އަދުގެ ޚާއްސަ

Print

ހިޖްރައިގެ އެންމެ މުހިއްމު ދަރްސު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދިރާސާ


ރޭވުންތެރިކަން


އިބްރާހީމް ރަޝީދު މޫސާ

އަހަރެއް ފާއިތުވެ  އާ އަހަރަކާ ކުރިމަތިލާ މިދުވަހަކީ ދުނިޔެ ދައުރުކުރަމުންދާ ދިޔުމުގެ ތެރޭގައި އަލްވަދާޢުކިޔުމާއި  އިސްތިޤުބާލުކުރުމުގެ  އުޞޫލުގެ ތެރޭގައި ހިމެނޭކަމެކެވެ. މި ދުވަހުގެ ތަހްނިޔާއާއި ތަބްރީކާތުތައް ލޮބުވެތި ކިޔިންތެރިންނަށާއި ބެލުންތެރިންނަށް އަރިސްކުރުމަށް އަވަސްވެ ގަންނަމެވެ. މާތްﷲ، ވޭތުވެދިޔައަހަރަށް ވުރެ ކުރިމަތިލީ މި އަހަރު، ފާގަތި، ބާއްޖަވެރި، ޞުލްޙަވެރި އަހަރެއްކަމުގައި ލައްވާށި އެވެ.

އިސްލާމީ މިފަދަ ކޮންމެ މުނާސަބަތަކުން ފިލާވަޅުތައް ލިބިގަނެ، ދީނުގެ އަސާސުތަކުގައި ހިފެހެއްޓުމަށް ޢަޒްމުކަނޑައަޅަމާތޯއެވެ. މާތްވެގެންވާ މައްކާއިން، އަލިވެގެންވާ މަދީނާއަށް ކީރިތިރަސޫލާ ހިޖްރަކުރެއްވިކުރެއްވުމަކީ، އެ ކަމުގައި ޢިބްރަތްތަކަކާއި ފިލާވަޅުތަކެއް ހިމެނޭ މަތިވެރި ޙާދިސާއެކެވެ. އެއީ އިސްލާމީ އުއްމަތް ވުޖޫދަށް ގެނުވި ބަހާ އެވެ.

މައްކާ އާއި މަދީނާ ...މަތިވެރި ދެ ރަށް


ކީރިތިރަސޫލާ – عليه الصلاة والسلام – މަދީނާ އަށް ހިޖުރަކުރެއްވީ މާތްﷲ  އެ ކަމަށް ހުއްދަ ދެއްވުމުންނެވެ. މައްކާގެ މުޝްރިކުންގެ ދުއްތުރާތަކާއި، ގޯނާތަކާއި، ފުރައްސާރަތަކާއި، ޖެއްސުންކުރުންތައް ގިނަކުރަމުން ދިޔަކަމުގައިވިޔަސް، އެކަލޭގެފާނު އެ ކަންތައްތަކަށް ކެތްތެރިވެވަޑައިގެން ހުންނެވި އެވެ. އެކަލޭގެފާނު އެންމެ ލޯބިފުޅުވި ބިމުން އެކަލޭގެފާނު ނެރެލުމަށް ދާންދެނެވެ.  މައްކާ އަކީ އެކަލޭގެފާނު އެ ބިމެއްގައި އުފަންވެވަޑައިގެން ޠާހިރު މުޤައްދަސްބިމެވެ. ރަސޫލުﷲގެފާނު– عليه الصلاة والسلام -  މަދީނާއަށް ހިޖުރަ ކުރެއްވުމަށްޓަކައި މައްކާ އިން ނުކުމެވަޑައިގަންނަވަމުން ޙަދީޘްކުރައްވަނީ «اللهم وقدأخرجتني منأحب البقاع إلى فأسكني فيأحب البقاع إليك»- ހައްދަވާބޮޑުކުރެއްވި ރަސްކަލާނކޮ! އިބަރަސްކަލާނގެ، އެންމެ ލޯބިފުޅުވާބިމުން ނެރުއްވާފީމުއެވެ. ފަހެ، އިބަރަސްކަނަގެ އެންމެ ލޯބިފުޅުވާ  ބިމުގައި ތިމަންކަލޭގެފާނު ވަޒަންވެރިކުރައްވާނދޭވެ! "ޙިއްޖަތުއްވަދާޢުގައި ޙައްޖުގެ މަނާސިކުތަކުގެ ތެރޭގައި ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި އެވެ."

