އަދުގެ ޚާއްސަ

Print

ދެވަނަ އަނބިމީހާ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



އަސްލު ލިޔުއްވީ: އަލީ ތަންތާވީ
(ތަރުޖަމާ:      ޝައިޚު ޙަސަން)

 
އަހަރެންގެ ރަހުމަތްތެރިއަކާ ދިމާވިއެވެ. އަހަންނަށް އޭނާ ފެނުނުއިރުހުރީ ހިތްނުތަނަވަސްވެފައެވެ. ބަލިމީހެއްފަދައިންނެވެ. ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަހަލައެވެ. ވެގެން އުޅޭގޮތެއް ބުނެދިނުމަށް އަހަރެން އޭނާގާތުގައި އެދުނީމެވެ. އިރުގަނޑެއްވާންދެން ނުބުނާންހުއްޓެވެ. ދެޚިޔާލެއްގައި ހުރެފައި އެންމެފަހުން އަހަންނަށް ކިޔައިދިނެވެ. ތިބާ ތިޔައީ އަހަރެންގެ އެއްވެސް ކަމެއް ވަންހަނާކުރަން ނުޖެހޭފަދަ ގާތް ރަހުމަތްތެރިއެކެވެ. އަހަރެންގެ ސިއްރު ތިބާއަށް ކިޔައިދީ ތިބާގެ މަޝްވަރާއަކަށް އެދެމެވެ. އަހަރެން ކައިވެނި ކުރަން ބޭނުމެވެ.

އަހަރެން:  ތިބާގެ ގޭގެކަންކަން ބަލަހައްޓާ ތިބާގެ އަނބިމީހާ ކިހިނެތްހެދީތަ؟

އޭނަ:     ވަކި ކަމެއްނުވޭ. އޭނާ ހަމަ ކުރިއެކޭވެސް އެއްގޮތަށް އެބައުޅޭ.

އަހަރެން:  ދީނީގޮތުން ނުވަތަ އަޚްލާގީގޮތުން ނުބައި ކަމެއް އޭނާގެ ކިބައިން ފެނުނީތަ؟ ނޫނީ އޭނާގެ ކިޔަމަންތެރިކަމާއި ކަލޭދެކެވާ ލޯބި ކުޑަވީތަ؟

އޭނަ:    ﷲ ގަންދީބުނަން.. ނޫން

އަހަރެން:  ދެން އެހެންވިއްޔާ ކިހިނެއްވީ؟

އޭނަ:    އަހަންނަކީ އިއްފަތްތެރި ކަމަށް ލޯބިކުރާ އަދި ފާފަކުރަން ބޭނުންނުވާ މީހެއް. އަހަރެން އަހަރެންގެ އަންހެނުންނާއި އެކު އުޅެއުޅެ ފޫހިވެއްޖެ. އަދި އޭނާނޫން އެހެން އަންހެނުންނަށް އަހަރެންގެ ނަޒަރުހިންގުން މަނާކުރުވާފަދަ ޖާޒުބީ 'ސަޅިކަމެއް' އޭނާގެ ކިބައިގައި މިހާރަކު ނުހުރޭ.

އަހަރެން: މިއޮތްހާދުވަހު ތިބާއާއެކީ އިޚްލާޞްތެރިކަމާއެކު އުޅުމުގެ ބަދަލުދިންގޮތަކީ ތިއީތަ؟ މީހަކު އަޅެފަހެ އަޖައިބެއްނުވާނެތަ؟ ހަވާނަފްސުގެ އަޑުއިވުމުން ތިބާ ހީކުރަނީ އެއީ ވަރަށް ބުއްދިވެރި ރަނގަޅު ވާހަކައެއްކަމަށްތަ؟ އިޞްލާޙުގެ މަގުކަމަށް ހިތައި ތިދެވެނީ ހަވާނަފްސުގެ މަގުން. ތިއީ ހަމަ އިބިލީހުގެ ވަސްވާސްތަކާއި ދަޅަތައް. ބުނެއެއްނު ދަވާދުގެ އޮފުކަމަކީ ދަޅައެކޭ..

