ދިވެހި ބަސްފޮތް ނެރެވުނު ޙަފުލާގައި ޑރ. ޙަސަން ޙަމީދު ދެއްކެވި ވާހަކަފުޅު
الحمد لله رب العالمين اللهم صل وسلم على نبينا محمد وعلى آله وأصحا به أجمعين
ނާއިބު ރައީސް ޑރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، ބަސްކޮމިޓީގެ ރައީސް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން،
ޗާންސެލރ ޑރ މުޞްތަަފާ ލުޠުފީ
ވަޑައިގެން ތިއްބެވި އެންމެހާ ހާޒިރީން
އައްސަލާމް އަލައިކުމް.
ދެންމެއަކު އަލްޤާރީ މުޙަންމަދު ރިޔާޒު ކިޔަވާ ވިދާޅުވި އާޔަތްތަކަކީ މި އަދުގެ ޖަލްސާއާ ގުޅޭ އާޔަތްތަކެއް. އެއް އާޔަތުގެ މާނައިގައި ވަނީ މާތް ﷲ އިންސާނާ ހެއްދެވުމަށްފަހު، އެންމެ ފުރަތަމަ އޭނާ އަށް އުގަންނައިދެއްވީ ތަކެއްޗަށް ކިޔާނަންކަން. އިންސާނާ ވިސްނަނީ ބަސް ބޭނުންކޮށްގެން. މިކަމަށް ޤުރުއާނުގެ އިތުރުން، އެހެން ކިތަންމެ ބުރުހާންތަކެއް ވޭ. ބަސްމޮށުންތެރިކަން ނެތްނަމަ، އިންސާނާ، އިންސާނަކަށް ނުވީސް. ޤައުމީ ނަޒަރުން ބަލާއިރުވެސް، ދިވެހިރާއްޖޭގެ ވަޙްދަތުގެ ސިއްރަކީ ދިވެހިބަސްކަން ކަށަަވަރު. ދިވެހިބަސް ނެތްނަމަ، ދިވެހިރާއްޖެއަކީ ވަކި ޤައުމެއްކަމަށް، ވަކި ބައެއް ކަމަށް، ބުނާ ބުނުންތަކުގައި ފެން ހަރެއްނުލާނެ.
ދިވެހިބަހާ ދޭތެރޭ ދިވެހީން ފަޚުރުވެރިވެ، ދިވެހިބަސް ކުރިއަރުވަން މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް. ދިވެހިބަހަށް ލިބޭ ކޮންމެ ކުރިއެރުމަކީ ޤައުމަށް ލިބޭ ކުރިއެރުމެއް. އެހެންކަމުން، ދިވެހިބަހުގެ ބަސްފޮތެއް އެންމެ ފުރަތަމަ ފަހަރަށް ޗާޕުކޮަށްގެން އެއްފޮތެއްގެ ގޮތުގައި ނެރޭ މި އަދަކީ، ދިވެހިބަހަށް، ދިވެހި ޤައުމަށް އައި ޢީދެއްކަން ކަށަވަރު.
މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ އާއި މުބާރިކް ބާދީ ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވަން. އަދި ހިޖްރީ އައު އަހަރުގެ ތަަހުނިޔާ އާ މުބާރިކްބާދީވެސް، ފަށްފަށް ކޮށްލަން.
ދިވެހި ބަސްފޮތެއް އެކުލަވާލުމުގެ މަސައްކަތް ފައްޓާފައިވަނީ އަލްމަރްޙޫމް މުޙަންމަދު އަމީނު 1940 ގެ އަހަރުތަކުގައި. އޭގެ ފަހުން މިހާރު 70 ވަރަކަށް އަހަރު ވެއްޖެ. ވޭތިވެދިޔަ 70 އަހަރު ތެރޭގައި ތަފާތު އެތައް އަދީބުންނާއި ބަސްވާރުންނެއް، ދިވެހި ބަސްފޮތް ނެރުމުގައި މަސައްކަތް ކޮށްފައިވޭ. ނަމަވެސް، އެއް ފޮތެއްގެ ގޮތުގައި ޗާޕުކޮށް ނެރެވިފައެއް ނުވޭ. މައްސަލައަކަށް ދިމާވެފައިވަނީ ހުރިހާ ގޮތަކުން ފުރިހަމަ ފޮތެއް ނެރުމަކީ އަޒުމެއް ކަމަށް ހެދުން.