 وَاللَّهِ إِنَّكِ لَخَيْرُأَرْضِ اللَّهِ وَأَحَبُّ أَرْضِ اللَّهِ إِلَى اللَّهِ وَلَوْلَاأَنِّي أُخْرِجْتُ مِنْكِ مَاخَرَجْتُ - މާތްﷲ ގަންދީވިދާޅުވަމެވެ. ތިބާއަކީ ﷲގެ ބިމުގެ ތެރޭގައިވާ އެންމެ ހެޔޮކަންބޮޑުބިމެވެ. ﷲގެބިންތަކުގެ  ތެރެއިން އެކަލާނގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުބިމެވެ. ތިމަންކަލޭގެފާނު ތިބާގެ ބިމުން ބޭރުކޮށްނުލެއްވުނު ނަމަ ތިމަންކަލޭގެފާނު ތިޔަބިމުން ބޭރަށްވަޑައިނުގެންނެވީމުހެވެ.

ﷲ ވަނީ މި ހިޖުރައިގައި ވެސް އެ ކަލާނގެ ރަސޫލާ – عليهالصلاةوالسلام– އަށް މަތިވެރިކަންދެއްވައިފައެވެ. ހިޖުރަކުރެއްވީ މާތްޙަރަމުފުޅަކުން މާތް ޙަރަމުފުޅަކަށެވެ. އެ ދެ ރަށަކީވެސް ބަރަކާތްތެރި މާތް ދެރަށެވެ. ﷲގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ ދެ ރަށެވެ. މައްކާ އަކީ އެކަލޭގެފާނު ރައްކައުވި ރަށެވެ. މަދީނާ އަކީ އެކަލޭގެފާނު ފަސްދާނުވެޑުވުނު ރަށެވެ. މައްކާއަކީ ﷲގެ ގެފުޅުހުރި ރަށެވެ. މަދީނާއަކީ ﷲގެ ރަސޫލާގެ ޙަރަމްފުޅު ހުރި ރަށެވެ. މައްކާއަށްޓަކައި އިބްރާހީމުގެފާނު ދުޢާކުރެއްވި އެވެ. މަދީނާއަށްޓަކައި ރަސޫލުﷲގެފާނު ދުޢާކުރެއްވިއެވެ.

މި އިން ކޮންމެ ޙަރަމުފުޅަކީ އެ ދެތަނަށް ދަތުރުކޮށްފައި ދިޔުމުގެ ބުރައުފުއްލުމަށް އަންގަވާފައިވާ ދެ ޙަރަމުފުޅެވެ. މި ދެ ޙަރަމުފުޅުގައި ކުރެވޭ ނަމާދުގެ ސަވާބު އެތައްގުނައަކަށް އިތުރުކޮށްދެއްވަ އެވެ. މި އިން ރަށެއްގައި މަރުވިމީހާ، ކީރިތިރަސޫލާ އާއެކު މަޙްޝަރު ކުރެވޭނެކަމުގެ ހެޔޮޚަބަރާއި، އެމީހަކަށް  ރަސޫލާ– عليه الصلاة والسلام – ގެ  ޝަފާޢަތް ލިބޭނެކަމުގެ ހެޔޮ ޚަބަރުދެއްވާފައިވެ އެވެ. މައްކާގެ ޒަމްޒަމުވަޅުކޮޅުގެ ފެނުން ޝިފާދެއްވާ އިރު މަދީނާގެ ކަދުރުން ޝިފާދެއްވާނެކަން އަންގަވައިފާވެ އެވެ. ގެފުޅުގެ އަލްޙަޖަރުލްއަސްވަދަކީ ސުވަރުގޭގެ ހިލަފުޅެއް ކަމުގައިވާ އިރު މަދީނާގެ  ޙަރަމްފުޅުގައި ސުވަރުގޭގެ ބަގީޗާތަކުން ބަގީޗާއެއް ވެއެވެ.

