އަދުގެ ޚާއްސަ

Print

ިދިވެހި ޝަޚްޞިއްޔަތު ބިނާކުރުން (1)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

ދިވެހިންގެ ދީން


ޢަބްދުﷲ ކަމާލުއްދީން

އެންމެ ފުރަތަމައިން ވެސް އަޅުގަޑުގެ ހިތަށް އެރީ އަޅުގަޑުމެންގެ ޝަޚުޞިއްޔަތު ބިނާކޮށް ނިމޭއިރު އަނެއްކާ ޤައުމު އޮންނާނީ ކިހިނަކުން ބާ އެވެ؟ އަޅުގަޑުމެންވާނީ އެއްގޮތަކަށް ހެދުން އަޅާފައި ތިބޭ، އެއްގޮތަކަށް ރީތި ވެގެން ތިބޭ، ވެރިމީހާ އަތް އުފުލާލީމާ ފަހަތުން އަތް އުފުލާލާ، އޭނާ ނޭފަތް ކަހާލީމާ ފަހަތުން ނޭފަތް ކަހާލާ، އޭނާ ކަރުކެހިލީމާ ފަހަތުން ކަރުކެހިލާ ބަޔަކަށް ބާވައެވެ؟ ނޫނެކެވެ. އަޅުގަޑަގެ މަޤުޞަދަކީ ހަމަ ގައިމުވެސް އެޔެއްނޫނެވެ. އަޅުގަޑުގެ މަޤުޞަދަކީ އަޅުގަޑުމެން ކޮންމެ މީހެއްގެ ދިރިއުޅުމަކީ ވެސް ދިވެހިވަންތަ، ރިވެތި މާތް އިންސާނީ ސިފަތައް ދައްކައިދޭ ދިރިއުޅުމަކަށް ވުމާއި، އަޅުގަޑުމެން ދިރިއުޅެމުން މިދާ މުޖުތަމަޢަކީ ވެސް، އެފަދަ ފަރުދީ އަގުމާތް ސިފަތަކުގެ މައްޗަށް ބިނާ ކުރެވިފައިވާ ހިތް ގައިމު އުފާވެރި މުޖުތަމަޢަކަށް ވުމެވެ.

      އެފަދަ މުޖުތަމަޢެއް ބިނާ ކުރުމަށް އަޅުގަޑުގެ ނަޒަރުގައި އަޅުގަޑުމެންގެ ޝަޚުޞިއްޔަތުގައި ހުރުން ލާޒިމް ކުރާ ސިފަތަކަކީ؛

1.     ތެދުވެރިކަމާއި އިޚުލާޞްތެރިކަމުގެ ސިފަ ކުރިޔަށް ނެރުން.

2.     އަނެކާއަށް އިޙުތިރާމްކޮށް ކަމޭ ހީތުމާއި އޭނާގެ ޙައްޤުތަކަށް ރައްކާތެރިވުން.

3.     ޙައްޤާއި އިންސާފާ އެއްކޮޅަށާއި ބާޠިލާއި ބޭއިންސާފާ އިދިކޮޅަށް ތެދުވެ އަޑު އުފުލަން ކެރުން.

4.     ކާމިޔާބީއާ އުފަލާ ކުރިމަތިލާ ފަދައިން ނާކާމިޔާބީއާ ހިތާމަޔާ ވެސް ކުރިމަތިލާން ކެރުން.

5.     އަނެކާގެ މޮޅުކަން ހިތުގެ އަޑިން ގަބޫލުކުރުމާއި އޭނާ އަށް ތަރުޙީބު ދިނުމަށް އަވަސްވެ ގަތުން.

6.     ރުޅި މަޑުކޮށް ކެތްތެރިކަމާ އެކު ކަންކަމާ ކުރިމަތިލުން.

