އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (18)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙަންމަދު ރަޝީދު

ހިތްހަމަ ޖައްސާލައިގެން އޭނާ ލޯމަރާލައިފިއެވެ. އެކަނިވެރިކަމުގެ ބިރު އަދިވެސް އޭނާގެ ހިތަކުން ފިލާ ނުދެއެވެ. އޭނާ ޖަލާލީ ދެކެ ރުޅިއައެވެ.

އެންމެ ފުރަތަމަ ދުވަހު ކުރަން ޖެހުނު ތަޖުރިބާއަކީ މިއެވެ. ކުރިއަށް އޮތްތާނގައި ކިހިނެއްވާނެ ބާވައެވެ. އޭނާ ޚިޔާލުތަކުގެ ތެރޭގައި އޮވެގެން ވިސްނާލިއެވެ.

ދެން ބޯލާކޮޅުގައި ބާއްވާފައި އޮތް ދަބަހުން ފޮޓޯގަނޑު ނަގައިގެން ބަލަން ފަށައިފިއެވެ. އޭނާ ފޮޓޯގަނޑާ މުޚާޠަބުކޮށް އެތައް ޝަކްވާއަކާ ސުވާލުތަކެއް ކުރިއެވެ. އޭނާ ރުޅި އަތުވެއްޖެއެވެ.

ދެން އޭނާއަށް ނަވީދުގެ މަތިން ހަނދާން ކޮށްލެވުނީ ކިހިނެއްކަމެއް ނޭގުނެވެ.

ޙާލަތު މިގޮތަށް އެފުށް މިފުށަށް ނުޖެހުނުނަމަ ކޮންފަދަ ހެއްޔެވެ.

އެކަމަކު މިގޮތަށް އޭނާ ވިސްނުމަކުން ވާނީ ކޮންކަމެއް ހެއްޔެވެ. އޭނާ ގަދަކަމުން ކަހަލަގޮތަކަށް އެޖަޒްބާތުތައް ނިންދަވައިފިއެވެ. އެކަނިވެރިކަމުގެ އިޙްސާސް ތީރެއް ފަދައިން ގޮސް އޭނާގެ ހިތަށް ހެރިއްޖެއެވެ. އަދި ހަމަ ކުއްލިއަކަށް ނަވީދު އަންނާނެ ނަމައޭ ހިތަށް އަރައިފިއެވެ.

ނަވީދުގެ ލޮލުން އޭނާގެ ފުވަފނުގެ ކުލަތަކުން ޢިމާރާތް ކުރެވިފައިވާ ގެ ދުށުމަށެވެ. އޭނާ ވިސްނަމުން ދިޔައެވެ............ ޕާކިސްތަނަށް ގެންދެވޭނެ ނަމައެވެ. އަދި ބޮޑުބޭބެގެ ގޭގެ ކުރިމަތީގައި މިގަނޑުވަރު ބެހެއްޓޭނެ ނަމައެވެ.

އޭރުން އެމީހުންގެ ދޫތައް ބަންދުވާނެއެވެ. ހިތާމައިން ކަރުނައަޅަން ފަށާނެއެވެ. ކަރުބުޑުގައި އަޑުހަރުލާފާނެއެވެ. އޭރުން އޭނާ ހިތްހަމަ ޖެހިލައިގެން ހުރެ ބާރަށް ހޭނެއެވެ.

އޭނާ ފޮޓޯގަނޑުގެ ތެރެއަށް ގެއްލިފާ އޮތްއިރު ހީވަނީ ޙަޤީޤަތް ސާފުކޮށް އެނގިފައިވާ ހެންނެވެ. އޭނާގެ ތުންފަތުގައި ފޮނި ހިނިތުންވުމެއް އެކުލެވިފާވެއެވެ.

ދެން ފޮޓޯގަނޑު ދަބަހަށް ލާފައި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. މިކޮޓަރި ހީވަނީ މަލުގެ ގުޅަވަރެއް ހެންނެވެ. ފަޟާގައި މީރުވަސް ހިފާލާފައި ވެއެވެ.

އޭނާ ހިތްހަމަ ޖެހިލައިގެން ނޭވާލަމުން ގެންދިޔައެވެ. ދެން އަނެއް ފަރާތަށް ފުރޮޅިލައިފިއެވެ.


ދެން ކުޑައިރުކޮޅަކުން އޭނާ ނިދައިފިއެވެ.

