އަދުގެ ޚާއްސަ

Print

ޖަލާލުއްދީނުގެ ޅެންވަޒަނުގައި އަރަބި ނުފޫޒު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ދިރާސީ ލިޔުން:


ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުގެ ޅެންވެރިކަމުގެ ވަޒަންތަކަށް، ޢަރަބި ޅެންވަޒަނުގެ ނުފޫޒު ފޯރައިފައި ވޭބާވަ އެވެ؟


އާދަމް ނަޞީރު އިބްރާހީމް (2011)

ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ޢަބްދުﷲ ފަހުމީދީދީ) ގެ ޅެންވެރިކަމުގެ ވަޒަންތަކުގައި ޢަރަބި ޅެންވެރިކަމުގެ ވަޒަންތައް އެބަހުއްޓެވެ. ބައެއް ވަޒަންތައް ހުރީ ޢަރަބި ވަޒަނާ މުޅިން އެއްގޮތަށެވެ. ބައެއް ވަޒަންތައް ހުރީ ކުދި ކުދި ބަދަލުތަކާ އެކީގައެވެ. ބައެއް ފަހަރަށް ވަޒަނުގެ ތައްގަނޑު އިތުރުވާ ގޮތުގައެވެ. އަދި ބައެއް ފަހަރަށް ތައްގަނޑު އުނިވެގެންވާ ގޮތުގައެވެ.

މި ލިޔުމަކީ، ޖަލާލުއްދީނުގެ ޅެންތައް ހިމެނޭ ތިން ފޮތް ކަމުގައިވާ، ''ޢަބްދުﷲ ފަހުމީ ދީދީގެ ޅެންތައް'' އާއި، ''ސީރަތުގެ ރަންހާރު'' އާއި، ''ޤިޔާމަތު ނާމާ'' ގައި ހިމެނޭ ޅެންބައިތުތައް އަޅައިބަލައި އޭގައި އަރަބި ޅެންވެރިކަމުގެ ވަޒަން އެކުލެވިގެންވާ މިންވަރު ދެނެގަތުމަށްފަހު، ޖަލާލުއްދީނުގެ ޅެންވެރިކަމުގެ ވަޒަންތަކަށް އަރަބި ޅެންވަޒަނުގެ ނުފޫޒު ފޯރާފައިވޭތޯ ބެލުމަށްޓަކައި، ކުރެވުނު ޢިލްމީ ދިރާސާއެކެވެ.  
    
ޖަލާލުއްދީނުގެ ޅެންވެރިކަމުގެ ވަޒަނުގެ ތެރޭގައި އަރަބި ޅެންވެރިކަމުގެ  ނުފޫޒު ހުރިތޯ ބެލުމަށްޓަކައި، އެންމެ ފުރަތަމަ ދިވެހި ޅެންވެރިކަމުގައި ވަޒަންތައް ހުންނަ ގޮތް ކުރު ގޮތަކަށް ހަށަހަޅައިލާނަމެވެ.   ދިވެހި ޅެންވެރިކަމުގެ ފެންނަން އޮތް އެންމެ ދޮށީ ތިން ބާވަތުގެ ވަޒަނުގެ މައްޗަށް ޚުލާޞާ ގޮތެއްގައި ބަލައިލައިގެންނެވެ. މުޙަންމަދު ޖަމީލު (1986) ތަރުތީބު ކުރައްވާ ގޮތުގައި ދިވެހި ޅެމުގެ އެންމެ އިސް ބާވަތަކީ ބަންޖެވެ. ދެން ކަލެވެ. އެއަށް ފަހު ރައިވަރެވެ. (ޞ. 39) ޖަމީލު އިތުރަށް ހާމަ ކުރައްވާ ގޮތުގައި ބަނދި ހެދިފައި ހުންނަނީ ބާރަފިއްޔަށެވެ. ހަމަ އެހެންމެ ކަލާއި ރައިވަރުގައި ވެސް، ވަޒަން ހަމަ ކުރުމަށްޓަކައި ވަކި މިންގަނޑަކަށް ފިލި  ހިފެހެއްޓިފައި ހުރެ އެވެ. އަދި މީން ކޮންމެ ބާވަތެއްމެ، ދިވެހިން ޅެމޭ މި ކިޔާ ބާވަތަށް ވުރެ ދޮށްޓެވެ.   