މަދީނާ އިޚްތިޔާރު ކުރެއްވީ ކީއްވެ؟


ކީރިތިރަސޫލާގެ ހިޖުރައަކީ އެއްވެސް ރޭވުމެއްނެތި، ހަމަ އެހެން އޮވެލައިފާ ކަންތައްތައް ހިނގާމޭރުމުން ހިނގިކަމެއްނޫނެވެ. މި ހިޖުރައަކީ ފިއްލެވުމެއްނޫނެވެ. މަސްއޫލިއްޔަތުން ރެކިވަޑައިގަތުމެއް ވެސް ނޫނެވެ. އެކަމަކު އެއީ ﷲގެ އަމުރުފުޅަށް އެޅުއްވެވި ފިޔަވަޅެކެވެ. ދީނަށްގޮވައިލެއްވުމުގެ ސްޓްރެޓެޖީ އަށް ގެންނެވި އައު ޓެކްޓީކެކެވެ. އެކަލޭގެފާނާ ދެކޮޅަށް މުޝްރިކުން އިތުރުކުރި ފިއްތުންތަކާއި، ރޭވި މުއާމަރާތަކާ ދެކޮޅަށް ރޭއްވެވި މަޝްރޫޢު ތަންފީޒުކުރެއްވުމަށްޓަކައި އެޅުއްވި ރައްކައުތެރިކަމުގެ ފިޔަވަޅެކެވެ.

ރަސޫލުﷲގެފާނު - – عليه الصلاةوالسلام– މި ރަށް އިޚްތިޔާރުކުރެއްވީ ﷲގެ އަމުރުފުޅަށެވެ. މީގެ އިތުރަށް މި ރަށުގެ ބޮޑުންގެ އެދިވަޑައިގަތުމަށެވެ. އެ ރަށުގައި އެކަލޭގެފާނުގެ މައިފުށުގެ ތިމާގެ ބޭފުޅުން ތިއްބެވީތީ އެވެ. އަދި މަދީނާގެ މީހުން ރަސޫލާއަށް މަރްޙަބާ ދަންވަން ތިބިމިންވަރު އެނގިވަޑައިގަތުމާއި، އެމީހުންގެ އީމާންކަމުގެ ހަރުދަނާ ކަން ހުރި މިންވަރު އެނގިވަޑައިގެންނެވެ.

ޢަރަބިކަރައަށް ބަލާއިރު މަދީނާއަކީ އެ ދުވަސްވަރު ވަރަށް މުހިއްމު ރަށެކެވެ. ވިޔަފާރިއާއި ދަނޑުވެރިކަމުގެ މައިދާނުގައި އެއީ ތަހްޒީބީ މަރުކަޒެކެވެ. ޔަމަނުން ޝާމަށް އަދި ޝާމުން ޔަމަނަށް ދަތުރުކުރާ ޤާފިލާތައް  އެ ރަށުގެ ތެރެއިން ދަތުރުކުރާ  ޙަރަކާތްތެރި ރަށެކެވެ.

މަދީނާގެ އަހްލުންނަކީ މުރޫއަތްތެރި ތެދުވެރި، ޝަޚްޞިއްޔަތު ވަރުގަދަ ބަޔެކެވެ. އެމީހުންނާ ބެހޭގޮތުން ރަސޫލުﷲގެފާނު – عليه الصلاة والسلام– ޙަދީޘްކުރައްވަނީ " لَوْلاَالْهِجْرَةُ لَكُنْتُ امْرَأًمِنَالأَنْصَارِوَلَوْسَلَكَ النَّاسُ وَادِيًاأَوْشِعْبًالَسَلَكْتُ وَادِىَ الأَنْصَارِوَشِعْبَهَا - ހިޖުރަ ނުވިނަމަ ތިމަންކަލޭގެފާނު ވެވަޑައިގަންނަވާނީ އަންޞާރުންގެ ތެރެއިންނެވެ. އަދި ބަޔަކުމީހުން މަގެއްގައި ނުވަތަ ވާދީއެއްގައި ހިނގާނަމަ ތިމަންކަލޭގެފާނު ހިންގަވާނީ އަންޞާރުން ހިނގާ  ވާދީގައެވެ. ނުވަތަ މަގުގައެވެ. "