އޭނާ ނިދައިފިއެވެ.

އެކަމަކު........

ޖަލާލީގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.

އޭނާ ރޭގަނޑުގެ އެތައްދަމެއް ވަންދެން އިނީ ގޭން ބޭރުގައެވެ. ފެންގަނޑު ކައިރީގައެވެ. ގެއާމެދު އޭނާއަށް ހީކުރެވެނީ ބީރައްޓެހި ތަނެއް ކަމުގައެވެ.

މީސްތަކުންގެ ނަޒަރުން ޣާއިބުވެގެން މިގޮތަށް އިންނައިރު ކުށްވެރިއެއްކަމުގެ އިޙްސާސްތައް ކުރެވެއެވެ. ބޭރަށް ނުކުމެއްޖެއްޔާ ކޮންމެވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވިދާނެއެވެ.

ހުރިހާ ރަޙްމަތްތެރިން އެމީހެއްގެ ގެއަށް އެމީހަކު ދިޔަވާހަކަ މިސިޒް ހެރަލްޑް އޭނާއަށް އެންގިއެވެ.

[ޖަޔާއަކީ ވަރަށް ރީތި ކުއްޖެކެވެ.] އޭނާ ޖަލާލީ ގާތު ބުންޏެވެ.

ޖަލާލީގެ ހިތް ތެޅިގެން ދިޔައެވެ.

[ނާޖިޔާ އިންނަނީ ބިރުންނެވެ. އެކަނިވީމައެވެ.......] މިސިޒް ހެރަލްޑް ބުންޏެވެ.

އަދި..........

ޖަލާލީ އެއްޗެކޭ ނުބުނުމުން އޭނާ މަޑުމަޑުން ބުންޏެވެ. [ޖަލާލީ ހުންނަވަން ޖެހޭނީ ގޭގައެވެ. ތިޔަގޮތަށް އުޅުއްވާނީ ކިހާ ދުވަހަކުތޯއެވެ. ނާޖިޔާ ހަމައަކަށް އަޅުވަން އެންމެ ރަނގަޅީ މިއަދެވެ.]

ޖަލާލީ ދަތްދޮޅީގައި އަތް ވިދެލައިގެން ވިސްނުމުގެ ތެރެއަށް ގެނބިފާ އިނެވެ.

[ކޭން ނުބައްލަވާނަން ތޯއެވެ؟[ މިސިޒް ހެރަލްޑް ހިނދުކޮޅަކު ހިމޭނުން ހުރުމަށްފަހު ބުންޏެވެ.

[އޭނާ ކައިފި ހެއްޔެވެ؟] ޖަލާލީ މަޑުމަޑުން އިސްއުފުލާލާފައި މިސިޒް ހެރަލްޑްގެ މޫނަށް ބަލާލިއެވެ.

[ނާޖިޔާތޯއެވެ.]

[އާނއެކެވެ.]

[ސޭންޑްވިޗެއް ކައިފިއެވެ. އޭނާހުރީ ވަރަށްބޮޑަށް ވަރުބަލި ވެފައެވެ. ވަރަށް ދެރަވެސް ވެފައެވެ.]

]ކީއްވެގެން ހެއްޔެވެ؟]

[އޭނާ ޖަލަލީއަށް އެދެނީކަން ހަމަގައިމެވެ. ޖަލާލީއެވެ. މިއީ ޙަޔާތުގައި އަންނަ އެންމެ މުހިންމު ރެއެވެ. ތިޔަ ހުންނެވީ މިރޭގެ އުފާވެރިކަން ބޭކާރު ކޮށްލައްވަން ނިންމަވައި ގެންނެވެ.]

[މުޅި ޙަޔާތް މިގޮތަށް ވޭތުވެގެން ނުދާނޭކަމެއް އެބަ އެނގޭ ހެއްޔެވެ. މިސިޒް ހެރަލްޑެވެ. ނާޖިޔާ ވަރަށް ރީއްޗޭ ބުނީމެއްނޫން ހެއްޔެވެ؟]
[ލައްބައެވެ.]

އޭނާ ހިމޭން ވެއްޖެއެވެ. މިސިޒް ހެރަލްޑް ހިނގައްޖެއެވެ. އޭނާ ދިޔައީ ޖަލާލީގެ ކެއުން މިތަނަށް ގެނެސް ދިނުމަށް ނިންމައި ގެންނެވެ.

