އަދުގެ ޚާއްސަ

Print

ކޮމްޕިޔުޓަރު ތާރީޚުގެ ޚުލާޞާއެއް

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އައިޓީ


ޝަމްސުލް ފަލާޙް


ތަޢާރަފު

އެންމެ ފުރަތަމަ ކޮމްޕިޔުޓަރެއް އީޖާދުކުރެވިފައިވަނީ ސީދާ ކޮންކިއަރުކަން ދެންނެވުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެނީ، ކޮމްޕިޔުޓަރުގެ ވައްތަރުތައް ގިނަވެފައިވުމެވެ. އެހެންކަމުން، އެކި ވައްތަރުގެ ކޮމްޕިޔުޓަރު އީޖާދުކޮށްފައިވަނީ އެކި ތާރީޚުތަކުގައެވެ.

މިލިޔުން ލިޔެވިފައިވާނީ، އެންމެކުރީގެ ކޮމްޕިޔުޓަރުން ފެށިގެން މިއަދު މިބޭނުންކުރާ ވައްތަރުތަކުގެ ކޮމްޕިޔުޓަރު އީޖާދުކޮށްފައިވާ ދުވަސްވަރުތަކާއި މުހިންމު އެހެނިހެން ތާރީޚުތައް ހިމަނައިގެންނެވެ.


(ފޮޓޯ: ދަ އެނެލިޓިކަލް އެންޖީން)
 

ފުރަތަމަ ކޮމްޕިޔުޓަރު

ކޮމްޕިޔުޓަރުތަކުގެ މަފްހޫމް ފެށިގެން އަންނަނީ، ޗާރލްސް ބެބޭޖް 1837 ގައި އީޖާދުކުރި "ދަ އެނަލިޓިކަލް އެންޖީން" އާހިސާބުންފެށިގެންނެވެ. މިއީ ކޮމްޕިޔުޓަރެއް މަސައްކަތްކުރާގޮތުގެ އަސާސީ ފަރުމާއެކެވެ. ފައިސާގެ ދަތިކަމާއި އެނޫންވެސް ކަންތައްތަކާގުޅިގެން މި މެޝިން އެންމެ ފުރިހަމަ ގޮތުގައި ފެންވަރުމަތިކުރުމުގެ ފުރްޞަތު ޗާރލްސް ބެބޭޖްއަކަށް ނުލިބުނެވެ.


ފުރަތަމަ ޕްރޮގްރަމަބަލް ކޮމްޕިޔުޓަރު

ދެން މިމަސައްކަތަށް ކުރިމަތިލީ ޖަރުމަނުގެ ކޮންރެޑް ޒުއުސް 1941 ގައެވެ. މިމަސައްކަތުގައި އެލިކެޓްރޯމެކޭނިކަލް މެޝިނެއްކަމަށްވާ "Z machines" އުފެއްދީ މީނާއެވެ. މަސައްކަތްކުރާގޮތަށް، ބައިނަރީ އެރިތަމެޓިކާއި އެނޫންވެސް ހިސާބުތައް ހެދޭގޮތަށް އުފެއްދި Z1 އާއި Z2 އާއި Z3 އުފެއްދީ ޒިއުސްއެވެ. 
Z1  ކޮމްޕިޔުޓަރު


 

ފުރަތަމަ ޑިޖިޓަލް ކޮމްޕިޔުޓަރު

އެޓަނަސޮފް-ބެރީ ކޮމްޕިޔުޓަރު (Atanasoff-Berry Computer) ނުވަތަ އޭ.ބީ.ސީ އުފެއްދުމުގައި މަސައްކަތްކުރީ، ޕްރޮފެސަރ ޖޯން ވިންސެންޓް އެޓަނަސޮފް އާއި އެމެރިކާގެ އައޯވާ ސްޓޭޓް ކޮލެކް (މިހާރުގެ އައޯވާ ސްޓޭޓް ޔުނިވަރސިޓީ) ގެ ދަރިވަރެއްކަމަށްވާ ކްލިފް ބެރީ އެވެ. މިމަސައްކަތް ފެށީ 1937 ގައެވެ. މަސައްކަތްނިންމާލެވުނީ 1942 ގައެވެ. އެއަށްފަހު، 1973 ގެ އޮކްޓޯބަރ 19 ގައި، ENIAC ގެ ޙައްޤުވެރިންނަކީ އެކަރޓް އާއި މޯޗްލީ ނޫންކަމަށާއި އޭގެ ޙައްޤުވެރިޔަކީ އިލެކްޓްރޯނިކް ޑިޖިޓަލް ކޮމްޕިޔުޓަރު އުފެއްދި އެޓަނަސޮފް ކަމުގައި އެމެރިކާގެ ފެޑެރަލް ޖަޖް އާރލް އާރު ނިންމެވިއެވެ.

