އަދުގެ ޚާއްސަ

Print

ިއިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ އާދަކާދަ


ޢަބްދުﷲ ފާރޫޤު ޙަސަން

މިޒަމާނުގެ ތަރައްޤީއާއި ތަހުޒީބާއެކު އިންސާނުންނަށް ވަނީ ވަރަށް ގިނަ މަސްއަލަތަކަކާ ކުރިމަތިލާން ޖެހިފައެވެ. އޮޅުންބޮޅުން ގިނަ މަސްއަލަތަކެކެވެ. އުނދަގޫ މަސްއަލަތަކެކެވެ. ނަމަވެސް އިންސާނުންގެ ނަސީބު ރަނގަޅުކަމުގެ ކޮޅެއްވެސް ނެތެވެ. މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙްމަތްވަންތަކަމުން މިއިން ކޮންމެ މަސްއަލައެއްގެވެސް ޙައްލު ފެންނާން އެބައޮތެވެ. އިންސާނިއްޔަތަށް ރަޙްމަތެއް ކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އިރްޝާދުތަކުގެ ތެރެއިންނެވެ. އެކަލޭގެފާނުގެ ރީތި، ހަރުދަނާ އުސްވަތަށް ތަބާވެގެންނެވެ.

އަރަހުށި މާތްﷲ އިސްލާމްދީނުގެ ނަބިއްޔާ މިދުނިޔެއަށް ފޮނުއްވީ އިންސާނިއްޔަތަށް މަގުދައްކަވަން ފޮނުއްވާ އެންމެ ފަހުގެ ރަސޫލެއްގެ ޙައިޘިއްޔަތުންނެވެ. އިތުރު ސާހިބާގެ ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރީން އަރަހުށި މާތްﷲ ވަނީ އިންސާނީ ނައުޢުގައި ހިމެނޭ ހުރިހާ އުންމަތްތަކަށް އެކަލާނގެ ޙަޟުރަތުން މަގުދައްކަވާނެ ބޭކަލުން ފޮނުއްވައިފައެވެ. މިދެންނެވި ޢަދަދު ނުކުރެވޭހައި ގިނަ ރަސޫލުންގެ ޒަރީޢާއިން އެކަލާނގެ އަޅުތަކުންނަށް މަގުދެއްކެވުމުގެ އިންތިޒާމު ހަމަޖައްސަވައިފައެވެ. އެހެންކަމުން އެދީލަތިވަންތަ ޒާތުފުޅުން އިސްލާމްދީނުގެ ނަބިއްޔާއަކީ ޤިޔާމަތާ ހަމަޔަށް އެންމެހައި އިންސާނުންނަށް މަގުދައްކަވާ ބޭކަލަކު ކަމުގައި ހަމަޖެއްސެވުމާ ވިދިގެން     އެކަލޭގެފާނުގެ ސީރަތުން އިންސާނުންނަށް ތާއަބަދަށް މަގުފެންނަމުން ދިޔުމަކީ ލާޒިމު ކަމެކެވެ. އިންސާނުންނަށް ދިމާވާ ކޮންމެ މަސްއަލައެއް އެކަލޭގެފާނުގެ އަލީގައި ޙައްލުކުރެވުމަކީ ލާޒިމު ކަމެކެވެ.

އިންސާނުންނަށް ދިމާވާ މަސްއަލައަކީ ކިތަންމެ އުނދަގޫ މަސްއަލައެއް ކަމުގައި ވިޔަސް، ކިތަންމެ އޮޅުންބޮޅުން ބޮޑު މަސްއަލައެއް ކަމުގައި ވިޔަސް އިތުރު ސާހިބާގެ ޒަރީޢާއިން އެކަމެއް ޙައްލުނުކުރެވޭ ނަމަ ނަބީކަން ޚަތިމުކުރެއްވުމުގެ މަފްހޫމު ވީހީ ތަފާތު މަފްހޫމަކަށެވެ. އެހެނީ އިންސާނާ އަބަދުވެސް ވަނީ އޭނާ ހެއްދެވި ފަރާތްޕުޅުގެ މަގުދެއްކެވުމަށް ބޭނުންވެފައެވެ. އެހެންކަމުން ރަސޫލު ބޭކަލެއްގެ މަގުދެއްކެވުމުގައި އޭނާގެ މަސްއަލަތަކުގެ ޙައްލު އެކުލެވިފައި ނުވާނަމަ އޭނާ އެވަނީ އެހެން ރަސޫލު ބޭކަލަކަށް ބޭނުންވެއެވެ. ނަމަވެސް އިސްލާމްދީނުގެ ނަބިއްޔާގެ ޒަރީޢާއިން އަރަހުށި މާތްﷲ ވަނީ ދީން ފުރިހަމަކުރައްވައިފައެވެ. އިސްލާމްދީނަކީ އެކަލާނގެ ރުހިވޮޑިގެންވާ ދީންކަން އަންގަވައިފައެވެ. ރަސޫލުން ފޮނުއްވުމުގެ ސިލްސިލާގައި ނިންމެވުމުގެ ސިއްކަ ޖައްސަވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ސީރަތުންނާއި އެކަލޭގެފާނު ތަޢުލީމުގެ ދާއިރާއިން އިންސާނުންގެ ހުރިހާ މަސްއަލަތަކެއްގެ ޙައްލު ފެންނާން ޖެހެނީ މިދެންނެވި ސަބަބާ ހުރެއެވެ.
 
(( الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا ))

"މިއަދު، ތިޔަބައިމީހުންގެ ދީން، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި، ތިމަންރަސްކަލާނގެ ނިޢުމަތް، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން ތިޔަބައިމީހުންނަށް ދީނެއްކަމުގައި ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ." (އަލްމާއިދާ: 3)

މިޒަމާނުގައި އިންސާނުންނަށް ކުރިމަތިވެފައިވާ މަސްއަލަތަކާ ގުޅިފައިވަނީ އޭނާ އީޖާދުކޮށްފައިވާ ތަކެއްޗަކާ ނޫނެވެ. އޭނާގެ ބިނާކޮށްފައިވާ ނަޒަރިއްޔާތަކާއެވެ. އޭނާ އުފައްދާފައިވާ ފަލްސަފާތަކާއެވެ. އޭނާގެ ފިކުރާއި ޚިޔާލު ގެންގުޅެފައިވާ ދާއިރާތަކާއެވެ. އިންސާނާ އޭނާގެ ފިކުރާއި ވިސްނުމުގެ ޒަރީޢާއިން އުފައްދައިފައިވާ ފިކުރީ ވެޅޫގަނޑުގައި އޭނާ ހައްޔަރުވެފައި ވަނީ އޭނާގެ އެއްވެސް އާރެއްބާރެއް ނޯންނަފަދަ ގޮތަކަށެވެ. ހުރިހާ އިޚްތިޔާރެއް ނިގުޅައިގަނެވޭފަދަ ގޮތަކަށެވެ. އިންސާނީ ހުރިހާ މުޖްތަމަޢުތަކެއްވެސް، ހުރިހައި ޤައުމުތަކެއްވެސް ވަނީ އެ ވެޅޫގަނޑުގެ އެނބުރޭ އޮއިވަރުގައި ހައްޔަރުވެފައެވެ.

އިންސާނާއަށް ކުރިމަތިލާން ޖެހިފައިވާ އަފޫރުއްބަ މަސްއަލަތަކުގެ ތެރެއިން އެންމެ ނާމާން މަސްއަލައަކީ ސެކިޔުލަރިޒަމުގެ މަސްއަލައެވެ. އެހެން ބަހުރުވައަކުން ދާނަމަ އިލްޙާދުގެ މަސްއަލައެވެ. އެމަސްއަލަ ވަނީ އޭނާގެ ހިތްހަމަޖެހުން އަތުލައިގެންފައެވެ. އޭނާގެ ނިދި ޙަރާމްކޮށްފައެވެ. އަމިއްލައެދުމާއި އަމިއްލަ މަޞްލަޙަތަށް އަޅުކަން ކުރުމުގެ ބިރުވެރި ޠޫފާނެއްގައި ހައްޔަރުކޮށްފައެވެ. އިންސާނާއަށް ކުރިމަތިވެފައިވާ މަސްއަލައަކީ ޚުދު އޭނާ ކަހަލަ އިންސާނުންތަކެއް އޭނާގެ މައްޗަށް ކައުވެގެން ތިބުމެވެ. އިންތިހާ ދަރަޖައިގެ އަމިއްލައެދުން ބޮޑު މީހުންތަކެކެވެ. ފިތްކަނޑައިގެންދާ ފަދަ އަނިޔާވެރި ބައެކެވެ. އޭނާގެ މަސްއަލައަކީ އޭނާގެ އެއްވެސް ލަގަނެއް ނެތް މިނިވަންކަމެވެ. އޭނާގެ އެއްވެސް އިމެއް ނެތް އަމިއްލަވަންތަކަމެވެ. އެކަންތައް ވަނީ އިންސާނުންގެ އެއްބަޔަކު އަނެއް ބަޔަކާ ރުޅިކުރުވައިފައެވެ. ޢަދާވާތްތެރިކުރުވައި ދުޝްމިނު ކުރުވައިފައެވެ. އޭނާގެ މަސްއަލައަކީ އެކަކަށްވުރެ ގިނައިން އަނެކަކު މުދަލާއި ފައިސާ އެއްކުރުމުގެ ދަހިވެތިކަމެވެ. އެކަމުގެ ވާދަވެރިކަމެވެ. އެކަންތައްވަނީ އޭނާ ދެފުށްދެގޮތް ކުރުވައިފައެވެ. އޭނާގެ މުޖްތަމަޢު ގިންތިތަކާއި ފަންތިތަކާއި ފަންވަތްތަކަށް ބަހައި ބައިބައިކޮށްފައެވެ. އެއްބަޔަކު އަނެއް ބަޔެއްގެ ހަތުރުން ކަމުގައި ހަދައިފައެވެ. އެއްބަޔަކު އަނެއްބަޔަކާ މެދު ހިތްކަޅު ކުރުވައިފައެވެ. އިންސާނާގެ މުޞީބާތަކީ ސުލޫކީ މިންގަނޑުން މިންއަޅާއިރު ނުހަނު ދަށު ދަރަޖައެއްގެ ވެރީންތަކެކެވެ. މަސްތުވާތަކެއްޗަށް ދެވި ހިފައިފައި ތިބި ބައެކެވެ. މިދެންނެވި ފަދަ ވެރީން ވަނީ ޤައުމުތައް ހުރިހުރިގޮތަށޭ ބުނެވޭ ފަދަ ފުޅާ ދާއިރާއެއްގައި އެޤައުމުތަކުގެ ރައްޔިތުން މަސްތުވާތަކެތީގެ އަވާގައި ޖައްސައިފައެވެ. އިންސާނާގެ މަސްއަލައަކީ ޚުދު އޭނާއަށް އޭނާގެ ދިރިއުޅުމުގެ މަޤްޞަދު އޮޅުން ނުފިލުމެވެ. އިންސާނާގެ މަސްއަލައަކީ އަޚްލާޤީ މިންގަނޑެއް އޮޅުން ނުފިލުމެވެ. އަޚްލާޤީ އުޞޫލުތަކެއް ބަލައިނުގަނެވުމެވެ.

އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބާވުމެއް ނެތް ޢިލްމީ އަދި ފިކުރީ އަގުތަކެއް ދަސްކޮށްދެއްވައިފައެވެ. އެ ޢިލްމީ އަދި ފިކުރީ އަގުތަކުގެ އެހީގައި އޭނާއަށް އޭނާގެ މުޞީބަތުގެ ފަކޫގަނޑުން ބޭރުވެވިދާނެއެވެ. ސަލާމަތާއި ހިތްހަމަޖެހުމުގެ އައްސޭރިއެއް އަތުލައިގަނެވިދާނެއެވެ. އެހުރިހާ އަގުތަކެއް ވަނީ އިސްލާމްދީނުގެ ނަބިއްޔާއަށް ބާވައިލެއްވި ފޮތާއި އެކަލޭގެފާނު އުޅުއްވި ގޮތުގައި ޝާމިލުވެގެންނެވެ. އިންސާނާގެ ހުރިހާ މަސްއަލަތަކެއްގެ ޙައްލު ފޮރުވިފައި ވަނީ އެ ދެ ވަޞީލަތް ބަލައިގަތުމުގައެވެ. އެ ދެ ވަޞީލަތަށް ތަބާވެ ބޮލަރުވައިގެން އުޅުމުގައެވެ.

ކާއިނާތުގެ ވަޙްދަތު


އިސްވެދިޔަތާނގައި ބަޔާންކޮށްފައިވާ އަގުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ކާއިނާތުގެ ވަޙްދަތެވެ. ކީރިތި ޤުރްއާނާއި ސުންނަތުގެ އިރްޝާދުތަކުންނާއި، ކާއިނާތާ މެދު ވިސްނައި ފިކުރުކޮށް ތަޖްރިބާކުރުމުން އެކަން އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރުގެ ކަނޑުން ތިލަވެގެން އާދެއެވެ. އަޅުގަނޑުމެންގެ ވަށައިގެން ފެތުރިފައިވާ ނުވަތަ އަޅުގަނޑުމެން ވަށައިލެވިފައިވާ ނުވަތަ އަޅުގަނޑުމެންގެ ވަށައިގެން ވިހުރުވައިލެވިފައިވާ ހުރިހާ އެއްޗެއްސެއްގައިވެސް ތަޚްލީޤީ ވަޙްދަތެއް ވެއެވެ. އެހުރިހާ އެއްޗެހިތަކެއްގައިވެސް ވަނީ އެއް ފިކުރެކެވެ. އެއް ރޭވުމެކެވެ. އެއްކަހަލަ ގުޅުމެކެވެ.