ޖަލާލީ ކެއީ ގަދަކަމުންނެވެ. އެތެރެހައްޓަށް އެތިކޮޅެއް ވާސިލުވަނީ ސުވަލެއް އަނގައަށްލާތާ އެތައް އިރެއްގެ ފަހުންނެވެ. ފުރާނަ ނުކުމެދާން އުޅޭ ކަހަލައެވެ...... ކުރިއަށް އޮތް ފިޔަވަޅު، އަޅަންވީ ކިހިނެއް ކަމެއްވެސް އެއްގޮތަކަށްވެސް ނޭނގެއެވެ.

އޭނާ ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލަ ހުއްޓެވެ. އެތައް ސިގިރޭޓެއް ހުލިކޮށްލައި ފިއެވެ. އޭނާގެ ކަރު ތެރޭގައި ހިތިރަހަލާން ފަށައިފިއެވެ. އިނގިލިތަކުގެ ނިޔަރޮދިތައް ސިގިރޭޓްގެ ދިލައިން އަނދަން ފަށައިފިއެވެ.

އޭނާ ސިގިރޭޓް ފޮށި ނަގާފައި އެއްލާލައިފިއެވެ.

ދެންއޭނާގެ ވިސްނުން ބަދަލުވާން ފަށައިފިއެވެ.

ގޭގައި އޭނާގެ އަލަތު އަނބިމީހާ އެބައިނެވެ........ އެރީތި އަނބިމީހާ އިނީހަމަ މިގޭގައެވެ.

އޭނާގެ އެތެރަހަށީގައި ޢާންމު އިންސާނެއްގެ ޖަޒުބާތު ހޭލައިފިއެވެ. ރީތި މީހެއްވެސް ނޫނެވެ. އަދި ހުތުރު މީހެއްވެސް ނޫނެވެ. މާޒީ އެއްވެސް ނެތެވެ.

މުސްތަޤްބަލެއްވެސް ނެތެވެ. އޭނާގެ އެތެރެހަށީގައި މިހާރުވަނީ އަނދައަނދާހުރި ބޭނުންތެރި ކަމެކެވެ. އަންހެނެއްގެ ބީހުމުގެ ބަނޑުހައިކަމެވެ. ލޯބީގެ ހޯދުމެކެވެ. ތަފާތު ޖިއްސެއްގެ އެދުމެވެ. ތިމާގެ އަމިއްލަ ޖަޒުބާތުތަކުގެ ކުރިމަތީގައި ތެދުވެރި ކަމާއެކު އިސްޖަހާލަން އެދޭ ބޭނުންތެރި ކަމެކެވެ.

އޭނާ ޖަޔާ ބޭނުމެވެ.

އަންހެނަކު ބޭނުމެވެ.

އަންބަކު ބޭނުމެވެ.

އަދި އެއަންހެންމީހާ މުށުތެރެއަށް އައުމުން އޭނާ ހިމޭނަކުން ނުހުންނާނެއެވެ.

ޖަލާލީގެ ހުރިހާ މަސައްކަތެއް އޭނާގެ އެތެރެހަށީގެ އިންސާނާގެ ކުރިމަތީގައި ބޭކާރުވެއްޖެއެވެ. އެމީހާ ޖަލާލީގެ މިފާޅުވެގެންވާ ވުޖޫދު ދަމާފައި އެތެރެއަށް އަތުވެއްޖެއެވެ.

އޭނާ ބެޑްރޫމަށް ދިޔައީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ބިރުގަތުމުގެ ކަންފުޅެއްވެސް އޭނާގެ ކިބައަކު ނެތެވެ. އެހެން ނަމަވެސް.......

ބެޑްރޫމްގެ ފަރުދާ ކުޑަކޮށް ކަހާލާފައި ސިއްރުން އޭނާ އެތެރެ ބަލާލިއެވެ.

އެވަގުތު އޭނާއަށް ހީވީ ސުވަރުގޭގެ ޙޫރަކު ނިދާފައި އޮތްކަމުގައެވެ. ޖަލާލީ އޭނާގެ އެތެރެހަށީގެ އިންސާނާގެ ކުރިމަތީގައި ހަތިޔާރު ބަހައްޓައިފިއެވެ. އަދި ވަރަށް ލޯތްބާ ޝައުޤުވެރިކަމާއެކު ޖަޔާއަށް ބަލަން ފަށައިފިއެވެ.