7.     ތިމާގެ އުނިކަންކަމާއި ކުށަށް އިޢުތިރާފުވާން ކެރުމާއި، އެ ކަންކަން އިޞްލާޙު ކުރަން މަސައްކަތް ކުރުން.

8.     ތިމާގެ އުޅުމުގަޔާއި ބަސްމޮށުމުގައި ރިވެތި އަޚުލާޤާއި އަދަބު ކުރިޔަށް ނެރުން.

9.     ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ތިމާއަށް އެނގިހުރި އެއްޗަކާއި، ބުއްދިއާއި، ޙިކުމަތު ޢަމަލީ ކުރިޔަށް ނެރުމާއި އުނގެނުމަށާއި މަޢުލޫމާތު
       ހޯދަން އަބަދު ވެސް މަސައްކަތް ކުރުމާއި، ނޭނގޭ ވާހަކަ ނުދެއްކުމާއި، ކަންކަމުގެ ދެކޮޅު ނުބަލާ ވާހަކަ ނުދެއްކުމާއި ޢަމަލު ނުކުރުން.

10. ވާޖިބު އަދާ ކުރުމަށާއި މައްސޫލިއްޔަތު އަދާކޮށް ޒިންމާ އުފުލަން އަބަދުވެސް ތައްޔާރަށް ހުރުން.

އަޅުގަޑުމެންގެ ދިރިއުޅެމުން މިދާ މުޖުތަމަޢުގެ ޙާލަތު އަދު އޮތްގޮތަށް ބަލާފައި އަޅުގަޑުމެންގެ ޝަޚުޞިއްޔަތުގައި ހުރުން މުހިއްމު ކަމުގައި އަޅުގަނޑު ދެކޭ މަދު ސިފަތަކެއް މަތީގައި ބަޔާން ކޮށްލާފައި ވީނަމަވެސް، ހަރުދަނާ ޝަޚުޞިއްޔަތެއްގައި އެ ނޫން އެތައް ރިވެތި ސިފައެއް ހުންނާނެކަމާ މެދު އަޅުގަޑު ޝައްކެއް ނުކުރަމެވެ. އަޅުގަޑަށް ހަމަ ގައިމުވެސް ގަބޫލު ކުރެވެނީ ޝަޚުޞިއްޔަތު ބިނާ ކުރުމުގެ އެންމެ މުހިއްމު އަސާސަކީ ދީން ކަމުގަ އެވެ. އިންސާނުން އެ މައްޗަށް ތަބާވާ ހުރިހާ ދީނެއްގައި ވެސް ނުބައި ކަންކަން މަނާ ކުރެ އެވެ. އަދި ރަނގަޅު ކަންކަމަށް ބާރު އަޅައެވެ. އެހެންވީއިރު، އެ ހުރިހާ ދީނެއްގެ މައްޗަށް މާތް ﷲ ބާވާލެއްވި އެކަލާނގެ ރަސްކަންފުޅަށް ނިސްބަތްވާ ހަމައެކަނި ދީން ކަމުގައިވާ އިސްލާމް ދީނަކީ ނުބައި ކަންތައް މަނާ ކުރުމާއި ރަނގަޅު ކަންކަމަށް ބާރު އެޅުމުގެ އެންމެ ފުރިހަމަ މިސާލު ކަމީ ކަށަވަރުވެގެންވާ ކަމެކެވެ. އަޅުގަޑުމެން ދިވެހިންނަކީ މީގެ އަށްސަތޭކަ ފަންސާސް އެތައް އަހަރެއް ކުރިން އަޅުގަޑުމެންގެ ފަޚްރުވެރި ތާރީޚުގެ އެންމެ ކުރިއްސުރެ ފެށިގެން މާތްވެގެންވާ އިސްލާމް ދީނަށް ތަބާވެގެން ތިބި ބަޔަކީމުއެވެ. މިހާތަނަށް އައި އިރު ވެސް އަޅުގަޑުމެންގެ ދައުލަތާ ދިރިއުޅުމާ ބެހޭ ހުރިހާ ކަމެއް ބިނާކުރެވިފައިވަނީ އެ ދީނުގެ މައްޗަށެވެ.