ތާވަލު: 1.       ބަންޖާއި ކަލާއި، ރައިވަރުގެ ވަޒަން ދައްކައިދޭ ބައެއް މިސާލު



ތާވަލު: 1 ގައި ވާ ބަނދީގައި ޖަމީލު (1986) ވިދާޅުވާ އަދަދަށް ވުރެ ފިލި އިތުރުކަން ފާހަގަ ކުރެވެ އެވެ. ނަމަވެސް ބަސްތަކުގެ ފިލީގައި އެއްގޮތް ކުރުންތަކެއް ހުރިކަން ފާހަގަ ކުރެވެއެވެ. ތާވަލު 1 ގައި ވާ ބަނދީގެ ފުރަތަމަ ބަހުގައި 22 ފިލި އެބައޮތެވެ. ދެވަނަ ތިން ބަސް 12 ފިލިން، ވަޒަން ހަމަ ކޮށްފައި ވާއިރު، ފަހު ބަހުގައި 23 ފިލި އެބަ އޮތެވެ.

ކަލަކީ ހަބަސް ރައިވަރެއްގެ ގަތްބަހާއި ފަހުބަސް އުނި ކޮށްލީމާ ދެން އޮންނަ ހަތަރު ބަސް އެކުލެވިގެންވާ، މިންގަނޑަށް މާނަ ހަމަޖެހޭ ގޮތަށް، އަމުނާ ލެވޭ ދިވެހި ޅެމުގެ އުފެއްދުމެއްކަމަށް ޢަބްދުﷲ ޞާދިޤު (ލިޔުންތެރިޔާ ގާތު ވިދާޅުވި ވާހަކައެއް، ދނ. 2009) ވިދާޅުވެއެވެ. ތާވަލު 1 ގައިވާ ކަލުގައި ވެސް 9 ފިލީގެ 1 ބަސް އޮތުމާއި،  ބާރަ ފިލީގެ 3 ބަސް އޮތުމާއި، އަދި ތިންބަސް ރައިވަރުގެ ފުރަތަމަ ދެ ބަސް 13 ފިލިން ވަޒަނެއް އުފައްދައިފައި އޮތުމާއި، ފަހުބަހުގައި 12 ފިލި އޮތުމުން އެނގެނީ ދިވެހި ޅެންވެރިކަމުގެ ބޯދާ ބާވަތްތަކުގައި ވަޒަންތަކެއް ހުރިކަމެވެ. ހަމަ އެހެންމެ އެ ވަޒަންތައް އެއް ބާވަތް އަނެއްބާވަތާ ނިސްބަތުން ތަފާތު ވުމާއެކު، އެއް ބާވަތެއްގެ ދެ އުފެއްދުމެއްގައި ވެސް ތަފާތު ވަޒަންތައް ހުންނަ ކަމެވެ. އެހެންކަމުން ދިވެހިން ޅެމޭ މިޔާ ބާވަތުގެ ލިޔުން އުފައްދަން ފެށުމުގެ ކުރިން ދިވެހި ޅެންވެރިކަމުގެ ތެރޭގައި ހުރި ބާވަތްތަކުގައި ވެސް ވަކި ކަހަލަ ވަޒަންތަކެއް ހުރިކަން އެބަ އެނގެ އެވެ. މި ތާނގައި ފާހަގަ ކޮށްލުން މުހިންމު އެހެން ނުކުތާއެއް އެބަ އޮތެވެ. ޙުސައިން ޞަލާޙުއްދީނާއި، ހަވާލާ ދެއްވައި ޖަމީލު (1986) ބާޔާން ކުރައްވާ ގޮތުގައި ރައިވަރުގެ ހަމަތައް ތަފާތު ވެފައިވަނިކޮށް އެދުރު އުމަރު މާފަތް ކަލޭގެފާނު ރައިވަރުގެ ހަމަ ހިފެހެއްޓެވި އެވެ. މި ކަމުން އެނގެނީ ދިވެހި ޅެންވެރިކަމުގެ ވަޒަނާއި އޭގެ މިންގަނޑުތަކަކީ ޒަމާނާއެކު، އެކި ދުވަސްވަރު އެއަށް ބަދަލު އައިސްފައިވާ، އެއްޗެއްކަމެވެ. ހަމަ އެހެންމެ ޖަމީލު (1986) ކަށަވަރު ކޮށްދެއްވާ ގޮތުގައި ދިވެހިން ޅެމޭ މި ކިޔާ ބާވަތުގެ އުފެއްދުމަކީ، ދިވެހި ޅެންވެރިކަމުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ބަނދި، ކާ، ރައިވަރު، ފަރިހި، އަދި ލަވައިގެ ހަމަތަކުން ނެއްޓި ވަކި ވަޒަންތަކަކަށް އަމުނާލެވިފައިވާ ޅެންބަސްތަކެވެ. (ޞ.62)  ޖަމީލު (1986) ގެ މި ބަޔާން ކުރެއްވުމަށް ބަލާއިރު،  ބަންޖާއި ކަލާއި ރައިވަރަކީ، ވަޒަނުގެ ގޮތުން، ޅެމާ ތަފާތު ބާވަތްތަކެއްކަން  ހާމަވާތީ،  ޅެމަކީ (ދިވެހިން ވަކި ޚާއްޞަ މާނައެއްގައި ޅެމޭ ކިޔައި އުޅޭ ޅެންވެރިކަމުގެ ބާވަތަކީ) އޭގެ ކުރީގައި ދިވެހި ވަޒަން ބަހުރުވައިގައި ނެތް، ވަޒަނުގެ އާ އުސްލޫބެއް ތަޢާރުފު ކުރި އަދަބީ އުފެއްދުމެއްކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ.  އެހެންކަމުން ދިވެހި ޅެމުގެ އުފެދުމާއި، ފުރަތަމަ އުފެދުނު ޅެމުގެ ވަޒަން އޮތް ގޮތެއްގެ މައްޗަށް ބަލައިލާނަމެވެ.