މިފަދަ ބައިވެރިއަކު ޙަޔާތަށް އަންނާނެނަމައޭ އޭނާގެ ހިތަށް އަބަދުވެސް އަރައެވެ. މިފަދަ ކުއްޖެއްގެ ތަޞައްވުރު އަބަދުމެ އޭނާގެ ސިކުނޑީގައި އާލާވަމުންދެއެވެ. މިއީ އޭނާގެ ހުތުރުކަމުގެ ރައްދު ޢަމަލުތަކުގައިވެސް ވެދާނެއެވެ. އެހެނީ އޭނާއަކީ ރީތިކަމާމެދު މޮޔަވަމުންދާ މީހެކެވެ.

ނުވަތަ ކުޑައިރު އަހާފައިވާ ވާހަކަތައް އޭނާ މޮޔަކުރުވާފައި ވެއެވެ. ދެޔޯގެ ޤައިދުގައި ރީތި އަންހެން ކުއްޖަކު ޖެހިފައިވާ މަންޒަރު ދުށުމަކީ އަބަދުވެސް އޭނާ އެދޭ އެދުމެކެވެ.

އުފާވެރިކަމުގެ އެތައް ހިނދުކޮޅެއް އޭނާއަށް ގެއްލިފައިވެއެވެ. އެއީ ހަމަ ތަޤްދީރުގެ ރޭއްވެވުމެވެ. ނިދާފައި އޮތް ޖަޔާއަށް ބަލަހައްޓައިގެން އޭނާ ހުއްޓެވެ.

ކޮޓަރިއަށް ވަނުމަށް ބޭއިޚްތިޔާރުގައި އޭނާގެ ހިތް އެދުނެވެ. ޖަޔާ އަތްދަނޑި މައްޗަށް ލުމާއެކު މޭގައި ޖައްސާލާފައި ލޯބިކޮށްލުމަށް އެދުނެވެ.

މި ޖަޒްބާތީ އެދުން ވަރަށް ބޮޑުވިއެވެ. ޖަލާލީގެ ލޭހޫނުވަމުން ދަނީއެވެ. ނާރުތަކުގައި މަސްތުކަން އުފެދެން ފަށައިފިއެވެ.

[އަހަރެން ހުތުރެއްކަމަކު ވާނީ ކީއްހެއްޔެވެ. އަހަންނަކީ އިންސާނަކީމެވެ. ޒުވާން ފިރިހެނަކީމެވެ. އަންހެނަކަށް ފުރިހަމަ ލޯބި ދެވޭފަދަ ޤާބިލިއްޔަތުކަން ލިބިހުރި އިންސާނަކީމެވެ. އޭނާއަށް ޤަދަރު ކުރެވިދާނެއެވެ. ބޭނުންތައް ފުއްދާ ދެވިދާނެއެވެ.]

އޭނާ ހިތްވަރު ކުރަމުން ދިޔައެވެ. ޖޯޝް އުފައްދަމުން ދިޔައެވެ. ސިފަތަކުގެ ސަރަޙައްދު ހުރަސްކުރުމަށް މަސައްކަތް ކުރިއެވެ...... އޭނާ ކޮޓިރައަށް އައީވެސް ޖަޒްބާތުގެ މިއޮއިވަރުގައި ޖެހިގެން ނޫންކަމެއް ނޭނގެއެވެ.

އެކަމަކު...............

ކުއްލިއަކަށް ޖަޔާގެ ލޯހުޅުވިއްޖެއެވެ.

އޭނާ ލޯއުނގުޅަމުން ފަރުދާއާ ދިމާއަށް ބަލާލިއެވެ.

ޖަލާލީގެ ހުރިހާ ހިތްވަރަކާ ޖޯޝެއް އަދި ހުރިހާ ޖަޒްބާތެއް ފެނަށްވެއްޖެއެވެ. އޭނާ ފޮތިގަނޑުން ދޫކޮށްލައިފިއެވެ. އަދި ބާރު ވައިރޯޅިއެއް ފަދައިން ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.