އަޅުގަޑުމެން އިސްލާމް ދީން ބަލައިގެންފައިވަނީ އިސްތިސްނާ އެއްނެތި ހުރިހާ ދިވެހި ރައްޔިތުންގެ ޚިލާފެއްނެތް އެއްބަސްވުމަށެވެ. އެހެންކަމުން އިސްލާމް ދީނަކީ އަޅުގަޑުމެން ދިވެހިންގެ އެންމެ މުހިއްމު އެންމެ މުޤައްދަސް ދުސްތޫރެވެ. އަށް ސަތޭކަ ފަންސާސް އަހަރު ކުރިން ހުރިހާ ރައްޔިތުން ނިންމާފައިވާ ނިންމުމެއް މި އަދ ުވެސް ހުރިހާ ރައްޔިތުންގެ އެއްބަސްވުމަކަށް ނޫނީ ރައްޔިތުންގެ އަޣުލަބިއްޔަތު އެދިގެންނޫނީ ބަދަލެއް ނުކުރެވޭނެ އެވެ. އެ އުޞޫލުން ހިނގާ ކަމެއް ވަކި މީހަކަށް، ނުވަތަ ބަޔަކަށް، ނުވަތަ  ޕޮލިސީ އަކުން ބަދަލެއް ނުކުރެވޭނެއެވެ. އޭގެ މައްޗަށް ބޭރު ގެ ދައުލަތްތަކަކަށް ވެސް ނުފޫޒެއް ނުހިންގޭނެ އެވެ. އެ ދުސްތޫރުގެ މަތީގައި ތިބެގެން ބޭރުގެ ޤައުމުތަކާއެކު އަޅުގަޑުމެން ބަހައްޓަންޖެހޭ ރަޙްމަތްތެރި ކަމާއި ގުޅުންތައް އެންމެ ބަދަހިކޮށް ދަމަހައްޓަން އަޅުގަޑުމެން ތިބެންވާނީ ތައްޔާރަށެވެ. އަޅުގަޑުމެންގެ ގޮތުގައި ތިބެގެން އަޅުގަޑުމެން އެހެން މީހުންނަށް ކުރާ އިޙުތިރާމް އެހެން މީހުން އަޅުގަޑުމެންނަށް ވެސް ކުރަން ޖެހޭނެއެވެ.

އުސޫލުތައް އުފައްދައި ބިނާ ކުރުމުގައި އެތަނެއްގެ ޚާއްޞަ ސިފަތަކަށް ވަރަށް ބޮޑަށް ބަލަންޖެހޭނެއެވެ. އަޅުގަޑުމެންގެ ޤައުމަކީ އެވްރެޖުކޮށް ރަށެއްގެ ބޮޑު މިނުގައި އެއް އަކަ ކިލޯމީޓަރު ވެސް ހަމަނުވާ، އެވްރެޖުކޮށް ރަށެއްގެ އާބާދީގައި ކިރިޔާ އެއްހާސް މީހުން ހަމަވާ، ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެކެވެ. މި ރަށްތަކުގައި މި ވޭތިވެ ދިޔަ އަށްސަތޭކަ ފަންސާސް އެތައް އަހަރެއް ވަންދެން އިސްތިސްނާ އެއް ނެތި ހުރިހާ އެންމެން ވެސް ދިރިއުޅެމުން އައިސްފައިވަނީ އިސްލާމް ދީނަށެވެ. މިއަދު ކުއްލިއަކަށް އެމީހަކު ބޭނުންވާ ދީނަކަށް އެމީހަކު އުޅުމުގެ ޙައްޤު ކޮންމެ އިންސާނަކަށް ވެސް އޮންނަންވާނެޔޭ ބުނެފައި، ފާޅުގައި އެހެން ދީންތަކަށް މަދު ބަޔަކު އުޅުމަކީ، މުޅި މުޖުތަމަޢު ޤަބޫލުކުރާނެ ކަމެއް ނޫނެވެ. އަދި ފާޅުގައި އެކަން ކުރަން ފަށައިފިނަމަ، މުޖުތަމަޢު ހަލާކުވެގެން ދިޔުންނޫން އެހެން ނަތީޖާއެއް ނުނިކުންނާނެ އެވެ. މި ޤައުމުގައި އިސްލާމް ދީން ނަގަހައްޓާ ދެމެހެއްޓުމުގެ މަސައްކަތް ދައުލަތުގެ ފެންވަރުގަޔާ، ސިޓީ އަދި އަތޮޅު، ރަށު، އަދި ޢާއިލީ ފެންވަރުގައި ވެސް މެދުކެޑުމެއްނެތި ފަރުވާތެރި ކަމާ އެކު ކުރަމުން ގެންދަންޖެހޭ ސިޔާސީ ސަބަބަކީ އެއީ އެވެ.