ދިވެހި ޅެމުގެ އުފެދުން:


މުޙަންމަދު ޖަމީލު (1986) ބަޔާން ކުރައްވާ ގޮތުގައި ހިޖުރައިން ސާދަ ވަނަ ޤަރުނުގެ ކުރީ ބައިގައި މައުލަވީ ހުތް އަލީ ދީދީ ޢަރަބި ވަޒަނަކަށް ދިވެހިބަހުން ޅެމެއް ހެއްދެވި އެވެ. އަދި  ޖަމީލު (1986) ދެކެވަޑައިގަންނަވާ ގޮތުގައި ދިވެހިން ޅެމޭ މި ކިޔާ ބާވަތުގެ އަދަބީ އުފެއްދުމުގެ އުފަންވުން، ގުޅިފައިވަނީ ހުތް އަލިދީދީ ޢަރަބި ޅެން ވަޒަކަށް ދިވެހި ބަހުން ހެއްދެވި ފުރަތަމަ ޅެމާ އެވެ.

ހުތް އަލީދީދީ ހެއްދެވި ޅެމުގެ ފުރަތަމަ ބައިތުގެ ޞަދުރުގައި ވަނީ ''ރައްބީ މިހެން ކުރަވަތެ ވަޙީ ޤުރުއާނުގައި މާ ގަދަ ޙުކުމް'' (ޞ. 63) މި ފަދައިންނެވެ.  މިއީ ޢަރަބި ޅެން ވަޒަނުގެ  الرجز  ގެ ތައްގަނޑަކަށް ފެތޭ ޅެމެކެވެ. އެހެނީ ކާމިލުއްސައްޔިދު ޝާހީން (2004) ބަޔާން ކުރައްވާ ގޮތުގައި الرجز ވަޒަނުގައި ''مستفعلن  مستفعلن'' މި ލަފުޒު 6 ފަހަރަށް ތަކުރާރުވާނެ އެވެ.  އޭނާ އިތުރަށް ތަފުޞީލު ކޮށްދެއްވާ ގޮތުގައި މި ގޮތަށް 6 ފަހަރު ތަކުރާރު ވާ ނަމަ، އެއީ الرجز ވަޒަނުގެ ތެރޭގައި ހިމެނޭ الكا مل مجزوء ގެ ތައްގަނޑެވެ. ޖަމީލު (1986) ހާމަ ކުރައްވާ ގޮތުގައި ''مستفعلن  مستفعلن'' ގެ ވަޒަނުގެ ދިވެހި ތައްގަނޑަކީ '' ބަސްތައް ކިރަން، ބަސްތައް ކިރަން'' މި ބަސްކޯޅި އެވެ. ހަމަ އެއާއެކު މި ވަޒަނީ އަރަބި ވަޒަނެއްކަން ޖަމީލު (1986) ކަށަވަރު ކޮށްދެއްވަ އެވެ. އެހެންކަމުން ހިޖުރައިން 14 ވަނަ ޤަރުނުގައި އުފަންވި ދިވެހި ޅެމުގެ އާ ބާވަތުގެ ވަޒަނަކީ އަރަބި ޅެންވެރިކަމުގެ ވަޒަނެއްކަން ހާމަ ވެ އެވެ. ހަމަ އެހެންމެ  ތާވަލް: 1 ގައި ބަޔާން ކޮށްފައިވާ ދިވެހި ޅެންވެރިކަމުގެ އެންމެ ބޯދާ ތިން ބާވަތުގެ ވަޒަނާއި، އަލަށް ފެށުނު ޅެންވެރިކަމުގެ ބާވަތުގައި ހިމެނޭ އަރަބި ވަޒަނާ ދެމެދުގައި (ވަޒަނުގެ މިންގަނޑުގެ) ގާތްކުރާ ގުޅުމެއް ނެތްކަން ވެސް ފިސާރި ރަނގަޅަށް ހާމަވެއެވެ.