ދެން އިންނަ މީހަކީ ތިބާގެ ހިތްފުރޭވަރަށް ހުރިހާ ބޭނުންތައް ފުއްދައިދެވޭނެ މީހެއްކަމަށް ހީކުރަނީތަ؟ ދުވަސްތަކެއްފަހުން ދެން އިންނަމީހާވެސް ބާމީހަކަށްވެދާނެ. އެކީގައި ދުވަސްކޮޅަކު އުޅެވުމުން އޭނަގެ ރީތިކަން ކަލޭގެ ހިތުން ފޮހެވިގެންހިނގައިދާނެ. ދެންޖެހޭނީ ތިންވަން މީހަކު ހޯދަން. ތިންވަންމީހާވެސް ކަމުނުގޮސްގެން ހަތަރުވަނަމީހަކު، މިގޮތަށް ސަތޭކަމީހުންނާ އިނަސް އަދި ކިއެއް، މުޅި ޢުމުރުދުވަސް މީހުންނާ އިނުމުގައި ހޭދަކުރިއަސް އެހެން އަންހެނަކު ބޭނުންވާނެ.

ތިޔައީ ކުރީގެ ރަސްރަސްކަލުން އުޅުނު ގޮތް. އެމީހުންގެ ކައިރިއަށް އެކި ނަސްލުތަކުގެ ތަފާތު އުމުރުގެ އެކިކުލައިގެ އެތައްހާސް އަންހެންކުދިންނެއް ގެނެސްގެން ގަނޑުވަރުތައް ފުރާލަނީ. މިކަމުން އެމީހުންގެ ހަވާނަފްސުގެ އެދުންތައް ފުދުނުތަ؟ އެމީހުން މިހުރިހާކަމެއް ލިބުމަށްފަހުވެސް އެހެން އަންހެނެއްގެ އިޝްގުގައި ޖެހި ހިތުގެ ހަމަޖެހުން ވަނީ އޭނާއާއި ގާތްވެވުނީމާކަމަށް ހިތައި އޭނާގެ ފަހަތުން ނުދާނެ ކަމުގެ ޔަގީންކަން ތިބާއަށް އެބައޮތްތަ؟

ކައިވެނި ކުރަނީ ހަމައެކަނި "އެކަމުގެ" ބޭނުމުގައިތަ؟ ކޮބާ ވަފާތެރިކަން؟ ކޮބާ ލަދުހަޔާތް؟ އެކަކު އަނެކަކަށް އަދާކުރަންޖެހޭ ހައްގުތަކާއި ދަރީންގެ މުސްތަގުބަލާއި ކުރިމަގު ކޮބާ؟ ހަމައެކަނި ޢިޝްޤުގެ މައްޗައް ދިރިއުޅުން ބިނާކުރެވިދާނެތަ؟

އެއްވެސް ފިރިއަކު އޭނާގެ މުޅިއުމުރު ބޮސްދިނުމާއި ބެއްދުމުގައި ހޭދަކުރޭތަ؟ މިކަމަށްވެސް ވަކި ވަގުތެއް އޮންނާނެ. އުމުރުގެ ބާކީ ބަޔަކީ ދިރިއުޅުމުގައި އެކަކު އަނެކަކަށް އެހީވެ ޚިޔާލު ބަދަލުކުރުމާއި ލައިގެންކާނެ އެއްޗެއްސާއި އުނުއަންނައުނު ހޯދުމަށް މަސައްކަތްކޮށް ދަރީން ތަރުބިއްޔަތު ކުރާން އޮތް ވަގުތު. އަދި މާޒީގެ އުފާވެރި ފޮނިދުވަސްތައް ހަނދާންކޮށް މުސްތަގުބަލަށް ތައްޔާރުވުން.