މަދީނާގެ ޤަދަރާއި މަޤާމު


ރަސޫލުﷲގެފާނު ވަނީ މަދީނާ ޙުރްމަތްތެރި ރަށެއްކަމުގައި ހައްދަވައިފައެވެ. އެކަލޭފާނު ޙަދީޘްކުރައްވަނީ " އިބްރާހީމުގެފާނު މައްކާ ޙުރްމަތްތެރިތަނެއްކަމުގައި ހެއްދެވި ފަދައިން  ތިމަންކަލޭގެފާނު މަދީނާ ޙުރްމަތްތެރިކުރެއްވީމެވެ." އެ ރަށުގެ ނަން  " މަދީނަތުއްރަސޫލި " އަށް ނުވަތަ " މަދީނަތުލް މުޞްޠަފާ " ގެ ނަމަށް  ނުވަތަ " އަލްމަދީނަތުލްމުނައްވަރާ "ގެ  ނަމަށް ބަދަލުވި ބަދަލުވުމުން މުސްލިމުންގެ ހިތްތަކުގައި އެރަށަށް ލިބިގެންވާ ޤަދަރާ މަޤާމު އެނގެއެވެ.

ﷲއަށް ވަކީލުކުރުމާއި، ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ މުހިއްމުކަމުގެ އިތުރަށް، ހިޖުރައިން ޙާޞިލުވާ ދަރްސުތަކުގެ ތެރޭގައި ކަންތައްތައްކުރުމުގައި ރޭވުމުގެ މުހިއްމުކަމާއި ކުރަން ބޭނުންވާ ކަންތައްކުރުމަށް ބޭނުންވާ ވަސީލަތްތައް ތަނަވަސްކުރުމުގެ މުހިއްމުކަން ހިމެނެއެވެ. އެކުވެރިންގެ ދައުރުގެ މުހިއްމުކަން ވެސް ފެނެ އެވެ.  

ތައްޔާރުވެވަޑައިގަތީ ކިހިނެއް؟


ހިޖްރައިގެ ދަތުރުގެ އެކުވެރިއާ އަބޫބަކްރުގެފާނުގެ ގެކޮޅަށް ދުވަހަކު ވެސް ވަޑައިނުގަންނަވާ ގަޑިއެއްގައި ވަޑައިގެންވަޑައިގަތުމަކީ، ދުރާލައި ރޭވުމާއި، ތަންފީޒުކުރެވެންދެން ކަމާބެހޭ ސިއްރުތައް ވަންހަނާކޮށްފައި ބާއްވަންޖެހޭނެކަމުގެ މުހިއްމުކަން ތަޞައްވުރުކޮށްދޭ ކަމެކެވެ. މި ދަތުރުފުޅު ކާމިޔާބުދަތުރަކަށް ހެދުމަށްޓަކައި އަބޫބަކްރުގެފާނުގެ ދައުރު އެކަލޭގެފާނަށް  ވިސްނިވަޑައިގަތެވެ. ދަތުރުގެ އެކުވެރިއާގެ ހައިސިއްޔަތުން އަދާކުރައްވަންޖެހިވަޑައިގެންފައިވާ ކަންތައްތައް ދެނެވަޑައިގެން އެކަންތައްތައް ހަމަޖެއްސެވިއެވެ. މިއިން އެނގެނީ ތިމާއާ މަސްއޫލިއްޔަތެއް ހަވާލުކުރުމުން، އެ މަސައްކަތް ހަވާލުކުރި މަސައްކަތް ކާމިޔާބުކުރުމަށްޓަކައި ތިމާ ޙަރަކާތްތެރިވާންޖެހޭނެކަމެވެ. އޭނާ ނުބުނާތީ އޭ ކިޔާފައި ތިމާގެ މަސްއޫލިއްޔަތެއް ނެތްކަމަށް ބަލައިގެން ނުވާނެކަމެވެ. އަބޫބަކްރުގެފާނު، ތަޖްރިބާކާރު އާރުކާޓީއެއް ހޯއްދެވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ޢަބްދުﷲގެފާނަށް މައްކާގެ ޚަބަރުތައް ގެނެސްދެއްވުމުގެ މަސްއޫލިއްޔަތު ޙަވާލުކުރެއްވިއެވެ. އެކަލޭގެފާނުގެ ދަރިކަނބަލުން އަސްމާގެފާނަށް ފަރިއްކޮޅުގެ ކަންތައްތައް ހަވާލުކުރެއްވިއެވެ. އަދި އަބޫބަކްރުގެފާނުގެ އަޅެއްކަމުގައިވާ ޢާމިރު ބުނު ފުހައިރާ އާ ކިރުފޮދު ގެނެއުމުގެ ކަންތައްތަކާއި ހޮހަޅަކައިރިއަށް ވަޑައިގަންނަވާ އަސްމާގެފާނާ ޢަބްދުﷲގެފާނު ފަދަބޭބޭކަލުންގެ ފިޔަވަޅުފުޅުތަކުގެ އަސަރު ފުހެލުމުގެ މަސައްކަތް ހަވާލުކުރެއްވިއެވެ. އަދި މި ދަތުރުފުޅަށްޓަކައި ދެ ސަވާރީވެސް ތައްޔާރުކުރެއްވިއެވެ.