ދިވެހި ޅެންވަޒަނުގެ ތައްގަނޑުގެ ހަމަތަކުން ބަލާއިރު مستفعلن ގެ ތައްގަނޑަށް ޖަމީލު (1986) ހުށަހަޅުއްވާ ތައްގަނޑަކީ، ''ބަސްތައްކިރަން'' މި ބަސްކޯޅި އެވެ. ތާވަލު: 1 ގައިވާ ދިވެހި ޅެންވެރި ކަމުގެ ބޯދާ 3 ބާވަތް ވެސް ވަޒަން ހަމަ ކޮށްފައިވަނީ، ''ބަސްތައް ކިރަން'' މި ފަދަ އުސްލޫބެއް ބޭނުން ކުރުމުގެ ބަދަލުގައި އެކި ފޮޅުވަތަށް އެކި އަދަދު ލިބޭ ފިލީގެ މިންގަނޑަކުންނެވެ. (ޞ. 43) އެހެންކަމުން ދިވެހިންގެ ޅެންވެރިކަމުގެ ބޯދާ 3 ބާވަތުގައި ދިވެހިން ޅެމޭ މި ކިޔާ ބާވަތުގައި ހުރި ވަޒަންތައް ނެތްކަން ހާމަ ވީ އެވެ. ވީމާ، ޖަލާލުއްދީނު ދިވެހި ބަހުން ހެއްދެވި ޅެންތަކުގެ ވަޒަންތަކުގައި އަރަބި ވަޒަންތަކުގެ ނުފޫޒު ހުރިތޯ ބަލައިލުމަށްޓަކައި އަރަބީން ޅެންހަދައި އުޅޭ ވަޒަންތަކަށް ބަލައިލާނަމެވެ.  




ތާވަލް : 2 އިން އެނގޭ ގޮތުގައި ޅެންހެދުމުގައި އަރަބީން މައިގަނޑު 16 ވަޒަނެއް އެބަ ބޭނުން ކުރެ އެވެ. ތާވަލު 2 ގައި ފެހިކުލައިން ފާހަގަ ކޮށްފައި އެ ވަނީ ޖަލާލުއްދީނު ދިވެހި ބަހުން ހައްދަވައިފައިވާ ޅެންތަކުން ފެންނަ އަރަބި ވަޒަންތަކެވެ.