އޭ.ބީ.ސީ ކޮމްޕިޔުޓަރު


އެނިއަކް އަސްލުއުފައްދާފައިވަނީ، ޖޭ.ޕްރެސްޕަރ އެކަރޓް އާއި ޖޯން މޯޗްލީއެވެ. މިދެމީހުން، 1943 ގައި މިމަސައްކަތްފެށީ ޔުނިވަރސިޓީ އޮފް ޕެންސިލްވޭނިއާގައެވެ. މި ކޮމްޕިޔުޓަރަށް 1800 އަކަފޫޓްގެ ތަނެއް ބޭނުންވެއެވެ. އަދި އޭގައި 18000 ވެކިއުމް ޓިޔުބް ބޭނުންކުރެވުނެވެ. އެއީ ގާތްގަނޑަކަށް 50 ޓަނުގެ ބަރުދަނެވެ. އޭ.ބީ.ސީ ކޮމްޕިޔުޓަރަކީ އެންމެ ފުރަތަމަ ޑިޖިޓަލް ކޮމްޕިޔުޓަރުކަމަށް ކޯޓުން ނިންމެވި ނަމަވެސް، ގިނަ ބަޔަކު ޤަބޫލުކުރާގޮތުގައި، އެންމެ ފުރަމަތަ ޑިޖިޓަލް ކޮމްޕިޔުޓަރަކީ އެނިއަކް އެވެ. އަދި އޭ.ބީ.ސީ އެންމެ ފުރިހަމަ އަށް މަސައްކަތްނުކުރާތީވެ، އެނިއަކް އަކީ އެންމެ ފުރަތަމަ ޑިޖިޓަލް ކޮމްޕިޔުޓަރުކަމުގައި ބުނުމަކީ ގޯހެއްނޫނެވެ.


އެނިއަކް ކޮމްޕިޔުޓަރު



ފުރަތަމަ ސްޓޯރޑް ޕްރޮގްރާމް ކޮމްޕިޔުޓަރު

އެންމެ ފުރަމަތަ ސްޓޯރޑް ޕްރޮގްރާމް ކޮމްޕިޔުޓަރު އުފައްދާފައިވަނީ 6 މޭ 1949 ގައި އިނގިރޭސިވިލާތުގައެވެ. އޭގެ ނަމަކީ އެޑްސެކް (EDSAC) އެވެ. މިއީ، އެކޮމްޕިޔުޓަރެއްގައި އެންމެ ފުރަތަމަ ގްރެފިކަލް ގޭމް މަސައްކަތްކުރި ކޮމްޕިޔުޓަރެވެ. 

EDSAC  ކޮމްޕިޔުޓަރު



ފުރަތަމަ ޕާރސަނަލް ކޮމްޕިޔުޓަރު

އެންމެ ފުރަތަމަ ޕާރސަނަލް ކޮމްޕިޔުޓަރަކީ، 1971 ގައި 750 ޑޮލަރަށްވިއްކުނު ކެންބެކް-1 (Kenback-1) އެވެ. މިކޮމްޕިޔުޓަރަށް އިންޕުޓްކުރުވެނީ ގިނަ ސްވިޗްތަކެއްގެ ބޭނުންކޮށްގެންނެވެ. އަދި އައުޓްޕުޓް ލިބެނީ ނިވިދިއްލޭ ގިނަ ލައިޓުތަކެއްގެ އެހީގައެވެ. އެއަށްފަހު އުފެއްދުނީ އަލްޓައަރ 8800 (Altair 8800) އެވެ. މި ކޮމްޕިޔުޓަރު އުފެއްދީ އެޑް ރޮބާރޓްސް އެވެ.

