އަދުގެ ޚާއްސަ

Print

ވިސްނައިލަމާތޯ!

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


އިބްރާހީމް ރަޝީދު މޫސާ (2011)

އިނގިރޭސިވިލާތުގެ މަޝްހޫރުރަސްކަލަކު (1) އޭނާގެ އަސްވާރުންގެ ތެރެއިންމީހަކާ އެކު ރާޒުވާކުޅުއްވި ދުވަހެކެވެ. މި އަސްވާރު ދެންނެވި އެވެ. އަޅުގަނޑަށް މަސާހިބާ ބަލިކުރެއްވިއްޖެ ނަމަ ރާޒުވާގޮނޑީގެ ކޮންމެ ގޮޅިއަކަށް އަޅުގަނޑު މި ދަންނަވާގޮތަށް ގޮދަންފުއް ދެއްވިދާނެތޯ އެވެ. ފުރަތަމަ ގޮޅިއަށް އެއް ފުކެވެ. ދެވަނަގޮޅިއަށް އޭގެ ޑަބަލެވެ. ތިންވަނަގޮޅިއަށް ދެވަނަގޮޅީގެ ޑަބަލެވެ. މިގޮތަށް ގޮސް ރާޒުވާގޮނޑީގެ 64 ގޮޅި އަށް ގޮދަންފުއް ދެއްވާގޮތަށް ކުޅެފާނަމެވެ.

ރަސްގެފާނު މި އެދުމުގެ އަގުވައްޓާލެއްވުމުގެގޮތުން މަލާމާތުގެ ހިނިގަނޑެއް ޖައްސަވާލެއްވި އެވެ. ނަމަވެސް  ބަލިވެވަޑައިގަތުމުން އަތްޕުޅުގައި ދަތްޕުޅުއެޅުއްވި އެވެ. އެއީ  އެ ރަސްގެފާނަށް މިކަން ނުކުރެއްވޭނެކަން އެނގިވަޑައިގަތުމުންނެވެ. އެ މީހުންގެ މައްޗަށް އިރު ނޯއްސޭނެކަމަށް ބޮޑާކަމާއެކު ބުނަމުންދިޔަ ސިންގާސަނާގެ ވެރިއާ އަށް މިކަން ނުކުރެއްވުނީ ކީއްވެގެންތޯ އެވެ. އެ ރަސްގެފާނުގެ ކޮށާރުތަކުގައި އެ ދުވަސްވަރު އެހާ ބައިވަރު ގޮދަން ނެތީމަ އެވެ.  އެކަންކުރެވޭނީ އެތައްމިލިޔަންޓަނެއްގެ ގޮދަނުންކަމަށް ވީތީ އެވެ. އެ ވަޢުދު ފުއްދެވޭނީ އެތައްހާސް ޓްރިލިޔަން ގޮދަންފުއްތަކުންނެވެ. (2)   ހިސާބުކޮށްލުމުން ރަސްގެފާނަށް ދެއްވަން ޖެހިވަޑައިގަންނަވަނީ ކިތައް ފުއް ތޯއެވެ. އެއީ ވަރަށް ބޮޑު ޢަދަދެކެވެ. ވިޔައަކުރުން ދަންނަވާ ނަމަ އެއީ : 18,446,744,073,709,551,615ގޮދަންފުކެވެ. ދިވެހި ބަހުން ކިޔާގޮތަށް ނަމަ އެއީ އެއް މަހާސިންކު، ސައުރަޔާހި ސިންކު، ސަޔާޅީސް ޕަދަމު، ސައުރަހަތްތަރި ނީލު، ސާޅީސް ކަރަބު، ތޭހަތްތަރި އަރަބު، ހަތްތަރި ކުރޯޑު، ފަންސަޔާނަވައި ލައްކަ، އެކާވަންނަ  ހާސް، ހަސަތޭކަ ފަނަރަފުކެވެ. މި ޒަމާނުގެ ގޮތަށް ނަމަ މި ޢަދަދު ކިޔާނީ :އަށާރަ ކުވަންޓިލިޔަން، ހަތަރުސަތޭކަ ސަޔާޅީސް ކްއާޑްރިލިޔަން، ހަތްސަތޭކަ ސައުރަޔާޅީސް  ޓްރިލިޔަން، ތޭހަތްތަރި ބިލިޔަން،  ހަތްސަތޭކަ ނުވަ މިލިޔަން، ފަސްސަތޭކައެކާވަންނަ ހާސް ހަސަތޭކަފަނަރަ އެވެ.
   
އެ އަށްވުރެ ކުޑަ ލުއި މިސާލެއް  ދަންނަވާލާނަމެވެ. މީހަކު އަތުގައި އޮތް ވަރަށް ރީތި ވަރަށް މޮޅު ކާރެއް އިންސްޓޯލްމެންޓަށް ވިއްކާލަން ހުށަހަޅައިފިއެވެ. 30 ދުވަހުގެ ތެރޭގައި އަގު އަދާކުރާ ގޮތަށެވެ. މި ކާރުގެ އަގު އަދާކުރުމަށްޓަކައި   ފުރަތަމަ ދުވަހު ދައްކަން ޖެހެނީ  1 ޑޮލަރެވެ. ދެވަނަދުވަހު އޭގެ ޑަބަލެވެ. (ނުވަތަ 2 ޑޮލަރެވެ.)  ތިންވަނަދުވަހު އޭގެ ޑަބަލެވެ. (ނުވަތަ 4 ޑޮލަރެވެ.) ހަތަރުވަނަ ދުވަހު އޭގެ ޑަބަލެވެ. (ނުވަތަ 8 ޑޮލަރެވެ.) މި ގޮތަށް މިގޮތަށް ގޮސް 30 ދުވަހާ ހަމައަށެވެ.