އޭނާ ބޭރަށް ނުކުތްއިރު މަތި ނޭވާލަވެމުން ދިޔައެވެ. ހިތުގެ ވިންދު އެއްވެސް ތަރުތީބެއްނެތި އެގޮތް މިގޮތަށް ޖަހަމުން ދިޔައެވެ. އަތްފައިން ލޮނުދާ ހިއްލައިފިއެވެ.

ކުޑަކޮށް ހަމައަކަށް އެޅިލުމުން އަމިއްލަ ހިތްވަރު ދެރަކަމާ ފިނޑިކަމުގެ މައްޗަށް ވަރަށްބޮޑަށް ރުޅި އަތުވެއްޖެއެވެ. އެއީ އޭނާއަށް ލިބުނު ރަން ދަނޑިވަޅެކެވެ.

މިހާރު..............

އަނެއްކާވެސް އޭނާ މާޔޫސް ވެއްޖެއެވެ.

އޭނާ މަޑުމަޑުން ހިނގާފައި ބޭރުގައި ހަދާފައިވާ ކުޑަކުޑަ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ބޭރުގެ ވައި ވަރަށް ފިންޏެވެ. ސާފު ނޫކުލައިގެ އުޑުގައި ހަނދާ ތަރިތައް ވިދާ ބަބުޅަމުން ދެއެވެ. ސާފު ހަނދުވަރު މުޅި ދުނިޔެއަށް ފެތުރިފައި ވެއެވެ. ގަސްތަކުގެ ގޮފިތައް މަޑުވައިރޯޅީގެ އެހީގައި މަޑުމަޑުން ހެލިލަ ހެލިލާ ހުއްޓެވެ.

ރޭގަނޑު ވޭތުވަމުން ދިޔައެވެ.

ޖަލާލީ ކޮޓަރިއަށް އައިސް އޮށޯވެއްޖެއެވެ. ކޮޓަރި ވަރަށް ހޫނެވެ. އޭނާ ބޯދަށަށް ދެއަތްތިލަ ލައްވާލައިގެން އޮވެ ވިސްނަމުން ދިޔައެވެ.

މިހާރު އޭނާއަކީ އެކަނިވެރިއެއް ނޫނެވެ. ޖަޔާގެ ރީތި ހަށިގަނޑު އޭނާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ.

ޖަޔާ............

ޒުވާން ކުއްޖެކެވެ. އޭނާގެ އަމިއްލަ ހަށިގަނޑެކެވެ. ޤާނޫނީ ގޮތުންނާއި މަޒްހަބީ ގޮތުންނެވެ.

އެކަމަކު......... ހިތްހަމަ ޖެހިލާވަރަށް ބަލާވެސް ނުލެވުނެވެ.

އަތްދަނޑި މައްޗަށް ލައިގެން ލޯބިކޮށްލުމުގެ ފުރުޞަތެއްވެސް ނުލިބުނެވެ.

ހިތުގެ ދުނިޔެ ވަރަށް ރަޙުމް ކުޑަކަމާއެކު އެފުށް މިފުށަށް ޖެހެމުން ދިޔައެވެ.

ދެން..........

ޖަލާލީ އަނެއްކާވެސް ހިތްވަރު ކޮށްލާފައި ދިއުމަށް ނިންމައިފިއެވެ. މިފަހަރު ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ. އެކަމަކު........ އޭނާ ދާނެކަން ހަމަގައިމެވެ. ދިމާވާ ކޮންމެ ހުރަހެއް އޭނާ ފުނޑުފުނޑު ކޮށްލާނެއެވެ. އެއްވެސް ބިރެއްނެތި އޭނާ ދިމާކުރާނެއެވެ. މުޅިން ބިރު ކަނޑާލާނެއެވެ.
***********************

ކުއްލިއަކަށް ވިލާތައް ގިނަވެއްޖެއެވެ. ކުލަކުލައިގެ ވިލާތަކުން މުޅި އުޑުމަތި ފުރިއްޖެއެވެ. ފަޟާއަށް ދުންފިނީގެ ފުސްކަން ވެރިވެ ދުވާލުގެ އަލިކަން ފަނޑުކޮށްލައިފިއެވެ. ފިނީގެ ކޮންމެ ރާޅެއް އަންނަނީ ނުލާހިކު ރަޙުމްކުޑަ ގޮތަކަށެވެ.

