އަދުގެ ޚާއްސަ

Print

އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (2)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


އިލާހުވަންތަފަރާތުގެ ވަޙްދަތު

ޢަބްދުﷲ ފާރޫޤު ޙަސަން

ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވައިފައިވާ އަގުތަކުގެ ތެރެއިން ދާއިމީ އަނެއް އަގަކީ އަދި ޙަޤީޤަތާ މުޅީން އެއްގޮތް އެއް ހިދާޔަތަކީ އިލާހުވަންތަ ފަރާތުގެ ވަޙްދަތެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲގެ އެއްކައުވަންތަކަމެވެ.

އިސްލާމްދީނުގައިވާ ޙަޔާތުގެ ތަޞައްވުރުގެ އެންމެ ވަރުގަދަ ބިންގަލަކީ މާތްﷲގެ އެއްކައުވަންތަކަމަށް އީމާންވުމެވެ. އިސްލާމްދީނުގެ އެހެން ހުރިހާ ޢަޤީދާތަކަކާއި އެހެން ހުރިހާ އަގުތަކަކަށް އޭގެ ވުޖޫދު ލިބެނީ މާތްﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާގެ މަންބަޢުންނެވެ. އިސްލާމްދީނުގެ ހުރިހާ ޙުކުމްތަކަކަށެވެ. ޢަޤީދާތަކަކަށެވެ. ޤާނޫނުތަކަކަށެވެ. އެދީނުގައިވާ ޠަބީޢަތުގެ ފަހަތުގައިވާ ކަންކަމުގެ ފިކުރުތަކަށެވެ. މިހުރިހާ ކަންކަމަކީވެސް އެއްކައުވަންތަކަމުގެ ޢަޤީދާގެ ސަބަބުން އުފެދިގެން އަންނަ ކަންކަމެވެ. އެޢަޤީދާގެ ތަފާތު ގޮފިތަކެކޭ ވެސް ދެންނެވިދާނެއެވެ.

މާތްﷲގެ ރަސޫލުންނަށް އީމާންވާން ޖެހެނީ އެރަސޫލުންނަކީ އެކަލާނގެ ފޮނުއްވި ރަސޫލުން ކަމުގައި ވާތީއެވެ. މަލާއިކަތުންނަށް އީމާންވާން ޖެހެނީ އެކަލާނގެ މަލާއިކަތުން ކަމުގައި ވާތީއެވެ. ބާވައިލެއްވި ފޮތްތަކަށް އީމާންވާން ޖެހެނީ އެފޮތްތަކަކީ އެކަލާނގެ ބާވައިލެއްވި ފޮތްތަކެއް ކަމުގައި ވާތީއެވެ. ސުވަރުގެއާއި ނަރަކަޔަށް އީމާންވާން ޖެހެނީ އެދެތަނަކީ އެކަލާނގެ ރުހިވޮޑިގަތުމާއި ކޯފާވެވޮޑިގަތުމުގެ ނަތީޖާ ދައްކަވާ ދެތަން ކަމުގައި ވާތީއެވެ. އާޚިރަތްދުވަހަށް އީމާންވާން ޖެހެނީ އެދުވަހަކީ އެކަލާނގެ އެންމެފަހުގެ ހިސާބު ބައްލަވައި ނިޔާކަނޑައަޅުއްވާ ދުވަސް ކަމުގައި ވާތީއެވެ. ދީނީ ފަރުޟުތައް ފަރުޟުތަކަކަށްވީ އެކަންކަން ފަރުޟުކުރެއްވީ އެކަލާނގެ ކަމުގައި ވާތީއެވެ. ޙައްޤުތައް ޙައްޤުތަކަކަށް ވީ ޙައްޤުތަކެއްގެ ގޮތުގައި އެކަންކަން އަދާކުރަން އަމުރުކުރެއްވީ އެކަލާނގެ ކަމުގައި ވާތީއެވެ. ކުރުކޮށް ދަންނަވާނަމަ އިސްލާމްދީނުގެ ކޮންމެ ޢަޤީދާއަކާއި ކޮންމެ ކަމަކާއި، ކޮންމެ ޢަމަލެއް ގުޅިފައި ވަނީ އަރަހުށި މާތްﷲއަށް އީމާންވުމުގެ ޢަޤީދާއާއެވެ. މާތްﷲއަށް އީމާންވުން ނުވާނަމަ ސުވަރުގެއެއް ނެތީހެވެ. ހިސާބެއް ކިތާބެއް ނޯތީހެވެ. އާޚިރަތަކަށް، ވާޖިބަކަށް، ގުޅުމެއްގެ ޙުރުމަތަކަށް ބަލައިލާކަށެއް ނުޖެހުނީހެވެ. ޤާނޫނަކަށް ޤަވާޢިދަކަށް ބޯލެނބުން ލާޒިމެއް ނުވީހެވެ. އެއްކައުވަންތަކަމުގެ ނާރެހުން ވަކިވާއިރަށް މިހުރިހާ ކަމެއް ރޫޅިގެން ފައިބައިގެން ހިނގައިދާނެއެވެ. އިސްލާމްދީނޭ ކިޔާ އެއްޗެއް، އިތުރުސާހިބާގެ އިރްޝާދުތަކޭ ކިޔާ އެއްޗެއް ނޯންނާނެއެވެ. އިސްލާމްދީނުގެ އެންމެ ފުރަތަމަ ފިލާވަޅަކީ އަރަހުށި މާތްﷲ ވޮޑިގެންވެއެވެ. އެކަލާނގެ ދިރިދެމިވޮޑިގެންވެއެވެ. އެކަލާނގެއީ އެންމެ ފުރިހަމަ ބާރާއި އިޚްތިޔާރުގެ ވެރި ރަސްކަލާނގެއެވެ. އެކަލާނގެއަށް ޝަރީކަކު ނުވެއެވެ. ހުރިހާ އުނދަގޫތަކެއް ފަސޭހަކުރެއްވުމާއި، ހުރިހާ މުޞީބާތްތަކެއް ފިއްލެވުމުގެ ބާރުވަނީ އެކަލާނގެ ޔަދުޤުދުރަތްޕުޅުގައެވެ.

