޔާގެ އެއްބަނޑު އެއްބަފާ ހުރިހާ ކުދިންވެސް މިޕާޓީގައި ޙަރަކާތްތެރި ވަމުންދަނީ ފިސާރި އުފަލާ ހިތްހަމަޖެހުމާ އެކުގައެވެ.

ޖަޔާގެ ހިތަށް މިކަހަލަ އުފާވެރި ރާޅުތަކެއް ޖަހަމުން ދިޔައެވެ. އެވަގުތު ބޭއިޚްތިޔާރުގައި ޖަޔާގެ ހިތަށް އަރަމުން ދިޔައީ ދަބަހުގައި އޮތް ފޮޓޯނަގާ އެންމެންގެ ކުރިމަތީގައި އެއަށް ސަޖިދަ ޖެހުމަށެވެ. އެރަޙްމަތުގެ މަލާއިކަތާއަށް މިގޮތުން ހަދިޔާ ރައްދު ކުރުމަށެވެ. އެމީހާ ޖަޔާގެ މުޅި ޚާންދާނު އޮތްފުށުން އަނެއް ފުށަށް ޖަހައިފިއެވެ. މުޖްތަމަޢުގެ ޙައިޘިއްޔަތު ބަދަލު ކޮށްދީފިއެވެ. ގޭގެ ފަޟާ ބަދަލުކޮށް ދީފިއެވެ.

ކެއުމަށްފަހު މިއުޒިކު ފެށިއްޖެއެވެ. ޝަހަރުގެ އެތައް މިތަނުން މިއުޒިކް ކުޅޭ މީހުންނާ ރާގުކުޅޭ މީހުން އަދި ލަވަކިޔާ މީހުން ޖަމާކޮށްފައިވެއެވެ. ކެއުމަށްފަހު ބައެއް މެހްމާނުން ހިނގައްޖެއެވެ. މިހާރު ހޯލުއޮތީ ނިސްބަތުން ވަރަށް ހިމޭން ވެފައެވެ.

މިރޭ ކައިވެނިވި އަންހެންކުއްޖައަކީ، އާކާވެނީގެ ރޭ ފާހަގަކުރަން ދާނެ ކުއްޖެއްނޫނެވެ. އެހެންކަމުން މިރޭ ހަތަރުދަމު އޮތީ މިއުޒިކްގެ ޕްރޮގްރާމް ތަކެވެ.

ރޭގަނޑުގެ ފިނިކަން އިތުރުވަމުން ދަނީއެވެ. އަދި ލަވަކިޔާ މީހުންގެ އަޑުތައް ފަޟާގައި ގުގުމަމުން ދިޔައެވެ.

މިގޮތަށް އިނދެއިނދެ ޖަޔާ ވަރުބަލި ވެއްޖެއެވެ. އޭނާ އިޝާރާތުން ތާނިޔާއަށް ގޮވައިފިއެވެ.

[ދައްތާއެވެ. އަހަރެން ވަރުބަލި ވެއްޖެއެވެ.]

[ތިޔަތާނގައި އޮށޯންނާށެވެ.]

[އަސްތާއެވ! ނޫނެކެވެ.]

[އެހެންވިއްޔާ ޖެހިގެންހުރި ކޮޓަރި ބަލާލާފައި އަހަރެން އެބައަންނަމެވެ. ސޯފާއެއް ނަމަވެސް ހުރެދާނެ ކަންނޭގެއެވެ. އޭރުން އިރުކޮޅަކު އަރާމުކޮށްލެވި ދާނެއެވެ.

[ގެއަކަށް ނުދާނަން ހެއްޔެވެ.]

[ކޮއްކޮ އެކަނި ގެއަށްގޮސްގެން ކުރާނީ ކީއްހެއްޔެވެ.]

[އަހަރެން ނިދާލަފާނަމެވެ.]

[ނޫނެކެވެ. ޖަޔާއެވެ. މަޑުކުރާށެވެ. މިތާނގައި ކޮއްކޮއަށް އޮވެވޭނެ ގޮތެއް ދައްތަ ހަމަޖައްސާ ދޭނަމެވެ.]