މައްކާގެ މުޝްރިކުން އެދެބޭކަލުން ހޯދައި  ހިފައި ހައްޔަރުކުރަން މަސައްކަތްކުރާނެތީ އެދެބޭކަލުން މައްކާގެ ރަށްބޭރުގައި ހުރި ޘަވްރު ފަރުބަދައިގެ ހޮހަޅައެއްގައި މަޑުކޮށްލެއްވިއެވެ. މި ހޮހަޅައަށް ރަސޫލުﷲގެފާނު ވަދެވަޑައިގަތުމުގެ ކުރިން އަބޫބަކްރުގެފާނު ވަދެވަޑައިގެން ތަން ފާސްކުރެއްވިއެވެ. ދިރޭއެއްޗެއްގެ ނުވަތަ ފަނިފަކުސާއެއްގެ ސަބަބުން ރަސޫލުﷲގެފާނަށް ގެއްލުމެއް ލިބިވަޑައިގެންފާނެތީއެވެ. ރަސޫލުﷲގެފާނާއި އަބޫބަކްރުގެފާނު ވަދެވަޑައިގަތުމުން ކޮތަރެއް އައިސް އެ ހޮހަޅައިގެ އަނގަމަތީގައި ބިސްއަޅައިފިއެވެ. އަދި ވާމަކުނެއް އައިސް އެ އަނގަމަތީގައި ވައުފުރާލައިފިއެވެ. މުޝްރިކުން އައިސް މިތަންބަލައިފާ އެ ތަނަށް މީހަކު ނުވަންނަކަން ކަށަވަރުކުރީ،  މި  ނިކަމެތި މަކުނު ފުރި ވަލުގެ ވިޔުގައިގެ ސަބަބުންނެވެ. މިއިން އެނގެނީ ބާރަކީ ﷲ ބާރުދެއްވުމުން ލިބޭއެއްޗެއްކަމެވެ. އޭގެ ޒާތުގައި ނިކަމެތިކަން ހުރި އެއްޗެއް ވެސް ﷲގެ އަމުރުފުޅަށް ބާރުގަދަ އެއްޗަކަށް ބަދަލުވެގެން ހިނގައިދާނެކަމެވެ. އިބްރާހީމުގެފާނު އަލިފާންގަނޑަށް އެއްލައިލުމުން އޭގެ ބާރު މާތްﷲ ކަނޑުވައިލެއްވި ގޮތަށެވެ. މޫސާގެފާނު އަތްޕުޅުގައި އޮތް ހިކި ދަނޑިބުރިއެއް މަތްﷲގެ އަމުރުފުޅަށް ދިރޭ ހަރުފައަކަށް ވެގެންދިޔަގޮތަށެވެ. ﷲ އާ ދެކޮޅަށް ރޭވުންތައް ރާވައިމީހުން މި ފަދަ ހާދިސާތަކުން ޢިބްރަތް ޙާޞިލުކުރަންވާނެއެވެ.

ﷲގެ އަމުރުފުޅަށް މައްކާ އިން ނުކުމެ ވަޑައިގެން ރޭގައި މުޝްރިކުންނަށް އޮޅުވައިލެއްވުމަށްޓަކައި އެކަލޭގެފާނުގެ ދާންމަތިކޮޅު ގައި އަވަހާރަފުޅުލެއްޕެވީ ހިތްވަރުގަދަ ޒުވާން ފަހުލަވާނު ޢަލީ ބުނު އަބީ ޠާލިބެވެ. ރަސޫލާގެ އަމުރުފުޅަށް ފަސްޖެހިވަޑައިގަތުމެއް ނެތިއެވެ. މުޝްރިކުން އެކަލޭގެފާނަށް ޙަމަލަދިނުމަށް ބޭރުގައި ތިބިކަން އެނގިވަޑައިގެންވާ ޙާލުކޮޅުގައެވެ.