ކާއިނާތުގެ މާނައާއި މަފްހޫމް އުފެދިގެން އަންނަނީ މާތްﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ ވުޖޫދަށް އައިސްގެންނެވެ. އަޚްލާޤީ ހުރިހާ އަގުތަކަކަށް ހަކަތައާއި ބާރު ލިބެނީ އެޢަޤީދާގެ ސަބަބުންނެވެ. ކޮންމެ ފަރުޟަކާ މެދު ނުވަތަ ވާޖިބަކާ މެދު ޒިންމާދާރުވުމުގެ އިޙްސާސް އުފެދެނީ އެޢަޤީދާގެ ސަބަބުންނެވެ. ކާއިނާތުގެ ކޮންމެ އެއްޗެއް މާނަހުރި، ރީތި ފުރިހަމަ އެއްޗަކަށް ހަދަނީ އެޢަޤީދާއެވެ. އިންސާނާގެ ފިކުރާއި ވިސްނުން އެއްދިމާޔަކަށް މިޞުރާބު ޖަހައިދެނީ އެޢަޤީދާއެވެ.

އިންސާނިއްޔަތުގެ ވަޙްދަތު


ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި އަޅުގަނޑުމެންނަށް ފެންނާންހުރި ފިކުރީ އަގުތަކުގެ ތެރެއިން ތިންވަނަޔަށް އަޅުގަނޑު އަލިއަޅުވައިލާނީ އިންސާނިއްޔަތުގެ ވަޙްދަތުގެ މައްޗަށެވެ. އިންސާނުންގެ ހަމަހަމަކަމާއި އެއްވަރުކަމަށެވެ. މިދުނިޔޭގައި ޢާއްމުކޮށް ތަފާތު ގިންތިތަކަކަށް އިންސާނުން ބެހިފައިވާތީ އަޅުގަނޑުމެންނަށް ފެނެއެވެ. ޙަޤީޤަތުގައި މިބެހުންތަކަކީ މޮޅުދެރަކަން ވަޒަންކުރުމުގެ ބެހުމެއް ނޫނެވެ. އެއްބަޔަކު އަނެއްބަޔަކު ފާހަގަކޮށްގަތުމަށާއި، ތަޢާރުފުވުމަށް ބޭނުންވާ ބެހުމެކެވެ. ޤައުމިއްޔަތުގެ ކިބުރުވެރިކަމާއި ނަސަބާއި ޙަސަބުގެ ފަޚްރުވެރިކަމަކީ އެއްވެސް އަޞްލެއް ނެތް ކަންކަމެވެ. ކޮންމެ އިންސާނަކީވެސް އާދަމުގެފާނާއި ޙައްވާގެފާނާއި ދެކަނބަލުންގެ ދަރިޔެކެވެ. ބައިނަލްއަޤުވާމީ އެއް ޢާއިލާއެއްގެ މެންބަރެކެވެ. ބައިބޯވެ ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެން ގޮސްފައިވަނީ އާދަމުގެފާނުގެ ދަރިގެދަރިމިނިމިނީންނެވެ.

އަރަހުށި މާތްﷲ އިންސާނުން އުފެއްދެވީ މިބިމުގެ ވެލީންނެވެ. އިންސާނުން ވަގުތީ މަންޒިލެއްގެ ގޮތުން ދުވަސްކޮޅެއް ހޭދަކޮށްލުމަށްޓަކައި ލައްވައިފައިވަނީ މިބިންމަތީގައެވެ. ބިމަކީ އެންމެހައި އިންސާނުންނަށް އެބައިމީހުންގެ ބަފައިކަލުނަވި އާދަމުގެފާނުގެ ފަރާތްޕުޅުން ލިބިފައިވާ ވާރުތައެކެވެ. އިންސާނާއަކީ ދުނިޔޭގެ ވަޒަންވެރިޔެކެވެ. އިންސާނުން ދިރިއުޅޭ ބިން އެކިއެކި ދައުލަތްތަކަށް ބެހިފައިވަނީ ވަގުތީގޮތުންނެވެ. އިދާރީ ހިންގުމުގެ ގޮތުންވެސް މެއެވެ. އެންމެހައި އާދަމުގެ ދަރީންނަކީ އަޚުން އުޚުތުންތަކެކެވެ. ބުރުސޫރައިގެ ތަފާތާއި، ކުލައާއި އިސްކޮޅުގެ ފަރަގާއި، މޮށެއުޅޭ ބަސްބަހާއި އަޅައި އުޅޭ ހެދުމުގެ ތަފާތަކީ ދިރިއުޅޭ ވެށީގެ ތަފާތެކެވެ. ތާރީޚީ ޙާދިޘާތަކެއްގެ ނަތީޖާއެއްގެ ގޮތުން އައިސްފައިވާ ތަފާތެކެވެ. މިހުރިހާ ތަފާތެއްގެ އެތެރޭގައި ފޮރުވިފައިވަނީ އެއް އިންސާނެއްގެ ދަރިއެކެވެ. އިންސާނެއްގެ ޙައިޘިއްޔަތުން ބިން އާބާދުކުރުމުގެ މަސްއޫލިއްޔަތާ މަތިކުރައްވާފައިވާ އާދަމުގެ ދަރިޔާއެވެ. ނަސްލާއި، ވާހަކަދައްކާ ބަހުރުވައާއި، ދިރިއުޅޭ ސަރަޙައްދު އޭނާއަށް އެއްވެސް މޮޅުކަމެއް ހޯދައެއްނުދެއެވެ. އިތުރުސާހިބާއަށް ބާވައިލެއްވި ވަޙީ ބަސްފުޅުގައި މާތްކަމާއި ޝަރަފުގެ މިންގަނޑެއް ކަމުގައި އަންގަވައިފައިވަނީ ތަޤުވާވެރިކަމެވެ.

(( يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ ))

"އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. (އެބަހީ އާދަމުގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ޤައުމުތަކަށާއި ޤަބީލާތަކަށް ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށް ޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟުރަތުގައި ތިޔަބައިމީހުންކުރެ މާތްކަން ބޮޑީ، ތިޔަބައިމީހުން ކުރެ އެންމެ ތަޤުވާވެރި މީހުންނެވެ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ޚަބީރުވަންތަ ރަސްކަލާނގެއެވެ." (އަލްޙުޖުރާތު: 13)

އެންމެ މާތް މީހަކީ މާތްﷲއަށް ބިރުވެތިވުމުގެ މަގު އެންމެ ފުރިހަމަޔަށް އިޚްތިޔާރުކޮށްފި މީހެކެވެ. އަނެކުންނާ ގުޅުން ބޭއްވުމުގައްޔާއި، ގަނެވިއްކައި ހެދުމުގައެވެ. ހެދުން އެޅުމުގައެވެ. ދީނާއި ސިޔާސަތު ޚިޔާރުކުރުމުގައެވެ. ޖަމާޢަތުގައި އުޅޭއިރުއެވެ. އާމްދަނީ ހޯދަން މަސައްކަތްކުރުމުގައެވެ. މިހުރިހާ ދާއިރާއެއްގައި ދަތުރުކޮށްފައި ކުރިޔަށްދާ އިރު ދަތުރުމަތީގެ ކޮއްތަކީ މާތްﷲއަށް ބިރުވެތިވުން ކަމުގައި ހަދައިފި މީހަކީ މާތް މީހެކެވެ. އެނޫން އެންމެންނަކީ އެއްވަރު ބައެކެވެ. އެންމެހައި އިންސާނުންނަކީ އިންސާނީ ޙައްޤުތަކުގައި ހަމަހަމަ ބައެކެވެ. ތަރައްޤީއާއި ކުރިއެރުމުގެ ފުރުޞަތުތައް ހޯދައިގަތުމުގައި ހަމަހަމަ ޙައްޤުތަކެއް ލިބިފައިވާ ބައެކެވެ. ޢާއިލީ ގުޅުންތައް އުފެއްދުމުގައި ހަމަހަމަ ބައެކެވެ. އާމްދަނީ ހޯދަން މަސައްކަތްކުރުމާއި، ޖަމާޢަތުގައި އިސްނަގައި ބައިވެރިވެ އުޅުމުގައި އެއްވަރެއްގެ ޙައްޤުތަކެއް ލިބެން ޖެހޭ ބައެކެވެ. އެބައިމީހުންގެ އިންސާނީ ވަޙްދަތަށް އައިސްފައިމިވާ ތަފާތު އައިސްފައި ވަނީ ބައިބޯވުމުގެ ސަބަބުންނެވެ. އިންސާނުންގެ ބުރުސޫރައާއި އިސްކޮޅާއި ރޫފައިގައި ތަފާތު ހުއްޓަސް މާތްﷲއަށް އަޅުވެތިވާން ޖެހުމުގެ ޙައިޘިއްޔަތުން ބަލާއިރު އެންމެން އެއްވަރެވެ. ހައްތާވެސް އެކަލާނގެ އަޅުންނެވެ. ޢަމަލުތައް ވަޒަންކުރުމުގެ އެއްމިންގަނޑަކުން އަދަބާއި ދަރުމަލިބޭ އެއް ޢާއިލާއެކެވެ. ޤުރްއާނާއި ސުންނަތުގައި ހުށަހަޅުއްވައިފައިވާ އިންސާނީ ވަޙްދަތުގެ މުސްތަޤިއްލު އަގަކީ މިއީއެވެ.

މާތްﷲގެ ޚަލީފާކަން


ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ވަސީލަތުން ކީރިތި ޤުރްއާނާއި ސުންނަތުން އަޅުގަނޑުމެންނަށް ދަސްވެފައިވާ އަގުތަކުގެ ތެރެއިން އަނެއްކަމަކީ އިންސާނާގެ ޙައިޘިއްޔަތެވެ. އޭނާގެ މަޤާމެވެ. އިންސާނާއަކީ މާތްﷲ މިބިންމަތީގައި ލައްވައިފައިވާ އެކަލާނގެ ޚަލީފާއެވެ. އޭނާއަކީ ނިޔާބަތުގެ ދަރަޖަ ޙަވާލުކުރައްވާފައިވާ މާތްމީހާއެވެ. އިންތިހާ ދަރަޖައިގެ ޤަދަރުވެރިޔެކެވެ. މާތްﷲ ޚަލްޤުކުރެއްވިހައި ތަކެތީގެ ތެރެއިން އެންމެ ޝަރަފުވެރި މަޚުލޫޤެވެ.