އޭނާ މަޑުމަޑުން ޖެހިގެންހުރި ކޮޓަރިއަށް ވަދެއްޖެއެވެ. އެތާނގައި ސޯފާތަކާ ގޮނޑިތައް އަތުރާފައި ހުއްޓެވެ. އޭނާ ޖަޔާ އޮށޯންނާނެ ތަނެއް ހެދިއެވެ. ބޭރަށް ހުޅުވެންހުރި ދޮރު އެތެރޭން ބަންދުކުރިއެވެ. ދެން ޖަޔާ ގޮވައިގެން އަތުވެއްޖެއެވެ.

[މިތާގައި ބޭނުންއިރެއް ވަންދެން އޮންނާށެވެ. އެހެރަ ދޮރުވެސް އެހެރީ ތަޅުލާފައެވެ. ހިތްހަމަ ޖައްސާލައިގެން އޮށޯންނާށެވެ.]

ޖަޔާ ދޯޕައްޓާ ނަގާ އެއްފަރާތެއްގައި ބާއްވައިފިއެވެ. އެދޯޕައްޓާ ބަރުކަމުން އޭނާގެ ބޮލަށް އެނބުރުން އަރާފައި ވެއެވެ.

[ތައުބާއެވެ. ކޮންފަދަ ބަރު ދޯޕައްޓައެއް ހެއްޔެވެ. އަދި މިޕިޖާމާވެސް ކިހާ ބޯވެފައި ވަރުގަދަ ހެއްޔެވެ.] އޭނާ ސޯފާގައި އިށީދެއްޖެއެވެ.

[އަދި އެއްފަހަރު ތިޔަހެދުން އަޅަން ޖެހޭނެއެވެ.] ތަނިޔާ ހިނިތުން ވެލިއެވެ.

[އެއީ ކީއްކުރަން ހެއްޔެވެ؟]

[މާދަމާ ޖަލާލީގެ ކައިރިއަށް އަލަތު އަންބެއްގެ ސިފައިގައި ދާން ޖެހޭނެއެވެ.]

[އަސްތާއެވެ. އަހަރެން މަތިންދާ ބޯޓުގައިވެސް ދާންވާނީ ހެދުމުގައި ހެއްޔެވެ؟]

[ވާނީ ކޮންކަމެއް ހެއްޔެވެ؟]

[އެކަމަކު...........]

[ނޫނެކެވެ. ކޮއްކޮގެ ފިރިމީހާ އެއަރޕޯޓަށް އަންނާނެއެވެ. އޭނާއަށް އޭނާގެ އަންހެނުން އަލަތު އަންބެއްގެ ހެދުމުގައި ފެނުމަކީ ވަރަށް އުފާވާނޭ ކަމެކެވެ. ގެއަށްގޮސް އެހެދުން އެޅުމުން އެފަދަ އުފަލެއް ނުލިބޭނެއެވެ.]

ތާނިޔާ ލާނެއްވަމުން މިދަނީ ހާދަހާ ވަރަކަށެވެ. ޖަޔާ ލަދުގަންނަން ފަށައިފިއެވެ. އޭނާ ހިނިތުން ވެލަމުން އިސްޖަހާލިއެވެ.

[އެންމެ ރަނގަޅެވެ. ދެން އޮށޯންނާށެވެ. އަރާމު ކޮށްލާށެވެ. ތާނިޔާ ބުންޏެވެ. އަދި އަނެއްކާވެސް ހޯލުން ހަލޭކުގެ އަޑު އިވިގެން ހިނގައްޖެއެވެ. ކޮންމެވެސް ލަވައެއް ނިމުމުން މަރްޙަބާގެ އަތްތިލަބަޑިއެއް ތަޅައިގަތީއެވެ. ތާނިޔާ އަވަހަށް ބޭރަށް ނުކުމެއްޖެއެވެ. އޭނާއަކީވެސް ލަވައަށް ވަރަށް ފޯރިހުންނަ މީހެކެވެ.

