އަދުގެ ޚާއްސަ

Print

އެސް. އެސް. ސީ އިމްތިޙާނުގައި ދަރިވަރުންގެ ދިވެހި ނަތީޖާ ދަށްވަނީ ކީއްވެ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް

ެ        
އާދަމް ނަޞީރު އިބްރާހީމް (2011)

މަދަރުސާގައި ކިޔަވަމުންދާ، ތިބާގެ ދަރިފުޅު ކޮންމެ ދުވަހަކު ކެމިސްޓްރީގެ އާ ''އެކްސްޕެރިމަންޓެއް'' ނުހަދަ އެވެ. އެކަމަކު ކޮންމެ ދުވަހު ދިވެހި ބަހުން އާ ވާހަކައެއް ދައްކަ އެވެ. އެ ދަރިވަރު ކޮންމެ ދުވަހަކު ''އެކައުންޓިންގ'' ގެ  އާ ނަންބަރު ތަކެއް ނުހަދަ އެވެ. އެކަމަކު ކޮންމެ ދުވަހަކު ދިވެހި ބަހުން އާ ޖުމުލަތަކެއް ހަދަ އެވެ.  ކޮންމެ ދުވަހަކު ބަޔޮލޮޖީގެ އާ ފިލާވަޅުތަކެއް ނުނަގަ އެވެ. އެކަމަކު ދިވެހި ބަހުން އާ ލަވައެއް ނުވަތަ އާ ވަހަކަ އެއް ނުވަތަ އާ ޚަބަރެއް އަޑު އަހަ އެވެ.

ސުވާލަކީ، ކަން މިހެން އޮތް އިރު، ދަރިވަރުން މަދްރަސީ ދައުރު ނިންމާ އިމްތިޙާނުގައި، އެހެނިހެން މާއްދާތަކުގެ ނަތީޖާ ނުހަނު މަތިވެފައި، ދިވެހި ބަހުން ހޯދާ ނަތީޖާ އެހައި ދަށްވަނީ ކީއްވެހެއްޔެވެ؟ މި މުހިންމު ސުވާލަށް އެކަށޭނަ ޖަވާބެއް ދެވޭތޯ، މި ލިޔުމުގައި މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ބަލައިލާނެމެވެ. ދަރިވަރުންގެ ޅަފަތުގެ ދައުރާއި ދިވެހި ބަހާ މިލިފައިވާ މިންވަރުގެ މައްޗަށެވެ. މަދުރަސީ ވެށީގައި ދަރިވަރުންނަށް ފަހިވެފައިވާ، ބަހާ ގުޅުންހުރި ފުރުޞަތުތަކުގެ މައްޗަށެވެ. ބަސް އުނގަންނާ ދިނުމުގައި ބޭނުން ކުރެވޭ އުސްލޫބުތަކާއި އުކުޅުތަކުގެ މައްޗަށެވެ. އަދި ދަރިވަރުން އިމްތިޙާނު ކުރުމުގައި މިހާރު ޢަމަލުކުރެވޭ ގޮތުގައި ހުރި ބައެއް މައްސަލަތަކުގެ މައްޗަށް ވެސް މެ އެވެ.  
       
މި ޒަމާނުގެ ޢިލްމީ ހޯދުންތައް ބުނާ ގޮތުން ކުޑަ ދަރިފުޅު މައިމީހާގެ ބަނޑުގައި އޮންނަ ހާލަތުގައި ވެސް އޭނާގެ ވެށީގެ އަސަރުތައް ދެނެގަނެ އެވެ. އެ އަސަރުތައް ލިބިގަނެ އެވެ.އިޙްސާސްކޮށް ދޭހަކޮށްގަނެ އެވެ. މަންމަ ލަވަ ކިޔާނަމަ، ނުވަތަ ލަވަ ޖަހާނަމަ، އެކަމުން އުފާވެރިކަން ލިބިގަނެ އެވެ. ހިނިތުންވެ އަދި ބައެއް ފަހަރު ލަވައިގެ ހަމަޔަށް ޙަރަކާތް ވެސް ކުރެ އެވެ.  އެހެންކަމުން ތުއްތު ދަރިފުޅު އުފަންވުމުގެ ކުރިން އެ ދަރިފުޅަށް ބަހުގެ އަސަރު ކުރެ އެވެ. އެވޭލާ ދިވެހިންގެ ޙަޔާތުގައި މި ކަން އައީ ހިނގަމުންނެވެ. އަހަރު ދެކޮޅު ވިހެއުމުގެ ސަބަބުން، މައިމީހާ އޭނާގެ ތުއްތު ދަރިފުޅު ނިންދަވަން ނާނާ ކިޔާއިރު، އެ ނާނާ އަޑު އަހަނީ އުނގުގައި އިންނަ ކުއްޖާ އާއި ބަނޑުގައި އޮންނަ ކުއްޖާ އާ ދެބެންނެވެ. ނަތީޖާ އަކަށްވަނީ ދަރިފުޅުގެ ތުއްތު ސިކުނޑި ބަހުގެ މީރުކަމަށް ޝައުޤުވެރިވުމެވެ. ބަހުގެ ހުނަރުތަކަށް އަހުލުވެރިވުމެވެ.
   
ބަހަވީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތުއްތު ކުއްޖާގެ އުމުރުން ދޮޅު އަހަރާއި ދެ އަހަރާ ދެމެދު ބަސްބޭނުން ކުރުމުގެ ހުނަރު އޭނާގައި ތަރައްޤީވެ އުފެދިގެން އަންނަ ގޮތަކީ މުޢުޖިޒާތެއް ފަދަ ކަމެކެވެ.އެ ދައުރުގައި މާދަރީ ބަހަށް ކުއްޖާ އަހުލުވެރިކުރުވަން ޖެހެ އެވެ. އެ ކުއްޖާގެ ސުވާލުތަކަށް ޖަވާބު ދޭންޖެހެ އެވެ. އެ ކުއްޖާ އަށް ވާހަކަ ކިޔައިދޭން ޖެހެ އެވެ. ލަވަ ކިޔައިދޭން ޖެހެ އެވެ. މައިންބަފައިންގެ އަވަދި ނެތުމާއި، ބޭރުން ގެނައި އާޔާގެ މުރާލި ކަމާއި، ޓެކްނޯލޮޖީގެ ފަސޭހަކަމާއެކު  މި އަދުގެ ތުއްތު ކުއްޖާ  ވަނީ މި ނަސީބުން މަޙްރޫމުވެފަ އެވެ. ދަރިވަރުންގެ މާދަރީ ބަހުގެ ނަތީޖާ ދަށްވުމަށް މެދުވެރިވާ  ފުރަތަމަ ސަބަބަކީ މިއީ އެވެ.
       
މަދުރަސީ ވެށްޓަކީ ދަރިވަރުގެ ދެ ވަނަ ހިޔާވައްސެވެ. އޭނާގެ ފިކުރަށް ނުފޫޒު ފޯރުވާ އެންމެ ރަސްމީ ބާރެވެ. ތިބާ ތުއްތު ދަރިފުޅުގެ ޅަފަތުގެ ތަޢުލީމު ފެށުމަށް ތިޔަ ދޫކޮށްލެއްވި ''އެދުރުގެ'' އިން މާދަރީ ބަހަށް ތަރުޙީބު ދޭ މިންވަރަކީ ކޮބައިތޯ އެވެ؟ އެ ތާނގެ ނަންބޯޑުތަކާއި، ކިޔައިދޭ ލަވަތަކާ މި ކަންކަން ވަޒަން ކޮށްލައްވާށެވެ!  ސާފު ޢިބާރާތުން ދަންނަވަން ޖެހެނީ ރާއްޖޭގެ ޕްރީސްކޫލުތަކަކީ، ބޭރުބަހަކަށް ދަރިވަރުންގެ ސިކުނޑިތައް ބައްޓަންކުރާ ކާރުޚާނާ ތަކެއްކަމެވެ. ވަރަށް ގިނަ ބެލެނިވެރިންގެ ޝަކުވާ އަކީ، ގޭގައި ދިވެހި ބަހުން އެއްޗެހީގެ ނަންތައް ކިޔަ ކިޔާ ހުންނަ ތުއްތު ކުއްޖާ ވެސް ޕްރީސްކޫލު މަރުޙަލާ ފެށުމާއެކު، އެ ނަންތައް ދޫކޮށްލައި އިނގިރޭސި ނަންތައް ކިޔަންފަށާކަމެވެ.
       
ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ތުއްތު ކުއްޖާގެ ޅަފަތުގެ ދައުރުގައި މާދަރީ ބަހަށް ބީރައްޓެހި ކުރެވުނީމާ ގެއްލެނީ ކުއްޖާގެ ހިތުގައި މާދަރީ ބަހާ މެދު އުފެދެންޖެހޭ ޝައުޤުވެރިކަން އެކަންޏެއް ނޫނެވެ. އެކަމަކު މާދަރީ ބަހުން ޢިބާރާތްކުރުމުގެ ޤާބިލްކަން ވެސް ގެއްލި ދަނީ އެވެ. ބަސްމޮށުންތެރިކަން ކޮށިވަނީ އެވެ. ލިޔުމުގެ ހުނަރު ''ގަނޑުވަނީ'' އެވެ. މި ކަމުގެ އެއް ސަބަބަކީ، އޮނިގަނޑުގެ ގޮތުން ތަފާތު ދެ ގޮތަކަށް ޙަރަކާތްތެރިވާ ދެ ބަހެއްގެ، ދެ ކޮޅަށް ދެމޭ އޮއިވަރު، ކުޑަ ކުއްޖާގެ ތުއްތު ސިކުނޑީގައި ދެ ބައްޖަހަން ފެށުމެވެ. މި ސާލެއް ދަންނަވައިލާނަމެވެ. ދިވެހި ބަހުގެ އޮނިގަނޑާއި، އަރަބި ބަހުގެ އޮނިގަނޑާ ތަފާތެވެ. އިނގިރޭސި ބަހުގެ އޮނިގަނޑު ވެސް ތަފާތެވެ. ދިވެހި ބަހުން އިބާރާތް ކުރެވޭ ޖުމުލައެއްގެ ބައިތައް ތަރުތީބުވާނީ ކަންކުރާ އާއި، ރައްދުވާއާއި ކަމާއި  މި ގޮތަށެވެ. ''އަލީ އާފަލެއް ކައިފި'' މި ޖުމުލަ އަށް ބައްލަވާށެވެ. އެކަމަކު އިނގިރޭސި ބަހުގެ ތަރުތީބު ތަފާތު ވާނެ އެވެ. އިނގިރޭސި ބަހުގެ ތަރުތީބަކީ، ''Ali ate an apple'' ކަންކުރާ އާއި ކަމާއި، ރައްދުވާ އެވެ.  ޢަރަބި ބަހުގައި ނަމަ މި ހާލަތުގައި މިއީ جملة فعلية އެކެވެ. ޖުމުލައިގައި ލަފުޒުތައް އެތުރޭ ގޮތަކީ، '' أكل علي تفاحا '' މިހެންނެވެ. މި ފަހަރުގެ ތަރުތީބަކީ، ކަމާއި، ކަންކުރާ އާއި، ރައްދުވާ އެވެ. މާދަރީ ބަހަށް ބީރައްޓެހިވެގެންވާ ހާލު  ބަހުގެ ތަޢުލީމު ބޭރު ބަހެއްގެ މައްޗަށް ސިކުނޑީގައި ބިންވަޅު ނެގިއްޖެ ދަރިވަރަކަށް، ގިނަ ފަހަރަށް ސިކުނޑީގައި ޖުމުލަ ރޭވެނީ ބޭރު ބަހުގެ އޮނިގަނޑާ އެއްގޮތަށެވެ. ނަތީޖާ އަކަށް ވާނީ ދިވެހި ބަހުން އޭނާ ކުރާ ޢިބާރާތުގެ ބޮލެއް ނަގުލެއް ވަކި ނުވުމެވެ.  ދާދި ފަހުން ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލަކުން ޚަބަރެއްގައި ކިޔާތީ އިވެނީ، ''އިސްލާމީ މަރުކަޒުގައި މޫދަށް އެރި އުޅެނި ކޮށް، ގެނބިގެން މަރުވި ހިރިޔާ ސްކޫލުގެ ދަރިވަރުންނާ ޕްރިންސިޕަލްގެ ކަށުނަމާދު ކުރާގޮތަށް ހަމަޖައްސަވައިފި'' ކަމުގަ އެވެ. ވީމާ ކުދިންގެ ނަތީޖާ ދަށްވާ ދެ ވަނަ ސަބަބު  މި އޮތީ ދިމާ އަށް ފެންނާށެވެ! ޅެންވެރިޔާ ވިދާޅުވަނީ ކައްޗަށް އެޅިއްޖެ ބިންގަލެއް ކެއްޗާ ހަމަޔަށް ނެގިޔަސް އޮންނާނީ ކައްޗަށްކަމަށެވެ.
         