އިސްލާމްދީން އިންސާނާއާމެދު ހުށަހަޅައިފައިވާ ތަޞައްވުރަކީ މަތީގައިއެވާ ތަޞައްވުރެވެ. އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

(( وَإِذْ قَالَ رَبُّكَ لِلْمَلاَئِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً ))

"ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ." (އަލްބަޤަރާ: 30)

ކީރިތި ޤުރްއާނުގެ ޞަރީޙު ބަސްފުޅުގައި އަންގަވައިފައި އެވަނީ އިންސާނާއަކީ މާތްﷲގެ ޚަލީފާ ކަމުގައެވެ. ނާއިބު ކަމުގައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން ވަކި ފަރާތެއްގެ ޚަލީފާއަކީ ނުވަތަ ނާއިބަކީ ނުވަތަ އަމާނާތެއް ޙަވާލުކުރެވިފައިވާ މީހަކީ އަމިއްލަ އިޚްތިޔާރެއް އޮތް މީހެއް ނޫނެވެ. އަދިކީއްތޯއެވެ؟ އޭނާއަކީ އޭނާ އެ މަޤާމަށް ޢައްޔަންކުރި ސާހިބަކަށް ޖަވާބުދާރީވާން ޖެހޭނެ މީހެކެވެ. އެކި ލާރި ވަކިވަކީން ހިސާބުދައްކަން ޖެހޭނެ މީހެކެވެ. އޭނާ ކުރާ ކޮންމެ ކަމަކާ މެދު އޭނާގެ ސާހިބާޔަށް ސުވާލު ވެވިދާނެއެވެ. އޭނާއާ ޙަވާލު ކުރެވިފައިވާ މުދަލާއި، އާރާއި ބާރާއި، ރައްޔިތުންނާ މެދު އޭނާ ތަޞައްރުފު ކުރި ގޮތަކާމެދު ޖަވާބުދާރީ ކުރުވިދާނެއެވެ.

ނާއިބެއްގެ އެންމެ އިސް ވާޖިބަކީ އޭނާއާ އެމަޤާމު ޙަވާލުކުރި ވެރިޔާގެ ފުރަމާނަ ޤަބޫލުކުރުމެވެ. ބޯލަނބައި ކިޔަމަންގަތުމެވެ. ތިމާކުރާ ކޮންމެ ކަމެއް އެފަރާތުގެ ލަފަޔާ އިރްޝާދާ އެއްގޮތަށް ކުރުމެވެ. އެއްވެސް ފަރުޟެއް ނުވަތަ ވާޖިބެއް އަދާކުރުމުގައި "އަހަރެންވަންތަ"ކަން ނުގެންގުޅުމެވެ.

ޝައްކެއް ނެތެވެ. އިންސާނާއަކީ އޭނާގެ އުފެދުމާއި އުފަންވުމުގައިވެސް މާތްﷲގެ މިލްކެކެވެ. އެކަލާނގެ ރައްޔިތެކެވެ. އެކަލާނގެ ޚަލީފާއެއްގެ ޙައިޘިއްޔަތުން އެއްގަމާއި ކަނޑުގައި އޭނާ މަތިވެރިކުރައްވައިފައި ވިޔަސް ވެހެވެ. ދުނިޔޭގައިވާ ހުރިހާ އެއްޗެއްސެއް އޭނާއަށް ޚިދުމަތްތެރި ކުރައްވައި އޭނާގެ އިޚްތިޔާރަށް ދޫކުރައްވައިފައި ވިޔަސް ވެހެވެ. ހުރިހާ ބާވަތެއްގެ އުފުލޭ އަދި ނުއުފުލޭ މުދަލުން ފުރިފައިވާ "ކާއިނާތުގެ ގެ" އޭނާއާ މަތިކުރެއްވީ އެތަކެތީގެ ބޭނުންކޮށް އޭނާގެ ސާހިބުވަންތަ ރަސްކަލާނގެ ހިދާޔަތާ އެއްގޮތަށް ޚިދުމަތް ހޯދުމަށެވެ. ތިމާ ކަހަލަ އެހެން މީހުންގެ ކުރިމަތީގައި، ނުވަތަ ތިމާގެ ބާރުގެ ދަށުގައި ލައްވައި ތިމާޔަށް ޚިދުމަތްތެރި ކުރައްވައިފައިވާ ތަކެތީގެ ކުރިމަތީގައި އަޅުވެތިވެ ބޯލެނބުމަކީ ތިމާ އަމިއްލަޔަށް ތިމާގެ އަގު ވައްޓައިލުމެވެ. ތިމާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވުމެވެ.

މާތްﷲގެ ނާއިބެއްގެ ޙައިޘިއްޔަތުން ދުނިޔޭގެ ވެރިކަން ކުރުމުގައި ވިސްނާން ޖެހޭ އެހެން ދިމާއެއްވެސް އެބައޮތެވެ. އެއީ މާތްﷲގެ އަޅުތަކުންނާމެދު މުޢާމަލާކުރުމުގައި އެކަލާނގެ ކަންގެންދަވާ މަގަށް ބެލުމެވެ. އެކަލާނގެ އަޅުތަކުންގެ ކަންތައް ބައްލަވައިވޮޑިގެންވަނީ ރުބޫބިއްޔަތުގެ ފުރިހަމަ ޝާނާ އެކުގައެވެ. އެކަލާނގެ އަޅުތަކުން ބައްލަވައި ގެންގުޅުއްވައެވެ. ރިޒުޤު ދެއްވައެވެ. ޝިފާ ދެއްވައެވެ.