ޔުނިވަރސިޓީއާ ދިވެހި ބަސްފޮތާ ވަރަށް ގާތްގުޅުމެއް އޮންނަތާ މިހާރު 11 ވަރަކަށް އަހަރު ވެއްޖެ. ބަސްފޮތެއްގެ މުހިންމުކަން ބޮޑުކަމުން، ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ ވެރިޔަކަށް 2000 ވަނަ އަހަރު ހުންނެވި ޑރ ޢަަބްދުލްމުޙްސިން މުޙަންމަދާއި އަޅުގަނޑާ މަޝްވަރާކޮށް އެ މަސައްކަތް ފެށިން. ބަސްފޮތުގެ ކޯޕަސް ހޯދުމަށްޓަކައި ދިވެހިބަހާއި ތާރީޚާބޭހޭ މަރުކަޒާ އަޅުގަނޑުމެން އެއްްބަސްވީ، އެތަނުން ނެރޭ އެއްޗެއްގެ ގޮތުގައި އެކަންކޮށްދޭން. އެ ފަހަރު ބަސްފޮތް ޓައިޕްކުރީ ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ މުވައްޒަފުން. ސީޑީ ޑުޕްލިކޭޓް ކުރީވެސް އެތަނުން. ޓައިޕްކުރުމުގައި ޖެހިފައި ހުރި ކުށްތައް ފިލުވީ ބަސްކޮމިޓީގެ ބައެއް މެންބަރުން. ކޮމްޕިއުޓަރުން ބެލޭގޮތަށާއި ކޮމްޕިއުޓަރުން ޕްރިންޓް ކުރެވޭ ގޮތަށް ޕްރޮގްރާމް ކުރީ އަޅުގަނޑާއި އާދަމް ޚާލިދު. އެހެން ސީޑީގައި ހުންނަ ޑިކްޝަނަރީ ތަކާ، މި ޕްރޮގްރާމާ ހުރި ތަފާތަކީ، މި ސީޑީއިން މުޅި ބަސްފޮތް، އެއް ފޮތެއްގެ ގޮތުގައި ޗާޕްކުރެވޭ ކަން. އަޅުގަނޑުގެ ކަނާތްފަރާތުގައި އ ެއޮތީ އެގޮތަށް ޕްރިންޓް ކޮށް ހަންޖަހައިފައިވާ ބަސްފޮތެއް. ތަޢުލީމު ކުރިއަރުވާ މަރުކަޒުގެ މުވައްޒަފުންނާއި އަޅުގަނޑުމެން މި މަސައްކަތް ޤައުމީމަރުކަޒަށް ކޮށްދީފައިވަނީ ހިލޭ ސާބަހަށް ޤައުމީ ކަމެއްގެ ގޮތުގައި.
ދިވެހިބަހާއި ތާރީޚާ ބެހޭ ޤައުމީ މަރުކަޒު 2010 ގައި އުވާލުމަށްފަހު، އެތަނުގެ މަސައްކަތް ޔުނިވަރސިޓީ އާ ޙަވާލުކުރެއްވިއިރުވެސް، ބަސްފޮތް އެއްފޮތެއްގެ ގޮތުގައި ޗާޕު ކުރެވިފައެއް ނުވޭ. ގިނަ ބޭފުޅުން ބޭނުންފުޅުވީ ފުރިހަމަ ފޮތެއް ނެރުމަށް. ނަމަވެސް، ހުރިހާ ކަމެއް ފުރިހަމަވުމަކީ އިންސާނީ ސިފައެއް ނޫން. ޕާރފެކްޝަނަކީ ﷲ ގެ ސިފައެއް. އެހެންކަމުން، އަޅުގަނޑުމެން ޤަޞްދު ކުރީ، ފުރިހަމަ ނޫނަސް ބަސްފޮތުގެ ފުރަތަމަ އިސްދާރު ނެރުމަށް. އެހެންކަމުން މިފޮތުގައި އުނި އެތައް ކަމެއް ހުންނާނެ. މިއީ ދެމިގެންދާނޭ މަސައްކަތެއް. މިހާރުވެސް 70 އަހަރަށް ވުރެ ގިނަ އަހަރުވަންދެން ކުރެވިފައިވާ މަސައްކަތެއް.
ފުރަތަމަ ބަސްފޮތުގެ މަޝަރޫޢު ބެލެހެއްޓި ފަރާތެއްގެ ހައިސިއްޔަތުން، މި މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އެކި ގޮތްގޮތުން، ބަސްފޮތް އެކުލަވާލުމަށް އެހީތެރިވި 400 އަށް ވުރެ ގިނަ ބޭފުޅުންގެ ނަންތައް ބަސްފޮތުގައި ވަކިވަކިން ނަން ގެނެވިފައިވޭ. އޭގެ ތެރޭގައި ފާއިތުވި 70 އަހަރު ތެރޭގައި ރާއްޖޭގައި އުޅުއްވި، ހުރިހާ އަދީބުންނާއި ލިޔުންތެރިންނާއި ޅެންވެރިންނާއި އެހެން ބަސްވާރުން ހިމެނޭ. މި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު މިއަދު ސެލިއުޓް ކުރަން. އެބޭފުޅުންގެ ޚިދުމަތްތައް ހަނދާންކޮށް ޝުކުރު ދަންނަވަން. ބަސްފޮތް ނެރުމުގެ ޝަރަފު ޤައުމީ ޔުނިވަރސިޓީއަށް ލިބުނަސް، މި ކަމުގެ ޙަޤީޤީ ޝަރަފުވެރިންނަކީ މި ދެންނެވި 400 އަށް ވުރެ ގިނަ ބޭފުޅުން. އަދި އެއް ނަޒަރަކުން ބަލާއިރު ހުރިހާ ދިވެހީން.
އަޅުގަނޑުމެންގެ އުއްމީދަކީ މި ބަސްފޮތުގެ ސަބަބުން، ދިވެހިބަހަށް ކުރިއެރުންތަކެއް ލިބިގެން ދިއުން، ދިވެހީންގެ ހިތްތަކުގައި ދިވެހިބަހަށާއި ޤައުމީ ލޯތްބަށް ދެވޭ އިޙްތިރާމް މަތިވެގެން ދިއުން.
----------------
(ނިމުނީ)
(ނިމުނީ)
ނޯޓު:
ފަންވަތުގެ އެޑިޓަރު ދަންނަވައިލި ދަންނަވައިލުމަކަށް ޑރ. ޙަސަން ޙަމީދު މި ތަޤުރީރު ފަންވަތަށް ހަދިޔާ ކޮށްދެއްވި ކަމަށްޓަކައި އެ މަނިކުފާނަށް ޝުކުރު ދަންނަވަމެވެ.
- ފަންވަތް -
މި ލިޔުން:
ޝާއިޢު ކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)