ދަރިވަރުންގެ ބަހުގެ ފެންވަރު ދަށްވާ އަނެއް ސަބަބަކީ ކިޔަވައިދެވޭ ގޮތެވެ. ބަހަކީ ހަމަ އެކަނި މަޢުލޫމާތެއް ނޫނެވެ. ބަހަކީ ފަންނެކެވެ. ޢިލްމެކެވެ. ހުނަރެކެވެ. ބަހަކީ އޭގައި ހަމަތަކަކާއި އުސޫލުތަކެއް ހިމެނޭ  ޢަމަލީ އެއްޗެކެވެ. ހަމަ އެކަނި މަޢުލޫމާތެއްގެ ގޮތުގައި ބަސް ކިޔަވައި ދެވޭނަމަ، ދަރިވަރުން ފޫހިވާނެ އެވެ.  ބަހުގެ މަތިން ހިތް ކެނޑޭނެ އެވެ. ސަބަބަކީ އެކުދިން ނުދަންނަ، ލޯ ނުދެކޭ ނަންތަކާއި ކަންކަންބަޔާން ކޮށްދޭ އަކުރުތަކެއްގެ ގޮތުގައި ބަސް ސިފަ ވުމެވެ. ފަނައޭ ބުނުމުން އެއީ ކޯނޗެއް ކަމެއް މި އަދުގެ ކުދީންނަކަށް ނޭނގޭނެ އެވެ. ފުރޯއެއް، ގަތާފާއެއް، ހޭފަށެއް، ގުންޑޮޅިއެއް އެ ކުދިން ނުދަންނާނެ އެވެ. ޚޮދު، ދަރިވަރުގެ ހަށިގަނޑުގެ ތަންތަން ކަމުގައިވާ ބުރަކައްޓެއް، ގުދާރެއް، ބޮނބިފަޅެއް، ހިމެއް ޅިނދެއް ދޯތްނގެއް ނުދަނެ އެވެ. ނަމަވެސް އެކުދިންގެ ފިލާވަޅުތަކުގައި، ނުވަތަ ހަދަން ޖެހޭ އެސައިންމަންޓުތައް ހެދުމަށް ކިޔަންޖެހޭ ފޮތްތަކުގައި ހުންނަ ވާހަކަތަކާއި، ޅެންތަކާއި މަޒުމޫނުތައް ވަނީ މިފަދަ އެތައް ލަފުޒަކުން ފުރިގެންނެވެ.

ވީމާ، ދިވެހިބަހުން އެކުދިންކިޔާ  ކޮންމެ ޞަފްޙާއެއް އެ ކުދީންނަށް ވާނީ ހުރިގޮތަށް ހުރި ބޯ އެނބުރުމަކަށެވެ. ފޫހީގެ އާފާތަކަށެވެ. ނަތީޖާ އަކަށް ވާނީ ދަރިވަރުން ފޮތްތެރިކަމާ ދުރުހެލިވުމެވެ. ދިވެހިބަހުން ލިޔެވިފައިވާ ޢިލްމީ ފިކުރީ ލިޔުންތަކުގެ ކިބައިން ''އުފަލާއެކު މިންޖުވެގަތުމެވެ.'' ރާއްޖޭގައި މިހާރު މި އޮތް ބަސްތެރިކަމަށް ބީރަށްޓެހި ވެށީގައި ފޮތަށް ލޯބި ނުކޮށް ބަހަށް މޮޅުވެވޭނެ ގޮތެއް ނޯންނާނެ އެވެ. އެހެންކަމުން މި ކަން ކަން ހައްލު ކުރުމަށްޓަކައި ކިޔަވައިދިނުމުގެ އުސްލޫބު ބަދަލު ކުރަންޖެހެ އެވެ. ޒަމާނީ ވަސީލަތްތަކުގެ ބޭނުން ހިފަންޖެހެ އެވެ. ނުވަތަ ޢަމަލީ ގޮތުން އެ ކުދިންނަށް ކަންކަން ބުނެދެވެން ޖެހެ އެވެ. ތަންތަނާއި ތަކެތި ފެންނަންޖެހެ އެވެ. ދިވެހިވަންތަ މާ ހައުލުތަކަށް  ގެންދަން ޖެހެ އެވެ. މި ކަމުގައި މީޑިޔާ ގެ ދައުރު ވެސް ވަރަށް މުހިންމެވެ. އެކުދީންގެ މާހައުލުގައި ވަށައިގެންވަނީ ކޮންކޮން އެއްޗިއްސެއްކަން، އެ ތަކެއްޗާ އެ ކުދިންގެ ކާބަފައިންގެ ޙަޔާތާއި، އެކުދިންގެ ދިރިއުޅުމާ ހުރީ ކޮންގުޅުމެއްކަން، ފިސާރި ރަނގަޅަށް އެ ކުދިންނަށް ވިސްނެންޖެހެ އެވެ. މި ކަންކަން އެނގުނީމާ އެކުދިން ބަހާމެދު ޝައުޤުވެރިވާނެ އެވެ. ބަހަށް މޮޅުވެ ހުނަރުވެރިވާނެ އެވެ.
      