 ދެމީހުންނާ އިނދެގެންއުޅުމުން ވަރަށް އުފާވެރި ދިރިއުޅުމެއް ލިބޭނެކަމަށް ހީކުރަނީތަ؟ އަދި އެކަމުގެ އާޚިރުނަތީޖާ އެނގޭތަ؟ ދަރިފުޅުގެ މަންމައަށް ހަރާންކޯރުވުމަށް ފަހު، ބީރައްޓެހި އެހެން އަންހެނަކު ގެއަށް ގެނައިމަވެސް އެދަރިފުޅު ތިބާޔާއެކީ އުޅޭނެކަމަށްތަ ތިހީކުރަނީ؟ ޢާއިލާތެރޭގައި ތިބާގެ ސަބަބުން ހަނގުރާމައެއްފެށި އެކަންތައްގަނޑުތެރޭގައި އެންމެފުރަތަމަ ގެއްލުންވާމީހަކީ ތިބާގެ އަމިއްލަ ނަފްސަށްވުމީ ތިބާ ރުހޭނެކަމެއްތަ؟

އޭ އަހަރެންގެ ރަޙްމަތްތެރިޔާ! ތިހެން ނަހަދާ! މީސްތަކުންގެ އާދަކާދައާއި ޒަމާން މިއޮތީ ބަދަލުވެފައި. އެހެންމީހަކާއި އިނަސް އަނބިމީހާ ވަރިނުކުރާތި. ގެއަށް ގޮސް އޭނަގެ މޫނަށާއި ހަށިގަނޑަށް ނުބަލާ އޭނާގެ އިޚްލާޞްތެރިކަމާއި ހެޔޮކަން ދެކިބަލަ. ރީތިކަމާބެހޭގޮތުން ލިޔެފައިވާ ވަރަށްގިނަ ފޮތް އަހަރެން ކިޔައިފިން. އޭގެ އެންމެފުރިހަމަ، ތަޢާރުފެއްކަމަށް އަހަރެންނަށް ފެނުނީ "ވަޅި ރީތީ ތޫނިއްޔާއޭ އަނބި ރީތީ ހެވިއްޔާއޭ" ބުނާ ބަސް. މިސާލަކަށް ރީތީގެ ރާނީ ތިބާއަށް ޚިޔާނާތްތެރިވެ ބޭވަފާތެރި ވެއްޖެނަމަ ކަލޭގެ ނަޒަރުގައި އޭނަވާނީ ވަރަށް ހުތުރު މީހަކަށް. އަދި ބަބުރު ކަޅު އަންހެނަކު ކަލެއަށް އިޚްލާސްތެރި ވެއްޖެ ނަމަ ކަލޭގެ ނަޒަރުގައި ރީތީގެރާނީއަކަށް ވާނީ އޭނަ.

އިތުބާރުކުރޭ. ތިބާ އަހަންނަށް ތިޔަ ކިޔައިދިން ވާހަކަތައް އޮންނާނީ އަހަރެމެން ދެމީހުންގެ ސިއްރެއްގެ ގޮތުގައި.. އަދި އެއްވެސް މީހަކަށް މިވާހަކަ ކިޔައެއްނުދޭނަން.

ތިބާ ދުވަހަކުވެސް އަދީބަކު ސިއްރެއް "ފަޅާއެރުވިކަން" ދެނެހުރިންތަ؟
---------------
މިކަމުން ލިބޭ ޢިބުރަތް: ބާއެއްޗެއް ދޫކޮށްފައި އާއެއްޗެއް ހިޔާރުކުރަންވާނީ ހުރިހާ ގޮތަކުންވެސް ވަރަށް ރަނގަޅަށް ބަލައިފައެވެ. އެހެންނޫނީ ބާއެތި ގެއްލޭތަނުން އާ އެތި ކޮޅުކެހި ދީފާނެއެވެ. އޭރުން އޮންނާނީ ދެމީދާ ފެހި ބުޅަލަށް ވީހެންވެފައެވެ. ކަތިވަޅިވެސް ގެއްލި މަރިޔަނބުވެސް ގެއްލިފައެވެ. އަޅުގަނޑުމެން ވެފައި މިތިބަ ހެންނެވެ.
----------
(ނިމުނީ)

މި ލިޔުން:
    ފޮނުވުން:    އަރުޒާމް މުޙައްމަދު
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