ތާނިޔާ އަވަސް އަރުވާލާފައި ނުކުތްގޮތުން ޖަޔާ ހިނިތުން ވެލިއެވެ.

ދައްތަ ދިއުމުން ޖަޔާ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ފުދޭވަރެއްގެ ބޮޑު ކޮޓަރިއެކެވެ. ދޫލައާ ފަރުދާތައް އަދި ސޯފާތައް ހުރީ ރަތްކުލައާ ކަޅު ކުލައިންނެވެ. އެއްފަރާތު ފާރުގައި ބޮޑެތި މޫނުބަލާ ލޯގަނޑުތައް ހަރުކޮށްފައި ހުއްޓެވެ. އެއްދިމާއެއްގައި ކައުންޓަރެއްވެސް ހުއްޓެވެ. ރަތްކުލައިގެ ފަނޑުއަލިކަމެއް މުޅި ކޮޓަރި ތެރެއަށް ވެރިވެފައި އޮތެވެ. ޖަޔާ ސޯފާއިން ތެދުވެއްޖެއެވެ. އަދި މަޑުމަޑުން ހިނގާފައިގޮސް ލޯގަނޑު ކައިރިއަށް ހުއްޓިއްޖެއެވެ.

އަމިއްލަ ހަށިގަނޑު ލޯގަނޑުން ފެނިފައި ޚުދު އޭނާ ޙައިރާން ވެއްޖެއެވެ. މިހާރު އޭނާ ކިހާރީތި ހެއްޔެވެ. ހިނދުކޮޅަކު އޭނާ އެކިގޮތްގޮތަށް ބަލަމުން ގެންދިޔައެވެ. އަދި ބޭއިޚްތިޔާރުގައި [މިވަގުތު ޖަލާލީ މިތާނގައި ހުރިނަމައޭ] އޭނާގެ ހިތަށް އެރިއެވެ.

މިކުރެވުނު ޚިޔާލާމެދު ޚުދު އޭނާ ކަންބޮޑު ވެއްޖެއެވެ. ވަށައިގެން ހޯދާ ބަލާލިއެވެ. އޭނާގެ ހިތުގެ ސިއްރު އަތުލައިގަތުމަށް ކޮންމެވެސްމީހަކު ސިއްރުން ބަލަންހުރިހެން ހީވެގެންނެވެ.

ދެން ހިތްހަމަ ޖައްސާލާފައި ކަރުގާއޮތް ރަންހާރުގެ ވާފަށް ދޫކޮށްލައިފިއެވެ. އޭނާގެ އަތް ކުއްލިއަކަށް ހުއްޓިއްޖެއެވެ.

އަދި ޙައިރާންވެފައި ލޯގަނޑަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރެއްޖެއެވެ.

ދެން އޭނާ އަތްތިރި ކޮށްލާފައި އެނބުރިލިއެވެ. އަދި ބަލާލިއެވެ.

ނަވީދު ހަށަން ބަނދެލައިގެން ކޮޅަށް ހުއްޓެވެ.

ޖަޔާ ސުވާލުކުރުމުގެ ކުރީގައި ފަނޑު ހިނިތުން ވުމަކާއެކު އޭނާ ބުންޏެވެ. [މަރުޙަބާ ކިޔާނެ ދަނޑިވަޅެއް ނުލިބުމުން މިތަނަށް އައީއެވެ.]

[ޝުކުރިއްޔާއެވެ.] ޖަޔާ އަވަސް އަވަހަށް ސޯފާއާ ދިމާއަށް ހިނގައްޖެއެވެ. އަދި ދޯޕައްޓާ ނަގާ ކޮނޑުމަތީގައި ފަތުރާލިއެވެ.

ނަވީދުވެސް ހުރި ފިޔަވަޅު މަތީގައި ހުރެފައި އެނބުރިލިއެވެ.

ޖަޔާގެ ހިތަށް ގޮތެއްވެގެން ދިޔަކަން ހަމަގައިމެވެ. އެކަމަކު ނަފްރަތާ ހާސްކަމުގެ ރާޅުތައް ބިންދަން ފެށުމުން ހުރިހާ ޖަޒުބާތެއް އޮޔާ ބެހިގެން ހިނގައްޖެއެވެ.