(( الَّذِي خَلَقَنِي فَهُوَ يَهْدِينِ . وَالَّذِي هُوَ يُطْعِمُنِي وَيَسْقِينِ . وَإِذَا مَرِضْتُ فَهُوَ يَشْفِي ))

"އެކަލާނގެއީ، ތިމަންކަލޭގެފާނު ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، އެކަލާނގެ ތިމަންކަލޭގެފާނަށް ތެދުމަގު ދައްކަވަތެވެ. އަދި އެކަލާނގެއީ، ތިމަންކަލޭގެފާނަށް ކާނާ ދެއްވާ، އަދި ބުއިން ދެއްވާ ރަސްކަލާނގެއެވެ. އަދި ތިމަންކަލޭގެފާނު ބަލިވެއްޖެނަމަ، ބަލި ފަސޭހަކުރައްވަނީ ހަމަ އެކަލާނގެއެވެ." (އައްޝުޢަރާއު: 80،79،78)

އިންސާނާ އެކަލާނގެ ޚަލީފާއެއްގެ ޙައިޘިއްޔަތުން ނިޔާބަތުގެ މަޤާމު އަދާކުރާ އިރު އެކަލާނގެ އޭނާގެ ބާރާއި އިޚްތިޔާރުގެ ދަށުގައި ލެއްވި ތަކެއްޗާމެދު ބަލަދުވެރިވާން ޖެހޭނެއެވެ. ބެލެނިވެރިކަމުގެ ޙައްޤު އަދާކުރާން ޖެހޭނެއެވެ. އޯގާވެރިކަމާއި، ރަޙްމާއި، ހަމްދަރުދީ ބަހައްޓަން ޖެހޭނެއެވެ. ތިމާޔަށް ވެރިކަން ދެއްވި ފަރާތަށް ޒިންމާވާން ޖެހޭނެކަން އަބަދުވެސް ހަނދާންކުރަން ވާނެއެވެ. ނިޔާބަތުގެ ޙައްޤު އަދާކުރުމުގައި ވިސްނާންޖެހޭ އެހެންކަމެއް ވެސް އެބައޮތެވެ. އެއީ ތިމާގެ އާރާއި ބާރު ފޯރުވޭ ދާއިރާގައި ހުރި ހަމަ އެކަކުވެސް އެކަލާނގެ ރުހިވޮޑިގެންވާ ގޮތާ ޚިލާފަށް ކުރާ ކަމެއް ބަލައިނުގަތުމެވެ. އެކަލާނގެ ނަހީ ކުރައްވާފައިވާ އެއްވެސް ކަމަކަށް ފުރުޞަތު ނުދިނުމެވެ. މިދެންނެވި އުޞޫލުތައް ޚިޔާރުކުރުމަކީ އިންސާނާ ޒިންމާދާރު ނޫން ގޮތްގޮތަށް ކުރާ އެތައް ކަންތައްތަކަކުން ސަލާމަތްވާނެ ކަމެކެވެ.

ރިސާލަތުގެ ތަޞައްވުރު


އިންސާނީ ޙަޔާތުގެ އިސްލާމީ ތަޞައްވުރުގައިވާ މުސްތަޤިއްލު އަގުތަކުގެ ތެރެއިން އެއްކަމަކީ ރިސާލަތުގެ މަޤާމެވެ. އިންސާނާޔަށް ހިދާޔަތުގެ މަގު ފެންނާނީ އެމަޤާމަށް އިޢުތިރާފުވެގެންނެވެ. އެކިއެކި ކާރިޘާތަކުން ސަލާމަތްވެވި ހުރަސްތަކުން ނެއްޓެވެނީ ރިސާލަތުގެ މަޤާމު ޤަބޫލުކޮށްގެންނެވެ. ޤުރްއާނާއި ސުންނަތުގައިވާ ގޮތުން މާތްﷲއަށް އީމާންވުން ފިޔަވައި ދެން އެންމެ ބޮޑު އަހައްމިއްޔަތެއް ލިބިފައިވަނީ ރިސާލަތަށް އީމާން ވުމަށެވެ. ޙަޤީޤަތަށް ދަންނަވާނަމަ ރިސާލަތަށް އީމާންވެގެން މެނުވީ އިންސާނިއްޔަތުގެ ޤާފިލާއަށް އެބައިމީހުންގެ މަންޒިލު ފަހަރެއްގައިވެސް ހޯދައެއްނުގަނެވޭނެއެވެ.

