އަދުގެ ޚާއްސަ

Print

އިންސާނިއްޔަތަށް ކުރިމަތިވެފައިވާ މަސްއަލަތަކާއި ނަބަވީ ސީރަތު (3)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


މަސްއޫލިއްޔަތުގެ ތަޞައްވުރު


ޢަބްދުﷲ ފާރޫޤު ޙަސަން

ކީރިތި ޤުރްއާނުގައްޔާއި، ކައުސާހިބާގެ ސުންނަތުގައި ބަޔާންކުރައްވައިފައިވާ ދާއިމީ އަދި އަޒަލީ އަގުތަކުގެ ތެރެއިން އެއްކަމަކީ މަސްއޫލިއްޔަތުގެ ތަޞައްވުރެވެ. އާދޭހެވެ. އިންސާނާ އުފައްދަވައިފައި ވަނީ އެއްވެސް ހިފެހެއްޓުމެއް، ބަންދުކުރެވުމެއް ނެތި، އޭނާގެ ހިތްކިޔާ ކޮންމެ މިޞުރާބަކަށް އުދުހިގެންދެވޭ ދޫންޏެއްގެ ގޮތުގައެއް ނޫނެވެ. ލަގަންއަޅުވައި މަތަކޮށް ކިޔަމަންނުކުރެވޭ ފަދަ ނުކިޔަމަންތެރި، ނުކިއްސަރު ޙަޔަވާނެއް ފަދަޔަކުން ވެސް ނޫނެވެ. އަދިކީއްތޯއެވެ؟ ކުރީންވެސް ދަންނަވައިފައި ވާނޭ ފަދައިން އިންސާނާއަކީ ބިންމަތީގައި ލައްވައިފައިވާ މާތްﷲގެ ޚަލީފާއެވެ. ހުރިހާ މަޚްލޫޤުތަކެއްގެ މައްޗަށް ޝަރަފުލިބިގެންވާ މާތްމީހާއެވެ. ކާއިނާތުގައި ލައްވައިފައިވާ ބާރުތަކާއި އެންމެހައި ތަކެއްޗެއް ވަނީ އޭނާގެ ޢަމަލުތައް ފުރިހަމަކުރުމަށްޓަކައި ޚިދުމަތްތެރި ކުރައްވައިފައެވެ. ހެވާއިނުބައިގެ ޝުޢޫރާއި ޟަމީރުގެ މަގުދެއްކުމާއި ރަސޫލުބޭކަލުންގެ އުނގަންނައިދެއްވުންތަކުގެ އަމީނަކީވެސް އޭނާއެވެ. އެހެނީ އޭނާއަކީ ދުނިޔޭގައި މަސްއޫލިއްޔަތެއް މަތިކުރެވިފައިވާ މީހެކެވެ. ޒިންމާތަކެއް ޙަވާލުކުރެވިފައިވާ މީހެކެވެ. އެޒިންމާއަކީ އަދި އެމަސްއޫލިއްޔަތަކީ އޭނާ ހެއްދެވި ރައްބުގެ ހިދާޔަތާ އެއްގޮތަށް އޭނާގެ ދިރިއުޅުން ބައްޓަންކުރުމެވެ. މަގުފުރައްދައިލާފަދަ ދުނިޔަވީ ދަޅަތަކުގެ ތެރެއިން ދަތުރުކުރަމުންދާއިރުވެސް ސީދާވެގެންވާ ތެދުމަގުގައި ދެމިހުރުމެވެ. ހިތްދަމައިގަންނަފަދަ އަރާމާއި މަޖަލުގެ ސާމާނުތަކުގެ ތެރޭގައިވެސް އީމާންކަން ރައްކާތެރިކުރުމެވެ. ބާޠިލު ނިޒާމުތަކުގެ އަނިޔާއާއި ގޮށްމުށުބާރުގެ ދަށުގައި އުޅޭން ޖެހުނަސް ޙައްޤުގެ ދަންމަރު އުފުލައިލައިގެން ކުރިޔަށް ހިނގުމެވެ. އެގޮތުގައި ކުރިޔަށް ދާއިރު ދިމާވާ ކޮންމެ ހުރަހެއްވެސް ރަސޫލުބޭކަލުންގެ ތެދުވެރި ދަރިވަރެއްގެ ޝަރަފާ ކުފޫހަމަވާ ފަދަ ސާބިތުގޮތެއްގައި ގިރާކުރަމުން ގެންދިޔުމެވެ. ކެހިވެރިކަމުގެ ދަލުގައި ޖައްސާފަދަ ފައިސާއާ މުދާ ހުރަހެޅުމުންދާއިރު ވެސް އެތަކެތި ތިމާގެ ފަސްބައިގައި ތަތްލިޔަނުދީ އެތަކެއްޗަކީ "މަތާޢުލްޣުރޫރު" އެއް ކަމުގައި ބަލައިގެން ކުރިޔަށް ހިނގަމުންދިޔުމެވެ. ތިމާގެ އީމާނާއި ދީން ވިއްކައިލުމަކީ ކަނޑައެޅިގެންހުރި ގެއްލުމާއި ހަލާކުކަން ދެކެދެނެގަތުމެވެ.