ތާވަލު: 3 . ޖަލާލުއްދީނުގެ ޅެންތަކުން ފެންނަ އަރަބި ވަޒަންތައް




ޅެން ހެދުމުގައި ވަޒަނަށް ބަދަލު ގެނައުމަކީ ޅެންވެރިން ކޮށް އުޅޭ ކަމެކެވެ. ޖަމީލު (1986) ވިދާޅުވާ ގޮތުގައި ޅެމުގެ ތާރީޚު ދިރާސާ ކޮށް ބަލާއިރު، ޅެންތަކުގެ ވަޒަނަށް ބަދަލު އައިސްފައި ވާ ތަން ފެނެއެވެ. ހަމަ އެހެންމެ ވަޒަނުގެ އަސްލު އަކުރުތައް އުނި އިތުރުވެފައި ހުރެ އެވެ. ކާމިލު (2004) ބަޔާން ކުރައްވާ ގޮތުގައި އަރަބި ބަހުގައި ވެސް މި ކަން މި ގޮތަށް ހިނގައެވެ. އެހެންކަމުން ޖަލާލުއްދީނުގެ ޅެންތަކުގައި އަރަބި އަސްލު ވަޒަނަށް ބަދަލު ގެންނަވައިގެން ބައެއް ވަޒަންތަކަށް ދިވެހި ޅެން ހައްދަވައިފައިވަނީ ކަމަށް ލަފާކުރެވެ އެވެ. ހަމަ އެހެންމެ ދިރާސާ ކުރެވުނު ޖަލާލުއްދީނުގެ ޅެންބައިތުތަކަށް ބަލާއިރު، އެކި ވަޒަންތަކަށް އެކި އަދަދަށް ބޭނުން ކުރައްވައިފައިވާކަން އެނގެ އެވެ.



ޖަލާލުއްދީނާއި، ޢަރަބި އަދަބިއްޔާތާ ހުރި ގުޅުން:


ޖަލާލުއްދީނުގެ ތަޢުލީމީ ފަސްމަންޒަރާ ޢަރަބި ތަޢުލީމާ ވަރަށް ބޮޑަށް ގުޅިފައިވެއެވެ. ދިވެހި ބަހުން އެންމެ ފުރަތަމަ ޢަރަބި ވަޒަނަކަށް ޅެމެއް ހެއްދީ ޖަލާލުއްދީނުގެ ބައްޕަ ހުތް އަލިދީދީ ކަމަށްވުމުން، ހުތް އަލިދީދީގެ ފަރާތްޕުޅުން ޖަލާލުއްދީނުގެ ތުއްޕުޅު އިރުގެ ތަޢުލީމު ޢަރަބި ބަހުގެ އަސާސުގެ މަތީގައި ބިނާވުމުގެ ފުރުޞަތު އޮތްކަމަށް ފެނެ އެވެ. މުޙަންމަދު އަމީން (2010) ވިދާޅުވާ ގޮތުގައި ޖަލާލުއްދީނުގައި ހުރިއްޔާ ހުރި މޮޅުކަމެއްގެ އަސްލަކީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ. ހަމަ އެހެންމެ ޖަލާލުއްދީނު (2010) ކަށަވަރު ކޮށްދެއްވާ ގޮތުގައި އެމަނިކުފާނުގެ ލޮބުވެތި
އުސްތާޛަށް އެމަނިކުފާނު ވަނީ ނިހާޔަތުގެ ދަރަޖައަށް ދަރަނިވެރިވެފައެވެ. ޢައްބާސް އިބްރާހީމް (2002) ބަޔާން ކުރައްވާ ގޮތުގައި ޖަލާލުއްދީނު މަތީތަޢުލީމު ޙާޞިލުކުރެއްވީ މިޞްރުންނެވެ. މިޞްރުގެ ޖާމިޢުލް އަޒުހަރުގައި ކިޔަވާ ވިދާޅުވާން އުޅުއްވި އިރުވެސް ޅެން ހައްދަވަ އެވެ. އެހެންކަމުން ޖަލާލުއްދީނުގެ ޅަފަތުގެ ތަޢުލީމު ޢަރަބި އަދަބިއްޔާތުގެ ބައްޕައެއްގެ ކިބައިން ފެށުމާއި، ސާނަވީ މަރުޙަލާ ޢަރަބި ތަޢުލީމުގެ ޅެންވެރި އަދީބެއްގެ އަރިހުގައި ހޭދަކުރެއްވުމާއި، މަތީ ތަޢުލީމު ޢަރަބި އިސްލާމީ އަދަބިއްޔާތުގެ ޔުނިވަރސިޓީއަކާ ގުޅިފައިވުމުން، ޖަލާލުއްދީނުގެ ޅެންވެރިކަމުގެ ވަޒަންތަކުން އަރަބި ޅެންވެރިކަމުގެ ވަޒަންތަކުގެ ނުފޫޒު ދިވެހި ޅެންވެރިކަމަށް ފޯރާފައިވާކަށް ބެލެވޭނެ ފުރުޞަތު ވަރަށް ބޮޑެވެ.