ވަރަށް ގިނަ ދަރިވަރުންގެ ޝަކުވާ އަކީ، ބަޑިތަކުރު ވިހޭރޭ އަލަފަތް އައިހެންނޭ ބުނެ މި މިސާލު ބަހަށް ހާދިސާ ލިޔެ ނިންމައި، ކިލާހުގައި އެ މަސައްކަތަށް، ދިހަޔަކުން ދިހަޔެއް ލިބޭ  އިރުވެސް އަލަފަތަކީ ކިހިނެއް ހުންނަ ކޮން އެއްޗެއްކަން، އޭން ކުރާ ބޭނުމަކީ ކޮބައިކަން ނޭނގޭ ވާހަކަ އެވެ. އެއްފުޅަށްމަތިން ފުންމާލި ބަކަރި ހަތް ފުޅަށް މަތިން ފުންމާލާނެއޭ ބުނާ އިރު، ބަކަރިއާ ގެރީގެ ތަފާތު އެނގުނަސް، ފުޅަފެއް ފުޅަތްޕެއް ވަކިނުވާ ވާހަކަ އެވެ.

މި ފަދަ ހާލަތެއްގައި ތިބޭ ދަރިވަރުންގެ  މިސާލަކަށްވާނީ،  ހަމަ އެކަނި ނަވަތަ ހިތުން ދަންނަ ހިސާބު ޢިލްމުވެރިޔެއްގެ މިސާލެވެ. އޭނާ ދުވަހަކު ވެސް ނަންބަރެއް ނުހަދަ އެވެ. އެ ފަދަ މީހަކު އިމްތިހާނެއްގައި ބައިވެރިކުރީމާ ނެރޭނެ ނަތީޖާ ދިވެހި އިމްތިހާނުގައި އިށީންނަ ދަރިވަރުން އެ ނެރެނީ އެވެ. އެހެންވީމާ ދަރިވަރުންގެ ދިވެހި ބަހުގެ ފެންވަރު ދަށްވާ ތިންވަނަ ސަބަބަކީ އުނގަންނާ ދެވޭ ގޮތުގައި ހުރި މައްސަލަތަކެވެ.