ހިޖްރައިގެ ކުރިން އެކަމަށް ވަރަށް ދުރާލައި ތައްޔާރުވެވަޑައިގެންފައިވެއެވެ. މަދީނާގެ މީހުންނާ އެކު ޢަޤަބާގައި ހިއްޕެވި ބައިޢަތަކީ އެކަމަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ. އެއަށްފަހު މުޞްޢަބު ބުނު ޢުމައިރު މަދީނާ އަށް ފޮނުއްވައި،  ދީނަށް ގޮވައިލައްވައި،  ދީން އުނގަންނަދެއްވިދެއްވުމަކީ ވެސް ހިޖްރައިގެ ދަތުރުފުޅަށްޓަކައި އެޅުއްވި ފިޔަވަޅުފުޅެކެވެ.

މި ހުރިހާކަމެއް ވެސް ދަސްކޮށްދެނީ ކަމެއްކުރާ އިރު ރާވަންޖެހޭނެކަމެވެ. އީމާންކަމުގެ ވަރުގަދަ ބިނާ ތެރޭގައި ޙަރަކާތްތެރިވިޔަސް ހުރިހާ ގޮތަކުންވެސް ތައްޔާރުވާން ޖެހޭނެކަމެވެ. އެފުރިކާއަށް އައި ބޮޑު ތަދުން މިޞްރު ސަލާމްތްވީ ކިހިނަކުންތޯއެވެ. ޔޫސުފުގެފާނުގެ ރޭވުންތެރިކަމާއި ޤާބިލުކަމުގެ ސަބަބުން ނޫންތޯއެވެ. ކީރިތިރަސޫލާގެ ހިޖްރައިގެ ދަތުރުފުޅު ވެސް ކަމިޔާބުވީ ﷲގެ ޢިނާޔަތާއި ރިޔާޢަތާ އެކު، ރަސޫލުﷲގެފާނުގެ ޙިކްމަތުޢަމަލީ ސަބަބުންނެވެ. މަޝްރޫޢު ތަންފީޒުކުރެއްވުމަށްޓަކައި އެކިމީހުންނަށް މަސައްކަތް ބައްސަވައިލެއްވިގޮތް މިހާރު އެނގިއްޖެއެވެ. ކޮންމެ މަސައްކަތެއް ވެސް ހަވާލުކުރެއްވީ އެކަމަށް އެންމެ ޤާބިލު އެންމެ އެކަށީގެންވާ މީހަކާއެވެ.

މީގެ އިތުރަށް މަޝްވަރާކުރުމުގެ މުހިއްމުކަން ވެސް ފާޅުވެފައިވެއެވެ. މި ކަމާބެހޭގޮތުން އަބޫބަކްރުގެފާނާ އެކު ރަސޫލުﷲގެފާނު މަޝްވަރާކުރެއްވިގޮތާ، އަބޫބަކްރުގެފާނު އެޅުއްވި ފިޔަވަޅުތައް ބަޔާންކުރެވިއްޖެއެވެ.  

ރަސޫލުﷲގެފާނު މި ދަރްސުތައް އުނގަންނާދެއްވަމުން ވަރަށް މުހިއްމު އަސާސެއް ބަޔާންކޮށްދެއްވާފައިވެއެވެ. އެއީ«عليكم بسنتي وسنةالخلفاء الراشدين من بعدي» ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތުގައި އަދި ތިމަންކަލެގެފާނަށް ފަހު ވަޑައިގަންނަވާ ޚުލާއުއްރާޝިދީންގެ ސުންނަތުގައި (ގޮތްތަކުގައި) ހިފަހައްޓާހުށިކަމެވެ. އޭރުން ތިޔަބައިމީހުން މަގުގެއްލެނިވެގެން ނުދާނެއެވެ. އެބޭކަލުން ނަމޫނާކަމުގައިވާތީއެވެ. އެފަދަ ލާސާނީ ބަޔަކު ނުވާތީއެވެ. ރަސޫލާގެ ސީދާ މަދްރަސާ އިން ދަސްވެނިވެވަޑައިގެންފައިވާތީއެވެ. އުއްމަތުގެ ދަންނަބޭކަލުންކަމުގެ ލަޤަބު ލިބިވަޑައިގެންވާތީއެވެ.
 --------------
  (ނިމުނީ)


މި ލިޔުން: 

    ފޮނުވުން:             އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު) 
    އަލުންބެލުމާއި ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