[ވަރަށް އުފާދޯއެވެ.] ނަވީދު ހިތާމައިގެ ބެލުމަކުން ބަލާލާފައި ބުންޏެވެ.

ނަވީދު އިރުކޮޅަކު ހިމޭނުން ހުއްޓެވެ. ދެން މަޑުމަޑުން ބުންޏެވެ. [ޖަޔާއެވެ. އުފާވުމާ އަދި އުފާވެރިކަން ފާޅުކުރުމުގައި ވަރަށްބޮޑު ތަފާތު އެބަހުއްޓެވެ.]

ޖަޔާ ތެޅިގަތެވެ. ރީތި ތުންފަތް ބާރަށް ދައިގެންފިއވެ. މޫނުމަތިން ތަރިބުރައިގެން ދިޔައެވެ. ދެން ހާސްވެފައި ބުންޏެވެ. [ނަވީދު ބުނުއްވަން ތިޔައުޅެނީ ކީކޭތޯއެވެ.]

[އަހަރެން.....] ނަވީދު ފުން ނޭވާއެއްލާފައި ކޮންމެވެސް އެއްޗެއް ބުނަން އުޅުނެވެ. އެކަމަކު ހިމޭންވެއްޖެއެވެ. ހަމައެކަނި ޖަޔާގެ ހަށިގަނޑަށް ބަލާލިއެވެ.

[ބުނުއްވަން ތިޔައުޅުއްވަނީ އަޅުގަނޑުގެ ކާވެނި ކުރެވުމުން ނަވީދަށް ހިތާމަ ލިބުނު ވާހަކައެވެ. އަޅުގަނޑު ދޫކޮށްލެވުމުން މިހާރު ދެރަވެލައްވާ ވާހަކައެވެ.]

[މިހާރު ވަގުތު ފާއިތުވެއްޖެއެވެ. އެކަމަކު އަދިވެސް އަހަރެން ނޫނެކޭ ނުބުނަމެވެ.] އޭނާ ފުން ނަޒަރަކުން ބަލާލިއެވެ.

ނަވީދު މޫނުމަތީގައި ބާރު އެތިފަހަރެއް ޖެހުމަށް ޖަޔާގެ ހިތަށް އެރިއެވެ. އެކަމަކު އޭނާ ހިތްވަރުކޮށްލާފައި ސިކުނޑީގެ ބޭނުން ހިފީ ކިހިނެއް ކަމެއްވެސް ނޭގުނެވެ. އޭނާ ވަރަށް ހިތި ގޮތަކަށް ބުންޏެވެ. [ނަވީދުއެވެ. އަދި ވަގުތު ފާއިތެއް ނުވެއެވެ...... އަދި ހަމަ ވަގުތު އައިސް ޖެހުނީއެވެ. ބުނުއްވައިފިއްޔާ މިކާވެންޏަށް އިންކާރު ކޮށްފާނަމެވެ.]

[ޖަޔާއެވެ......] ބިރުން ތެޅިގެންފައި ނަވީދު ބުންޏެވެ.

ޖަޔާ ހީނގަތެވެ..... [ނަވީދު ހީކުރެއްވީ އަޅުގަނޑަކީ މޮޔައެއް ކަމަށްތޯއެވެ. ތިޔަދުރުވީ އަޅުގަނޑު ވާވައްދަން ކަންނޭގެއެވެ. އެކަމަކު ނަންގަނެފާނަމެވެ. އަޅުގަނޑު މިހިރީ އުފަލުންނެވެ. ވަރަށް އުފަލުންނެވެ. އަޅުގަނޑު އެއިންސާނާއަށް އަޅުކަން ކުރަމެވެ. އެއީ އިންތިހާއަށް އުފާވެރިކަން އަޅުގަނޑަށް ދިން އިންސާނާއެވެ. އަންބެއްގެ މަޤާމު ދިން އިންސާނާއެވެ. ކަލޭމެން އެންމެންގެ ކުރިމަތީގައި މުޖްތަމަޢުގެ ހަމަހަމަކަން ހޯދާދިން އިންސާނާއެވެ. ތިޔަ އިސްޖެހިފައިވާ ބޮލާ ކުލައޮއްސިފައިވާ މޫނު ލޯގަނޑުން ފެނިފައި އަޅުގަނޑު އުފާވެފައިވާ ވަރު ވަޒަނެއް ނުކުރެވޭތޯއެވެ. މިއީ ހައްތާވެސް އެމާތް އިންސާނާގެ ހެޔޮކަމެވެ.]