ކަން މިހެން އޮތް ނަމަވެސް، އަޅުގަޑުމެންގެ މުޖުތަމަޢުގައި އިސްލާމް ދީނާ އިދިކޮޅު މީހުން ގިނަވަމުންދާ ކަމީ އެކަމާ މެދު މުޖުތަމަޢު ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހިފައިވާ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަޑު އެންމެ ކަންބޮޑުވާ ކަމަކީ ދަންނަ ބޭކަލުންނާ ދޭތެރޭ މީހުން ދެކޭ ގޮތް ގޯސް ވަމުން އަންނަ މައްސަލަ އެވެ. އަޅުގަޑުމެން ބޮޑުވެގެން އައި ދުވަސްވަރަކީ ޤައުމުގައި ތިއްބެވި މަދު ދަންނަ ބޭކަލުންނާ މެދު ނުހަނު ލޯތްބާއި އިޙުތިރާމާއެކު މީހުން ދެކެމުން އައި ދުވަސްވަރެކެވެ. އެހެން އެވީ އެއީ، ދަންނަ ބޭކަލުން ފިޔަވައި ދެންތިބި މީހުންނަށް އެނގޭލެއް ކުޑަވެގެން ވީގޮތެއް ކަމުގައި ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މި އަދަކީ އެހެން ޒަމާނެކެވެ. އިންޓަރނެޓާއި ކޭބަލް ޓީ.ވީ. ފަދަ ވަސީލަތްތައް މެދުވެރިކޮށް އެމީހަކު ބޭނުން މަޢުލޫމާތެއް އެމީހެއްގެ އިނގިލި ކުރީގައި ހުރި ޒަމާނަކަށް މިޒަމާންވާތީ، މީހުންގެ ހިތުގައި ދަންނަބޭކަލުންނާ މެދު އޮންނަ އިތުބާރު ކުޑަވުމަކީ ފަހަރުގައި ވެދާނެ ގޮތެކެވެ. އެހެންނަމަ ވެސް، ދަންނަ ބޭކަލުންނަކީ އަޅުގަޑުމެންގެ ޢާއްމު ދިރިއުޅުމުގައި ދިމާވާ ކަމަކާ ގުޅިގެން، ނޫނީ ހިތަށް އަރާ އެއްޗަކާ ގުޅިގެން ހޯދާލާ ހޯދާލުމަކުން ލިބޭ މަޢުލޫމަތަކަށްވުރެ ބޮޑަށް ވަކި މައްސަލައަކާ ގުޅިގެން މާފުޅާ ނަޒަރަކުން ބައްލަވާ އެކަމެއް ދިރާސާ ކުރައްވައި އުނގެނިވަޑައިގަނެގެން ތިއްބެވި ބޭފުޅުން ކަމާއި، އެބޭފުޅުން ދައްކަވާ ވާހަކަފުޅެއް އަޅުގަޑުމެންނަށް ގަބޫލު ނުކުރެވޭ ނަމަ އެ ބޭފުޅުންނާ ސުވާލުކޮށް އޮޅުން ފިލުވައިގެންވެސް އެބޭފުޅުންގެ އިރުޝާދުތަކަށް އަޅުގަޑުމެން ކަމޭ ހީކޮށް އެ ބޭފުޅުންނަށް ޙައްޤު އިތުބާރު އަޅުގަޑުމެން އަރުވަން ޖެހޭނެ ކަމުގައި އަޅުގަޑު ދެކެމެވެ.