ދަރިވަރުން އިމްތިޙާނު ކުރެވޭ ގޮތުގެ ސަބަބުން ވެސް އެ ކުދިންގެ ކިބައިން ލިބޭ ނަތީޖާ ދަށްވެދާނެ އެވެ. ކިޔަވައިދެވުނު އެއްޗަކަށްވުރެ މަތީފެންވަރެއްގައި އިމްތިޙާނު ކަރުދާސް އޮތުމެވެ. މަޢުލޫމާތުގެ ފެންވަރުގައި ކިޔަވައިދެވިފައި، ވަޒަންކުރުމާއި، އީޖާދީ ފެންވަރުގައި ސުވާލުތައް ހުރުމެވެ. ހަމަ އެހެންމެ ކުދީންގެ ތެރޭ ތިބޭ ތޫނު ކުދިން ކޮށްފައި ހުންނަ މޮޅު އިބާރާތާއި، ޝަރަޙައާއި އެ ކުދިން ދީފައި ހުންނަ  އީޖާދީ ޖަވާބުތައް، މާކު ކުރައްވާ މުދައްރިސްގެ ފަހުމަށް ނުފެތުމެވެ. ބަސް ކިޔަވާ ދަރިވަރަކަށްވީތީ، އެއްވެސް ސުވާލަކަށް ފުލުމާކުސް ލިބިގެންނުވާނެކަމުގެ ވިސްނުން، މާކުކުރައްވާ މުދައްރިސްގެ ގަލަމަށް އިންސާފުގެ ނަމުގައި ބިރުދެއްކުމެވެ. ތިމާ ކިޔާފައިހުރި ވާހަކަތަކާއި، ޢިލްމީ މޮޅު ލިޔުންތަކާ ތިމާ މާކު ކުރާ ލިޔުމާ  އަޅައި ބެލޭ ގޮތް ވުމެވެ. އެތައް ދަރިވަރުންނަކާއި، މުދައްރިސުންނެއް، އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާހުރި ބޭފުޅުންނެއް، މި ނުކުތާގައި ދައްކަވައިފައިވާ ވާހަކަ ތަކުން، ހަމަ އެހެންމެ ކުރެވިފައިވާ ތަޖުރިބާތަކުން މި ކަންކަން ފާހަގަ ކުރެވިފައިވެ އެވެ. އެހެންކަމުން ދަރިވަރުން ދިވެހި ބަހުން ނެރޭ ނަތީޖާ ދަށްވާ ހަތަރު ވަނަ ސަބަބަކީ، އިމްތިޙާނު ކުރެވޭ ގޮތާއި، އެ އިމްތިޙާނު މާކުކުރެވޭ ގޮތާ ގުޅިފައިވާ މައްސަލަތަކެވެ.

ޖުމުލަ ގޮތެއްގައި މުޅި މައްސަލައިގެ މައްޗަށް ބަލާއިރު، އެސް. އެސް. ސީ އިމްތިޙާނުގައި ދަރިވަރުންނަށް ރަނގަޅު ނަތީޖާ އެއް ނުލިބެނީ އެ ކަމާ ގުޅިފައިވާ މައްސަލަފުންޏެއްގެ  ސަބަބުންނެވެ. ދަރިވަރުންގެ ޅަފަތުގެ ދައުރު މާދަރީ ބަހާ ބީރަށްޓެހި ކުރުވައި ބޭރު ބަހަކަށް އަހުލުވެރި ކުރުވަން ކުރެވޭ ޖިހާދެވެ.  ގޭތެރޭންނާއި މަދުރަސީވެށިން އެކުދިންނަށް ހަނިކުރެވިފައިވާ މާދަރީ ބަސް ބޭނުންކުރުމުގެ ފުރުޞަތެވެ. އުނގަންނާ ދިނުމުގެ ފަރުވާކުޑަ، ކަންނެތް، ބޯދާ ވައްޓަފާޅި އެވެ.  ހަމަ އެހެންމެ ޒަމާނަށް އައި ބަދަލާއެކު ދަރިވަރުންގެ ވަށައިލައިފައިވާ ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ ތެރެއަށް ދިވެހި ފަންނީ އުފެއްދުންތަކާ ދިވެހި ސަގާފީ، އަދަބީ އަސަރުތައް މަޤުބޫލު ސިފައެއްގައި ހިމެނިފައިނެތުމެވެ. އިމްތިހާނު ކަރުދާސް ތައްޔާރު ކުރުމާއި، މާކުކުރުމުގައި ހުރި މައްސަލަތަކެވެ. މިއީ ހައްތާ ވެސް ދަރިވަރުންގެ ނަތީޖާއަށް ނުފޫޒުފޯރުވާ ސަބަބުތަކެވެ. އެހެންކަމުން އެސް. އެސް. ސީ އިމްތިޙާނުގައި ދަރިވަރުންގެ ނަތީޖާ ދަށްވަނީ، ނައްތައިލަންޖެހިފައިވާ، ޙައްލު ހޯދޭނެ މި ފަދަ މައްސަލަތައް ހުރުމުގެ ސަބަބުންނެވެ!
------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