ޖަޔާ އިރުއަރަންދެން ނިދަންއޮތެވެ. ރޭގަނޑުގެ ފުރަތަމަދަން އޭނާ ވޭތުކޮށްލީ ހިތްހަމަ ނުޖެހުމުގެ ތެރޭގައެވެ. އެކަމަކު ފަހުދަމަށް އެޅުމުން ހަމަގަދައަށް ނިދިއައެވެ. ވަރުބަލިވެފައި ވުމާވެސް އެކުގައެވެ. ސިކުނޑީގެ ބުރަކަމަށް ލުޔެއް ލިބުނީއެވެ...... އެއްވެސް ޚަބަރެއްނެތި ނިދަން އޮވެވުނީ އެހެންވެގެންނެވެ.

މިސިޒް ހެރަލްޑް ބަލާލަން ދެތިންފަހަރަކު އަތުވެއްޖެއެވެ. އޭނާވެސް ޖަޔާގެ އަރާމު ނިދި ހަލާކު ވެދާނެތީ ގޮވަން ނުކެރިފައި ހުރީއެވެ.

މިހާރު އަނެއްކާވެސް އޭނާ ބެޑްރޫމަށް އަތުވެއްޖެއެވެ. ޖަޔާ ފުރޮޅިލައިފިއެވެ.

[މިސިޒް ޖަލާލީއެވެ.] މިސިޒް ހެރަލްޑް ލޯތްބާއެކު އޭނާއަށް ގޮވާލައިފިއެވެ.

[ހޫނ........] އޭނާ ކުޑަކޮށް ލޯހުޅުވާލުމާއެކު ބަލާލާފައި އަނެއްކާވެސް ނިދައިފިއެވެ.

އެތައް އިރެއްވެއްޖެއެވެ. މިސިޒް ހެރަލްޑް ބޮކިތައް ނިވާލައިފިއެވެ. ކޮޓަރި ރީތިކުރިއެވެ. އެނދުގެ ވަށައިގެން ބެހެއްޓިފައިވާ މަލުގެ ގުލްދަސްތާތައް ހުރީ ތަރުތީބު ގެއްލިފައިވެއެވެ. އޭނާ އެއްޗެހިތައްވެސް ރަނގަޅު ކުރިއެވެ.

ޖަޔާ ލޯހުޅުވާލައިފިއެވެ. މިސިޒް ހެރަލްޑާ ދިމާއަށް އެއްފަހަރު ބަލާލިއވެ. ހަތަރު ފަރާތް ހޯދާ ބަލާލިއެވެ. އަދި ހުރިހާ ހިއްސުތައް ހަމައަކަށް އެޅުމުން ދިގު މޯޅިއަކަށް ދެމިލައިފިއެވެ. ދެން އެނދުގައި ކުޑަކޮށް ހިއްލާލާފައިވާ ހެޑްބޯޑުގައި ބުރަކަށި ޖައްސާލިއެވެ.

އެވަގުތު ހެރަލްޑް ހެނދުނުގެ ސަލާން ކުރިއެވެ.

ޖަޔާވެސް އުފާވެރި އަޑަކުން ޖަވާބުދެމުން ބުންޏެވެ. [ހޭލެވުނުލެއް ވަރަށް ލަސްވެއްޖެއެވެ.]

[ނިދިއައީމާ ނިދޭނެއެވެ. ބިރުގަންނަކަމަކާ ދިމާވީކީ ނޫނެއް ނޫންހެއްޔެވެ.] މިސިޒް ހެރަލްޑް ގުދުވެލާފައި ބުންޏެވެ.

ހަމައެއާއެކު ޖަޔާއަށް ފަރުދާގެ މަތިން ހަނދާން ވެއްޖެއެވެ. މެންދަމުން އަލިވެފާވަނިކޮށް ފަރުދާ ކެހިގެންދިޔަ މަންޒަރު ތަޞައްވަރު ކުރެވިއްޖެއެވެ. އޭނާ ކުއްލިއަކަށް އެދިމާއަށް ބަލަން ފަށައިފިއެވެ.

އެކަމަކު އެއީ މުޅިންވެސް ވަހުމުކަމުގައި އޭނާއަށް ހީކުރެވެން ފަށައިފިއެވެ. އޭނާ މިސިޒް ހެރަލްޑްގެ ވާހަކައިގެ ޖަވާބު ދިނީ ހިނިތުން ވުމަކުންނެވެ.
[އެނދުކޮފީ ގެންނަންހެއްޔެވެ؟]
------------
 (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