ކެންބެކް-1

އަލްޓައަރ 8800


މިކްރަލް "Micral" ބެލެވިފައިވަނީ، އެންމެ ފުރަތަމަ ކޮމާރޝަލް ނަން-އެސެމްބްލީ ކޮމްޕިޔުޓަރުކަމުގައެވެ. މިކޮމްޕިޔުޓަރުގައި ބޭނުންކުރެވިފައިވަނީ އިންޓެލް 8008 ގެ ޕްރޮސެސަރ އެކެވެ. 1973 ގައި މީގެ ކޮމްޕިޔުޓަރެއް ވިއްކާފައިވަނީ 1750 ޑޮލަރަށެވެ.


ފުރަތަމަ ވޯރކްސްޓޭޝަން

ބާޒާރަށް ނެރެ ނުވިއްކުނު ކަމަށްވިޔަސް، އެންމެ ފުރަތަމަ ވޯރކްސްޓޭޝަން ކަމުގައި ބެލެވިފައިވަނީ، 1974ގައި އުފެއްދުނު ޒެރޮކްސް އަލްޓޯ (Xerox Alto) އެވެ. އޭރަށް ބަލާއިރު، މިއީ އޭރުގެ ކޮމްޕިޔުޓަރުކަށް އިންޤިލާބެއް ގެނައި ކޮމްޕިޔުޓަރެކެވެ. މީގައި ޑިސްޕްލޭއަކާއި މައުސް ވެސް ބޭނުންކުރެވެއެވެ. މިކޮމްޕިޔުޓަރު މަސައްކަތްކުރަނީ، މިހާރުގެ ކޮމްޕިޔުޓަރުތަކެކޭ އެއްފަދައިން، ވިންޑޯތަކާއި މެނޫއާއި އައިކަން އޭގެ އޮޕްރޭޓިންގ ސިސްޓަމްގައި ބޭނުންކޮށްގެންނެވެ. 




ފުރަތަމަ ލެޕްޓޮޕް ނުވަތަ ޕޯރޓެބަލް ކޮމްޕިޔުޓަރ

އެންމެ ފުރަތަމަ ލެޕްޓޮޕް ނުވަތަ ޕޯރޓެބަލް ކޮމްޕިޔުޓަރުކަމަށް ބެލެވިފައިވަނީ، އެޑަމް އޮސްބޯން (Adam Osborne) އުފެއްދި އޮސްބޯން I އެވެ. މިއީ، ބަރުދަނުގައި 24 ޕައުންޑު ހުރި، 5 އިންޗި ޑިސްޕްލޭއެއް ހިމެނޭ، މެމޮރޯގައި 64 ކޭބީ ހިމެނޭ، "4/1 5 ގެ 2 ފްލޮޕީ ޑްރައިވް ހިމެނޭ މޯޑަމަކާއެކީގައިވާ ކޮމްޕިޔުޓަރެކެވެ.



 
އެއަށްފަހު، 1984 ގައި އައި.ބީ.އެމް ޕީ.އެސް.ޑީންވަނީ އެމީހުންގެ ޕޯރޓެބަލް ކޮމްޕިޔުޓަރު އުފައްދާފައެވެ. އެއީ 30 ޕައުންޑުގެ ބަރުދަންހުރި ކޮމްޕިޔުޓަރެކެވެ. އަދި 1986 ގައި އެމީހުންވަނީ އެމީހުންގެ ފުރަތަމަ ލެޕްޓޮޕް އުފައްދާފައެވެ. އެއަށްފަހު 1994 ގައި އައި.ބީ.އެމް އިންވަނީ، އައި.ބީ.އެމް ތިންކްޕެޑް 775CD ތަޢާރަފުކޮށްފައެވެ. މިއީ، ސީ.ޑީ ރޮމް އެއް ހަރުކޮށްފައިވާ އެންމެ ފުރަތަމަ ނޯޓްބުކް އެވެ.