އަރަހުށި މާތްﷲ މިދުނިޔެ ހައްދަވައި މިދުނިޔޭގައި އިންސާނުން އާބާދުކުރެއްވުމަށްފަހު އޭނާއަށް އެއްވެސް މަގުދެއްކެވުމެއް ނެތި ދޫކޮށްލެއްވިނަމަ އިންސާނާގެ ކަންތައް ދާނީ ކޮންގޮތަކަށްތޯއެވެ؟ އޭނާއަށް އޭނާގެ އަމިއްލަ ބުއްދިއާއި ވިސްނުމުގެ ބާރުގައި ކާއިނާތުގެ ޚާލިޤަކު ވާކަން ހޯދައިގަނެވުނީސްތޯއެވެ؟ އެކަލާނގެއީ ފުރިހަމަ ކުޅަދުންވަންތަކަމާއި އާރާއިބާރު ލިބިވޮޑިގެންވާ ފަރާތެއްކަން މަޢުރިފާ ކުރެވުނީސްތޯއެވެ؟ އެކަލާނގެއީ ބައްލަވައިވޮޑިގެންވާ، ދެނެވޮޑިގެންވާ ކަލެއްކަން އޮޅުން ފިލީސްތޯއެވެ؟ ތިމާމެންނަކީ އެކަލާނގެ މަޚްލޫޤުންގެ ޙައިޘިއްޔަތުން އެކަލާނގެ ރަސްކަންފުޅަށް ބޯލަނބައި ކިޔަމަންވާން ޖެހޭ ބައެއްކަން ރޭކާލީސްތޯއެވެ؟ ކަލާނގެ މައުޖޫދުވެވޮޑިގެންވާކަމުގެ ޝުޢޫރާއި އެކަލާނގެ ޙުކުމްފުޅުތައް ހޯދައިގަތުމާއި، އެކަލާނގެ ރުހިވޮޑިގެންވާގޮތަށް ދިރިއުޅޭނޭ ގޮތް ދަސްކުރެވޭނެ ވަސީލަތެއް ނެތްނަމަ އިންސާނުން އުޅެމުން ގެންދިޔައީހީ މިމާއްދީ ދުނިޔޭގައި ލައްވައިފައިވާ އަންތަރީސްވާފަދަ ތަފާތު މަޒްހަރުތަކުގެ ތެރޭގައި ޙައިރާންކަމުގައެވެ. ތަފާތު ޚިޔާލާތުތަކާއި ނަޒަރިއްޔާތަކުގެ ބޯޖަންގަލީގައި ސީދާވެގެންވާ ތެދުމަގު ހޯދައިގަތުން ވީހީ އިންސާނުންނަށް އިންތިހާދަރަޖައިގެ ދަތި އުނދަގޫ ކަމެއް ކަމުގައެވެ. މުސްތަޙީލު ކަމެއް ކަމުގައެވެ. ހެއްދެވި ފަރާތާއި މަޚްލޫޤޫންނާ ދެމެދު ސާހިބުވަންތަ ރަސްކަލާނގެއާއި އަޅުތަކުންނާ ދެމެދު އޮންނާން ޖެހޭ ދެނެގަތުމާއި ކިޔަމަންތެރިވުމުގެ މަގު ދައްކާނެ ފަރާތެއް ނެތް ނަމަ އިންސާނާ މިދުނިޔެއަކީ ޖަހަންނަމައިގެ ނަމޫނާއަކަށް ހަދައިލީހެވެ. އިންސާނާ އެގޮތުގައި އުޅުމަށް ފަހު އާޚިރަތުގެ ހިސާބުކިތާބުގެ މަންޒިލާ ކުރިމަތިލާން ޖެހޭގޮތަށް އޮތްނަމަ އެކަން ވީހީ އޭނާއަށް އިތުރު ވޭނާއި ކެކުޅުން ލިބުމުގެ ސަބަބެއް ކަމުގައެވެ. ކާއިނާތުގެ ޚާލިޤުވަންތަ ރަސްކަލާނގެ ދީލަތިވަންތަކަމުގެ ބޮޑުކަމުން އެކަލާނގެ އިންސާނާ އެގޮތަކަށް ދޫކޮށެއްނުލައްވައެވެ. އޭނާއަށް މަގުދެއްކެވުމަށްޓަކައި ރިސާލަތުގެ ސިލްސިލާއެއް ޤާއިމުކުރެއްވިއެވެ. ރަސޫލުން މެދުވެރިކުރައްވައި އެކަލާނގެ އަޅުތަކުންނަށް އެކަލާނގެ ރުހިވޮޑިގެންވާގޮތްތަކާއި އެކަލާނގެ އަމުރުފުޅުތަކާއި ނަހީތައް މެދުކެނޑުމެއްނެތި އަންގަވަމުން ގެންދެވިއެވެ.

އަރަހުށި މާތްﷲ ރަސޫލުންނަށް އެކަލާނގެ ޙަޟުރަތުން އިލްހާމު ދެއްވައެވެ. އެބޭކަލުން މަގުދައްކަވަނީ އެބޭކަލުން އަމިއްލަފުޅު ފިކުރުފުޅުތަކާއި ހީފުޅުތަކުގެ މައްޗަށް ބިނާކުރައްވައެއް ނޫނެވެ. އަދިކީއްތޯއެވެ؟ އެބޭކަލުން މަގުދައްކަވަމުން ގެންދަވަނީ އަރަހުށި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އެބޭކަލުންނަށް ދެއްވާ ޞަރީޙު ޢިލްމުފުޅެއްގެ މައްޗަށެވެ. ރަސޫލުންނާ ބެހޭގޮތުން ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވަނީ މިދަންނަވާ ގޮތަށެވެ.

(( وَكُلًّا آتَيْنَا حُكْمًا وَعِلْمًا ))

"އަދި އެއިން ކޮންމެ ބޭކަލަކަށްމެ ޙިކުމަތާއި ޢިލްމު ދެއްވީމެވެ." (އަލްއަންބިޔާއު: 79)

އިސްލާމްދީނުގެ ނަބިއްޔާއާ ބެހޭގޮތުން ވަކީން ޚާއްސަގޮތެއްގައިވަނީ އަންނަނިވި މޭރުމުން ވަޙީކުރައްވައިފައެވެ

(( وَالنَّجْمِ إِذَا هَوَى . مَا ضَلَّ صَاحِبُكُمْ وَمَا غَوَى . وَمَا يَنطِقُ عَنِ الْهَوَى . إِنْ هُوَ إِلَّا وَحْيٌ يُوحَى ))