މިހިސާބުން މައްސަލަ ނިމުނީއަކީ ނޫނެވެ. މި ވަމުންދާ ގޮތާ މެދު ދަންނަ ބޭކަލުން މާބޮޑަށް ވިސްނާވަޑައިގަންނަވަންޖެހޭ ކަމުގައި އަޅުގަނޑު ދެކެމެވެ. އަޅުގަޑު ކުރިން ދެންނެވި ވަސީލަތްތަކުގެ ނުފޫޒު މީހުންގެ މައްޗަށް އެކި ގޮތްގޮތުން ފޯރަމުންދާ ދުވަސްވަރެއްގައި މިސްތަކުންނަށް ދީން އަންގަވައި ދެއްވަންވާނީ ވަރަށް ވިސްނުންތެރި ކަމާއި ޙިކުމަތްތެރިކަމާ އެކުގައެވެ. އެއިރަކު ވެސް އަދި މިހާރަކު ވެސް ހަރުކަށިކަމެއް މީހުން ބަލައެއް ނުގަންނާނެއެވެ. އަދި ދީނީ ކަންތައްތައް ބިރެއްގެ ގޮތުގައި ދެކޭކަށެއް ވެސް މީހުނެއް ބޭނުމެއް ނުވާނެއެވެ. ދަންނަ ބޭކަލުންގެ ފަރާތުން އެފަދަ ހަރުކަށި ވާހަކަތައް އިވުމަކީ، މީހުންގެ ހިތުގައި އެ ބޭފުޅުންގެ މައްޗަށް އޮންނަންޖެހޭ  ޤަދަރާއި، އިޙްތިރާމާ، އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ. މަޑުމައިތިރި ކަމާއި އޯގާވެރިކަމާ އެކު ދީނުގެ ވާހަކަ މީހުންނަށް ކިޔާ ދެއްވުމުން، މީހުން އެ ވާހަކަތައް ގަބޫލުކުރާލެއް ބޮޑުވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. މި ރާއްޖޭގައި ކުރިން އުޅުއްވި ދަންނަ ބޭކަލުންނާ އަދި މިހާރު ވެސް އުޅުއްވާ ބައެއް ދަންނަބޭކަލުންގެ ވާހަކަފުޅުތައް މީހުން އެހާ ފަސޭހައިން ގަބޫލު ކުރަނީ، އެބޭފުޅުން ގެންގުޅުއްވި އަދި ގެންގުޅުއްވާ މަޑުމައިތިރި މިޒާޖުފުޅުގެ ސަބަބުން ކަމަށް އަޅުގަޑަށް ގަބޫލުކުރެވެއެވެ. ޤައުމުގެ ޢިލްމު ވެރިންނާ ވެރިންގެ ކިބައިގައި އެއްވެސް މިންވަރެއްގެ ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް ނުވަތަ ހަރުކަށިކަމެއް ވިޔަސް ފެންނާކަށް ހަމަ އެއްވެސް ރައްޔިތަކު ނޭދޭނެއެވެ.