 
ފުރަތަމަ ޕީ.ސީ (އައި.ބީ.އެމް ކޮމްޕެޓިބަލް) ކޮމްޕިޔުޓަރ

އައި.ބީ.އެމް އިންވަނީ 1953 ގައި އެމީހުންގެ އެންމެ ފުރަތަމަ އިލެކްޓްރިކް ކޮމްޕިޔުޓަރު ކަމަށްވާ 701 ތަޢާރަފުކޮށްފައެވެ. އެއަށްފަހު، 1981 ގައި އައި.ބީ.އެމް އިންވަނީ އެމީހުންގެ އެންމެ ފުރަތަމަ ޕާރސަނަލް ކޮމްޕިޔުޓަރ ކަމަށްވާ "އައި.ބީ.އެމް ޕީ.ސީ" ތަޢާރަފުކޮށްފައެވެ. މިވައްތަރުގެ ކޮމްޕިޔުޓަރަށް އެކޯރން "Acorn" އޭވެސް ކިޔެއެވެ. މިއީ، 8088 ގެ ޕްރޮސެސަރއެއްވާ، 256 ކޭބީއަށް މަތިކުރެވޭ 16 ކޭބީގެ މެމޮރީއެއްހިމެނޭ، އެމް.އެސް-ޑޮސް ބޭނުންކުރާ ކޮމްޕިޔުޓަރެކެވެ.


އެންމެ ފުރަތަމަ ޕީ.ސީ ކްލޯން

އެންމެ ފުރަތަމަ ޕީ.ސީ ކްލޯން ތަރައްޤީކުރެވިފައިވަނީ ކޮމްޕެކް ގެ ފަރާތުންނެވެ. 1983 ގައި ނެރެވުނު "ކޮމްޕެކް ޕޯރޓެބަލް"، އައި.ބީ.އެމް ކޮމްޕިޔުޓަރުތަކާއި އޭގައި ބޭނުންކުރެވޭ ސޮފްޓްވެއަރތަކާ %100 ކޮމްޕެޓިބަލްވެއެވެ.
އެންމެ ފުރަތަމަ އެޕަލް ކޮމްޕިޔުޓަރ
އެންމެ ފުރަތަމަ އެޕަލް ކޮމްޕިޔުޓަރު އުފެއްދީ، 1976 ގައި ސްޓީވް ވޮޒްނިއަކް އާއި ސްޓީވް ޖޮބްސްއެވެ. އެކޮމްޕިޔުޓަރުގެ ނަމަކީ، އެޕަލް I އެވެ. 

 


އެންމެ ފުރަތަމަ ކޮމްޕިޔުޓަރު ކުންފުނި

އެންމެ ފުރަތަމަ ކޮމްޕިޔުޓަރު ކުންފުންޏަކީ 1949 ގައި، ޖޭ.ޕްރެސްޕަރ އެކަރޓް އާއި ޖޯން މޯޗްލީ ގުޅިގެން އުފެއްދި އިލެކްޓްރޯނިކް ކޮންޓްރޯލްސް ކޮމްޕެނީއެވެ. ފަހުން މިކުންފުނީގެ ނަންވަނީ، އެކަރޓް-މޯޗްލީ ކޮމްޕިޔުޓަރ ކޯރޕަރޭޝަން (އީ.އެމް.ސީ.ސީ) އަށް ބަދަލުކުރެވިފައެވެ. މިކުންފުނިންވަނީ، ޔުނިވެކް (UNIVAC) ގެ ނަމުގައި ވަރަށް ގިނަ އަދަދެއްގެ މެއިންފްރޭމް ކޮމްޕިޔުޓަރު އުފައްދާފައެވެ.
 



އެންމެ ފުރަތަމަ މަލްޓިމީޑިއާ ކޮމްޕިޔުޓަރު

އެންމެ ފުރަތަމަ މަލްޓިމީޑިއާ ކޮމްޕިޔުޓަރު އުފެއްދީ، 1992 ގައި ޓެންޑީ ރޭޑިއޯ ޝެކް ކުންފުނިންނެވެ. އެއީ، M2500 XL/2 އާއި M4020 SX އެވެ.


ނިންމުން

މި ލިޔެލެވުނީ، ކޮމްޕިޔުޓަރުގެ ތާރީޚުގެ ކުރު ޚުލާޞާއެކެވެ. މާތްﷲ ގެ އިރާދަފުޅާއެކު، ކުރިމަގުގައިވެސް، އިންފޮރމޭޝަން ޓެކްނޮލޮޖީއާގުޅުންހުރި މިފަދަ ތަފާތު ތާރީޚް ތައް ކިޔުންތެރިންނަށް ހުށައަޅައިދެވޭނެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