އަދުގެ ޚާއްސަ

Print

ދިހަ ސިކުންތު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


އާދަމް ނަޞީރު އިބްރާހީމް  (2011)   
   
މެންދަމުން އަލިވެގެން ދިޔައީ އެވެ.  ހަސްފަތާލުގެ އައި. ސީ. ސީ. ޔޫ ގެ ކުރި މަތީ ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އޭނީ ޒީނިޔާ އެކަނި މާ އެ ކަންޏެވެ.  އިރު  އިރުކޮޅުން އޭނާ ކޮންމެ ވެސް ނަންބަރަކަށް އެބަ ފޯނު ކުރެ އެވެ. ''މިހާރު ހުޅުމާލެ އާ އަރާ ހަމަވަނީ'' އެންމެ ފަހުން ކުރި ކޯލަށް ލިބުނު ޖަވާބަކީ މި އެވެ.

ޒީނިޔާ އާއި ހާޝިމުގެ ކާވަންޏަށް 7 އަހަރުވީ އެވެ. މި ޒަމާނުގެ ގިނަ ދެމަފިރީންނަށް ވުރެ އެ ޖޯޑުގެ ނަސީބު ރަނގަޅެވެ. އެ އާއިލާ އަށް ހުރި ރަޙްމަތްބޮޑެވެ. ފާއިތުވީ މުއްދަތުގައި ހައްލު ނުކުރެވޭ ވަރުގެ މައްސަލައެއް ދިމާވެފައި ނުވާތީ އެވެ. އަލަތު ގުޅުމުން އުފެދުނު ލޯބި ހިހޫވުމެއް ނެތި، ތާޒާކަންމަތީ ވާތީ އެވެ. އެ ދެމަފިރީންނާ އެއް ދުވަސްވަރެއްގައި ވެވުނު އެހެނިހެން އެތައް ކާވަންޏެއްގެ އަޖަލު ހަމަވެ، އޭގެ ކަށްވަޅުގައި ފަނާވެ ނިމި ގޮސް ފައިވާ އިރު، އާ ރޯކަމާއެކު މި ކާވަނިން މޭވާ ލިބިފައިވާތީ އެވެ.

''ބައްލަވާ! ވަރަށް އަވަހަށް އޭ ނެގެޓިވް ލޭ ބޭނުންވޭ އެބަ!'' ދޮރު ހުޅުވައިލައިފައި ނިކުތް ނަރުސް ކުއްޖާ ހުރީ ނުތަނަވަސް ވެފައެވެ. އެކަމަކު އޭނާ އަށްވުރެ ބޮޑަށް ކުރާނެ ކަމެއް ނޭނގި ގޮތް ހުސްވެފައި އޭނީ ޒީނިޔާ އެވެ. މި އޮއް ދަންވަރު ލޭ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެހީ އަކަށް އެދޭނީ ކާކު ގާތު ހެއްޔެވެ؟ ހަނދާން ކޮށްކޮށްފައި، މާލެ އައިސް  އެ ދެ މައިން ތިބި ގެ އަށް ފުރަތަމަ ފަހަރަށް އޭނާ ގުޅި އެވެ. ދިމާވެގެން އުޅޭ ހިތްދަތި ހާދިސާއާއި ލޭ ބޭނުންވާ ވާހަކަ އެމީހުންގާތު ބުނަން ވެސް އޭނާ އަށް އެ ހަނދާންވީ އަދި ކިރިޔާ އެވެ. އެ ހިސާބުން އެ ގޭ އެންމެން ކަހަލަ ގޮތަކަށް މި ކަމަށް ސަލާމުކަން ދިނެވެ. ހޮސްޕިޓަލަށް އައުމަށް ތައްޔާރު ވާންފެށި އެވެ.

ޝަމާ ގޮވައިގެން މި ދަތުރު ޒީނިޔާ މާލެ އައީ ސްކޫލު ޗުއްޓީ ހޭދަ ކޮށްލުމަށެވެ! ބަންދުތެރޭ ކުޑަ ކޮށް ވިޔަފާރި ކޮށްލުމަށެވެ. ހެދުމާއި ފައިވާން ގަންނާށެވެ!  ޝަމާ އަކީ އާދަޔާ ޚިލާފަށް މޮޅު ތޫނު ކުއްޖަކަށް ވާތީ، އޭނަގެ ކިޔެވުމަށް ބޭނުންވާނެ ސާމާނު ހޯދަން ވެސް މެ އެވެ. 

ރޭގަނޑުގެ ކެއުމަށްފަހު ދެ މައިން ނިކުތީ ބާޒާރަށެވެ! އާދައިގެ މަތިން ފައިމަގުގަ އެވެ. ޝަމާ އަށް މާލޭގެ ފިހާރަތައް ވަރަށް މަޖަލެވެ. ބާޒާރުގައި ހިނގައިލުން އޭނާ އަށްވީ ވަރަށް އުފާވެރި ކަމަކަށެވެ! އެ ކަން ޒީނިޔާ ވީ އަދި މާ ބޮޑު ހިތްހަމަ ޖެހުމަކަށެވެ.  ވީ ވަރަކުން ޝަމާ އުފާކޮށްދެވޭތޯ އޭނާ ބެލީ އެހެންވެގެންނެވެ. ބައެއް ފިހާރައިގެ އޮޅިމަތިން ޝަމާ ފުންމާލަ ފާނެ އެވެ. ބައެއް ސިޑީގެ ފަޑިމަތިން ސޮއްސައިލަފާނެ އެވެ. ހެމުންނެވެ. އުފަލުންނެވެ. ހާދަ ލޯބި މަންޒަރެކެވެ.