[ޖަޔާއެވެ..........]

[މިތަނަށް ދުރުވިގޮތަށް އެނބުރި ދުރުވާށެވެ. އަދި ދެން ދުވަހަކުވެސް އަޅުގަނޑުގެ މަގަށް ހުރަސް އެޅުމަށް މަސައްކަތް ނުކުރައްވާށެވެ.]

ނަވީދު ހިނދުކޮޅަކު ކޮޅަށް ހުއްޓެވެ.

ދެން މަޑުމަޑުން ފިޔަވަޅު އަޅަމުން ބޭރަށް ނުކުމެއްޖެއެވެ. އޭނާގެ ޟަމީރުވެސް އޭނާ ކުއްވެރިކުރަނީ ކަންނޭގެއެވެ.

އޭނާ ދިއުމުން ޖަޔާ ކުރިޔަށް ހިނގާފައިގޮސް ދޮރުތަޅުލައިފިއެވެ. ހީވީ ނަވީދަށްޓަކައި އޭނާގެ ހިތުގެ ހުރިހާ ދޮރެއް ތަޅުލީހެންނެވެ......

އެނބުރި އައިސް ނާޖިޔާ ސޯފާގައި އިށީދެއްޖެއެވެ........ ދޯޕައްޓާ ނަގާފައި އެއްފަރާތަށް އެއްލާލިއެވެ. ދެން ދަބަސް ނަގާ އުނގުމަތީގައި ބާއްވައިފިއެވެ. އަދި ދަބަސް ހުޅުވާލާފައި ފޮޓޯގަނޑު ނަގައިފިއވެ.

ދެން........... އޭނާ ފޮޓޯގަނޑު މޭގައި ޖައްސާލިއެވެ. އަދި ސޯފާގެ ފުރަގަހަށް ބޯއެލުވާލަމުން ލޯމަރާލިއެވެ. ހަމައެއާއެކު ފޮޓޯގަނޑުގައި އެވާމީހާގެ ތަޞައްވަރުގެ ތެރެއަށް ގެއްލިއްޖެއެވެ.

************************

[ޖަލާލީއެވެ. ތިޔަހެން ހަދައިގެން ނުވާނެއެވެ.]

[ތާބުޝްއެވެ! އެއްބަސްވާށެވެ.]

[އެކަމަކު ތިޔައީ އެއްބަސް ވެވޭނެ ވާހަކައެއް ނޫނެވެ.]

[ޝަވާލީއެވެ. މިކަންތަކެއް ޝަވާލީއަކަށް ނުވިސް ނޭނެއެވެ.]

[އެހެންވިއްޔާ ވިސްނާ ދީބަލާށެވެ.]

]އެންމެނަށްވެސް އެނގޭނެއެވެ. އަހަރެންގެ ޙާލާމެދު އަހަރެން ދޫކޮށްލާށެވެ.]

ތިޔައީ އެކަމަކު ރީތިގޮތެއް ނޫނެވެ.]

[މަންސޫރުވެސް ވިސްނާލަ ބަލާށެވެ. އަހަރެން އެއަރޕޯޓަށް ދިއުމަކީ ރަނގަޅުކަމެއް ނޫނޭ ބުނެފީމެއްނޫން ހެއްޔެވެ. ކަލޭމެން އެންމެންގޮސް އޭނާ ގޮވައިގެން އަންނާށެވެ.]

[އަލަތު އަނބިމީހާ އަންނައިރު ފިރިމީހާ އޮންނަން ޖެހެނީ ހޮރުގައެވެ.]