ޙަޤީޤަތުގައި "މަތާޢުލްޣުރޫރަކީ" މަތިމައްޗަށް އަތުލެވޭ ސޫދެކެވެ. ގެއްލުމާއި ހަލާކުގެ އެނބުރޭ ވަށްބުރެކެވެ. ނަމަވެސް ހިތާމަޔަކީ އިންސާނާއަށް އެދާއިރާއިން ވަކިނުވެވި މުޅި ޢުމުރު ހޭދަކޮށްލެވޭ ކަމެވެ. އޭނާ ހަނދާނެއް ނުހުރެއެވެ. އިންޖީނަކަށް ތެޔޮއެޅުމަކީ އެއިންޖީނު އުފެއްދުމުގެ މަޤުޞަދެއް ނޫނެވެ. އިންޖީނަށް ތެޔޮއަޅަން ޖެހެނީ ހަމައެކަނި އެ އިންޖީނެއް ހިންގުމަށެވެ. ޗާލޫކޮށްފައި ބެހެއްޓުމަށެވެ. އިންޖީނު އުފެއްދި ބޭނުން ފުރިހަމަކުރުމަށް ޓަކައެވެ. އޭގެ ޒަރީޢާއިން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ޙާޞިލުކުރުމަށް ޓަކައެވެ. އިންސާނާ މަތާޢުލްޣުރޫރުގެ ދަޅައިގައި ހައްޔަރުވެ "އިންޖީނަށް ތެޔޮއެޅުމުގައި" ޢުމުރު ހޭދަކޮށްލައެވެ. އިންޖީނު ހިންގައިގެން ކުރަންވީ މަސައްކަތް ކުރެވޭތޯއެއް ނުބަލައެވެ. އެގޮތަށް އުޅެއުޅެހުއްޓައި، އިންޖީނުން ހޯދުނު ނަތީޖާގެ ހިސާބު ދައްކަން ޖެހޭ ވަގުތު ޖެހުމުން ބަލައިލާއިރު ނަތީޖާ ފެންނާން އޮންނާނީ ސުމެއްގެ ގޮތުގައެވެ. އިންސާނާގެ ނަމުން ނަންދެވިފައިވާ "އިންޖީނު" އުފައްދަވައިފައިވަނީ އޭނާގެ ރައްބަށް އަޅުކަން ކުރުމަށެވެ.

އިންސާނާއަށް މިކަންކަން ރޭކާލަނީ ޤުރްއާނާއި ސުންނަތުގެ އަލީގައި ހޯދައިގަނެވޭ ނުހަނު ރީތި ތަޞައްވުރެއް ކަމުގައިވާ އާޚިރަތަށް އީމާންވުމުގެ ޒަރީޢާއިންނެވެ. އެހެންކަމުން އުޚުރަވީ ޙަޔާތަށް އީމާންވުމެއް ނެތި ދުނިޔޭގައި އުޅެމުންގެންދާ މީހަކީ އެމީހެއްގެ ހުރިހާ ޢަމަލުތަކެއް ގެއްލެނިވެގެންދާނެ މީހެކެވެ. އެތައް ބައިވަރު އެއްޗެހިތަކެއް އަތުގައި ހުރެމެ ހުސްއަތާ ހުންނާން ޖެހޭނެ މީހެކެވެ.