"އޮއްސިގެންދާ ހިނދު، ތަރިތައް ގަންދެއްވައި ވަޙީކުރައްވަމެވެ. ތިޔަބައިމީހުންގެ އެކުވެރިޔާ (އެބަހީ މުޙައްމަދުގެފާނު) ޙައްޤުގެ މަގުން އެއްކިބާވެވަޑައެއްނުގަންނަވައެވެ. އަދި ބާޠިލް އިޢުތިޤާދެއް ނުކުރައްވައެވެ. އަދި، އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. އެއީ އެކަލޭގެފާނުގެ މައްޗަށް އިއްވެވޭ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ." – (އައްނަޖްމު: 4،3،2،1)

މާތްﷲގެ ރަސްކަންފުޅާ ބެހޭގޮތުންނާއި، ދިރުމާއި، މަރުވުމާއި، ކަށްވަޅާއި، އާޚިރަތާއި، ޙިސާބުބެއްލެވުމާއި، ނަރަކައާއި ސުވަރުގެއާ ބެހޭ ޚަބަރުތައް އިންސާނުންނަށް އޮޅުންފިލުއްވައިދެއްވުމުގެ ބޮޑު މަސްއޫލިއްޔަތު އަރަހުށި މާތްﷲ ޙަވާލުކުރައްވައިފައިވަނީ ރަސޫލުބޭކަލުންނާއެވެ. ޙަޔާތުގެ ރަސްމަގުގައި އިންސާނާ ދަތުރުކުރަންވީ ގޮތުގެ އަދަބުތައް ދަސްކޮށްދެއްވާ މުޢައްލިމުން ކަމުގައި އެކަލާނގެ ހަމަޖައްސަވައިފައިވަނީ ރަސޫލުބޭކަލުންނެވެ. އެހެންކަމުން މިދާއިރާތަކާ ބެހޭގޮތުން ކުށެއްނެތް މަޢުލޫމާތު ލިބިވަޑައިގެން ތިއްބެވީ ހަމައެކަނި ރަސޫލުބޭކަލުންނެވެ. ރަސޫލުބޭކަލުންގެ އުނގަންނައިދެއްވުންތަކުގެ ދާއިރާއިން ބޭރުވެ އަމިއްލަ ފިކުރާއި ލަފާކުރުންތަކުގެ އެހީގައި ގޮތްކިޔައިދޭ މީހުންނަކީ މިދާއިރާގައި އިތުބާރު ހުރި ބައެއް ނޫނެވެ. އެފަދަ މީހުންގެ ފިކުރާއި ވިސްނުމަށް ފެންނަ ގޮތްގޮތަށް އަންދާޒާކޮށް ދޭލަފާތަކާއި ދައްކާ މަގުތަކަކީ ހައްތާވެސް ގެއްލުމާއި ހަލާކުގެ މަގުތަކެވެ.

ކުރީންވެސް ދެންނެވި ފަދައިން ޣައިބުގައިވާ ކަންކަމުގެ ޢިލްމުތަކާއި މަޢުލޫމާތުތަކުގެ ދާއިރާގައި އިންސާނުން ހަރުދަނާ އެއް ނާރެހަކަށް ޖަމާކޮށްދެއްވޭނީ ރަސޫލުބޭކަލުންނަށެވެ. އެކަން ފުރިހަމަވާނީ ރިސާލަތަށް އީމާންވެގެންނެވެ. މާތްﷲގެ އެއްކައުވަންތަކަމާއި، ކާއިނާތުގެ ތަޚްލީޤީ ވަޙްދަތާއި، އިންސާނާ އުފެއްދެވި މަޤްޞަދާއި، އޭނާގެ މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްދެއްވޭނީ ރަސޫލުބޭކަލުންނަށެވެ. އެމަޢުލޫމާތުގެ އަލީގައި ބިނާކުރެވޭ އިންސާނީ ވަޙްދަތުގެ ތަނަވަސް ދާއިރާއަކަށް އެންމެން އެއްކޮށްދެއްވޭނީ ރަސޫލުބޭކަލުންނަށެވެ.

ރަސޫލުބޭކަލުން އުނގަންނައިދެއްވާ އިސްލާމީ ގޮތުގެ ދާއިރާއިން ބޭރުގައި އޮންނާނީ ޖާހިލިއްޔަތެވެ. ޖާހިލިއްޔަތަކީ ވެސް އެތަކެއް ދިމަދިމާތަކާއި، އެތަކެއް ގޮފިތަކެއް އޮންނަ ކަމެކެވެ. ޖާހިލިއްޔަތު ޚިޔާރުކޮށްފި މީހަކު އެއް އަނދަވަޅަކުން ސަލާމަތްވާ އިރަށް ވެއްޓޭނީ އަނެއް އަނދަވަޅަކަށެވެ. މުދާއެއްކޮށް ފުނިޖެހުމުގެ ފަކޫގަނޑޫން މިންޖުވެވިއްޖެނަމަ ވަދެވޭނީ ބާރާއި އިޚްތިޔާރު އެއްކޮށް ޖަމާކުރުމުގެ ވެޅޫގަނޑުގެ ތެރެއަށެވެ. ޝަރީކުކުރުމާއި، ހާސްހާހުންވެސް ޢަދަދުނުކުރެވޭ އިލާހުންގެ ޖަންގަލީން ބޭރުވެވިއްޖެނަމަ ވަދެވޭނީ އިލްޙާދުގެ ބިރުވެރި ވާދީއަށެވެ. އެމީހެއްގެ ނަސީބަކަށް ވާނީ އަނދިރީގައި ގަނަތެޅުމެވެ. ބަދުނަސީބުގެ ލަނޑު ލިބުމެވެ. ބޮނޑި ބޮވުމެވެ. މިނާމާން އަނދިރީގެ ތެރެއިން ނިކުމެވޭނެ ހަމައެކަނި ވަސީލަތަކީ ރިސާލަތަށް އީމާންވުމެވެ. ރަސޫލުބޭކަލުންގެ އޯގާވެރިކަމާއި ރަޙްމަތުން ފުރިފައިވާ އަތްޕުޅުތަކުގައި ހިފުމެވެ. އެބޭކަލުންގެ އެއް އަތްޕުޅުގައި ވާނީ ވަޙީއާއި އިލްހާމުގެ އަލިގަދަ ދަންމަރެވެ. އަނެއް އަތްޕުޅުގައިވާނީ ވޭނާ ކެކުޅުން ލިބިފައިވާ އިންސާނިއްޔަތުގެ ފަރުވާއެވެ. މަގުއޮޅިފައިވާ ފަރާތްތަކަށް މަގުދައްކަވައިދެއްވޭނީ ރަސޫލުބޭކަލުންނަށެވެ. އެބޭކަލުންގެ އެހީފުޅުގައި އިންސާނުންނަށް އަޚުންތަކަކަށް ވެވިދާނެއެވެ. ހަމައެކަނި އެއްކައުވަންތަ އިލާހަށް ބޯލެނބިދާނެއެވެ. އިންސާނުންގެ މައްޗަށް ގަދަވެގެން އުޅޭ ހިތްހަރު، ރަޙުމުކުޑަ، ހަރުކަށި ފަރާތްތަކުގެ އަނިޔާއިން އިންސާނުންނަށް ސަލާމަތްވެވޭނީ އޭރުންނެވެ.