[ނޫނެކެވެ. އަހަރެން ކަލޭމެންނަށް ވިސްނައިދޭނީ ކިހިނެއް ހެއްޔެވެ.]

[މިހާރު ތިހިރީ ތައްޔާރުވެގެން ހެދުންވެސް ބަދަލުކޮށްގެންނެވެ. ހަމަކުއްލިއްޔައަކަށް އެއަރޕޯޓަށް ނުދިއުމަށް ނިންމީ ކީއްވެގެން ހެއްޔެވެ؟]

[އެއީ މަސްލަޙަތަށް ޓަކައެވެ.]

[ޖަލާލީއެވެ. ތިޔައީ ވަރަށް ވިޔާނުދާ ކަމެކެވެ. އެފަކީރުގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ.]

[ކަލޭމެންގޮސް އޭނާ ގޮވައިގެން އަންނާށެވެ.]

[އަހަރެމެން އެންމެން މިއައީ ހަމަ އެއަރޕޯޓަށް ދިއުމަށްޓަކައެވެ. އޭނާ ބަލާދިއުމަށެވެ. އެކަމަކު ޖަލާލީ ދިއުން ކޮންމެހެން ބޭނުމެވެ.]

ޖަލާލީ ދެއަތުން ބޮލުގައި ހިފަހައްޓައިފިއެވެ. އެންމެން ތިބީ ބައްދަލުކުރާ ކޮޓަރީގައެވެ. ޖަލާލީގެ ހުރިހާ ރަޙްމަތްތެރިން އެމީހުންގެ އަނބިންނާއެކު ޖަމާވެފައި ތިއްބެވެ. އަންހެންވެރިން އެމީހުންގެ އަގުބޮޑު ހެދުންތަކާ ސާޅީތައް މިއަދު އަޅައިގެން ތިބީ ވަރަށް ޚާއްޞަ ގޮތަކަށެވެ. ކާވެނީގެ ގޮތްގަނޑު ފާޅުކުރުމަށް ޓަކައެވެ. ކޮންމެ މީހަކުވެސް މިއަދު ގަޑިއަށް ގަޑިނުޖެހި ފެއަރީލޭންޑަށް އައެވެ. އެމީހުން ޖަމާޢަތެއްގެ ސިފައިގައި އެއަރޕޯޓަށްގޮސް އަލަތު އަނބި ގެންނަން ޖެހެއެވެ. ޖަލާލީވެސް ހުރީ ގަޑިއަށް ތައްޔާރު ވެގެންނެވެ. އެހެން ނަމަވެސް ހަމަ ކުއްލިއަކަށް އެއަރޕޯޓަށް ދިއުން އޭނާ ލަސްކޮށްލައިފިއެވެ. އެންމެން މިކަމާމެދު ޙައިރާން ވެއްޖެއެވެ. އެމީހުން ގަދަކަމުން ޖަލާލީ އެއަރޕޯޓަށް ގެންދަން މަސައްކަތް ކުރަނީއެވެ.
[ކުއްލިއަކަށް ތިޔަވީ ކިހިނެއް ހެއްޔެވެ؟] މަންސޫރު ސުވާލުކުރިއެވެ.

ޖަލާލީ އިސްއުފުލާލިއެވެ. އޭނާ ތުންފަތުގައި ހިނިތުންވުމެއް އެކުލެވިފާވެއެވެ. އެ ހިނިތުންވުމުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއްވެސް އެކުލެވިފައިވެއެވެ.

[ޖަލާލީއަށް ތިޔަ ޚިޔާލުދިނީ ކާކު ހެއްޔެވެ؟] ތާބުޝް ރުޅިއައިސްފައި ބުންޏެވެ.

ޖަލާލީ އަނެއްކާވެސް ހިނިތުވެލިއެވެ. ދެން ބޭއިޚްތިޔާރުގައި ބުންޏެވެ. [މޫނުބަލާ ލޯގަނޑެވެ.]