އާޚިރަތުގެ ތަޞައްވުރު

އަޅުގަނޑުމެން ދިރިއުޅެމުން މިގެންދާ ދުނިޔެއަކީ ކުނޑިކުނޑިވެ ބުރަބުރައިގެންގޮސް ސުންނާފަތިވާނެ ދުނިޔެއެކެވެ. އެހައިތަނުން ޤާއިމުވާނީ ޢަދާލަތުގެ އަފޫރުއްބަ ދަރުބާރެކެވެ. އެދުވަހަށްޓަކައި އިންސާނާ މުޅީން އާ ދިރުއްވުމަކުން ދިރުއްވައެވެ. މުޅިން އާ ހަށިގަނޑަކާ އެކުގައެވެ. ޒުވާންކަންމަތީގައެވެ. އޭނާ ޙާޒިރުކުރެވޭނީ އޭނާގެ ޚާލިޤުގެ ކުރިފުޅުމައްޗަށެވެ. އޭނާއާ އެކަލާނގެ ޚަލީފާކަމާއި ނިޔާބަތު ޙަވާލުކުރެއްވި ކީރިތިވަންތަ، ރަސްވަންތަ ޒާތުފުޅުގެ ޙަޟުރަތަށެވެ. ދުނިޔޭގައި އޭނާ ޚަލީފާކަމާއި ނާއިބުކަން ކުރިގޮތުގެ ރިޕޯޓް ހުށަހެޅޭނެއެވެ. އޭނާ ކުރި ހުރިހައި ކަމެއް މިނެ، މިންއަޅައި، ކިރައި، ވަޒަންކޮށް ހިސާބުދައްކަން ޖެހޭނެއެވެ. މިކަންކަން ބެލެވެމުންދާއިރު ކަންކަމުގައި އޭނާގެ ނިޔަތް އޮތްގޮތަށް ދާންދެން ފުރިހަމަޔަށް ބަލައި މީޒާންކުރެވޭނެއެވެ. ހުރިހާ ބެލުންތަކެއް ބެލެވޭނީ ދެވަނަ މިސާލެއް ނުދެއްކޭފަދަ ޢަދުލުވެރި ގޮތެއްގައެވެ. ހެކިބަސްދޭނީ ދުރުހިލޭ ބައެއް ނޫނެވެ. ހަތުރުވެރި ދުޝްމިނުންނެއް ނޫނެވެ. ޚުދު ތިމާގެ އަތްފައެވެ. ތިމާގެ ލޮލާއި ތިމާގެ ދުލެވެ. ރަސޫލުބޭކަލުން މިކަންކަން ދެނެވަޑައިގަންނަވައެވެ. އެބޭކަލުންގެ އުންމަތްތަކަށް މިކަންކަމުގެ ޚަބަރުކުރެއްވިއެވެ.

މިޢަޤީދާއަކީ ކީރިތި ޤުރްއާނާއި ކައުސާހިބާގެ ސުންނަތުގެ އަސާސީ އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އިސްލާމީ ހިދާޔަތުގެ ދިރިއުޅުމުގެ ޢިމާރާތް އާރާސްތުވެފައިވަނީ މިބިންގަލުގެ މަތީގައެވެ. އިސްލާމީ އިންޤިލާބުގެ ދިދަ އުފުލާ މީހުން މާތްﷲ އަށް ބިރުވެތިވާ ބަޔަކަށް ހަދަނީ މިޢަޤީދާއެވެ. ޒިންމާދާރު ބަޔަކަށް ހަދަނީ މި ޢަޤީދާއެވެ. މާތްﷲގެ ބިމުގައި އަމާންކަމާއި ރައްކާތެރިކަން ޤާއިމުވަނީ މި ޢަޤީދާގެ ސަބަބުންނެވެ. ބިމުގެ އަހްލުވެރީންނަށް ރަޙްމަތުގެ ހިޔާ ލިބެނީ މިޢަޤީދާގެ ސަބަބުންނެވެ.