މި ގޮތަށް އެ ކާރު ބައްލަވައިގަންނަވާނުތޯއެވެ؟ ބައެއް ބޭފުޅުން ވަރަށް އަވަހަށް އެއްބަސްވެވަޑައިގަންނަވާނެ ކަމަށް ލަފާކުރެވެއެވެ. މި ހުށަހެޅުން  ލުއި ފަސޭހަ ހުށަހެޅުމެއް ކަމަށް ބޭރުފުށުން ފެންނާތީއެވެ.

    އެންމެ ގެލެރީ ގޮތަށް ހިސާބު ކޮށްލަމާތޯ އެވެ. އެ ގޮތަކީ

ދުވަސް

އިންސްޓޯލްމެންޓްގެ ގޮތުގައި

ދައްކަން ޖެހޭވަރު

1

1

2

2

3

4

4

8

5

16

6

32

7

64

8

128

9

256

10

512

11

1024

12

2048

13

4096

14

8192

15

16384

16

32768

17

65536

18

131072

19

262144

20

524288

21

1048576

22

2097152

23

4194304

24

8388608

25

16777216

26

33554432

27

76108864

28

134217728

29

268435456

30

536870912

ޖުމްލަ

އެއްކޮށްލައްވާ!ބިލިޔަނަކަށް ވުރެ އިތުރުވެއްޖެ ދޮގެއްތޯ؟

1082744823 މި ޢަދަދު ކިޔާނީ އެއްބިލިޔަން ،ބަޔާހި މިލިޔަން، ހަތްސަތޭކަ ސައުރަޔާޅީސްހާސް އަށްސަތޭކަ ތޭވީސް


މި ވަރު ދެއްވާފައި ބައްވައިގެންނެވިދާނެތޯ؟

ހަމަ އެ ފަދައިން ތިބާ 

 {سبحان الله، والحمد لله، ولا إله إلا الله

ولا حول ولا قوة إلا بالله، والله أكبر}


ކިޔާފައި، ދެމީހަކަށް މި ކަލިމަފުޅުތައް އެސް. އެމް. އެސް  ކޮށްފި  ނަމަ،  ތަސްބީޙަ، ތަޙްމީދު، ތަހްލީލު އަދި ތަކްބީރު ކިޔުމުގެ އިތުރަށް އެ ކަންކުރުމަށް ދެމީހަކަށް ހަނދާން ވެސް ކޮށްދެވުނީއެވެ. ތިބާ ކަންތައްކުރިގޮތަށް އެދެމީހުން ކަންތައްކޮށްފިނަމަ، ހަތަރުމީހަކަށް އެކަންކުރުމަށް ހަނދާންކޮށްދެވުނީ އެވެ. ތިބާގެ އެސްއެމްއެސް ލިބުނު ކޮންމެމީހަކު މި ގޮތަށް ޢަމަލުކޮށްފިނަމަ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ތިބާއަށް ކިތައް ހެޔޮސަވާބު ލިބޭނެހެއްޔެވެ؟ މާތްﷲ ހެޔޮކަންތަކުގެ  ސަވާބު ދިހަޔަކުން ދިހަޔަކުން  ގުނައިތުރު ކޮށްދެއްވަ އެވެ. މިއީ ﷲގެ ރަޙްމަތްފުޅުން ތިބާ ސުވަރުގެވެއްދެވުމުގެ ސަބަބަކަށް ވެދާނެ ނޫންތޯއެވެ؟ 
   
ހަމަ އެމޭރުމުން  ޙަރާމް ފޮޓޯއެއް ނުވަތަ ވީޑިއޯ ކްލިޕެއް ނުވަތަ ނެތިމޮށުމެއް، ނުވަތަމީހަކަށް ފުރައްސާރަކުރާ ޖޯކެއް،  ނުވަތަ ﷲ ރުހިވޮޑިނުގަންނަވާނެ ބަހެއް މީހަކަށް އެސް.އެމް.އެސް ކޮށްގެން އެ  ފެތުރިއްޖެ ނަމަ ތިބާގެ ފަތުގައި ހަމަ އެމިންވަރަށް ފާފަވެސް ޖަމާވެވެމުންދާނެ އެވެ. މިއީ ތިބާ ނަރަކައަށް  ވަންނަންޖެހިދާނެ ސަބަބަކަށް ވެސް ވެދާނެއެވެ.

ވީމާ ނޭނގިތިބެ މިކުރެވޭ ކަންތަކާ މެދު ވިސްނާލަމާތޯއެވެ.
--------------
 (ނިމުނީ)

ހަވާލާ ނޯޓު:

 1- މި ވާހަކަ  އިސްލާމީ ދައުލަތުގެ އަމީރަކަށް ވެސް ނިސްބަތްކޮށްފައި އެބަ ހުށްޓެވެ.
 2 -އޭޕީ އާއި ޖީޕީ ( ޕްރޮގްރެސަން ނުވަތަ ސީކްއެންސް ) ކިޔަވާފައިވާ ކުދިންނަށް  މި މަސްއަލަ ޙައްކުރަން އެނގޭނެއެވެ.


ހަމަމިގަލަމުން

އިދާރާ

ވާހަކަ