ކުރިމަތީގައި އެހެރީ ފައިވާން ވިއްކާ ފިހާރަ އެކެވެ. މުޅި ފިހާރަ ނިވިދިއްލެނީ އެވެ. އެކި އެކި ފަރުމާގެ ފައިވާންތަކާ ޝަމާމެން ދެމައިންނާ ދެމެދުގައި ވަނީ ތުނި ތުނި ބިއްލޫރި ފަށެކެވެ. ނޫނީ ހުރަސް ކޮށްލަންޖެހިފައިވާ ހަނިހަނި މަގެކެވެ. ރަތް އަލި، ގަދަ ރީނދުލަށް ބަދަލުވުމާއެކު ޒީނިޔާ ޝަމާ ގައިގައި ލޯބިން ބައްދައިލި އެވެ.  ''ދޫނީ ކާކަށް އެންމެ ކުރިން މަގު ހުރަސް ކުރެވޭނީ. މިހާރު މިހެން ތިބެ ތިބެ ފޫހިވެއްޖެ ދޯ!'' ޒިނިޔާ މިހެން ބުނުމުން ޝަމާ ހިނިތުންވެލީ އަލަށް ފަރިވި ފިނިމެން މަލެއް ހެންނެވެ. ތުއްތު ތުއްތު ލޯބި އަޑުގެ މިޔުޒިކާ ވެސް އެކީގަ އެވެ. '' މަންމަ އަކަށް ތި ފެހި މީހާ އަންނަން ދެނެއް ނުހުރެވޭނެ'' މި ފަހަރު ވެސް ވާހަކަ ދެއްކީ ޒީނިޔާ އެވެ.

ކުރިޔަށް އޮތް ދިހަވަރަކަށް ސިކުންތު ތެރޭ ފެހި ބައްތި ދިއްލޭނެ އެވެ. އޭރުން އަމާން ކަމާއެކު މަގު ހުރަސް ކުރަންވި އެވެ.  ''ދަރިފުޅަށޯ!'' ކުއްލިޔަކަށް މި ހެން ބުނުމާ އެކު ޝަމާ ދުއްވައިގަތީ، މަންމަ އެ ދިން ހިތްވަރުގެ ސަބަބުންނެވެ. ތުއްތު ވިސްނުމުގައި މި ހާލަތާ މެދު އެއްވެސް ފިކުރެއް ހުންނާނެ ހެއްޔެވެ؟  ދިހަ ސިކުންތު ވަންދެން  މަޑު ކުރަންވީ ކޮންކަމަކު ހެއްޔެވެ؟

ހަމަ މި ވަގުތު ފެހި އަލި ދިއްލުމުގެ ކުރިން ކޮންމެހެން ވެސް ހުރަސް ކުރަންވެގެން ވުސް އަޅައިފައި އައި ސައިކަލެއް  މި ގޯޅިތެރެއަށް ވަނީ  ދުރު ރާސްތާ މިސައިލެއްގެ ދުވެލީގަ އެވެ.  ''އޭ ދަރިފުޅާ!'' ޒީނިޔާ އަށް ގަދަ އަޑުން ހަޅޭލަވައިގަނެވުނެވެ.

ކުއްލިއަކަށް އެ ހުޅުވުނީ އައި. ސީ. ސީ. ޔޫގެ ދޮރެވެ. ޝަމާގެ ބައްޕައާއި މާލޭގައި ތިބި ގޭ މީހުންނަށް ވެސް، ރޮމުން ކަރުނަ އަޅަމުން އައިސް މި ތަނަށް ޖަމާ ވެވުނީ މި ވަގުތު އެވެ. ''ކޮބާ މިހިރީ އިނގޭތޯ ލޭ  ހަދިޔާ ކުރާ މީހާ'' ޝަމާގެ ބައްޕަ ގެ މިޖަވާބަށް އިސްދަށަށް ޖަހާލަމުން ނަރުސް ކުއްޖާ ބުންޏެވެ. ''ވަރަށް ބޮޑަށް މާފު ކުރެއްވުން އެދެން. ޝަމާ އަށް ލިބިފައިވަނީ މާ ބޮޑެތި ގެއްލުންތަކެެއް. ދާދި ދެންމެ އަކު ޝަމާގެ ފުރާނަ ހިނގައްޖެކަން ޑަކްޓަރު ކަށަވަރު ކޮށްދެއްވައިފި. އަޅުގަނޑު އެ ކުއްޖާގެ ލޯ މަރާލީ ވެސް އޭގެ ދިހަ ވަރަކަށް ސިކުންތު ފަހުން''
-----------
 (ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