އިސްވެދެންނެވި އަސާސީ އަގުތަކުގެ އިތުރަށް އިންސާނުންގެ ޢަމަލީ ޙަޔާތުގައިވެސް ވަރަށް ގިނަ އަގުތަކެއް ވެއެވެ. އިންފިރާދީ އަގުތަކާއި އިޖްތިމާޢީ އަގުތަކެވެ. އިޤްތިޞާދީ އަގުތަކާއި ސިޔާސީ އަގުތަކެވެ. ޤުރްއާނާއި ސުންނަތުގައި ހެޔޮކަންތައްތަކުގެ ނަމުގައި ފާހަގަކުރެވޭ އަޚްލާޤީ އަގުތަކެވެ. އެކަންތައް ޚިޔާރުކުރުމާއި ޢަމަލުކުރުމަކީ ވާޖިބެކެވެ. ފަރްޟެކެވެ. ވަރަށްގިނަ ޢަދަދެއްގެ ނުރަނގަޅު ކަންތައްތަކަކާއި ނޭދެވޭ ކަންތައްތަކެއްވެސް ހުރެއެވެ. ޤުރްއާނާއި ސުންނަތުގެ ބަހުރުވައިގައި އެކަންކަން ފާހަގަކުރެވިފައިވަނީ މުންކަރާތުގެ ނަމުންނެވެ.

ހަމައެފަދައިން ހެޔޮލަފާ އިންސާނީ ދިރިއުޅުމަކަށް ބޭނުންވާ ވަރަށްގިނަ އަގުތަކެއް އިސްލާމްދީނުގެ ނަބިއްޔާވަނީ ދަސްކޮށްދެއްވައިފައެވެ. އެކުވެރިކަމާއި އެއްބައެއްވަންތަކަމާއި އެއްބަނޑުއެއްބަފާކަމުގެ އަގުތަކެވެ. އެންމެންގެ މެދުގައި މަޝްވަރާކުރެވިގެން އިޖްތިމާޢީ ކަންތައްތައް ނިންމަމުން ގެންދިޔުމެވެ. އަފްރާދުންގެ މެދުގައި އިންސާނީ ފެންވަރުގައި ހަމަހަމަކަމާއި މުސާވާތު އޮތުމެވެ. ފަޤީރުންނާއި މިސްކީނުންނަށް އިންފިރާދީ އަދި އިޖްތިމާޢީ އެހީތެރިކަމާއި އަޅައިލުން ބޭއްވުމެވެ. އިޖްތިމާޢީ އަޚްލާޤު އާލާކުރުމާއި، އެއްބާރުލުމާއި ހަމްދަރުދީގެ ޝުޢޫރުތައް ދިރުވައި ދެމެހެއްޓުމެވެ. ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީވާން ޖެހޭނެކަމުގެ އިޙްސާސެވެ. ޖާހިލިއްޔަތުގެ ހުތުރު ޢަޞަބިއްޔަތުން ސަލާމަތްވެފައިވާ މުޖްތަމަޢެއް އުފެއްދުމެވެ. މާތްﷲ ބާވައިލައްވައިފައިވާ ޤާނޫނުތަކަށް އެންމެ މަތީ ދަރަޖައިގެ ޙުރުމަތާއި ބޯލެނބުން އޮތުމެވެ. ހުއްދަނުހުއްދައާއި ޙަރާމް ޙަލާލަށް ބަލައިގެން އުޅުމެވެ. ބާޠިލުގެ ކުރިމަތީގައި ޙައްޤުބަސް ބުނުމެވެ. އިމްތިޙާނުތަކާ ކުރިމަތިލާއިރު ހިތްވަރުއެލުވައިނުލުމެވެ. ޢަޒުމާއި ޔަޤީންކަން ދޫކޮށްނުލުމެވެ. މުންކަރާތާ ދުރުހެލިވުމާއި ހެޔޮކަމާއި އިޞްލާޙަށް މަސައްކަތްކުރާން ޖެހޭ ދަނޑިވަޅުތަކުގައި އިސްނަގައި، ވާދަކޮށް ކުރިއެރުމެވެ. ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް މަނާކުރުމެވެ. އެއްބަޔަކު އަނެއްބަޔަކަށާއި އެކަކު އަނެކަކަށް އިޙްތިރާމު ކުރުމާއި ކަމޭހިތުމެވެ. މާތްﷲގެ މަގުގައި ހެޔޮކަންކަމަށް ހޭދަކުރުމެވެ. ރިބާކެއުމާއި މުށްބާރުކަމާއި ދަހިވެތިކަމުން އެއްކިބާވުމެވެ. މަގުފުރެދިފައިވާ މީހުންނާ ކުރިމަތިލައި ހަމަމަގަށް އެޅުވުމުގެ ކުޅަދާނަކަމާއި ހިތްވަރު ހުރުމެވެ. މިހިރީ ހައްތާވެސް އަޚްލާޤީ އަދި އިޢުތިޤާދީ އަގުތަކެވެ. އިސްލާމްދީނުގެ ނަބިއްޔާ ދަސްކޮށްދެއްވައިފައިވާ އަގުތަކެވެ. އެއަގުތައް ދިރުވައި އާލާކުރުމަކީ އިންސާނުންނާ ކުރިމަތިވެފައިވާ މުޞީބާތްތައް ކުޑަވާނޭ ކަމެކެވެ. އިންސާނުންގެ މަސްއަލަތަކުގައި ޖެހިފައިވާ ވަގޮށްތައް މޮހެވިގެންދާނެ ކަމެކެވެ. މުޖްތަމަޢުގައި މިދެންނެވި އަގުތައް އަށަގަންނުވައި ދިރުވައި އާލާކުރުމުން މުސްލިމުންނަށް އެންމެ ހެޔޮ އުއްމަތުގެ ފަޚުރު ޙާޞިލުވާނެއެވެ. މިއްލަތަށް މަގުދައްކާ މީހުން ކަމުގައި ވެވޭނެއެވެ.