އެތަކެތީގައި އެކަތި އަނެކައްޗާ އެއްގޮތްކަމެއް ހުރެއެވެ. ގުޅޭގޮތް ހުރެއެވެ. އެތަކެތިވަނީ ފުރިހަމަ ތަރުތީބެއްގެ މަތީން އަތުރާލެވިފައެވެ. ރީތި އުފެއްދެވުމެއްގެ މަތީން އުފައްދަވައިފައެވެ. އެތަކެތީގެ މެދުގައި ފިކުރީ ރޫޅުމެއް ނުވެއެވެ. އެއްފަހަރު އެއްގޮތަށް އަނެއް ފަހަރު އެއާ އިދިކޮޅަށް ވާހަކަތައް ބަޔާންކުރާ ވިސްނުމެއް ނެތެވެ. މިހުރިހާ ކާއިނާތެއްގެވެސް މިޞުރާބަކީ އެއް މިޞުރާބެކެވެ. އެއް ޤާނޫނެކެވެ. އެއް ބާވަތެއްގެ ތާސީރެކެވެ. މިހުރިހާ އެއްޗެއްސަކީވެސް އިންތިޒާމުކުރައްވައި ޚަލްޤުކުރައްވާ މަތިވެރި މާތް ޒާތުފުޅެއްގެ އުފެއްދެވުންތަކެކެވެ. މިހުރިހާ ތަކެއްޗެއްވެސް ވަނީ މެޝިނެއްގެ ފުރޮޅުތަކެއް ނުވަތަ ބައިތަކެއް ފަދައިން އެކަތި އަނެކައްޗާ ގުޅިފައެވެ. އެކަތި އަނެކައްޗަކަށް ބޭނުންވެއެވެ. އެކައްޗަކީ އަނެކައްޗެއް ފުރިހަމަކޮށްދޭ އެއްޗެކެވެ. ކާއިނާތުގައިވާ މިދެންނެވި އެއްގޮތްކަމާއި ގުޅުން ސާބިތުކޮށްދެނީ އެތަކެތި އުފެއްދި ތަފާތު ޚާލިޤުންތަކެއް ނުވާކަމެވެ. އަދިކީއްތޯއެވެ! މިހުރިހާ އެއްޗެއްސެއްގެ ޚާލިޤަކީ އެއްކައުވަންތަ ޒާތުފުޅެއް ކަމެވެ. ކުޑަކުޑަ ވެލިފުކަކުން ފެށިގެން ބޮޑު ފަރުބަދަޔަކަށް ދާންދެން، ބިޔަ ސަހަރާއަކުން ފެށިގެން މަލެއްގެ ކަރުގަނޑުގައި ވާ ފުށްކޮޅަކަށް ދާންދެން، ފެންތިއްކަކުން ފެށިގެން މާސިންގާ ކަނޑަކަށް ދާންދެން، ކުޑަކުޑަ ސެލަކުން ފެށިގެން ބޮޑު ސިންގާ ޖަނަވާރަކަށް ދާންދެން ހުރިހާ އެއްޗެއް ހެއްދެވީ އެކުޅަދުންވަންތަ ޚާލިޤެވެ. އެއް ބާވަތެއްގެ މެޝިނަރީއެއް ތަފާތު އެއްޗެހިތަކެއްގެ ގޮތުގައި އެކިސިފަސިފައިގައި އިންސާނާގެ ކުރިމައްޗަށް ހުށަހެޅުއްވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމެވެ. ތަޚްލީޤީ ފަންނުގައި ވަޙްދަތު އެކުލެވިފައިވާ ގިނަ މަޚްލޫޤުތަކެއް އެކި ބާވަތުގެ ތަކެތީގެ ސިފައިގައި އިންސާނުންގެ ލޯތަކުގެ ކުރިމަތީގައި ތަމްސީލުކޮށްދެއްވިކަމީ ކުޅަދުންވަންތަކަމެވެ. ކީރިތި ޤުރްއާނާއި ސުންނަތަކީ މިދެންނެވި ކާއިނާތުގެ ވަޙްދަތުގެ ދާއިމަށް ދެމިހުންނަ ދެހެއްކެކެވެ. މިއީ ކާއިނާތުގެ ޚާލިޤުގެ އެއްކައުވަންތަކަމުގެ ތަފާތެއް ނާންނަ ދެހެއްކެކެވެ. މި ޙަޤީޤަތް ވިސްނައިގަތުމަކީ އިންސާނާގެ ހުރިހާ ފިކުރީ ގޮށްތަކެއް މޮހައިދޭނެ ކަމެކެވެ. އޭނާގެ ހުރިހާ ޙައިރާންކަމެއް ފިލުވައިދޭނެ ކަމެކެވެ.
-------------
(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