އަޅުގަޑު ދެކޭ ގޮތުގައި ދަންނަބޭކަލުން ސިޔާސީ މަގާމުތަކުގައި ތިއްބެވުމަކީވެސް ރައްޔިތުން މެދުގާ އެބޭފުޅުންނަށް އޮންނަންޖެހޭ އިހުތިރާމާ އިތުބާރު ކުޑަވެގެންދާ ކަމެކެވެ. ވާނީ އެހެންނޫންތޯއެވެ؟ ޕްލޫރަލިސްޓިކް ޑިމޮކްރެޓިކް މުޖުތަމަޢެއްގައި ސިޔާސީ މީހުންނާ އިދިކޮޅު މީހުން އުޅޭނެއެވެ. އެމީހުންގެ މަސައްކަތަކަށްވާނީ  އިދިކޮޅު ސިޔާސީ މަގާމްތަކުގައި ތިބޭ މީހުންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވައްޓާލުމެވެ. އޭގެ ތެރޭގައި ސިޔާސީ މަގާމުތަކުގައި ތިއްބަވާ ދަންނަ ބޭކަލުން އިސްތިސްނާއެއް ނުވެއެވެ.

ތެދުފުޅެކެވެ. އިސްލާމީ ޤައުމެއްގައި ދީނާ ދައުލަތާ ވަތްކެއް ނުކުރެވޭނެއެވެ. އިސްލާމީ ދައުލަތެއްގެ ސިޔާސަތުތައް ބިނާ ކުރެވެންވާނީ ދަންނަބޭކަލުންގެ ރައުޔަށް ބަލައިގެން އިސްލާމް ދީނާ ޚިލާފު ނުވާ ގޮތުގެމަތިންނެވެ. އެކަން ކުރުމަށްޓަކައި ބޭނުންވަނީ ވެރިކަމާ ދަންނަބޭކަލުންނާ ދެމެދު އިޙުތިރާމާ އިތުބާރުގެ މައްޗަށް ބިނާ ކުރެވިފައި ދެމިއޮންނަ ބަދަހި ގުޅުމެކެވެ. އަދި ދައުލަތުގެ ވެރިން، ޚާއްޞަކޮށް ޤައުމުގެ ވަލިއްޔުލް އަމްރު ދަންނަބޭކަލުންނާއެކު  ދީނީ ކަންކަމުގައި ބައިވެރިވެވަޑައިގެން އުޅުއްވުމެވެ. އެކަންވާނީ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ހިތްވަރަކާ ޔަގީން ކަމަކަށެވެ.     