މިޒަމާނުގައި އިންސާނުންނަށް ކުރިމަތިވެފައިވާ ހުރިހާ މަސްއަލަތަކެއް ކީރިތި ޤުރްއާނާއި ސުންނަތުގެ އަލީގައި ޙައްލުކުރެވިދާނެއެވެ. ޤުރްއާނާއި ޙަދީޘުގައި ބަޔާންކުރެވިފައިވާ އިރްޝާދުތަކަށް ޢަމަލުކޮށްގެންނެވެ. އެއަގުތަކަށް ޢަމަލީ ސިފަ ގެނެސް ދުނިޔެއަށް ފުރިހަމަ ނަމޫނާއެއް ދެއްކުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެކެވެ. ނަމަވެސް މުސްލިމުން ވަނީ އިސްވެ ބަޔާންކުރެވުނު އަގުތައް ދިރުވައި އާލާކުރުމުގެ މަސައްކަތް ހުއްޓައިލައިފައެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިމާމުކަމުގެ މަޤާމު ވަނީ މުސްލިމުންގެ އަތުން ބީވެފައެވެ. މުސްލިމުން ވަނީ ނިކަމެތިކަމާއި، ޖާހިލުކަމާއި، އާރެއްބާރެއް ނެތުމުގެ ދަށު ދަރަޖަޔަކަށް ވެއްޓިފައެވެ. އެކަން ވެފައިވަނީ ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ބޮޑު މުޞީބަތަކަށެވެ. އިސްލާމްދީނަށާއި މުސްލިމުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ކާރިޘާއަކަށެވެ. ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް މުދަލާއި ފައިސާއާއި ޓެކްނޮލޮޖީގެ ބާރުގައި އެބައިމީހުންގެ ދުނިޔެ އާރާސްތު ކުރެވިދާނެއެވެ. ނަމަވެސް މުސްލިމުންނަށް އެ އުޞޫލުތަކެއްގެ ސަބަބުން މުސްލިމުންނޭ ކިޔުނު އުޞޫލުތަކުގައި އަލުން ވަރުގަދަޔަށް ހިފަހައްޓައި އެގޮތުގައި ހަރުދަނާ ނުވާހައި ހިނދަކު މުސްލިމުންނަކަށް ކުރިޔަކަށް ނުދެވޭނެއެވެ. ދުނިޔޭގެ އިމާމުކަމުގެ މަޤާމަށް އަލުން މުސްލިމުންނަށް އާދެވޭން އޮތް ހަމައެކަނި މަގަކީ އެއީއެވެ. މުސްލިމުންގެ ޙަޤީޤީ ބާރު ފޮރުވިފައިވަނީ އިތުރުސާހިބާ ދަސްކޮށްދެއްވި އަގުތަކުގައެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މުޞީބާތްތައް ފިލުވައިލެވޭނީ އެއަގުތައް ތަންފީޒު ކުރެވިގެންނެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ މަސްއަލަތައް ޙައްލުކުރެވޭނީ އެއަގުތައް ދިރުވައި އާލާކުރެވިގެންނެވެ.

------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