ޝައްކެއް ނެތެވެ. އިންސާނާގެ ދުންޔަވީ އަދި އުޚުރަވީ ސަލާމަތް އޮތީ ރަސޫލު ބޭކަލުންނަށް އީމާންވުމުގައެވެ. އެހެންކަމުން ރިސާލަތަށް އީމާންވުމަކީ ކީރިތި ޤުރްއާނާއި ސުންނަތުގެ އުނގަންނައިދެއްވުންތަކުގެ މަރުކަޒެވެ. ނާރެހެވެ. އެއިރްޝާދުތަކުގެ ރޫޙުކަމުގައިވާ އަގުތަކުގެ ތެރެއިން އަގެކެވެ. ރިސާލަތަށް އީމާންވުމުގެ ބިންގަލަށް ލޮޅުމެއް އަރައިފިނަމަ އިސްލާމްދީނުގެ އުނގަންނައިދެއްވުންތަކުގެ މުޅި ޢިމާރާތް ގުޑައިގެން ދާނެއެވެ. އެހެންކަމުން ރިސާލަތަށް އީމާންވުމުގެ އަގަކީ ވަރަށް ޞަރީޙު އަގެކެވެ. އެއްވެސް ކަހަލަ ކިލަނބުކަމެއް އަޔަދީގެން ނުވާނެ ދާއިމީ ޝަރުޠެކެވެ. އެއްވެސް ކަހަލަ ގިރިޓީކުރުމެއް، އިތުރު އެއްޗެއް އެއްކޮށް ގަޑުބަޑުކުރުމެއް، ފަސްޖެހި ދެފުށުއެޅުމެއް، ޝައްކެއް ވަސްވާހެއް ރިސާލަތަށް އީމާންވުމާ ގުޅުވައިލައިފިނަމަ ކީރިތި ޤުރްއާނާއި ސުންނަތުގެ ހުރިހާ އަގުތަކެއް ޒަޚަމުކޮށްލެވުނީއެވެ. އެހުރިހާ އަގުތަކެއްގެ ލޭކޮށައިލެވުނީއެވެ.

އެހެންކަމުން ރަސޫލުންގެ މަޤާމު ހަމައެކަނި ޤަބޫލުކޮށްލައިގެން ވެސް ފަރުޖެއްސޭކަށެއް ނެތެވެ. އެބޭކަލުންގެ ބަސްފުޅު ޤަބޫލުކުރާން ޖެހެއެވެ. އެބޭކަލުންނަކީ މަގުދައްކަވައި އިރްޝާދުދެއްވާ ބޭކަލުން ކަމުގައި ވާތީއެވެ. އެބޭކަލުންނަށް ބޯލަނބައި ކިޔަމަންވާންވެސް ޖެހެއެވެ. އެބޭކަލުންނަށް އަހައި ކިޔަމަންވުމަކީ ޙަޤީޤަތުގައި އެބޭކަލުންނަށް އެކަނި ކުރެވޭ އިޙްތިރާމެއް ނޫނެވެ. އެބޭކަލުންނަށް ކިޔަމަންވާ ކިޔަމަންވުމެއް ނޫނެވެ. އެބޭކަލުންނާ ރަސޫލުކަމުގެ މަތިވެރި މަޤާމު މަތިކުރެއްވި ގަދަކީރިތިވަންތަ، ރަސްވަންތަ ފަރާތަށް އަދާކުރާން ޖެހޭ ވާޖިބެއް އަދާކުރުމެވެ. ކީރިތި ޤުރްއާނުގައި މިކަން ބަޔާންކުރައްވައިފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

(( وَمَا أَرْسَلْنَا مِن رَّسُولٍ إِلاَّ لِيُطَاعَ بِإِذْنِ اللّهِ ))

"ﷲގެ އިޒުނަފުޅާއެކު، ކިޔަމަންވުމަށްޓަކައި މެނުވީ، ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ. (އައްނިސާއު: 64)
---------------
 (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