އެންމެން ހިމޭންވެއްޖެއެވެ. މިހިމޭންކަން ޖަލާލީއަށް މަލާމަތް ކުރަމުން ދިޔައެވެ.

އެކަކު އެކައްޗެއްވެސް ނުބުނެއެވެ.

އާދެ، ޝަވާލީއަކީ އަބަދުވެސް ވާހަކަދެކެވޭ ހިތްވަރުގަދަ އަންހެނެކެވެ. އޭނާ ޖަލާލީގެ ކައިރިއަށް އައިސް ގޮނޑީގައި އިށީންނަމުން ބުންޏެވެ. [ޖަލާލީއެވެ. ތިމާގެ ހުތުރު ސިފައާމެދު އެހާބޮޑަށް ބިރުގަންނައިރު ކާވެންޏަށް އެއްބަސްވީ ކީއްކުރަން ހެއްޔެވެ. މިހާރު ކާވެނި ކުރެވިއްޖެއެވެ. އެމަޢުޞޫމު އަންހެން ކުއްޖާގެ ދިރިއުޅުން ޖަލާލީއާ ޙަވާލުވެއްޖެއެވެ. ވީއިރު ތިޔަގޮތަށް ފުރަގަސްދީގެން ނުވާނެ ނޫން ހެއްޔެވެ.

[ރަނަގަޅު ވާހަކައެކެވެ.] ރަފީޤު ބުންޏެވެ.

[ޖަލާލީއެވެ. މިހާރު ދެން އަމިއްލަ ސިފައާމެދު ހިތްހަމަ ޖައްސާލަންވީއެވެ.] ޝަވާލީ ބުންޏެވެ. [އޭރުން އެއްވެސް ބިރެއް ޖެހިލުމެއް ނޯންނާނެއެވެ.]

[ފައުޒިއްޔާ މިހާރު އޮންނާނީ ކޮންމެވެސް ވަރަކަށް މައިދާނުގެ ފަސްގަނޑު އެއްވަރު ކޮށްފައެވެ. އޭނާ އަންހެން ކުއްޖާ ހޮވާނީ ވަރަށް ވިސްނުންތެރި ކަމާއެކުގައެވެ.] ޕްރާން ބުންޏެވެ.

[ކޮންމެ ގޮތެއްވިޔަސް މިހާރު ޙާލަތާ މުޤާބަލާކުރަން ޖެހިއްޖެއެވެ.] ތާބުޝް ބުންޏެވެ.

ޖަލާލީ އެންމެންގެ ވާހަކަ އަޑުއަހަން އިނެވެ. މިސިޒް ހެރަލްޑް ކޮފީ ތައްޔާރު ކޮށްގެން ގެނެސްފިއެވެ. އޭނާ އެންމެންނަށް ކޮފީދޭން ފަށައިފިއެވެ. އެކަމަކު އެންމެންވެސް ތިބީ ޙައިރާންކަމާ ހާސްކަމުގެ ތެރޭގައެވެ. އަގުބޮޑު ތަށިތަކުގައިވާ ކޮފީތައް ހިހޫވަމުން ދަނީއެވެ. އެއްވެސް މީހަކު އެއިން ކޯވަރެއްވެސް އެތެރެކުރާކަށް ހިތެއް ނުރުހުނެވެ.

އެންމެންވެސް ޖަލާލީއަށް ރުޅި ދައްކަމުން ދިޔައެވެ...... ޖަލާލީ ހުރީ ރީތިކޮށް ހެދުން އަޅައިގެންނެވެ. އޭނާ އެންމެ ހިތްއެދޭ ސެންޓް ޖަހާލައިގެންނެވެ. އާދެ، ޖަލާލީ ހުރީ ފުރިހަމައަށް ތައްޔާރު ވެގެންނެވެ.

ތައްޔާރު ނުވަނީ ހަމައެކަނި އޭނާގެ އަމިއްލަ ނަފްސެވެ.
------------
(ނުނިމޭ)

މި ލިޔުން:

     ފޮނުވުން:               އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންބެލުމާއި ޝާއިޢުކުރުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

ވާހަކަ