ދީނީ ކަންކަން ހިންގާ ބެލެހެއްޓުމަކީ މުޖުތަމަޢުގެ ޞުލްޙަ މަސްލަސް ކަމާއި އުފާ ފާގަތި ކަމަށްޓަކައި ވަރަށް ރައްކާތެރިވެ ތިބެގެން ކުރަންޖެހޭނެ ކަމެކެވެ. މިގޮތުން އަޅުގަޑު އިތުރަށް ފާހަގަ ކޮށްލަން ބޭނުންވާ ކަންކަމުގެ ތެރެއިން އެއްކަމަކީ އިސްލާމީ މުޖުތަމަޢެއްގައި ޙާކިމާ ނުވަތަ ވަލިއްޔުލްއަމްރަށް އޮންނަ ބާރެވެ. އެ ބާރުގެ ދަށުން އޭނާ އަށް ނިންމަންޖެހޭ ކަންކަން އޭނާ ނިންމުމުން އޭނާގެ ނިންމުމަށް މުޖުތަމަޢު އިޙުތިރާމް ކުރަންވާނެއެވެ. އޭނާގެ ނިންމުމަކީ ގިނަ ބަޔަކު ދެކޮޅު ހަދާ ނިންމުމަކަށް ވާނަމަ، އޭނާ ހަމަ ވަގުތުން މަގާމުން ދުރު ކުރުމަކީ މުޖުތަމަޢަށް ބާރު ލިބިގެންވާ ކަމެކެވެ. އަނެއް ކަމަކީ ދަންނަބޭކަލުންގެ މެދުގައި ވަކި ކަމަކާ މެދު އުފެދޭ ނުވަތަ ހުންނަ ޚިލާފުތަކުގެ މައްސަލައެވެ. އެފަދަ ޚިލާފުތައް އާއްމުންނާ ހަމައަށް ފޯރުކޮށްދެވޭ ގޮތާ މެދު ދަންނަބޭކަލުންގެ މެދުގައި އެއްބަސްވުމެއް އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކި ބޭފުޅުން އެކި ގޮތަށް އެކި ވާހަކަ ދެއްކެވުމަކީ މުޖުތަމަޢު ހަލަބޮލިކޮށް، ބައެއްފަހަރު އެބޭފުޅެއްގެ ސިޔާސީ މަގުޞަދުތައް ޙާޞިލް ކުރުއްވުމުގެ މަޤުޞަދުގައި ކުރެއްވޭ ކަމަކަށް ވުމަކީ ވަރަށް ގާތުގައި އޮންނާނެ ކަމަކެވެ. ދަންނަބޭކަލުންގެ މެދުގައި ހުރި ޚިލާފުތަކުގެ ވާހަކަ މުޖުތަމަޢަށް އޭގެ ނޭދެވޭ އަސަރު ނުކުރާނެހެން ދެއްކެވުމުގެ ޢިލްމްވެރިކަމާއި ގާބިލިއްޔަތު އެބޭފުޅުންގައި ހުންނާނެ ކަމާމެދު އަޅުގަޑު ޝައްކެއް ނުކުރަމެވެ.

މަޒުމޫނުގެ މިބައި ލިޔެ މިނިންމީ ވަރަށްޖެހިލުންވެގެން ހުރެއެވެ. އެހެންކަމުން ދީނީ ގޮތުން ކަމެއް އޮންނަންޖެހޭ ގޮތާ ޚިލާފަށް ލިޔެވި ދިޔަބައިގާ އަޅުގަޑަށް އެއްޗެއް ބުނެވިފައިވާނަމަ، އެންމެހާ ކިޔުން ތެރިންގެ ކިބައިން އަޅުގަޑު ނިހާޔަތަށް މަޢާފަށް އެދެމެވެ. އަދި އަޅުގަޑަށް މަޢާފް ކުރައްވާ އަޅުގަޑު މަގަށް އަޅުވާ ދެއްވާނެ ކަމަށް ހީކޮށް، އެކަމަށް އަޅުގަޑު އިލްތިމާސް ކުރަމެވެ. އާދެ، އަޅުގަޑުމެންގެ ގައުމީ ދިވެހި ޝަޚުޞިއްޔަތު ބިނާ ކުރުމުގެ ހަމަ އެކަނި ޝަރުޠަކީ ދީނެއް ނޫނެވެ. އެހެންވީމާ، އެކަމަށް މަގުފަހި ކުރަމަށްޓަކައި ކުރަންހުރި އެހެން ކަމަށް ކުޑަކޮށް އަލި އަޅުވާލަމާތޯއެވެ.
---------
 (ނުނިމޭ)
ނޯޓު:

މިއީ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން ލިޔުއްވަމުންގެންދަވާ ލިޔުމެކެވެ. ފަންވަތަށް މި ލިޔުން ހަދިޔާ ކުރައްވައިފައިވަނީ އެ ކަމަށް އެޑިޓަރު ދަންނަވައިލި ދަންނަވައިލުމަކަށެވެ. މި ލިޔުން ހަދިޔާ ކުރެއްވި ކަމަށްޓަކައި އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު ޝުކުރު ދަންނަވަމެވެ.

މި ލިޔުން:

   އަލުންބެލުމާއި، ޝާއިޢުކުރުން:    އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)



ހަމަމިގަލަމުން

އިދާރާ

ވާހަކަ