ނިންމުން


މި ދިރާސާއިން އެނގުނު ގޮތުގައި ޖަލާލުއްދީނުގެ ޅެންތަކުގައި އަރަބި ވަޒަންތައް އެބަހުއްޓެވެ. އެއްވެސް ބަދަލެއް ނެތި ހުރިގޮތަށް ހުރި ވަޒަނާއި، އުނި އިތުރު ފެންނަން ހުރި ވަޒަންތައް އެބަ ހުއްޓެވެ. ޖަލާލުއްދީނުގެ ބައްޕަ އަކީ އަރަބި އިސްލާމީ ތަޢުލީމެއްގެ ބޭފުޅަކަށް ވެފައި، ދިވެހި ޅެންވެރިކަމުގެ ތެރެއަށް އެންމެ ފުރަތަމަ ޢަރަބި ވަޒަން ތަޢާރުފު ކުރެއްވީ ޖަލާލުއްދީނުގެ ބައްޕަ ކަމަށްވީތީ، ބައްޕަގެ މި އަސަރު ޖަލާލުއްދީނަށް ފޯރައިފައިވުމަކީ ވުން ގާތްކަމެއް ކަމަށް ބެލެވެއެވެ. ސާނަވީ މަރުޙަލާ ފެށްޓެވީ ޢަރަބި އިސްލާމީ ތަޢުލީމުގެ އުސްތާޛެއްގެ އަރިހުން ކަމަށްވެފައި، މަތީތަޢުލީމު ފުރިހަމަ ކުރެއްވީ ޢަރަބި އިސްލާމީ ޔުނިވަރސިޓީއަކުން ކަން ސާބިތުވުމާއެކު، ދިރާސާ ކުރެވުނު ޅެންތަކުގެ ތެރޭން، ޖަލާލުއްދީނުގެ ޅެންތަކުގެ %43 އަކީ ޢަރަބި ވަޒަނަށް ހެދިފައިވާ ޅެންތައް ކަމަށްވީތީ، ޖަލާލުއްދީނުގެ ޅެންތަކަށް އަރަބި ޅެމުގެ ވަޒަނުގެ ނުފޫޒު ފޯރާފައިވާކަން މި ދިރާސާ އިން ސާބިތުވެ އެވެ.
---------------
(ނިމުނީ)

ދިރާސާގެ އެހީތެރިން:

          ފާޠިމަތު އިފާޒާ
          ފަތުޙުﷲ ޖަމީލު
          މަރިޔަމް ނުހާ
          އަޙްމަދު އާޠިފް


ހަވާލާ:



ކާމިލުއްސައްޔިދު ޝާހީން. (2004). އައްލުބާބު ފިލްޢަރޫޟި ވަލްޤާފިޔަތި. ނަފުޤަތިލް ޤިޠާއި އަލްމަޢާހިދި އަލް އަޒުހަރިއްޔާ، މިޞްރު.

މުޙަންމަދު އަމީން. (2010). ހަނދާނުގެ މާފައްޗެއް، ފަންވަތް. އިންފޯ، ނެގީ، http://www.fanvai.info/biography/dhivehi/1819-2010-
މުޙަންމަދު ޖަމީލު. (1986). ޅެމާއި ޅެންވެރިކަން. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. (2002). ޢަބްދުﷲ ފަހުމީ ދީދީގެ ޅެންތައް. ދިވެހިބަހާއި، ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.  

    މާލެ.

ޢަބްދުﷲ ފަހުމީ ދީދީ. (1987). ގިޔާމަތު ނާމާ. ނޮވެލްޓީ ޕްރެސް، މާލެ.


ޢަބްދުﷲ ފަހުމި ދީދީ. (1371). ސީރަތުގެ ރަންހާރު. ނޮވެލްޓީ ޕްރެސް، މާލެ.


ޢަބްދުﷲ ފަހުމީ ދީދީ. (2010) މާތް އުސްތާޛުގެ ދަރިވަރު، ފަންވަތް ޑޮޓް އިންފޯ، ނެގީ، 12 ސެޕްޓެމްބަރު 2011، http://www.fanvai.info

    biography/dhivehi/1801-2010-11-08-12-52-58.htmlން






ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